بســم اللّـه الرّحمـن الرّحيــم

ޢާލަމްތަކުގެ ވެރި اللّــه تـبــارك وتــعالى އަށް ޙަމްދާއި ޝުކުރުކުރަން. މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭ މި ޖަލްސާގައި ވަރަށްވެސް އުފާވެރި ވަގުތުތަކެއް ތިޔަބޭފުޅުން ހޭދަކުރެއްވުމަށް މިހާރު މިޖެހުނީ އަޅުގަނޑު ވާހަކަ ދައްކަން އޮތް ވަގުތާ. ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ މިރޭ މާދިގުކުރާކަށް ނުޖެހޭ. ސަބަބަކީ އަޅުގަނޑުގެ ހިތުގައިވެސް ހިނގަމުން އައި ވަރަށްގިނަ ޚިޔާލުތަކެއް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުން، އާދެ، ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަލްފާޟިލް ޢަބްދުލްމަޖީދު މާހިރާއި އަދި މި މައުރަޒު އިންތިޒާމު ކުރައްވައި ހިންގެވި ފަރާތުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ދެއްކެވި ވާހަކަފުޅުގައި، އެބައިތައް ނުވަތަ އަޅުގަނޑުގެ ޚިޔާލުގައި ހުރި ވަރަށްގިނަ ނުކުތާތައް ހާމަވެގެން ހިނގައްޖެ.

އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުގެ މިރޭގެ ވާޖިބަކަށް ދެން ވާނީ، އެބޭފުޅުންގެ ވާހަކަފުޅުތަކުގައި ހިމެނިގެންދިޔަ ޢިބާރާތްތަކުގައި އެކުލެވިފައިވާ ބައެއް އަކުރު ފަވާލުމާއި، ދޭދޭ ލަފުޒުގެ ދޭތެރޭގައި ކޮމާ ޖަހާލުމާއި، ބައެއް ތަންތާނގައި ކޮމާކޯޅި ޖަހާލުމާއި، ނޫނީ ބައެއް ލަފުޒުތަކުގެ ތިރީގައި ރޮނގު ދަމާލުމާ، މިބާވަތުގެ ކުދިކުދި ކަންތަކޭ.

އާދެ، އެ ވާޖިބަށް އަޅުގަނޑު ދިޔުމުގެ ކުރިން، މިރޭ މި ހުޅުވެނީ ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ 25 ވަނަ ދެއްކުން ކަމުގައިވާތީ، އަދި މިއީ އަޅުގަނޑުމެންގެ މި ފަންނުގެ ރިހިޔޫބީލް ކަމަށްވާތީ، ރާއްޖޭގެ ހީވާގި ހުނަރުވެރި މަސައްކަތްތެރިންނަށާއި، މަސައްކަތްތެރި ހުނަރުވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން. ހަމައެފަދައިން، މި ތާރީޚީ ދެއްކުމުން އެއްވަނަ، ދެވަނަ، ތިންވަނަ ހޯއްދެވި ފަރާތްތަކަށާއި، އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރުވެސް ވިދަވިދާ އެހެރަ ތަށިތައް ހޯއްދެވި ފަރާތްތަކަށާއި، އެކި މަގާމުތައް ހޯއްދެވި ހުރިހާ ފަރާތަކަށް ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި މުބާރަކުބާދީ ދެންނެވުން. ޚާއްޞަކޮށް، މި ތާރީޚީ މައުރަޒުން އަތޮޅުތަކުގެ ތެރެއިން އެއްވަނަ ހޯދި މާޅޮސްމަޑުލު ދެކުނުބުރިއަށާއި، ދެވަނަ ހޯދި ތިލަދުންމަތީ އުތުރުބުރިއަށާއި، ތިންވަނަ ހޯދި ކޮޅުމަޑުލަށް އިޚުލާޞްތެރި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. މާލޭގެ އަވަށްތަކުގެ ތެރެއިން ވަރަށް ފުރިހަމަ އެއްވަނަ މަގާމު ހޯދި ހެންވޭރަށާއި، މީގެކުރީ އަހަރުތަކުގައި އެއްވަނަ ހޯދާފައިވާ، އެހެންނަމަވެސް، މި އަހަރު ދެވަނަ ހޯދި މާފަންނަށާއި، މި އަހަރު ހިއްމަތްތެރި މަސައްކަތުން ތިންވަނަ ހޯދި މައްޗަންގޮޅިއަށާއި، ހަމައެއާއެކު، ކޮންމެވެސް ވަނައެއް ހޯދުމަށް ވަރަށް ބޮޑަށް ހިތްވަރުކުރި ގަލޮޅަށްވެސް އަޅުގަނޑު ތަހުނިޔާ އަދާކުރަން. ޖަމުޢިއްޔާތަކުގެ ތެރެއިން މީގެ ކުރީ އަހަރުތަކުގައިވެސް ވަރަށް މަތިވެރި އެއްވަނައެއް ހޯދާފައިވާ ޖަމުޢިއްޔަތުލް އަމީނަށާއި، މި އަހަރު ދެވަނަ ހޯދި އ.މ.ދ ޖަމުޢިއްޔާއަށް އަދި ތިންވަނަ ހޯދި ޔުނިވަރސަލް އެންޓަރ ޕްރައިޒަސް ލިމިޓެޑަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ރައްދުކުރަން.

އާދެ، އަޅުގަނޑު މި މަގާމުގައި ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް އެބައޮތް. އެއީ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެ ވިދާޅުވިފަދައިން، އަދި އޭގެފަހުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްވެސް އެ ވިދާޅުވި ފަދައިން، މައުރަޒުގައި ހުށަހެޅިފައިވާ ތަކެތީގެ ފެންވަރު އެންމެ އެދެވޭ މިންވަރަށް ނުވަތަ ފެންވަރަށް ނެތް ކަމުގައިވިޔަސް، މައުރަޒުގައި ބައިވެރިވުމުގެ ފޯރިއާއި ޖޯޝް އަދި މައުރަޒަށް ތަކެތި ހަދާ ފަރާތްތަކަށް ތަރުޙީބު ދިނުމާއި، އެފަރާތްތަކަށް އިނާމު ހުށަހެޅުމުގެ ފޯރިއާއި ޖޯޝް، އޭގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެ. އެއީ އަޅުގަނޑު ދަންނަވާނީ، މައުރަޒުގެ ތަކެތީގެ ފެންވަރު މާ މަތިނުވި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ އުފަލެއް މިރޭ ލިބިދޭ ކަމެކޭ.

އާދެ، މީގެކުރިން ޔުނިވަރސަލް އެންޓަރ ޕްރައިޒަސްގެ ފަރާތުން އަތްތެރި މަސައްކަތުގެ ނުވަތަ އަތުމަސައްކަތުގެ މައުރަޒުގައި ބައިވެރިވެވަޑައިގެންފައިވާ ކަމެއް އަޅުގަނޑަކަށް ނޭނގެ. ހަނދާނަކަށް ނާދޭ. ކޮންމެއަކަސް މި އަހަރު އެފަރާތުން ބައިވެރިވެވަޑައިގެންނެވިކަމީ، އަޅުގަނޑުހިތުން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް. އެހެނީ އެފަރާތަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު މަސައްކަތެއްގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ފަރާތެއް. ހަމައެއާއެކުގައި، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި އެ ބަޔާންކުރެއްވި، މި ދެއްކުމުގައި އެކިއެކި ވަނަވަނަ ހޯދި ނުވަތަ ހޯދަން މަސައްކަތްކުރި ނުވަތަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހުށަހެޅުއްވުމުގައި ވަރަށްގިނަ އަމިއްލަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެންނެވި. އަދި ވަރަށްގިނަ އަދަދެއްގެ ފައިސާ، އާދެ، ފަންސާސް އަށްހާސް ރުފިޔާއޭ ވިދާޅުވިކަމަށް އަޅުގަނޑަށް ހީވަނީ. ފަންސާސް އަށްހާސް ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ފައިސާއާއި އަދި ކެސެޓް ރޭޑިޔޯއާއި، ވޯކީޓޯކީއާއި، މިކަހަލަ އަގުހުރި ވަރަށްގިނަ ތަކެތި އެފަރާތްތަކުން ހުށަހެޅުއްވިކަމީ، އަޅުގަނޑު ދެކޭގޮތުގައި މި މައުރަޒު ކާމިޔާބުވެއްޖެކަމުގެ ވަރަށްބޮޑު ދަލީލެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، އެކިއެކި ފަންނުތަކާއި މަސައްކަތްތަކުގެ ހުނަރުތަކަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކޭ. މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް އެ ނުކުތާ ފާހަގަކުރައްވައިފި. އޭގެއިތުރުން، އެބަޔަށް އަޅުގަނޑު އިތުރުކޮށްލާހިތްވާ ކޮމާއަކީ ނުވަތަ ކޮމާކޯޅިއަކީ ނުވަތަ ޙައިރާންމާކަކީ، އަޅުގަނޑުމެންގެ އިސްލާމީ ޙަޟާރަތުގައި، މަސައްކަތްތެރި ކަމަށާއި، އެކިއެކި ފަންނީ ހުނަރުވެރިކަމަށް ދެވިފައިވާ އަހަންމިއްޔަތުގެ ބޮޑުކަން.

އާދެ، މާތްވެގެންވާ އިސްލާމްދީނަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔެއަށް ވަރަށް މަތިވެރި ތަހުޒީބެއް ގެނެސްދިން ދީނެއް. އެ ދީނުގައި އެކުލެވިފައިވަނީ ހަމައެކަނި މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރާނެ ގޮތެއް ނޫން. ހަމައެކަނި މާތްވެގެންވާ ޢަޤީދާތަކެއް ނޫން. ހަމައެކަނި އަރަހުށި ހުސްޠާހިރުވަންތަ ﷲގެ ޙަޟްރަތަށް އަޅުކަން ކުރަންވީ ގޮތްތަކެއް ނޫން. ހަމައެކަނި މުޖުތަމަޢުގައި ހިންގަންވީ ގަވާއިދުތަކާއި ޤާނޫނުތަކެއްނޫން. މި ހުރިހާ ކަމެއްގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ފުރިހަމަ އިންސާނީ ތަހުޒީބެއް، އިންސާނީ ޙަޟާރަތެއް އެކުލެވިގެންވޭ. އޭގެތެރޭގައި އެކިއެކި އަދަބުތަކާއި ފަންނުތައް ކުރިއެރުވުމާއި، އެކިއެކި ޢިލްމުތައް މުއްސަނދި ކުރުމާއި، އެކިއެކި ހޯދުންތައް ހޯދުމާއި، ހުރިހާ ގޮތަކުންވެސް އިންސާނުން ތަރައްޤީވާނެ މަގުތައް ހޯދައިދިނުން ހިމެނޭ. އާދެ، އޭގެ ހެތްކެއްގެ ގޮތުގައި، އަޅުގަނޑުމެން މިހާރު މިތިބީ ވަރަށް ޚާއްޞަ ވައްތަރެއްގެ ފަންނީ މަސައްކަތެއްގެ މައުރަޒު ހުޅުވުމުގެ ޖަލްސާގައި.

އާދެ، ފަންނީގޮތުން ވިސްނާއިރު، މުސްލިމުންނަކީ ދުނިޔޭގައި ވަރަށް މަތިވެރި މަގާމެއް މީގެކުރިން ހޯދާފައިވާ ބައެއް. އަދި މިހާރުވެސް ހޯދަމުންގެންދާ ބައެއް. އާދެ، ވަރަށް ކުޑަކުޑަ މިސާލަކުން އެކަން ތިޔަބޭފުޅުންނަށް ހާމަވެވަޑައިގަންނަވާނެ. ޢިމާރާތް ކުރުމުގެ ފަންނަކީ މުސްލިމުން ވަރަށްގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނެއް. މިހާރުވެސް ތިޔަބޭފުޅުން ދަތުރުފުޅު ކުރައްވައިފިއްޔާ، ދުނިޔޭގެ އިސްލާމީ ޤައުމުތަކަށް، އަދި ކުރިން އިސްލާމީ ޤައުމުތަކެއްގެ ގޮތުގައި އޮތް، އެހެންނަމަވެސް، މިހާރު ޣައިރު އިސްލާމީ ޤައުމުތަކަކަށް، މިސާލަކަށް، ސްޕެއިން. ސްޕެއިންގެ އެކިއެކި ރަށްރަށުގައި ޚާއްޞަކޮށް، ޤުރްޠުބާއޭ ކިޔުނު ރަށަށް. ހަމައެފަދައިން، އިސްލާމީ ރަށްތަކުގެ ތެރޭގައި ހިމެނޭ ބަޣުދާދު، ދިމިޝްޤު، އަލްޤާހިރާ، އިޞްފަހާން. މި ތަންތަނަށް ތިޔަބޭފުޅުން ވަޑައިގެންފިނަމަ ފެނިވަޑައިގަންނަވާނެ، މުސްލިމުންގެ ޢިމާރާތް ކުރުމުގެ ފަންނުގެ މަތިވެރިކަން. އެތަންތާނގައި އެހެރަ މިސްކިތްތަކާއި، ލައިބްރަރީތަކާއި، އެކިއެކި ގަނޑުވަރުތަކުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިޢުމާރީ ހަންދަސީ ގޮތުން މުސްލިމުން ހޯދާފައިވާ މަތިވެރި ކާމިޔާބީތައް. ހަމައެއާއެކުގައި މުސްލިމުންގެ އަމިއްލަ ފަންނުގެ ގޮތުގައި، އެމީހުން އުފެއްދި ކަމެއް، ޢަރަބި ލިޔުން. އަތުލިޔުން. އެ ފަންނުގައިވެސް މުސްލިމުން ހޯދާފައިވަނީ ވަރަށްވެސް ކުލަގަދަ ކާމިޔާބީތަކެއް. މިހާތަނަށް ދުނިޔޭގެ އެއްވެސް ބަހެއްގައި ލިޔުމުގެ ފަންނު، މައްޗަށް ނުދާހާ މަތިވެރި ދަރަޖައަކަށް، މުސްލިމުން ޢަރަބި ލިޔުމުގެ ފަންނު ގެންގޮސްފައިވާކަމީ، އަޅުގަނޑު މި ދެންނެވި ބަހުގެ އަލިގަދަ ދަލީލެއް.

އާދެ، ލިޔުމާއި ޢިމާރާތް ކުރުމުގެ ފަންނުގެ އިތުރަށް، އެކިއެކި ހަންދަސީ ކުރެހުމުގެ ފަންނުވެސް މުސްލިމުން ވަނީ ވަރަށް މައްޗަށް ތަރައްޤީކޮށްފައި. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އެކިއެކި ސޫރަ ކުރެހުމާއި، އިންސާނުންގެ ސޫރަޔާއި، އެކިއެކި ޖަނަވާރުތަކުގެ ސޫރަޔާއި، ދޫނިސޫފާސޫފީގެ ސޫރަ ކުރެހުމަކީ، އިސްލާމީ ޙަޟާރަތުގައި މާމަތީ އަހަންމިއްޔަތެއް ދެވިފައިވާ ކަމެއް ނޫން. އެހެންވުމާއެކު، މުސްލިމުންގެ ކުރީ ޒަމާނުގެ ފަންނާނުން، އެމީހުންގެ ކުޅަދާނަކަން ބޭނުންކުރީ، އެނޫން އެހެން ކުރެހުންތައް ކުރެހުމުގައި. އާދެ، އެކިއެކި ހަންދަސީ ކުރެހުންތައް ކުރެހުމުގައި، އެކިއެކި ރޮނގު ތިނެސްކަން، ހަތަރެސްކަން، ވަށްބޮޅު، މި އެއްޗެތި އެކިގޮތްގޮތަށް ރޭވުމާއި، އެކަތި އަނެކައްޗާ ފުށުއަރުވައިގެން، ހިތްގައިމު ރީތި މަންޒަރުތައް އުފެއްދުމުގައި. މިގޮތުން އެމީހުން މި ފަންނުގައި ކޮށްފައިވާ މަސައްކަތްތައްވެސް ތިޔަބޭފުޅުންނަށް، އަޅުގަނޑު ކުރިން ދެންނެވި އެކިއެކި މުހިންމު ޢިމާރާތްތަކާއި، މިސްކިތްތަކާއި، ގަނޑުވަރުތަކާ، މިފަދަ ތަންތަނުން ފެނިވަޑައިގަންނަވަން ހުންނާނެ. ހަމައެފަދައިން، އެމީހުން ކުރަހާފައިވާ އެކިއެކި ކުރެހުންތަކުން، ފޮތްފޮތުގައި މިހާރުވެސް އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައިވާ ކުރެހުންތަކުން އެ ފެނިވަޑައިގަންނަވާނެ.

އެހެންވީމާ، އިސްލާމީ ޙަޟާރަތަކީ، ފަންނީ ކުރިއެރުމަށް އެކިއެކި މަސައްކަތްތެރި ކަންކަމާއި، އުފެއްދުންތެރި މަސައްކަތްތަކާއި، އެކިއެކި ރީތި ފަންނުތަކަށް ވަރަށްވެސް އެކަށީގެންވާ މަގާމެއް ދީފައިވާ ޙަޟާރަތެއް. އެހެންވުމާއެކު، އަޅުގަނޑުމެންނަކީވެސް މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންގެ މެދުގައި މިކަހަލަ ފަންނުތައް އާވެ އާލާވަމުން ދިޔުމަކީ، އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއްނޫން.

ހަމައެއާއެކު، އަޅުގަނޑުމެން ދިވެހިންނަކީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، ޒަމާނުއްސުރެ އެކިއެކި ފަންނީ ކަންތައްތަކުގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯދާފައިވާ ބައެއް. އަޅުގަނޑު ކުރިން ދެންނެވި ޢިމާރާތް ކުރުމުގެ ފަންނުގައިވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ހަދާފައި ހުރި އެކިއެކި މިސްކިތްތަކާއި އަދި އެނޫންވެސް ތަންތަން ދޭހަކޮށްދެނީ، އަޅުގަނޑުމެންގެ ކާބަފައިންނަކީ ޢިމާރާތް ކުރުމުގެ ފަންނުގައިވެސް އެކަށީގެންވާ މަގާމުތަކެއް ހޯދާފައިވާ ބައެއްކަން. އާދެ، އަޅުގަނޑުމެންގެ މާލޭގެ ހުކުރު މިސްކިތް އެހެރީވެސް ހަމަ އޭގެ މިސާލެއް. އެ މިސްކިތުގައި ހުރި ކުރެހުންތަކާއި، ހަދާފައިވާ ގޮތްތައް، އޭގެ ފުރިހަމަކަމުން، މިހާރުވެސް އެތަނަށް ޒިޔާރަތްކުރާ ބިދޭސީން ވަރަށް ބޮޑަށް ތަޢުރީފު ކުރޭ. އަދި އަޅުގަނޑުމެންގެ ފަޚުރެއް ކަމަށް މިހާރު ވެފައިވާ އިސްލާމީ މަރުކަޒުގައި އެހެރަ ކުރެހުންތައް، އަޅުގަނޑުމެންގެ ޒުވާން ކުޅަދާނަ ފަންނާނުން، އޭގެ އަޞްލެއް ކަމަށް ބަލާފައިވަނީ، އަޅުގަނޑުމެންގެ ކާބަފައިން ހުކުރު މިސްކިތުގައި ކުރަހާފައިވާ ކުރެހުންތައް. އެހެންވުމާއެކު، އަޅުގަނޑުމެންގެ ދިވެހިންނަކީވެސް ފަންނުގެ ބައެއްކަން ނުވަތަ ފަންނާ އަޅުގަނޑުމެންގެ ލެޔާ ގުޅިފައިވާ ބައެއްކަން، މި ދެންނެވި މިސާލުތަކުން ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް ޚާއްޞަ ފަންނުތަކެއް، އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ ތެރޭގައިވޭ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖެއަށް ރީތި ނަމާއި ތަޢުރީފު، ބޭރުގެ ފަރާތްތަކުން ރައްދުކުރަމުންދާ މަސައްކަތްތަކެއް. މިސާލަކަށް، ލިޔެލާޖެހުން، ލާފެންކުރުން، ތުނޑުކުނާ ވިޔުން، ކަހަނބު ފަތުގެ މަސައްކަތް. ރާއްޖޭގެ ތިމާވެށްޓާ ގުޅޭ، ރާއްޖޭގެ މީހުންގެ ދިރިއުޅުމާ ގުޅޭ، ރާއްޖެއިން ލިބެން ހުންނަ ތަކެތިން ހެދޭ މިކަހަލަ ވަރަށްގިނަ ރީތި އެއްޗެތި ވަރަށްމަތީ ފެންވަރަކަށް ރާއްޖޭގެ މީހުން ޒަމާނުއްސުރެ ހަދަމުން ވަނީ އައިސްފައި. އެހެންވީމާ، އެކަންތައްތަކުންވެސް އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ދިވެހިންނަކީ މަސައްކަތްތެރި ބައެއް. އުފެއްދުންތެރި ބައެއް. އަދި ދިވެހިންގެ ތެރޭގައި ވަރަށް ކުޅަދާނަ މަސައްކަތްތެރިންނާއި ފަންނާނުން ހިމެނިފައިވޭ.

އާދެ، މި ހުރިހާ ވާހަކައަކީވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ކޮންމެވެސްވަރަކަށް ވާހަކަފުޅު ދައްކަވާފައިވާ ނުކުތާތަކެއް. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކައިގައިވެސް އެ ނުކުތާތަކާ ދޭތެރޭގައި މިރޭ އެއްޗެއް ދަންނަވައިލުމަކީ ބޭނުންކަމެއް ކަމަށް އަޅުގަނޑަށް ފެނިގެން، އެ ވާހަކަ މި ދަންނަވައިލީ.

އާދެ، މިރޭ އަޅުގަނޑުމެން މި ހުޅުވާ މައުރަޒަކީ، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ 25 ވަނަ މައުރަޒު ނުވަތަ ދެއްކުން. ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ ރިހިޔޫބީލް، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ. 25 ވަނަ މައުރަޒު އަޅުގަނޑުމެންނަށް މި ބޭއްވެނީ 40 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި. އެހެންވީމާ، މި މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ވަރަށްގިނަ ބަޔަކު ހޭދަކުރި 40 އަހަރުގެ ދިގު ރާސްތާއިން ލިބިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބަލައި، އަޅުގަނޑުހިތުން މިފަދަ މައުރަޒުތައް ބޭއްވުމާ ދޭތެރޭގައި އަދި އެ މައުރަޒުން އުންމީދު ކުރެވޭ މަޤްޞަދުތަކާއި، އޭގެ ބޭނުމާ ދޭތެރޭގައި މިއީ އަޅުގަނޑުމެން ވިސްނައިލުން ވަރަށް އެކަށީގެންވާ ވަގުތެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒު، ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔުމަށްފަހު، މި ދައުރުގައި އެ މައުރަޒު އަލުން ބޭއްވެން މި ފެށީ. މަޤްޞަދަކީ ރާއްޖޭގައި ވަޅުޖަހަމުން އައިސްފައިވާ ރާއްޖޭގެ ޤައުމީ އަދި ރާއްޖޭގެ ޘަޤާފީ މަސައްކަތްތެރި ކަންތައްތަކެއް، ރާއްޖޭގެ ޘަޤާފީ ޤައުމީ ހުނަރުތަކެއް އަލުން ދިރުވުން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެ މަޤްޞަދު ކޮންމެވެސްވަރަކަށް މިހާރުވެސް ހާސިލުވެއްޖެހެން. އެއީ އެ މަސައްކަތްތައް އަލުން ދިރިގެން ހިނގައިގެންފި. އެކަމަށް އެހީތެރިވި އެހެން އިޤްތިޞާދީ މަސައްކަތެއްވެސް އެބައޮތް. އާދެ، އެއީ ޓޫރިޒަމް. ޓޫރިޒަމް ރާއްޖެއަށް އައުމާއި އަދި ސަރުކާރުން އަތްތެރި މަސައްކަތާއި އަތުމަސައްކަތަށް ދިން އަހަންމިއްޔަތުގެ ބޮޑުކަމާ، މި ދެ ކަންތައް އެކުވެގެން މިއަދު ރާއްޖޭގައި އެކަށީގެންވާ ދަރަޖައަކަށް އަޅުގަނޑު ދަންނަވާނީ، އަތުމަސައްކަތާއި އަތްތެރި މަސައްކަތް މިއޮތީ ތަރައްޤީވެފައޭ.

އާދެ، މި އަހަރުގެ މައުރަޒުގައި ދެންމެ މިނިސްޓަރ އެ ވިދާޅުވި ފަދައިން، ވަރަށްގިނަ އަދަދަކަށް ތަކެތި ބައިވެރިކުރެވިފައި އެބަހުރި. އަށާވީސް ހާހަށްވުރެ ގިނަ އެއްޗެތި މި މައުރަޒުގައި އެބަހުރި. އެހެންނަމަވެސް، އޭނާވެސް އެ ސުވާލު ކުރެއްވި ފަދައިން، ކުރާހިތް އޮތް ސުވާލަކީ، ބޭނުމަކީ ގިނަ ތަކެތި މައުރަޒުގައި ދެއްކުންތޯ؟ ނުވަތަ ބޭނުމަކީ އުފެއްދުންތެރިކަން އިތުރުކުރުންތޯ؟ އަދި ތަކެތީގެ ފެންވަރު ރަނގަޅު ކުރުންތޯ؟ ޝައްކެއްނެތް. އަޅުގަނޑުހިތުން ދެމީހަކު ދެބަހެއްނުވާނެ. މައުރަޒު ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީވެސް އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުން. އަޅުގަނޑުމެން ހަދާ ތަކެތީގެ ފެންވަރު މަތިކުރުން. އެހެންވީމާ، ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ އެންމެބޮޑު ނުކުތާއަކީ، ގިނަ ތަކެތި މައުރަޒުގައި ދެއްކުމަށްވުރެ، އަޅުގަނޑުމެން ދައްކާ ތަކެތީގެ އޮށްޓަރު ރަނގަޅުވުން. އޭގެ ފޭރާން ހެޔޮވުން.

އާދެ، ދެން އަޅުގަނޑުހިތަށް ވަން ނުކުތާއަކީ، މިހާރު އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މައުރަޒުގެ ކަންތައްތައް، ފަހަކަށްއައިސް ވަމުންއައިސްފައިވާ ގޮތުން، މި މައުރަޒު މިހާރު އޮންނަނީ ގާތްގަނޑަކަށް މުބާރާތަކަށްވެފައޭ. މުބާރާތެއްގައި ބައިވެރިވާ ފަރާތްތަކުގެ ބޭނުމަކަށްވާނީ މޮޅު ހޯދުން. އެއްވަނަ ހޯދުން. އެއްވަނަ ނުލިބުނު ކަމުގައިވަނީނަމަ ދެވަނަ ހޯދުން. އެހެންވީމާ، އެ މަޤްޞަދުގައި ކުރާ ކަމަކާއި، އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މައުރަޒަކަށް ކުރަންޖެހޭ މަސައްކަތާ، އަޅުގަނޑުހިތުން ވަރަށް ތަފާތުވާނެ. މިހާރު މަސައްކަތް ކުރެވެނީ މައުރަޒުން އެއްވަނަ ހޯދޭތޯ. އެހެންވީމާ، އެ މައުރަޒުގައި ހުށަހަޅާ ތަކެތީގެ ފެންވަރު މަތިކުރާކަށް ނުވަތަ އުފެއްދުންތެރިކަން އިތުރުކުރާކަށް މާބޮޑު ވިސްނުމެއް، ބައެއް ފަރާތްތަކުން ނުބެހެއްޓޭ. ހަމައެއާއެކު، މައުރަޒަކީ ތަކެތި ވިއްކުމަށް އެކަށީގެންވާ ފުރުޞަތެއް ކަމަށް، ބައެއް ފަރާތްތަކަށް ލަފާކުރެވިގެން، އެބޭނުމުގައިވެސް ތަކެތި ހައްދަވާ ކަމަށް ފާހަގަކުރެވޭ. އޭގެ އެންމެ ބޮޑު އެއް ހެތްކަކީ، ހުށަހެޅިފައި ހުންނަ ތަކެތީގެ އަގުބޮޑުކަން. އެފަރާތްތަކަށްވެސް އެނގިވަޑައިގަންނަވާ، ސަރުކާރުންވެސް މިހާރު ވަރަށްގިނަ ބާވަތްތަކުގެ ތަކެތި ނަގާކަން، ސަރުކާރުގެ ބޭނުންތަކަށް. އަޅުގަނޑުވެސް ވަރަށްގިނަ އަދަދަކަށް ތަކެތި ނަގަންޖެހޭ. އެއީ ބޭރު ޤައުމުތަކުގެ ބޭފުޅުންނަށް ހަދިޔާ ކުރުމަށާއި، މިކަހަލަ ރަސްމީ ބޭނުންތަކަށް. އެކަން އެހެން އޮތްކަން، ބައެއް ފަރާތްތަކަށް ފާހަގަކުރެއްވިގެން، ގަސްދުގައި ތަކެތީގެ އަގު މާބޮޑުކޮށް ޖައްސަވާފައި ހުންނަކަންވެސް ފާހަގަކުރެވޭ. އެހެންނަމަވެސް، އެއީ ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، މިކަން އޮންނަންވީ ގޮތެއްނޫން. މި މައުރަޒުގެ މަޤްޞަދު ހާސިލުވަނީކީ އެގޮތަށް އަޅުގަނޑުމެން ޢަމަލުކޮށްގެންނެއް ނޫން.

އާދެ، މިކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑަށް ފެންނަނީ، އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒު، މުސްތަޤްބަލުގައި ކުރިއަށް ގެންދާނެ ގޮތަކާ ދޭތެރޭގައި މިހާރަށްވުރެ ހަމަޖެހޭ ގޮތްތަކެއްގެ މަތިން، އެ މައުރަޒު ބޭއްވުމުގެ މަޤްޞަދުގައި އެކަމާ ދޭތެރޭގައި ވިސްނައި ޚިޔާލުކޮށް ހެދުން. އަދި މި މައުރަޒުތައް ބޭއްވުމުގެ މަޤްޞަދު، އެންމެ ފުރިހަމަކޮށް ހާސިލު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ވިސްނައި، އެގޮތްތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލުން. ކޮންމެ ކަމެއްވެސް، ދުވަސްވަމުން އައިއައިހެން ތަރައްޤީވަމުން ދާންޖެހޭނެ، ބަދަލުވަމުންދާންޖެހޭނެ. ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މައުރަޒަށްވެސް، މި ދެންނެވިފަދަ ކިތަންމެ ބަދަލެއް، މިވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ވަނީ އައިސްފައި.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިހާރު މި ރިހިޔޫބީލް އަޅުގަނޑުމެން ފާހަގަކުރާއިރު، މިހާރު އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ، އާ މަރުޙަލާއަކާހެން. އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މައުރަޒު، މުސްތަޤްބަލުގައި މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވޭނީ ކިހިނެއްތޯ ބަލައި، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުހިތުން މިހާރު މިއޮތީ އަޅަންވެފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން މިކަމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން، އާދެ، ޙަވާލުވެވަޑައިގެންވާ ފަރާތް، ޤާނޫނީގޮތުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، އެ މިނިސްޓްރީގެ ފަރާތުން މިކަމާ ދޭތެރޭގައި ވިސްނަވައި، އަންނަ އަހަރުން ފެށިގެން މައުރަޒު ބާއްވާނެ މިހާރަށްވުރެ ހަމަޖެހޭ އުސޫލުތަކެއް ރާއްވަވައި ހެއްދެވުމަކީ، އަޅުގަނޑުހިތުން މިހާރު އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު ފާޅުކުރަން ހިތުގައި އޮތް ޚިޔާލުތަކުގެ ވަރަށްގިނަ ބައި، މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ފުރިހަމަކޮށްދެއްވާފައި. އެކަމަށްޓަކައި އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވާޖިބު ލުއިކޮށްދެއްވީތީ. ހަމަ އެއާއެކުގައި އަޅުގަނޑު އޭރު ދެންނެވި ފަދައިން، އަޅުގަނޑުގެ ވާޖިބަކަށްވެފައި އޮތީ ކޮމާ ޖަހާލުމާއި، ކޮމާކޯޅިޖަހައި އެހެން ހެދުން. އެހެންވީމާ، މިހާރު އަޅުގަނޑު ޖަހަން ބޭނުންވާ ކޮމާތައްވެސް ޖެހިއްޖެ. ކޮމާކޯޅިތައްވެސް ޖެހިއްޖެ. ޙައިރާންމާކްތައް ޖެހިއްޖެ.

އެހެންވީމާ، މި މައުރަޒުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ތަހުނިޔާއާއި މުބާރިކުބާދީ ރައްދުކުރަމުން، އަދި މި މައުރަޒުގައި އެކިއެކި ވަނަތައް ހޯއްދެވި ފަރާތްތަކަށް އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަމުން، އަދި މިނސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ޝުކުރުގެ ލިސްޓުގައި އުނިވެފައިވާ ނަންފުޅެއް ފާހަގަކުރަމުން، އާދެ، އެއީ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގެ ނަންފުޅު އަލްފާޟިލް އިލްޔާސް އިބްރާހީމް، މި މައުރަޒަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަވައިގެން ވަރަށްބުރަ މަސައްކަތްތަކެއް މައުރަޒު ކާމިޔާބު ކުރުމަށްޓަކައި ކުރައްވައިފި. އެހެންވީމާ، އޭނާގެ ނަންފުޅު ފާހަގަކުރުމަކީ އަޅުގަނޑަށް އަދާކުރަންޖެހޭ ވާޖިބަކަށްވާތީ، އޭނާއަށް ޚާއްޞަ ޝުކުރު ދަންނަވަމުން، اللّــه ســبحانه وتــعالى އަޅުގަނޑުމެންގެ ދިވެހިންގެ ފަންނުތައް، ދިވެހިންގެ ހުނަރުތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދާނެ މަގު ދެއްކެވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّــلام عليكم ورحمـة اللّـه وبركاته.