بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

1986 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ހުށަހެޅުމާއެކު، އެ ބަޖެޓާބެހޭ ބަޔާނެއް ދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ ހަތަރު އަހަރުންކުރެ ކޮންމެ އަހަރެއްގައިވެސް ބަޖެޓް ހުށަހެޅުމާއެކު، ބަޖެޓާބެހޭ ބަޔާނެއް އަޅުގަނޑު މިއަންނަނީ ދެމުން. އެގޮތުން މިއަދު އަޅުގަނޑު މިދޭ ބަޔާނަކީ ބަޖެޓާ ބެހޭގޮތުން އަޅުގަނޑު ދޭ ފަސްވަނަ ބަޔާން. އެކަން އޮތީ އެހެން ކަމަށްވިޔަސް، އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ މަޖިލީހަށް ހުށަހެޅިފައި މިވާ ބަޖެޓަކީ މި ދައުރުގައި ސަރުކާރުން ހުށަހަޅާ އަށްވަނަ އަހަރީ ބަޖެޓް.

ދިވެހި ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ލާބައަށްޓަކައި، މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ. މި މަސައްކަތްތަކަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރެވިފައިވޭ. އަދި މިކަމުގެ ނަތީޖާ އަޅުގަނޑު ޔަޤީންކުރާގޮތުގައި މިހާރުދަނީ ފެންނަމުން. ތަރައްޤީއަކީ އެއަށް ދުވަހަކުވެސް ހުއްޓުމެއް އަންނާނެ ނުވަތަ ހުއްޓުމެއް އައިސްގެންވާނެ އެއްޗެއް ނޫން. ތަރައްޤީގެ އެއް މަރުޙަލާއަށްފަހު، އަނެއް މަރުޙަލާއަކަށް ދިޔުމަށްޓަކައި އަބަދުވެސް ކުރިއަށް ދަތުރުކުރަންޖެހޭނެ. މީގެ އަވަސް ލަސްމިން އެއީ، އެކަން ކުރާ ބައެއްގެ އަތްމަތީގައި އޮންނަ ކަމެއް. އަޅުގަނޑުމެންވެސް ވަރުގަދަ ޢަޒުމަކާއެކު ތަރައްޤީގެ މަޝްރޫޢުތަކެއް މިގެންދަނީ ހިންގަމުން. ކޮންމެ ކަމެއްވެސް ރަނގަޅަށް ރޭވިގެން ނޫނީ، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަން އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެހެންކަމުން، މިހާރު ރޭވިގެން ހިނގަމުންދާ ބަޖެޓަކީ، މި ދެންނެވި ތަރައްޤީގެ ރޭވުމުގައިވާ އޭގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ހިންގަމުން ގެންދެވޭ ބަޖެޓެއް. ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ހާމަކޮށްދޭ އެއްޗަކީ ސަރުކާރުގެ ބަޖެޓް.

1979 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގޮސްފައިވަނީ ވަރަށްވެސް ބާރަށް. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޤައުމުގެ އުފެއްދުންތެރިކަމުގެ މިންވަރު، އެވްރެޖް ގޮތެއްގައި އަހަރަކު ބާރަ ޕަސެންޓް ކުރިއަށް ގޮސްފައިވޭ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކާ އަޅައިބަލާއިރު، ވަރަށްމަތީ މިންވަރެއް. މި ހިނގާ އަހަރަށް ބަލާއިރުވެސް، އިޤްތިޞާދީ ކުރިއެރުން ދައްކަނީ ވަރަށް ހިތްވަރު ލިބޭފަދަ ގޮތެއްގައި.

ރާއްޖެ ތަރައްޤީ ކުރުމަށް ފެށިފައިވާ މަސައްކަތުގެ އެންމެބޮޑު ޚަރަދެއް ކުރެވެމުން ދަނީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް. މިގޮތުން ބަލާއިރު، ތަޢުލީމަށް ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން ގެންދެވޭ. ތަޢުލީމަށް ކުރެވޭ ޚަރަދު، އެއް އަހަރުން އަނެއް އަހަރަށް ދަނީ މަތިވަމުން. ރާއްޖެތެރޭގައި ފަށާ ތަޢުލީމު ދެވޭނޭ ތަންތަން ދަނީ އުފެއްދެމުން. އަދި މިތަންތަނުގައި ކިޔަވައިދެވޭނެ ގޮތްތައް ތަނަވަސް ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް. މާލޭގައިވެސް އިތުރު މަދަރުސާތައް ހަދައި، ކުރިއްސުރެ ހުރި މަދަރުސާތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކެނޑިނޭޅި ކުރެވެމުން.

ވޭތުވެދިޔަ އަހަރު ބަޖެޓާމެދު ދިން ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ހިންގަން ޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށާއި، ކުރަން ޖެހިފައިވާ ގިނަގުނަ މަސައްކަތްތަކަށް އެކަށީގެންވާ މީހުން ލިބެމުންނުދާކަމޭ. އަދި އެކިފަހަރުމަތިން ތަފާތު މަޤާމުތަކުގައި އަޅުގަނޑަށް ވަނީ މި ވާހަކަ ދެކެވިފައި. އަދިވެސް މި މައްސަލައަށް ޙައްލެއް އަންނާނީ، އަޅުގަނޑަށް ހީވާގޮތުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން. މީހުން ނުލިބުމުގެ މައްސަލައަކީ، އަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް. ބޭރުން އަޅުގަނޑުމެން މީހުން ގެނެސްގެން މަސައްކަތްތައް ހިންގުމުގައި އަޅުގަނޑުމެންނަށް ލިބެންވީ އިޤްތިޞާދީ ފައިދާ، ބޭރުގެ ފަރާތްތަކަށް ދޭންޖެހުމުން، އެއީ ތަނަށް ލިބޭ ގެއްލުމަކަށް ނުވެނުދާނެ.

އެހެންކަމުން، ތަޢުލީމަށްޓަކައި ކުރެވޭ ޚަރަދަކީ، އާދެ، ތަޢުލީމޭ އަޅުގަނޑު މި ދަންނަވަނީ، އޭގެ އެންމެ ފުޅާ މާނައިގައި. މަދަރުސާތަކުގައި ދޭ ތަޢުލީމާއި އަދި އެކިއެކި ހުނަރުތައް ދަސްކޮށްދޭން ދެވޭ ތަޢުލީމާއި، އެކިއެކި މަސައްކަތްތައް ހިންގާނެ ގޮތުގެ ޤާބިލިއްޔަތު، މީހުންނަށް ދިނުމަށްޓަކައި ހިންގޭ ތަމްރީނު ކޯސްތަކާ، މި ހުރިހާ އެއްޗެއް އެކުލެވޭ ގޮތުގެ މަތިން ތަޢުލީމަށްޓަކައި ކުރެވޭ ޚަރަދަކީ، އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެން.

ޞިއްޙީ ރޮނގުން ބަލާއިރުވެސް، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރުކޮށްދެވޭތޯ ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ރާއްޖެތެރޭގައި މިހާރު ހުޅުވިފައިވާ ތިން ހޮސްޕިޓަލްގެ ޚިދުމަތް އިތުރުކޮށްދިނުމާއެކު، އިތުރު ހޮސްޕިޓަލެއް ރާއްޖެތެރޭގައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި އިތުރު ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިގަނެވިފައި. ޞިއްޙީ ދާއިރާއާ ގުޅިގެން ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތަށްޓަކައި ކުރެވޭ ޚަރަދު ދަނީ ވަރަށްބޮޑުތަން ބޮޑުވެގެން. މާލޭގެ ބޯފެނާއި ފާޚާނާގެ މަޝްރޫޢަކީ، އިޖުތިމާޢީ ދާއިރާގައި ހިނގަމުންދާ ވަރަށް މުހިންމު މަޝްރޫޢެއް. މީގެއިތުރަށް، ބޯފެނާއި ފާޚާނާގެ މަސައްކަތަކީ، ރާއްޖެތެރޭގައިވެސް ހިންގަމުން ގެންދެވޭ މަސައްކަތެއް.

މާލޭގެ މަގުތައް ބޭނުންކުރުމުގެ ދަތިކަން، އެއްދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުން. މަގުގައި ހިނގާ މީހުންނާއި، ދުއްވާ އެއްޗެތީގައި ދަތުރުކުރާ މީހުންވެސް ވަނީ މިކަން ވަރަށްމަތީ ދަރަޖައަކަށް އިޙްސާސް ކުރަން ޖެހިފައި. އެހެންކަމުން، އެންމެކުޑަމިނުގައި މާލޭގެ ބޮޑެތި މަގުތައް ދާއިމީގޮތަކަށް ހެދުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ވަނީ ވެފައި. ވީމާ، އިޤްތިޞާދު ތަންދިން މިންވަރަކުން މާލޭގެ މަގުތައް ހަދަންވަނީ މިހާރު ޤަޞްދުކުރެވިފައި.

ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައިވެސް، 1979 އިން ފެށިގެން މެދުނުކެނޑި ވަރަށްގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން. އަދި މާލޭގައި ހިންގަން ފެށިފައިވާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގާތާވެސް މިހާރު ހަ އަހަރު ދުވަސް ވެއްޖެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހިއްކިފައިވާ ތަނުގެ ބޮޑުމިނަކީ 5.57 މިލިއަން އަކަފޫޓް. މިހާރު ނުހިކި އޮތީ، 0.683 މިލިއަން އަކަފޫޓް. މި މަސައްކަތް ތަންކޮޅެއް އަވަހަށް ނިންމޭތޯ މިހާރުދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން.

އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، ދަތުރުފަތުރާ ބެހޭގޮތުން ވަރަށްމަތީ ޚަރަދުތަކެއް ހިނގާ. ރާއްޖެއަށް އިޤްތިޞާދީ ގޮތުން އެންމެބޮޑު ފައިދާއެއް ކުރާ އެއް ރޮނގަކީ ޓޫރިޒަމް. ރާއްޖޭގައި ޓޫރިޒަމް ކުރިއަށް ގެންދިޔުމަށް އެހީވަނީ، ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރެއްގެ ވައިގެ ބަނދަރެއް އޮތުން. އެއަރޕޯޓް ތަރައްޤީކޮށް ބެލެހެއްޓުމަކީ ވަރަށްމަތީ ޚަރަދުތަކެއް ހިނގަމުންދާ ކަމެއް. ގިނަ ބޯޓުފަހަރު ޖެއްސިވަރަކަށް ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތްތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. ރާއްޖެތެރޭގައިވެސް މަތިންދާބޯޓު ދަތުރުފަތުރާ ބެހޭގޮތުން މަސައްކަތް ވަނީ ފަށައިގަނެވިފައި. ގަމުގެ އެއަރޕޯޓު ބެލެހެއްޓުމާއި ދެމެހެއްޓުމުގެ އިތުރަށް، ރާއްޖެތެރޭގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަ ދެ އެއަރޕޯޓުގެ ތެރެއިން އެއްތަން މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި. މި ދެ އެއަރޕޯޓުގެ ސަބަބުން ރާއްޖެތެރޭގެ މަސްވެރިކަމުގެ ސަރަޙައްދު ރައްކައުތެރި ކުރުމުގަޔާއި، އަދި އަވަސްގޮތެއްގައި ރާއްޖޭގެ ދުރު ހިސާބުތަކަށް ދަތުރުކުރުމުގެ މަގުފަހިކޮށްދޭނެ. ދަތުރުފަތުރާ ބެހޭގޮތުން ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅު ފުންކުރުމާއި، ބަނދަރު ހެދުންވެސް ހިމެނޭ.

މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތަކުގެ ތެރެއިން، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. އަޅުގަނޑުމެންގެ އެންމެބޮޑު ޤުދްރަތީ މުއްސަނދިކަންވަނީ އަޅުގަނޑުމެންގެ ވަށައިގެން މިވާ ކަނޑުތަކުގައި. އެހެންކަމުން، ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތަށް އިތުރު ތަނަވަސްކަމެއް ގެނެވޭތޯ ކުރެވެން އޮތް އެންމެ ބޮޑަކަށްވަނީ މަސައްކަތް ކުރަން ޖެހިފައި. އަޅުގަނޑުމެން ޢާއްމުކޮށް، ކޮށްއުޅޭ މަސްވެރިކަމުގެ އިތުރަށް، އަޅުގަނޑުމެން މަސްވެރިކަން ކޮށްއުޅޭ ސަރަޙައްދުގެ ބޭރުން، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި، މަސްވެރިކަން ކުރުމުގެ ދޮރުވެސް ވަނީ މިހާރު ސަރުކާރުން ހުޅުވައިދީފައި. މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރެވެމުންދާ އިންވެސްޓްމަންޓްގެ ފައިދާ، މާލަސްތަކެއްނުވެ ފެންނާނޭ ކަމަށް ޔަޤީންކުރެވޭ. އަދި 1984 އާއި 1985 ގައި ރާއްޖެއަށް ބޭނުނު އަދި ހިފުނު މަހުގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި. އަދި މަސް ބޭރުކުރެވުނުވަރާއި، ލިބުނު އެއްޗެއްވެސް ވަނީ ކުރިއަށްވުރެ ގިނަވެފައި.

އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، ދަނޑުވެރިކަމަކީ މިހާރު ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވީ ދާއިރާއެއް ކަމުގައި އަޅުގަނޑު ދެކެން. ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށްދާނީ، ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރެވިގެން. އަދި ރާއްޖޭގައި އުފައްދާ ތަކެތި ބޭރުވެސްކުރެވިގެން. މިކަމާ ގުޅޭގޮތުން ދަންނަވަންޖެހެނީ، ރާއްޖޭގެ ފަޅުރަށްރަށަކީ، މިހާތަނަށް މާ އެކަށީގެންވާ ގޮތެއްގައި، އެ ރަށްރަށުގައި ދަނޑުވެރިކަމާއި އަދި ކާބޯތަކެތި އަޅާ ގަސް އިންދުމުގެ މަސައްކަތް ކުރެވެމުން އަންނަ ރަށްރަށެއް ނޫން. އެހެންކަމުން، ޒިރާޢީގޮތުން ތަރައްޤީކޮށް، އެ ރަށްރަށުން ލިބޭ އެއްޗެއް އިތުރުކުރެވޭ ގޮތްގޮތަށް، ފަޅު ރަށްރަށް ދޫކުރުމާމެދު ސަރުކާރުން މިހާރު ވަނީ ވިސްނަން ޖެހިފައި. އަޅުގަނޑުމެންނަކީ ކަނޑުމަހުގެ އިތުރަށް، ރުއް ރުކުން ލިބޭ އެއްޗެއް ބޭރުކޮށްގެން، ބޭރު ފައިސާ ހޯދަމުން އައި ބައެއް. މިހާރު އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ މާހިރުން ބުނާގޮތުގައި، ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީއާއި، ބައެއް މޭވާއަކީ ފުދޭވަރަށް ރާއްޖޭގައިވެސް އުފެއްދިދާނެ ތަކެތި. އަމިއްލަ ފަރާތްތަކުން ރަށްރަށް ދިރުވައި، އެ ރަށްރަށުން ލިބޭ ތަކެތި އިތުރުކުރުން އެއީ، މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންކަމުން، ޒިރާޢަތާއި އަދި ޒިރާޢަތާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، އެކަށީގެންވާ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުންވެސް އެހީވެދޭނެކަން ހާމަކޮށްދިނުމަށް އަޅުގަނޑު މި ފުރްޞަތުގެ ބޭނުންކުރަން.

މީގެ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، 1986 ވަނަ އަހަރަށް ލަފާކުރި ބަޖެޓް މިހާރުވަނީ ޤަވާޢިދުން މަޖިލީހަށް ހުށަހެޅިފައި. އަދި މިހާރު އެ ބަޖެޓް ވާނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި. އާދެ، 1984 ވަނަ އަހަރު ސަރުކާރަށް ލިބުނު އެއްޗަކާއި، ޚަރަދުވީ އެއްޗެއްގެ ހިސާބާއި، އަންނަން އޮތް އަހަރު ހިނގާނޭ ކަމަށް ލަފާކުރި ޚަރަދު މިހާރުވާނީ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި. ވޭތުވެދިޔަ ހަ އަހަރަށާއި، މި ހިނގާ އަހަރަށާއި، އަދި އަންނަ އަހަރުގެ ބަޖެޓް ޚަރަދާއި، ލިބޭ އާމްދަނީއަށް ބަލާއިރު، ދެބައިވެސް މިހާރުވަނީ، ވަރަށް މައްޗަށް ގޮސްފައިކަން، ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ކަރުދާސްތަކުން އެނގިވަޑައިގަންނަވާނެ. ބަޖެޓް މަޢުލޫމާތު ނަންބަރު 8، މި ކަރުދާހުގައި ބަޔާންކޮށްފައި އެވަނީ 1979 ން ފެށިގެން 1986އާ ދޭތެރޭގައި، ކޮންމެ އަހަރެއްވެސް ވަކިން، އެ އަހަރެއްގައި ލިބުނު އެއްޗަކާއި، އެ އަހަރެއްގައި ޚަރަދުވި އެއްޗެއް ސިފަކޮށްދޭ ޗާޓެއް. އެ ޗާޓުން ފެނިވަޑައިގަންނަވާ ގޮތުގައި، 1979 ވަނަ އަހަރު އެއީ، މި ދައުރަށްވީފަހުން އެންމެ ފުރަތަމައަށް ސަރުކާރުން ބަޖެޓެއް ހުށަހެޅި ފަހަރު. އެފަހަރު ޚަރަދަކަށް އޮތީ 49.4 މިލިއަން. 1979ގެ އާމްދަނީ، އެ އަހަރު ދައުލަތަށް ލިބުނީ 35.3 މިލިއަން. އޭގެ ހަ އަހަރު ފަހުން ނުވަތަ ހަތް އަހަރު ފަހުން، 1986 އަށް އަޅުގަނޑުމެން މި ލަފާކުރާ ބަޖެޓް، އޭގެ ޚަރަދު ބައްލަވައިލައްވާއިރު، މުޅި ބަޖެޓުގެ ޖުމްލަ 323.4 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އޮންނަނީ ގޮސްފައި. އަދި މި އަންނަ އަހަރު ލިބޭނެ އެއްޗަކަށް ވިސްނާއިރު، 289.8 މިލިއަން ލިބޭނެ ކަމަށް އޮތީ ލަފާކުރެވިފައި. އެހެންވީމާ، މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި، ދައުލަތުގެ ޚަރަދާއި އަދި ދައުލަތަށް ލިބުނު އެއްޗެއްވެސް ވަނީ މި ދައުރު ފެށުނުއިރަށްވުރެ ގާތްގަނޑަކަށް ހަގުނަ މައްޗަށް ގޮސްފައި. މި ކަރުދާހުން ފެނިވަޑައިގަންނަވާ ގޮތުގައި، 1980 ވަނަ އަހަރާއި، 1981 ވަނަ އަހަރު، ޚަރަދާއި އާމްދަނީގެ ގޮތުން ދެ އަހަރު އަޅައިބަލާއިރު، މާބޮޑު ތަފާތެއް ނެތް. ހަމައެހެންމެ، 1983 އާއި 1984 ގައި ދައްކާ ތަފާތުވެސް ކުޑަ.

1984 ވަނަ އަހަރު ދައުލަތުން ހިނގި ޚަރަދަށް ބަލާއިރު، ކުރީ އަހަރާ ދާދި އެއްވަރަކަށް ވަނީ ޚަރަދު ހިނގާފައި. 1984 ގައި ހިނގާފައިވާ ޚަރަދުގެ ޖުމްލައަކީ 207.3 މިލިއަން ރުފިޔާ. 1983 ގައި ހިނގި ޚަރަދު ކަމުގައިވާ 206.9 މިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއަދު ދައްކަނީ ވަރަށް ކުޑަކުޑަ ތަފާތެއް. 1984 ވަނަ އަހަރުގެ ޚަރަދުގެ ތެރޭގައި، ބޭރުން ނެގި ލޯނު އެހީގެ ގޮތުގައި ލިބިގެން ކުރި ޚަރަދު އެއީ 24.5 މިލިއަން ރުފިޔާ. އެ ޚަރަދު ހިމެނޭ. ބޭރުން ލިބުނު ޚަރަދު ވެފައިވަނީ މަސްވެރިކަމަށް 13.8 މިލިއަން ރުފިޔާ. ވައިގެ ދަތުރުފަތުރަށް 5.8 މިލިއަން ރުފިޔާ. އަދި ކަނޑުގެ ދަތުރުފަތުރަށް 4.9 މިލިއަން ރުފިޔާ.

1984 ވަނަ އަހަރު ލިބުނު 195.7 މިލިއަން ރުފިޔާ އެއީ، 1983 ގައި ލިބުނު އާމްދަނީ 180.8 މިލިއަން ރުފިޔާއަށްވުރެ އަށް ޕަސެންޓް މަތީ ޢަދަދެއް. ޕްރޮޖެކްޓް ލޯނަށް ބަލާއިރު، 18.9 މިލިއަން ރުފިޔާ މަދު. 1984 ވަނަ އަހަރު ލިބުނު އެއްޗަކަށްވުރެ ޚަރަދު ގިނަ ކަމުގައި ދައްކަނީ 11.6 މިލިއަން ރުފިޔާ. އެއީ ބަޖެޓުގެ ގާތްގަނޑަކަށް ހަ ޕަސެންޓް.

1984 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، އޭގެ ކުރީ އަހަރެކޭވެސް އެއްފަދައިން، ކަސްޓަމްސް އިން. އެތަނުން 50 މިލިއަން ރުފިޔާ ލިބިފައިވޭ. އެއީ 1984 ވަނަ އަހަރު ލިބުނު އެއްޗެއްގެ (ލޯނާއެކު) 25.5 ޕަސެންޓް.

ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން އާމްދަނީގެ ގޮތުގައި ދައްކާފައިވަނީ 26.5 މިލިއަން ރުފިޔާ. މިއީ ޖުމްލަ ލިބުނު އެއްޗެއްގެ 13.5 ޕަސެންޓް. އަދި ކުރީ އަހަރު އެ ޑިޕާޓްމަންޓުން ދެއްކި ޢަދަދަށްވުރެ 12 ޕަސެންޓް މަތީ ޢަދަދެއް. ޓޫރިޒަމުން ދެއްކި ފައިސާގެ ތެރެއިން 15.2 މިލިއަން ރުފިޔާއަކީ ޓޫރިޒަމް ޓެކްސް. ރިޒޯޓުތަކުން ލިބިގެން އާމްދަނީގެ ގޮތުގައި ޖަމާކޮށްފައިވަނީ 8.3 މިލިއަން ރުފިޔާ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ފައިދާގެ ގޮތުގައި ދައްކާފައިވަނީ 18.3 މިލިއަން ރުފިޔާ. އެއީ އެ އަހަރު ލިބުނު އާމްދަނީގެ 9.4 ޕަސެންޓް. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ލިބިފައިވަނީ 12.5 މިލިއަން ރުފިޔާ. ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 35.2 މިލިއަން ރުފިޔާ. އެއީ، އޭގެ ކުރީ އަހަރު ލިބުނު 12.4 މިލިއަން ރުފިޔާގެ ގާތްގަނޑަކަށް ތިންގުނަ.

1984 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ، ހިންގުމާބެހޭ ޚަރަދަށް ހިނގި 51.9 މިލިއަން ރުފިޔާ. އެއީ ދައުލަތުގެ ޖުމްލަ ޚަރަދުގެ 25 ޕަސެންޓް. ދެން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ، ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތްތަކަށް. އެކަމަށް ހިނގާފައިވަނީ 35.1 މިލިއަން ރުފިޔާ. އެއީ ދައުލަތުގެ ޖުމްލަ ޚަރަދުގެ 17 ޕަސެންޓް. މި ޚަރަދުގެ ތެރޭގައި އިސްލާމީ މަރުކަޒަށް ހިނގާފައިވާ ޚަރަދާއި، ބިން ހިއްކުމަށް ހިނގި ޚަރަދު ހިމެނޭ. ދަތުރުފަތުރާބެހޭ ޚަރަދަށް ހިނގާފައިވަނީ، އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް. އަދި ތަޢުލީމަށާއި މަސްވެރިކަމަށް. ދަރަނި އަދާކުރުމަށާއި، ޚިދުމަތުގެ އަގަށް ދެއްކި 13.8 މިލިއަން ރުފިޔާއަކީ ޖުމްލަ ބަޖެޓުގެ 6.7 ޕަސެންޓް.

މިހާރު ނިމެމުންމިދާ 1985 ވަނަ އަހަރު ސަރުކާރަށް ލިބޭ އެއްޗެއް އަންދާޒާ ކުރާއިރު، ކުރީ އަހަރަށްވުރެ މައްޗަށް ޖެހޭނެކަމަށް ދައްކާ. އާދެ، 1985 ގައި ލިބޭނެކަމަށް ދައްކަނީ 211.9 މިލިއަން ރުފިޔާ. މި ޢަދަދަކީ ހުސްވި އަހަރު ލިބުނު އާމްދަނީއަށްވުރެ، އަށް ޕަސެންޓް ގިނަ ޢަދަދެއް. އަދި 1985 ވަނަ އަހަރުގެ ޖުމްލަ ޚަރަދު ކަމުގައި މިހާރު ލަފާކުރެވިފައިވާ 233.9 މިލިއަން ރުފިޔާ އެއީ 1985 ގައި ހިނގާނެ ކަމަށް މިހާރު ހިސާބުތަކުން ދައްކާ ޢަދަދު. މި ދެންނެވި ޢަދަދަކީ، ކުރީ އަހަރަށްވުރެ 12.8 ޕަސެންޓް ގިނަ ޢަދަދެއް. މި އަހަރުގެ ތެރޭގައި، އާދެ، 1985 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް ލޯނުން 27.2 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް ލަފާކުރެވޭ. މި ޢަދަދުގެ ޖުމްލަ ޚަރަދުގެ ތެރޭގައި ހިމެނޭ. ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މި އަހަރު އަދި ނިމުމަކަށް ނާދޭ. އެހެންކަމުން، އަދިވެސް ދެވިފައި އެވަނީ ލަފާކުރެވިފައިވާ ޢަދަދުތަކެއް.

ކުރިއަށް އޮތް އަހަރަށް، އާދެ، 1986 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓް، އޮފީސްތަކުން ފުރަތަމަ ހުށަހެޅުއްވި ވަރަށްވުރެ ވަރަށްބޮޑުތަން ކުޑަކުރީމާވެސް، މި ހިނގާ އަހަރަށްވުރެ ބޮޑުވާނޭކަމަށް ދަންނަވަންޖެހޭ. މެމްބަރުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ހިސާބުތަކުން ދައްކާގޮތުން، 1986 ގައި ހިނގާނެ ކަމަށް ލަފާކުރާ ޢާއްމު ބަޖެޓުގެ ޖުމްލައަކީ 237.2 މިލިއަން ރުފިޔާ. އެހެންނަމަވެސް، ޢާއްމު ބަޖެޓުން ކޮންމެ އަހަރަކުވެސް ކޮންމެވެސްވަރެއް ބާކީވޭ.

އެހެންވީމާ، ބާކީވާނެކަމަށް މިހާރު ލަފާކުރެވޭ 28.4 މިލިއަން ރުފިޔާ ކަނޑައި، ބޭރުގެ އެހީގެ އެކައުންޓްތަކުން ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭ، 39.7 މިލިއަން ރުފިޔާއާއި، ތަރައްޤީގެ ޕްރޮޖެކްޓަތަކަށް ލޯނުން ލިބިގެން ޚަރަދު ކުރެވޭނެ ކަމަށް ލަފާކުރެވޭ 74.8 މިލިއަން ރުފިޔާއާ އެއްކުރީމާ، މުޅި ބަޖެޓުގެ ޖުމްލައަކީ 323,388,698 ރުފިޔާ. އެއީ މި ހިނގާ އަހަރަށް އަންދާޒާ ކުރިވަރަށްވުރެ 10.7 ޕަސެންޓް ގިނަ ޢަދަދެއް. 1986 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް ލޯނުން ޚަރަދު ކުރެވޭނެކަމަށް ލަފާކޮށްފައިވަނީ، ކުރިންވެސް ދެންނެވި ފަދައިން 74.8 މިލިއަން ރުފިޔާ. މި ހިނގާ އަހަރު، ޕްރޮޖެކްޓް ލޯނުން ޚަރަދުކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރާވަރާ ކައިރިއަށްވެސް ޚަރަދެއް ނުހިނގާ. އެއީ، އެ ހިންގަންޖެހޭ މަސައްކަތްތަކުގެ ބާވަތުން މަސައްކަތްތައް ރޭވިފައިވާ ވަރަށް ހަލުވިކަމާއެކު ނުހިންގޭތީ. އެހެންވީމާ، މި އަހަރުވެސް ކުރިން އަންދާޒާކުރި ވަރަށްވުރެ ޚަރަދު ހިނގާފައި ވަނީ ވަރަށް ބޮޑުތަން މަދުން. މި އަންނަ އަހަރުވެސް އެކަހަލަ ގޮތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް.

1986 ގެ ބަޖެޓް އަންދާޒާ ތައްޔާރުކުރުމުގައި، ކުރީ އަހަރުތެކެކޭވެސް އެއްފަދައިން، ވަރަށް ބޮޑަށް ޚަރަދު ކުޑަކުރެވިފައިވޭ. އެއީ އެކި އޮފީސްތައް ވަކިވަކިން ބަލައި، ޚަރަދު އުނިކުރެވެން ހުރި ތަންތަނުން އުނިކޮށްގެން.

ތިޔަބޭފުޅުންގެ އަތްޕުޅަށް މިހާރު ލިބިވަޑައިގެންފައިވާ ހިސާބުތަކުން އިތުރު ތަފްޞީލު އެނގިވަޑައިގަންނަވާނެ. ބަޖެޓުގެ އެކި ބައިބަޔަށް ސަތޭކައަކުން ޖެހޭވަރު އެނގިވަޑައިގަންނަވާނެ. އޭގެތެރޭގައި، 1984 ވަނަ އަހަރު ހިނގި ޚަރަދުވެސް ސަތޭކައަކުން އެކި ބައިބަޔަށް ހިނގާފައިވާ ޢަދަދު ވަކިވަކިން އެނގިވަޑައިގަންނަވާނެ. އަދި 1984 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ޖުމްލަ ހިސާބުވެސް ތަފްޞީލާއެކު، ޢިއްޒަތްތެރި މެންބަރުންނަށް ވާނީ މިހާރު ލިބިވަޑައިގެންފައި. ހަމައެފަދައިން، 1979 ން 1984 އަށް ހިނގާފައިވާ ޚަރަދާއި، ލިބުނު އެއްޗެއްގެ ޖުމްލަ، އަދި 1985 ވަނަ އަހަރަށް ލަފާކުރި ބަޖެޓާއި، 1986ގެ އަންދާޒާ ޖުމްލަ އާމްދަނީއާއި ޚަރަދު އަޅައިބެލެވޭގޮތަށް ތައްޔާރުކުރެވިފައިވާ ޗާޓެއްވެސް، އެއީ ކުރިން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވި ޗާޓް، އެވެސް ވާނީ ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ލިބިވަޑައިގެންފައި. މީގެއިތުރުން، ބަޖެޓާ ބެހޭގޮތުން މެންބަރުން ހޯއްދަވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު، އެ މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން ކުރައްވާ ސުވާލުތަކަށް ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ ޖަވާބު ދެއްވާނެ.

1986 ވަނަ އަހަރަށް ލަފާކުރެވުނު ބަޖެޓުގައި، އެންމެބޮޑު ޚަރަދެއް ލަފާކުރެވިފައި ވަނީ، ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތުގެ ބަޔަށް. އެއީ، ބަޖެޓުގެ 21.8 ޕަސެންޓް. މި ބަޔަށް މާލޭގެ ފާޚާނާއާއި ބޯފެނުގެ ޕްރޮޖެކްޓުން ސަރުކާރުން ކުރަންޖެހޭ ޚަރަދު ވަދެފައިވާނެ. ހަމައެފަދައިން ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ކުރަންޖެހޭ ޚަރަދުވެސް ވަދެފައިވާނެ. ހިންގުމުގެ ޚަރަދު ފިޔަވައި، ދެން އެންމެބޮޑު ޚަރަދެއް ހިނގާނޭ ކަމަށް ލަފާކުރެވެނީ، ދަތުރުފަތުރާބެހޭ ޚަރަދަށް. އެއީ އެއަރޕޯޓް ޕްރޮޖެކްޓުގެ ދަށުން، ބޭރުގެ އެހީގެ ލޯނުން ހިންގޭ ޚަރަދު. މަސްވެރިކަމަށްވެސް ވަރަށް މަތީ ޚަރަދެއް ހިނގާނޭ ކަމަށް ލަފާކުރެވިފައިވޭ. އެއީ ކުވައިތު ފަންޑުގެ ލޯނުގެ ދަށުން މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ނުނިމި އޮތް ބަޔާއި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ދަށުން ހިނގަމުންދާ ދެވަނަ ފިޝަރީޒް ޕްރޮޖެކްޓްގެ ބޮޑު ބައެއް 1986 ގައި ހިނގާނޭ ކަމަށް ލަފާކުރެވޭތީ، ތަޢުލީމަށް ހިނގާ ޚަރަދު، މި ހިނގާ އަހަރުގެ ޚަރަދަށްވުރެ މައްޗަށްދާނޭ ކަމަށް ލަފާކުރެވޭ، އަޅުގަނޑު ކުރިންވެސް ދެންނެވި ސަބަބަށްޓަކައި. އެކަން އެހެންވާންޖެހެނީ މުޅި ބަޖެޓުގެ 9.2 ޕަސެންޓް، އެހެން ޢިބާރާތަކުން ދަންނަވަންޏާ 29.7 މިލިއަން ރުފިޔާ، މި އަންނަ އަހަރު ތަޢުލީމުގެ ޚަރަދަށް ލަފާކުރެވިފައިވާތީ. މި ހިނގާ އަހަރެކޭ ދާދި އެއްވަރަކަށް ޞިއްޙަތަށް ޚަރަދު ހިނގާނޭ ކަމަށް ވަނީ އަންދާޒާ ކުރެވިފައި.

1986 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ޚަރަދުތަކުގެ ތެރޭގައި، ބޭރުގެ އެހީގެ ލޯނު ލިބިގެން ޚަރަދުކުރެވޭނީ، މަސްވެރިކަމުގެ މި ދެންނެވި މަޝްރޫޢަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ މަލްޓި ޕްރޮޖެކްޓް ލޯނުގެ ދަށުން ހިނގާ މަޝްރޫޢުތަކަށާއި، އެއަރޕޯޓް ޕްރޮޖެކްޓަށާއި އަދި މާލޭގެ ފާޚާނާއާއި ފެނާބެހޭ މަޝްރޫޢަށް.

ކުރީ އަހަރުތަކުގައިވެސް އަޅުގަނޑު ދަންނަވަމުން އައި ފަދައިން، އިޤްތިޞާދީ މައްސަލަތައް ހުންނަގޮތުން، ވެވުނުވަރަކުން ބަޖެޓް ކުޑަކުރުމަކީ ވަރަށް ބޭނުންކަމެއް ކަމުގައިވޭ. އެހެންނަމަވެސް، އިޤްތިޞާދީ ކުރިއެރުމުގެ ނިސްބަތް ދެމެހެއްޓޭތޯ ބެލުމަކީވެސް ސަރުކާރުގެ މަސްއޫލިއްޔަތެއް. ރާއްޖެތެރެއަށްވެސް ތަރައްޤީގެ ފައިދާ އިންޞާފުވެރި ގޮތެއްގައި ލިބެންޖެހޭނެ. އިޤްތިޞާދިއްޔަތު ކުރިއަރަމުންދާ ބައިތައް، ޚާއްޞަކޮށް، މަސްވެރިކަމާއި ޓޫރިޒަމްގެ އެސެޓްތައް ދެމެހެއްޓުމާއި ބެލެހެއްޓުމުގައި، އިތުރު ޚަރަދުތަކެއް ހިނގަމުންދާއިރު، ކޮންމެހެން ބޭނުން އެހެން ޚިދުމަތްތައް ދެމެހެއްޓުމުގައިވެސް ވަރަށްގިނަ ޚަރަދުތަކެއް ހިނގާ. އެހެންކަމާއެކު، މި ހިނގާ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް 1986 އަށް ހެދުމަކީ ވަރަށްދަތި ކަމެއް. އަންނަ އަހަރަށް އަންދާޒާކުރި ބަޖެޓް ޚަރަދުތައް ކުޑަކުރުމަށްފަހުވެސް ލިބޭނޭ އެއްޗަކަށްވުރެ 46.1 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނޭ ކަމަށް ހިސާބުތަކުން ދައްކާ. އެހެންނަމަވެސް، ސަރުކާރަށް ލިބޭ އެއްޗެއް އިތުރުކުރުމަށްޓަކައި، ސަރުކާރުން އަޅަން ޤަޞްދުކުރާ ބައެއް ފިޔަވަޅުތަކުން 12.5 މިލިއަން ރުފިޔާ އިތުރަށް މި އަންނަ އަހަރު ސަރުކާރަށް ވަންނާނޭ ކަމަށް ލަފާކުރީމާ، 1986ގެ ބަޖެޓުގެ ސާފު ޑެފިސިޓެއް ކަމުގައި އަންދާޒާކޮށްފައިވާނީ 33.6 މިލިއަން ރުފިޔާ. މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، 1985 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުނުއިރު، ލިބޭނެ އެއްޗަކަށްވުރެ ޚަރަދުވާނޭކަމަށް އޭރު ލަފާކުރީ 46.5 މިލިއަން ރުފިޔާ. އެހެންނަމަވެސް، ސަރުކާރުން އިތުރަށް އެޅި ބައެއް ފިޔަވަޅުގެ ސަބަބުން، 10 މިލިއަން ރުފިޔާ އިތުރަށް ލިބުމުން، ދެން ޚަރަދު ދެކޮޅުނުޖެއްސި އޮންނާނީ 36.5 މިލިއަން ރުފިޔާ ކަމުގައިވެސް ލަފާކުރެވުނު.

އެހެންނަމަވެސް، މިހާރު އަންދާޒާ ދައްކަނީ 1985ގެ ބަޖެޓުގެ ޑެފިސިޓްވާނީ، ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ ކަމަށް. އެހެންވީމާ، އެންމެ ފުރަތަމަ 46.5 މިލިއަން ރުފިޔާ ކަމަށް ލަފާކުރި ޑެފިސިޓް، އަހަރު ނިމިގެން އަންނައިރު، މިހާރު ހީވަނީ އޮންނާނީ 22 މިލިއަން ކުޑަވެފައި ކަމަށް. އެގޮތުން 1986 އަށްވެސް، ޑެފިސިޓްވާނެ ކަމަށް ލަފާކުރީ، ކުރިންވެސް ދެންނެވި ފަދައިން، 46.1 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރުވެސް ގާތްގަނޑަކަށް ހަމަ ލަފާކުރިވަރު. ދެން ސަރުކާރުން އިތުރަށް އަޅާ ފިޔަވަޅުތަކުން، އޭގެތެރެއިން އެއްބައި އުނިވެގެން އައިސް އަހަރު ނިމޭއިރު، ކުރިން އަންދާޒާކުރި ވަރަށްވުރެ ޑެފިސިޓް ވަރަށްބޮޑުތަން ކުޑަވާނެކަމަށް ލަފާކުރެވޭ.

މި ހިނގާ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް ލޯނުތަކަށް ޚަރަދުވާނޭ ކަމަށް ލަފާކުރެވިފައިވަނީ މި ދަންނަވާ ޢަދަދުތައް:

މަސްވެރިކަމަށް 13.96 މިލިއަން ރުފިޔާ
ވައިގެ ދަތުރުފަތުރަށް 6.25 މިލިއަން ރުފިޔާ
ކަނޑުގެ ދަތުރުފަތުރަށް 1.91 މިލިއަން ރުފިޔާ
މުވާޞަލާތަށް 0.19 މިލިއަން ރުފިޔާ
މާލޭގެ ފެނާއި ފާޚާނާއާބެހޭ މަސައްކަތަށް 4.90 މިލިއަން ރުފިޔާ
ޖުމްލަ: 27.21 މިލިއަން ރުފިޔާ

މި ލޯނުތަކަކީ މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ޚިދުމަތުގެ ކުޑަކުޑަ އަގެއް ނަގާގޮތަށް އަދި ވަރަށް ދިގު މުއްދަތުގައި އަނބުރާ ދައްކާގޮތަށް ސަރުކާރުން ނަގާފައިވާ ލޯނުތަކެއް. މި ލޯނުތައް އަދާކުރުމަށް ދައްކަންޖެހޭ ފައިސާއާއި، ޚިދުމަތުގެ އަގު ސަރުކާރުން ގެންދަނީ، ދައްކަންޖެހޭ ތާރީޚުތަކަށް ގަވާއިދުން ދައްކަމުން.

އަޅުގަނޑު ކުރިންވެސް އިޝާރާތްކޮށްލި ފަދައިން، ޤައުމުގެ އުފެއްދުންތެރިކަމުގެ މިންވަރު، އަޅުގަނޑުމެން މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ހިފަހައްޓަމުން މިގެންދަނީ ވަރަށްމަތީ ރޭޓަކުން. ކުރީގެ ދެތިން އަހަރެއްގެ އިޤްތިޞާދީ ދަތިތަކަކަށްފަހު، މި ހިނގާ އަހަރު، އާދެ، 1985 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ވަރަށްބޮޑުތަން ރަނގަޅުވެއްޖެ ކަމަށް ދައްކާ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު މިއަހަރު ވަރަށްބޮޑުތަން މައްޗަށް ގޮސްފައިވޭ. ރާއްޖެއަށް ބާނާ އަދި ހިފާ މަހުގެ ޢަދަދުވެސް މި އަހަރު މައްޗަށް ދިޔުމާއެކު، މަސްވެރިކަމުން ލިބޭ އާމްދަނީވެސް ވަނީ މައްޗަށް ގޮސްފައި. އަދި ސަރުކާރުގެ ޚިދުމަތްތައް އިތުރުވުމާއި، ސަރުކާރުގެ ޚަރަދު ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުން އިޤްތިޞާދަށް ރަނގަޅު ބަދަލެއް ގެނެސްދިން. ހަމައެއާއެކު، ބެލެންސް އޮފް ޕޭމަންޓަށްވެސް ކުރިއަށްވުރެ މި އަހަރު ލުއިކަމެއް ލިބިގެންދިޔަ.

ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނޭ ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވޭތުވެދިޔަ ދެތިން އަހަރު ލިބިފައިވާ ދަތިތަކަކީ، އަޅުގަނޑުމެންގެ މާބޮޑު ބާރެއް ނުފޯރާގޮތެއްގައި ދިމާވެފައިވާ ދަތިތަކެއް. އަދި އެކަމާމެދު ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް އަޅުގަނޑު ކުރިން ވާނީ ދަންނަވާފައި. އެއީ، މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރު، އެދުވަހު ވާހަކަ ދެއްކިއިރު، މަޑުމަޑުން އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށް ފެންނަ ކަމުގައިވެސް ވާނީ ދަންނަވާފައި.

ކަން މިހެން ހުރުމާއެކުވެސް، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންވީ މަސައްކަތްތައް އަދިވެސް ގިނަގުނަ. މިއަހަރުގެ ތެރޭގައި އެޅުނު ފިޔަވަޅުތައްވެސް މަދެއްނޫން. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއްވެސް ނުކުންނަމުންދޭ. އެހެންނަމަވެސް، އިޤްތިޞާދީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް އަދިވެސް އޮތީ ކުރަން ޖެހިފައި.

ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅު ކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ވަރަށް މުހިންމު ފިޔަވަޅެއް އެޅުނު. އެއީ ކުރިން، ރާއްޖޭގެ ރުފިޔާ އެމެރިކާ ޑޮލަރާ ގުޅުވައިގެން، ރާއްޖޭގެ ރުފިޔާގެ ބޭރުގެ އަގު ހަމަޖެއްސުމުން، ދިވެހި ފައިސާގެ އަގު، ބޭރު ފައިސާގެ އަގުގެ ނިސްބަތުން މަތިވަމުން ދިޔުމުން، ބެލެންސް އޮފް ޕޭމަންޓްސް އަށް އަންނަ ނުބައެއް ރަނގަޅު ކުރުމުގެ ގޮތުން މި އަހަރު އެޅުނު ފިޔަވަޅު. އާދެ، މި އަހަރުގެ ޖުލައި މަހުން ފެށިގެން ދިވެހި ރުފިޔާ ގުޅުވާފައިވަނީ ދިވެހިރާއްޖެއާ ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައިވާ ޤައުމުތަކުގެ ފައިސާ ހިމެނޭ، ފައިސާގެ ޓުކުރިއަކަށް ނިސްބަތްވާ ގޮތުގެ މަތިން. އެގޮތުގެ މަތިން ދިވެހި ފައިސާގެ އަގު ހަމަޖައްސަން ފެށުމުން، ބެލެންސް އޮފް ޕޭމަންޓްސްގައިވާ ތަފާތު ކުޑަކޮށްދޭ. އެއީ، އެކްސްޕޯޓް މަތިކުރުމަށް ބާރުއަޅާ ކަމަކަށްވާތީ.

ކުރީގައި އަޅުގަނޑު އިޝާރާތްކޮށްލި ފަދައިން، އަނެއްކާވެސް އަޅުގަނޑު ދަންނަވަން ބޭނުން، ބޭރު ފައިސާ އަޅުގަނޑުމެންނަށް ބޭނުންވަރަށް ލިބެން ނެތްނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ، ބޭރު ފައިސާ ލިބޭ ނިސްބަތެއްގެ މައްޗަށް އަޅުގަނޑުމެން ބޭރުން އެތެރެކުރާ މުދަލާއި، ބޭރުން ލިބޭ ޚިދުމަތް މަދުކޮށް، ކުޑަކުރަން. އެހެންނޫންނަމަ، އަޅުގަނޑުމެންގެ ޚިދުމަތުގެ ދާއިރާ ފުޅާކޮށް، އުފެއްދުންތެރިކަން އިތުރުކުރަން.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، އަމިއްލަ ފުދުންތެރިކަން ކުޑަ ޤައުމަކަށްވާތީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރު ފޯރާ. އެހެންކަމުން، ދުނިޔޭގެ އިޤްތިޞާދަށް އަންނަނީ ކޮންކަހަލަ ބަދަލެއްތޯވެސް އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭ.

1984 ވަނަ އަހަރު ނިމުނުއިރު، ދުނިޔޭގެ އިޤްތިޞާދަށް ވަނީ އެ އަހަރު ފެށުނުއިރު ހީކުރެވުނު ވަރަށްވުރެ ރަނގަޅު ބަދަލު އައިސްފައި. ޞިނާޢީ ޤައުމުތަކުގައި އުފައްދާ ތަކެތި، އެ އަހަރު ވަރަށް ބޮޑުތަން އިތުރުވެގެންދިޔަ. ޚާއްޞަކޮށް، އެމެރިކާއާއި ޖަޕާނުގައި ތަކެތީގެ އަގުތައް މަޑުމަޑުން ތިރިއަށްޖެހިލި. ނަތީޖާއެއްގެ ގޮތުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް ހެޔޮބަދަލުތަކެއް އައި. ބެލެންސް އޮފް ޕޭމަންޓްސްއާއި، އެތެރޭގެ ކުރިއެރުމުގެ މިންވަރު ކުރިއަށްދިޔަ.

ނަމަވެސް، މި ހިނގާ 1985 ވަނަ އަހަރު، ޞިނާޢީ ޤައުމުތަކުގެ އިޤްތިޞާދު އަނެއްކާވެސް ކުޑަތަންކޮޅެއް ދަށަށް ޖެހިލާނެ ކަމަށް ހީކުރެވޭ. ޞިނާޢީ ޤައުމުތަކުގެ އިޤްތިޞާދު ދަށަށް ޖެހުމުން ނުވަތަ މަޑުޖެހުމުން، އެންމެ ބޮޑަށް ދަތިކަން މެދުވެރިވަނީ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް.

އެހެންވީމާ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް ކޮންމެވެސްވަރަކަށް ބަދަލު އަންނާނެ. ރާއްޖެއިން ބޭރުކުރަމުންދާ ކަނޑުމަހުގެ އަގު އަދިވެސް ހުރީ، މީގެ ހަތަރު ފަސް އަހަރު ދުވަސް ކުރީގެ އަގަށްވުރެ ވަރަށްބޮޑުތަން ދަށުގައި. އަޅުގަނޑުމެންގެ ބޯޓުދުއްވާ ކުންފުންޏަށް އަދިވެސް އުޅެނީ އަރައިނުގަނެވިގެން. އެހެންކަމާއެކު، ސަރުކާރުގެ ބޭރުގެ ފައިސާގެ ދަތިކަމުގެ ތެރެއަށް މި ކުންފުނީގެ ބުރަވަނީ މިހާރު އިތުރުވެފައި.

އާދެ، 1986 ވަނަ އަހަރު މި ހުށަހެޅުނު ބަޖެޓަކީވެސް، މީގެކުރީގެ ބަޖެޓުތަކެކޭ އެއްފަދައިން، ރާއްޖޭގެ ތަރައްޤީއަށް ދެވެން އޮތް އެންމެބާރުމިނެއްގައި ދިޔުމުގެ އުންމީދުގައި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް. ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރެވޭތޯ ވޭތުވެދިޔަތާނގައި މަސައްކަތް ކުރަމުންދިޔަގޮތުގެ މަތިން، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން މިހާރުވެސް ގެންދާއިރު، އަމިއްލަ ފަރާތްތަކާއި، ޢާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިއްޖެނަމަ، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަކީ، ދަތިކަމަކަށް ނުވާނެކަން ކަށަވަރު. ސަރުކާރުން ގޮވާލާ އެހެން ކަންތައްތަކެކޭވެސް އެއްފަދައިން، މިކަމުގައިވެސް ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، އަޅުގަނޑުގެ ބަޖެޓާބެހޭ ބަޔާން ނިންމާލުމުގެ ކުރިން، ސަރުކާރުގެ ބަޖެޓް ތައްޔާރުކުރެއްވުމުގައި އަޅުގަނޑަށް އެހީވެދެއްވި ފަރާތްތަކަށް ހިތުގެ އަޑިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ބަޖެޓުގެ މަސައްކަތް ޙަވާލުވެފައި އޮންނަނީ ޑިޕާޓްމަންޓް އޮފް ފިނޭންސާ. އެހެންވީމާ، ފިނޭންސްގެ ޑިރެކްޓަރާއި އަދި ފިނޭންސް ޑިޕާޓްމަންޓްގެ އެހެނިހެން މުވައްޒަފުން، ބަޖެޓް ތައްޔާރުކުރެއްވުމުގައި ވަރަށްބުރަ މަސައްކަތްތަކެއް ވަނީ ކުރައްވާފައި. ހަމައެފަދައިން، ބަޖެޓް ކޮމިޓީގެ މެންބަރުންވެސް، ބަޖެޓް ތައްޔާރުކުރުމުގައި އަޅުގަނޑަށް ވަރަށްގިނަ އެހީތަކެއް ވެދެއްވި. ހަމައެއާއެކު، ރައީސް އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންވެސް ވަރަށްބުރަ މަސައްކަތްތަކެއް މިކަމުގައި ވަނީ ކުރައްވާފައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑު މިއަދު އަދާކުރަންޖެހޭ ވަރަށް އުފާވެރި ވާޖިބެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އަވަސް ބާރުމިނެއްގައި ކުރިއަށްދާނޭ މަގުތައް، މާތްﷲ ފަހިކޮށްދެއްވުން. ރާއްޖެ ހުރިހާ ރޮނގަކުންވެސް ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދިވެހި ދަރިންނަށް ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.