بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ އާ ޢިމާރާތް ހުޅުވައިދިނުމަށްޓަކައި މި އުފާވެރި ޖަލްސާއަށް ޙާޟިރުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. އަދި މިއަދުގެ މުނާސަބަތުގައި އެސް.ޓީ.އޯ.ގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވިފަދައިން، މި ޢިމާރާތަށް، އެސް.ޓީ.އޯ.ގައި ހިމެނޭ ބައިތަކުގެ ތެރެއިން އެތައް ބައެއް ބަދަލުވާނެ. ސަތޭކައަށްވުރެ ގިނަ ޢަދަދެއްގެ މުވައްޒަފުން، މިއަދުން ފެށިގެން މި ޢިމާރާތުގައި މަސައްކަތް ކުރަން ފަށާނެ.

އާދެ، އެސް.ޓީ.އޯ.ގެ ތާރީޚަށް، ދެންމެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ވަރަށް ތަފްޞީލުކޮށް ބައްލަވައިލައްވައިފި. އޭނާ އެ ވިދާޅުވިފަދައިން، މިތަނަކީ ރާއްޖޭގެ ވިޔަފާރީގެ ތާރީޚުގައި ވަރަށް މުހިންމު ބައެއް އަދާކޮށްފައިވާ ތަނެއް. އަދި މިވޭތުވެދިޔަ ވިއްސަކަށް، ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރަށާއި، ރާއްޖޭގެ ޢާންމު ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް އަދާކޮށްފައިވާ ތަނެއް. އަދި ފަހަކަށްއައިސް ޚާއްޞަކޮށް ދަންނަވަންޏާ، މިވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި، އެސް.ޓީ.އޯ. އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. އެ ބަދަލުތައް އައުމާ ގުޅިގެން އެސް.ޓީ.އޯ.ގެ ޙަރަކާތްތައް، ކުރިން ހިންގާފައި ނެތް ދާއިރާތަކެއްގައި ހިންގަން ޖެހުމުގެ ސަބަބުންނާއި، އެސް.ޓީ.އޯ.ގެ އޯގަނައިޒޭޝަން ބޮޑުވުމުގެ ސަބަބުން މިއަދު މި ހުޅުވޭފަދަ އާ ޢިމާރާތްތަކަށް އެސް.ޓީ.އޯ ބަދަލުވުން ވަނީ ކޮންމެހެން ބޭނުންކަމަކަށްވެފައި.

އާދެ، މި ޢިމާރާތް ހަދަން ފެށުނުއިރު ކަންތައް ހުރިގޮތާއި މިހާރާވެސް ވަރަށް ތަފާތު. އެހެންވީމާ، މިއަދު މި ހުޅުވޭ ޢިމާރާތަށް އެސް.ޓީ.އޯ.ގެ ހުރިހާ ބައިތަކެއް މިހާރަކު ގެނެވޭކަށްނެތް. އެސް.ޓީ.އޯ ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް އިލްޔާސް އިބްރާހީމް ދެންމެ އެ ވިދާޅުވިފަދައިން، އެސް.ޓީ.އޯ.ގެ އެހެނިހެން ބައިތައް އަދި ހުރިހާ އެންމެން، އެއް ތަނެއްގައި މަސައްކަތް ކުރުމަށްޓަކައި މާލޭގައި ވަނީ އިތުރު ޢިމާރާތެއް ހަދަން ޖެހިފައި. އެހެންވީމާ، އެއިން ދައްކާ އެއްޗަކީ މި އޯގަނައިޒޭޝަން ނުވަތަ މި ސަރުކާރުގެ މުހިންމު ބައި ބޮޑުވަމުންދާލެއް އަވަސްކަމާއި، އެތާނގެ ޙަރަކާތްތައް އިތުރު ދާއިރާތަކަށް ފެތުރިގެންދާލެއް ހަލުވިކަން.

އާދެ، ކޮންމެއަކަސް މިއަދު މި ހުޅުވޭ ޢިމާރާތަކީވެސް އޭގެ ސަބަބުން އެސް.ޓީ.އޯ.ގެ ވަރަށްގިނަ މުވައްޒަފުން، އެއް ތަނަކަށް އެއްވެ މަސައްކަތް ކުރަންޖެހުމުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ، އެތަކެއް ފަސޭހަތަކެއް އެސް.ޓީ.އޯ. އަށް އިޙްސާސް ކުރެވެމުންދާނެ ތަނެއްކަން ޔަޤީން.

އާދެ، އެސް.ޓީ.އޯ.ގެ ތާރީޚާ ދޭތެރޭގައި، އަޅުގަނޑު މާގިނަ ވާހަކައެއް ނުދައްކާނަން. ސަބަބަކީ އެއާ ދޭތެރޭގައި ދެންމެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ވާހަކަފުޅު ދައްކަވާފައިވާކަން. އެހެންނަމަވެސް، އެސް.ޓީ.އޯ. އިން މިހާރު ކުރަމުންގެންދާ ބައެއް ކަންތައްތަކާ ދޭތެރޭގައި ކިތަންމެ ކުޑަ ނަމަވެސް، އެއްޗެއް ދަންނަވައިލުމަކީ އަޅުގަނޑު ހިތުން ބޭނުން ކަމެއް. އެގޮތުން، ދަންނަވަންޖެހެނީ އެސް.ޓީ.އޯ އުފެދުނީއްސުރެ މިހާތަނާ ޖެހެންދެން އެސް.ޓީ.އޯ.ގެ މަސައްކަތަކީ، ސަރުކާރުގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ހިންގުމޭ. އަދި އޭގެތެރެއިން އެންމެ ޚާއްޞަ ކަމަކީ، ރައްޔިތުންނަށް ބޭނުންވާ ކާޑު، ކާބޯތަކެތި ޚާއްޞަކޮށް، ހަނޑޫ، ހަކުރު، ފުށް ރާއްޖެއަށް އެތެރެކޮށް، ރައްޔިތުންނަށް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމޭ. އާދެ، ޤާނޫނުގައިވާ ފަދައިން، މިކަންތައްތައް އެސް.ޓީ.އޯ އިން ކުރަމުން އައިސްފައިވާނީ ވަރަށްވެސް ރަނގަޅު ގޮތަކަށޭ އަޅުގަނޑަށް ދަންނަވަންޖެހޭ. މިވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި، ކާޑުގެ އެއްވެސް ބާވަތަކަށް، އެއްވެސްކަހަލަ ދަތިކަމެއް އައިސްފައެއް ނެތް. އަޅުގަނޑު މި ދަންނަވާ ޙަޤީޤަތަށް، ރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިވެވަޑައިގަންނަވާނެ. މިވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި، ކާޑުގެ އެއްވެސް ބާވަތެއްގެ އެއްޗަކަށް ދަތިވެފައެއް ނެތް. އެއްވެސް އެއްޗެއްގެ އަގުބޮޑުވެގެން، މީހުންނަށް ނުގަނެވޭވަރުވެފައެއް ނެތް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި މުހިންމު ޚިދުމަތް، އެސް.ޓީ.އޯ.ގެ ފަރާތުން ރާއްޖެއަށް އަދާކޮށްދެއްވާފައިވަނީ އަޅުގަނޑު އެކަންޏެއް ނޫން، މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންވެސް ހިތްހަމަޖެހޭފަދަ ފުރިހަމަގޮތަކަށޭ.

އާދެ، ކާޑުގެ ތަކެތި އެސް.ޓީ.އޯ.އިން އެތެރެކޮށް، ރައްޔިތުންނަށް ލިބޭފަދަ އަގެއްގައި، ރައްޔިތުންނަށް ލިބޭފަދަ ގޮތެއްގައި އަބަދުވެސް ބެހެއްޓުމަކީ، އެސް.ޓީ.އޯ.ގެ އެންމެ އިސް ވާޖިބު. އެކަން އެހެން ހަދަންޖެހޭގޮތް، އަދި އެކަން އެހެން ބާއްވަންޖެހޭ ސަބަބު، އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. ރާއްޖޭގެ ކަންތައްތައް ހުންނަގޮތުން، ދުނިޔޭގެ އެހެން ތަންތާނގައި މިބާވަތުގެ ކަންތައްތައް ކޮށްއުޅޭ ގޮތަކަށް ރާއްޖޭގައި ކުރެވޭކަށް ނޯވޭ. އާދެ، އަޅުގަނޑުމެންގެ އެންމެ ކައިރީގައިވާ ޤައުމުތަކަށް ބަލައިލިޔަސް، މިކަން ވަރަށް ސާފުކޮށް ފިލާވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމެއް ކަމުގައިވާ ސްރީލަންކާ، އެތާނގައިވެސް އެމީހުންނަށް ފުދޭވަރަށް، މުޅި ޤައުމަށް ފުދޭވަރަށް، މީހުން ހަނޑޫ ހައްދާ. އެގޮތުން، ޤައުމުގެ ފުދުންތެރިކަން އޮތީ އެކަށީގެންވާ ދަރަޖައަކަށް އެމީހުންނަށް ގެންދެވިފައި. އިންޑިޔާއަކީ ޒަމާނުއްސުރެ ނުވަތަ ފަހަކަށްއައިސް އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ފުދޭވަރަށްވުރެ އިތުރަށް ކާބޯތަކެތި އުފައްދާ ތަނެއް. އަދި ފަހަކަށްއައިސް، ބޭރު ޤައުމުތަކަށް ކާބޯތަކެތި ބޭރުކުރަމުންގެންދާ ތަނެއް. ޕާކިސްތާނުވެސް ހަމަ އެފަދަ. ބަނގްލާދޭޝަކީ މި ދެންނެވި އުޞޫލުގެ މަތިން، މުޅިން އެތަނަށް ފުދޭވަރަށް، އެތާނގެ ރައްޔިތުންގެ އެންމެންނަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދޭ ތަނެއް ކަމުގައިނުވިޔަސް، ރައްޔިތުންނަށް ބޭނުންވާވަރުގެ ވަރަށްބޮޑު ބައެއް އެތާނގައިވެސް ގެންދަނީ މިހާރު އުފައްދަމުން. އަދި އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މުސްތަޤްބަލުގައި، ވަރަށް ކައިރި މުސްތަޤްބަލެއްގައި އެމީހުންނަށްވެސް އަމިއްލައަށް ފުދިގެން އުޅެވޭވަރަށް އެތާނގައިވެސް ކާބޯތަކެތި އުފެއްދޭނެ.

މި ހުރިހާ ތަނަކާ ޚިލާފަށް ރާއްޖެއަކީ، އަޅުގަނޑު ހިތުން ޢަމަލީގޮތުން ބަލާއިރު، އެއްވެސްއިރެއްގައި ރާއްޖެއަށް ބޭނުންވާ މައިގަނޑު ކާބޯތަކެތި، ރާއްޖޭގައި އުފެއްދޭނެ ތަނެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން، ސަތޭކައަކުން ނުވަދިހައަށްވުރެ ގިނަ މީހުން ކައިއުޅެނީ ހަނޑޫ. ނުވަތަ ހަނޑޫ އަދި ފުށް. މި އެއްޗިއްސަކީ ރާއްޖޭގައި ދުވަހަކުވެސް ހެއްދޭނެ އެއްޗިއްސެއް ނޫން. ރާއްޖޭގައި ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުން، ރާއްޖޭގެ ފަސްގަނޑު ކުޑަކަމާއި، މިބާވަތުގެ ތަކެތި އުފެއްދުމަށް ރާއްޖޭގެ ޖުގްރާފީ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން ތަން ނުދޭތީ. ހަކުރުވެސް ހަމަ އެފަދަ. މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ޖެހެނީ އިމްޕޯޓް ކުރަން. ރާއްޖެއިން ބޭރުން ގެންނަން. މައިގަނޑު ގޮތެއްގައި، ރާއްޖޭގެ ރައްޔިތުންގެ ކާބޯތަކެތީގެ ތެރެއިން ރާއްޖޭގައި ފުދޭވަރަކަށް އުފެއްދެނީ ހަމަ އެންމެ އެއްޗެއް. އާދެ، އެއީ މަސް، މަހުގެ އެކި ބާވަތްތައް. ކަނޑުމަސް، ފަރުމަސް. އެހެން ހުރިހާ އެއްޗެއް، މައިގަނޑު ކާބޯތަކެތި އަޅުގަނޑުމެން މިގެންނަނީ. ރާއްޖެއިން ބޭރުން، ރާއްޖެއަށް އެތެރެކުރަނީ. އަދި މުސްތަޤްބަލުގައި އެކަން އޮންނަންވެސްޖެހޭނީ ހަމަ އެގޮތަށް ކަމަށް އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ. މިހާ މުހިންމު ކަމެއް، ސަރުކާރުގެ ކޮންޓްރޯލް ނެތްގޮތަކަށް، އަޅުގަނޑަކަށް ހިޔެއްނުވޭ އެއްގޮތަކަށްވެސް ދޫކޮށްލާފައި ބޭއްވޭނެއެކޭ.

އާދެ، އަމިއްލަ ވިޔަފާރި ވަރަށް ކުރިއަށް ހިނގައްޖެ. ކުރިއާ އަޅައިބަލާއިރު، އެތައް ސަތޭކަ ގުނައެއް، މިވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ހިނގައްޖެ. ހަމައެކަނި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޢަދަދަށް ބެލިޔަސް، މިވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި، އެތައް ސަތޭކަ ގުނައެއް އިތުރުވެގެން ހިނގައްޖެކަމީ ޝައްކެއްއޮތްކަމެއް ނޫން. އެކަން އޮތީ އެހެން ކަމުގައިވިޔަސް، ކާޑުގެ ތަކެއްޗަކީ އަމިއްލަ ފަރާތްތަކަށް ދޫކޮށްލެވޭނެ އެއްޗެއް ނޫން. އެއީ އެފަރާތުގެ މަސްއޫލިއްޔަތެއް ނެތް، ރައްޔިތުންނަށް ކާބޯތަކެތި ހޯދައިދިނުމުގައި. ޤާނޫނީގޮތުން، ސިޔާސީގޮތުން، ހުރިހާ ގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އަދި އޭގެތެރެއިން ޚާއްޞަކޮށް، ކާޑުގެ ބާވަތްތައް އެތެރެކޮށްދިނުން އެއީ ސަރުކާރުގެ މަސްއޫލިއްޔަތެއް. އެކަން ޔަޤީންވާކަހަލަ ގޮތެއްގައި، އިތުބާރުހުރި ގޮތެއްގައި ކުރެވޭނީ، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އެކަމުގައި އޮވެގެންކަން އެއީ އަޅުގަނޑު ހިތުން މިއަދު އެއްވެސް މީހަކު ޝައްކުކުރާނެ ކަމެއްނޫން. އެކަން އޮތީ އެހެން ކަމަށްވާތީ، ޤާނޫނުގައިވެސް އެހެން ކަނޑައެޅިފައި އޮތީ. އަދި އެކަން އެގޮތަށް ހިނގަމުންދަނީ. އަދި އެކަން މުސްތަޤްބަލުގައިވެސް އެހެން ބާއްވަންޖެހެނީ.

އަމިއްލަ ފަރާތެއްގެ ނުވަތަ އަމިއްލަ ފަރާތްތަކެއްގެ ޙަވާލުގައި އޮންނަ ކަމެއްނަމަ، ދިމާވާ ސަބަބަކާހުރެ އެފަރާތުން އެކަން ނުކުރެވޭތަން ފަހަރެއްގައި އަތުވެދާނެ. ހަނޑޫ ގެނެވެން ނެތް ވާހަކަ ނުވަތަ ހަކުރު އެތެރެކުރެވެން ނެތް ވާހަކަ ނުވަތަ ފުށް ލިބެން ނެތް ވާހަކަ، އަމިއްލަ ފަރާތަކުން ސަރުކާރަށް ބަޔާންކޮށް، އެކަން ހުއްޓާލާގޮތް ކުއްލިއަކަށް ދިމާވެއްޖިއްޔާ، ރައްޔިތުންނަށް ދިމާވާނެ ބޮޑު ދައްޗަކީ އަޅުގަނޑު ހިތުން ރާއްޖޭގެ އެންމެ އާދައިގެ ފެންވަރުގެ ވިސްނުން ހުންނަ މީހަކަށްވެސް ރަނގަޅަށް އިޙްސާސް ކުރެވޭނެ ދައްޗެއް. އެހެންނަމަވެސް، ސަރުކާރުން އެކަން ކުރަންޏާ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ސަރުކާރުން އެކަން ހަމަޖައްސާނެކަން، އެކަމުގެ ޔަޤީންކަން އެންމެންނަށް ލިބިފައި އޮންނަންޖެހޭނެ. އަދި މިއާ ބެހޭގޮތުން އަޅުގަނޑަށް ދަންނަވާލަންޖެހެނީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކާޑުގެ ތަކެއްޗަށް ދަތިކަމެއް ނައިތާނގައި، އެ އެއްޗެތީގެ އަގުވެސް ބޮޑުވެފައެއް ނެތޭ. މިއީ އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް ކުރެވޭވަރުގެ ކަމެއްވެސް ނޫން. އެހެންނަމަވެސް، އިރާދަކުރެއްވީތީ މާތްﷲގެ ވާގިފުޅާއެކު، އެކަން މިހާތަނަށް މިއައީ ހަމަޖެހެމުން. އަޅުގަނޑު ޔަޤީންކުރާގޮތުގައި، މުސްތަޤްބަލުގައިވެސް އެކަން އެގޮތަށް ހަމަޖެހިގެންދާނެ.

އާދެ، އެސް.ޓީ.އޯ.ގެ އެންމެ ފުރަތަމަ ވާޖިބަކީ ނުވަތަ މަސްއޫލިއްޔަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ތަކެތި އަދި އޭގެއިތުރުން، މިހާރު ކުޑަކުދިންގެ ކާނާ، ބޭސް އަދި ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ރާއްޖޭގެ ރައްޔިތުންނަށް ލިބޭފަދަ އަގެއްގައި، އެމީހުންނަށް ގަނެވޭފަދަ އަގެއްގައި ބެހެއްޓުން ކަމަށްވާއިރު، އެނޫން ތަފާތު ކަންތައްތައްވެސް އެސް.ޓީ.އޯ.އިން ކުރަމުންގެންދޭ. އާދެ، މިހާރަކަށް އައިސް ތަރައްޤީގެ އެކިއެކި ބޮޑެތި މަޝްރޫޢުތަކުގައި، އެސް.ޓީ.އޯ ކުޅެމުން އަންނަ ބައި، ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ، އެތަން ކުރިން ހުރިވަރަށްވުރެ ފުރިހަމަކޮށް އަލުން ހެދުމުގައި، އެކަމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލެވީ އެސް.ޓީ.އޯ.އިން. މިހާރު ވަރަށް ކާމިޔާބުގޮތަކަށް އެ މަސައްކަތްތައް ނިމި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެތަން ވަނީ ހުޅުވިފައި. އަދި އެމަސައްކަތް އޭގެފަހުންވެސް ގެންދަވަނީ އެސް.ޓީ.އޯ.އިން.

ހަމަ އެގޮތުގެ މަތިން، މަސްވެރިކަމާބެހޭ ތަފާތު ބޮޑެތި މަޝްރޫޢުތައް، ސަރުކާރުގެ ފަރާތުން ހިންގަވާ ފަރާތަކީ އެސް.ޓީ.އޯ. އާދެ، ފިޝް ވެލްތު އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓް އެއީ އޭގެ އެއް މަޝްރޫޢު. އަނެއް މަޝްރޫޢަކީ، ސެކަންޑް އައި.ޑީ.އޭ ޕްރޮޖެކްޓް. މި ދެ މަޝްރޫޢު މިއީ އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަރަށްބޮޑު ތަރައްޤީއެއް އަންނާނެ ކަމަށް ޔަޤީންކުރެވޭ އަދި އުންމީދު ކުރެވޭ ދެ މަޝްރޫޢު. މި ދެ މަޝްރޫޢުގެވެސް ޢަމަލީބައި ހިންގަވަމުން ގެންދަވަނީ އެސް.ޓީ.އޯ.ގެ ފަރާތުން. މީގެއިތުރުން، ތައްޔާރީހެދުން އުފައްދާ ދެ ކާރުޚާނާއެއްގައި ބައިވެރިވެގެން އެތަން ހިންގުމާއި އަދި އިންޝުއަރެންސް ކުންފުންޏެއް ރާއްޖޭގައި ހިންގުމާއި އަދި ކައްދޫގެ ވައިގެ ބަނދަރު ހެދުމާއި، ހަނިމާދޫގެ ވައިގެ ބަނދަރު މިހާރު ހަދަމުން ގެންދިޔުމާ، މިގޮތުން ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ ވަރަށްގިނަ މަސައްކަތްތަކުގައި، އެސް.ޓީ.އޯ.އިން ކުޅެމުންގެންދާ ބަޔަކީ ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ބައެއް.

މި ދެންނެވި ކަންތައްތަކުގެ އިތުރަށް، ޚިދުމަތުގެ ގޮތުން އެސް.ޓީ.އޯ.އިން ކުރައްވާ ކަންތައްތަކުގެ ވާހަކަ ދެންމެ އިލްޔާސް ވިދާޅުވެއްޖެ. އާދެ، އޭގެ މިސާލެއްގެ ގޮތުގައި ވިދާޅުވި، ރޯދަމަހު މާލެއަށް ބޭނުންވާ ރޯމަސް ފިނިކޮށް ރައްޔިތުންނަށް ލިބޭގޮތް ހަދައިދެމުން ގެންދިޔުން އެއީ، އޭގެ ޚިދުމަތެކޭ. ތެދުފުޅެއް، އެކަންތައް ވަނީ އެހެން. އެއީ ގިނަ މީހުންނަށް އިޙްސާސް ނުކުރެވުނު ކަމުގައިވިޔަސް، ދެކޮޅުނުޖެއްސޭވަރުގެ ކަމެއް. އެސް.ޓީ.އޯ އިން، އެއިން ގެއްލުންވާ ޙާލުގައިވެސް ރައްޔިތުންގެ ޚިދުމަތަށްޓަކައި، ސަރުކާރުން އެންގި އެންގުމަކަށް އެސް.ޓީ.އޯ.ގެ ފަރާތުން ކުރަމުންގެންދާ ކަމެއް.

ހަމައެއާއެކު ދަންނަވަންޖެހެނީ، މަސްގަންނަ ބޯޓުފަހަރު، މިހާރު ރާއްޖެތެރޭ އެހުރި 23 ބޯޓެއްގެ ވާހަކަ ދެންމެ އިލްޔާސް ވިދާޅުވި. އެބޯޓުފަހަރު ހިންގުން އެއީވެސް އެއިން ދެކޮޅުނުޖެއްސޭކަހަލަ ކަމެއް. އެހެންނަމަވެސް، އެކަން ސަރުކާރުން ކުރަންޖެހޭ. ރާއްޖޭގެ މަސްވެރިން އެ ބާނާ މަސް، ކޮންމެވެސްގޮތަކުން އެމީހުންނަށް ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީވެސް ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާތީ، އެކަން ކުރަމުން ގެންދަނީ. އެހެންނަމަވެސް، އެއީ އެކަމުން ދެކޮޅުޖެއްސޭވަރުގެ ކަމަކަށްނުވޭ. އެހެންވީމާ، ޚިދުމަތުގެ ގޮތުން، ފައިދާއަށް ނުބަލައި، ސަރުކާރުން އަންގާ ގޮތެއްގެ މަތިން، އެސް.ޓީ.އޯ.އިން ކުރަމުން ގެންދަންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް އެސް.ޓީ.އޯ.އިން މިހާރު ގެންދަނީ ކުރަމުން.

އާދެ، އެސް.ޓީ.އޯ.ގެ ފައިދާއިން ސަރުކާރުގެ ބަޖެޓަށް ކޮންމެ އަހަރަކުވެސް ވަރަށްބޮޑު ބައެއް ދަނީ ލިބެމުން. މިހާތަނަށްވެސް އެކަން ވަމުން އައިސްފައިވަނީ އެހެން. މުސްތަޤްބަލުގައިވެސް އެހެންވާނެ. އަދި އެސް.ޓީ.އޯ.ގެ ރިޒަރވް ފަންޑަށް ބައެއް ބެހެއްޓެވި ކަމުގައިވިޔަސް، އެސް.ޓީ.އޯ.އަށް ލިބޭ ފައިދާގެ ބޮޑު ބައެއް ސަރުކާރަށް ލިބެމުންދާނެ. އެގޮތުން ބަލާއިރު، ސަރުކާރުގެ ކުރިއެރުމަށް، ސަރުކާރުގެ މުއްސަނދިކަމަށް، ސަރުކާރުން ކުރަންޖެހޭ ކަންތައްތަކަށް، އެސް.ޓީ.އޯ.ގެ ވިޔަފާރިން ވަރަށްބޮޑު ފައިދާ ކުރަމުންދޭ.

އެހެންވީމާ، ކުރުކޮށް ދަންނަވަންޏާ އަޅުގަނޑަށް ދަންނަވަންޖެހެނީ، އެސް.ޓީ.އޯ.އަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ސަރުކާރަށް ލިބޭ ކުރިއެރުމެކޭ. އަދި ސަރުކާރަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ޤައުމަށް ލިބޭ ކުރިއެރުމެކޭ. ސަރުކާރާއި ރައްޔިތުންނާ ތަފާތެއް ނެތް. ސަރުކާރަކީ ރައްޔިތުންގެ ކަންތައްތައް، އެކަށީގެންވާ ރަނގަޅު ގޮތެއްގައި، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، ރައްޔިތުންގެ ފައިދާއަށްޓަކައި ބެލެހެއްޓުމަށް ރައްޔިތުން ހޮވާފައިވާ ތަނެއް ނުވަތަ ބައެއް. ސަރުކާރު ހިންގާ ފަރާތް ނުވަތަ ސަރުކާރު ހިންގުމަށް ރައްޔިތުން ބޭނުންވާ ފަރާތް، ރައްޔިތުން އިންތިޚާބު ކުރަނީ. އެފަރާތުގެ ވާޖިބަކަށްވަނީ މި ދެންނެވި ގޮތުގެ މަތިން، ރައްޔިތުންގެ ފައިދާއަށްޓަކައި ކަންތައްތައް ހަމަޖައްސައި ކުރަމުން ގެންދިޔުން.

އެހެންވީމާ، "ސަރުކާރާއި ރައްޔިތުންނާ"، ވާހަކަ ދައްކާއިރު، އެހެން ކިޔަމުން ގެންދެވުނު ކަމުގައިވިޔަސް، ޙަޤީޤަތުގައި ރައްޔިތުންނާއި ސަރުކާރާ އެއީ އެކައްޗެއް. އެއީ އެކައްޗަކަށް ވެގެންނޫނީ، އެއްވެސް ތަނެއްގައި އެދެވޭގޮތެއްގައި އެއްވެސް ކަމެއް ކުރިއަށް ގެންދެވިފައެއް ނުވާނެ. ސަރުކާރާއި ރައްޔިތުންނާ އެއީ، ފާރެއްގެ ދެފަރާތުގައި ތިބޭ އިދިކޮޅު ދެބައި ކަމުގައިވަންޏާ، ބައެއްފަހަރަށް އެހެން ދިމާވެފައި އެބަހުރި، ދުނިޔޭގެ ބައެއް ތަންތާނގައި. އޭގެ ނަތީޖާތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދޭ. އެހެނެއް ނޫން، ސަރުކާރާއި ރައްޔިތުންނާ ތިބެންޖެހެނީ ފާރުގެ އެއްފަރާތުގައި. އެއީ އެއްބައެއް. ސަރުކާރަކީ، ކުރިންވެސް ދެންނެވި ގޮތުގެ މަތިން، ރައްޔިތުން އިންތިޚާބުކުރާ ބައެއްގެ މައްޗަށް އެކުލެވޭ ތަނެއް. އެހެންވީމާ، އެ ދެފަރާތުގެ މަޞްލަޙަތު އެއީ އެކައްޗެއް. ސަރުކާރުން މަސައްކަތް ކުރަނީ، އަދި އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ، މި ދެންނެވީ ދިމިގްރާތީ ގޮތުން ހިނގާ ތަނެއްނަމަ، އެތަނެއްގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ، ރައްޔިތުންގެ ފައިދާއަށްޓަކައި. ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށްދީ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭތޯ، ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ. އެއީ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާގޮތަކީ. އެހެންވީމާ، ސަރުކާރަށް ލިބޭ ކޮންމެ ފައިދާއަކީ، ރައްޔިތުންނަށް ލިބޭ ފައިދާއެއް ކަމުގައި ދަންނަވަންޖެހެނީ.

އާދެ، އެސް.ޓީ.އޯ. އަށް ލިބޭ ފައިދާ އިތުރުވަމުންދާނީ، އަދި އޭގެ ސަބަބުން ސަރުކާރަށް ލިބޭ އެއްޗެއް އިތުރުވާނީ، އަދި އޭގެވެސް ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރުވެގެންދާނީ، އެސް.ޓީ.އޯ.ގެ ވިޔަފާރި، އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެގެންދިޔައިމާ. އެހެންނަމަވެސް، ދެންމެ އިލްޔާސްގެ ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެނގިވަޑައިގެންނެވި ފަދައިން، އެސް.ޓީ.އޯ.ގެ ވިޔަފާރި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެގެންނެއް ނޫން. މި ދެންނެވީ ޢާންމު ވިޔަފާރި. ސަބަބަކީ މިހާރު ބޭރު ފައިސާ ލިބުމުގެ ދަތިކަން. އެސް.ޓީ.އޯ.އަކީ ސަރުކާރުގެ ތަނަކަށްވާތީ، ސަރުކާރުގެ އުޞޫލުތަކަށް ފުރިހަމައަށް ޙުރްމަތްތެރިކޮށްހިތަންޖެހޭ ތަނެއް އެއީ. އެސް.ޓީ.އޯ.އިން ބޭނުންގޮތަކަށް ބޭރު ފައިސާއެއް ނުހޯދޭނެ. ހޯދައިގެން ނުވެސްވާނެ. އެއާޚިލާފަށް، އަމިއްލައަށް ވިޔަފާރި ކުރައްވާ ފަރާތްތަކުން، އެފަރާތްތަކުންވެސް ސަރުކާރުގެ ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިއްތަވަންޖެހޭނެ، ޝައްކެއްނެތް. އެހެންނަމަވެސް، އެފަރާތްތަކުން ކަންތައްތައް ކުރެއްވުމަށް އަބަދުވެސް ކޮންމެވެސް ގޮތެއް ހޯއްދަވާ. އެހެންވީމާ، އެފަރާތުގެ ވިޔަފާރިއަކަށް މާބޮޑު އުނިކަމެއް އާދެއެކޭ ދެންނެވޭކަށްނެތް.

އަޅުގަނޑު މިހެން ދެންނެވީމާ، ބައެއް ބޭފުޅުން ހިތްޕުޅަށްއަރާނެ، އެއީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިއަށްވެސް، ބޭރު ފައިސާގެ ދަތިކަން ވަނީ އިޙްސާސް ކުރަން ޖެހިފައޭ. އެހެންވީމާ، އެފަރާތްތަކުގެ ވިޔަފާރިވެސް ކުރިއަކަށްނުދެއޭ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަނީ، ރާއްޖެއިން އިމްޕޯޓްކުރާ އެއްޗެއްސަށް ބަލާއިރު، ސަރުކާރުން އިމްޕޯޓް މަދުކުރުމަށް މިހާ މަސައްކަތްކުރާއިރުވެސް، އެކަށީގެންވާ ގޮތަކަށް އިމްޕޯޓް މަދުވަމުންނެއްނުދޭ. އޭގެ މާނައަކީ ކޮބައިތޯ؟ އޭގެ މާނައަކީ އިމްޕޯޓް ކުރަން ބޭރު ފައިސާ ލިބޭކަން. އެހެންނޫނީ އިމްޕޯޓް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އިމްޕޯޓް މަދުކުރަންޖެހޭ ސަބަބަކީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓް ރަނގަޅު ކުރުން. އިޤްތިޞާދީ ހުރިހާ ފަރާތްތަކުން ލަފާދޭގޮތުގައި އަދި އަޅުގަނޑު ހިތުން ލަފާނުދިނަސް، އަޅުގަނޑުމެންނަށްވެސް ހަމަ އެނގެންޖެހޭނެ ގޮތުގައި، އަދި އެނގޭގޮތުގައި، ތަނެއް ކުރިއަށްދާނީ، އެތަނެއްގައި އުފައްދާ ތަކެތި އިތުރުކޮށްގެން، އެތަނުން ބޭރު ޤައުމުތަކަށް ބޭރުކުރާ އެއްޗެތި އިތުރުކޮށްގެން. އަދި ބޭރު ޤައުމުތަކުން އެތަނަކަށް އެތެރެކުރާ ތަކެތި ވީވަރަކުން މަދުކޮށްގެން، މިއީ އޮންނަންޖެހޭ އުޞޫލަކީ.

އެހެންވީމާ، އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅައި، ޤަވާޢިދުތައް ހަދަމުން ގެންދަނީ. އެހެން ހަދަމުން ގެންދާއިރުވެސް، ކޮންމެވެސްވަރަކަށް އިމްޕޯޓް މަދުވިކަމުގައިވިޔަސް، ބޭރު ފައިސާގެ ދަތިކަން ހުރިގޮތުން، އިމްޕޯޓް މަދުވަމުންދެއެކޭ އެއްގޮތަކަށްވެސް ދެންނެވޭވަރަކަށް، ރާއްޖޭގެ އިމްޕޯޓް މަދުވަމުންނެއްނުދޭ. ކަން މިހެން އޮތީމާ، ބޭރު ފައިސާ ނުލިބުމުގެ ދަތިކަން އިޙްސާސް ކުރަންޖެހެނީ، ޤަބޫލުކުރެއްވިޔަސް އަދި ނުކުރެއްވިޔަސް ހަމަ ސަރުކާރުން އެއީ ސަރުކާރުން ބޭރު ފައިސާ ގަންނަނީ ވަކި އަގަކަށް. އެއަށްވުރެ އަގުބޮޑުކޮށް ސަރުކާރަކަށް ގަނެވޭކަށް ނޯންނާނެ. އެހެންވީމާ، ސަރުކާރަށް ބޭރު ފައިސާ ނުލިބެނީ. އެހެން ފަރާތްތަކަށް އެ ދަތިކަން އެވަރަކަށް އޮތެކޭ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ދެންނެވޭކަށް ނެތް.

އެހެންވީމާ، މިކަމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދައްޗަކަށްވާތީ، އެކަމާ ދޭތެރޭގައި ސަރުކާރުން އަބަދުވެސް ވިސްނަމުންގެންދޭ. މިހާރުވެސް ވިސްނަމުންގެންދޭ. މިކަން ޙައްލުކުރެވޭނީ ކިހިނެއްތޯ. ދާދި މިދާކަށްދުވަހަކު ރައީސް އޮފީހުން، ރާއްޖޭގެ އިޤްތިޞާދީ ބޮޑެތި ކަންތައްތައް ހިންގަވާ ފަރާތްތަކާ ސީދާ ވާހަކަދައްކައި، އެފަރާތްތަކުގެ ޚިޔާލުވެސް ވަނީ ހޯދާފައި. އެބޭފުޅުންނަށް ދަންނަވައިގެން، ރައީސް އޮފީހަށް ވަޑައިގަންނަވައިގެން، އެބޭފުޅުންގެ ޚިޔާލުފުޅަކީ ކޮބައިތޯ، މިހާރު އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ އެންމެބޮޑު ދައްޗަކީ، ބޭރު ފައިސާ ނުލިބުމުގެ ދަތިކަން ކަމަށްވާތީ، އެކަން ގެންދަން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، މި ސުވާލު އެބޭފުޅުން ވަކިވަކިން ރައީސް އޮފީހަށް ގެނެސްގެން، އެބޭފުޅުން ދެއްވި ޖަވާބުތައް ވަނީ ނޯޓުކުރެވިފައި. އެކަމާ ދޭތެރޭގައި ސަރުކާރުން ދަނީ ވިސްނަމުން. އަދި އެނޫން ފަރާތްތަކާވެސް ސަރުކާރުން މަޝްވަރާ ކުރާނެ. އެ ހުރިހާ ކަމެއް ނިމުމަށްފަހުގައި، އެކަށީގެންވާ ރަނގަޅު ގޮތެއްގައި މައްސަލަ ހަމަޖެހޭތޯ ސަރުކާރުން މަސައްކަތް ކުރާނެ.

އާދެ، މި ދެންނެވި ސަބަބަށްޓަކައި، އެސް.ޓީ.އޯ.ގެ ވިޔަފާރި ކުޑަވަމުންދާ ވަގުތުގައި އަދި އަމިއްލަ ވިޔަފާރި، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ވަގުތެއްގައިވެސް ދަންނަވާލަންޖެހެނީ، ދުނިޔޭގެ އެހެން ތަންތާނގައި ހަދާގޮތަށް، ސަރުކާރުން އަދި ވިޔަފާރީގެ ޓެކްސްއެއް ނަގަމަކުންނެއް ނުގެންދެއޭ. އެސް.ޓީ.އޯ.ގެ ވިޔަފާރި ކުޑަވީމާ، ސަރުކާރަށް ލިބޭ އެއްޗެއް ދަނީ މަދުވަމުން. އަދި ސަރުކާރަށް ލިބޭ އެއްޗެއް މަދުވީމާ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ޚިދުމަތްތައް މަދުކުރަންޖެހޭނެ. އެކަން ފޫބައްދަން ދުނިޔޭގެ އެހެން ތަންތަނުން ހަދާގޮތަކީ، ވިޔަފާރި ޓެކްސެއް ނަގަނީ. ނުވަތަ ތަފާތު ވައްތަރު ވައްތަރުގެ ޓެކްސް ނަގަނީ. އެ ފިޔަވަޅު ސަރުކާރަކުން ނާޅާ. އެހެންވީމާ، އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން، ރާއްޖޭގެ ހުރިހާ އެންމެންވެސް ހަމަ ވަޒަންކުރަންޖެހޭނެ ނުކުތާއެއް.

އާދެ، ދެން ދަންނަވާލަން އޮތީ، ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވި ފަހުން އެސް.ޓީ.އޯ. އަށް ގެންނަން ފެނުނު ބަދަލުތަކެއް ވަނީ ގެނެސްފައޭ. އާދެ، އެސް.ޓީ.އޯ. އާގޮތަކަށް އިންތިޒާމު ކުރުން. 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 އިން ފެށިގެން، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑެއްވެސް މިހާރު އެބައޮތް. އަދި އެސް.ޓީ.އޯ ހިންގުމަށް ވަކި ޤަވާޢިދެއްވެސް ދަނީ ހަމަޖެހެމުން. އަދި މިހާތަނަށްވެސް ސަރުކާރުން ހަމަޖައްސަވާފައިވާ އުޞޫލުގެ މަތިން މިކަންތައްތައް ހިނގަމުންދަނީ. އެކަން އެހެން އޮތުމާއެކު، ކޮންމެ އޯގަނައިޒޭޝަނެއްގައިވެސް ނުވަތަ ކޮންމެ ޖަމާޢަތެއްގައިވެސް ހުންނަ އުނި ކަންތައްތައް ފޫބެއްދުމަށް މަސައްކަތްކުރަންޖެހޭ ފަދައިން، އެސް.ޓީ.އޯ.ގެ މަސައްކަތުގައިވެސް ނުވަތަ އެސް.ޓީ.އޯ.ގެ ދާއިރާގައިވެސް އުނިކަމެއް ހުރިކަމަށް ފެނިއްޖެ ކޮންމެ ހިނދެއްގައި އެކަންތައް ގެންދަނީ ފޫބައްދަމުންނޭ. އަދި އެކަންތައްތައް ތަކުރާރުނުވާކަހަލަ ގޮތަކަށް ސަރުކާރުން ދަނީ ރާވައި މަސައްކަތް ކުރަމުންނޭ.

އާދެ، ދެންމެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުގައިވެސް، މި ނުކުތާއަށް ކޮންމެވެސްވަރަކަށް އިޝާރާތް ކުރެއްވި. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އިންސާނީ ޠަބީޢަތަކީ އަޅުގަނޑުމެން އެންމެން ދަންނަ އެއްޗަކަށްވާތީ، އެކި މީހުންގެ ޢަމަލުތައް ހުންނާނީ އެކިގޮތަށޭ. އެހެން ހުރުމަކީ ފަހަރެއްގައިވެސް ސަރުކާރުން ހުއްދަކުރާ ކަމެއް ނޫން. ސަރުކާރުން އެސް.ޓީ.އޯ.އަކަށްވެސް އަދި ސަރުކާރުގެ އެހެން އޮފީހަކަށްވެސް ހުއްދައެއްނުކުރާނެ، އެތަންތާނގެ މުވައްޒަފުން ނާޖާއިޒުގޮތެއްގައި އެތާނގެ ފައިސާ ބޭނުންކުރާކަށް، މުދަލުގެ ބޭނުންކުރާކަށް. މިއީ ދުވަހެއްގައިވެސް ސަރުކާރުން ހުއްދަކުރާނެ ކަމެއްނޫން. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ކޮންޓްރޯލްކޮށް، ހުއްޓުވައި، ހިފައި، އެކަންތައްތައް ކުރާ މީހުންނާ ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅު އެޅުން އެއީ ހަމައެކަނި އޮތް ޙައްލަކީ.

ދެން އެސް.ޓީ.އޯ.ގެ ކަންތައްތައް، އަޅުގަނޑު މިހެން ދަންނަވާލަންޖެހެނީ އެއީ ބައެއްފަހަރު އެކަހަލަ އަޑުތައް އިވޭތީ. މިހާތަނާ ޖެހެންދެންވެސް ވަރަށް ހަރުދަނާ އުޞޫލެއްގެ މަތިން ސަރުކާރުން ބަލަހައްޓަމުން މިގެންދިޔައީ. އެސް.ޓީ.އޯ.ގެ ތެރޭގައި އިންޓަރނަލް އޮޑިޓް ކުރުމުގެ ވަކި ޑިޕާޓްމަންޓެއް، ވަކި ޔުނިޓެއް އޮންނަނީ އުފެދިފައި. އެ ޔުނިޓުގެ މަސައްކަތަކީ، ހަމައެކަނި އެސް.ޓީ.އޯ.ގެ ހިސާބުތައް އޮޑިޓް ކުރުމާއި، އެ ހުރިހާ ކަންތަކެއް ބަލަމުން ގެންދިޔުން. އޭގެއިތުރުން، ސަރުކާރުގެ ރަސްމީ އޯޑިޓް އޮފީހުގެ މުވައްޒަފުން އަބަދު އޮންނަނީ އެސް.ޓީ.އޯ.ގައި ތިބޭގޮތަށް. ހަމަ އަބަދާއި އަބަދު އެސް.ޓީ.އޯ.ގައި ތިބެގެން، އެސް.ޓީ.އޯ.ގެ ކަންތައްތައް އޯޑިޓްކޮށް، ހިސާބުތައް ބަލަހައްޓަމުންގެންދާ ގޮތަށް. އޭގެއިތުރުން، އަދި ބޭރުގެ ތިން ކުންފުންޏަކާ، އެސް.ޓީ.އޯ.ގެ މަސައްކަތް ވަނީ ޙަވާލުކޮށްފައި.

އެހެންވީމާ، މި ދެންނެވި ގޮތްގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން ގެންދަނީ އަޅަމުން. އަދި އޮންނަނީވެސް އަޅާފައި. ކިތަންމެ ފިޔަވަޅެއް އެޅިކަމުގައިވޔަސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތަފާތު ވައްތަރުގެ މީހުން، ކޮންމެ ތަނެއްގައިވެސް އުޅޭނެތީ، މައްސަލަތައް ނުޖެހިއެއްނުދޭ. ބައެއްފަހަރަށް ޖެހޭ. އެހެންނަމަވެސް، މައްސަލަޖެހޭ ކޮންމެ ފަހަރަކު، އެ މައްސަލައެއް ބަލައި، މީހަކު އެކަށީގެންނުވާގޮތަކަށް ޢަމަލުކޮށްފައިވާކަން ސާބިތުވެއްޖެ ހިނދެއްގައި، އެމީހަކާ ދޭތެރޭގައި ދަނީ ފިޔަވަޅު އެޅެމުން.

އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިޔާ، މި ހުރިހާ ކަމެއް ހަމައެކަނި އެސް.ޓީ.އޯ.އަކު ނޫން، އެސް.ޓީ.އޯ.އޭ މި ދަންނަވަންޖެހެނީ، މިއަދު އެސް.ޓީ.އޯ.ގެ ވާހަކަ ދައްކާތީ. ސަރުކާރުގެ ހުރިހާ ތަނެއްގައިވެސް ސަރުކާރުގެ ތަންތާނގެ ފައިސާއާއި މުދަލާ، މި ކަންތައްތަކާ ދެތޭރޭގައި ސަރުކާރުން ގެންގުޅޭ އުޞޫލު އެއީ ހަމަ އެކައްޗެއް. އެއްވެސް ތަނެއްގައި، ސަރުކާރުގެ އެއްވެސް އޮފީހެއްގެ މުވައްޒަފަކު، އެތަނެއްގެ ފައިސާއަށް، މުދަލަށް ޚިޔާނާތްތެރިވުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫން. ސަރުކާރުންވެސް ހުއްދަކުރާނެ ކަމެއްނޫން. އެމީހެއްގެ އަމިއްލަ ޟަމީރުވެސް އެކަމާ ދޭތެރޭގައި ރުހޭނެ ކަމެއް ނޫން. އެހެންނަމަވެސް، އެއީ ކޮންމެވެސްވަރަކަށް ވަމުންދާ ކަމެއް. އެކަންތައްތައް ހުއްޓުވޭތޯ ސަރުކާރުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުން. އަދި އަބަދުވެސް ގެންދަނީ ފިޔަވަޅު އަޅަމުން. އެގޮތުގެ މަތިން، އެސް.ޓީ.އޯ.ގެ ކަންތައްތައްވެސް ގެންދަނީ ހަމަ އެހެންނޭ، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު މި ވާހަކަ މި ދެންނެވީ، ދެންމެ އަޅުގަނޑުގެ ކުރިން އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ ނުކުތާއަށް އިޝާރާތް ކުރައްވާފައިވާތީ.

އާދެ، މިއަދު މިއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ދުވަހެއް. އެއީ އެސް.ޓީ.އޯ.ގެ ޚިދުމަތްތައް ރައްޔިތުންނަށް އިޙްސާސް ކުރެވެމުންދާ ވަގުތެއްގައި އަދި އެސް.ޓީ.އޯ.ގެ ކުރިއެރުން ތަފާތު ރޮނގުރޮނގުން ފެންނަމުންދާ ވަގުތެއްގައި، މިއަދު އެސް.ޓީ.އޯ.ގެ އާ ޢިމާރާތެއް ހުޅުވޭތީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ސަރުކާރުން އަންގާ ގޮތެއްގެ މަތިން އަދި ޚުދު އަޅުގަނޑަށްވެސް އެނގިގެން، އަޅުގަނޑު އަންގާ ގޮތެއްގެ މަތިން، އެސް.ޓީ.އޯ.ގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވަމުން ގެންދަވާ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. ހަމަ އެއާއެކުގައި، އެސް.ޓީ.އޯ.ގެ އެހެން ވެރިންނަށާއި، އެސް.ޓީ.އޯ.ގެ ހުރިހާ މުވައްޒަފުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ސަރުކާރަށާއި ޤައުމަށް އެބޭފުޅުން އެ ކުރައްވާ ޚިދުމަތަކީ، ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ޚިދުމަތެއް ކަމުގައި ދަންނަވަމުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ކަންތައްތައް، ރައްޔިތުންގެ މަޞްލަޙަތު އޮންނަ ގޮތެއްގެ މަތިން، ރައްޔިތުންނަށް ފައިދާހުރި ގޮތެއްގެ މަތިން ގެންދިޔުމުގެ ހެޔޮ ތައުފީޤު الله سبحانه وتعالى ދިވެހި ސަރުކާރަށް ދެއްވުން. ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް، އެކަން އެގޮތުގެ މަތިން ގެންދެވުމުގެ ތައުފީޤާއި ހެޔޮ ވިސްނުން ދެއްވުން. ހަމައެފަދައިން، ސަރުކާރާއި ރައްޔިތުންނާ ދެބައި އެކުވެގެން މި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ތިޔާގިވެ، ތަނަވަސްވަމުން ދިޔުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ރާއްޖޭގެ ރައްޔިތުން ފައިތިލަ ސާބިތުކޮށްގެން ތިބެ، ދުނިޔެއާއި އާޚިރަތުގެ ހެޔޮ ލިބޭނެ ގޮތެއްގެ މަތިން ރައްޔިތުންގެ ޢަމަލުތައް ގެންދިޔުމުގެ ތައުފީޤު އެކަލާނގެ ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.