بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 20 އަހަރު ފުރޭ ދުވަސް. އަޅުގަނޑުމެންގެ މިނިވަންކަމުގެ 20 ވަނަ އަހަރީ ދުވަސް. ޝައްކެއްނެތްގޮތުގައި، އެއީ ޤައުމީ ގޮތުންވެސް އަދި ތާރީޚީ ގޮތުންވެސް ވަރަށް މުހިންމު ދުވަހެއް. މި ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އުފަލާއެކު އިޚްލާޞްތެރި މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑުގެ މިއަދުގެ އެންމެ އިސް ވާޖިބު.

ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިދިން ބަޔަކީ ދިވެހިރާއްޖޭގެ ރައްޔިތުން. މިނިވަންކަން އަޅުގަނޑުމެންނަށް ހިފަހައްޓައިދޭނެ ބަޔަކީ ދިވެހިރާއްޖޭގެ ރައްޔިތުން. މިނިވަންކަމުގެ އުފާ އިޙްސާސް ކުރަންތިބީ ދިވެހިރާއްޖޭގެ ރައްޔިތުން. އަދި މިނިވަންކަމުން ޤައުމަކަށް ލިބޭނެ އެންމެހާ މަތިވެރި ކަންތައްތައް އަޅުގަނޑުމެންނަށް ޙާޞިލުކޮށްދޭން ތިބީވެސް ހަމަ ރާއްޖޭގެ ރައްޔިތުން. އެހެންކަމަށްވުމާއެކު، އެކަމުގައި މެދުވެރިވި ބައެއްގެ ޙައިޘިއްޔަތުންނާއި އަދި އެކަމުގެ ހެވާއި ލާބަ ލިބެންތިބި ބައެއްގެ ޙައިޘިއްޔަތުން މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް.

މިއަދު އަޅުގަނޑުމެންގެ މި އުފަލުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ ޢިއްޒަތްތެރި ބޭފުޅުންކޮޅެއް މި ރާއްޖެއަށް ވަޑައިގެން އެބަތިއްބެވި. އަދި މިއަދުގެ މި ޖަލްސާގައިވެސް އޭގެތެރެއިން ބައެއް ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް ޝުކުރާއި މަރުޙަބާ ދެންނެވުމަކީވެސް މިއަދު އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން.

އާދެ، މިނިވަންދުވަހު ދައްކަން އެންމެ އެކަށީގެންވާ ވާހަކައަކީ، މިނިވަންކަމުގެ ވާހަކަ. މިނިވަންކަމުގެ ވާހަކައަކީ، ވަރަށް ގިނަ މުނާސަބަތުތަކުގައި ވަރަށް ގިނަ ތަންތާނގައި ދެކެވޭ ވާހަކައެއް. އެކަމަކީ އެއްގޮތަކަށްވެސް ޙައިރާންވާންވީ ކަމެއް ނޫން. މިނިވަންކަމަކީ ޝައްކެއްނެތްގޮތުގައި، އިލާހީ ހިދާޔަތުގެ ފަހުން އިންސާނުންނަށް ލިބިފައިވާ އަދި ލިބޭނެ އެންމެ ބޮޑު އެންމެ މަތިވެރި ނިޢުމަތް. އެ ނިޢުމަތަކީ ހުރިހާ ޒަމާނެއްގައިވެސް، ހުރިހާ ތަނެއްގައިވެސް އިންސާނުން އެހާމެ ޤަދަރުކުރާ ނިޢުމަތެއް. އެހެންކަމާއެކު، އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން މިހާތަނަށް ޖެހެންދެން، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަދި ހުރިހާއިރެއްގައިވެސް މިނިވަންކަމުގެ ވާހަކައަކީ ވަރަށް ޚާއްޞަ ގޮތެއްގައި ދެކެވެމުން އަންނަ ވާހަކައެއް. އަދި މިނިވަންކަމަކީ އެއާދޭތެރޭގައި ވަރަށް ވަރުގަދަ ބަޙުޘްތަކެއް ހިނގަމުންދާ މަޢުޟޫޢެއް. އެހެންކަމާއެކު، އަޅުގަނޑުވެސް ޤަޞްދުކުރަނީ މި ޖަލްސާގައިވެސް މިނިވަންކަމާ ބެހޭގޮތުން އަޅުގަނޑުގެ ހިތަށް އަންނަ ބައެއް ޚިޔާލު ދަންނަވާލުމަށް ނުވަތަ މިނިވަންކަމާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ބައެއް ޝުޢޫރު ތިޔަބޭފުޅުންނާ ޙިއްޞާކުރުމަށް.

އެންމެފުރަތަމަ އަޅުގަނޑުމެން ކޮށްލަންވީ ސުވާލަކީ މިނިވަންކަމަކީ ކޮބައިތޯއޭ؟ އާދެ، މިނިވަންކަމުގެ ދެ ބާވަތެއްވާކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. އޭގެތެރެއިން އެއްބާވަތަކީ، ޤައުމީ މިނިވަންކަން. ކޮންމެ ޤައުމެއްވެސް، އެ މިނިވަން ޖަމާޢަތެއްގެ ގޮތުގައި ދިރިތިބުން. އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމުގެ 20 ވަނަ އަހަރީ ދުވަސް. މިނިވަންކަމުގެ ދެވަނަ ބާވަތަކީ އަފްރާދުންގެ މިނިވަންކަން. އެއީ، ޖަމާޢަތުގައި އަޅުގަނޑުމެން ދިރިއުޅެމުންދާ ދިރިއުޅުމުގައި، އަޅުގަނޑުމެން ކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އިޚްތިޔާރުތައް.

އާދެ، އެހެންވީމާ، މިނިވަންކަމަކީ ތިމާ ނުވަތަ ތިމާމެން ބޭނުންގޮތަކަށް ކަންކުރުމުގެ އިޚްތިޔާރު. އެއާއެކު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ، ތިމާ ނުވަތަ ތިމާމެން ބޭނުންގޮތަކަށް ކަންކުރުމުގެ އިޚްތިޔާރަކީ، އެއްވެސް ހުރަހެއް ނެތް މުޠްލަޤް އިޚްތިޔާރެއްތޯއޭ. ނުވަތަ އެ އިޚްތިޔާރަކީވެސް ކޮންމެވެސް ދާއިރާއެއްގެ ތެރޭގައި ހިމެނިފައި އޮންނަންޖެހޭނެ އިޚްތިޔާރެއްތޯއޭ. ޝައްކެއްނެތް، މިނިވަންކަމަކީ އަދި އެއްވެސް ޙައްޤަކީ މުޠްލަޤް އިޚްތިޔާރެއް ނޫން ނުވަތަ ޙައްޤެއް ނޫން. ކޮންމެ ޙައްޤެއްވެސް ހިފެހެއްޓެން ޖެހޭނެ، ވަކި ދާއިރާއެއްގެ ތެރޭގައި. މިނިވަންކަންވެސް އޮންނަން ޖެހޭނީ، ވަކި ދާއިރާއެއްގެ ތެރޭގައި. އެއީ ހަމައެކަނި އަޅުގަނޑުމެން މިހާރު ގަބޫލުކުރާ އުޞޫލެއް ނޫން. މި އުޞޫލަކީ ހުރިހާ ޒަމާނެއްގައިވެސް، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިނިވަންކަމާ ދޭތެރޭގައި ބަޙުޘްކޮށްފައިވާ މުފައްކިރުންނާއި، ލިޔުންތެރިންނާއި އަދި އެނޫންވެސް މިނިވަންކަމާ ބެހޭގޮތުން ބަޙުޘް ކުރަމުންގެންދާ މީހުން ގަބޫލުކުރާ ޙަޤީޤަތެއް.

އާދެ، މިނިވަންކަމަކީ ތިމާ ނުވަތަ ތިމާމެން ގަބޫލުކުރާ އުޞޫލުތަކެއް ނިޔާކުރާ ގޮތުގެމަތިން، އޭގެ ދާއިރާ ފުޅާވެ ނުވަތަ ހަނިވެގެންދާނެ އެއްޗެއް. ޝައްކެއްނެތް، އަޅުގަނޑުމެންނަށް މި ލިބިފައިވާ ޤައުމީ މިނިވަންކަމުގެ އެންމެ ބޮޑު އަސާސަކީ، މީގެކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނާ ގުޅިފައިވާ ގުޅުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ގުޅުމެއް ނޫން. އެހެންކަމާއެކު، އިސްލާމްދީނުގައި މިނިވަންކަން އެއީ ކޮން އެއްޗެއްތޯ ބަލައިލުމަކީވެސް، ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަން ފާހަގަކުރާ ދުވަހެއްގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަން ކަށަވަރު.

އާދެ، އިސްލާމްދީން ގެނެސްދީފައިވަނީ އެންމެ މަތިވެރި އެންމެ މާތް މިނިވަންކަން. އިސްލާމްދީން ބިނާވެފައިވަނީ ﷲ ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއްގެ އަޅުވެތިކަމުން އިންސާނުން މިނިވަންކުރުމުގެ މައްޗަށް. އިސްލާމްދީން އައުމުގެ ކުރިން، މުޅި އިންސާނިއްޔަތު ވަނީ ﷲ ފިޔަވައި، އެހެން ވަރަށް ގިނަ ފަރާތްތަކެއްގެ އަޅުވެތިކަން ގަބޫލުކޮށްފައި. އެއީ، އެމީހުންގެ ޖާހިލުކަން ހުރިގޮތުން. އެކިއެކި ބާޠިލް ޢަޤީދާތައް ވަނީ ގަބޫލުކޮށްފައި. އެކިއެކި ޚުރާފާތުތައް ވަނީ ގަބޫލުކޮށްފައި. އެއްވެސް ޞައްޙަ ބިންގަލެއް ނެތް ވަސްވާސްތައްވަނީ ގަބޫލުކޮށްފައި. އިންސާނުންގެ ވަށައިގެން ފެންނަންހުރި އެކިއެކި ބާރުތަކާ ދޭތެރޭގައި އެމީހުން ހީކޮށްފައިވަނީ، އެ ބާރުތަކަކީ އޭގެ ނުބައި އަސަރު އެމީހުންނަށް ފޯރުވިދާނެ ބާރެއްކަމުގައި. ވިއްސާރަ، ޠޫފާން، ކަނޑުގެ ބާރު، މިހެންގޮސް އެމީހުންގެ ވަށައިގެން ފެންނަންހުރި ކޮންމެ އެއްޗަކީ، އޭގެ ނުރައްކަލުން އެމީހުން ސަލާމަތްވާންޖެހޭ އެއްޗެއްގެ ގޮތުގައި އެމީހުން އޮތީ ގަބޫލުކޮށްފައި.

އެހެންވީމާ، އެތަކެތީގެ ނުވަތަ އެބާރުތަކުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެކިއެކި ކަންތައްތައް ކުރަމުން ގެންދިޔަ. އެކިއެކި އަޅުކަން ކުރަމުން ގެންދިޔަ. ބައެއްފަހަރަށް އިންސާނުން އަޅުކަން ކުރަމުން ގެންގޮސްފައިވަނީ އިރަށް. އަނެއްބައިފަހަރު ހަނދަށް ނުވަތަ ތަރިތަކަށް، ނުވަތަ ފަރުބަދަތަކަށް، ނުވަތަ ތިމާމެންގެ އަމިއްލަ އަތުން ހަދާފައިވާ ބުދުތަކަކަށް. މި ހުރިހާ ޚުރާފާތުތަކާއި، ބާޠިލް ޢަޤީދާތަކުން އިންސާނުން މިނިވަންކުރީ ހަމައެކަނި މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި ހިމެނިފައި އޮތީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް އަޅުވެތިވުން. ޝައްކެއްނެތްގޮތުގައި، ޙަޤީޤީ މިނިވަންކަމަކީ އަދި އެންމެ މަތިވެރި މިނިވަންކަމަކީ ﷲ ގެ ޙަޟްރަތަށް އަޅުވެތިވުން. އިސްލާމްދީނުގައި މިނިވަންކަން ކަނޑައަޅުއްވާފައިވާ މިންވަރު އަޅުގަނޑު ނުދެންނެވިއަކަސް، މިތާނގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތުން اللّـه سبحـانـه وتعـالى އަޅުގަނޑުމެން ހައްދަވައި އަޅުގަނޑުމެންނަށް ޙިއްސުތަކުގެ ނިޢުމަތް ދެއްވި. ބުއްދީގެ މަތިވެރި ނިޢުމަތް ދެއްވި. އެ ހުރިހާ ނިޢުމަތެއް ދެއްވުމަށްފަހު، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ޚިޔާރުކުރާގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އަޅުގަނޑުމެންނަށް އޮތީ ދެއްވާފައި. ﷲ ވަޙީކުރައްވަނީ أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ وَهَدَيْنَــٰهُ النَّجْدَيْنِ ﴿١٠﴾ "ތިމަންރަސްކަލާނގެ އޭނާއަށް އާދެ، އިންސާނާއަށް ދެލޯ ނުދެއްވަމުހޭ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ދުލެއް ނުދެއްވަމުހޭ. ތިމަންރަސްކަލާނގެ އޭނާއަށް ދެ ތުންފަތް ނުދެއްވަމުހޭ. އެއަށްފަހު ތިމަންރަސްކަލާނގެ އޭނާއަށް ދެ މަގު ދެއްކެވީމެވެ. އާދެ، އެއީ ހެޔޮކަމުގެ މަގާއި ނުބައިކަމުގެ މަގު." ހަމައެފަދައިން، ﷲ ވަޙީކުރައްވާ إِنَّا هَدَيْنَــٰهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴿٣﴾ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާއަށް މަގު ދެއްކެވީމެވެ. އެހެންވީމާ، އެ މަގު ޚިޔާރުކުރުމުގައި އެއްބައިމީހުން ވާހުށީ ޝުކުރުކުރާ ބަޔަކަށޭ. އަނެއްބައިމީހުން ވާހުށީ ނިޢުމަތަށް ޝުކުރުނުކުރާ ކާފިރުވާ ބަޔަކަށޭ." އާދެ، މި އާޔަތްތަކުން އެނގޭގޮތުގައި ތިމާ ހިނގާނެމަގު އިޚްތިޔާރުކުރުން އެއީ، ތިމާއަށް ﷲ ދެއްވާފައިވާ ކަމެއް. އެހެންނަމަވެސް، އިސްލާމްދީން ގަބޫލުކުރުމަށްފަހު، ދެން ވަކި ދާއިރާއެއްގައި ތިމާގެ ޢަމަލުތަކާއި އުޅުމާއި އަޚްލާޤު ބެހެއްޓުން އެއީ ޝައްކެއްނެތްގޮތުގައި، އެންމެންގެ މައްޗަށް ވާޖިބުވެގެންވާނެ ކަމެއް. ﷲ ހުއްދަ ކުރައްވާފައިވާ ކަމެއް ފިޔަވައި، އެހެންކަމެއް ކުރުމަކީ އެކަމުގެ އެއްވެސް މިނިވަންކަމެއް، އިޚްތިޔާރެއް، މުސްލިމުންނަށް އޮންނާނެ ކަމެއްނޫން. ﷲ އަންގަވާފައިވާ ހުރިހާ އެންގެވުންތަކަށް ބޯލެނބުމަކީ ދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް. ދީނުގެ ޙުދޫދުން ނެއްޓިގެން ދިޔުމަކީ، އެއްވެސްއިރެއްގައި މުސްލިމުންގެ މިނިވަންކަމުގެ ތެރޭގައި ހިމެނިގެންދާނެ ކަމެއްނޫން. އާދެ، އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލަކީ.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތިމާ ގަބޫލުކުރާ ނުވަތަ ތިމާމެން ގަބޫލުކުރާ އުޞޫލުތައް ނިޔާކުރާ ދާއިރާއެއްގެ ތެރޭގައި ތިމާމެންގެ މިނިވަންކަން ހިފަހައްޓަންޖެހޭނެ. އެ ނޫން މިނިވަންކަމަކީ އޮތް އެއްޗެއް ނޫން. ޤައުމީގޮތުން ބެލިޔަސް އަދި އަފްރާދުންގެ ގޮތުން ބެލިޔަސް މިއީ ތެދެއްކަން އެނގިވަޑައިގަންނަވާނެ. ދުނިޔޭގައިވާ އެންމެ ބާރުގަދަ، އެންމެ މިނިވަން ޤައުމުތައް ކަމުގައި އަޅުގަނޑުމެން އަހާ ޤައުމުތަކުންވެސް ޢަމަލުކުރަމުން ގެންދަނީ، ވަކި އުޞޫލެއްގެ މަތިން. އެއްވެސް ޤައުމަކަށް، އެއީ ކިތަންމެ ވަރުގަދަ، ކިތަންމެ ކުރިއަރާފައިވާ ޤައުމަކަށްވިޔަސް، އެ ޤައުމެއް ބޭނުންހާގޮތަކަށް ކަންތައްކުރުމުގެ އިޚްތިޔާރު، އެ ޤައުމަކަށް މިއަދުގެ ދުނިޔޭގައި ލިބިފައެއް ނުވޭ. އެމީހުން ބަލަންޖެހޭ ކަންތައްތަކެއް ހުރޭ. ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކަށް ބަލަންޖެހޭ. އެމީހުންނާއި އެމީހުންގެ އެކުވެރި ޤައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުމަށް ބަލަންޖެހޭ. އަދި އޭގެ އިތުރަށް، މުޅި އިންސާނީ މުޖުތަމަޢުގެ ޚިޔާލާއި، އިންސާނީ މުޖުތަމަޢުގެ ފާޑުކިޔުމަށް، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން ބަލަންޖެހޭ. އެހެންވީމާ، ކިތަންމެ ބާރުގަދަ، ކިތަންމެ ވަރުގަދަ ޤައުމަކަށްވެސް، އެ ބަޔަކު އެވަގުތަކު ބޭނުންވި ހުރިހާ ގޮތަކަށް ކަންތައް ކުރުމުގެ އިޚްތިޔާރެއް ނޯވޭ.

ހަމައެފަދައިން، އިޤްތިޞާދީ ކަންތައްތަކުގައިވެސް، އެ ބަޔަކު ބޭނުންހާގޮތަކަށް މިއަދުގެ ދުނިޔޭގައި ޢަމަލުކުރެވޭކަށް ނޯވޭ. މި ހުރިހާ ކަމަކުން އެނގޭ އެއްޗަކީ، މިނިވަންކަމަކީ ވަކި އުޞޫލުތަކެއްގެ ތެރޭގައި، ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗެއްކަން. އަދި ހިފެހެއްޓިފައި އޮންނަންވާނެ އެއްޗެއްކަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަދި މިތާނގައި ވާހަކަފުޅު ދެއްކެވި ދެ ޢިއްޒަތްތެރިން ވިދާޅުވި ފަދައިން، މިއަދަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް 20 އަހަރު ފުރޭ ދުވަސް. ނުވަތަ އަޅުގަނޑުމެންގެ މިނިވަންކަމުގެ 20 ވަނަ އަހަރީ ދުވަސް. އާދެ، އެއް ޙައިޘިއްޔަތަކުން ބަލާއިރު މިނިވަންކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ދިވެހި ޤައުމީ މިނިވަންކަމަކީ، 20 އަހަރަށްވުރެ މާދިގު ޢުމުރެއް ވޭތިކޮށްފައިވާ އެއްޗެއް. އަޅުގަނޑުމެންގެ ތާރީޚުގައި މިނިވަންކަން ގެއްލިގެން ދިޔައީ ވަރަށް މަދު ފަހަރެއްގައި. އެނޫން ހުރިހާ ޒަމާންތަކެއްގައި، ދިވެހިރާއްޖޭގައި މީހުން އުޅެން ފެށުނީއްސުރެ މިހާތަނާ ޖެހެންދެން ދިވެހި ޤައުމު ހިމެނިފައިވަނީ، މިނިވަން ފުރިހަމަ ސިޔާދަތާއި އިސްތިޤްލާލު ލިބިފައިވާ ޤައުމެއް ކަމުގައި. އެހެންނަމަވެސް، ވޭތުވެދިޔަ ޤަރުނުގެ ތެރޭގައި، އަޅުގަނޑުމެންނާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ގުޅެވުނު ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އޮތީ އުނިކަމެއް ލިބިފައި. މިޒަމާނުގެ ޢިބާރާތުން ދަންނަވަންޏާ، ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނީ މީގެ 20 އަހަރު ކުރިން. އެހެންވީމާ، މިއަދު މިއީ އަޅުގަނޑުމެންގެ މިނިވަންކަމަށް 20 އަހަރު ފުރޭ ދުވަސް ކަމުގައި ބެލިފައިވަނީ.

ކޮންމެއަކަސް މިނިވަންކަމަށް 20 އަހަރު ފުރުމަކީ ނުވަތަ 30 އަހަރު ފުރުމަކީ ނުވަތަ 50 އަހަރު ފުރުމަކީ ނުވަތަ އެއަށްވުރެ ގިނަ އަހަރުތަކެއް ފުރުމަކީ އޭގެ ޒާތުގައި މާބޮޑު ކަމެއްނޫން. ބޮޑުކަމަކީ އަދި މުހިންމު ކަމަކީ މިނިވަންކަން ރައްކާތެރި ކުރުމާއި، މިނިވަންކަން ބަދަހިކުރުން. އާދެ، މިނިވަންކަން ރައްކާތެރި ކުރުމާއި، މިނިވަންކަން ބަދަހިކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ދެ ކަމެއް. އެހެންނަމަވެސް، އެއީ ވަރަށް ބޮޑަށް ލާމެހި ގުޅިފައިވާ ދެ ކަމެއް. މިނިވަންކަން ރައްކާތެރިކުރެވޭނީ މިނިވަންކަން ބަދަހިކޮށްގެން. މިނިވަންކަން ރައްކާތެރި ކުރުމަކީ، އެންމެ ފުރަތަމަ ބޭރުން އަތުވެދާނެ ނުރައްކަލަކަށް ތައްޔާރަށް ތިބުން. އާދެ، މިއަދުގެ ދުނިޔޭގައި ކަންތައްތައް ހުންނަ ގޮތުން، އަޅުގަނޑުމެން ނުވެސް ވިސްނާ ތިއްބާ، ކުއްލި ނުރައްކަލެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް. ކުއްލިއަކަށް ބޭރު ޤައުމެއްގެ ލަޝްކަރެއް އައިސް އަޅުގަނޑުމެންނާ ދިމާނުކުރި ކަމުގައިވިޔަސް، އެހެނިހެން ގޮތްގޮތުން މިނިވަން ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މިނިވަންކަމަށް ދިމާވެދާނެ ނުރައްކާތަކެއް މިއަދުގެ ދުނިޔޭގައި ހުރެދާނެކަން ކަށަވަރު. އެހެންވީމާ، އަބަދުވެސް ބޭރުން އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވެގެން ތިބުމަކީ، އެކަމަށް ހޭލައިތިބުމަކީ ޤައުމީގޮތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، މިނިވަންކަން ބަދަހިކުރުމަކީ ހަރުދަނާ ޤައުމީ ބިންގަލެއްގެ މައްޗަށް މިނިވަންކަން ބިނާކުރުން. އެހެން ޢިބާރާތަކުން ދަންނަވަންޏާ، ދިވެހި ޤައުމުގެ ނިސްބަތުގައިނަމަ އެއީ، ދިވެހިންގެ އަމިއްލަ ޤައުމީ ޝަޚްޞިއްޔަތެއް އޮތުން. ދިވެހިން ގަބޫލުކުރާ އަމިއްލަ ޤައުމީ، ދީން، އިޖުތިމާޢީ، އަދި ސިޔާސީ އުޞޫލުތަކެއްގެ މަތީގައި ދިވެހިރާއްޖޭގެ މިނިވަންކަން ޤާއިމުކޮށް، އެ މިނިވަންކަން ރައްކާތެރި ކުރުން. އެންމެ ފުރަތަމަ ދިވެހިވަންތަކަން. އަޅުގަނޑުމެންނަކީ އެއްބައެއްކަން، އެންމެންނަށް ގަބޫލުކުރެވުން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި ވަރަށް ޚާއްޞަ ގުޅުންތަކެއްހުރި އެއް މުޖުތަމަޢެއްގެ އަހުލުވެރިންކަން، އެންމެންނަށް ހިތުގެ އަޑިން ގަބޫލުކުރެވުން. އަޅުގަނޑުމެންގެ މިނިވަންކަމާއި އަދި އަޅުގަނޑުމެންގެ ޢިއްޒަތާއި، ބާއްޖަވެރިކަމާއި، ކަރާމާތުގެ އެންމެ ވަރުގަދަ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީންކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވުން. އަދި، އަޅުގަނޑުމެން ދިވެހިންނަކީ ޚާއްޞަ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ، އެންމެ ބޮޑު އެއްކަމަކީ އަޅުގަނޑުމެންގެ މާދަރީބަސްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވުން. މި ކަންތައްތައް ގަބޫލުކުރެވިގެން، އަޅުގަނޑުމެންނަކީ އެހެން ޤައުމުތަކާ ތަފާތު ޤައުމީ ޝަޚްޞިއްޔަތެއް ލިބިފައިވާ ބައެއް ކަމުގައިވާނީ. އެހެންވީމާ، މި ޤައުމީ ޝަޚްޞިއްޔަތު ދެނެގަތުމާއި، އެ ޝަޚްޞިއްޔަތު ވަރުގަދަކުރުމާއި، އެ ޝަޚްޞިއްޔަތު ދެމެހެއްޓޭތޯ ބެލުމަކީ ޝައްކެއްނެތްގޮތުގައި، މިނިވަންކަން ބަދަހިކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ.

އާދެ، ކޮންމެ ތަނެއްގައިވެސް، އެ ތަނެއްގެ ޤައުމީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އެތަނެއްގެ ޤައުމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރޭ. އަދި އެ ކުރާ މަސައްކަތްތަކުގެ ތެރޭގައި ރަމްޒުކަމުގައި ހިމެނޭ ކަންތައްތަކެއްވެސް ހުރޭ. ޤައުމީ ރަމްޒުތަކެއް ކޮންމެ ތަނެއްގައިވެސް ހުރޭ. މިސާލަކަށް، ޤައުމީ ދިދަ، ޤައުމީ ސަލާމް، ދައުލަތުގެ ނިޝާން، މި ކަންތައްތައް މިއީ، އެ ޤައުމެއްގައި ދިރިއުޅޭ މީހުންނަކީ، އެހެންމީހުންނާ ތަފާތު ވަކި ޖަމާޢަތެއްގެ، ވަކި ޤައުމެއްގެ އަހުލުވެރިންކަން ދެނެގަތުމަށްޓަކައި އަދި އެކަން ފާޅުކުރުމަށްޓަކައި ބޭނުންކުރެވޭ ރަމްޒުތަކެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މި ދެންނެވި ރަމްޒުތައް އެބަހުރި. އަޅުގަނޑުމެންގެ ޤައުމީ ދިދައެއް އެބަހުރި. އަޅުގަނޑުމެންގެ ޤައުމީ ސަލާމެއް އޮވޭ. އަޅުގަނޑުމެންގެ ދައުލަތުގެ ނިޝާނެއް އެބަހުރި. ބައެއް އެހެން ތަންތާނގައި ހުންނަ މި ބާވަތުގެ ޤައުމީ ރަމްޒުތައް ފުރިހަމަ ކުރުމަށްޓަކައި މިހާރު އިތުރު ކަންތައްތަކެއްވެސް ހަމަޖެހިގެން ހިނގައްޖެ. ތިޔަބޭފުޅުން އައްސަވާނެ ފަދައިން، ރާއްޖޭގެ ޤައުމީ މަލެއް، ސަރުކާރުން ކަނޑައަޅައިފި. ރާއްޖޭގެ ޤައުމީ ގަހެއް، ސަރުކާރުން ކަނޑައަޅައިފި. މި ކަންތައްތައް މިހެން ކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޤައުމީ ޝުޢޫރު އާލާކުރުން. އަޅުގަނޑުމެންނަކީ އެހެން މީހުންނާ ތަފާތު، ވަކި ޖަމާޢަތެއްގެ، ވަކި ޤައުމެއްގެ އަހުލުވެރިންކަން، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި އަށަގަތުން. މިގޮތުން ކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ މިނިވަންކަން ބަދަހިވުން.

އާދެ، މިނިވަންކަން ބަދަހިކުރުމުގެ އަނެއް ބޭނުމަކީ ނޭނގިތިބެ، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް ނުދާފަދަ ގޮތަކަށް ވިސްނައިގެން ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދިޔުން. އެގޮތަކީ މިނިވަންކަމަކީ ހަމައެކަނި ސިޔާސީ މިނިވަންކަމެއް ނޫން. ބޭރު ބަޔަކު ދިވެހިރާއްޖެއަށް އައިސް، ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތްކަމުގައިނުވިޔަސް، މި ދެންނެވީ ސިފައިން ފޮނުވައިގެން، ސިފައިންގެ ބަޔަކު އައިސް ރާއްޖެ ނުހިފިކަމުގައިވިޔަސް، އެހެންގޮތްގޮތުން އަޅުގަނޑުމެން ބޭރު ތަންތާނގެ ނުފޫޒުގެ ދަށަށް މިއަދުގެ ދުނިޔޭގައި ދެވޭގޮތްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އެހެން ބާވަތްތަކުގެ މިނިވަންކަމަށްވެސް އާދެ، އިޤްތިޞާދީ މިނިވަންކަމަށާއި، ފިކުރީ މިނިވަންކަމަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އިޤްތިޞާދީ މިނިވަންކަން ވަރުގަދަކުރުން އެއީ ޝައްކެއްނެތްގޮތުގައި، ޤައުމުގެ ސިޔާސީ މިނިވަންކަން ވަރުގަދަކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ. ކޮންމެ ތަނެއްގައިވެސް، އެތަނެއްގެ އިޤްތިޞާދީ މިނިވަންކަން ބިނާވެފައި އޮންނާނީ، އެތަނެއްގައި ހުރި ޤުދުރަތީ މުއްސަނދި ކަމުގެ ވަސީލަތްތަކާއި، އުފެއްދުންތެރި ކަމުގެ ވަސީލަތްތައް، އެތަނެއްގެ އަހުލުވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އޮތުމަށް. ދިވެހިރާއްޖޭގެ ނިސްބަތުގައި ވިސްނާއިރު، އަޅުގަނޑުމެންގެ ޤުދްރަތީ މުއްސަނދިކަން އެއީ ކިތަންމެ ކުޑައެއްޗެއް ކަމުގައިވިޔަސް، އެ މުއްސަނދިކަން އަދި އުފެއްދުންތެރިކަމުގެ ވަސީލަތްތައް ހުންނަންޖެހޭނީ ދިވެހިންގެ ކޮންޓްރޯލްގެ ދަށުގައި. އަޅުގަނޑުމެންގެ އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތްތަކަކީ މަސްވެރިކަމާއި ޓޫރިޒަމް. މަސްވެރިކަންވެސް އޮންނަން ޖެހޭނީ، ދިވެހިންގެ ކޮންޓްރޯލްގެ ދަށުގައި. ޓޫރިޒަމްވެސް އޮންނަން ޖެހޭނީ، ދިވެހިންގެ ކޮންޓްރޯލްގެ ދަށުގައި. އަދި އެނޫން އެކިއެކި އުފެއްދުންތެރި ކަމުގެ ވަސީލަތްތައްވެސް، މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާ ފުޅާކުރަމުންދާއިރު، ކުރިން ކޮށްފައިނުވާ އިޤްތިޞާދީ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ފަށައިފީމު. އެ މަސައްކަތްތަކުގެ ކޮންޓްރޯލްވެސް އޮންނަންޖެހޭނީ، ހަމަ އަޅުގަނޑުމެންގެ އަތްމަތީގައި. އެނޫންގޮތަކަށް އޮވެއްޖެނަމަ، އަޅުގަނޑުމެންގެ އިޤްތިޞާދު، ބޭރު ބައެއްގެ އަތްދަށަށް ހިނގައިދާނެ. އިޤްތިޞާދީ މިނިވަންކަން ގެއްލިގެން ހިނގައިދާނެ. އިޤްތިޞާދީ މިނިވަންކަން ގެއްލިއްޖެއްޔާ ޝައްކެއްނެތްގޮތުގައި، އެވާނީ އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމަށް ދިމާވާ ވަރަށް ބޮޑު ނުރައްކަލަކަށް.

އާދެ، މި އިޤްތިޞާދީ މަސައްކަތްތައް ކުރަމުން ގެންދާއިރު އަދި ޚާއްޞަކޮށް، ބޭރުގެ މީހުންނާ ގުޅިގެން އަޅުގަނޑުމެން ތަފާތު މަސައްކަތްތައް ކުރަމުން ގެންދާއިރު، މި ނުކުތާއާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. މިސާލެއް ދަންނަވަންޏާ، ޓޫރިޒަމަކީ މިހާރު ރާއްޖެއަށް އިޤްތިޞާދީގޮތުން ވަރަށް ގިނަ ފައިދާތަކެއް ގެނެސްދޭ މަސައްކަތެއް. އެކަމުގެ ސަބަބުން ރާއްޖޭގެ ތިޔާގިކަން އިތުރުވެ، ތަނަވަސްކަން އިތުރުވެ، ވަރަށް ގިނަ ފައިދާތައް ލިބެމުން އެބަދޭ. އެހެންނަމަވެސް، ޓޫރިޒަމްގެ ދާއިރާގައިވެސް، ކަންތައްތައް ހިނގަމުންދާގޮތަށް ވިސްނާއިރު، އަޅުގަނޑުމެންނަށް ނޭނގި މަޑުމަޑުން ބޭރުމީހުންގެ އަތްމައްޗަށް ޓޫރިޒަމްގެ ކަންތައްތައްދާކަން ފާހަގަކުރެވޭ. ބޭރުމީހުންނާ ގުޅިގެން އަޅުގަނޑުމެން އެކަންތައް ކުރާއިރު، އެމީހުންގެ ކޮންޓްރޯލްގައި އަޅުގަނޑުމެންގެ ޓޫރިޒަމްގެ ކަންތައްތައް އޮންނަގޮތް ދިމާވެއްޖެއްޔާ ޝައްކެއްނެތްގޮތުގައި، އެ ވާނީ މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ބޮޑު ނުރައްކަލަކަށް. އެހެންވީމާ، އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް މިކަމާދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވަންވާނެ. އަދި ސަރުކާރުންވެސް މިކަމާދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ.

އާދެ، ދެން ބޭރުމީހުންނާ ގުޅިގެން އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތައް ކުރިއަރުވަމުން ގެންދާއިރު އަދި އޭގެ ފައިދާ ޙާޞިލު ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތައި އަދި ޤައުމާއި ޖަމާޢަތުގެ މަޞްލަޙަތު އިސްކުރުމަކީ ކޮންމެހެން ބޭނުންކަމެއް. މިހެން ދަންނަވަން ޖެހެނީ، ވަރަށްގިނަފަހަރަށް އެކަހަލަ ކަންތައްތައް ކުރަމުންދާއިރު، އަވަސް ވަގުތީ ފައިދާއެއް ހޯދުމަށްޓަކައި ބައެއްފަހަރަށް ޤާނޫނުގެ މަތިން ހަނދާންނެތިގެންދޭ. ގަވާއިދުގެ މަތިން ހަނދާންނެތިގެންދޭ. ޤައުމުގެ މަޞްލަޙަތު އޮތީ، ކޮން ގޮތެއްގައިކަން ނުވަތަ ޖަމާޢަތުގެ މަޞްލަޙަތު އޮތީ، ކޮން ގޮތެއްގައިކަން ހަނދާންނެތިގެންދޭ. ތިމާގެ ނުވަތަ ތިމާ ބައިވެރިވެގެން އުޅޭ ބައެއްގެ ފައިދާއަށްޓަކައި، ގަވާއިދާ ޚިލާފަށް، ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރެވޭތަން އާދޭ. އެހެންނަމަވެސް، އެއީ ވަގުތީ ފައިދާއެއް، އެކަމުން ލިބުން ކަމެއް ކަމުގައިވިޔަސް، ޝައްކެއްނެތްގޮތުގައި އެކަމުން މުޅި ޤައުމަށާއި ޖަމާޢަތަށް ލިބޭނީ އެކިއެކި ގެއްލުން.

އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، ތަނެއްގެ ސިޔާސީ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި، އެތަނެއްގެ ފިކުރީ މިނިވަންކަންވެސް ރައްކާތެރި ކުރަންޖެހޭނެ. އާދެ، ފިކުރީ މިނިވަންކަން ރައްކާތެރި ކުރުމަކީ، ދިވެހިރާއްޖޭގެ ނިސްބަތުގައިނަމަ، އަޅުގަނޑުމެންގެ ދީނާއި އަދި އަޅުގަނޑުމެންގެ މުޖުތަމަޢު ގަބޫލުކުރާ އުޞޫލުތަކާ ޚިލާފު ގޮތްތަކަށް ހެއްލިގެން ނުދިޔުން. ދުނިޔޭގައި އެކި ތަންތާނގައި މީސްމީހުން ޢަމަލުކުރަމުން ގެންދާގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް ބައެއް ކަންތައްތައް ރީތިވެގެން ހިނގައިދާނެ. އެއީ، ޒަމާނީ ނުވަތަ ކުރިއެރުމުގެ ވަސީލަތްތަކެއް ކަމަށް އަޅުގަނޑުމެންނަށް ހީވެދާނެ. އެހެންނަމަވެސް، އެކަމުގެ ޙަޤީޤަތަށް ނުވިސްނައި، އެކަންކަން ބޭރުމީހުން އެކުރާގޮތަށް އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވޭތޯ ބެލުމަކީ، ފަހަރެއްގައި އަޅުގަނޑުމެންގެ ފިކުރީ މިނިވަންކަމަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް.

އާދެ، ބޭރުމީހުންގެ ކިބައިން އަޅުގަނޑުމެން ދަސްކުރަންވީ ރަނގަޅު ކަންތައްތަކެއް އެބަހުރި. ހަމައެފަދައިން، އެ މީހުންގެ ކިބައިން އަޅުގަނޑުމެން ބަލައިނުގަންނަންވީ ނުބައި ކަންތައްތަކެއްވެސް އެބަހުރި. އަޅުގަނޑުމެން ކޮންމެ ކަމަކަށްވެސް ބަލަންވާނީ، އިންޞާފުވެރި ނަޒަރަކުން. ބޭރުމީހުންގެ ކިބައިން އަޅުގަނޑުމެންނަށް ދަސްވާންހުރި ރަނގަޅު ކަންތައްތަކުގެ ތެރޭގައި އެންމެ އިސްކަމަކީ، ޢިލްމީގޮތުންނާއި އަދި މި ޒަމާނުގެ ޓެކްނޮލޮޖީގޮތުން ކުރިއަށްދިޔުން. އެ ރޮނގުތަކުގައި ކުރިއަށްދާން ބޭރު ޤައުމުތަކުގެ މީހުން މަސައްކަތްކުރާ ފަދައިން ހިންމަތާއެކު އަޅުގަނޑުމެންވެސް މަސައްކަތް ކުރަން ދަސްކުރުން. އެކިއެކި ކުރިއެރުމުގެ ގޮތްތަކާއި، އެކިއެކި ޢިލްމުތަކާއި ފަންނުތަކާއި ހުނަރުތައް އަޅުގަނޑުމެން ދަސްކުރުން. އަދި، އެ ރޮނގުތަކުގައި ކުރިއަށް ދިޔުން. ހަމައެފަދައިން، ބޭރުގެ މީހުންގެ ކިބައިން އަޅުގަނޑުމެންނަށް ދަސްކުރެވިއްޖެނަމަ ވަރަށް ރަނގަޅުވާނެ އެހެންކަމެއްވެސް އެބައޮތް. އެއީ މަސައްކަތްތެރިކަމުގެ އަޚްލާޤު. އާދެ، މަސައްކަތްތެރިކަމުގެ އަޚްލާޤު އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު މަސައްކަތްތެރިކަން ކުރިއަރަމުންދާތީ، އެ މަސައްކަތްތެރިކަމުގެ އަޚްލާޤު އަޅުގަނޑުމެންނަށް ދަސްނުވާހާ ހިނދެއްގައި، އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން ނުދާނެތީ.

އާދެ، އޭގެތެރޭގައި ބޭރުމީހުންގެ ކިބައިން އަޅުގަނޑުމެން ދަސްކުރަންވީ ކަމަކީ، މި ދެންނެވީ، ކަމަށްކަމޭހިތުން. ބޭކާރުގޮތުގައި މަސައްކަތުގައި ވަގުތު ނަގައިނުލުން. ތިމާގެ ރޮނގުގައި އަބަދުވެސް އިތުރު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔުން. ތިމާ ބުނާ ބަހުގެ އަގު ހިފެހެއްޓުން. ދިވެހިންނާއި ބޭރު މީހުންނާ އެކުވެގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާތަން އަޅުގަނޑުމެންނަށް ފެނޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ، އަޅުގަނޑުމެން އެ މަސައްކަތް ކުރާއިރު، އެ މަސައްކަތަށް ބަހައްޓަންޖެހޭ ފަރުވާ ނުބެހެއްޓޭކަން. މަސައްކަތުގެ ވަގުތު ބޭކާރުގޮތުގައި ނަގައިލެވޭކަން ނުވަތަ އުފެއްދުންތެރިކަން، ބޭރުމީހުން އެގެންދާ ފެންވަރަށް އަޅުގަނޑުމެންނަށް ނުގެންދެވޭކަން. ހަމައެފަދައިން، އަޅުގަނޑުމެން ބުނާ ބަހުގެ އަގުވެސް ނުހިފެއްޓޭކަން. އެގްރީމެންޓެއް ކޮށްފާނެ، ކޮންމެވެސް މަސައްކަތެއް ކުރަން. އެހެންނަމަވެސް، އެ އެގްރީމެންޓް ކުރާތާ ދެމަސް، ތިންމަސް ނުވަތަ ހަތަރުމަސްފަހުން އޮންނާނީ މައްސަލަ ޝަރީޢަތަށްދާ ހިސާބުގައި، ކޮންމެވެސް އެއްފަރާތަކުން އެގްރީމެންޓާ ޚިލާފުވެގެން. އަޅުގަނޑުމެންގެ ފަރާތުން ވަރަށްގިނަފަހަރަށް ޚިލާފުވެވޭ. އެހެންވީމާ، އެއީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ކަން ކުރަންވީ ގޮތެއް ނޫން. އެކަހަލަ ކަންތައް ކުރުމުން، ބޭރުމީހުންގެ ކުރިމަތީގައިވެސް އަޅުގަނޑުމެންގެ ޤަދަރު ވެއްޓި، އަޅުގަނޑުމެންނަކީ އެއްވެސް އިތުބާރެއްހުރި ބަޔަކަށް ނުވެ ހިނގައިދާނެ.

އާދެ، އަޅުގަނޑު މި ދެންނެވި މަސައްކަތްތެރިންގެ އަޚްލާޤު އެއީވެސް ޙަޤީޤަތުގައި ބޭރު ޤައުމުތަކުން ދަސްކުރަންޖެހޭ އެއްޗެއް ނޫން. އެއީ ހަމަ އަޅުގަނޑުމެން ގަބޫލުކުރާ މާތް ދީނުގެ އުޞޫލުތަކުގައި ހިމެނިފައިވާ ކަންތައްތަކެއް. ތިމާގެ ބަހުގެ އަގު ހިފެހެއްޓުން. ވައުދު ފުއްދުން. ދީނުގައި އަންގަވާފައިވާ ކަމެއް. ތިމާ ކުރާ މަސައްކަތެއް، ތިމާއަށް ކުރެވުނު އެންމެ މޮޅަކަށް، އެންމެ ރަނގަޅަކަށް ކުރުން. އެއީވެސް ދީނުގައި އަންގަވާފައިވާ ކަމެއް. ތިމާގެ ވަގުތު ބޭކާރު ނުކުރުން. އެއީވެސް ދީނުގައި އަންގަވާފައިވާ ކަމެއް. ކޮންމެ ކަމެއްގައިވެސް ގަދައަޅައި މަސައްކަތްކޮށް، ތިމާއާއި ތިމާގެ ޢާއިލާއާއި މުޖުތަމަޢަށް ފައިދާހުރި ގޮތުގައި ކަންތައް ކުރެވޭތޯ ބެލުން އެއީވެސް ދީނުގައި އަންގަވާފައިވާ ކަމެއް. ޙަޤީޤަތުގައި މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް. މިއީ ކޮންމެހެން ބޭރުމީހުންގެ ކިބައިން ދަސްކުރަންވީ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވާ އެއްޗަކީ، ބޭރުމީހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާއިރު، އެމީހުންގެ ފަރާތުންވެސް މިކަމުގެ އިޝާރާތްތައް، މީހުން އެ ކަންތައް ކުރަމުން ގެންދާގޮތް ފެނުމުން، އެ ވާންޖެހޭނީ މި ދެންނެވި މަސައްކަތްތެރިކަމުގެ ރީތި އަޚްލާޤު ލިބިގަތުމަށް އަޅުގަނޑުމެންނަށް ލިބޭ ހިތްވަރަކަށޭ.

އާދެ، ބޭރުމީހުންގެ ކިބައިން އަޅުގަނޑުމެން ބަލައިނުގަންނަންވީ ކަންތައްތަކަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނާ ޚިލާފުވާ ކަންތައްތައް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ރީތި އާދަކާދަތަކާއި އުޞޫލުތަކާ ޚިލާފުވާ ކަންތައްތައް. އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ޘަޤާފަތާ ޚިލާފުވާ ކަންތައްތައް. އެބާވަތުގެ ކަންތައްތައް އެއީ ފަހަރެއްގައިވެސް ބޭރުމީހުންގެ ކިބައިން ބަލައިގަނެގެންވާނެ އެއްޗެއް ނޫން. އެހެން ހަދައިފިނަމަ، އަޅުގަނޑުމެންގެ ފިކުރީ މިނިވަންކަން ގެއްލިގެންދާނެ. އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތު ގެއްލިގެންދާނެ. އެހެން ބައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ޝަޚްޞިއްޔަތު ވިރުވައިލެވެނީ އެ. އެހެންވީމާ، މިނިވަންކަމާ ދޭތެރޭގައި ވާހަކަދައްކާއިރު ނުވަތަ މިނިވަންދުވަސް ފާހަގަކުރާއިރު، މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ.

ދެން، އަޅުގަނޑު ދަންނަވާލަން އޮތީ، މިނިވަން ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކުގައި ހިފެހެއްޓުމަކީ އެއްގޮތަކަށްވެސް ލަދުގަންނަންވީ ކަމެއް ނޫނޭ. އެއީ ފަޚްރުވެރިވާންވީ ކަމެކޭ. ކޮންމެ ބައެއްގެވެސް، ކޮންމެ ޖަމާޢަތެއްގެވެސް، އެބަޔަކު ގަބޫލުކުރާ ހަރުދަނާ ރީތި ގޮތްތަކެއް ހުންނާނެ. އެގޮތްތަކުގައި ހިފެހެއްޓުމަކީ، އެހެން މީހުންވެސް އެމީހުންނަށް ޤަދަރުކުރާނެ ކަމެއް. މިވެނިކަމެއް ކުރާއިރު، ބޭރުމީހުން ކުރަނީ މިވެނި ގޮތަކަށޭ ކިޔާފައި، އެގޮތަކަށް ކުރުމަކީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެވެސް ހުރި ރީތި ގޮތްތަކާއި، ހަރުދަނާ ގޮތްތަކުގައި ހިފެހެއްޓުންވާންޖެހޭނީ އެއީ ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭނެ ކަމަކަށް.

އާދެ، އިޤްތިޞާދީ މިނވަންކަމުގެ ވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑަށް ދެއްކިއްޖެ. އެހެންނަމަވެސް، މިއަދު މުޅި ދުނިޔެއަށް ވަރަށް ބޮޑެތި އިޤްތިޞާދީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެކަމާދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑު ހިތުން މަޤާމު ތަންދޭ ކަމެއް. އަޅުގަނޑުމެންގެ ޤައުމަށްވެސް ކުރިމަތިވެފައިވާ އިޤްތިޞާދީ ތަފާތު މައްސަލަތަކެއް އެބަހުރި. ދުނިޔޭގެ ހުރިހާ ޤައުމުތަކާވެސް ދިމާވެފައި ހުންނަ މައްސަލަތައް އެބަހުރި. ކުރިއަރާފައިވާ މުއްސަނދި ޤައުމުތައްވެސް މިއަދު އިޙްސާސް ކުރަމުންދަނީ ވަރަށް ބޮޑެތި ދަތިތަކެއް. ކުރިއަރަމުންދާ ޤައުމުތައްވެސް އިޙްސާސް ކުރަމުންދަނީ ދަތިތަކެއް. އެހެންނަމަވެސް، ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކުން އިޙްސާސްކުރާ ދަތިތަކާއި، އަޅުގަނޑުމެންފަދަ ކުރިއަރަމުން އަންނަ ކުދި ޤައުމުތަކުން އިޙްސާސްކުރާ ދަތިތައް ތަފާތު. ބޮޑެތި ޤައުމުތަކާ ދިމާވެފައިވަނީ، އެ ތަންތާނގެ އިޤްތިޞާދީ މަސައްކަތްތައް ދަށަށް ދިޔުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކެއް. މުދަލުގެ އަގުބޮޑުވުން. މަސައްކަތް ނެތް މީހުން، ވަޒީފާ ނެތް މީހުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ގިނަވަމުން ދިޔުން. ކުރިއަރަމުން އަންނަ ޤައުމުތަކާ ދިމާވެފައިވަނީ، އެމީހުން އެކްސްޕޯޓްކުރާ މުދާ، ބޭރުކުރާ މުދާ، އޭގެ އަގު ދަށަށް ދިޔުން ނުވަތަ އެހެން ޤައުމުތަކުން އެ މުދާ ގަބޫލުކުރުމާ ދޭތެރޭގައި އަޅާ ހުރަސްތަކެއް ހުރުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުން ބޭރުކުރާހާ މުދާ، ބޭރުކުރެވޭނެގޮތް ނުވުން. ދުނިޔޭގެ ބާޒާރުތަކުގައި އެ މުދާ ވިކުމަށް، ވިކިގެން ދިޔުމަށް އެޅޭ ހުރަސްތަކެއް ހުރުން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައިވެސް މި ކަންތައްތައް އޮތީ މިހެން. އަޅުގަނޑުމެންގެ އެންމެ މުހިންމު އެކްސްޕޯޓަކީ މަސް. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ކުރީ އޮތްވަރާ އަޅައިބަލާއިރު، މި ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ހަމަ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އިޤްތިޞާދީ ގެއްލުންތަކެއް އެބަހުރި. ހަމައެފަދައިން، އަޅުގަނޑުމެން އަލަށް ފަށާ މަސައްކަތްތައް، އެ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރާ ކުރުމުގައިވެސް ދިމާވާ ދަތިތަކެއް އެބަހުރި. އެހެންވީމާ، އެއީވެސް އަޅުގަނޑުމެންނަށް ކުރިމަތިވާ ދައްޗެއް.

މި ހުރިހާ ކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަން ވަރުގަދަ ކުރުމަށް ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނާ ކުރިމަތިވެފައިމިވާ އިޤްތިޞާދީ ދަތިތަކުން ސަލާމަތްވެވޭނީ ކިހިނެއްތޯ ވިސްނައި، އެއާދޭތެރޭގައި ޚިޔާލުކުރުމަކީ އަޅުގަނޑު ހިތުން އެންމެންގެ ވާޖިބެއް. ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން. ސަރުކާރާއި އަދި އިޤްތިޞާދީ އެކިއެކި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އަދި ޢާއްމު ރައްޔިތުންވެސް މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ.

އާދެ، ކޮންމެ ތަނަކާވެސް ދިމާވާ ދަތިތަކާ ބެހޭގޮތުން އެ ކަންތައްތައް ޙައްލުކުރުމަށް އެ ތަންތަނުން ދަނީ ފިޔަވަޅުއަޅަމުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތަކާ ދޭތެރޭގައި ފިޔަވަޅުއަޅަންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، އިޤްތިޞާދީ ރޮނގުން ވިސްނާއިރު، މީގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ފޮރިން އެފެއާޒްވެސް ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ޤުދްރަތީ މުއްސަނދި ކަމުގެ ވަސީލަތްތައް މަދުކަން. އަނެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރި މީހުން، އެކަންކަމަށް ތަމްރީނު ލިބިފައިވާ މީހުންގެ މަދުކަން. އެ މަނިކުފާނު ވިދާޅުނުވާ އެހެން ކުޑަކުޑަ ނުކުތާއެއް އެބައޮތް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ. އެއީ، އަޅުގަނޑުމެންގެ ތެރޭގައި މަދީ ހަމައެކަނި އެކި މަސައްކަތްތައް ކުރާނެ ތަމްރީނު ލިބިފައިވާ، ކަމުގެ ޤާބިލިއްޔަތު ލިބިފައިވާ މީހުންނެއް ނޫނޭ. މަސައްކަތްކުރާނެ އެންމެ އާދައިގެ މަސައްކަތު މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މި ވަގުތު ވަނީ މަދުވެފައޭ. އާދެ، މި ދަންނަވަނީ މީހުން ނެތް ވާހަކައެއް ނޫން. މީހުން ނުލިބޭ ވާހަކަ. އޭގެ މިސާލެއް ދަންނަވަންޏާ، އައްޑުއަތޮޅު ގަމުގައި ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއަށްވެސް ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް ދައްޗަކީ، އެތަނަށް ބޭނުންވާ ވަރަށް މަސައްކަތު މީހުން ނުލިބުން ނުވަތަ މަސައްކަތު މީހުން ތިބި ކަމުގައިވިޔަސް، ތިބޭ ޢަދަދަށް ދުވަހުން ދުވަހަށް މަސައްކަތަށް ނައުން. ވަރަށް ގިނަ މީހުން ސަލާމުގައި ތިބުން. އަނެއްބައި މީހުން ކެނޑިގެން ދިޔުން. މިގޮތްގޮތް ދިމާވުމުން، އުފެއްދުންތެރި ކަމުގެ ފެންވަރު ދަށަށްގޮސް، އެކަން ކުރުމަކީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވޭ.

އެހެންވީމާ، އެއީ އޮންނަނީ އެ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށްވެފައި. އަދި ފެލިވަރުގައި، ދިވެހިސަރުކާރުން ހިންގާ ދަޅުގައި މަސް ބަންދުކުރުމުގެ ކާރުޚާނާ، އެތާނގެ މަސައްކަތަށްވެސް ދިމާވެފައި އޮންނަ އެންމެ ބޮޑު ދައްޗަކީ މަސައްކަތު މީހުން ނުލިބުން. މީހުން ނެތިގެނެއް ނޫން. އެހެންނަމަވެސް، ކުރިން ދެންނެވި ސަބަބުތަކަށްޓަކައި އެކަމުގެ ފޯރިއާއި، އެކަމުގެ ރޫޙު އަޅުގަނޑުމެންގެ ގިނަ މީހުންގެ ހިތުގައި ނެތްކަން. މިހެން ކަންތައް ދިމާވާން ޖެހުމުން، އަޅުގަނޑުމެންނަށް މިހާރު މަޖުބޫރުވެފައިވަނީ، ބޭރު ތަންތަނުން މަސައްކަތުމީހުން ގެންނަން. ޝައްކެއްނެތްގޮތުގައި، އެއީ ވަރަށް ދެރަ ކަމެއް. މަޖުބޫރުން ނޫނީ ސަރުކާރުން ކޮށްގެންވެސް ނުވާނެ ކަމެއް. އެހެންނަމަވެސް، އެހެން ގޮތެއް ނެތުނީމާ އެކަން މިއަދު މިއޮތީ ކުރަންޖެހިފައި.

އާދެ، ބޭރުން، ބޭރު ޤައުމުތަކުން މަސައްކަތުމީހުން ގެނައިމާ، އެންމެ ފުރަތަމަ އޭގެ ސަބަބުންވާގޮތަކީ އަޅުގަނޑުމެންގެ ދިވެހިންނަށް ލިބެންވާ މުސާރަތަކެއް، ލިބެންވާ ފައިދާތަކެއް، ބޭރު ބަޔަކަށް ދަނީ. އަޅުގަނޑުމެންގެ ރާއްޖޭގައި އުޅެންޖެހޭ ފައިސާތަކެއް އަޅުގަނޑުމެންގެ އަތުން ގެއްލިގެން ބޭރަށް ދަނީ. ދެވަނަ ކަމަކީ، އެކިއެކި އިޖުތިމާޢީ މައްސަލަތައް ނުކުންނަގޮތް ދިމާވުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑުމެންގެ ހިތުގައި މަސައްކަތަށް ކަމޭހިތުމާއި، މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން، އަޅުގަނޑުމެންގެ މީހުން މި މަސައްކަތްތަކުގައި ކުރިއަށްދާ ކަމުގައިވަންޏާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް މިހާރު މިދިމާވާ ބޮޑެތި ދަތިތައް ފިލައިގެންދާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް މަސައްކަތްކުރާއިރު، ވިސްނާއިރު، އެކިއެކި ފިޔަވަޅުތައް ސަރުކާރުންވެސް އަޅަމުންގެންދާއިރު، އަޅުގަނޑުމެންގެ ޢާއްމު ރައްޔިތުންގެ މެދުގައިވެސް މިކަމުގެ ހޭލުންތެރިކަން މިހާރަށްވުރެ އިތުރުވެގެން ދިޔުން. އަޅުގަނޑުމެންގެ ތެރޭގައި މީހުން ތިބި ކަމުގައިވަނީނަމަ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރާއްޖޭގައި މި ކުރެވޭ މަސައްކަތްތަކުގައި އިސްނަގާ ތިބެންވާނެ. ބޭރު ޤައުމުތަކުގެ މީހުންނަށް އަޅުގަނޑުމެންގެ ވަޒީފާތައް ދިނުމަކީ، އެއްވެސް ޙާލެއްގައި ރާއްޖޭގެ އިޤްތިޞާދަށް ނުވަތަ ރާއްޖޭގެ އިޖުތިމާޢީ ކަންތައްތަކަށް ނުވަތަ ރާއްޖޭގެ ސިޔާސީ މުސްތަޤްބަލަށްވެސް ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑު ނުދެކެން.

އާދެ، ދެން އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، މުޅި ޤައުމަށް ލިބޭ އެއްޗަކަށްވުރެ، މުޅި ޤައުމުގެ ޚަރަދު ބޮޑުވެގެންދާކަން. މި ދެންނެވީ ހަމައެކަނި ސަރުކާރެއް ނޫން. މުޅި ޤައުމުގެ އާމްދަނީއަށް ލިބޭވަރަށްވުރެ، މުޅި ޤައުމަށް ލިބޭ ޚަރަދު، އެއް އަހަރުން އަނެއް އަހަރަށް ބޮޑުވެގެންދަނީ. އެއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އޭގެ ސަބަބުން ވަރަށް ދަތި މައްސަލަތަކެއް މިހާރު ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައި. އެއީ، ދުނިޔޭގެ އެހެން ތަންތަނާވެސް ކުރިމަތިވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭނީ އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި ކަމަށްވާތީ، އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ. އެހެންވާންވީ އެއް ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެން މި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިއަރައިގެން އައި މިންވަރުގެ ހަލުވިކަން ބޮޑުކަން. އެހެން ތަންތާނގައިވިއްޔާ، އަޅުގަނޑުމެން މި ކަޑައްތުކުރި ކުރިއެރުން، އެ ކުރިއެރުމުގެ މިންވަރު، އެހެން ތަންތާނގައި ކަޑައްތުކުރާނީ މިއަށްވުރެ ދިގު މުއްދަތެއްގައި. އަޅުގަނޑުމެންގެ ތެރޭގައި މާލީ އިދާރާތަކެއް ހުޅުވުމާ ގުޅިގެން ފައިސާގެ ތަނަވަސްކަން، ވަގުތީ ތަނަވަސްކަމެއް ނަމަވެސް، މީސްތަކުންގެ އަތްމައްޗަށް އެރުމާއެކުގައި، ވަރަށް ހަލުވިކަމާވެސް އެކީގައި އެ މަސައްކަތްތައް ފެށިގެން ހިނގައިގެން ދިޔައީ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެން އެތަންތަނުން ދަރަންޏަށް ފައިސާ ނެގި ނެގުމުގައިވެސް މާބޮޑަކަށް ވިސްނައެއްނުލަމު. މުސްތަޤްބަލްގައި އެ ފައިސާތަކަކީ އަޅުގަނޑުމެން ދައްކަންޖެހޭނެ އެއްޗެއް ކަމެއް އަޅުގަނޑުމެންގެ ހަނދާނަކު ނެތް. އެހެންވީމާ، ލިބެންހުރި އެއްޗެއްވީމާ، އޭގެ ބޭނުންކުރީ. ބޭނުންކޮށްގެން، އެންމެފަހުން އެ ފައިސާ އަނބުރާ ނުދެއްކުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ތަފާތު ގިނަ މައްސަލަތައް މިހާރު ވަނީ ކުރިމަތިވެފައި. އޭގެ ސަބަބުން ވާގޮތަކީ އަޅުގަނޑުމެން އަތުގައި ނެތް ފައިސާއެއް އަޅުގަނޑުމެންނަށް ޚަރަދުކުރެވުނީ. ލިބޭ އެއްޗަކަށްވުރެ މާގިނަ ފައިސާ ޚަރަދުކުރެވިގެން، ފަހުން އެ ފައިސާ އެ ދައްކަންވީ ފަރާތްތަކަށް ދައްކާނެ ގޮތެއްވެސް އޮންނަނީ، ވަރަށް މަދު ފަރާތަކަށް ނޫނީ ނުފެނިފައި. މި ކަންތައްތައް މިހެން ހުރުމަކީ، އެއްވެސް ޤައުމެއްގައި، އެ ޤައުމެއްގެ އިޤްތިޞާދަށް ރައްކާތެރި ނުވަތަ ފައިދާ ހުރި ގޮތެއްނޫން. ބޭރުގެ ފަރާތްތަކުން ވިސްނާނީ، އެ ފަރާތްތަކުގެ ފައިދާއަށް. އަޅުގަނޑުމެންނަށް ދަރަނި އެ ދެނީ، ދަރަނީގެ ޑަބަލް ނުވަތަ ތިންގުނަ އެމީހުންނަށް ފަހުން ލިބޭނެތީ. އަޅުގަނޑުމެން ދަރަންޏަށް ނަގާ މީހުން ވިސްނަންޖެހޭނެ، ކޮންފަދަ ބޮޑު ޒިންމާއެއްކަން އަޅުގަނޑުމެންގެ ބޮލުގައި މި އެޅެނީ. ލިބެން ހުއްޓަކަސް، އަޅުގަނޑުމެން އޭގެ ބޭނުންކުރަންވާނީ، އަޅުގަނޑުމެންނަށް އޭގެ ފައިދާ ލިބޭކަހަލަ ގޮތަކަށް. މި ނުކުތާތަކަށް މިހާރު އަޅުގަނޑުމެން، އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ވިސްނަންވެއްޖެ.

އާދެ، އިޤްތިޞާދީ ދަތިތައް ޙައްލުކުރުމަށްޓަކައި، އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ވާޖިބެއް. އެ ފިޔަވަޅުތައް އަޅާއިރު، އޭގެ ތެރޭގައި ބައެއްފަހަރަށް މާ މަޤްބޫލު ނޫން ފިޔަވަޅުތަކެއްވެސް ހުރެދާނެ. އެއީ ކޮންމެ ކަމެއްގައިވެސް އެކަންވާގޮތް. ނަމަވެސް ބުއްދިވެރި ބަޔަކީ، އެ ފިޔަވަޅުތައް އެއީ އަޅަންޖެހޭނެ ފިޔަވަޅުތަކެއްކަން ގަބޫލުކޮށްގެން، ވަގުތީ ދަތިކަމެއްގެ ތެރޭގައި ތިބެގެން ނަމަވެސް، މުސްތަޤްބަލް ރައްކާތެރިކުރެވޭތޯ ބެލުން. މިއަދު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ކޮންމެވެސްވަރެއް އުނިވިކަމުގައިވިޔަސް، އެ އުނިވާ މިންވަރަކީ ރާއްޖޭގެ ފައިދާއަށްޓަކައި، ރައްޔިތުންގެ ފައިދާއަށްޓަކައި، މުސްތަޤްބަލް ރައްކާތެރި ކުރުމަށްޓަކައި އަޅުގަނޑުމެންދޭ ކުޑަކުޑަ މިންވަރެއްކަން ހަނދާންކުރުން. އާދެ، އެއީ ޝައްކެއްނެތްގޮތުގައި ވަރަށް ބޮޑު ކަމެއް. އެކަމާދޭތެރޭގައި ނުވިސްނައި، މިއަދު އަޅުގަނޑުމެންނަށް ދިމާވާ ދައްޗެއްގެ ސަބަބުން ހިތްހަމަނުޖެހި ނުވަތަ އޭގެ ޝަކުވާކުރުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން ބުއްދިވެރި ކަމެއް ނޫން. ބައެއްކަހަލަ ކަންތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކަކީ އެންމެންނަށް މަޤްބޫލު ކަމަކަށް ނުވާނެ.

އާދެ، އެކިއެކި ބަލިވާ މީހުންވެސް، ބޭސްކުރުމުގައި ބައެއްފަހަރަށް ހިތި ބޭސް ބޯންޖެހޭ. އެހެންނަމަވެސް، އެ މީހަކު ހިތުން ރުހުމުން އެ ބޭސް ބޮނީ. އެ ބޭސް ބުއިމުގެ ސަބަބުން ﷲގެ އިރާދަފުޅާއެކު، އޭނާ ފަސޭހަވެދާނެ ކަމަށް އޭނާއަށް އުއްމީދު ކުރެވޭ. އެ އުއްމީދާއެކު އެ ބޭސް ބޮނީ. އެގޮތަށް އިޤްތިޞާދީ ގޮތުން އަޅާ ފިޔަވަޅުގެ ތެރޭގައިވެސް، ހިސާބަކަށް އަޅުގަނޑުމެންނަށް އޭގެ ރަހަ މާ މަޤްބޫލް ނޫން ފިޔަވަޅުތަކެއް ހުރި ކަމުގައިވިޔަސް، އެއީ މުޅި ޤައުމުގެ ފައިދާއަށް، މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި އެޅޭ ފިޔަވަޅުތަކެއްކަން ގަބޫލުކުރުމަކީ، އެއީ އަޅުގަނޑު ހިތުން އެންމެ ބުއްދިވެރި ގޮތަކީ.

އާދެ، ކުރިން ދެންނެވި ފަދައިން، މުޅި ޤައުމުގެ ޚަރަދު، ޤައުމަށް ލިބޭ އާމްދަނީއަށްވުރެ ބޮޑުވެގެންދާ ފަދައިން، ސަރުކާރުގެ ޚަރަދުވެސް، ސަރުކާރުގެ އާމްދަނީއަށްވުރެ ދަނީ، އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން. ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެންޖެހޭ ވަރަށް ބޮޑެތި ޚިދުމަތްތަކެއް ހުރުމާއެކު، އެ ޚިދުމަތްތަކެއް ކުރަންޖެހުން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިސާލެއްގެގޮތުން ދަންނަވަންޏާ، އެއަރޕޯޓް އެއީ ބޭރުގެ ފަރާތްތަކަކުން، ލޯނުގެ އުޞޫލުން ފައިސާ ނަގައިގެން ސަރުކާރުން ކުރި ކަމެއްކަމުގައިވިޔަސް، ސަރުކާރުގެ ބަޖެޓުންވެސް ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާފައިވާ ކަމެއް. އޭގެ ފައިދާ، އެއަރޕޯޓުގެ ފައިދާ ލިބެނީކީ، ހަމައެކަނި އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަކަށް ނޫން ނުވަތަ ސަރުކާރަކަށް ނޫން. އޭގެ ފައިދާ ލިބޭ، ޓޫރިޒަމްގެ ދާއިރާއަށް، ވިޔަފާރީގެ ދާއިރާއަށް، ޢާއްމު ރައްޔިތުންނަށް. ޙަޤީޤަތުގައި އެއަރޕޯޓުގެ ފައިދާ ރައްދުވެގެންދަނީ މުޅި ޤައުމަށް.

ހަމައެފަދައިން، އެހެނިހެން ޕްރޮޖެކްޓްތައްވެސް، ރާއްޖެތެރޭގައި ތެޔޮތާނގީތައް ހެދުން. އެކަމަށްވެސް ޚަރަދު ހިނގާ. އޭގެ ނަތީޖާ، އޭގެ ފައިދާ ލިބެނީ މަސްވެރިންނަށް ނުވަތަ ތެލުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް. ރާއްޖޭގައި މަދަރުސާތަކާއި މިސްކިތްތަކާއި، ރަށްރަށުގެ ރަށު އޮފީސްތަކާއި، އެކިއެކި ހަސްފަތާލުތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އެޅެމުން، ޢިމާރާތް ކުރެވެމުން. އެކަމުގެ ފައިދާވެސް ލިބެނީކީ ސަރުކާރަކަށް ނޫން. ހަމަ ޢާއްމު ރައްޔިތުންނަށް. އެ ކަންތައްތައް ކުރަންވެސް ފައިސާ ބޭނުންވޭ. އަދި ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލާ ކަމަށްވަންޏާ، މާލޭގެ މަގުތަކުގެ މިސާލު. އާދެ، ވާރޭނުވެހި ދުވަސްކޮޅެއް ވުމަށްފަހު، މަގުތައް ހަދާ، އޮމާންކޮށް އޮންނަ ވަގުތު، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބައިސްކަލް ދުއްވާލާފައިދާއިރު، މަގާ ދޭތެރޭގައި އެއްވެސް ޚިޔާލެއް ނުކުރާނެ. އެހެންނަމަވެސް، ދެތިން ދުވަހަކު ވާރޭވެހިލާފަހުން، މަގުގައި ތަފާތު ގިނަ ވަޅުތައް ހެދުމަށްފަހުގައި، މަގުމަތިން ދުއްވާފައިދާއިރު، ވަރަށް ގިނަ އެއްޗެތި ހިތަށްއަރާނެ. ހަމައެކަނި، ބައިސްކަލް ދުއްވާ މީހާއެއް ނޫން. އެއަށްވުރެ ބޮޑަށް އެކަން އިޙްސާސްކުރަން ޖެހެނީ، ފައިމަގުގައި ހިނގާ އުޅޭ މީހުން. އަޅުގަނޑުމެންގެ ތުއްތުކުދިން މަދަރުސާތަކަށް ދާއިރު، ޢާއްމު ރައްޔިތުން. އެކަމަށް ކިހާވަރެއް ޚަރަދުވޭތޯ. އަޅުގަނޑު ހިތުން ވިސްނާލަންވެސް އަޅުގަނޑުމެންނަށް ނޭނގޭނެ.

ދާދިފަހުން އަޅުގަނޑަށް ބޭފުޅަކު ލިޔުއްވި ސިޓީއެއްގައި ލިޔުއްވާފައިވަނީ، ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅަމުންގެންދާ ސަބަބު ތިމަންނާމެންނަށް ރަނގަޅަށް އެނގެއޭ. އެކަމަކު ބައެއް މީހުންނަށް އެކަމެއް ނުފިލައޭ. އަޅުގަނޑު ވަރަށް ގިނަ މުނާސަބަތުތަކުގައި، ދިވެހިރައްޔިތެއްގެ ޙައިޘިއްޔަތުން ކޮންމެ މީހަކަށްވެސް ފެންނަ އެއްޗެއް އަޅުގަނޑަށް ސީދާ ލިޔުމަކީ، އަޅުގަނޑު އެދޭކަމެއް ކަމުގައިވާނީ ދަންނަވާފައި. އެހެންވީމާ، އެއަށް އިޖާބަދެއްވުމުގެ ގޮތުން އޭނާ އެ ލިޔުއްވަނީ، އެކަމަށްޓަކައި އޭނާއަށްވެސް އަދި އެހެން ލިޔުއްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އަބަދުވެސް ވަރަށް އެދޭ ކަމެއް، ރައްޔިތުންނަށް ފެންނަ އެއްޗެއް އެމީހަކު ސީދާ އަޅުގަނޑަށް ލިޔުމުން އަންގާލުން އެއީ. އެކަމާ ދޭތެރޭގައި އަޅުގަނޑަށް ވިސްނެންހުރި ގޮތްގޮތުން ވިސްނާފައި، އެކަންކަމަކީ ކުރެވޭވަރުގެ ކަންތައްތައް ކަމުގައިވާނަމަ، އެއާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ އަޅުގަނޑުގެ އުފަލަކަށްވާނެކަން ޔަޤީން. އެގޮތުން އަޅުގަނޑު މި ދެންނެވި ބޭފުޅަކުވެސް އަޅުގަނޑަށް ދާދިފަހުން ފޮނުއްވި ސިޓީއެއްގައި ލިޔުއްވާފައިވަނީ، އިޤްތިޞާދީ ކަންތައްތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތައް އެ އަޅަނީ ކީއްވެގެންކަން ތިމަންނާއަށް ރަނގަޅަށް ވިސްނެއޭ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވެފައި އޮތީ، މިސާލަކަށް، މާލޭގެ މަގުހަދަންވެސް އަހަރަކު ދެ ލައްކަ، ތިން ލައްކަ ރުފިޔާ ޚަރަދުވާނެކަން ތިމަންނާއަށް އެނގެއޭ. އެހެންނަމަވެސް، އެ ޢަދަދު އޮތީ ވަރަށް ބޮޑަށް ތަފާތުވެފައި. އެހެން ދަންނަވަން މިޖެހުނީ، މިދިޔަ އަހަރުވެސް މާލޭގެ މަގުތައް ހަދަން 14 ލައްކަ ރުފިޔާ ޚަރަދުވި. އެންމެ ބޮޑަށް ޚިޔާލުކުރާ މީހާއަށްވެސް އެ ހީވީ، ދެ ލައްކަ، ތިން ލައްކަ ކަމަށް ޚަރަދުވާނީ. މިކަހަލަ ކަންތައްތައް މިހެން ހުރުމާއެކުގައި، ސަރުކާރުގެ ޚަރަދުދަނީ ގިނަވަމުން.

އެއްވެސް މީހަކު ނުބުނާނެ، އަޅުގަނޑަށް ޔަޤީން، ސަރުކާރުގެ ޚަރަދު ބޮޑުވަމުންދާތީ، މާލޭގެ މަގުތައް ނަހަދާ ދޫކޮށްލާށެކޭ. އެކަން އެއީ ކުރަންޖެހޭނެ ކަމެއް. އަދި އެނޫންވެސް ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތައް ހިންގުމަކީ ކުރަންޖެހޭނެ ކަމެއް. އެ ކަންތައްތައް ކުރުމަށް ފައިސާ ބޭނުންވޭ. އެ ފައިސާއަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރަށް ވަންނަ އެއްޗެއް ނޫން. ސަރުކާރަށް ލިބޭ ފައިސާތަކެއް ނޫން. އެއީ ޙަޤީޤަތުގައި އެ އަނބުރާ ރައްޔިތުންނަށް މަދަރުސާއެއްގެ ސިފައިގައި، ހަސްފަތާލެއްގެ ސިފައިގައި ނުވަތަ އެ ނޫންވެސް އެހެން އިޖުތިމާޢީ ޚިދުމަތެއްގެ ސިފައިގައި ރައްދުވެގެންދާނެ އެއްޗެއް. އެހެންވީމާ، މި ކަންކަމާ ދޭތެރޭގައި އަޅުގަނޑު ހިތުން ވިސްނުމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ވާޖިބަކަށް ނުވެނުދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ވަރަށް ބޮޑަށް ދިގުވެގެން ހިނގައްޖެ. ނިންމާލުމުގެ ކުރިން އެއް ނުކުތާއެއް ދަންނަވާލާހިތްވޭ. އެއީ، ކުރިންވެސް މިތާނގައި ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ އިޝާރާތް ކުރެއްވި ފަދައިން، މި ޖަލްސާގައި ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ފާހަގަކުރެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންނަށް އިނާމު ދިނުން އޮވޭ. މިއަހަރުވެސް އެކަން އެބައޮތް. އެ އިނާމުތައް ދިނުމުގެ ބޭނުމަކީ، ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ ފަދައިން، ޖަމާޢަތަށް ޚިދުމަތް ކުރުމަށް މީހުންނަށް ހިތްވަރު ދިނުން. އެހެންނަމަވެސް، އަޅުގަނޑު ހިތުން ސަރުކާރުން އެކަމަށް އެ ބަހައްޓާ އަހަންމިއްޔަތާއި، އެކަން ކުރުމަށް އެ ބަހައްޓާ ސަމާލުކަމާ އެއްވަރަށް ކަންތައްތައް ފެނިގެނެއް ނުދެއޭ ހިތާމައާއެކު ދަންނަވަން ޖެހެނީ. އަޅުގަނޑު މިހެން ދެންނެވިޔަސް، އެއްޗެއް ހީފުޅުނުކުރެއްވުން އެދެން. އެހެންނަމަވެސް، ޙަޤީޤަތަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޖަލްސާއެއްކޮށްގެން، މި އިނާމުތައް ޙައްޤުވާ ފަރާތްތައް އިޚްތިޔާރު ކުރަނީ، ހޮވަނީ. އެ ބޭފުޅުންގެ ކުރިފުޅުމައްޗަށް ކޮންމެ އަހަރަކުވެސް މި މައްސަލަ އައިމާ ވަރަށް ގިނައިރު ވިސްނެވުމަށްފަހުގައިވެސް، ވަކި ރޮނގުރޮނގުން އިނާމު ދެއްވާނެ މީހެއް ނުވަތަ ބޭފުޅެއް ފާހަގައެއްނުކުރެވޭ.

އެހެންވީމާ، އަޅުގަނޑު އެދެނީ މީގެ ފައިދާ ނުވަތަ މިއިން، ސަރުކާރުން މި ކުރަން ގަސްތުކުރާ ބޭނުން މިއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތެއްވުން. މި ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އަށަގަތުން. ބޭނުމަކީ ހަމައެކަނި އިނާމެއް ދިނުމެއް ނޫން. ބޭނުމަކީ، ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޮނގުތަކުގައި، މީހުންގެ ޙަރަކާތްތެރިކަން މިހާރަށްވުރެ އިތުރުވެގެން ދިޔުން. އެކި ރޮނގުރޮނގުގައި ފާހަގަކުރެވޭ ޚިދުމަތްތަކެއް ކުރުން. އެ ޚިދުމަތްތަކެއް ކުރުމުން، އަޅުގަނޑުމެންގެ ޤައުމަށް ލިބޭނެ ލާބައަށްޓަކައި، މަންފާއަށްޓަކައި.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، މިއަދު މި ދަންނަވާލަނީ، މީގެ ކުރީ އަހަރުތަކުގައިވެސް ދެންނެވިފައިވާނެކަންނޭގެ، މިކަމުން އަޅުގަނޑުމެންނަށް ލިބެންވީ ހިތްވަރު ލިބިގަތުން. މުސްތަޤްބަލުގައި ކުރިއަށް އޮތް އަހަރު މަސައްކަތްކޮށްގެން، މި އިނާމު ހޯދުމަށް އަމިއްލައަށް ބާރުއެޅޭތޯ ބެލުން. ހަމައެކަނި އިނާމެއް ލިބިގަތުމުގެ ބޭނުމަކުނޫން. އެހެންނަމަވެސް، އެކަމުގެ ސަބަބުން ޤައުމަށާއި، ޖަމާޢަތަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަށްޓަކައި ނުވަތަ ރާއްޖޭގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއަރާނެތީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑުގެ އެދުމަކީ، އަދި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް، މިނިވަންކަން ބަދަހިކޮށް، މިނިވަންކަން ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަން ރައްކާތެރިކުރާ މިންވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް، އަޅުގަނޑުމެންގެ ފިކުރީ އިޢުތިޤާދީ މިނިވަންކަން ރައްކާތެރިކުރުމަށް ވާގިދެއްވުން. ހަމައެފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށް އެކަލާނގެ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.