ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މާދަމާ ހުޅުއްވާލައްވާނެއެވެ. ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާލެއްވިކަން އިޢްލާން ކުރައްވައި، އިނާމާބެހޭ އިތުރު މަޢްލޫމާތު އެކޮމިޓީން ހާމަކުރައްވާނީ، މިކަމަށްޓަކައި މާދަމާ ހެނދުނު 9.30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޕްރެސް ކޮންފަރެންސެއްގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އެކޮމިޓީން މާދަމާ ހުޅުއްވާލައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމަނިކުފާނުގެ އިއްޔެގެ ރޭޑިޔޯ ޚިޠާބުގައިވަނީ ވިދާޅުވެފައެވެ.

ޤައުމީ އިނާމާބެހޭ ގޮތުން އެކޮމިޓީން ނެރުއްވާ ލިޔުން ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މާދަމާ ޝާއިޢު ކުރައްވާނެއެވެ. އަދި މިކަމާބެހޭ ދެންނެވުމެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާދަމާ ނެރުއްވާނެއެވެ. ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.