بســم اللّـه الرّحمـن الرّحيــم

السّلام عليــكم ورحـمــة اللّـه.

މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް މި ދަންނަވާލަނީ، ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. އާދެ، ތިޔަބޭފުޅުންނަކީ، މިދޭތެރެއިން ރާއްޖޭގައި ބޭއްވުނު ކޮމަންވެލްތު ޤައުމުތަކުގެ މާލީ ވަޒީރުންގެ ޖަލްސާއާ ބެހޭގޮތުން އެކި ކަންތައްތައް ރާއްވަވައި އިންތިޒާމު ކުރައްވައި އަދި ހިންގެވުމުގައި އެންމެ އިސްވެ އުޅުއްވި ބޭފުޅުން. އެހެންވުމާއެކު، އަޅުގަނޑުގެ މިރޭގެ ވާޖިބަކީ، ތިޔަ ހުރިހާ ބޭފުޅުން، ޤައުމީ ޚިދުމަތެއްގެ ގޮތުގައި ވަރަށް އިޚްލާޞްތެރިކަމާއި އެހާމެ ފަރުވާތެރިކަމާއެކު، ތިޔަ ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި، ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދެންނެވުން.

އާދެ، އެނގިވަޑައިގަންނަވާނޭ ފަދައިން، މި ޖަލްސާއާބެހޭ ކަންތައްތަކުގައި އުޅުއްވީ ހަމައެކަނި ތިޔަބޭފުޅުންނެއް ނޫން. ތިޔަބޭފުޅުންގެ އިތުރުން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އުޅުއްވި. ސަރުކާރުގެ ދާއިރާއަށް ވިސްނާއިރުވެސް، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މި ޖަލްސާއާބެހޭ ކަންތައްތައް ރާވައި، އެކަމާބެހޭ އެކި ކަންކަން ހިންގުމުގައި ކޮންމެވެސް ގޮތަކުން ބައިވެރިވެފައިވާ މީހުންގެ ޢަދަދު، ގާތްގަނޑަކަށް ދޮޅުހާހަށް އަރާނެ. އަދި ސަރުކާރުގެ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ވިސްނައިލައިފިއްޔާ، އަޅުގަނޑަށް ހީވަނީ އެ ޢަދަދު ދެހާސް ފައްސަތޭކައަށް ނުވަތަ ތިންހާހަށް އިތުރުވެގެންދާނެހެން.

އެހެންވީމާ، މިރޭ އަޅުގަނޑު މި ދަންނަވާ ޝުކުރަކީ، ހަމައެކަނި ތިޔަބޭފުޅުންނަށް ދަންނަވާ ޝުކުރެއް ނޫން. މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް، އެއީ ސަރުކާރުގެ ޙައިޘިއްޔަތުން އުޅުއްވި ބޭފުޅުންނާއި އަދި އެނޫން ގޮތްގޮތުންވެސް މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން، އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލުކުރަން.

އާދެ، އެ ހުރިހާ ބޭފުޅުންނަށް ދެންނެވުމަކީ، ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ކަންތައްތައް ހުންނަގޮތުން މާފަސޭހަ ކަމަކަށްނުވާނެ. އެއްތަނަކަށް ދެހާސް ހަސަތޭކަ މީހުން ނުވަތަ ތިންހާސް މީހުން އެއްވުމަކީވެސް އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. އެހެންކަމަށްވުމާއެކު، ހުރިހާ ބޭފުޅުންނަށް ދަންނަވައިލެވޭނެ ގޮތެއް ނެތިގެން، އަޅުގަނޑު ގަސްތުކުރީ މިކަމުގެ އެންމެ މުހިންމު ބައިތައް އަދާކުރެއްވުމުގައި، އިސްނަންގަވައިގެން އުޅުއްވި ބޭފުޅުންނަށް ދަންނަވާލާފައި، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެ ޝުކުރަކީ އެހެންނަމަވެސް މިތަނަށް ވަޑައިނުގެންނެވި ހުރިހާ ބޭފުޅުންވެސް ޝާމިލުވާ ޝުކުރެއް ކަމުގައިވެސް ދެންނެވުން.

އާދެ، ރޭޑިއޯގެ ޚަބަރުންނާއި، ޓީ.ވީ.ގެ ޚަބަރުންނާއި، ނޫސްތަކުގެ ޚަބަރުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، ރާއްޖޭގައި މި ބޭއްވުނު ކޮމަންވެލްތު މާލީ ވަޒީރުންގެ ޖަލްސާއަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެބޮޑު އަދި އެންމެ މުހިންމު ބައިނަލްއަޤްވާމީ ޖަލްސާ. ތެދުތެދަށް ދަންނަވަންޏާ، މި ޖަލްސާއަކީ އޭގައި ވަރަށް ގިނަ "އެންމެ"ތަކެއް އެކުލެވޭ ޖަލްސާއެއް. އާދެ، އެންމެގިނަ ޢަދަދެއްގެ ޤައުމުތަކުން ރާއްޖޭގައި ބޭއްވޭ ޖަލްސާއެއްގައި ބައިވެރިވި ފަހަރަކީ މިހާތަނަށް މިފަހަރު. ދިވެހިރާއްޖެއާއެކު 45 ޤައުމުން މިޖަލްސާގައި ބައިވެރިވި. އެންމެ ގިނަ ޢަދަދަކަށް މަންދޫބުން ބައިވެރިވި ޖަލްސާއަކީވެސް މި ޖަލްސާ. ބޭރުން މި ޖަލްސާގައި ބައިވެރިވުމަށް ވަޑައިގެންނެވި މަންދޫބުންގެ ޢަދަދަކީ 245. އަޅުގަނޑުމެންގެ ރާއްޖޭގެ ވަފުދުގައި ހިމެނޭ 12 ބޭފުޅުންވީމާ، 257 މީހުން މި ޖަލްސާގެ މަންދޫބުންގެ ގޮތުގައި ޖަލްސާގައި ބައިވެރިވި. އަދި އޭގެއިތުރަށް، ނޫސްވެރިންގެ ގޮތުގައިވެސް ބޭރު ދުނިޔެއިން ރާއްޖެއަށް 8 މީހަކު އައި. އެހުރިހާ މީހުން ޖުމްލަ އެއްކޮށްލީމާ 265 މީހުންވޭ.

ހަމަ އެފަދައިން، މި ޖަލްސާއަކީ އެންމެ ގިނަ ޢަދަދަކަށް ބޭރުގެ ޢިއްޒަތްތެރީން، ރާއްޖޭގައި ބޭއްވުނު ޖަލްސާއެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންނެވި ޖަލްސާ. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ބައެއް ޤައުމުތަކުގެ މާލީ ވަޒީރުންގެ ގޮތުގައި ތިއްބަވަނީ، އެތަންތާނގެ އެންމެ އިސްވެރީން ނުވަތަ އެތަންތާނގެ ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބަވާ ވެރީން. އަޅުގަނޑުމެންގެ މި ޖަލްސާގައި އެ ޙައިޘިއްޔަތުން އެއް ޤައުމެއްގެ ރަސްގެފާނު ބައިވެރިވެވަޑައިގެންނެވި. އެހެން ޤައުމެއްގެ ނައިބު ރައީސަކު ބައިވެރިވެވަޑައިގެންނެވި. އަދި އިތުރު ތިން ޤައުމެއްގެ ބޮޑުވަޒީރުން ބައިވެރިވެވަޑައިގެންނެވި. އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުންވެސް މިއަދު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހުރި މީހާ ބައިވެރިވާންޖެހުނު. އާދެ، ވަރަށް ގިނަ ކުދި ޤައުމުތަކުގައި އޮންނަނީ، އެތަންތާނގެ މާލީ އިދާރާގައި، ސަރުކާރުގެ ނުވަތަ ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ނުވަތަ މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ އިސް ވެރިޔަކަށް ހުންނަވަނީ، އެތަނެއްގެ އެންމެ އިސް ވެރިޔަކު. އެގޮތުން އަޅުގަނޑު މި ދެންނެވި ޤައުމުތަކުގެ ވެރީންވެސް ވަޑައިގަތީ. ދިވެހިރާއްޖޭގައިވެސް އެކަން އަދި އޮތީ އެގޮތަށް.

އެންމެގިނަ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން ރާއްޖެއަށް އެއްފަހަރާ ވަޑައިގެންނެވި ފަހަރަކީވެސް މިފަހަރު. އާދެ، މި ދެންނެވި ޢިއްޒަތްތެރިންގެ އިތުރަށް 28 ވަޒީރުން ބައިވެރިވެވަޑައިގެންނެވި. އޭގެތެރެއިން 23 ބޭފުޅުންނަކީ އެ ޤައުމުތަކުގެ މާލީ ވަޒީރުން. އަނެއް 4 ބޭފުޅުންނަކީ، އެ ޤައުމުތަކުގެ އެހެނިހެން މިނިސްޓްރީތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ވަޒީރުން. އެހެންކަމުން، އެގޮތުން ބަލާއިރުވެސް މި ޖަލްސާއަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެމަތީ ފެންވަރުގެ އެންމެބޮޑު ޖަލްސާ ކަމުގައި ހިމެނުނު.

އާދެ، ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ކުރި ކަންތައްތަކުގައިވެސް، މިދެންނެވި ކަހަލަ ވަރަށް ގިނަ އެންމެން ހިމެނޭ. އެ ހުރިހާ ވާހަކަތަކެއް ތިޔަބޭފުޅުންނަށް ދެންނެވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައި އަޅުގަނޑު ނުދެކެން. އެހެން ނަމަވެސް، މި ޖަލްސާގެ ސަބަބުން ދިވެހިރާއްޖެއަށް ލިބުނު ރީތި ނަމާއި، ރާއްޖެއަށް ލިބުނު ކާމިޔާބީ، ކިތަންމެ ކުރުގޮތަކަށް ނަމަވެސް ދަންނަވައިލުމަކީ އަޅުގަނޑު ހިތުން ބޭނުންކަމެއް.

އާދެ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު ޖަލްސާތަކުގެ ތެރެއިން، ރާއްޖެއަށް އެންމެ ރީތިނަމެއް ލިބުނީވެސް މިޖަލްސާއިންނޭ ދެންނެވުމަކީވެސް ޙަޤީޤަތާ ޚިލާފަށް ދެންނެވޭނެ ދެންނެވުމަކަށް ނުވާނެ. އެވާހަކަ އެގޮތަށް ބުނަނީ އަޅުގަނޑުމެންނެއް ނޫން. ބޭރުގެ ޤައުމުތަކުން މި ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނާއި އަދި ބޭރުގެ ނޫސް ރިޕޯޓަރުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ނޫސް ރިޕޯޓަރުންނަކީ ގިނަފަހަރަށް އެކި ކަންކަމަށް ފާޑުކިޔާ ބައެއް. އެމީހުން ކަމަކަށް ތަޢުރީފުކުރަންޏާ ކުރާނީ ގާތްގަނޑަކަށް އެކަމަށް ތަޢުރީފުކުރަން މަޖުބޫރުވެގެން. މިފަހަރު މިޖަލްސާ ނިމިގެން ބޭއްވި ނޫސް ކޮންފަރެންސްގައި އަޅުގަނޑާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވީން. އެޖަލްސާ ނިމުނުތަނުން، ކޮންމެވެސް އެއް ނޫހެއްގެ ފަރާތުން އައިސް ހުރި ރިޕޯޓަރަކު ބުނީ "ތިމަންނާ ދެން އޮތީ ސުވާލެއް ކުރުމެއް ނޫނޭ. ތިމަންނާ އޮތީ ތިމަންނާ ބުނަން ބޭނުންވާ ވާހަކައެއް ބުނެލުމޭ." އެއީ ކޮންވާހަކައެއްތޯ އަހާލީމާ އޭނާ ބުނީ "ތިމަންނާ މީގެކުރީން ކޮމަންވެލްތުގެ މާލީ ވަޒީރުންގެ އެތައް ޖަލްސާއަކަށް ހިނގައްޖައީމޭ. އެހެންނަމަވެސް މިހާ ފުރިހަމަކޮށް ކަންތައްތައް ތަރުތީބު ކުރެވިފައިވާ، މިހާރަނގަޅަށް ހިނގި އެއްވެސް ޖަލްސާއެއް، ތިމަންނާ މީގެ ކުރިއަކުން ނުދެކެމޭ." އޭނާ އެހެން ބުނުމާއެކު، ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އަޅުގަނޑާ ދިމާއަށް ވިދާޅުވި، "އޭނާ އެ ބުނީ ވަރަށް ބޮޑު އެއްޗެކޭ. އެއީ ނޫސްވެރިންނަކީ ފާޑުކިޔާ ބައެކޭ. ތަޢުރީފުކުރާ ބައެއްނޫނޭ. އެމީހުން ތަޢުރީފެއް ކޮށްފިއްޔާ ވާނީ ވަރަށްބޮޑަށް އެމީހުންނަށް އެކަން ފާހަގަކުރެވުނީ ކަމުގައޭ."

އާދެ، މިނޫންވެސް ކިތަންމެ ފަރާތްތަކަކުން ޖަލްސާއާބެހޭ ވާހަކަތައް، ތިޔަ ހުރިހާ ބޭފުޅުންނަށް އޮންނާނީ އިވިވަޑައިގެންފައި. އަޅުގަނޑާ ހަމައަށް ހުރީ އައިސްފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ އަހަރަކު އެއްފަހަރު އޮންނަ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މާލީ ވަޒީރުންގެ ޖަލްސާއެއް އޮވޭ. އެއީ އައި.އެމް.އެފް.އާއި ވާރލްޑް ބޭންކާ ބެހޭގޮތުން އޮންނަ ޖަލްސާއެއް. މި ޖަލްސާގެ ކުރިން، ކޮމަންވެލްތު މާލީ ވަޒީރުންގެ ޖަލްސާ މި އޮންނަނީ ކޮންމެ އަހަރަކުވެސް. އެގޮތުން މިއަހަރު މި ޖަލްސާ ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، މިތަނުން އެ ހުރިހާ ބޭފުޅުން ވަޑައިގެންނެވީ ދެކުނު ކޮރެއާގެ ސޯލަށް. އެތަނުގައި މިހާރު އެބަ ހިނގަމުންދޭ، އައި.އެމް.އެފް. ވާރލްޑް ބޭންކްގެ ޖަލްސާތައް. މިރޭ އަޅުގަނޑު މިތަނަށް އައުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން އެބޭފުޅުންނާ ގުޅައިލުމުން އެ ބޭފުޅުން ވިދާޅުވާގޮތުގައި، މިތަނުގައި މި ބޭއްވުނު ކޮމަންވެލްތު މާލީ ވަޒީރުންގެ ޖަލްސާގެ ޚަބަރުތައް ދުނިޔެއަށް ފެތުރިފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި. އަދި ކޮމަންވެލްތުގައި ނުހިމެނޭ ވަރަށްގިނަ ޤައުމުތަކުގެ ބޭފުޅުންވެސް އަޅުގަނޑުމެން ދިވެހި ޤައުމުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އުފާފާޅުކުރައްވައި މަރްޙަބާ ވިދާޅުވެހެއްދެވި ކަމަށްވޭ. އެއީ، މިޖަލްސާގެ ޚަބަރުތައް އެބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތުމާއެކު، އަދި މި ޖަލްސާއަކީ އެހާމެ ކާމިޔާބު ފުރިހަމަ ޖަލްސާއަކަށްވީކަން އެ ބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތުމުގެ ސަބަބުން.

އާދެ، މިޖަލްސާއަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ޖަލްސާއޭ، އަޅުގަނޑު މިދަންނަވަނީ އެއީ އަޅުގަނޑުމެން އިސްނަގައިގެން ހުށަހެޅި ހުށަހެޅުމެއް، ބައިނަލްއަޤްވާމީ ގޮތުން ފާސްވިކަމަށްޓަކައި. އެއީ، ކުދިކުދި ޖަޒީރާ ޤައުމުތަކާ ދިމާވެފައިވާ ބޮޑެތި ދަތިތަކުގެ މައްސަލަ. އާދެ، ކުދި ޤައުމުތަކުގެ މައްސަލައަކީ ފަހަކަށްއައިސް ކޮމަންވެލްތުން އަބަދުވެސް ގެންނަމުންދާ މައްސަލައެއް. 1983 ވަނަ އަހަރު ނިއުދިއްލީގައި ބޭއްވުނު ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރީންގެ ޖަލްސާގައި އެ ވާހަކަ ދެކެވި، ޚާއްޞަ ސްޓަޑީ ގްރޫޕެއް، އެ ޖަލްސާގެ ފަރާތުން ހޮވި. ހޮވުމަށްފަހު އެ ގްރޫޕާ ހަވާލުކުރީ، ދުނިޔޭގައި އުޅޭ އަދި ޚާއްޞަކޮށް ކޮމަންވެލްތުގައި ހިމެނޭ ކުދިކުދި ޤައުމުތަކަށް ދިމާވާ އެކިއެކި މައްސަލަތަކާ ދޭތެރޭގައި، އެ ގްރޫޕުގެ ފަރާތުން ވަރަށް ބޮޑަށް ވިސްނައި ޚިޔާލު ބަދަލުކޮށް، އެކަމާބެހޭ ރިޕޯޓެއް ކޮމަންވެލްތުގެ ވެރީންގެ ޖަލްސާއަށް ހުށަހަޅަން. އެ ގްރޫޕުގެ ތެރޭގައި އަޅުގަނޑުމެންގެ ބޭފުޅަކުވެސް ހިމެނުނު. އެ ގްރޫޕުގެ މަސައްކަތް، މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހަލުވިކަމާއެކު ހިނގަމުންއައިސް މިހާރު ގްރޫޕުގެ ރިޕޯޓް އޮތީ ތައްޔާރުކުރެވިފައި. އެ ރިޕޯޓުގައިވާ މާލީ އަދި އިޤްތިޞާދީ ބައިތައް އަޅުގަނޑުމެންގެ މި ކޮމަންވެލްތުގެ މާލީ ވަޒީރުންގެ ޖަލްސާއަށްވެސް ހުށަހެޅުނު. އެހެން ނަމަވެސް، އޭގައި އެ އޮންނަނީ ހަމައެކަނި ކުދި ޤައުމުތަކާބެހޭ ވާހަކަތައް. އަޅުގަނޑުމެން ބަޔާންކުރަން އުޅުނީ، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކެއް ހުރިކަމުގައިވިޔަސް، ކުދިކުދި ޖަޒީރާ ޤައުމުތަކާ ދިމާވާ އަދި އެއަށްވުރެ ބޮޑެތި، އެއަށްވުރެ ދަތި މައްސަލަތަކެއް އެބަހުއްޓޭ. އެހެންކަމުން، ބައިނަލްއަޤްވާމީ ދާއިރާގައި ކުދި ޤައުމުތަކަށް ޚާއްޞަ ޢިނާޔަތެއް ދޭއިރު، ކުދިކުދި ޖަޒީރާ ޤައުމުތަކަށް އަދި އެއަށްވުރެ ޚާއްސަ ޢިނާޔަތެއް ދޭންޖެހޭނެ.

ދެން އަޅުގަނޑު ހިތުން ދިވެހިރާއްޖޭގައި މިޖަލްސާ އޮތުމާއެކު، ރާއްޖޭގެ ކަންތައްތައް އެބޭފުޅުންނަށް، އެބޭފުޅުންގެ ލޯފުޅުން ފެނިގެންދިޔަ. އެބޭފުޅުންނަށް ތަޖުރިބާ ކުރެވުނު. ދަތުރުފަތުރު ކުރުމުގެ އުނދަގޫތަކާއި، ކުދިކުދި ޖަޒީރާތަކެއްވީމާ، ކޮންމެ ޖަޒީރާއަކަށް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތަކާއި، އެކަހަލަ ކަންތައްތައް ހުންނާނެ ގޮތާއި، މިހުރިހާ ކަމެއް އެބޭފުޅުންނަށް ވިސްނިވަޑައިގެން، އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުމަށް ޖަލްސާގެ ފަރާތުން ވަރަށްބޮޑު ތާއީދެއް ލިބުނު. އަދި ޖަލްސާ ނިމި، ޖަލްސާގެ ރިޕޯޓުގެ އެންމެފަހުގެ ބަޔާނުގައި އެ ވާހަކަ ރަނގަޅަށް ބަޔަންކޮށްފައި އެބައޮތް.

އާދެ، އެއީ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެކޭ. އެއީ ފަހަރެއްގައިވެސް އެ ބަޔާނުގައި އެހެން އޮވެގެން އަޅުގަނޑުމެންނަށް ކުއްލިއަކަށް މާބޮޑެތި ކަންތައްތަކެއް ވާނެތީއެއްނޫން. އެހެން ނަމަވެސް، މި ފެށުނީ ވަރަށް ރަނގަޅު ކަމެކޭ. އަޅުގަނޑު ދަންނަވާނީ، އޭގެ އެންމެ ފުރަތަމަ ފިޔަވަޅޭ މި އެޅުނީ. މިކަހަލަ ރިޕޯޓުތަކަށް ވާގޮތަކީ، ދެން ބޭއްވޭ އެކިއެކި ޖަލްސާތަކަށް ހުށަހެޅެނީ. ހުށަހެޅިގެން އެޖަލްސާތަކުންވެސް މިކަންތައްތައް ފާސްވެއްޖިއްޔާ، އެންމެފަހުން އެއަށް ޢަމަލީސިފަ އަންނާނެ. އެ ޢަމަލީ ސިފަ އައުމާއި މިއަދާ ދޭތެރޭގައި އަދި ކިތަންމެ ދުވަހެއްވެސް ވެދާނެ. އެހެންނަމަވެސް، މި އުޞޫލު މިއީ ބައިނަލްއަޤްވާމީ ޖަމާޢަތަށް، ބައިނަލްއަޤްވާމީ ޢާޢިލާއަށް ޤަބޫލުކުރެވޭ އުޞޫލަކަށްވަންޏާ، މުސްތަޤްބަލުގައި އެއިން ކިތަންމެ ފައިދާތަކެއް، ކުދިކުދި ޖަޒީރާ ޤައުމުތަކަށް ލިބޭނެކަމާމެދު ޝައްކެއްނެތް.

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، މިކަމުގައި ރާއްޖޭގައި މި ޖަލްސާ ބޭއްވުމުގެ ހުރިހާ ކަމެއްގައި ތިޔަބޭފުޅުން ވަރަށް ފަރުވާތެރިކަމާއެކު، ވަރަށް ޙަރަކާތްތެރިކަމާއެކުގައި އުޅުއްވީމު. އަދި ތިޔަބޭފުޅުންގެ އިތުރަށް، ވަރަށްގިނަ ބަޔަކުވެސް މިކަމުގައި އުޅުނު. އެ ހުރިހާ އެންމެންގެ އެއްބާރުލެއްވުމާއި، އިޚްލާޞްތެރި މަސައްކަތުން މިޖަލްސާ ކާމިޔާބު ޖަލްސާއަކަށް ވެގެން އެދިޔައީ. އާދެ، އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް ދެންނެވުމަކީ، އަޅުގަނޑަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވަނީ، އެންމެ ފުރަތަމަ މި ޖަލްސާ ރާއްޖޭގައި ބޭއްވުމަށް ގަސްތުކުރެވުނު ހިނދު، ޖަލްސާގެ ބާވަތުންނާއި މުހިންމުކަން ބޮޑުކަމުން "އިދާރީ ކޮމިޓީ"ގެ ނަމުގައި އަޅުގަނޑު ކޮމިޓީއެއް އުފެއްދިން. އެ ކޮމިޓީ އުފެއްދީ، މޭ މަހުގެ 30 ވަނަ ދުވަހު. އެކޮމިޓީގައި ގިނައިން ތިއްބެވީ ސަރުކާރުގެ ވަޒީރުން ފެންވަރުގެ ބޭފުޅުން. އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ގާތްގަނޑަކަށް ތިންހަތަރު މަސްދުވަހު އެތަކެއް މަސައްކަތެއް ހިނގައިދިޔުމަށްފަހު، ޖަލްސާ ކައިރިވެގެން އައުމުން، އެތަނެއްގައި މަސައްކަތް ކޮށްގެންނޫނީ ފުރިހަމައަށް ހުރިހާ ކަމެއް ނުހިނގާނެކަން އިޙްސާސް ކުރެވިގެން، ޓާސްކްފޯހެއް އުފެއްދުނު. އެޓާސްކް ފޯހުގައި ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކުގެ ވެރީންނާއި އަދި އެކިއެކި ކަންކަމާ ހަވާލުވެގެން ތިއްބެވި ކޯޑިނޭޓަރުންގެ ގޮތުގައި އެތައް ބޭފުޅުންނެއް ހިމެނުނު. މި ހުރިހާ ބޭފުޅުންވެސް މަސައްކަތްޕުޅު ކުރެއްވީ ރެޔާދުވާލު އެއްވެސް އަރާމެއްނެތި، ޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ހެއްދެވުމަށްޓަކައި.

ހަމައެއާއެކުގައި ސަރުކާރުގެ ތަފާތު މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުންވެސް މިކަމުގައި ބޮޑު ބައެއް ކުޅުއްވަން ޖެހިވަޑައިގެންނެވި. ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމާއި، އެބޭފުޅުންގެ މުވާޞަލާތާބެހޭ ކަންތައްތައް ކުރެއްވުމާއި، އެބޭފުޅުންގެ ސަލާމަތާބެހޭ ކަންތައްތައް ކުރެއްވުމާއި، އަދި މި ޖަލްސާގެ ޚަބަރުތައް ފެތުރުމާ، މި ގޮތްގޮތުން ސަރުކާރުގެ ތަފާތު ދާއިރާތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަންޖެހުނު. އެ ހުރިހާ ފަރާތްތަކަކުންވެސް އެ މަސައްކަތްތައް ކުރެއްވީ ވަރަށް ހީވާގިކަމާއި، ވަރަށް މުރާލިކަމާއި ފަރުވާތެރިކަމާއެކު.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު މިރޭ މިތަނަށް މިއައީ އަދި ތިޔަބޭފުޅުންނަށް މިދެންނެވީ، ތިޔަ ކުރެއްވި މަތިވެރި ޤައުމީ ޚިދުމަތަށްޓަކައި، ތިޔަބޭފުޅުންނަށާއި، އެކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާލުމަށޭ. އާދެ، ޝުކުރު ދެންނެވުމުގެ ބޭނުމަކީ، އެކަން ސަރުކާރުން ވަޒަންކުރާކަން ދަންނަވާލަން. އެނގިވަޑައިގަންނަވާނޭ ފަދައިން، ތިޔަކަހަލަ މަސައްކަތްތަކަށް ދެވޭނެ އެއްވެސްކަހަލަ މާއްދީ މުޤާބިލެއް ނޯންނާނެ، ހަމައެކަނި އެކަމުގެ އަގު ވަޒަންކުރުން ފިޔަވައި. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ވެވަޑައިގެންނެވި ޤުރްބާނީއާއި، ތިޔަ ހޭދަކުރެއްވި ވަގުތުތަކާއި، ތިޔަ ކުރެއްވި ބުރަ މަސައްކަތް، ސަރުކާރުން ވަރަށް ރަނގަޅަށް ދަންނަކަން ފާހަގަކޮށްލުން، އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލައިގެން ދަޢުވަތު އަރުވައިގެން ގެނައުމުގެ ބޭނުމަކީ.

އާދެ، ދެން މިހާތަނަށް އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން ގަސްތުކުރަނީ. ކޮންމެއަކަސް އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ އެއްބައިވުމުގެ ރޫޙު މިއޮތްގޮތަށް އޮތުން، ނުވަތަ މިއަށްވުރެވެސް ބަދަހިވެގެން ދިޔުން. މިކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެންނާ ކުރިމަތިވެގެން އަންނާނެ. ބައިނަލްއަޤްވާމީ ދާއިރާއަށް ދިވެހިރާއްޖެ ނުކުމެގެން، ދިވެހިރާއްޖޭގެ ނަމުގައި އެކިއެކި ކަންތައްތައް ކުރަން ޖެހިފައިވާހިނދު، ޝައްކެއްނެތްގޮތުގައި މިކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެންނާ ކުރިމަތިވެގެން އަންނާނެ. އެކަހަލަ ކޮންމެ ކަމެއް ކުރިމަތިވެގެން އަންނަހިނދުވެސް، ތިޔަ ހުރިހާ ބޭފުޅުންނާއި އަދި ތިޔަބޭފުޅުން ފިޔަވައި މިކަހަލަ ކަންތައްތަކުގައި އުޅޭ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ، އެއްވެސްކަމެއް ކާމިޔާބެއް ނުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިއަދު ތިޔަބޭފުޅުން ތިޔަ ސާބިތު ކުރެއްވިފަދަ އިޚްލާޞްތެރިކަމާއި، މުރާލިކަމާއި، ޙަރަކާތްތެރިކަން މުސްތަޤްބަލުގައިވެސް އަދި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ތިޔަބޭފުޅުންވެސް އަދި ތިޔަބޭފުޅުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުންވެސް ސާބިތުކުރަމުންދާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް اللّـه سبحـانـه وتعـالى ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. އަދި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ތައުފީޤާއި ކާމިޔާބީ ލެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.