بســم اللّـه الرّحمـن الرّحيــم

 

اللّــه تـبــارك وتــعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އެއަށްފަހުގައި މިރޭގެ މި އުފާވެރި ޖަލްސާއަށް ޙާޟިރުވުމަށްޓަކައި އަޅުގަނޑަށް ދަޢުވަތު ދެއްވީތީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، އެ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، މިރޭ މިކުރާ ޖަލްސާއަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ޖަލްސާއެއް. ސަބަބަކީ މި ޖަލްސާއަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ބަހާ ދޭތެރޭގައި އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކެއްގެ ނަތީޖާ ފާޅުކުރެވި އަދި އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބަހާބެހޭ، ބަހުގެ އަދަބިއްޔާތާބެހޭ މުބާރާތްތަކެއްގެ ނަތީޖާ ފާޅުކުރެވި، އެ މުބާރާތުން އެކިއެކި މަޤާމުތައް ހޯއްދެވި ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާ ކަމަށްވާތީ.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދަންނަވާހިތްއޮތީ، މިރޭ އަޅުގަނޑުމެންގެ ކުރިމަތީގައި އެކިއެކި ތަށްޓާއި އިނާމާއި ސަނަދު ހޯއްދެވި ފަރާތްތަކަށް. އާދެ، އޭގެތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ބައެއް މަދަރުސާތަކުގެ ކުދިން ހިމެނޭކަން އެއީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް މިރޭ ލިބިދިން ކަމެއް. އަޅުގަނޑު ހިތުން އެ އުފާ ލިބުނީ ހަމައެކަނި އަޅުގަނޑަކަށް ނޫން. މިތާނގައި ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިންނަށް. މި ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އެކަމުގެ ސަބަބުން ވަރަށް މަތިވެރި އުފަލެއް ޙާޞިލުވެގެން ހިނގައްޖެ. އޭގެ ދަލީލަކީ މަދަރުސާތަކުން އެއްވަނަ ހޯދި މަދަރުސާގެ ނަން އިޢުލާނުވެގެން ދިޔުމާއެކު، ޙާޟިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންގެވެސް ވަރަށް ހޫނު އަތްތިލަބަޑިއެއް އިވިގެންދިޔަކަން.

ޝައްކެއްނެތް. މަދަރުސާ ކުދިންގައި ބަހަށް ލޯބިކުރުމުގެ ރޫޙު އުފެދިގެންދާ ކަމުގައި ވަނީވިއްޔާ، އެކިއެކި ބަހާއި އަދި ބަހުގެ އަދަބިއްޔާތާބެހޭ މުބާރާތްތަކުގައި މަދަރުސާ ކުދިން އެކިއެކި މަޤާމުތައް ހޯދަމުންދާ ކަމުގައިވަނީނަމަ، އެއިން ދައްކައިދޭ އެއްޗަކީ، އަޅުގަނޑުމެންގެ ބަހުގެ މުސްތަޤްބަލް އެއީ، ވަރަށް އަލި އުޖާލާ މުސްތަޤްބަލެއްކަން. އެހެންވީމާ، މިރޭ މި ފާޅުކުރެވުނު ނަތީޖާތަކުގައި މަދަރުސާ ކުދިންގެ ތެރެއިން އެކި ވަނަވަނައަށް އައި ކުދިންނަށް ވަރަށްހޫނު މަރްޙަބާއެއް ކިޔުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، އެ މަދަރުސާތަކުގެ ނަން އިވިގެންދިޔައިރު، ރާއްޖެތެރޭގެ ވަރަށް މަޝްހޫރު މަދަރުސާއެއްގެ ނަންވެސް އިވިގެންދިޔަ. އެއްފަހަރަށްވުރެ ގިނަފަހަރު. އާދެ، އެއީ އޭދަފުށީ މަދްރަސަތުލް ބަހިއްޔާ. އެހެންވީމާ، އެ މަދަރުސާއަކީ ރާއްޖެތެރޭގެ މަދަރުސާއަކަށް ވެފައި، ރާއްޖެތެރޭގެ މަދަރުސާތަކަށް، މާލޭގެ މަދަރުސާތަކަށް ލިބޭ ޢިނާޔަތްތަކާއި ޚިދުމަތްތައް އެހާ ފުރިހަމަކޮށް ލިބެމުން ނުދާތީއާއެކު، މިފަދަ މުބާރާތެއްގައި، ބަހިއްޔާގެ ބައެއް ކުދިން، މަތީ ވަނަތައް ހޯދިކަން އެއީވެސް އަޅުގަނޑު ހިތުން މިރޭ އަޅުގަނޑުމެން ކޮންމެހެން އުފަލާއެކު ފާހަގަކޮށްލަންޖެހޭނެ ކަމެއް.

އާދެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މި ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަސައްކަތެއް. ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ބަހަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު އެއްޗެއް. އެބައެއްގެ ޤައުމިއްޔަތު ބިނާވެފައިވާ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ރުކުން. އެހެންނަމަވެސް، އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ، އެކަމަކީ އަޅުގަނޑުމެން ފަޚްރުވެރިވާ ކަމަކަށްވެގެން. އެކަމަކީ މުހިންމު ކަމެއް ކަމުގައި ޤަބޫލުކުރެވިގެން. ދިވެހިބަސް ކުރިއަށް ގެންދެވޭނީވެސް، ދިވެހި އަދަބިއްޔާތު ކުރިއަށް ގެންދެވޭނީވެސް ދިވެހިބަހަކީ އަދި ދިވެހި އަދަބިއްޔާތަކީ، އަޅުގަނޑުމެން ފަޚްރުވެރިވުން ޙައްޤު އެއްޗެއް ކަމަށް އެންމެ ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކޮށްގެން. ހަމަ އެއާއެކުގައި އެއީ ތަރައްޤީ ކުރުމަށް، ކުރިއެރުވުމަށް، މުއްސަނދި ކުރުމަށް މަސައްކަތް ކުރަންޖެހޭނެ އެއްޗެއްކަންވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވިގެން.

އާދެ، އަޅުގަނޑު އެހެން ދަންނަވަންޖެހޭ ސަބަބަކީ، ބަހާ ދޭތެރޭގައި ވިސްނާއިރު، ބައެއް މީހުންގެ ޚިޔާލުގައި އޮވެދާނެ، ދިވެހިބަހަކީ މާމޮޅު ބަހެއް ނޫނޭ. މާ މުއްސަނދި ބަހެއް ނޫނޭ. ދިވެހިބަހަށްވުރެ ޒަމާނަށް މާ އެކަށީގެންވާ، ޒަމާނުގެ ބޭނުންތައް މާފަސޭހައިން ފުއްދައިލެވޭ ބޭރުގެ ވަރަށްގިނަ ބަސްތައް އެބަހުއްޓޭ. އެ ބަސްތައް އަޅުގަނޑުމެންގެ ތެރެއަށްވެސް އަންނަނީ ތަޢާރުފް ވަމުންނޭ. އެހެންވީމާ، ކީއްވެހޭ ކޮންމެހެން ދިވެހިބަސް ކުރިއަރުވަން މަސައްކަތް ކުރަންވީ؟ ނުވަތަ ދިވެހިބަހުގެ އަދަބިއްޔާތު ކުރިއަރުވަން މަސައްކަތް ކުރަންވީ؟

އާދެ، އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ޚިޔާލެއް. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ އެ ޚިޔާލަކީ އެއްގޮތަކަށްވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ޚިޔާލެއް ނޫނޭ. އާދެ، އަޅުގަނޑު ހަނދާންވާ ގޮތުގައި، މީގެ ދިހަވަރަކަށް އަހަރު ކުރިން، މާލޭގެ ކޮންމެވެސް ނޫހެއްގެ ފަރާތުން ފާޅުކުރެއްވި ޚިޔާލުތަކެއްގެ ތެރޭގައި، ދިވެހިބަހުގެ މުހިންމުކަމާ ދޭތެރޭގައި ފާޅުކުރެވުނު ބައެއް ޚިޔާލުތައް ހިމެނުނު. އާދެ، އެދުވަސްކޮޅު އެ ބަޙުޘްގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވުމުގެ އުފާ އަޅުގަނޑަށްވެސް ލިބުނު. އަޅުގަނޑު ހިތުން ފުރަތަމަ އެ މައްސަލަ ފެށިގެން އައީވެސް އަޅުގަނޑަށް ލިޔެވުނު މަޒުމޫނެއްގެ ސަބަބުން. އެ މަޒުމޫނުގައި އަޅުގަނޑު ދަންނަވާފައިވަނީ، ދެންމެވެސް އަޅުގަނޑު ދެންނެވި ފަދައިން، ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނޭ. އެހެންވީމާ، އަޅުގަނޑުމެން ދިވެހިން، ދިވެހިބަސް ކުރިއެރުވުމަށް، ދިވެހިބަސް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންވާނެއޭ، އެހެން އެ މަޒުމޫނުގައި އަޅުގަނޑަށް ދެންނެވިފައި އޮތުމުން، އެ ޚިޔާލަކީ ބައެއް ބޭފުޅުންގެ އަރިހުގައި މާ މަޤްބޫލު ޚިޔާލަކަށްނުވި. އޭގެ ސަބަބުން ވަރަށްހޫނު ބަޙުޘެއް، އެ ނޫހުގެ ޞަފްޙާތަކުގައި ފެށިގެން ހިނގަމުންދިޔަ. ކޮންމެއަކަސް އަޅުގަނޑު ހިތުން މިހާރު ވަރަށްގިނަ ބަޔަކަށް، ދިވެހިންގެ ވަރަށްގިނަ ބަޔަކަށް އަޅުގަނޑު މި ދަންނަވާ ވާހަކަ އަންނަނީ ޤަބޫލުކުރެވެމުން. އަޅުގަނޑުމެންނަކީ ދިވެހިން ކަމަށްވުމާއެކު، ދިވެހިބަހަށް އަހަންމިއްޔަތު ދޭންޖެހޭނެކަމާއި އަދި ދިވެހިބަސް ފިޔަވައި ދިވެހިބަހަށްވުރެ މާމޮޅު ނުވަތަ މާ މުއްސަނދި ނުވަތަ މާބޮޑަށް ތަރައްޤީވެފައިވާ ބަސްތަކެއް ހުރި ކަމުގައިވިޔަސް، އެ ބަސްތައް އެއީ ކޮންމެހެން އަޅުގަނޑުމެންގެ އަމިއްލަ ބަސްތަކެއްގެ ގޮތުގައި ޤަބޫލުކުރަންޖެހޭނެ އެއްޗެއް ނޫންކަން އަޅުގަނޑު ހިތުން މިހާރު ވަރަށްގިނަ ބަޔަކަށް ޤަބޫލުކުރެވޭ.

އަޅުގަނޑުމެންގެ ބަހަކީ މިހާރު ދުނިޔޭގެ އެހެން ބަސްބަހާ އަޅައިބަލާއިރު، ނިކަމެތި ނުވަތަ ފަޤީރު ބަހަކަށްވިޔަސް، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ބަސް އަޅުގަނޑުމެންގެ ތާރީޚުގައި، އަޅުގަނޑުމެންގެ ޘަޤާފަތުގައި ވަރަށް މުހިންމު ބައެއް ވަނީ ކުޅެދީފައި. އެހެންވީމާ، އެ ބަސް ހަނދާންނެތިކޮށްލުމަކީ އަޅުގަނޑުމެންގެ ތާރީޚަށް، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ވެވޭ ޚިޔާނާތެއް ނޫން ކަމުގައެއް ނުވާނެ. ބަހަކީ ތިމާގެ ޤައުމިއްޔަތުގެ ޝަޚްޞިއްޔަތު އަންގައިދޭ އެއްޗެއް. ތިމާމެން މިއީ ކޮން ތަނެއްގެ ބައެއްކަން، އެންމެ ފުރަތަމަ އަންގައިދޭ ޢަލާމާތަކީ ތިމާމެންގެ ބަސް. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ބިދޭސީންގެ ތެރެއިން އިނގިރޭސިއެއްނަމަ، އަޅުގަނޑުމެންނަށް އެންމެބޮޑަށް ފާހަގަކުރެވެނީ، އޭނާ ވާހަކަދައްކަމުން ގެންދަނީ އިނގިރޭސިބަހުން ކަމަށްވާތީ. އެގޮތުން ފަރަންސޭސިއަކުނަމަ، އަޅުގަނޑުމެންނަށް އޭނާ އެއީ ފަރަންސޭސިވިލާތުން އައިސްހުރި މީހެއްކަން ފާހަގަކުރެވެނީ، އޭނާ ފަރަންޖީބަހުން ވާހަކަދައްކާތީ. ޢަރަތްބެއްނަމަ، އޭނާ އެއީ ޢަރަތްބެއްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، އޭނާ ވާހަކަދައްކަނީ ޢަރަބިބަހުން ކަމަށްވާތީ. އެހެންވީމާ، ބަހަކީ ތިމާގެ ޝަޚްޞިއްޔަތު، ތިމާގެ ޤައުމުގެ ޝަޚްޞިއްޔަތު، އެންމެ ފުރަތަމަ، މީހުންގެ ކުރިމަތީގައި ހާމަކޮށްދޭ އެއްޗެއް.

އެހެންކަމަށްވުމާއެކު، ބަހާއި ތިމާގެ ޤައުމިއްޔަތާ ހުރި ގުޅުން އަޅުގަނޑު ހިތުން އެއްވެސް މީހަކަށް ވަންހަނާވެގެންނެއް ނުވާނެ. ތިމާގެ ޤައުމިއްޔަތަކީ ތިމާ އުފެދި ބޮޑުވެގެން އައި ޤައުމު. ތިމާގެ އަމިއްލަ ފަސްގަނޑު. އެއާ ތިމާއާ ދޭތެރޭގައި ހުރި ގުޅުން. އަޅުގަނޑުމެންގެ ބަސް އެއީ، އެއާ އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑާ ގުޅުވައިދޭ އެންމެ ވަރުގަދަ މޫ. އެހެންވީމާ، އެ މޫ ކަނޑާލައިގެން، އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައި ދުވަހަކުވެސް ނުވާނެ. އެހެންވީމާ، އަޅުގަނޑަށް އަބަދުވެސް ދެންނެވެނީ، އަޅުގަނޑުމެންގެ ބަސް އެއީ މިހާރު އަޅުގަނޑުމެން ދެކޭގޮތުގައި އަދި މާ މުއްސަނދި، މާ ތަރައްޤީވެފައިވާ ބަހެއް ކަމުގައިނުވިޔަސް، އެ ބަސް އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަންޖެހޭނެއޭ، އަޅުގަނޑުމެންގެ އަމިއްލަ ބަސް ކަމުގައި. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އޮންނަނީވެސް އަޅުގަނޑުމެންގެ ރަސްމީބަހަކީ ދިވެހިބަސް ކަމަށް. އެއީ ހަމަ ކޮންމެހެން އޮންނަންވާނެ މާއްދާއެއް. މުސްތަޤްބަލުގައިވެސް އެ މާއްދާނެތި، އަޅުގަނޑުމެންގެ ދިވެހިވަންތަކަމުން ވަރަށްބޮޑު ބައެއް އުނިވެގެންދާނެކަން ކަށަވަރު.

އާދެ، ބަސް ތަރައްޤީ ކުރުމަށް، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދޭ. ކޮންމެ ބަޔަކުވެސް، އެބައެއްގެ ބަސް ތަރައްޤީ ކުރެވޭތޯ، އެބައެއްގެ ބަސް ކުރިއެރުވޭތޯ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދޭ. އެހެންވީމާ، އަޅުގަނޑުމެން ދިވެހިންވެސް ދިވެހިބަސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވާނެ. އެއީ ޤައުމުގެ ކުރިއެރުމަކީ ހަމައެކަނި މާއްދީ ކުރިއެރުން ކަމުގައި ނުވާތީ. ހަމައެކަނި ޤައުމުގެ ތަނަވަސްކަމާއި، ޤައުމުގައި ލިބެން ހުންނަ ތަކެތީގެ މޮޅުކަމާއި، މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ، އެއެއްނޫން ޤައުމުގެ ތަރައްޤީ ދައްކައިދޭ ހަމައެކަނި އެއްޗަކީ. ޤައުމުގެ ތަރައްޤީގެ ވަރަށްބޮޑު ބައެއް، އެ ޤައުމުގައި ހުންނަ ޢިލްމުތައް ކުރިއަށްދިޔުން. އެ ޤައުމުގެ މީހުންގައި ހުންނަ ފަންނުތައް ކުރިއަށްދިޔުން. އެ ޤައުމުގެ މީހުން ވާހަކަދައްކާ ބަސް ކުރިއަށްދިޔުން. އެ ބަހުގެ އަދަބިއްޔާތު ކުރިއަށްދިޔުން. މި ހުރިހާ ކަމެއް ކުރިއަށް ގޮސްގެން ނޫނީ، އެއްވެސް ބައެއްގެ މަދަނިއްޔަތު، އެ ބައެއްގެ ތަހުޒީބު ކުރިއަށްދެއެކޭ ދެންނެވޭކަށް ނޯންނާނެ.

މި ޙަޤީޤަތަކީ ދުނިޔޭގެ ހުރިހާ ތަނަކުންވެސް ޤަބޫލުކުރާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ އެންމެ ކައިރީގައިވާ ޤައުމުތަކަށް ވިސްނައިލިޔަސް، ސްރީލަންކާގައިވެސް، އެމީހުންގެ، ސްރީލަންކާގެ ގިނަމީހުން ވާހަކަދައްކާ ބަސް، އާދެ، ސިންގަޅަބަސް. އެ ބަސް ކުރިއަށް ގެންދިޔުމަށް އެކިއެކި ކޮމިޓީތަކާއި މަޖިލިސްތައް އުފެދިފައިވޭ. އެ ބަހަށް އިތުރު ބަސް ގެނައުމަށްޓަކައި. ސިންގަޅަބަހަކީވެސް އަޅުގަނޑުމެންގެ މި ދިވެހިބަސް ކަހަލަ ބަހެއް. އެއީ ދުނިޔޭގެ ނިސްބަތުގައި މާ ތަރައްޤީވެފައިވާ، މާ މުއްސަނދި ބަހެއްނޫން. އެހެންވީމާ، އެމީހުންނަށްވެސް މިހާރު ދިމާވެގެން އުޅެނީ، އަޅުގަނޑުމެންގެ ދިވެހިބަހަށްވެސް ދިމާވެގެން އުޅޭކަހަލަ ދަތިތަކެއް. ކުއްލިއަކަށް އަޅުގަނޑުމެންގެ ތެރެއަށް އާ އެއްޗެއް އައުމުން، އެއަށް ކިޔާނެ ނަމެއް ދިވެހިބަހުގައިވެސް ނޯވޭ. ހަމައެފަދައިން، ސިންގަޅަބަހަކުވެސް ނޯވޭ. އެހެންވީމާ، އެކަހަލަ ބަސްތައް ހަދައި، އަލަށް ބަސް މުއްސަނދި ކުރުމުގެ ގޮތުންނާއި، އަދި މިހާރަށް ބޭނުންވާ ބަސްތައް އުފެއްދުމުގެ ގޮތުން، ސްރީލަންކާގައި މަޖިލީހެއް ޤާއިމުކުރެވިފައިވޭ. އެތާނގެ ބައެއް ޔުނިވަރސިޓީތަކުގެ އުސްތާޛުން، ޕްރޮފެސަރުން އޭގައި ހިމެނޭ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މީހުންވެސް ހިމެނޭ ކޮމިޓީއެއް ނުވަތަ މަޖިލީހެއް އެތާނގައި އޮވޭ. އަދި އެ މަޖިލީހުގެ ފަރާތުން ނުވަތަ އެ ކޮމިޓީގެ ފަރާތުން އެ ހަމަޖައްސާ ބަސްތައް، އޭގެ ލިސްޓުތައް ޝާއިޢު ކުރެވި، އެ ބަސްތައް އެއީ ސިންގަޅަބަހުގެ ތެރެއަށް އަލުން ވަންނަ ބަސްތަކެއް ކަމުގައި ޤަބޫލުކުރެވެމުންދޭ.

އެހެންވީމާ، ސްރީލަންކާގައިވެސް އެ މަސައްކަތްކުރޭ. އަދި ސްރީލަންކާ ފިޔަވައި، އެހެން ތަންތާނގައިވެސް ކުރޭ. މިޞްރުގައިވެސް އެ މަސައްކަތް ކުރޭ. ޢަރަބިބަހުގެ ތެރެއަށްވެސް އިތުރުބަސް ގެނައުމަށްޓަކައި. ޢަރަބިބަހަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުއްސަނދި ބަހެއް. އެހެންނަމަވެސް، މި ޒަމާނާ ގުޅޭ ބައެއް އީޖާދުތަކުގެ ނަން ޢަރަބިބަހަކުން ނުހުރޭ. އެއީ ދުނިޔޭގެ އެއްވެސް ބަހެއްގައި ހުންނާނެ އެއްޗެއް ނޫން. އިނގިރޭސިބަހަކުވެސް ނުހުރޭ. އަލަށް އެއްޗެއް އީޖާދުކޮށްފީވިއްޔާ، އެއަށް ޖެހެނީ ނަމެއް ހަދަން. އެއީ ދުނިޔޭގެ ކޮންމެ ބަހަކަށްވެސް ދިމާވާ ދަތިކަމެއް. ހަމައެކަނި ދިވެހިބަހަކަށް ނުވަތަ ސިންގަޅަބަހަކަށް ދިމާވާ ދަތިކަމެއްނޫން. އެހެންވީމާ، އެތަންތާނގެ މީހުންވެސް އެ މައްސަލައާ ދޭތެރޭގައި ވިސްނައި، އަބަދު ބަހަށް އިތުރު ލަފްޒުތައް އިތުރުކުރަމުންދޭ. އެގޮތުގެ މަތިން އަޅުގަނޑުމެންގެ ބަހަށްވެސް ޚިދުމަތް ކުރެވިގެން ނޫނީ، އަޅުގަނޑުމެންގެ ބަހަކީ ކުރިއަށްދާނެ އެއްޗެއްނޫން. ބަހަކީ ކުރިއަރުވައިގެން ކުރިއަށްދާނެ އެއްޗެއް. އޭގެ އަމިއްލަ ޙައިޘިއްޔަތުން، އޭގެ ޒާތީގޮތުން ބަޔަކު އެއަށް ޚިދުމަތް ނުކުރަނީ ކަމުގައިވަނީނަމަ، ކުރިއަށްދާނެ އެއްޗެއްނޫން. އެއީ އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ.

ދިވެހިބަހަކީ ނިކަމެތި ބަހެކޭ ނުވަތަ ފަޤީރުބަހެކޭ، އެހެން ކިޔާފައި އަތް އުރާލައިގެން ތިބެންވީކީ ނޫން. އެހެން ތިބެއްޖެނަމަ ދުވަހަކުވެސް އަޅުގަނޑުމެންގެ ބަހެއް ކުރިއަކަށްނުދާނެ. ދުނިޔޭގެ އެއްވެސް ބަހެއްވެސް ކުރިއަކަށްނުދޭ، އެބަހެއްގެ އަހުލުވެރިން އެ ބަސް ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނޫނީ. ހަމަ އެހެންވާނީ ދިވެހިބަހަށްވެސް. އެހެންވީމާ، އަޅުގަނޑުމެން އެހެން ކިޔާފައި ތިބުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ބަސް ކުރިއެރުވޭތޯ މަސައްކަތް ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ޤައުމީގޮތުން އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ވަރަށް މުހިންމު މުބާރާތްތަކެއް ބާއްވަމުން އެ ގެންދަވަނީ. ޅެންހެދުމުގެ މުބާރާތް، ވާހަކަ ދެއްކުމުގެ މުބާރާތް، މަޒުމޫނު ލިޔުމުގެ މުބާރާތް. އެ މުބާރާތްތަކަކީ އޭގެ ސަބަބުން ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ބަހަށް، އަޅުގަނޑުމެންގެ އަދަބީ ފަންނުތަކަށް އިތުރު ދިރުމެއް ލިބެމުންދާނެ ކަމެއް. އެހެންވީމާ، ޤައުމީ މަރުކަޒުގެ ފަރާތުން އެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެ މަރުކަޒަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވިފަދައިން، ޤައުމީ މަރުކަޒުގެ ފަރާތުން ބާއްވަވަމުން އެ ގެންދަވާ މުބާރާތްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް މުބާރާތަކީ ވާހަކަދެއްކުމުގެ މުބާރާތް. އޭގެ ސަބަބުވެސް އެމަނިކުފާނު ހާމަކޮށްދެއްވި. އަޅުގަނޑު އެމަނިކުފާނުގެ ބަސްފުޅަށް ތާއީދުކުރަން. ޝައްކެއްނެތްގޮތުގައި، ވާހަކަދެއްކުމަކީ ވަރަށްރީތި، ވަރަށް ޚާއްޞަ ފަންނެއް. އާދެ، ވާހަކަދެއްކުމޭ އަޅުގަނޑު މި ދެންނެވީ، ޢާއްމު ތަންތާނގައި، މީހުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ވާހަކަ. އާދެ، އެއީ ޒަމާނުއްސުރެ ބައެއް ޤައުމުތަކުގައި ވަރަށް މަތީ އަހަންމިއްޔަތެއް ދެމުން އައިސްފައިވާ ފަންނެއް. ޔޫނާނުގައިވެސް އެއީ އެމީހުން ވަރަށް ކުރިއެރުވި ފަންނެއް. ރޫމާނީ ޙަޟާރަތުގައިވެސް ވާހަކަދެއްކުމަކީ، އެމީހުން ވަރަށް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްގެންދިޔަ ފަންނެއް. އަދި ޢަރަބިންގެ ޒަމާނުގައިވެސް، އެއީ ޢަރަބިން އެ ފަންނުގައި ވަރަށް ކުރިއެރި އަދި ވަރަށް މަޝްހޫރުވެފައިވާ ފަންނެއް.

ވާހަކަދެއްކުމަކީ، ނުވަތަ ޢާއްމުންގެ ތެރޭގައި ނުވަތަ ޢާއްމު ތަންތާނގައި ވާހަކަދެއްކުމަކީ، ހަމައެކަނި ޖުމްލަތަކެއް ފަތުރާލުމެއްނޫން. ލަފްޒުތަކެއް، ޖުމްލަތަކެއްގެ ސިފައިގައި މީހުންގެ ކުރިމައްޗަށް އޮއްސާލުމެއްނޫން. އޭގައި އެނޫން ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އާދެ، އެ ވާހަކަ މާ ތަފްޞީލުކޮށް ނުދެންނެވި ކަމުގައިވިޔަސް، އެއީ އަޅުގަނޑުގެ ފަހުން ވާހަކަފުޅުދައްކަވަން، ކަމަށް ވަރަށް އެކަށީގެންވާ ބޭފުޅަކު އިންނެވުމާއެކު، އެކަމާބެހޭ އިތުރު ވާހަކަތަކެއް ނުދެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެން އަހާ ބަހެއް، ޢަރަބި ބަހުގައި އޮވޭ. އެއާ ދޭތެރޭގައި އެއްޗެއް ދަންނަވައިލުމަކީ، އަޅުގަނޑު ހިތުން ނެތް ކަމެއް ނޫން. އާދެ، ޢާއްމު ތަންތާނގައި ނުވަތަ ޢާއްމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގައި ބަލާޣާތްތެރިގޮތަކީ ނުވަތަ އެންމެމޮޅު ގޮތަކީ، ޢަރަބިބަހުގެ މީހުން ބުނާގޮތުގައި، އެ އަޑުއަހަން ތިބި ބަޔަކަށް އެކަށީގެންވާ ޢިބާރާތުން އެ މުނާސަބަތާ ގުޅޭގޮތުން ވާހަކަދެއްކުން. ޢަރަބިބަހުން ބުނެއުޅެނީ "لِكُلِّ مقامٍ مَقَال" ކޮންމެ މަޤާމަކަށްވެސް، ކޮންމެ ތަނަކަށްވެސް، ކޮންމެ މުނާސަބަތަކަށްވެސް އެކަމާ ގުޅޭގޮތެއް، ވާހަކަދެއްކުމުގައި އޮންނާނެއޭ.

އާދެ، ކުޑަކުދިން ތިބި ޖަލްސާއެއްގައި ވާހަކަދައްކާއިރު، ވާހަކަދައްކާގޮތާއި، ބޮޑެތި މީހުން ތިބޭ ޖަލްސާއެއްގައި ވާހަކަދައްކާއިރު، ވާހަކަދައްކާގޮތާއި، އެކިއެކި ޢިލްމީ މަސައްކަތްތައް ކުރާ ޢިލްމުވެރިން ތިބޭ ޖަލްސާއެއްގައި ވާހަކަދައްކާގޮތާއި، ޅެންވެރިން ތިބޭ ތަނެއްގައި ވާހަކަދައްކާގޮތާއި، ވިޔަފާރިވެރިން ތިބޭ ތަނެއްގައި ވާހަކަދައްކާގޮތް، ޝައްކެއްނެތްގޮތުގައި، ތަފާތުވާންޖެހޭނެ. އެހެންވީމާ، ވާހަކަދެއްކުމުގެ އެންމެބޮޑު އެއް މުހިއްމު ކަމެއް ކަމުގައި ޢަރަބިން ފާހަގަކުރަނީ، އަޑުއަހާ ބަޔަކަށް، އެ ދައްކާވާހަކަ އެންމެ ފަސޭހައިން ދޭހަވާގޮތަކަށް، އެމީހުންނަށް އެވާހަކައިގެ ފައިދާ، އެންމެ ފުރިހަމައަށް ކުރާނެ ގޮތަކަށް ވާހަކަދައްކަމުން ގެންދިޔުން. ޝައްކެއްނެތް، އޭގެއިތުރަށް ދެންމެ ފަނޑިޔާރުންގެ ތެރެއިން ވާހަކަފުޅުދެއްކެވި އަލްއުސްތާޛު އަޙްމަދު އަސްލަމް އެ ވިދާޅުވިފަދައިން، ރީތި ޢިބާރާތް ބޭނުންކުރުން، ބަހުގެ ޤަވާޢިދަށް ޙުރްމަތްތެރިކޮށްހިތުން. މިއީވެސް ވަރަށް މުހިންމު ކަމެއް. އެއީ ކޮންމެ ބަހެއްގައިވެސް، އެ ބަހަކުން ވާހަކަދައްކަންވީ އުޞޫލުތަކެއް، ހަމަތަކެއް، ޤަވާޢިދުތަކެއް އޮންނާނެ. އެ ޤަވާޢިދުތަކާ އެއްގޮތަށް ވާހަކަދައްކަމުން ނުގެންދާ ކަމުގައިވަންޏާ، އެ ވާނީ އެ ވާހަކަދައްކާ ވާހަކަދެއްކުމަށް ލިބޭ އުނިކަމަކަށް.

އާދެ، އެހެންވީމާ، ވާހަކަދައްކާއިރު، ވާހަކަދެއްކުމުގެ ފަންނުގައި އެކުލެވިގެންވާ މުހިންމު ކަންކަމާ ދޭތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކިޔަވާކުދިން، ދަރިވަރުން ވިސްނަންޖެހޭނެ. އެކުދިން ވާހަކަ ކުރިއަށް ގެންދާއިރު، ވާހަކަދެއްކުމުގެ ފަންނުގައި މަސައްކަތް ކުރާއިރު، އެ ނުކުތާތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި، އެއާ އެއްގޮތަށް ވާހަކަދެއްކޭތޯ ބަލަންވާނެކަން ކަށަވަރު.

އާދެ، ވާހަކަދެއްކުމުގެ ފަންނަކީ ވަރަށްރީތި މުހިންމު ފަންނެކޭ ދަންނަވާއިރު، މިއަދު އޭގެ ވަރަށްރީތި މިސާލެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވާހަކަވެސް އަޅުގަނޑު ދަންނަވާލާހިތްވޭ. އާދެ، ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވާ، ވަރަށް ޢިއްޒަތްތެރި ބޭރުގެ މެހްމާނަކު ހަމަ މި ހޯލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ވާހަކަފުޅުދައްކަވަމުން ގެންދެވި. އޭނާގެ ވާހަކަފުޅަކީ އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، ވަރަށް ބަލާޣާތްތެރި، ވަރަށް ރީތި، ވަރަށް މުހިންމު ވާހަކަފުޅެއް. އޭނާއަކީ ވާހަކަދެއްކުމުގެ ފަންނުގައި، އިނގިރޭސިބަހުން ވާހަކަދެއްކުމުގެ ފަންނުގައި، ވަރަށް ކުރިއަރާފައިވާ ބޭފުޅެއްކަން، އަޅުގަނޑު ހިތުން މިތަނަށް އެ ޖަލްސާއަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ސާފުކޮށް ފިލާވަޑައިގަންނަވާނެ. އަދި އިޙްސާސް ކުރެއްވޭނެ.

އާދެ، ވާހަކަދެއްކުމުގެ ފަންނާއި، މަޒްމޫނު ލިޔުމުގެ ފަންނާއި، ޅެން ހެދުމުގެ ފަންނާ، މިއީވެސް ވަރަށް ތަފާތު ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ މަޒުމޫނު ލިޔެފައި ދޫކޮށްލީމާ، އެ މަޒުމޫނު ކިޔާ މީހުން ތިބެނީ، އެ މަޒުމޫނު ލިޔާ މީހާގެ ކުރިމައްޗަކު ނޫން. ޅެން ކިޔާ މީހުން ނުވަތަ ޅެން އަހާ މީހުން ތިބެނީކީވެސް، އެ ޅެން ހަދާ މީހާގެ ކުރިމައްޗަކު ނޫން. މަޒުމޫނު ލިޔެފައި ދޫކޮށްލަނީ. ޅެން ހަދާފައި ދޫކޮށްލަނީ. އެ މަޒުމޫނު ކިޔާ މީހުންނާއި، އެ ޅެން ކިޔާ މީހުން ތިބެނީ އެހެން ތަންތާނގައި. އެމީހުންނާ އެ މަޒުމޫނު ލިޔާ މީހަކާ ނުވަތަ އެ ޅެންހަދާ މީހަކާ ސީދާ ގުޅުމެއްނޯވޭ.

ވާހަކަދެއްކުމަކީ އެއާ ޚިލާފު ކަމެއް. މިހާރު މިތާނގައި އަޅުގަނޑު ވާހަކަދައްކަމުން މިގެންދަނީ. އަޅުގަނޑު މި ވާހަކަދައްކަނީ ތިޔަބޭފުޅުންގެ ކުރިމަތީގައި ހުއްޓިހުރެގެން. ތިޔަބޭފުޅުން ތިޔަ ތިއްބެވީ އަޅުގަނޑުގެ ކުރިމަތީގައި. އެހެންވީމާ، އަޅުގަނޑާ ތިޔަބޭފުޅުންނާ ދޭތެރޭގައި މިހާރު ވަރަށް ޚާއްޞަ ގުޅުމެއް އެބައޮތް. މަޒުމޫނު ލިޔުމާ އެއީ ވަރަށް ތަފާތު. ހަމައެފަދައިން ޅެންހެދުމާވެސް ނިކަން ތަފާތު. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ވާހަކަދެއްކުމުގެ ފަންނުގައި ވަރަށް ބޭނުންކަމެކޭ، އެ އަޑުއަހަން ތިބޭ މީހުންނަށް އެ ކުރާ އަސަރު، އެ ދައްކާވާހަކައިން ކުރާ އަސަރު، އެމީހުންގެ މޫނުމަތިން ފެނުމަކީ ނުވަތަ އެމީހުންގެ ޙަރަކާތްތަކުން ފެނިގެން ދިޔުމަކީ. އެއްވެސް ވާހަކަދެއްކުންތެރިޔަކު ވާހަކަދައްކާއިރު، އޭނާ އެ މުޚާޠަބު ކުރަނީ، ހުސް ގޮނޑިތަކަކާ ނޫން. ނުވަތަ ފާރުތަކަކާނޫން. އެމީހާ އެ މުޚާޠަބު ކުރަނީ އިންސާނުންތަކަކާ. އޭނާ ވަރަށް މަސައްކަތް ކޮށްގެން، އޭނާއަށް ލިބިފައިވާ މަޢުލޫމާތުތަކެއް ދެނީ ނުވަތަ އޭނާގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކެއް ޙިއްޞާކުރަނީ. އެހެންވީމާ، އެކުރާ މަސައްކަތުގެ ކޮންމެވެސްކަހަލަ މުޤާބިލެއް، އަޑުއަހަން ތިބޭ މީހުންގެ ފަރާތުން އެމީހާއަށް ލިބިގެންނުދާ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، އެމީހަކަށް އެކަށީގެންވާ ގޮތުގައި ވާހަކަދައްކަމަކުންނެއް ނުގެންދެވޭނެ. އަޅުގަނޑު ހިތުން މިއީ އަޅުގަނޑުމެން ފާހަގަކޮށްލުން އެކަށީގެންވާ ކަމެއް. އެއީ މިއަދުވެސް އަޅުގަނޑު ކުޑަކޮށް އަޅައިގަތް. މިއަދު އަޅުގަނޑު މި ދެންނެވި ޢިއްޒަތްތެރިޔާ ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު، އެ ދައްކަވާ ވާހަކަފުޅުގެ އެއްވެސް ޖަވާބެއް، ޙަރަކާތަކުންވެސް، އަތްތިލަބަޑިޔަކުންވެސް، ހިނިތުންވުމަކުންވިޔަސް، އަޑުއައްސަވަން ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން ފެނިގެނެއްނުދޭ. އަޅުގަނޑުމެންނަށް އެއީ އަދި މާފަސޭހަ ކަމެއް ކަމުގައިނުވިޔަސް، ބޭރު ދުނިޔޭގައި އެއީ ފާހަގަކުރެވޭ ކަންތައްތައް. ފަހަރެއްގައި އެހެން އަންނަ މީހަކު ވާހަކަދައްކާފައި، އެކަހަލަ އެއްވެސް ޖަވާބެއް، އަޑުއަހަން ތިބޭ މީހުންގެ ފަރާތުން ނުލިބުނީމާ ހިތްޕުޅަށްއަރާފާނެ، ތިމަންނާ މި ދެއްކި ވާހަކަ އެއީ އެއްގޮތަކަށްވެސް ކަމުދިޔަ ވާހަކައަކަށްނުތްވޭ. އެމީހުންނާއި އެމީހުންގެ ޝުޢޫރާ ތިމަންނާގެ ޝުޢޫރާ މުޅިން ތަފާތު ދެ ދާއިރާއެއްގައޭ އުޅެނީ. ނޫނީ ތިމަންނާ ދެއްކިވާހަކަވީ އެމީހުންނަށް ވަރަށް ފޫހި ވާހަކައަކަށޭ. މިކަހަލަ ޝުޢޫރުތަކެއް، އިޙްސާސްތަކެއް އެމީހަކަށް ލިބިގެންދިޔުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް.

ވާހަކަދައްކަން ހުންނަ މީހާއާ ދިމާއަށް، އަޑުއަހަން ތިބޭ މީހުންގެ ލޯތައް ހުއްޓިފައި ހުރުމަކީވެސް އަޅުގަނޑު ހިތުން ވަރަށް ބޭނުންކަމެއް. އެހެން ދަންނަވަން މިޖެހެނީ، އެހެން ނޫނީވިއްޔާ، ވާހަކަދައްކާ މީހާއަކަށް ނޭނގޭ، އެ އަޑުއަހަން ތިބޭ މީހުން އެ ތިބެނީ، އެމީހާ އެ ދައްކާވާހަކައެއް އަޑުއަހަންކަމެއް. ތިބެދާނެ، ކޮންމެވެސް އެހެން ޚިޔާލެއްގައި. ވަރަށް އެކަށީގެންވާ ކަމެއް. ޚާއްޞަކޮށް، ފޫހިކޮށް ވާހަކަދައްކާ މީހަކު، ވާހަކަދައްކަމުން ގެންދާ ކަމަށްވަންޏާ، އެހެން މީހުން، އަޑުއަހަން ތިބޭ މީހުން ތިބޭނީ ކޮންމެ މީހަކުވެސް، އެމީހެއްގެ އަމިއްލަ ޚިޔާލަށް މުޅިން ގެއްލި ގޮސްފައި. އެހެންވީމާ، އެ އަޑުއަހަން ތިބޭ މީހުން، ވާހަކަދައްކާ މީހާއާ ދިމާއަށް ބެލުން އެއީވެސް ވަރަށް ބޭނުން ކަމެއް.

މިކަހަލަ ވާހަކަ ދެންނެވީމާ އެއްޗެކޭ ހީފުޅުނުކުރައްވާނެ ކަމަށް ހީކުރަން. އެހެންނަމަވެސް، ބޭރު ދުނިޔޭގައި އެކަންތައްތައް ވަމުންދާގޮތް އަޅުގަނޑުމެން މިހާރު ދަސްކުރަން އެބަޖެހޭ. އެއީ އަޅުގަނޑުމެން މިހާރުގެ މި ރާއްޖެއާއި ކުރީ ޒަމާނުގެ ރާއްޖެއާ މުޅިން ތަފާތު. ކުރިން އަޅުގަނޑުމެން ތިބެނީ، އަޅުގަނޑުމެންގެ އަމިއްލަ ރާއްޖޭގައި މުޅިން އެހެން ތަންތަނާ ވަކިވެގެން. މިހާރު އަޅުގަނޑުމެން މިދަނީ ބޭރު ދުނިޔެއަށް ނުކުމެގެން. އަޅުގަނޑުމެންވެސް އެކިއެކި ޖަލްސާތަކަށް ގޮސް ވާހަކަދައްކަންޖެހޭ، ޤައުމުގެ ފަރާތުން. ހަމައެފަދައިން، ބޭރު ޤައުމުގެ ބޭފުޅުންވެސް އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެން ވާހަކަދައްކަވަން އެބަ ޖެހިވަޑައިގަންނަވާ. އެހެންވީމާ، ދުނިޔޭގެ އެހެން ތަންތާނގައިވެސް މީހުން ޢަމަލުކުރާ ރީތި ގޮތްތައް އަޅުގަނޑުމެންވެސް ދަސްކުރުމަކީ މިޒަމާނުގައި ކޮންމެހެން ބޭނުންކަމެއް. ނޫނީވިއްޔާ އަޅުގަނޑުމެންގެ ޤައުމާ ދޭތެރޭގައި، އެހެން މީސްމީހުން، ބޭރުގެ މީހުން، ޚާއްޞަކޮށް، މާ ރަނގަޅު ގޮތަކަށް ހީކުރަމުންނެއް ނުދާނެ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ޢާއްމު ތަންތާނގައި ވާހަކަދެއްކުމުގެ ފަންނާއި، އަދަބީ ފަންނުތަކުގެ ތެރެއިން، އެހެން ފަންނުތަކާ ވަރަށް ތަފާތޭ. އެއީ މިކަމުގައި ވާހަކަދައްކާ މީހާއާއާއި، އަޑުއަހާ މީހުންނާ ދޭތެރޭގައި ކޮންމެވެސްކަހަލަ ގުޅުމެއް އޮންނަންޖެހެޔޭ. އެ ގުޅުން އެމީހުންގެ ފަރާތުން ވާހަކަދައްކާ މީހާއަށް އިޙްސާސް ކުރެވެންވާނެއޭ. އިޙްސާސް ނުކުރެވޭ ކަމަށްވަންޏާ، އެމީހަކު އެ ވާހަކަދައްކަމުން ގެންދާ މައުޟޫޢަކާ ދޭތެރޭގައި އެކަށީގެންވާ ގޮތަކަށް އެމީހަކަށް އިންޞާފެއް ނުކުރެވޭނެއޭ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ވަޅުޖަހަމުންދާ ފަންނުގައި، އިތުރު ޒުވާނުން މަސައްކަތް ކުރަމުންގެންދާތީ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކިޔަވާކުދިން. ޝައްކެއްނެތްގޮތުގައި، ދިވެހިބަހުން ވާހަކަދެއްކުމަކީ އަދި އެހެން ބަސްބަހުން ވާހަކަދެއްކުމާ ކޮންމެވެސް މިންވަރަކަށް ތަފާތުވެދާނެ ކަމެއް ކަމަށް ފެނޭ. އަދި ދިވެހިބަހުގެ އަދީބުންގެ ތެރޭގައި، ވަރަށް މަޝްހޫރު ވާހަކަދެއްކުންތެރިން އެބަ ތިއްބެވި. ކުރިންވެސް އަދި މިހާރުވެސް. އެހެންކަމާއެކު، މި ފަންނަކީ ދިރުވަންޖެހޭނެ ކަމެއް. ދިރުވަންޖެހޭނެ ފަންނެއް. އެ ފަންނު ވަޅުޖަހަމުން އެދަނީ، އެ ފަންނު ދިރުވުމަށް މަސައްކަތް ނުކުރެވޭތީ. މިހާރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އެ މަސައްކަތް އެ ފެށްޓެވީ. އެހެންވީމާ، އެ މަސައްކަތަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވަރަށް ތަރުޙީބު ދޭންޖެހޭނެ މަސައްކަތެއް. އަދި އަޅުގަނޑުމެންގެ ކުރިމަތީގައި ވާހަކަދައްކަން ދަސްކުރަން ބޭނުންނަމަ، އަޅުގަނޑުމެންނަށް އެބޭފުޅުންނާ ތަބަޢަވެވޭނެ. އެބޭފުޅުން އެ ވާހަކަފުޅުދައްކަވާ ގޮތަށް އަޅުގަނޑުމެންގެ އަމިއްލަ ވާހަކަދެއްކުން ހޭނުވޭނެ، ވަރަށްގިނަ ޢިއްޒަތްތެރި ބޭފުޅުން އެބަ ތިއްބެވި. އޭގެތެރެއިން އަޅުގަނޑުގެ ފަހުން ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ ބޭފުޅަކީ، އަޅުގަނޑު ހިތުން މިހާރު ރާއްޖޭގައި އެފަދަ ދެވަނައެއް ނެތްފަދަ މޮޅު ވާހަކަދެއްކުންތެރިއެއް.

އެހެންވީމާ، އެބޭބޭފުޅުން ވާހަކަފުޅުދައްކަވާއިރު، އަޅުގަނޑުމެންގެ ކިޔަވާކުދިން، ޒުވާނުން، އެ ދައްކަވާ ވާހަކަފުޅުތަކަށް ވަރަށްބޮޑަށް ވިސްނައި، ކަނުލައި އަޑުއަހައި އަދި އެ ގެންގުޅުއްވާ ގޮތްތައް ދަސްކުރެވޭތޯ ބެލުމަކީ، އަޅުގަނޑު ހިތުން އެ ކުދިން، އެ ޒުވާނުން ވާހަކަދެއްކުމުގެ ފަންނުގައި ކުރިއަށްދާން އެދޭ ކަމުގައިވަންޏާ، އެކުދިންނަށް ލިބޭނެ ވަރަށްބޮޑު ފިލާވަޅެއް.

އާދެ، އަޅުގަނޑުގެ ވާހަކަ މިހިސާބުން ކުރުކޮށްލަން ޤަޞްދުކުރަނީ. މިރޭ އެކިއެކި މަޤާމުތައް ހޯދައި އިނާމުތައް ޙާޞިލުކުރި ފަރާތްތަކަށް އަދިވެސް އެއްފަހަރު މުބާރަކްބާދީ ރައްދުކުރަން. ހަމަ އެއާއެކުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށާއި، އެ މަރުކަޒުގެ ރައީސަށް ދިވެހިބަހުގެ އަދަބިއްޔާތު ތަރައްޤީ ކުރެއްވުމަށްޓަކައި، ކުރިއަށް ގެންދެވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތީ، އަޅުގަނޑުގެ ހިތުގެ އަޑީން ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

والسّــلام عليكم ورحمـة اللّـه وبركاته.