بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، މިރޭ އަޅުގަނޑުމެން މި ބާއްވާ ޖަލްސާއަކީ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާއެއް. އެހެންކަމުން، މި އުފާވެރި ޤައުމީ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އަދި މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ތިޔަ ޢިއްޒަތްތެރި އުޚްތުންނަށާއި އަޚުންނަށް، މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّه سبحانه وتعالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވައި، އަދި އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަދި އަޅުގަނޑުމެން ޤައުމު ކުރިއަށް ގެންދިޔުމަށް މިކުރާ މަސައްކަތްތަކުގައި، އެކަލާނގެ ތައުފީޤާއި މަދަދު ދެއްވުން.

އާދެ، ޖުމްހޫރީ ދުވަހުގެ ޖަލްސާއަކީ، ކޮންމެ އަހަރަކުވެސް ސަރުކާރުންދޭ ޢާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމު ދޭ ޖަލްސާ. މި އަހަރު ޝަރަފުވެރިކަމުގެ އިނާމު، 4 ބޭފުޅަކަށާއި، 1 ފަރާތަކަށް ލިބިވަޑައިގަންނަވާ. އަދި ހިތްވަރު ދިނުމުގެ އިނާމު، 13 ބޭފުޅަކަށާއި، 2 ފަރާތަކަށް ލިބިވަޑައިގަންނަވާ.

މީގެއިތުރުން، މި އަހަރު ވަރަށް ޚާއްޞަ ކަމެއްވެސް ފުރަތަމަ ފަހަރަށް ސަރުކާރުން އެބަކުރޭ. އާދެ، އެކަމަކީ، ބޭރުގެ 3 ފަރާތަކަށް ޢާންމު ޚިދްމަތުގެ ޚާއްޞަ އިނާމެއް އެރުވުން. އާދެ، މިއީ ފުރަތަމަ ފަހަރަށް ކުރާ ކަމެއް. އެ 3 ބޭފުޅުންނަށް އިނާމު މި އަރުވަނީ، އެބޭފުޅުން ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކުރެއްވުމާއި، އަދި ރާއްޖޭގެ ތާރީޚާއި، ރާއްޖޭގެ ތަޢުލީމާއި، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން.

މިރޭ، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމާއި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އިނާމާއި، ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުމުގެ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި ތިޔަބޭފުޅުންގެ އިޒުނަފުޅާއެކު މިރޭ، ބޭރުގެ 3 ބޭފުޅަކަށް، 3 ޢިއްޒަތްތެރިއަކަށް އިނާމު ލިބިވަޑައިގަންނަވާތީ، އިނގިރޭސިބަހުންވެސް ކުޑަ އެއްޗެއް ދަންނަވާލަން ކަމަށް.

This is the very first occasion, since the annual awards for outstanding contributions were introduced in 1979, in which foreign nationals are among the recipients.

I have the great pleasure to announce that Special Awards will be presented this evening to Mr. Lars Vilgon, Professor Fareed Uddin Baqai and Ms Toni de Laroque, for their outstanding service to the Maldives and its people.

Mr. Vilgon’s research on the Maldives has been extremely valuable in the important endeavour of documenting the country’s rich history and unique way of life.

Professor Baqai has nurtured many of our health professionals at his medical university over the years. He continues to do so.

Ms de Laroque has always been a ‘friend of the Maldives’, and her contribution to the tourism industry and her philanthropic work have touched the hearts of many Maldivians.

I thank each and every one of them, and sincerely hope that the Maldives will continue to receive their support in the years ahead.


އާދެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތަކީ، ރާއްޖޭގެ އެކިކަންކަމާ ބެހޭގޮތުން، އަދި ރާއްޖޭގެ ޙާލަތާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ކުރިމަގު ބައްޓަންކުރުމަށް ރޭވޭ ރޭވުންތަކާ ބެހޭގޮތުން އަޅުގަނޑު ތިޔަބޭފުޅުންނާ ޚިޔާލުތަކެއް ހިއްސާކޮށްލަމުން ގެންދާ ޖަލްސާއެއް. މުނާސަބަތެއް. އެހެންވީމާ، މިރޭގެ ޖަލްސާގައިވެސް، އަޅުގަނޑު މި ދެންނެވި އުޞޫލުން ދަންނަވާ ބައެއް ވާހަކަ އެބަހުރި. މިހާރު އިރާދަކުރެއްވިއްޔާ، އެ ވާހަކަތައް ދަންނަވާލެވޭތޯ މިބަލަނީ.

އާދެ، އެންމެ ފުރަތަމަ ދަންނަވާލަން އޮތީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީގެ ވާހަކަފުޅުގައިވެސް އެ އިޝާރާތް ކުރެއްވި ސުނާމީ ކާރިސާގެ ވާހަކަ. ޝައްކެއްނެތްގޮތުގައި، ސުނާމީ ކާރިސާއަކީ، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ރާއްޖޭގެ ރައްޔިތުންނަށާއި، މުޅި ޤައުމަށް އެކަމުން އިޙްސާސް ކުރަންޖެހުނީ ވަރަށް ބޮޑެތި ވޭންތަކެއް. އެކަމުން ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ތަރައްޤީއަށް އެޅުނީ ވަރަށް ބޮޑެތި ހުރަސްތަކެއް. މި މުނާސަބަތުގައިވެސް، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، މާތް اللّه ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރުން. އަދި އެ ލޮބުވެތި އަޚުންނާއި އުޚްތުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުން އެދި ދުޢާކުރުން.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއިން ގެއްލިގެންދިޔަ މި ދެންނެވި ދިވެހި ރައްޔިތުންގެ ޢިއްޒަތްތެރި އަޚުންނާއި އުޚްތުންގެ އިތުރަށް، ރާއްޖޭގެ ވަސީލަތްތަކަށް ލިބިފައިވަނީ، ވަރަށް ބޮޑެތި ގެއްލުންތަކެއް. އެތައްހާސް ބައެއްގެ ގެދޮރު ވަނީ ހަލާކުވެގެން ގޮސްފައި. އެމީހުން ދިރިއުޅުމަށްޓަކައި ކުރަމުންއައި ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ގެއްލިގެން ގޮސްފައި. އެހެންކަމުން މިއަދު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ހުރިހާ ފަރާތްތަކެއް އާދެ، ރާއްޖޭގެ އަމިއްލަ ޖަމާޢަތްތަކާއި، ފަރުދުންނާއި އަދި ސަރުކާރުގެ ދާއިރާތަކާ، މި ހުރިހާ ފަރާތަކުން މަސައްކަތް ކުރަމުން މިގެންދަނީ، ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފޫބެއްދޭތޯ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިފައިވާ ހިތާމަތައް ކުޑަކޮށްދެވޭތޯ. އެމީހުންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް މަގުފަހިކޮށްދެވޭތޯ.

އާދެ، މިގޮތުން ސަރުކާރުންނާއި ރައްޔިތުން އެންމެ ބޮޑު އަހަންމިއްޔަތެއް މިހާރު ދެމުންގެންދާ އެއްކަމަކީ، ގެދޮރު ހަލާކުވި މީހުންގެ ގެދޮރު އިމާރާތްކޮށްދިނުން. ނުވަތަ ގެދޮރު މަރާމާތުކުރަން ޖެހިފައިވާ މީހުންގެ ގެދޮރު މަރާމާތުކޮށްދިނުން. މިކަންކަމަކީ، ހަމައެކަނި އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށްނުވޭ. މިކަމުގެ ޚަރަދު ބޮޑުކަމާއި، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަސީލަތްތައް މަދު ޤައުމަކަށްވާތީ. އެހެންކަމުން، މިކަމަށް ބޭނުންވާ ބޭރުގެ އެހީ ހޯދޭތޯ އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން. މާތް اللّه ގެ ވާގިފުޅާއެކު، ވަރަށް ބޮޑެތި އެހީ ލިބެމުންވެސް އެބަދޭ. އެހެންނަމަވެސް، މިހާތަނަށް ލިބިފައިވާ އެހީތަކަކީ، މި ލިބުނު ގެއްލުންތައް މުޅިން ފޫބެއްދޭވަރުނުވާ އެހީތަކަކަށްވާތީ، އިތުރު އެހީ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު މިގެންދަނީ ކުރަމުން.

މި ފުރުޞަތުގައި، އަޅުގަނޑުމެންނަށް މިހާތަނަށް އެހީވެދެއްވި ރަޙްމަތްތެރި ޤައުމުތަކަށާއި، އަދި އެކިއެކި ޖަމާޢަތްތަކަށާއި ހުރިހާ ފަރާތްތަކަކަށް، ތިޔަބޭފުޅުންގެ ނަމުގައި، އާދެ، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ގެދޮރު އަލުން އަޅައިދިނުމާއި، ނުވަތަ ގެދޮރު މަރާމާތުކޮށްދިނުމާއި، މިކަންކަމުގެ އިތުރުން، ބަނދަރުތައް މަރާމާތުކުރުމުގެ މަސައްކަތަކީވެސް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތްތަކެއް. އަދި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމަށްވެސް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ. އެންމެ ގިނަ ޢަދަދަކަށް ގެދޮރު އަލުން އިމާރާތްކުރަން ޖެހިފައިވާ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މިހާރު 6 ރަށެއްގައި މަސައްކަތް އެބަ ކުރިއަށްދޭ. 2 ރަށެއްގެ މަސައްކަތް ވަނީ ނިމިފައި. އަދި އަނެއްބައި ރަށްރަށުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް، ޓެންޑަރ އުޞޫލުން ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން.

މީގެއިތުރުން، ދެން ހުރި ބައެއް ރަށްރަށުގެ ބިން، ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުތައް އެކުލަވާލައި، އެކަމުގެ ދިރާސާތަކުގެ ބޮޑު ބައެއް ވަނީ މިހާރު ކޮށްނިމިފައި. މި މަޝްރޫޢުގެ ދަށުން 53 ރަށެއްގައި، މިހާތަނަށް ޖުމްލަ 2,700 އަށްވުރެ ގިނަ ގެ އަލުން އިމާރާތްކުރަން ޖެހޭނެކަމަށް ފެނޭ. އަދި ގެދޮރު މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން 79 ރަށެއްގައި، ޖުމްލަ 5,000 އަށްވުރެ ގިނަ ގެ މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައި. އޭގެތެރެއިން މިހާތަނަށް، 805 ގެއެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައި. އަދި 1,308 ގެއެއްގެ މަސައްކަތް ވަނީ، އެ މަސައްކަތްކުރާ ފަރާތްތަކާ ހަވާލުކުރެވިފައި. އޭގެއިތުރުން، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން 1,183 ގެ މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ރަށްކުރިއަރުވާ ކޮމިޓީތަކާ ހަވާލުކުރެވިފައި.

ސުނާމީ ކާރިސާގެ ސަބަބުން، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުވަމުންދާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއްވެސް އެބައޮތް. އެއީ، ތަފާތު ރަށްރަށުގެ މީހުން، އެއްރަށެއްގައި ދިރިއުޅެން ޖެހުމުން ދިމާވެދާނެ ބައެއް އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުން. އެހެންވީމާ، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ، މިގޮތަށް އެއްރަށުން އަނެއް ރަށަށް ބަދަލުވާ މީހުންނާއި، ރަށްރަށުގެ އަހުލުވެރިންނާ ދެމެދުގައި ގުޅުންތައް ބަދަހިކޮށް، ދެބައިމީހުންގެ ދޭތެރޭގައި ހުރިހާ ކަމެއްގައިވެސް މަޝްވަރާ ކުރެވޭނެ އުޞޫލުތަކެއް ރޭވިގެން، މަޝްވަރާ ކޮށްގެން، އެ ދެ ޖަމާޢަތުގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ދެބައިމީހުންނަށްވެސް ހެޔޮގޮތްތައް ހޯދައިދެވޭތޯ ބެލުން. އެހެންވީމާ، އެކަމަށް މިހާރު ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ވާހަކަ ދަންނަވާލަން.

އާދެ، މިއަދަކީ ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވޭ ދުވަސް. އެހެންވީމާ، ޖުމްހޫރީ ނިޒާމާ ބެހޭގޮތުންވެސް އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، އެ މައުޟޫޢަށް ވަރަށް ރަނގަޅަށް އަލިއަޅުއްވާލަދެއްވައިފި. އެހެންކަމުން، މާދިގުކޮށް އެއްޗެއް ނުދެންނެވިނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ބައެއް ނުކުތާވެސް އެބަހުރި. އޭގެކުރިން، އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ، ޖުމްހޫރީ ނިޒާމަކީ ކޮބައިތޯ؟ ޖުމްހޫރީ ނިޒާމަކީ، ރައްޔިތުންނަށްޓަކައި ރައްޔިތުން ހިންގާ ވެރިކަމުގެ ނިޒާމެއް. ޖުމްހޫރީ ނިޒާމުގެ އެންމެ މުހިންމު އަސާސަކީ، ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއް ޤާއިމުވެފައި އޮތުން. އަދި ރައްޔިތުން އެދޭގޮތަށް، ޤައުމުގެ ކަންތައްތައް ގެންދިޔުން. ޤައުމީ ކަންކަމުގައި އެންމެންގެ ޙިއްޞާއާއި ބައިވެރިވުން ހޯދުން. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ޝާހީ ވެރިކަމާއި ޖުމްހޫރީ ވެރިކަމާ ދޭތެރޭގައި ވަރަށް ބޮޑު ތަފާތު އެބަހުރި.

ޝާހީ ވެރިކަން އޮންނަ ބައެއް ތަންތާނގައި، އެކަން އޮންނަނީ ވިރާސީގޮތުން ބަދަލުވާ ވެރިކަމެއްގެ ގޮތުގައި. އެކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅަކު އެއީ އިންތިޚާބުކުރާ ބޭފުޅެއް ނޫން. ވަކި އުޞޫލަކުން ހަމަޖެހޭ ބޭފުޅެއް. އެހެންވެ އެކަމުގައި ރައްޔިތުންގެ ހިއްޞާއެއް ނޯވޭ. ޝާހީ ވެރިކަން ހިނގަމުންދާ ބައެއް ޤައުމުތަކުގައި، ދީމުޤްރާޠީ ނިޒާމުތައްވެސް އެބަހުރި. އޭގެތެރޭގައި، ބޮޑުވަޒީރު، ވަކި އުޞޫލަކުން އިންތިޚާބު ކުރެވިގެން މަޤާމާ ހަވާލުވެވަޑައިގަންނަވާގޮތަށް ހުރޭ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މި ހިނގަނީ އެކަހަލަ ނިޒާމެއް ނޫން. ޝާހީ ނިޒާމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި މި ހިނގަނީ، 1968 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ނިޒާމެއް. އާދެ، ޖުމްހޫރީ ނިޒާމަކީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއް ޤާއިމުވެފައި އޮންނަ ނިޒާމެއް. ރާއްޖޭގައިވެސް، ޤާނޫނީގޮތުން ކޮންމެ 5 އަހަރަކުން 1 ފަހަރު، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އެބަ އިންތިޚާބު ކުރެވޭ. ރައްޔިތުން ވޯޓުދޭ ގޮތަކުން، ރައްޔިތުންގެ އަޣްލަބިއްޔަތު ލިބޭ މީހަކު، ވެރިކަމުގައި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގަމުން މިދަނީ ދީމުޤްރާޠީ ނިޒާމެއް. ޖުމްހޫރީ ނިޒާމުގެ ދަށުން އެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދޭ.

އާދެ، މިގޮތުން ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ފަދައިން، މި ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރެވިފައިވާ އިޞްލާޙީ ބަދަލުތަކެއް އެބަހުރި. އާދެ، މި ބަދަލުތަކަށް ބަލާއިރު، މިހާރު ރާއްޖެއަކީ މުޅިން އާ ޤައުމެކޭވެސް ދެންނެވިދާނެ. ސިޔާސީގޮތުން ހަރަކާތްތެރިވުމުގެ ދާއިރާއަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއަށް ބަލާއިރު، ރާއްޖެ މިއަދު ދެކެމުން މިދަނީ، ދިވެހި ތާރީޚު މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާފަދަ މިނިވަން، ހުޅުވާލެވިފައިވާ ޒަމާނީ ނިޒާމެއް.

ހަމައެހެންމެ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި ޙިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އެޅެމުންދާ ފިޔަވަޅުތަކަށް ބަލާއިރުވެސް، މުޅިން އާ ބިންގާތަކެއް މިވަނީ މިހާރު ދިވެހި ޤައުމުގައި އެޅިފައި. މި ބަދަލުތަކުގެ ނަތީޖާއަކީ، ދިވެހިންގެ މި ޤައުމު، މުޅިން އާ ވިސްނުންތަކެއްގެ އުދަރެހަށް ކުރިމަތިލުން.

އާދެ، މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ގަސްތުކުރަން.

އެންމެ ފުރަތަމަ ކަމަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތަކީ، މިވަގުތު އަޅުގަނޑުމެން ކުރަމުންދާ އެންމެ މުހިންމު މަސައްކަތް. އެއީ، ޤައުމުގެ ސިޔާސީ މަސްރަޙު ބައްޓަންވެގެންދާނީ، ޤާނޫނުއަސާސީ އޮންނަ ގޮތެއްގެ މައްޗަށް ކަމަށްވާތީ. އެ މަސައްކަތް މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން އެބަގެންދަވާ. އެހެންނަމަވެސް، އެ މަސައްކަތް ނިމުމުގެ ކުރިންވެސް މިގެންދަނީ، މިހާރު އޮތް ޤާނޫނީ ތަރަހައިގެ ތެރެއިން ގެނެވެންހުރި އިޞްލާޙުތައް ގެންނަމުން. މިގޮތުން މިހާތަނަށް ގެނެވުނު ބައެއް އިޞްލާޙުތަކުގެ ވާހަކަ، ވަރަށް ކުރުކުރުކޮށް ދަންނަވާލާނަން. ހަމައެކަނި ސުރުޚީތަކެއްގެ ގޮތުގައި. އެއްގޮތަކަށްވެސް އިތުރު ތަފްޞީލަކަށް ނުގޮސް.

އާދެ، އޭގެތެރެއިން ބައެއް ކަންތައްތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުން. ސިފައިންނާއި ފުލުހުން ވަކިކޮށް، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސުން. ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފު ކުރުން. އިންސާނީ ޙައްޤުތަކުގެ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދުން. އަދި މިކަމަކީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިނގަމުންދާ ކަމެއްގެ ގޮތުގައި ހަމަޖެއްސުން. ސަރުކާރު ހިންގުމުގެ ދާއިރާއާއި، ޝަރީޢަތް ހިންގުމުގެ ދާއިރާ، މިހާރަށްވުރެ ބޮޑަށް ވަކިކުރުމުގެ ފިޔަވަޅުތައް އެޅުން. އޭގެތެރޭގައި، ޖުޑީޝަލް ސަރވިސަސް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުން ހިނގާގޮތަށް ހަމަޖެއްސުން. ރާއްޖޭގެ ފަނޑިޔާރުންނާއި، ޤާޟީންނާއި މެޖިސްޓްރޭޓުން ޢައްޔަނުކޮށް ވަކިކުރުމުގަޔާއި، އެމީހުންގެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމުގައި، އެ ކޮމިޝަނުން ރައީސަށް ލަފާދޭގޮތަށް ހަމަޖެއްސުން. ރައީސުލްޖުމްހޫރިއްޔާއަށް، ޝަރުޢީ ކަންކަމުގައި ލަފާދޭ މަޖިލިސްވެސް، އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުން ހިނގާގޮތަށް ހަމަޖެއްސުމާއި، މަޖިލީހުން ބަލާ ކަންކަން، ހުޅުވާލެވިފައިވާ މާޙައުލެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުން. އަދި ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަޙްޤީޤު ކުރުމާއި، ޝަރީޢަތުގައި ޤާނޫނީ ވަކީލުން ބައިވެރިވާގޮތަށް ހަމަޖެއްސުން. މީހުން ހައްޔަރުކުރެވޭ ބާވަތުގެ ކުށާއި، ހައްޔަރު ނުކުރެވޭ ބާވަތުގެ ކުށުގެ ގަވާއިދު އެކުލަވާލައި، މި ގަވާއިދަށް ޢަމަލުކުރަން ފެށުން. ކަފާލާތުގެ ނިޒާމެއް ތަޢާރުފު ކުރެވި، ކަފާލާތުގައި ދޫކުރުމާބެހޭ ކަނޑައެޅިފައިވާ ގަވާއިދަށް ޢަމަލުކުރަން ފެށުން.

މިދެންނެވީ ހަމައެކަނި ސުރުޚީތަކެއް. މީގެދަށުން ވަރަށްގިނަ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން. އޭގެސަބަބުން، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވުމާއި، ރާއްޖޭގެ ޢަދުލުއިންޞާފުގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާގޮތެއްގައި ހިނގަމުން ދިޔުމާއި، ވެރިކަމުގެ ބާރުތައް، ދީމުޤްރާޠީ ނިޒާމު ނިޔާކުރާ ގޮތުގެ މަތިން ވަކިކުރުމާއި، މިކަހަލަ ވަރަށްގިނަ އިޞްލާޙީ ބަދަލުތަކެއް މިދަނީ އަންނަމުން.

މިއީ ދީމުޤްރާޠީ ނިޒާމު ގޮވާލާ ކަމެއް. ދީމުޤްރާޠީ ނިޒާމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ހުޅުވާލެވިފައިވާ ނިޒާމެއް. ފަރުދުންގެ މުސްތަޤިއްލުކަން ސާބިތުކޮށްދޭ ނިޒާމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށާއި، އަދި ދުނިޔޭގައި މި ނިޒާމު ހިނގަމުންދާ އެހެން ތަންތާނގައި، މިކަން ހިނގަމުންދާގޮތަށް ބަލައިލާއިރު އެނގޭ އެއްޗަކީ، ދީމުޤްރާޠީ ނިޒާމު އެއީ، އޭގެ ޒާތުގައި ކިތަންމެ ފުރިހަމަ ނިޒާމަކަށްވިޔަސް، އެ ނިޒާމު މުޅި ޤައުމަށް ފައިދާކުރާގޮތުގައި މަސައްކަތް ކުރާނީ، އެންމެންނަކީވެސް ޒިންމާދާރު، ރަނގަޅު އަޚްލާޤެއްގެ ވެރި ބަޔަކަށް ވެގެންކަމަށް.

އެހެންވީމާ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީވެސް، ޒަމާނުއްސުރެ މުސްލިމް ޤައުމަކަށްވެފައި، އަޅުގަނޑުމެން ގަބޫލުކުރާ މައިގަނޑު ޢަޤީދާތަކަކާއި އުޞޫލުތަކެއް ހުރުމާއެކީގައި، އަދި ދިވެހި ރައްޔިތުންގައި ހުރި މުހިންމު، އަޚްލާޤީ ރީތި ސިފަތަކެއްވެސް އެގޮތަށް ހުރުމާއެކީގައި، އަޅުގަނޑުމެންގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ބައްޓަންކުރަމުންދާއިރުވެސް، މިކަންކަމަށް ރިޢާޔަތް ކުރަންޖެހޭނެ. އަޅުގަނޑުމެން އެކަންކަން ކުރަންޖެހޭނީ، މި ހުރިހާ ކަމެއްގެ އޮނިގަނޑުގެ ތެރޭގައި. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޚްލާޤީ މިންގަނޑުތަކުގެ ބޭރުން، ދީމުޤްރާޠީ ނިޒާމު ބައްޓަންކުރުންވާނީ، ކުރިމަގަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި، ދުނިޔޭގެ އެހެން ތަންތާނގައި ހިނގާ އުޞޫލުތަކާ ތަފާތު. ދުނިޔޭގެ ދީމުޤްރާޠީ ނިޒާމު ހިންގާ އެހެން ތަންތާނގައި ކަންތައްތައް އޮންނަގޮތާއި، އިސްލާމީ މުޖުތަމަޢުގައި ކަންތައްތައް އޮންނަގޮތާ ވަރަށް ތަފާތު. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެން ކުރިއަށްދާންވާނީ ދީނުގެ ދާއިރާގެ ތެރޭގައި. އެއިން ބޭރުނުވާ ގޮތެއްގެމަތިން. ދީނުގައި އަންގަވާފައިވާ ގޮތެއްގެމަތިން، އެންމެން އެކުވެރިވެގެން، އެކަތިގަނޑަކަށްވެގެން، އެކަކު އަނެކަކަށް ޙުރްމަތްތެރިކޮށްހިތައިގެން، އެކަކު އަނެކަކަށް ކަމޭހިތައިގެން، ކޮންމެ މީހަކުވެސް، އަނެކެއްގެ އަބުރަށާއި ޝަރަފަށް ރައްކާތެރިވެގެން.

ހަމައެހެންމެ، އިސްލާމްދީނުގައި އަންގަވާފައިވާ ހަމަހަމަކަމާއި ޢަދުލުއިންޞާފުގެ އުޞޫލުތައް، އެގޮތުގައި ދަމަހައްޓައިގެން. މިއާ ޚިލާފަށް، އަޅުގަނޑުމެން ކޮންމެ ނަމެއްގައި ނަމަވެސް ބަދަލުތަކެއް ގެންނަން އުޅޭކަމަށްވަންޏާ، އޭގެ ނަތީޖާ އެއްގޮތަކަށްވެސް އެއީ، ޤައުމަށް ފައިދާކުރާ ނަތީޖާއަކަށް ނުވާނެ.

އާދެ، ދިވެހިރާއްޖޭގައި މިހާރު މިއޮތް ދީމުޤްރާޠީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ ސިޔާސީ ޕާޓީތަކެއް ފުރިހަމައަށް ބައިވެރިވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިކަމަށް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ވާނީ ގޮވާލާފައި. އަދި ސަރުކާރުން މިކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް، ރާއްޖޭގައި ހިނގަމުންދާ ހުރިހާ ސިޔާސީ ޕާޓީތަކަށް އަޅުގަނޑު ވާނީ ދަޢުވަތު ދީފައި.

އަޅުގަނޑު މިހުރީ، މާތް اللّه ގެ ވާގިފުޅާއެކު، ސާބިތުކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ޢަޒުމް ކަނޑައަޅައިގެން.

ހަރުދަނާ ޑިމޮކްރަސީއެއް އޮންނާނީ، ހޭލުންތެރި، އަދި އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ރައްޔިތުން އުޅޭ ތަނެއްގައި. އެބަޔަކު ގަބޫލުކުރާ ކަންތައްތައް ޙިމާޔަތްކޮށް، އެބަޔެއްގެ އަޚްލާޤީ މިންގަނޑުތައް ރައްކާތެރިކުރުމަށް، އެހެން ފަރުދުންނާ ގުޅިގެން ހަރަކާތްތެރިވާ ރައްޔިތުން އުޅޭ ތަނެއްގައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން.

ކޮންމެ ޤައުމެއްގައިވެސް، އެތަނެއްގެ ސިޔާސީ މަސްރަޙަށް ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައި، މީހުންގެ މެދުގައި ޚިޔާލު ތަފާތުވުމާއި ދެބަސްވުން އުފެދޭނެ. އެއީ ޠަބީޢީ ކަމެއް. ރާއްޖޭގައިވެސް އެކަން ވާނީ އެހެން. އެހެންނަމަވެސް، އެފަދަ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް އަޅުގަނޑުމެން ގެންގުޅެންޖެހޭނީ، ޤާނޫނީ އޮނިގަނޑުގެ ތެރޭގައި. ޤައުމުގެ އެއްބައިވަންތަކަމުގެ ދާއިރާގެ ތެރޭގައި. އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވާ ކަންތައްތަކުގައި، އެއްބަޔަކު އަނެއްބަޔަކާ މަޝްވަރާ ކޮށްގެން، ޤައުމުގެ މަޞްލަޙަތު ނިޔާކުރާ ގޮތެއްގެ މަތިން ކަންތައްތައް ރާވަމުން ގެންދިޔުމަކީ، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި ހަމަ ކޮންމެހެން ބޭނުންވާ ކަމެއް.

ހަމައެއާއެކު ދަންނަވާލަން މިޖެހެނީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއުޅޭ ޚިޔާލު ތަފާތުވުމާ، މިކަންކަމުގެ ތެރެޔަށް، އަޅުގަނޑުމެންގެ ޅަދަރިން ވެއްދުމަކީ ވަރަށް ހިތާމަހުރި ކަމެކޭ. އެއީ، އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫނޭ. ތުއްތުކުދިން ނުވަތަ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވޭ އުމުރަށް ނުދާ ކުދިން، އެކުދިންގެ ޅަ ސިކުނޑިތަކަށް، ނޭދެވޭ ޚިޔާލުތައް ވެއްދުމާއި، އަދި އެކުދިން ސިޔާސީ ކަންތައްތަކުގައި ބައިވެރިކުރުމަށް އުޅުމަކީ ވަރަށް ބޮޑު ގޯހެއް. މުސްތަޤްބަލަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވިސްނޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ޅަދަރިންނަށް ރަނގަޅު ތަޢުލީމަކާއި، ފުރިހަމަ ތަރުބިޔަތެއް ދިނުމަކީ، ކޮންމެ މަންމައަކާއި ބައްޕައެއްގެ ވާޖިބުކަން ކަށަވަރު. އަދި އެއީ މުޅި ޖަމާޢަތުގެވެސް ވާޖިބެއް. ކުޑަކުދިން ތަރުބިޔަތުކޮށް، އެކުދިންނަކީ ޤައުމަށް ފައިދާކުރާނެ ރަނގަޅު ބަޔަކަށް، އުފެއްދުންތެރި، ބިނާކުރަނިވި ޚިދުމަތްތަކެއް ކުރާނެ ބަޔަކަށް ހެދުމަކީ، މުޅި މުޖުތަމަޢުގެ ވާޖިބެއް. އެކަމުގައި އެންމެން ޖެހޭނީ، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތް ކުރަން.

އަޅުގަނޑުމެންގެ ދަރިންނަކީ، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބޮޑެތިވާ، މީހުންނަށް އިޙްތިރާމުކުރާ، އަޚްލާޤީ ރީތި ސިފަތައް ހުރި ބަޔަކު ކަމުގައި އަޅުގަނޑުމެން ހަދަންޖެހޭނެ. ކުދިން ތަރުބިޔަތު ކުރުމުގައި، މިކަންކަމަށް ސަމާލުކަން ނުދެވޭނަމަ، އަޅުގަނޑުމެންނަށް ފެންނަމުންދާނީ، ވަރަށް ހިތާމަވެރި މަންޒަރުތަކެއް. ގަވާއިދެއް، ޤާނޫނެއް، ތަހުޒީބީ ކުލަވަރެއް ނެތް މުޖުތަމަޢެއް.

ވަރަށް ހިތާމަޔާއެކު ދަންނަވާލަންޖެހެނީ، އަޅުގަނޑުމެންނަށް މިކަހަލަ ބައެއް މަންޒަރު މިހާރު ފެންނަމުންދާ ވާހަކަ. ކުޑަކުދިން، އެކުދިންގެ މައިންބަފައިންނަކަށް އިޙްތިރާމެއް ނުކުރޭ. ދަރިވަރުން، މުދައްރިސުންނަކަށް އިޙްތިރާމެއް ނުކުރޭ. ރައްޔިތުންގެ ތެރެއިން ބައެއް މީހުން، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުހިންމު މުއައްސަސާތަކަކަށް އިޙްތިރާމެއް ނުކުރޭ. އެބަޔަކު ބޭނުންވާކަމެއް ކުރުމުގައި، ޤާނޫނު އެބަޔެއްގެ އަތްމައްޗަށް ނަގައިގެން މަގުމަތީގައި ހަރަކާތްތެރިވަމުން ދަނީ. އަދި އޭގެތެރޭގައި، ކުޑަކުދިންވެސް ބައިވެރިކުރަމުން ގެންދަނީ. މިއީ ވަރަށްދެރަ ކަމެއް. ވަރަށް ހިތާމަހުރި ކަމެއް. ވަގުތީ ބޭނުމަކަށްޓަކައި ނަމަވެސް، މިކަހަލަ ކަންތައްތައް ބަޔަކު ކުރަމުންދާކަމަށްވަންޏާ، އޭގެ ނަތީޖާ ފެންނާނީ ނުބައިގޮތުގައި. އެމީހުންނަށްވެސް، މުޅި ޤައުމަށްވެސް. އެހެންވެ، މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަން ދޭންޖެހޭނެކަމަށް އަޅުގަނޑު ހަމަ ތަކުރާރުކޮށް، ދިވެހި ޤައުމަށް ދަންނަވާލަން ބޭނުންވޭ.

އާދެ، ދެން ދަންނަވާލަން އޮތީ، ތަންކޮޅެއް ހިތްހަމަޖެހޭކަހަލަ ރަނގަޅު ވާހަކައެއް. އާދެ، އެއީ، ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަން ކުޑަކުރުމަށްޓަކައި ކުރަން ސަރުކާރުން ގަސްތުކުރާ އަދި ކުރަން ހަމަޖެހެމުންދާ ބައެއް ކަންތައްތަކުގެ ވާހަކަ.

މިހާރު ރާއްޖެއަށް ދިމާވެފައި މިވަނީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ދަތިކަމެއް. އެކަން އެނގިވަޑައިގަންނަވާނެ. އެއީ ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އަޅުގަނޑުމެންގެ އަސާސީ ބިނާތައް ހަލާކުވެގެން ދިޔުމާއި، އަދި އަޅުގަނޑުމެންނަށް ލިބެމުން އައި އާމްދަނީ، ފަތުރުވެރިކަމުގެ ތެރެއިންނާއި، މަސްވެރިކަމުގެ ތެރެއިން ނުވަތަ އަދި އެހެން ވިޔަފާރީގެ ތެރެއިންވެސް ލިބެމުން އައި އާމްދަނީން ވަރަށް ބޮޑު ބައެއް މަދުވުމާއި، އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ، މި ހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން، އަޅުގަނޑުމެންގެ އިޤްތިޞާދު މިވަނީ ވަރަށް ނޭދެވޭ ހިސާބަށް ގޮސްފައި.

އެހެންނަމަވެސް، މާތް اللّه އިންސާނުންނަށް ވިސްނުމާއި ކުޅަދާނަކަން ދެއްވާފައިވަނީ، އެބައިމީހުންނަށް ދިމާވާ ކަންތައްތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެން ދިވެހިންނަކީވެސް، ޒަމާނުއްސުރެ ވަރަށް ވިސްނުންތެރި، ވަރަށް ހަރުދަނާ ގޮތެއްގައި ކުރިއަރަމުން ތަރައްޤީވަމުން އައިސްފައިވާ ބަޔަކަށްވާތީ، މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ހިތާމަތަކުންވެސް ސަލާމަތްވެ، ރަނގަޅު ކުރިމަގަކަށް ދެވޭތޯ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ވިސްނާފައި މަސައްކަތްތަކެއް ކުރަން.

އެގޮތުން އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަންޖެހޭ ބަދަލުތަކެއްވެސް އެބަ ގެންނަންޖެހޭ. ކުރިން އަޅުގަނޑުމެން ވިސްނިގޮތަށްވުރެ ތަފާތުގޮތަކަށް، ޒަމާނާ ގުޅޭގޮތަކަށް، ކުރިއަށް ދިޔުމުގެ ރޫޙު އެކުލެވިގެންވާ ގޮތަކަށް ވިސްނުން ބައްޓަންކުރުމަކީ، މިހާރު ވަރަށް މުހިންމު ކަމެއް. އާދެ، މިގޮތުން ސަރުކާރުން ވިސްނާ ބައެއް ކަންތައްތަކުގެ ވާހަކަ ދަންނަވާލާނަން.

އޭގެތެރެއިން އެއްކަމަކީ، ވަޒީފާގެ ފުރުޞަތުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަން ގަސްތުކުރާ ވާހަކަ. އާދެ، މީގެތެރޭގައި، ޞިނާޢީ މަސައްކަތްތައް، މާލެ ނޫން ރާއްޖޭގެ އުފެއްދުންތެރި އެހެން ރަށްރަށަށް ގެންދިޔުމަށް ބާރުއެޅުމުގެ ސިޔާސަތެއް ކަނޑައެޅުން ހިމެނޭ. އަދި މި ސިޔާސަތުގެ ދަށުން، އެފަދަ މަސައްކަތްތައް އެ ރަށްރަށުގައި ފަށާ ފަރާތްތަކަށް، ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުންވެސް ހިމެނޭ. ބޭނުމަކީ، ވީހާވެސް ގިނަބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން. އެބަޔަކު ދިރިއުޅޭ ތަނެއްގައި، އެބަޔެއްގެ ރަށުގައި، އެބަޔެއްގެ އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިތުރު ފުރުޞަތުތަކެއް ހޯދައިދެވޭތޯ ބެލުން.

އަނެއްކަމަކީ، ކުދިފަންތީގެ ވިޔަފާރި، މެދުފަންތީގެ ވިޔަފާރިއަށް ބަދަލުކޮށް، މެދުފަންތީގެ ވިޔަފާރި، ބޮޑެތި ވިޔަފާރިތަކަށް ބަދަލުކުރުމަށް ބާރުއެޅުމުގެ ސިޔާސަތެއް ކަނޑައެޅުން. އެއީ، ދެމެހެއްޓެނިވި ތަރައްޤީގެ ބިންގަލަކީ، މިއީ ކަމަށްވާތީ، ޤައުމީ ފެންވަރުގައި މިކަމަށް ސަމާލުކަމެއްދީގެން ސިޔާސަތުތަކެއް ކަނޑައެޅުމުގެ މުހިންމުކަން ވަރަށް ބޮޑު.

އޭގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އަޅާ އެއް ފިޔަވަޅެއްގެ ގޮތުން، ރިޒޯޓުތައް ތަރައްޤީ ކުރުމަށް، އިތުރު ރަށްރަށް ކުއްޔަށް ދިނުމަށް، ސަރުކާރުން މިހާރު ގަސްތުކުރާ ވާހަކަވެސް، ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން.

އާދެ، ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއާއި މަންފާ ލިބެންއޮތް ދާއިރާ ކަމަށްވާތީ، ރައްޔިތުންގެ ގިނަ ބަޔަކަށް، މި ޞިނާޢަތުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަކީވެސް، ސަރުކާރުން އިސްކަމެއްދޭނެ ކަމެއް.

އާދެ، މި ދަންނަވާލީ މިހާރު ވިސްނަމުން ގެންދާ ބައެއް ކަންތައްތައް. މީގެ އިތުރުންވެސް، ވަރަށް ގިނަ ރޮނގުރޮނގުން އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް ވިސްނަމުން އެބަގެންދަން. އެހެންނަމަވެސް، އެކަންތައްތަކަށް ބޭނުންވާ ދިރާސާތަކާއި ބެލުންތައް އަދި މުޅިން ފުރިހަމަނުވާތީ، އެ ވާހަކަ ކޮންމެހެން މިރޭގެ ޖަލްސާގައި އަޅުގަނޑު ދަންނަވާނުލީ. އެހެންނަމަވެސް، އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، މާތް اللّه ގެ ވާގިފުޅާއެކީގައި، އަދި ދިވެހި ޤައުމުގެ އެއްބާރުލެއްވުމާ އެކީގައި، އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުން އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އަޅުގަނޑުމެން ސަލާމަތްވާނަމުއޭ. ހަމައެހެންމެ، އިޤްތިޞާދީގޮތުން ކުރިއެރުމުގެ އިތުރު ތަރައްޤީގެ ހަރުފަތްތަކަކަށް މާތް اللّه ގެ ވާގިފުޅާއެކު ލަހެއްނުވެ، އިރާދަކުރެއްވިއްޔާ ދިވެހި ޤައުމު ވާސިލުވާނެޔޭ.

އާދެ، އަދިވެސް އެއްފަހަރު، އުފާވެރި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑު އެދެނީ، اللّه سبحانه وتعالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަބަދުވެސް އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ގުޅިގެން ކުރަމުން މިގެންދާ ބުރަ މަސައްކަތްތަކުގައި، އެކަލާނގެ ތައުފީޤު ދެއްވުން. ރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަމާއި އަދި ޤައުމުގެ އެންމެން ގުޅިގެން ކުރިއަށް ގެންދިޔުމުގެ މަގު، އެކަލާނގެ ތަނަވަސްކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.