بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين. وبعد:

السّــلام عليــكم جميعا ورحـمــة اللّـه وبـركاتـه.

އާދެ! މިނިވަންކަމުގެ އުފަލާއި މިނިވަންކަމުގެ ޤައުމީ ޝުޢޫރުތައް އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވެފައިވާ ވަގުތުގައި، އަޅުގަނޑުމެން އެންމެންގެ އެންމެ އިސް ވާޖިބަކަށްވާންވާނީ، ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްކަމުގައި ލެއްވި އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެންގެ ކާބަފައިންނަށާއި އަދި އަޅުގަނޑުމެންނަށް ދެއްވި اللّـه تبـارك وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުން.

އާދެ! އެއަށްފަހުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 19 އަހަރު ފުރޭ 20 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ޝައްކެއްނެތް، މިނިވަންކަމަކީ އިންސާނުން ވަރަށް ބޮޑަށް ޤަދަރުކުރާ އެއްޗެއް. މިނިވަންކަމުގެ އަގު ވަޒަންކުރެވެނީ މިނިވަންކަމުން މަޙްރޫމްވެފައިވާ މީހުންނަށް. އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތް ޤައުމެއް. އަޅުގަނޑުމެންގެ މިނިވަންކަން، ޤައުމީ މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ، ވަރަށްމަދުފަހަރަކު. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ، ދިވެހި ރައްޔިތުންނަކީ އަބަދުވެސް މިނިވަންކަމުގެ ޙަޤީޤީ އަގު ވަޒަންކުރާ، މިނިވަންކަމަށް ލޯބިކުރާ އަދި މިނިވަންކަމަށްޓަކައި ޖިހާދުކުރާ ބަޔެކޭ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ކުރިޔަށް ގެންދިޔުމުގެ ކުރިން، މިއަދު މިއުފާވެރި އިޙްތިފާލުގައި އަދި މިނިވަންދުވަހާ ބެހޭގޮތުން ބޭއްވޭ ހުރިހާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި، ބޭރު ޤައުމުތަކުގެ ފަރާތުން ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނަށް މަރްޙަބާއާއި ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން.

އަޅުގަނޑުމެންނާ އެކުވެރިކަމުގެ ގުޅުމުން ގުޅިފައިވާ ވަރަށް ގިނަ ޤައުމުތަކުން އެކިފެންވަރުގެ ބޭފުޅުން މިކަންކަމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މާލެއަށް ވަޑައިގެން އެބަތިއްބެވި. އޭގެތެރޭގައި ބޭރުޤައުމުތަކުގެ ސަފީރުންނާއި، ސަފީރުން ފިޔަވައި އެޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސީތަކުގައި ތިއްބަވާ ބޭފުޅުންނާއި އަދި އެއަށްވުރެ މަތީ ފެންވަރުގެ ބައެއް ބޭފުޅުންވެސް ހިމެނޭ.

މިގޮތުން މި އަހަރުގެ، އަޅުގަނޑުމެންގެ މިނިވަންދުވަހުގެ އުފާވެރި އިޙްތިފާލުތައް ދެކެވަޑައިގަތުމަށްޓަކައި އުތުރު ކޮރެޔާގެ ފަރާތުން ވަޑައިގެން އިންނެވި ޢިއްޒަތްތެރި ވަޒީރު އާދެ، އެޤައުމުގެ މަސައްކަތްތެރިކަމާބެހޭ ވަޒީރު މިސްޓަރ ޔުން ސޯއަށް ޚާއްޞަ މަރްޙަބާއެއް ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

މިނިވަންދުވަހަކީ ކޮންމެ އަހަރަކު އެއްފަހަރު ތަކުރާރުވަމުން އަންނަ ދުވަހެއްކަމުގައިވިޔަސް، އެދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ ޝުޢޫރުތަކަކަށް އެއްވެސް ބަދަލެއް ނާދޭ. އާދެ! އެހެންވާންވީ ސަބަބަކީ މިނިވަންކަމަކީ އިންސާނަކަށް ނުވަތަ އިންސާނުންނަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތް ކަމަށްވާތީ.

އިންސާނީ ޙައިޘިއްޔަތަކުން ބަލައިފިނަމަ، މިނިވަންކަމަށްވުރެ ވަކި ބޮޑު ނިޢުމަތެއް އޮތެކޭ ދެންނެވޭކަށް ނެތް. މި ޙަޤީޤަތަކީ ދުނިޔޭގެ އެންމެންވެސް ގަބޫލުކުރާ ޙަޤީޤަތެއް. މިޒަމާނުގައި އެކަންޏެއް ނޫން. ވޭތުވެދިޔަ ޒަމާންތަކުގައިވެސް، ކޮންމެ ޤައުމެއްވެސް އެބަޔެއްގެ މިނިވަންކަން ރައްކާކުރެވޭތޯ، މިނިވަންކަން ގެއްލިއްޖެނަމަ، އެ މިނިވަންކަން އަނބުރާ ގެނެވޭތޯ ކުރަމުން ގޮސްފައިވާ މަތިވެރި ޖިހާދާއި މަސައްކަތްތަކުން އެނގޭގޮތުގައި މިނިވަންކަމަކީ، ޒަމާނުއްސުރެ މިބިމުގައި އިންސާނުން އުޅެން ފެށީއްސުރެ މިއަދާ ޖެހެންދެން ހުރިހާ އިންސާނުންވެސް ވަރަށް މަތިވެރި ދަރަޖައަކަށް ޤަދަރުކުރާ ކަމެއް.

އާދެ! އަޅުގަނޑުމެން ދިވެހިންނަކީ ކުރިންވެސް ދެންނެވިފަދައިން، މިނިވަންކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދޭ، މިނިވަންކަންދެކެ ވަރަށް މަތިވެރި ދަރަޖައަކަށް ލޯބިކުރާ ބައެއް. އަޅުގަނޑުމެންގެ ބަހުގައި މި ނިޢުމަތަށް މިނިވަންކަމަށް ކިޔާ ލަފުޒަށް ވިސްނާލިޔަސް އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި އިންސާނީވަންތަކަމާ ގުޅިފައިވާ، އެކަން އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގަނެވިއްޖެނަމަ، އަޅުގަނޑުމެންނަކީ އިންސާނުން ކަމުގައި ނުބެލޭފަދަ ބައެއްކަން ދޭހަކޮށްދޭ. އާދެ! ބަހުގެ އުސްތާޛުން ވިދާޅުވާގޮތުގައި "މިނިވަންކަން" އެލަފުޒު ނެގިފައި އެއޮތީ، "މިނި" މިލަފުޒުންނާއި، "ވަން" މިލަފުޒުންނާއި، "ކަން" މިލަފުޒުން. އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، "މިނި" އެއީ އާދަމުގެ ދަރިން ނުވަތަ އިންސާނުން. އެހެންވީމާ، "މިނިވަންކަން" އެލަފުޒުގެ މާނައަކީ، އިންސާނީވަންތަކަން. ތިމާއަކީ އިންސާނަކަށް ވެއްޖެނަމަ، ތިމާވާންޖެހޭނީ މިނިވަނަކަށް. މިނިވަންމީހަކަށް. މިނިވަންކަން ތިމާގެ ކިބައިން ނިގުޅައިގަނެވިއްޖެނަމަ، ތިމާއަކީ ދިވެހިބަހުގެ މިދެންނެވި ހަމަތައް ބުނާގޮތުގައި އިންސާނެއްވެސް ނޫން. އެހެންކަމުން، އަޅުގަނޑުމެންނަށް އެނގެނީ، މިނިވަންކަމަކީ ދިވެހިން ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދޭ، ދިވެހިންގެ ނަޒަރުގައި ވަރަށް ބޮޑު ނިޢުމަތެއްކަން. ކުރިންވެސް ދެންނެވި ފަދައިން، މިނިވަންކަމަކީ ހަމައެކަނި ދިވެހިން ޤަދަރުކުރާ ނިޢުމަތެއް ނޫން ނުވަތަ ސިފައެއް ނޫން. އެއީ، ދުނިޔޭގެ އެންމެންވެސް އިހުޒަމާނުގައިވެސް އަދި މިހާރުވެސް އެންމެ ބޮޑަށް ޤަދަރުކުރާ، އެންމެ ބޮޑަށް އެކަމަކަށްޓަކައި ޝުކުރުވެރިވާ ނިޢުމަތް.

އާދެ، މިފަދަ މުނާސަބަތުތަކުގައި ޤައުމީ މިނިވަންކަމާ ދޭތެރޭގައި ވާހަކަދައްކައި ނުވަތަ މިނިވަންކަން ލިބުމުގެ އުފާ ފާޅުކޮށްހަދާ މުނާސަބަތުތަކުގައި، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭގޮތުންވެސް ވިސްނަންޖެހޭ. ޝައްކެއްނެތް، ބައެއްފަހަރަށް މިނިވަންކަން ލިބިގަތުމަށްވުރެ ކިތަންމެ ދިގު އަދި ކިތަންމެ ބިރުވެރި ޖިހާދެއް ކޮށްގެން ނަމަވެސް، މިނިވަންކަން ލިބިގަތުމަށްފަހުގައި، އެމިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން އޮންނަނީ
އެ މިނިވަންކަން ލިބިގަތުމަށްޓަކައި ކުރި ޖިހާދަށްވުރެ، ކުރި މަސައްކަތަށްވުރެ މާ ބުރަ، މާ އުނދަގޫ ކަމަކަށްވެފައި. އެހެންވީމާ، އެ ނުކުތާއަކީ އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާންނައްތާލައިގެންވާނެ ނުކުތާއެއް ނޫން. ކުރީ ޒަމާނުގައި ޤައުމެއްގެ މިނިވަންކަން ގެއްލޭ އޮންނަނީ އެންމެ ގޮތެއް. އެއީ ސީދާ ހަނގުރާމަކޮށްގެން، ބޭރު ބަޔަކު އައިސް، އެހެން ރަށެއް ފަތަޙަކުރުން. އޭގެ އިތުރަށް، އެހެންގޮތްގޮތުން ކުރީ ޒަމާންތަކުގައި، އެހެން ޤައުމުތަކުގެ މީހުން އަޅުވެތިކުރެވޭގޮތެއް އޮތްކަމަކަށް އެނގިފައެއްނެތް.

މި ޒަމާނަކީ މިދެންނެވި ޒަމާންތަކާ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ތަފާތު ޒަމާނެއް. މިޒަމާނުގައިވެސް ކުރިން މި ދެންނެވިފަދައިން، އެއް ޤައުމެއްގެ ސިފައިން އަނެއް ޤައުމަކަށް އަރައި ހަނގުރާމަކޮށް، އެތަން ފަތަޙަކޮށްގެން، އެއީ އެމީހުންގެ ދަށުގައިވާ އަޅުވެތި ޤައުމަކަށް ހަދާ. އެކަމުގެ ބައެއް މިސާލު މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. އެއް މިސާލަކީ، ފަލަސްޠީނުގެ މިސާލު. އެތާނގެ ރައްޔިތުންވަނީ އެރަށުން ބޭރުކުރެވިފައި ނުވަތަ އެރަށުގެ ރައްޔިތުންނަށްވެސް، އެތާނގައި ތިބި މީހުންނަށްވެސް އެމީހުންގެ އަމިއްލަ ވަޒަނެއް ނެތް ގޮތެއްގައި، އެމީހުންގެ އަމިއްލަ އިންސާނީ ޙައްޤުތަކެއް ނެތްގޮތެއްގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައި. އެމީހުންގެ މައްޗަށް ވެރިވެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ބޭރުން އައިސް، އެމީހުންގެ ޤައުމުގައި ވަޒަންވެރިވެ ތިބި ބައެއް.

އާދެ! އެހެންވީމާ، ފަލަސްޠީނުގެ މިސާލުންވެސް މި ޒަމާނުގައިވެސް ހަނގުރާމަކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން މިނިވަންކަން ނިގުޅައިގަނެވިދާނެކަން އެބަ އެނގޭ. އެފަދަ އަނެއް އިސްލާމީ ޤައުމަކީ އަފްޣާނިސްތާނު. އަފްޣާނިސްތާނުގައި ކަންތައްތައް ހިނގަމުންދާގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތަނަކީވެސް ބޭރު ޤައުމެއްގެ ސިފައިން އެތަނަށް ވެރިވެގަނެގެން، އެތަނުގައި އެމީހުން ބޭނުންވާކަހަލަ ސަރުކާރެއް ޤާއިމުކޮށްގެން ޢަމަލުކުރަމުންދާ ތަނެއް. އެހެންވީމާ، މި ޒަމާނުގައިވެސް މި ދެންނެވިފަދައިން، ހަނގުރާމަކޮށްގެން ނުވަތަ ސިފައިންގެ ބޭނުންކޮށްގެން، ތަންތަން ފަތަޙަކޮށް ނުވަތަ ފަތަޙަނުކުރިކަމުގައިވިޔަސް، ބޭރުބަޔަކު ބޭނުންވާގޮތަކަށް، އެމީހުންގެ ނުފޫޒުގެ ދަށުން ބައެއް ޤައުމުތައް ހިނގާގޮތް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. މި ދެންނެވީ، ސީދާ ހަނގުރާމަކުރުމާއި ޢަސްކަރީ ޙަމަލަދިނުމާއި، މީގެ އިތުރަށް، މި ޒަމާނުގައި ބައެއް މިނިވަން ޤައުމުތަކުގެ މިނިވަންކަން ގެއްލޭ ގޮތްތަކެއްވެސް އެބަހުރި ވާހަކަ.

އާދެ، އޭގެ ބައެއް ކަންތަކާ ދޭތެރޭގައި، އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ ވާހަކަފުޅު ދައްކަވައިފި. އާދެ، އޭގެތެރެއިން އެއްކަމަކީ އިޤްތިޞާދީގޮތުން އެހެން ބައެއްގެ މައްޗަށް ނުފޫޒު ފޯރުވުން ނުވަތަ އިޤްތިޞާދީ އަޅުވެތިކަމުގެ ދަށަށް އެހެން ޤައުމުތައް ގެނައުން. މިއީވެސް މި ޒަމާނުގައި ވަމުންދާ ކަމެއް. އެކަމަށްޓަކައި ހުރިހާ ޤައުމުތަކުންވެސް ދަނީ ވަރަށް ބޮޑު ސަމާލުކަމެއްދީގެން އިޤްތިޞާދީ މިނިވަންކަން ރައްކާތެރިކުރެވޭތޯ ބަލަމުން. މީގެ އިތުރަށް، ޘަޤާފީގޮތުންވެސް ޤައުމުތައް އަޅުވެތިކުރެވޭ. ފިކުރީގޮތުންވެސް ޤައުމުތައް އަޅުވެތިކުރެވޭ. މިކަންތައްތައް މިހެން ހުރުމާއެކު، މިޒަމާނުގައި ޤައުމީ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކަކީ، މީގެ ކުރީ ޒަމާންތަކުގައި ޤައުމީ މިނިވަންކަމަށް ދިމާވެފައިވާ ނުވަތަ ދިމާވެފައިހުރި ނުރައްކާތަކަށްވުރެ މާ ބޮޑެތި ނުރައްކާތަކެކޭ އަޅުގަނޑަށް ދެންނެވެން އަންނަނީ.

އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް، މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާއިރު، ކުރީ ޒަމާނުގެ މީހުން މިކަމަށް ދިން އަހަންމިއްޔަތަށްވުރެ މާބޮޑު އަހަންމިއްޔަތެއް އަޅުގަނޑުމެން ދޭންޖެހޭނެ. އެގޮތަކީ، ސީދާ އަޅުގަނޑުމެންނާ ހަނގުރާމަކުރާނެ ބަޔަކު ނައިކަމުގައިވިޔަސް، އެހެން ގޮތްގޮތުން އަޅުގަނޑުމެން އަޅުވެތިކޮށްފާނެ އެތައްބަޔަކު ތިބެދާނެ. އަދި އެކަހަލަ މަސައްކަތްތަކެއް އެބަޔަކު ކުރަމުން ގެންގޮސްފާނެ. އަޅުގަނޑުމެންނަށް ނުވެސް އެނގިތިބެ، އަޅުގަނޑުމެންނަށް އެބައެއްގެ ދަށުވެވިދާނެ. އެހެންވީމާ، ކުރީ ޒަމާންތަކަށްވުރެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅުގަނޑުމެން މި ޒަމާނުގައި މާބޮޑަށް ވިސްނަންޖެހޭނެ.
އަޅުގަނޑުމެންނާ ކުރިމަތިވާ އެކި ކަންކަމުގައި ހިމެނެނީ، ކޮންކޮން ކަންކަމެއްތޯ، އެއީ ކޮންކަހަލަ ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާވެގެން އަންނަ ކަންކަމެއްތޯ ވަރަށް ބޮޑަށް ވިސްނަންޖެހޭ. ވަރަށް ފަސޭހައިން އިޤްތިޞާދީ ކުރިއެރުން އެކަމެއްގެ ތެރޭގައި ހިމެނޭ ކަމެއްވެސް އަޅުގަނޑުމެންނާ ހަމަޔަށް އަތުވެދާނެ. އެކަމަށް އަޅުގަނޑުމެން މަރުޙަބާކިޔަނީ އެކަމުން އަޅުގަނޑުމެންގެ ޤައުމަށް އިތުރު ތަރައްޤީއާއި މުއްސަނދިކަން ލިބޭނެކަމުގެ އުންމީދުގައި. އެހެންނަމަވެސް، އެއާދޭތެރޭގައި ރަނގަޅަށް ނުވިސްނައި، އެކަމުގައި އެކުލެވިގެންވާ ސިއްރުތަކާދޭތެރޭގައި ޣާފިލުވެވިގެން އަޅުގަނޑުމެންނަށް ތިބެވިއްޖެނަމަ، މާފަހުން އަޅުގަނޑުމެންނަށް އެނގިދާނެ، އަޅުގަނޑުމެންގެ ކުރިއެރުން އެކަމުގައިވާކަމަށް ހީކޮށް އަޅުގަނޑުމެން މި މަރުޙަބާކީ ކަންތަކުގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދިޔުންކަން. އެހެންވީމާ، އަޅުގަނޑު މި ދެންނެވި ނުކުތާއަށް ކުރިއަށްވުރެ މިހާރު މާބޮޑު ސަމާލުކަމެއް ދޭންޖެހިފައި މިވަނީ.

އާދެ، ޤައުމީ މިނިވަންކަމާދޭތެރޭގައި ސުވާލުކޮށް ވާހަކަދައްކައި ހަދާއިރު، މިނިވަންކަމުގެ މަފްހޫމަށް، މިނިވަންކަމޭ ބުނީމާ، އެ ބުނެވެނީ ކޮން އެއްޗެއްކަމާ ދޭތެރޭގައި، ޚާއްޞަކޮށް، ޤައުމީ މިނިވަންކަން އެއީ ކޮން އެއްޗެއްތޯ، އޭގެ މަފްހޫމަކީ ކޮބައިތޯ؟ މިވެސް އަޅުގަނޑު ހިތުން އަންނަނީ ބަދަލުވަމުން. ކުރީ ޒަމާނުގައި ޤައުމީ މިނިވަންކަމޭ ބުނީމާ، އެ ހިތަށް ވަންނަ މާނައެއްނޫން، މިހާރު ޤައުމީ މިނިވަންކަމޭ ބުނީމާ ހިތަށް ވަންނަނީ. އެއީ ދުނިޔޭގައި ކަންތައް ހިނގަމުންދާ ގޮތުން. ދުނިޔެ ތަރައްޤީވަމުންދާ ގޮތުން އަންނަ ބަދަލުތަކެއް. އެ ބަދަލުތައް ނައިހެއް ނުހުންނާނެ. ކޮންމެއަކަސް ތަންކޮޅެއް ކުރިން މިނިވަން ޤައުމެކޭ، މިނިވަން މުސްތަޤިއްލު ޤައުމެކޭ ބުނުމުން، އަޅުގަނޑު ހިތުން ގިނަ މީހުންނަށް އެއިން ދޭހަވާނީ، އެ ޤައުމަކީ އެބަޔަކު ބޭނުން ކޮންމެގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ލިބިފައިވާ ޤައުމެކޭ. އެކަމަކު ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިފަދައިން، މި ޒަމާނުގައި އެކަން އޮންނަނީ އެގޮތަކަށް ނޫން. އެއީ މިޒަމާނަކީ، އެއް ޤައުމެއްގެ އެހީއަށް އަނެއް ޤައުމަކުން ނުވަތަ އެހެނިހެން ޤައުމުތަކުން ބޭނުންވެފައިވާ ޒަމާނެއް. މިޒަމާނުގެ ކަންތައްތައް ބަދަލުވެފައިވާގޮތުން، ދުނިޔޭގައިވާ އެންމެ ބާރުގަދަ ޤައުމަކީވެސް މުޅިން މިނިވަން، އެމީހުން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރެވިދާނެ ބަޔެކޭ ދެންނެވޭކަށް ނެތް.

އާދެ، ހުޅަނގުގެ ބޮޑެތި، ބާރުގަދަ މުއްސަނދި ޤައުމުތަކަށް ވިސްނާލިޔަސް، މިދެންނެވި ބަހަކީ ތެދުބަހެއްކަން އެނގިވަޑައިގަންނަވާނެ. އެމީހުންގެ އިޤްތިޞާދު ބިނާވެފައިވާ އެންމެ ބޮޑު އެކައްޗަކީ، ތެޔޮ. ތެޔޮ ލިބިގެން ނޫނީ، އެމީހުންގެ ކުރިއެރުން ދެމެހެއްޓޭނެ އެއްވެސްގޮތެއް ނޯންނާނެ. އެހެންވީމާ، ޙަޤީޤަތުގައި އެމީހުންނަކީ ކިތަންމެ ބާރުގަދަ، މުއްސަނދި ބަޔަކަށްވިޔަސް، އެ މީހުންގެ އިޤްތިޞާދުގެ ވަރަށް ބޮޑު ބައެއް ބިނާވެފައި އެ އޮންނަނީ ތެޔޮ އުފައްދާ ޤައުމުތަކުގެ މައްޗަށް. އެހެންވީމާ، މިދެންނެވި ހުޅަނގުގެ ބޮޑެތި ޤައުމުތަކަކީވެސް ހުރިހާ ގޮތަކުން ބަލާއިރު އަމިއްލަ މިނިވަންކަމެއް ލިބިފައިވާ، އެމީހުން ބޭނުންގޮތަކަށް ކަންތައްކުރުމުގެ ފުރިހަމަ ޙައްޤާއި އިޚްތިޔާރު ލިބިފައިވާ ބަޔެކޭ ދެންނެވޭކަށް ނެތް.

ހަމައެއާއެކުގައި މިދެންނެވި ތެޔޮ އުފައްދާ ޤައުމުތައް، އެ މީހުންނަކީވެސް އެ މީހުންގެ އަތުގައި އިޤްތިޞާދީ ވަރަށް ބޮޑު ބާރެއް އޮތްކަމުގައިވިޔަސް، ހުރިހާ ކަމެއްގައި އެމީހުން ބޭނުންގޮތަށް ކަންތައްކުރުމުގެ އިޚްތިޔާރު ލިބިފައިވާ ޤައުމުތަކެކޭ ދެންނެވޭކަށް ނެތް. އެއީ، އެ ތަންތާނގައި ނުއުފައްދާ ތަކެތި، ޚާއްޞަކޮށް ކާބޯތަކެތި، ގިނަ ޤައުމުތަކުން، މިދެންނެވީ ތެޔޮ އުފައްދާ ގިނަ ޤައުމުތަކުގައި އެމީހުންނަށް ބޭނުންވާވަރަކަށް ކާބޯތަކެތި ނުއުފެއްދޭ. އެހެންވީމާ، ކާބޯތަކެތިވެސް އެމީހުން އެތެރެކުރަންޖެހެނީ، ބޭރުގެ ޤައުމުތަކުން. ހަމަ އެގޮތަށް ދަންނަވަންޖެހެނީ، އެކިއެކި ބޮޑެތި ޞިނާޢީ ޤައުމުތަކަށްވެސް، އެމީހުންގެ ކުރިއެރުން ދެމެހެއްޓޭކަށް ނެތޭ. އަދި މިހާރު އެމީހުން އެ ކުރިއަރާފައިވާ ކުރިއެރުމަށްވުރެ ކުރިޔަށްދެވޭކަށްވެސް ނެތޭ. އެމީހުންނަށްވުރެ، އެމީހުން ދެކޭގޮތުގައި ދަށުގައިވާ ޤައުމުތަކުގެ އެހީ ލިބިގެންނޫނީ. އެއީ، އެކިއެކި ބޮޑެތި މަސައްކަތްތައް އުފައްދާ އެ ކާރުޚާނާތައް ހިންގުމަށް ބޭނުންވާ އެންމެ ފުރަތަމަ މާއްދާ، މިސާލަކަށް ދަންނަވަންޏާ އެކިއެކިވައްތަރުގެ މަޢުދަން، ނުވަތަ ރަބަރު، ނުވަތަ ލަކުޑި، ނުވަތަ އެނޫންވެސް އެކަހަލަ އެއްޗެތި ގިނައިން ލިބެން ހުންނަނީ އޭޝިޔާގެ ޤައުމުތަކުގައި، ނުވަތަ އެފްރިކާގެ ޤައުމުތަކުގައި، ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި. މިދެންނެވީ އުފެއްދުންތެރިކަމުގެ އެންމެފުރަތަމަ މާއްދާ ނުވަތަ އެންމެ ފުރަތަމަ މާއްދާތައް، މުއްސަނދި ޞިނާޢީ ޤައުމުތަކަށް ލިބިގެންނޫނީ، އެ މީހުންގެ ކުރިއެރުން ދެމެހެއްޓޭކަށްވެސް ނޯންނާނެ.

އެހެންވީމާ، އެގޮތުން ބަލާއިރު، މިދެންނެވި ޞިނާޢީގޮތުން ކުރިއަރާފައިވާ ޤައުމުތައް އެއީވެސް ފުރިހަމަ މިނިވަންކަން ލިބިގެންވާ އަދި އެ މީހުން ބޭނުންގޮތަކަށް ކަންތައްކުރުމުގެ އިޚްތިޔާރު ލިބިގެންވާ ބަޔެކޭ ނުދެންނެވޭނެ. އެގޮތަށް ޢަމަލުކުރާ ކަމުގައިވަންޏާ، ކުރިން މިދެންނެވި ކުދިކުދި ޤައުމުތަކުން ބޮޑެތި ޤައުމުތަކަށް ބޭނުންވާ މާއްދާތައް އެ މީހުންނަށް ވިއްކުން ހުއްޓާލައިފިނަމަ، އެ މީހުންނަށް ޖެހޭނީ އެ މީހުންގެ ސިޔާސަތު ބަދަލުކޮށްލަން. މިގޮތަށް ވަރަށްގިނަ ކަންތައް ދިމާވެފައިވެސް އެބަހުރި.

ކުރިންވެސް އަޅުގަނޑު އިޝާރަތްކުރިފަދައިން، ތެލަކީ މިހާރުގެ އިޤްތިޞާދުގެ ވަރަށް ބޮޑު ބައެއް. ދުނިޔޭގެ އިޤްތިޞާދުގެ ވަރަށް ބޮޑު ބައެއް. އެހެންވީމާ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެފަދައިން، މެދުއިރުމަތީގެ އެކިއެކި ހަނގުރާމަތަކާ ގުޅިގެން، ތެޔޮ އުފައްދާ ޢަރަބި ޤައުމުތަކުން އެ ހަތިޔާރުގެ ބޭނުންކުރި ގޮތެއްގެ ސަބަބުން ބޮޑެތި ޤައުމުތަކަށްވެސްޖެހެނީ އެމީހުން އެ މައްސަލައިގައި ގެންގުޅޭ ސިޔާސަތު ބަދަލުކޮށްލަން.

އާދެ، ކުދި ޤައުމުތަކަށް ވިސްނާއިރު، ކުދި ޤައުމުތައް އެހެނިހެން ޤައުމުތަކުގެ އެހީއަށާއި އެއްބާރުލުމަށް ބޭނުންވެފައިވާލެއް އަދި މާބޮޑު. އެއީ، މި ޒަމާނުގެ ޢިލްމުތަކާއި ހުނަރުތަކާއި ތަޖުރިބާ އޮތީ ބޮޑެތި ޤައުމުތަކުގެ އަތްމަތީގައި. ކުދިކުދި ޤައުމުތަކަށް ތަރައްޤީވެވޭނީ، ކުރިޔަށް ދެވޭނީ، މިދެންނެވި ޢިލްމުތަކާއި، ހުނަރުތަކާއި ތަޖުރިބާއިން އެ މީހުންނަށްވެސް އެކަށީގެންވާ ފެންވަރަކަށް ކުރިޔަށް ދެވިގެން. މިކަން އޮތީ މިއަދު ބޮޑެތި ޤައުމުތަކުގެ އަތްމަތީގައި ކަމަށްވާތީ، ކުދިކުދި ޤައުމުތައްވެސް ވަނީ ބޮޑެތި ޤައުމުތަކުގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައި.

އާދެ، މިދެންނެވި ކަންތައްތަކުގެ އިތުރަށް، ހަމައެކަނި ދިފާޢީ ނަޒަރަކުން ވިސްނާލިޔަސް، މިއަދުގެ އެއްވެސް ޤައުމަކީ، އެހެން ޤައުމުތަކާ ވަކިން އޮވެވޭނެ ޤައުމެއް ކަމަކަށްނުވޭ. އާދެ، ޢަސްކަރީގޮތުން އެންމެ ބާރުގަދަ ދެ ޤައުމު، އަޅުގަނޑުމެން އެންމެންވެސް ދަންނަމު. އެހެންނަމަވެސް، އެ މީހުންނަށްވެސް އެ މީހުން އަމިއްލައަށް، އެ މީހުންގެ އަމިއްލަ ދިފާޢުގައި، އެ މީހުން އަޅާ ފިޔަވަޅުތަކުން ޤައުމު ދިފާޢުނުވެވޭނެކަން ވަނީ ގަބޫލުކުރެވިފައި. އޭގެ ހެތްކަކީ، މިހާރު ދުނިޔޭގައި އުފެދިފައި މިއޮތް ވާދަވެރިކަން. ޢަސްކަރީ ވާދަވެރިކަން. ކޮންމެ ބަޔަކުވެސް އެބަޔަކަށް ތާއީދުކުރާ ބަޔަކު ހޯދައިގެން، ކޮންމެވެސް ބާވަތެއްގެ ޢަސްކަރީ ޖަމާޢަތެއް އުފައްދައިގެން، އެ ޖަމާޢަތުގެ އެހީގައި، އެ މީހުންގެ އަމަނާބެހޭ ކަންތަކާއި، ދިފާޢާބެހޭ ކަންތައް ރާވައި ހިންގަމުން ގެންދަނީ.

އެހެންވީމާ، އެއިން އެނގޭ އެއްޗަކީ ދިފާޢު. އެއީވެސް މިއަދުގެ ކަންތައްތައް ކުރިއަރާފައިވާ ގޮތުން، ހަނގުރާމައިގެ ހަތިޔާރުތައް ކުރިއަރާފައިވާގޮތުން އެއްގޮތަކަށްވެސް އެއް ޤައުމަކަށް އަމިއްލައަކަށް ކުރެވޭނެ ކަމެއް ނޫންކަން. އެ ޤައުމަކީ ކިތަންމެ ބާރުގަދަ، ކިތަންމެ ބޮޑު ޤައުމަކަށްވިޔަސް، އެކަމުގައިވެސް އެއަށްވުރެ ކުދިކުދި ޤައުމުތަކުގެ ނުވަތަ މިދެންނެވި ޤައުމާ އެއްފެންވަރަށް އެކަންތައްތައް ގޮސްފައިނުވާ ޤައުމުތަކުގެ އެހީއާއި އެއްބާރުލުންވެސް ހަމަ އެ ޤައުމުތަކަށްވެސް ވަނީ ބޭނުންވެފައިކަން.

އާދެ، ހަމައެފަދައިން، މިހާރު އ.ދ. މަޖިލިސް އުފެދިފައި އޮތުން އެއީވެސް އަޅުގަނޑު މިދެންނެވި ބަހުގެ ހެތްކަކަށްވާނެ. އެއީ، ދުނިޔޭގެ އެންމެންނަށް ގަބޫލުކުރެވެނީ، މިޒަމާނުގައި އެއްވެސް ޤައުމަކަށް އެބަޔަކު އަމިއްލައަށް އެބަޔަކު ބޭނުންގޮތަކަށް ނޫޅެވޭނެކަން. އިޤްތިޞާދީގޮތުން ކުރިއަރަން ބޭނުންވާނަމަ ނުވަތަ އިޖުތިމާޢީގޮތުން ކުރިއަރަން ބޭނުންވާނަމަ ނުވަތަ އެބައެއްގެ އަމަންއަމާންކަން ރައްކާތެރިކޮށް، އެބައެއްގެ ޤައުމު ދިފާޢުކުރަން ބޭނުންވާނަމަވެސް ޖެހޭނީ އެހެން މީހުންނާ ގުޅިގެން އުޅެން. އެއީ، އެހެން ޤައުމުތަކުގެ އެހީވެސް ލިބިގެން. އެހެންވީމާ، އެކަން އެއީ އެންމެންނަށް ގަބޫލުކުރެވޭ ޙަޤީޤަތަކަށްވެގެން މިއަދު އ.ދ.މަޖިލިސް އުފެދިފައި އެއޮތީ. އަދި އެ މަޖިލީހާ ގުޅިފައިވާ އެހެނިހެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަދި ސަރަޙައްދީ ޖަމާޢަތްތައް އުފެދިފައިވަނީވެސް މި ދެންނެވި ސަބަބަށްޓަކައި.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، ކުރީ ޒަމާނުގައި މިނިވަންކަމުގެ މަފްހޫމް އޮތްގޮތާއި މިހާރު މިނިވަންކަމުގެ މަފުހޫމް އޮތްގޮތާ މިއީ ވަރަށް ތަފާތު ދޭއްޗެކޭ. އަޅުގަނޑުމެންގެ ވިސްނުމަށް މިވަރަށް ގެންނަންޖެހޭނެ. އަޅުގަނޑުމެން ދިވެހިރާއްޖެއަކީ، މިހާރު ދުނިޔެއާ ވަކިން އޮވެވޭނެ ތަނެއްނޫން. އެކަމުގެ ހެކިތައް އަޅުގަނޑުމެންނަށް ދަނީ އެއްދުވަހުން އަނެއްދުވަހަށް ފެންނަމުން. އަޅުގަނޑުމެންވެސް ސަރަޙައްދީ ޖަމާޢަތްތަކުގައި ބައިވެރިވެ އަދި އ.ދ. މަޖިލިސްފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައިވެސް ބައިވެރިވެ، އަދި އެނޫން ގޮތްގޮތުންވެސް އަޅުގަނޑުމެންނާ އެހެނިހެން ޤައުމުތަކާ އެކުވެރިކަމުގެ ގުޅުން ބަދަހިކުރަމުން މިގެންދަނީ، އަޅުގަނޑުމެންގެ ބާއްޖަވެރިކަމާއި އަޅުގަނޑުމެންގެ ކުރިއެރުންވެސް ވަނީ މިގޮތުގައި ކަމަށްވާތީ.

އާދެ، ދެން މި މުނާސަބަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، ޤައުމީ މުނާސަބަތުތަކުގައި އަބަދުވެސް ޤައުމީ ކަންތަކާ ދޭތެރޭގައި ޚިޔާލުކުރުމަކީ އެކަށީގެންވާ ކަމެކޭ، ނުވަތަ އެދެވިގެންވާ ކަމެކޭ. ޝައްކެއްނެތް. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ކުރިޔަށް ގެންދާއިރު، ޤައުމުގެ ކަންތައްތަކުގެ ޚިޔާލު އެއީ މާބޮޑަކަށް ކުރެވޭނެ ޚިޔާލެއްނޫން. އެހެންނަމަވެސް، މިކަހަލަ މުނާސަބަތެއްގައި އެންމެން އެއްވެ އެއްތަނެއްގައި ތިބޭއިރު، ޤައުމާބެހޭ ޚިޔާލުތައް ކުރުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. ޝައްކެއްނެތްގޮތުގައި، މިހާރު އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ވަރަށް ފުން ދަރަޖައަކަށް ޤައުމީ ޚިޔާލުތައް ދަނީ ފެތުރެމުން. މީހުންގެ ހިތްތަކުގައި ޤައުމީ ޝުޢޫރުދަނީ އާލާވަމުން. އޭގެ އެންމެ ބޮޑު އެއް ހެތްކަކީ، މީގެ ދެތިންދުވަސް ކުރިން އަޅުގަނޑުމެންނަށް އެ ޒިޔާރަތްކުރެއްވި ޢިއްޒަތްތެރިޔާގެ ދަތުރުފުޅާ ބެހިގެން ކަންތައްތައް ހިނގަމުންދިޔަގޮތް.

އާދެ، ފަލަސްޠީނު މިނިވަންކުރުމަށް އުފެދިފައިވާ ޖަމާޢަތުގެ އެންމެ އިސްވެރިޔާ އައްސައްޔިދު ޔާސިރު ޢަރަފާތު، މީގެ ދެތިންދުވަސް ކުރިން އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތްކުރެއްވުމުގެ ޝަރަފް އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި. އޭނާގެ ޒިޔާރަތާ ގުޅިގެން ކަންތައްތައް ހިނގައިދިޔަގޮތަށް ވިސްނާލައްވައިފިނަމަ، ދިވެހި ރައްޔިތުންނަކީ، އެ މީހުންގެ ހިތްތަކުގައި ވަރަށްމަތިވެރި ދަރަޖައަކަށް ޤައުމީ ޝުޢޫރު އަދި ޤައުމީ ވާޖިބުގެ އިޙްސާސް އުފެދިފައިވާ ބައެއްކަން، ހަމަ ޔަޤީނުންވެސް ކޮންމެ މީހަކަށްވެސް އެނގޭނެ. އާދެ، އެދަތުރުފުޅުގެ ބާވަތުން ކަންތައްތައް ގެންދަންޖެހިފައި އޮތީ ވަރަށް ސިއްރުގޮތެއްގައި. އެއީ، އޭނާއަކީ، ވަރަށް މަތިވެރި، ވަރުގަދަ ޖިހާދަކަށް ކުރިމަތިލައްވައިގެން ހުންނެވި ބޭފުޅެއް. އޭނާއާ ދެކޮޅުވެރި ޢަދުއްވުންގެ ރޭވުންތައް ހުރިގޮތުން، ދުނިޔޭގެ ކޮންމެ ތަނެއްގައި އޭނާ ހުންނެވި ކަމުގައިވިޔަސް، އޭނާގެ ފުރާނަފުޅަށް ނުރައްކާތެރިވާކަހަލަ ކަމެއް އެ މީހުން ކުރުމަކީ އެއްގޮތަކަށްވެސް ދުރުގައިވާ ކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިއެއްގެ އަމަން، އެބޭފުޅެއްގެ ސަލާމަތް ބަލަހައްޓަންޖެހޭނީ އަޅުގަނޑުމެން.

އެހެންވީމާ، މި ދަނޑިވަޅުގައި އޭނާ ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާއިރު، އަޅުގަނޑުމެންގެ ވަރަށްކައިރި ބައެއް ތަންތާނގައިވެސް ޢަރަބީންގެ މީހުން ތިބިކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އެހެންވުމާއެކުގައި، އޭނާގެ ސަލާމަތަށްޓަކައި ދިވެހިސަރުކާރުގެ ފަރާތުން އަޅަންޖެހުނީ، އަޅުގަނޑު ދަންނަވާނީ މީގެކުރިން ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޅަންޖެހިފައިނުވާފަދަ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެކޭ. އެކަމުގައި ޤައުމީ ޝުޢޫރު އުފެދިފައިވާލެއް ބޮޑުކަން ދައްކައިދެނީ، އަޅުގަނޑުމެންގެ ޤައުމުގެ އަމަން ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ މީހުން އެކަން ކުރަމުން ގެންދިޔަލެއް ފުރިހަމަކަން.

އާދެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސްބޭފުޅުންނާއި، އެ މިނިސްޓްރީގެ މުވައްޒަފުންނާއި އަދި ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރުންނާއި ޕްރައިވެޓުންނާ އެންމެން މިކަމުގައި ރެޔާދުވާލު މަސައްކަތްކުރަމުންދިޔަ އިޚްލާޞްތެރި، ހިންމަތްތެރިގޮތް، އަޅުގަނޑު ހިތުން ދިވެހިރައްޔިތުންގެ އެންމެން ވަނީ ދެކެފައި. ހަމައެއާއެކުގައި، ސަރުކާރުގެ އެހެން އޮފީސްތަކުގެ މުވައްޒަފުންވެސް ވަރަށް ހީވާގިކަމާއެކުގައި މި ދެތިންދުވަހެއްގެތެރޭގައި މަސައްކަތް ކުރައްވަމުން ގެންދެވި. އަޅުގަނޑު ކުރިން ދެންނެވި ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބޭކަލުންނާއި، ސަރުކާރުގެ އެހެން މުވައްޒަފުންވެސް އެތައް ރެއެއްވަންދެން ނުނިދާ ހޭލާތިބެގެން، އެ މީހުންގެ ވާޖިބު އަދާކުރަމުން ގެންދިޔައީ. ހަމައެފަދައިން، މާލޭގެ އަވަށްތަކުގެ ރައްޔިތުންވެސް، ވަޑައިގަންނަވަނީ ކޮން ބޭފުޅެއްކަންވެސް ނޭނގި، އެހެންނަމަވެސް ސަރުކާރުގެ ފަރާތުންކުރި އިޝާރާތަކަށް މާލޭގެ ކަންތައްތައް ރާއްވަވައި އިންތިޒާމުކުރައްވައި، މާލެ ރީތިކުރައްވައި، މަރުޙަބާގެ ގިޑިގެތައް ހައްދަވައި އަދި އެނޫންވެސް އެކިއެކި ކަންތައްތައް ކުރައްވައި ހެއްދެވިގޮތުން ދޭހަވަނީ، ރާއްޖޭގެ އެންމެންގެ ހިތުގައިވެސް ޤައުމީ ޝުޢޫރު އަދި ޤައުމީ ވާޖިބުގެ އިޙްސާސް އޮތީ ވަރަށް މަތިވެރި ދަރަޖައަކަށް އުފެދިފައިކަން.

އާދެ، އެހެންވީމާ، ޖަމާޢަތުގެ ޚިޔާލު އެއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ނެތް އެއްޗެއްނޫން. އެހެންނަމަވެސް، އެ ޚިޔާލަކީ ކޮންމެ ފަރުދަކުވެސް ތަންކޮޅެއް ބޮޑަށް ވިސްނަންޖެހިއްޖެ ކަމެއްކަމަށް އަޅުގަނޑު ދެކެން. އެއީ، ޤައުމުގެ ކުރިއެރުމާއި ބާއްޖަވެރިކަން އޭގެ ބިންގަލަކީ، އެންމެން އެ ކުރިއެރުމާއި ބާއްޖަވެރިކަމަށް މަސައްކަތްކުރުން. ޤައުމުގެ ކުރިއެރުން އެއީ ވަކިފަރާތަކުން ކުރާ މަސައްކަތަކުން ލިބޭނެ ކަމެއްނޫން. އެކަމުގައި ރައްޔިތުންގެ އެންމެން ބައިވެރިވާންޖެހޭ. ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ، ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއަރުވައި، ތިމާގެ ތަނަވަސްކަން މައްޗަށް ގެންދިޔުމަށް ކަމުގައިވިޔަސް، ކޮންމެ ފަރުދަކުވެސް އިޙްސާސް ކުރަންޖެހޭނެ، ޤައުމުގެ ކުރިއެރުމާއި ބާއްޖަވެރިކަން ޔަޤީންކުރެވިގެން ނޫނީ، ތިމާގެ އަމިއްލަ ކުރިއެރުމާއި ބާއްޖަވެރިކަން، އެއީކީ އެއްވެސްގޮތަކުން ޔަޤީންކުރެވޭނެ އެއްޗެއްނޫންކަން.

އާދެ، އެތައްބަޔަކު ދިރިއުޅޭ ބޮޑު އިމާރާތެއްގެ މިސާލު ނަގަމާ ހިންގަވާ. އެއް އިމާރާތެއްގައި، ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ގެންދަނީ. އޭގެތެރެއިން ބައެއް މީހުންނަކީ ތަނަވަސް މުއްސަނދި ބައެއްކަމުގައި ވެދާނެ. އެހެންވީމާ، އެ އިމާރާތުގެ ތެރޭގައި އެ މީހުން އެއުޅޭ ތަންކޮޅު ވަރަށް ފުރިހަމަގޮތަކަށް، ވަރަށް ރީތިގޮތަކަށް ތައްޔާރުކޮށްގެން، މިޒަމާނާ އެކަށީގެންވާ އަރާމުކުރުމުގެ ވަސީލަތްތައް އެތާނގައި ބަހައްޓައިގެން، އެކަމަށް ޚަރަދުކޮށްގެން އެމީހަކު މަސައްކަތްކުރަމުން ހިނގައިދާނެ. ނުވަތަ އެބަޔަކު އެގޮތަށް މަސައްކަތްކޮށްގެން، އެބަޔަކު އެ ދިރިއުޅޭ ތަންކޮޅު، ވަރަށް ތަރައްޤީވެފައިވާ، ކުރިއަރާފައިވާ ތަނަކަށް ހަދާފާނެ. އެހެންނަމަވެސް، މުޅި އިމާރާތުގެ ބިންގަލާއި، އިމާރާތް ކުރެވިފައިގޮތަށް ނުވިސްނައި، މިބައިމީހުން އެ މީހުންގެ ތަންކޮޅަށް ކިތަންމެ މަތިވެރި ސަމާލުކަމެއްދިނަސް، އެ އިމާރާތް ވެއްޓިގެން އަންނަ ދުވަހު އިމާރާތަށް ބޮޑު ނުރައްކަލެއް ދިމާވެގެން، މުޅި އިމާރާތް ފުނޑުފުނޑުވެގެން އަންނަ ދުވަހު، މިދެންނެވި މުއްސަނދި ތަނަވަސް މީހުން ކުރާނީ ކީއްތޯ؟ ޝައްކެއްނެތް. އެ މީހުން އެ ޚަރަދުކޮށްގެން އެ ހެދި ތަންކޮޅުވެސް، މުޅި އިމާރާތާއެކުގައި އޮންނާނީ ފަނާވެގެން ގޮސްފައި.

އެހެންވީމާ، އަޅުގަނޑުމެންގެ ރައްޔިތުންގެތެރެއިން ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާއިރު ވިސްނަންޖެހޭނެ، ތިމަންނާގެ މި ދިރިއުޅުން ކުރިއެރުވި ކަމުގައިވިޔަސް، އެކަމަކީ ޙަޤީޤަތުގައި ކުރިއެރުމެއް ކަމަށްވާނީ، މުޅި ޤައުމުގެ ކުރިއެރުންވެސް އޭގެ ފަހަތުގައި ނުވަތަ އޭގެ ކުރީގައި އޮވެގެންކަން. މުޅި ޤައުމަށް އަންނަ އިޤްތިޞާދީ ނުރައްކަލެއްގެ ސަބަބުން ނުވަތަ ދިމާވާ ބޮޑުކަމެއްގެ ސަބަބުން ތިމާގެ އަމިއްލަ ވިޔަފާރިވެސް ހިނދުކޮޅެއްގެތެރޭގައިވެސް ގެއްލިގެން ހިނގައިދާނެކަން. އެހެންވީމާ، ކޮންމެ މީހަކުވެސް މި ނުކުތާ ވަރަށް ބޮޑަށް އިޙްސާސް ކުރަންޖެހޭނެ. ތިމާގެ ބާއްޖަވެރިކަމާއި ކުރިއެރުން ބިނާވެފައިވަނީ، ޤައުމުގެ ބާއްޖަވެރިކަމާއި ކުރިއެރުމުގެ މައްޗަށްކަން. މިކަހަލަ ނުކުތާތަކާ ދޭތެރޭގައި ވިސްނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި ޤައުމީ މުނާސަބަތުތަކުގައި ކުރަންޖެހޭނެ ކަމެއްނޫން. އެއީ އަބަދުވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، ޤައުމީ ޚިދުމަތާ ބެހޭގޮތުން ވާހަކަދައްކާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވާކުދިން، ސަރުކާރަށް ޚިދުމަތްކުރުމުގެ ޤާނޫނާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަންވެސް ބޭނުންވޭ. އާދެ، މި ޤާނޫނު ބިނާވެފައި މިއޮތީވެސް، މިދެންނެވި އުޞޫލުގެ މައްޗަށް. އެއީ ޤައުމީ ޚިޔާލު އަޅުގަނޑުމެންގެތެރޭގައި އުފެއްދުން. ޤައުމީ ޚިދުމަތް އެއީ އެންމެންވެސް ކުރިމަތިލާ އެއްޗަކަށްވުން. ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީވެސް، ޤައުމަށް އިޤްތިޞާދީ ތަރައްޤީއެއް ލިބޭނީވެސް، އިޖުތިމާޢީ ކުރިއެރުމެއް ލިބޭނީވެސް، ކޮންމެ މީހަކުވެސް އެމީހެއްގެ ޙިއްޞާ ފުރިހަމައަށް އަދާކޮށްގެން ކަމުގައިވާކަން.

އާދެ، މިހާރުގެ ސަރުކާރާއި، މީގެ ތިރީސް އަހަރު ނުވަތަ ސާޅީސް އަހަރު ނުވަތަ ފަންސާސް އަހަރު ކުރީގައި އޮތް ސަރުކާރާ ވަރަށް ތަފާތުކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީކީ އަޅުގަނޑުމެންގެތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން. ތަންކޮޅެއްކުރިން، ސަރުކާރަކީ އެއިރަކު ރަސްކަމުގައި ހުންނެވި ބޭފުޅަކު ބޭނުންފުޅުވިގޮތަކަށް ހިންގަވާ ކަމެއް ނުވަތަ ގަނޑުވަރުގެތެރެއިން ސަރުކާރުގެ ހުރިހާ ކަމެއް ހިނގަމުންދަނީ. އޭގެފަހުން ވަޒީރުލްއަޢުޡަމަކު ނުވަތަ ބޮޑުވަޒީރަކު ޢައްޔަނުކުރެވިގެން، އެބޭފުޅަކު ހުރިހާ ކަމެއް ހިންގަވަމުން ގެންދަވަނީ. ނޫނީ އޭގެ ތަންކޮޅެއްފަހުން މަޙްކަމަތުއްދާޚިލިއްޔާއެއް އުފެދިގެން، މަޙްކަމަތުއްމާލިއްޔާއެއް އުފެދިގެން، އެ ދެތިން ހަތަރު ތަނެއް އެއީ ސަރުކާރު ހިންގަވާ ފަރާތަކީ. އޭރު މުޅި ސަރުކާރުގައިވެސް ނޭނގެ، ދުއިސައްތަވަރަކަށް މުވައްޒަފުން ނުވަތަ ތިންސަތޭކަ މީހުންވެސް ތިބޭނެކަމެއް. އެކަމަކު މިހާރު ރާއްޖޭގެ ކަންތައްތައް ތަރައްޤީވެފައިވާ ގޮތުން، ސަރުކާރަކީ ހަމައެކަނި އެއް އޮފީހަކުން، ދެ އޮފީހަކުން ހިންގޭވަރުގެ ކަމެއްނޫން.

މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގައި ވަރަށް ގިނަ ޢަދަދަކަށް އޮފީސް އެބަހުރި. އެ ހުރިހާ ތަނެއްގެ ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ރައްޔިތުންނަށް ހޯދައިދިނުން. ރައްޔިތުންގެ އަމަންއަމާންކަން ރައްކާތެރިކޮށްދިނުން. ރައްޔިތުންނަށް ކާބޯތަކެތި ހޯދައިދިނުން. ރައްޔިތުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކޮށްދިނުން. ރައްޔިތުންނަށް ލިބެންވާ ޙައްޤުތައް އެ މީހުންނަށް ލިބިދިނުން. އަދި ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ތަޢުލީމާއި، ޞިއްޙަތާ، މިބާވަތުގެ މުހިންމު ޚިދުމަތްތައް ރައްޔިތުންނަށް ހޯދައިދިނުން. މި މުހިންމު މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތަކީ ސަރުކާރު. ސަރުކާރަކީ ރައްޔިތުން އިޚްތިޔާރުކުރާ، ރައްޔިތުން ޢައްޔަނުކުރާ ވެރިޔަކު ހިންގާ ތަނެއް. އެހެންވީމާ، ސަރުކާރު އުފެދިފައި މިއޮތީވެސް ރައްޔިތުންގެ ޚިދުމަތަށް. ސަރުކާރުގެ ޚިދުމަތަށް ބޭނުންވާ މީހުން ސަރުކާރަށް ނުލިބޭކަމަށްވަންޏާ، މިދެންނެވި ޚިދުމަތްތައް ރައްޔިތުންނަށް ރައްދުކޮށްދެވޭނެ ނުވަތަ ރައްޔިތުންނަށް ހޯދައިދެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ކަށަވަރު.

އާދެ، ކުރީ ޒަމާނާ މިހާރާ ހުރި ތަފާތާ ދޭތެރޭގައި ވިސްނާލާއިރު، ރައްޔިތުންގެ ޢަދަދަށް ވިސްނާލިޔަސް، އެއައި ބަދަލު އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެއްވޭނެ. މީގެ ތިރީހަކަށް އަހަރު ކުރިން ނުވަތަ ތިރީސް ފަސްއަހަރު ކުރިން، ރާއްޖޭގެ ރައްޔިތުންގެ ގޮތުގައި ތިބީ ގާތްގަނޑަކަށް އަށްޑިހަ ދެހާސް މީހުން. މިހާރު އެންމެފަހުގެ ބެލުންތަކުން ދައްކާގޮތުގައި، ރާއްޖޭގައި އެއްލައްކަ ހަތްދިހަ ހާސް މީހުން އެބަތިބި. ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނަނުވާނެކަމެއްވެސް ނޭނގެ. އެހެންވީމާ، ގާތްގަނޑަކަށް ތިރީސް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ ތިރީސް ފަސްއަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ޢަދަދު ދެގުނައަށް އިތުރުވެގެން ހިނގައްޖެ.

ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ކަންތައްތައް، ކުރިން އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތީ ހަމައެކަނި އަޅުގަނޑުމެން މަހަށްގޮސްގެން ލިބޭ އެއްޗެއް ބޭރުކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ ހަމައެކަނި ޤައުމީ އާމްދަނީއަކީ އެއީ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދަނީ އެ ލިބޭ މަސްކޮޅުން. މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާވެފައިވާ ދަރަޖަ، މަސްވެރިކަން ފިޔަވައި ހަމަ އެހާ މުހިންމު އެހެން ކިތަންމެ ކަންތައްތަކެއް، އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދިގެން ހިނގަމުން އެބަދޭ. އަޅުގަނޑުމެންގެ ވިޔަފާރި ކުރިން އޮތީ، މި ދެންނެވިގޮތުގެ މަތިން. ހަމައެކަނި މަސް އެއީ އަޅުގަނޑުމެންގެ ވިޔަފާރި މުދަލަކީ. މިހާރު އަޅުގަނޑުމެން ރާއްޖެއިން ބޭރުކުރާ ވަރަށް ގިނަ ބާވަތްތަކުގެ އެއްޗެތި އެބަހުރި. ހަމައެފަދައިން، ރާއްޖެއަށް އެތެރެކުރާ އެއަށްވުރެ ގިނަ ބާވަތްތަކުގެ އެއްޗެތި އެބަހުރި. އަޅުގަނޑުމެންގެ ވިޔަފާރީގެ ޢަދަދު، ޚަރަދުވާ ފައިސާގެ ޢަދަދަށް ވިސްނަވާލެއްވިޔަސް، މި ދެންނެވީ ބައިނަލްއަޤްވާމީ ވިޔަފާރި، ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި މިއޮންނަ ވިޔަފާރި. އެއަށް ބައްލަވައިލެއްވިޔަސް، އެއީ ކުރީ ޒަމާނާ އަޅައިބަލާއިރު، އެއީ އެތައް ސަތޭކަ ގުނައެއް އިތުރުވެފައިވާ ޢަދަދެއް. އަޅުގަނޑުމެންނާ ބޭރު ދުނިޔެއާ މިއޮންނަ މުވާޞަލާތުގެ ގުޅުން، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އެބައޮތް. އަދި އަޅުގަނޑުމެންގެ އަމިއްލަ ބައެއް ކުދިކުދި ވައިގެ ބަނދަރުތައް މިހާރުދަނީ ހަދަމުން. ރާއްޖޭގެ މުވާޞަލާތަށް، ރާއްޖެތެރޭގެ މުވާޞަލާތަށްވެސް އަދި ރާއްޖެއާއި ރާއްޖެއިން ބޭރާ ދެމެދުގައިވާ ޤައުމުތަކުގެ މުވާޞަލާތަށްވެސް އައިސްފައިވާ ބޮޑެތި ބަދަލު އެއީ އަޅުގަނޑު ހިތުން މީގެކުރިން، މީގެ ވިއްސަކަށް އަހަރު ކުރިން އެއްވެސް މީހެއްގެ ހިތަށްވެސް ނުފެންނާނެފަދަ ބޮޑެތި ބަދަލުތަކެއް.

ތަންކޮޅެއް ކުރީ ޒަމާނުގައި ރާއްޖެއިން ބޭރަށް ދާނީ ހަމައެކަނި ޙައްޖަށްދާ މީހުންކަންނޭނގެ. ނޫނީވިއްޔާ ސަރުކާރުން ކޮންމެވެސް މުހިންމު ބޭނުމެއްގައި ތަނަކަށް ފޮނުއްވާ ސަފީރެއް ނުވަތަ އެފަދަ ބޭފުޅަކު، މީގެ ފަންސާހަކަށް އަހަރު ކުރިން ތަންތަނަށް ދާނީ. ނޫނީ ފަހަރެއްގައި އޭގެ ތަންކޮޅެއްފަހުން ތަޢުލީމު ޙާޞިލުކުރުމުގެ ގޮތުން، ވަރަށް މަދު ޢަދަދަކަށް ބައެއް މީހުން ހިނގައިދާނެކަންނޭނގެ. އެހެންނަމަވެސް، މިހާރު ރާއްޖޭގެ ރައްޔިތުންގެ ނިސްބަތުގައި ކިހާގިނަ ބަޔަކުތޯ ބޭރަށްދަނީ. ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރަނީ، އެކިބޭނުމުގައި. މިހާރުވެސް ކިޔަވަންދޭ. ވިޔަފާރީގެ ކަންކަމުގައިދޭ. ނޫނީ ހަމަ ޗުއްޓީއެއް ހޭދަކޮށްލަންވެސް ހިނގައިދާނެ. ބޭސްކުރަންވެސް މީހުންދަނީ. އަދި އެނޫންވެސް ބޭނުންތަކުގައި މީހުން ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށްފައިދަނީ. ކުރީ ޒަމާނުގައި ރާއްޖެއަށް އަންނަ ބިދޭސީންނަކީ، ހަމައެކަނި ކޮންމެވެސް ޢިލްމީ ތަޙުލީލެއް ކޮށްލުމަށްޓަކައި، ކަނޑާބެހޭ ތަޙުލީލެއް ކޮށްލަން ނުވަތަ ރާއްޖޭގެ ޗާޓުކުރަހަން ނުވަތަ އެފަދަ ކަމަކު އަންނަ ބިދޭސީއަކަށް އޮންނަނީ ވެފައި. ނޫނީ ބައެއްފަހަރު، ބޭރުގެ ޤައުމަކުން އަދި ފަހަކަށްއައިސް އެކަންވާނީ އަޅުގަނޑު ހިތުން އިނގިރޭސިވިލާތަށް. އިނގިރޭސިވިލާތުގެ ފަރާތުން ކޮންމެވެސް ކަމަކު މީހަކު ފޮނުވަފާނެ. މަނަވަރެއް ފޮނުވަފާނެ. އެ ނޫންގޮތަކުން ރާއްޖެއަށް އަންނަ ބިދޭސީންނެއް ނެތް. އެކަމަކު މިހާރު ހަމައެކަނި ޓޫރިސްޓުންގެ ގޮތުގައިވެސް، މިދިޔަ އަހަރުވެސް ހަތްދިހަ ހަތަރުހާސް މީހުން ރާއްޖެއަށް އައިސްފައިވޭ. އަދި އޭގެ އިތުރުން، އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން، ވިޔަފާރީގެ ކަންތައްތައް ކުރަން ނުވަތަ އެހެނިހެންވެސް ބޭނުންތަކުގައި ރާއްޖެ އަންނަ، ވަރަށް ގިނަ ބިދޭސީން އެބަތިބި.

އެހެންވީމާ، އެހާރާ މިހާރާ މިއޮތް ބޮޑު ތަފާތު އަޅުގަނޑު ހިތުން އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭނެ. އޭރު ސަރުކާރު ހިންގަނީ ދުއިސައްތަ މީހުން ނުވަތަ ތިންސަތޭކަ މީހުން ނުވަތަ ގިނަވެގެން ފައްސަތޭކަ މީހުން ތިބެގެން ކަމުގައިވިއްޔާ، މިހާރު ސަރުކާރު ހިންގެން އަންނަނީ، އޭގެ ދިހަގުނަ އިތުރަށް މީހުން ލިބިގެން. މިހާރުވެސް ސަރުކާރުގައި ހަތްހާސް މުވައްޒަފުން އެބަތިބި. އެކަމަކު ހަތްހާސް މުވައްޒަފުންނަކީވެސް އަޅުގަނޑު ހިތުން، އަޅުގަނޑު ކުރިންވެސް ދެންނެވި ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ލިބިދިނުމަށް ބޭނުންވާވަރަށްވުރެ މާމަދު ޢަދަދެއް.

އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި މިދަނީ މަދަރުސާތައް އިމާރާތްކުރަމުން. އެކިއެކި ހޮސްޕިޓަލްތައް އަޅަމުން. އެހެންނަމަވެސް، އެ މަދަރުސާތައް ބިނާކުރުމަށްފަހުގައި، އެތަންތާނގައި ކިޔަވައިދޭނެ މީހުން، މުދައްރިސުން، އެކަމުގެ ތަމްރީނު ލިބިފައިވާ، ތަޖުރިބާ ލިބިފައިވާ މުދައްރިސުން ނެތްކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި އެކުރެވެނީ، ހަމަ ބޭކާރު ޚަރަދުތަކެއް. ރާއްޖެތެރޭގައި ހޮސްޕިޓަލްތައް ހަދަމުން މިގެންދެވެނީ. މިހާރު ރ. އަތޮޅުގައިވެސް ހޮސްޕިޓަލެއް އެބަހުރި. އަދި އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އައްޑުއަތޮޅުގައި އެހެން ހޮސްޕިޓަލެއް އުފެދޭނެ. އަދި މ. އަތޮޅުގައިވެސް އުފެދޭނެ. އެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސްޓާފް ނަރުހުންނާއި، އާދައިގެ ނަރުހުންނާއި އަދި އެނޫންވެސް އެތަނަށް ބޭނުންވާ މީހުން ނެތްކަމުގައިވަންޏާ، އެހޮސްޕިޓަލްތައް އިމާރާތްކުރުމުން ޤައުމަށް ލިބޭނީ ކޮންފައިދާއެއްތޯ؟ ޝައްކެއްނެތްގޮތުގައި، އެ ވާނީ ހަމައެކަނި ހުސް އިމާރާތަކަށް. ހުސް ފާރުތަކަކަށް. އެއިން ލިބޭނެ އެއްވެސް ޞިއްޙީ ޚިދުމަތެއް ރައްޔިތުންނަކަށް ނޯންނާނެ.

އަޅުގަނޑުމެން ވަރަށް ބޮޑު ޚަރަދުކޮށްގެން މިހިރީ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ބަނދަރެއް ހަދާފައި. ރާއްޖޭގައި އެއް މަޝްރޫޢަކަށް، މީގެކުރިން ދުވަހަކުވެސް ޚަރަދުކުރެވިފައި ނުވާހާ ގިނަ ޢަދަދަށް ބޭރުފައިސާ ޚަރަދުކޮށްގެން އެތަން ހެދީ. އެކަމަކު އެތަން ހިންގާނެ މީހުން ނެތްކަމުގައިވަންޏާ، އަޅުގަނޑުމެންގެތެރެއިން އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ނެތްކަމުގައިވަންޏާ، އެ ކުރެވުނީ ޝައްކެއްނެތްގޮތުގައި އެއްވެސް ބޭނުމެއް ނެތް ޚަރަދެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ހުރިހާ ކަމެއް ރޭވިގެން ހިނގަމުންދާއިރު، އަޅުގަނޑުމެންގެތެރެއިން އެކަންކަމުގެ މަސްއޫލިއްޔަތު އުފުލާނެ ބަޔަކުޖެހޭނެއޭ އުފެދެން. އެ މީހުން ލިބެންވާނެއޭ. އެކަމަކު މިހާރު ވާގޮތަކީ، ހިތާމައާއެކު ދަންނަވަންޖެހެނީ މީހުން ނުލިބެނީ.

ހޮސްޕިޓަލްތައް ހެދެމުންދާއިރު، ޑޮކްޓަރުންނަށްވާނެ މީހުންނެއްވެސް ނުލިބޭ. ނުވަތަ ނަރުހުންނަށް ވާނެ މީހުންނެއް ނުލިބޭ. މަދަރުސާތައް ހަދަމުންދާއިރު، މުދައްރިސުންނަށް ވާނެ މީހުންނެއްވެސް ނުލިބޭ. އަދި އެހެނިހެން ކަންތައްތައްވެސް ރައްޔިތުންގެ ފައިދާއަށްޓަކައި، ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކުރަމުން ގެންދާއިރު، އެކަންތައްތައް ހިންގަން ބޭނުންވާނެ މީހުން އަޅުގަނޑުމެންގެތެރެއިން ނުލިބޭ. އެހެންވީމާ، މިދެންނެވި ޤާނޫނުވެސް ހަދަންޖެހުނީ. އެ ޤާނޫނުގައި އެބުނާގޮތުން، ސަރުކާރުން ޚަރަދުކޮށްގެން ހިންގާ ސްކޫލްތަކާއި، ސަރުކާރުން އެހީވެދީގެން ހިންގާ ތަންތަނުގެ ކުދިން، ވަކި އުމުރަކަށްފަހުގައި، ވަކި ގްރޭޑަކަށްފަހުގައި، އެ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް ސަރުކާރަށް ޚިދުމަތްކުރަންޖެހޭނީ. އެކަހަލަ ޤާނޫނެއްނެތި ސަރުކާރަށް މިހާރު ވަރަށް ބޮޑަށް ދަތިވަމުންދަނީ. ބޭނުންވާ ކަންތައްތައް އެއްގޮތަކަށްވެސް ކުރެވޭނެ ގޮތެއް ހަމަޖެހިފައެއް ނޯވޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން ،މިފަދަ ޤާނޫނުތައް ހަދަން މިޖެހެނީ، ޤައުމުގެ މަޞްލަޙަތަށް ވިސްނާފައި. މިހާރު ޤާނޫނުގައި ބުނާގޮތުން، ކޮންމެ ދަރިވަރަކު ވަކި މުއްދަތަކަށް ޚިދުމަތްކުރަންޖެހޭ. އެހެންނަމަވެސް، އެމުއްދަތަކީ ޤާނޫނީގޮތުން އެމީހަކު ޚިދުމަތްކުރަންޖެހުނު މުއްދަތެއް ކަމުގައިވިޔަސް، އިޖުތިމާޢީގޮތުން ނުވަތަ އަޅުގަނޑު ދަންނަވާނީ، ޤައުމީ ގޮތުން އަޅުގަނޑުމެން ޤައުމަށް ކުރަންޖެހޭ ޚިދުމަތަކީ، ވަކި މުއްދަތެއް ކަނޑައެޅިފައި އޮންނާނެ ޚިދުމަތެއް ނޫނޭ. އަޅުގަނޑުމެން ވިހާ ބޮޑުވި ރަށް، އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށް ޚަރަދުކޮށްގެން، އަޅުގަނޑުމެންނަށް ކިޔަވައިދިން ޤައުމު. އެ ޤައުމަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އެއީ، ހަމައެކަނި ފަސްއަހަރު ދުވަހުން ނުވަތަ ހަތަރު އަހަރު ދުވަހުން ނުވަތަ ތިން އަހަރު ދުވަހުން އަދާކުރެވިދާނެ އެއްޗެއްތޯއޭ އަޅުގަނޑު މިދަންނަވަނީ. ޝައްނެތްނެތް، އެއީކީ ވަކި މުއްދަތެއްގެތެރޭގައި އަދާކުރެވޭނެ ދަރަންޏެއް ނޫން.

އެހެންނަމަވެސް، ވާގޮތަކީ، ޤައުމީ ކަންތަކާދޭތެރޭގައި މިހާރު ޚިޔާލުކުރެވޭލެއް ކުޑަކަމުން، އަޅުގަނޑުމެންގެ ތެރެއިން މި ދެންނެވިގޮތުގެމަތިން ޤާނޫނީގޮތުން، ވަކިމުއްދަތަކަށް ޚިދުމަތްކުރަންޖެހޭ މީހުންވެސް ބަލަބަލައިތިބެނީ، އެ މުއްދަތު ނިމޭ ދުވަހަކަށް. ފަސްއަހަރުވިއްޔާ، ފަސްއަހަރު ހަމަވާ ދުވަހަށް. ތިންއަހަރުވިއްޔާ، ތިން އަހަރު ހަމަވާ ދުވަހަށް. ހަމަވާދުވަހު، އޭނާ ދަނީ ވަޒީފާއިން ވަކިވެގެން، ސަރުކާރުން ކެނޑިގެން، އަމިއްލަ މަސައްކަތަށް. އާދެ، އޭނާ އެދަނީ އޭނާގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރަން ކަމަށްވެދާނެ. އެކަމާ ދޭތެރޭގައި އިޢުތިރާޟެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ހުރިހާ އެންމެން އެހެން ދާންވެއްޖެ ކަމަށްވަންޏާ، އެގޮތަށް ތިމާގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުގެ ޚިދުމަތުން ވަކިވެގެން އެދާ މީހާ، ކިތަންމެ ފައިސާހުރި މުއްސަންޖަކަށް ފަހުންވިކަމުގައިވިޔަސް، އޭނާގެ ދަރިންނަށް ތަޢުލީމުދޭނީ ކޮންތާކުތޯއޭ. އޭނާގެ ދަރިން ފޮނުވަންޖެހޭނީ، ހަމަ އެއްކަހަލަ މަދަރުސާތަކަށް. އެ މަދަރުސާތަކަކީ މުދައްރިސުން ނެތް މަދަރުސާތަކެއް. އޭނާގެ ދަރިން ބަލިވެއްޖެއްޔާ ގެންދަންޖެހޭނީ އެއްކަލަ ހޮސްޕިޓަލްތަކަށް. އެ ހޮސްޕިޓަލްތަކަކީ އެތާނގައި ޚިދުމަތްކުރާނެ ދިވެހި ޑޮކުޓަރުން ނުވަތަ ނަރުހުން ނުވަތަ އެނޫންވެސް މީހުން ނެތް ތަނެއް.

އެހެންވީމާ، ޙަޤީޤަތުގައި ތިމާއަށް ލިބޭ ކުރިއެރުމެއް ނޫނޭ އެއީކީ. އަދި މުއްސަނދިކަން އިތުރުވެގެންދިޔަޔަސް، އެންމެފަހުން އަޅުގަނޑުމެންގެ މި ދެންނެވި ޤައުމީ ޚިދުމަތްތައް، ސަރުކާރުން މިކޮށްދޭ ޤައުމީ ޚިދުމަތްތަކުގެ ފެންވަރު މިހާރުވެސް އެހުރިގޮތަށް ހުރިކަމަށްވަންޏާ، އޭނާގެ ދަރިންނަށްވެސް އަދި އޭނާގެ އާއިލާގެ މީހުންނަށްވެސް އެންމެފަހުން ޖެހޭނީ، އެހުރި ޚިދުމަތްތައް އެ ހުރިގޮތުގައި ބޭނުންކުރާށޭ. އެހެންވީމާ، ޙަޤީޤަތުގައި އެކުރެވެނީ ބުއްދިވެރި ޢަމަލެއް ނޫނޭ.

އާދެ، ކޮންމެއަކަސް މިކަހަލަ ކަންކަމާދޭތެރޭގައި ޤައުމީ މުނާސަބަތުތަކުގައިވެސް އަދި އެނޫން މުނާސަބަތުތަކުގައިވެސް ވިސްނަމުން ގެންދިޔުމަކީ، އަޅުގަނޑު ހިތުން މިހާރު ކޮންމެހެން ކުރަންވެއްޖެ ކަމެއް. ކޮންމެ މީހަކުވެސް، ކޮންމެ ފިރިހެނަކުވެސް، އަންހެނަކުވެސް، ކުޑަކުއްޖަކުވެސް، މުސްކުޅިއަކުވެސް. އަޅުގަނޑު ދަންނަވާނީ، އެ މީހުންގެ ހިތުގައި ޤައުމީ ޚިޔާލު އޮންނަންވާނެއޭ. ކޮންމެވެސްވަރަކަށް އޮންނަންވާނެއޭ. އެހެންނޫނީ އަޅުގަނޑުމެން އެންމެން މި ދިރިއުޅޭ ދިރިއުޅުމުގެ ނަތީޖާއެއް، އޭގެ ސަބަބުން ޤައުމަށް ލިބޭނެ ފައިދާއެއް ނޯންނާނެއޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެގެން ހިނގައްޖެ. އެހެންނަމަވެސް، މިފަދަ މުނާސަބަތެއްގައި މިދެންނެވިކަހަލަ ބައެއް ނުކުތާތަކާ ދޭތެރޭގައި ވާހަކަދައްކައި، ރައްޔިތުންގެ ސަމާލުކަމަށް އެކަންތައްތައް ގެނައުމަކީ، އަޅުގަނޑު ހިތުން މިފަދަ މަޤާމެއްގައި ހުންނަ މީހެއްގެ ވާޖިބަކަށްވާނެ. އެގޮތުން އެވާހަކަތައް އަޅުގަނޑު ދަންނަވާލަމުން މިގެންދިޔައީ. އަޅުގަނޑުގެ އެދުމަކީ، ސަރުކާރަށް ޚިދުމަތްކުރުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުންކަން އެންމެންވެސް ގަބޫލުކުރެއްވުން. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސަރުކާރަކީ ވަކި އެއްޗެކޭ. ރައްޔިތުންނަކީ ވަކި އެއްޗެކޭ. އެއްގޮތަކަށްވެސް އެއީ އެހެން އޮތްކަމެއް ނޫން. ކުރިންވެސް ދެންނެވިފަދައިން، ސަރުކާރު ޤާއިމުވެފައި އޮންނަނީ ރައްޔިތުންނަށް، އެ މީހުންނަށް ބޭނުންވާ، ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަކެއް ހޯދައިދޭން، ޙާޞިލުކޮށްދޭން.

އެހެންވީމާ، ސަރުކާރަކީ ރައްޔިތުން. ރައްޔިތުންނަކީ ސަރުކާރު. އެއީ ވަކިކުރެވޭނެ ދޭއްޗެއް ނޫން. ސަރުކާރަށް ޚިޔާނަތްތެރިވާ މީހާ، ސަރުކާރުގެ ފައިސާއެއްގައި ނުވަތަ މުދަލުގައި ޖެހޭ މީހާ، އެޖެހެނީވެސް ހަމައެކަނި ސަރުކާރުގެ ފައިސާއެއްގައެއް ނޫން. އެމީހާ އެޖެހެނީ، އެއްލައްކަ ހަތްދިހާސް މީހުންގެ ޙައްޤުގައި. އެމީހާ އެ ވައްކަންކުރަނީ އެއްލައްކަ ހަތްދިހަހާސް މީހުންގެ މިލްކުން. އެމީހާ އެ ޚިޔާނަތްތެރިވަނީ އެއްލައްކަ ހަތްދިހަހާސް މީހުންގެ ޙައްޤަށް. އެކަން ދަންނަންވާނެ، ސަރުކާރުގެ އެންމެ ލާރިއެއް ނަގާ މީހާވެސް، އެންމެ ލާރިއަކަށް ޚިޔާނަތްތެރިވާ މީހާވެސް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވިސްނަންވެއްޖެއޭ، ސަރުކާރަކީ ކޮން އެއްޗެއްކަން، ރައްޔިތުންނަކީ ކޮންއެއްޗެއްކަން. ސަރުކާރާއި ރައްޔިތުންނާ އެއީ އެކައްޗެކޭ. އެއްވެސް ތަފާތެއްނެތޭ. އެހެންވީމާ، މިނުކުތާއާދޭތެރޭގައި އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް ވިސްނައި، ސަރުކާރަށް ޚިދުމަތްކުރުމަކީ ޤައުމަށް ޚިދުމަތްކުރުން ކަމުގައި ދެކެމާތޯއޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިނިވަންދުވަހުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު، ރާއްޖޭގެ ރައްޔިތުންނަށް، ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމުން. އަދި އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް ދަމަހައްޓައި، އަންނަނިވި ޖީލުތަކަށް އެ މިނިވަންކަން ފޯރުވައިދިނުމުގެ ތައުފީޤު اللّـه سبحانه وتعالى އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި ދުޢާކުރަމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.