މިރޭ 20:30 ކަންހާއިރު މާލޭ ނީލޯފަރު ހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި, ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން، ބަޔަކަށް ލިބުނު އަނިޔާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މުލިއާގޭގައި ބޭއްވެވި މި ކުއްލި ބައްދަލުކުރެއްވުމުގައި، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ވަނީ މިރޭ ހިނގާދިޔަ ނުރައްކާތެރި ގޮވުމުގެ ހާދިސާއާއި ގުޅިގެން ތަޙުޤީޤީ ޓީމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތާއި، އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.
މި ހާދިސާގައި ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއާއި ގުޅިގެން އެމަނިކުފާނަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.