ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވާލައްވައި، އިނާމާބެހޭ އިތުރު ތަފްޞީލު، އެ ކޮމިޓީން ހާމަކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މި އިނާމާބެހޭ ތަފްޞީލު މަޢްލޫމާތު ދެއްވީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީއާއި، އެ ކޮމިޓީގެ މެންބަރުންނެވެ.

ޤައުމީ އިނާމު، ޢާންމު ގޮތެއްގައި ދެއްވާނީ އަހަރަކު އެއްފަހަރުއެވެ. އެއީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ އިނާމުގައި ހިމެނޭނީ، ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވާނެއެވެ.

ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އިނާމު ލިބޭ ފަރާތަކީ، ކުރިއަށް އޮތް ތާނގައި ޤައުމުގެ ހުރިހާ ފަރާތްތަކުންވެސް ގަބޫލުކޮށް ދެނެގަންނަންވީ ފަރާތެއް ކަމުގައި ވިދާޅުވިއެވެ. ޤައުމީ އިނާމު ލިބޭ ފަރާތްތަކުގެ އަގު، ސަރުކާރުން ޚާއްޞަ ގޮތެއްގައި ވަޒަން ކުރައްވާނެ ކަމަށާއި، މިގޮތުން، ސަރުކާރުގެ ފަރާތުން ބާއްވާ ބައެއް ޖަލްސާތަކާއި، ބައެއް ބައްދަލުވުންތަކާއި، އެކިއެކި މުބާރާތްތަކުގެ ޝަރަފްވެރި މެހްމާނަކަށްވުމުގެ ފުރްޞަތު ފަހިކޮށްދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ބާއްވަވާ ބައެއް ރަސްމިއްޔާތުތަކަށާއި، ބައެއް ޖަލްސާތަކަށާއި، ބައެއް ބައްދަލުވުންތަކަށްވެސް އެކަމެއް އިންތިޒާމްކުރާ ފަރާތަކުން، ކަނޑައަޅާ އުސޫލަކުން ދަޢުވަތު ދެވޭނެ ކަމަށާއި، އެ އިނާމު ޙާޞިލުކުރާ ފަރާތުން އެ އިނާމު ޙާޞިލުކުރި ރޮނގަކުން، ކުރި ޚިދްމަތާބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށާއި، ތަފާތު އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢްލޫމާތު ދެވޭނެ ފުރުޞަތުވެސް ފަހިކޮށްދެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި ނަން ހުށަހެޅުއްވޭ ގޮތަށްވެސްވަނީ ހަމަޖައްސަވާފައެވެ.

އިނާމަށް ހުށަހަޅާ ފަރާތްތަކުންނާއި އިނާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވަން ޖެހެނީ، ”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް“ ފުރިހަމަ ކުރައްވާފައި، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“އަށް އެޑްރެސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ހުށަހަޅުއްވާ ފޯމްތައް، އަންނަ ސެޕްޓެމްބަރު މަހުގެ 15ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1.00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަޅުއްވަންޖެހެއެވެ.

ޤައުމީ އިނާމާބެހޭ ގޮތުން އެ ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައިފިއެވެ.

”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.