ރާއްޖޭގައި މިއަދު ދިމާވެފައިވާ އިޖްތިމާޢީ ގިނަ މައްސަލަތައް ދިމާވެފައި ހުރީ، މަސްތުވާތަކެތި ބޭނުންކުރުން އޭގެ އަޞްލަކަށް ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރައްވައި، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް މިއަދު އާރަށުގައި ފެށުނު ތިން ދުވަހުގެ ކޮންފަރެންސް އިފްތިތާޙުކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ޙައްލު ކުރަން އަޅުގަނޑުމެންނަށް ނުފެށިއްޖެނަމަ، އެހެންހުރި އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރަންވެސް ވަރަށް އުނދަގޫވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑްރަގްގެ މައްސަލައާ ގުޅޭގޮތުން އެމަނިކުފާނުވެސް ވަރަށް ވިސްނާވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ގާތް ކިތަންމެ ބަޔަކުވެސް މި ވަބާގައި މަރުވެ ހިނގައްޖެ ކަމަށާއި، އަދި މާޔޫސްވެ ނިކަމެތިވެ، ޢާއިލާތަކާ ވަކިވެ ބިކަ ހާލުގައި ޖެހި ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ދޭތެރޭ ވަރަށް ހަރުކަށި ގޮތަކަށް ޢަމަލުކުރެވިފައިވާ ކަމަށާއި، އެއިން ނުކުތީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަރުކަށިވުމުން ރަނގަޅު ނަތީޖާ ނެރެވިފައި ހުރި ކަމަށްވެސް ބަޔަކު ދެކޭ ކަމަށް ވިދާޅުވެ، މި ކޮންފަރެންސްގައި މިދެކަންތަކާ ދޭތެރޭގައިވެސް ބައިވެރިން ވިސްނާވަޑައިގެން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވަނީ ޤާނޫނީ ދައުލަތެއްގެ ކެރޭކަން ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިއަދު މިކުރެވޭ މަސައްކަތަކީ މުސްތަޤްބަލަށް ދުރުމީ އަޅަމުން، މަސްތުވާތަކެއްޗާ ގުޅޭގޮތުން މަސައްކަތް ގެންދާނެ ގޮތުގެ ރޭވުމެއް އެކުލަވާލެއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވެ، މިމަސައްކަތް ކާމިޔާބު މަސައްކަތަކަށް ހެދުމުގައި ކޮންފަރެންސްގެ ބައިވެރިންގެ ފުރިހަމަ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

މިޖަލްސާގައި މަރްޙަބާ ވިދާޅުވުމުގެ ގޮތުން ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ މައިގަނޑު ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހައްދަވައިދެއްވުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވަނީ، ޒުވާނުންނާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޖްތަމަޢުގައި މަސައްކަތްކުރާ ފަރުދުންނާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ޝަރްޢީ ދާއިރާގެ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކެވެ.