بســم اللّـه الرّحمـن الرّحيــم

الله سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތްރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް މިއީ، ޒުވާނުންގެ 4 ވަނަ ކޭމްޕުގައި ބައިވެރިވާ ޒުވާނުންނާ ބައްދަލުކޮށްލުމަށްޓަކައި ތުލުސްދުއަށް އައުމުގެ ފުރުޞަތު ލިބުނުކަން އެއީ. އަޅުގަނޑު މި ކޭމްޕަށް އަންނަން ވަރަށްބޮޑަށް ގަސްތުކޮށްގެން އެ ވާހަކަ އޮންނާނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ޒުވާނުންގެ މަޖިލީހުގެ ރައީސް އަރިހުގައި ދަންނަވާފައި. ދެން މިދޭތެރެއިން މޫސުން ދިމާވިގޮތުން ކުރީ ދެބުރުގައިވެސް ނާދެވުނީ. އަދި އިއްޔެވެސް އަޅުގަނޑު ހުރީ ވަރަށްބޮޑު ޝައްކެއްގެމަތީގައި. ވަރަށް ވައިބާރުވެ މޫސުން ގޯސްކޮށް އުޅުނީ. މިއަދުވެސް ފުރަންވަންދެންހެން އެކަހަލަ ގޮތެއްގައި ހުންނަންޖެހުނީ. އެހެންނަމަވެސް، ﷲގެ ރަޙްމަތްފުޅުން ވަރަށް ރަނގަޅު، މޫސުން ރަނގަޅު ދުވަހަކަށް މިއަދުވެއްޖެ. ކުޑަކޮށް ބަނަކޮށް އޮތްކަމުގައިވިޔަސް، ދަތުރުވެސް އިރާދަކުރެއްވީތީ ވަރަށް ނިޔާމަ އޮމާން ދަތުރަކަށްވީ.

އާދެ، މި އަހަރަކީ، ދެންމެ ޒުވާނުންގެ މަޖިލީހުގެ ރައީސް އެ ވިދާޅުވިފަދައިން، ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރު. އެހެންވީމާ، އަޅުގަނޑުގެވެސް އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރުން. ހަމައެއާއެކު، ޒުވާނުންނަށް ބާއްޖަވެރިކަމާއި، އުފާވެރިކަން އަބަދުވެސް الله سبحانه وتعالى މިންވަރުކުރެއްވުން އެދި ދުޢާކުރަން.

އާދެ، ޒުވާނުންގެ އަހަރު ފާހަގަކުރަނީ، ވަރަށްބޮޑެތި މަޤްޞަދުތަކެއް އޭގައި އެކުލެވިގެންވާތީ. ޝައްކެއްނެތް، ޒުވާނުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ވަރަށް މުހިންމު ބައެއް. އެމީހުންގެ މުހިންމުކަން އިޙްސާސްކުރުން އެއީ ޒުވާނުންގެ އަހަރެއް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ. އެހެން މި ދަންނަވާ ސަބަބަކީ، ޒުވާނުންގެ އަހަންމިއްޔަތަކީ ހަމައެކަނި އެންމެ އަހަރަކަށް ޚާއްޞަވެފައިވާ އަހަންމިއްޔަތެއް ނޫން. ޒުވާނުންނަކީ މިއަދުވެސް މުހިންމު ބައެއް. އަދި މާދަމާވެސް މުހިންމު ބައެއް. އަދި މާދަމާ ނޫން އަނެއްދުވަހުވެސް، އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަޤްބަލުގައިވެސް މުހިންމު ބައެއް. ހަމައެކަނި ޒުވާނުންގެ މުހިންމުކަމަށް މީސްތަކުންގެ ލޯހުޅުވައިދިނުމުގެގޮތުން، އެކަން މީހުންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި ބައިނަލްއަޤްވާމީގޮތުން ޒުވާނުންގެ އަހަރެއް، ވަކި އަހަރެއްގެ ތެރޭގައި ފާހަގަކުރަނީ. ޒުވާނުންގެ އަހަރާ ބެހޭގޮތުން ރާއްޖޭގައިވެސް ވަރަށްގިނަ ކަންތައްތައް ރޭވިފައިވޭ. އޭގެތެރެއިން އެންމެ ފުރަތަމަކަމަކީ، ދެންމެ ޒުވާނުންގެ މަޖިލީހުގެ ރައީސް އެ ވިދާޅުވިފަދައިން، ތިޔަކުދިން ތިޔަ ބައިވެރިވާ ޒުވާނުންގެ 4 ވަނަ ކޭމްޕް.

ޝައްކެއްނެތް، މިބާވަތުގެ ކޭމްޕްތަކުގައި ބައިވެރިވުމަކީ، ޒުވާނުންނަށް ލިބޭ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ފުރުޞަތެއް. އެކުދިން އެހެން ކުދިންނާ ބައްދަލުކޮށް، އެހެން ކުދިންނާ އެކުގައި ދިރިއުޅެ، އަދި ކުޅިވަރުކުޅެ، ޚިޔާލު ބަދަލުކޮށް، މިހެން ހަދަން ލިބޭ ފުރުޞަތެއް. އެއީ، ޝައްކެއްނެތްގޮތުގައި ވަރަށް ބޭނުންތެރި ފުރުޞަތެއް. އޭގެ ފައިދާ މިހާރުވެސް އަދި ފަހުންވެސް ތިޔަކުދިންނަށް އިޙްސާސް ކުރެވޭނެ. އެކަންއޮތީ އެހެންކަމަށްވުމާއެކު، ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައިވެސް ޒުވާނުންގެ ކޭމްޕްތައް ބާއްވާ. އަދި އެ ކޭމްޕްތަކަށް އެ ޤައުމުތަކުގެ ޒުވާނުންގެ އިތުރަށް، އެހެނިހެން ޤައުމުތަކުގެ ޒުވާނުންނަށްވެސް ދަޢުވަތުދީހަދާ. އެގޮތުގެމަތިން އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ ރަޙްމަތްތެރި ބައެއް ޤައުމުތަކުގެ ޒުވާނުންނަށް މިވަނީ ދަޢުވަތު ދީފައި. އެ ދަޢުވަތު ގަބޫލުކޮށް، މިތަނަށް އައިސްތިބި ބައެއް ޒުވާނުން ތިބިކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަނީ ވަރަށް ޚާއްޞަ އުފަލަކާއެކު. އަދި އެ ހުރިހާ ޒުވާނުންނަށް ރާއްޖޭގެ ފަރާތުން ވަރަށްހޫނު މަރްޙަބާއެއް ކިޔުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

އާދެ، ޒުވާނުންނާ ދޭތެރޭގައި ވާހަކަދައްކާއިރު، މިއަދު ދެ ނުކުތާއެއް ފާހަގަކޮށްލަން އަޅުގަނޑު ގަސްތުކުރަނީ. ވަގުތުކޮޅުވެސް ދަތިކަމާއެކު، މާގިނަވާހަކަ ދެއްކުމަކީ، އެހާ ބޭނުންކަމެއްކަމަށް ނުފެންނާތީ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ކަމަކީ، ޒުވާނުން އަބަދުވެސް އެމީހުން ކަންތައްތައް ކުރަމުން ގެންދަނީ، ކޮން މަޤްޞަދެއްގައިތޯ ވިސްނަންޖެހޭނެއޭ. އަބަދުވެސް ތިމާ ކުރަމުންގެންދާ ކަމެއްގެ މަޤްޞަދު، ތިމާގެ ކުރިމަތީގައި ވަރަށް ސާފުކޮށް އޮޅުމެއްނެތްގޮތުގައި ފެންނަން އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެ މަޤްޞަދު ފެންނަން ނެތިއްޔާ، ތިމާ ގޯޅިއެޅުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، ޒުވާނުން އެމީހުންގެ ކުރިމަތީގައި އޮތް މަޤްޞަދަކީ ކޮބައިތޯ ވިސްނަންޖެހޭނެ. ކޮބައިތޯ ތިމާމެން ވާސިލުވާން ގަސްތުކުރާ ލަނޑުދަނޑިއަކީ.

ޝައްކެއްނެތް، ކޮންމެ އިންސާނަކުވެސް ކުރިއަރަން ބޭނުންވާނެ. އެހެންވީމާ، ޒުވާނުންގެ ކުރިއެރުމަކީ ކޮބައިތޯ ބަލައިލަން އެބަޖެހޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ، ޒުވާނުންގެވެސް އަދި އިންސާނުންގެވެސް އެންމެ ބޭނުންތެރި، އެންމެ މުހިންމު މަޤްޞަދަކީ، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމޭ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތުކުރުން އެއީ، ކޮންމެ އިންސާނެއްގެވެސް އެންމެބޮޑު ބޭނުން. އެ އިންސާނަކީ ކުޑަކުއްޖަކު ކަމުގައިވިޔަސް، ޒުވާނަކު ކަމުގައިވިޔަސް، މުސްކުޅިއަކު ކަމުގައިވިޔަސް، މި މަޤްޞަދަށް ބަދަލެއްނާދޭ.

އެހެންވީމާ، ދެން އަޅުގަނޑުމެން ވިސްނަންޖެހެނީ، ޒުވާނުން މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކަންތައް ކުރަންވީ ކިހިނެއްތޯ، ކޮބައިތޯ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބެވޭނެގޮތަކީ. ކިހިނެއް މަސައްކަތް ކޮށްގެންތޯ، އެ ހިސާބަށް ދެވޭނީ. ޝައްކެއްނެތް، އެންމެފުރަތަމަ ކަމަކަށްވާންޖެހޭނީ، ތިމާ ތަރައްޤީވުން. ތިމާ ތަރައްޤީވުމޭ ބުނާބުނުމުގައި، ވަރަށްގިނަ ތަފާތު ކަންތަކެއް އެކުލެވިގެންވޭ. ﷲ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކަށްވެސް ވަނީ ބާރުތަކެއް ދެއްވާފައި. އޭގެތެރެއިން އެންމެ މުހިންމު ދެ ބާރަކީ، ވިސްނުމުގެ ބާރާއި، ހަށިގަނޑުގެ ބާރު. އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަޅުގަނޑުމެންނަށް ﷲ ދެއްވާފައިމިވާ މުހިންމު ދެބާރު، އެ ދެބާރު ތަރައްޤީކުރުން. ވިސްނުމުގެ ބާރު ތަރައްޤީކުރުން. ހަމައެއާއެކުގައި، ހަށިގަނޑުގެ ބާރުވެސް ތަރައްޤީކުރުން. ވިސްނުމުގެ ބާރު ތަރައްޤީކުރުމުގައި، އެންމެ ބޭނުންތެރިކަމަކީ ތަޢުލީމު. އެކަށީގެންވާ ތަޢުލީމެއް ލިބިގެންނޫނީ، އެއްވެސް އިންސާނަކަށް އޭނާގެ ވިސްނުމުގެ ނުވަތަ ބުއްދީގެ ބާރުތައް ތަރައްޤީއެއް ނުކުރެވޭނެ.

އެހެންވީމާ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދެނީ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއްދީގެން ކުރިއަށް މިގެންދަނީ. އެއީ އެންމެ ފުރަތަމަ އިންސާނާ ތަރުބިއްޔަތުކުރަން ބޭނުންވާ ކަމަކީ ތަޢުލީމު ކަމަށްވާތީ. ތިމާގެ ސިކުނޑި، ތިމާގެ ވިސްނުން، ބޭނުންތެރި މަޢުލޫމާތުތަކުން މުއްސަނދިވެގެން ނޫނީ، ތިމާއަކަށް ތިމާގެ ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނޭނެ. ރަނގަޅު މަގެއްވެސް ނުފެންނާނެ. އެހެންނަމަވެސް، ތިމާގެ ބުއްދީގެ ބާރު ނުވަތަ ސިކުނޑީގެ ބާރު ނުވަތަ ވިސްނުމުގެ ބާރު ތަރައްޤީކުރުމަށް ބޭނުންވާ ކަމަކީ ހަމައެކަނި ރަސްމީ ތަޢުލީމެއް ނޫން. މަދަރުސާތަކުން މި ލިބޭ ތަޢުލީމެއް ނޫން. ތިމާގެ ބުއްދީގެ ބޭނުންކުރުން. އެއީވެސް އެކަމުގެ ވަރަށްބޮޑު ވަސީލަތެއް.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންޖެހެނީ، އެންމެ ފުރަތަމަ އެކަށީގެންވާ ތަޢުލީމެއް ލިބޭތޯ. އެއާއެކުގައި ތަފާތު ކަންތައްތަކުގެ ހުނަރުތައް ދަސްކުރެވޭތޯ. އެއީ ކޮންމެ ޒުވާނަކީވެސް ކޮންމެވެސްއިރެއްގައި ޢަމަލީ ޙަޔާތަށް ނުކުންނަންޖެހޭނެ މީހެއް ނުވަތަ ކުއްޖެއް. އެހެންވީމާ، ތިމާ ޢަމަލީ ޙަޔާތަށް ނުކުންނައިރު، ތިމާ ހުންނަންޖެހޭނީ އެ ޢަމަލީ ޙަޔާތުގައި ފައިދާހުރި ގޮތެއްގައި ބައިވެރިވެވޭނެ ގޮތަކަށް ތިމާގެ ނަފްސު ތައްޔާރުކޮށްގެން. ތަޢުލީމު ހޯދައިގެން. އޭގެ އިތުރަށް، ތިމާކުރަން ބޭނުންވާ މަސައްކަތެއްގެ ހުނަރުވެރިކަން ދަސްކޮށްގެން. މިޒަމާނުގައި ވަރަށް ގިނަ ތަފާތު މަސައްކަތްތައް ކުރެވެން އެބަހުރި. އޭގެތެރޭގައި މުޅިން އާ ކަންތައްތައްވެސް އެބަހުރި. ކުރިން އިންސާނުން ކުރަމުން އައި ކަންތައްތައްވެސް އެބަހުރި. އެއިން ކޮންމެ ކަމެއްވެސް އެންމެ ރަނގަޅު. އެ ޒުވާނަކު އިޚްތިޔާރުކުރާ ރޮނގަކުން ކުރިއަށް ދިޔުމަކީ، އެކުއްޖެއްގެ އިޚްތިޔާރުގައި އޮންނާނޭ ކަމެއް. އެހެންނަމަވެސް ބޭނުމަކީ، އެ ރޮނގެއްގައި ކުރިއަށް ދިޔުމުގެ ހުނަރުވެރިކަން، އެކަމަށް ތައްޔާރުވާ ތައްޔާރުވުން ތިމާއަށް ލިބިފައިވުން. ތަޢުލީމުގެ ގޮތުންނާއި، އެ ބޭނުންތެރި މަސައްކަތް ދަސްކުރުމުގެގޮތުން. އޭރުން ތިމާއަކީ ފައިދާކުރާނެ އުފެއްދުންތެރި މީހަކަށްވާނީ. އެއީ ވަރަށްބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭ ނުކުތާއެއް. ހަމައެއާއެކުގައި، ތިމާ، މީހުންގެތެރޭގައި އުޅޭނެގޮތް ދަސްކުރުން، އެއީވެސް ތިމާގެ ނަފްސު ތަރައްޤީ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް.

އިންސާނާ ދުނިޔެއަށް އަންނައިރު، އޭނާ ކަންތައް ކުރަންވީ ހުރިހާ ގޮތެއް އޭނާއަށް އެނގިފައެއް ނޯންނާނެ. އޭނާ ދަސްކުރަނީ ޖަމާޢަތުން. ޖަމާޢަތުގެ މީހުން އުޅޭގޮތް ފެނުނީމާ، މީހުންގެ ތެރޭގައި އުޅެންވީ ރީތިގޮތާއި ހުތުރުގޮތް ދަސްވަނީ. ހަމައެއާއެކުގައި، އެމީހަކަށް ލިބިފައިވާ ޢަޤީދާއެއްގެ ބާރުންވެސް އެގޮތް އެމީހަކަށް އެނގިގެންދާނެ. އަޅުގަނޑުމެންގެ ޢަޤީދާއަކީ، މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި އަންގަވާފައި އެބައޮތް، އަޅުގަނޑުމެން ޢާއްމުންގެ ތެރޭގައި، މުޖުތަމަޢުގައި އުޅެންވީ ގޮތްތައް. މީހުންނަށް ކަމޭހިތުމާއި، ކޮންމެ އިންސާނަކުވެސް އޭނާ ފިޔަވައި ދެން ތިބި އެހެން އިންސާނުންނަށް ކަމޭހިތުމާއި، އެހެން މީހުންނަށް ލޯބިކުރުމާއި، އެހެން މީހުންގެ ކަންތައްތަކަށް އިސްކަންދިނުމާއި، ތިމާގެ މަޞްލަޙަތު ރައްކާތެރިކުރަން އުޅޭއުޅުމުގައި، އެހެން މީހަކަށް އެއްވެސްކަހަލަ ގެއްލުމެއް، އަނިޔާއެއްވިޔަނުދިނުމާ، މި ހުރިހާ ކަމެއް އެބައޮތް ދީނުގައި. އަނެއްކާ އަޅުގަނޑުމެންގެ ޖަމާޢަތުގެތެރޭގައި، އާދަކާދައިގެގޮތުގައި ނުވަތަ އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ ގޮތުގައިވެސް އެކަންތައްތައް އެބައޮތް.

އެހެންވީމާ، ތިމާގެ ނަފްސު ތަރައްޤީކުރުމުގެ ތެރެއިން ވާކަމެއް، މީހުންގެ ތެރޭގައި އުޅޭނެގޮތް ދަސްކުރުން. އަޅުގަނޑު ހިތުން މިކަހަލަ ކޭމްޕެއްގައި ބައިވެރިވީމާވެސް އެގޮތްތައް ދަސްވަމުންދާނެ. ތިމާ ބޭނުންހާގޮތަކަށް މީހުންގެތެރޭގައި އުޅެގެން ކަމަކުނުދާނެ. އެބަހުރި ރީތިގޮތާއި، ހުތުރުގޮތް. ތިމާ ރައްޓެހި މީހަކު ނުވަތަ އެހެން މީހަކު ނަމަވެސް ފެނިއްޖައީވިއްޔާ، އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައި އޮންނަނީ، "السّلام عليكم" ގޮވާލާށޭ. ކަލެއަށް ސަލާމް ހުއްޓޭ! މާނައަކީ، ކަލެއަށް ޞުލްޙަވެރިކަންހުއްޓޭ! ކަލެއަށް ބާއްޖަވެރިކަންހުއްޓޭ! އެއީ އަޅުގަނޑުމެންގެ ޝުޢޫރަކަށްވާންވާނީ. އިންސާނަކާ ތިމާ ކުރިމަތިވެއްޖިއްޔާ، އެންމެ ފުރަތަމަވެސް ބުނަނީ، ތިމާގެ ފަރާތުން ކަލެއަކަށް ނެތޭ އެއްވެސްކަހަލަ ނުރައްކަލެއް. ތިމާގެ ފަރާތުން ކަލެއަށް އޮތީ ހެވޭ. ކަލެއަށް އޮތީ ޞުލްޙަވެރިކަމޭ. ކަލެއަށް އޮތީ ހެޔޮނަޞީބޭ. ހިތްހެޔޮކަމޭ. އެއީވެސް ޖަމާޢަތުން އަޅުގަނޑުމެންނަށް ދަސްވާކަމެއް. އަދި ދީނުން ދަސްވާކަމެއް. މިނޫންވެސް ކިތަންމެ ކަންތައްތަކެއް، ޖަމާޢަތުގެ ތެރޭގައި އުޅުނީމާ އަޅުގަނޑުމެންނަށް ދަސްވޭ.

އެހެންވީމާ، ތިމާގެ ވިސްނުން ތަރައްޤީކުރުން އަޅުގަނޑު މި ދަންނަވަނީ، އެއީ ބާއްޖަވެރި ދިރިއުޅުމެއް ހޯދޭތޯ ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބައޭ. އޭގެއިތުރުން، ތިމާގެ ހަށިގަނޑުގެ އެހެން ބާރުތައް ތަރައްޤީކުރުންވެސް އެއީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެންވީމާ، އަޅުގަނޑުމެން ކުޅިވަރު ކުޅެނީ. އެހެންވީމާ، އެކި ބާވަތުގެ ކަސްރަތުތައް ދަސްކޮށް، އެކި ޖިސްމާނީ ތަމްރީނުތައް ހަދަނީ. އެއީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް ހަށިގަނޑަކީ. އެ ނިޢުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށްޓަކައި. މި ދެބައި ތަރައްޤީކޮށްގެން ނޫނީ ތިމާއަކަށް ދިރިއުޅުމަކަށް ތައްޔާރެއްނުވެވޭނެ.

ދެން އަޅުގަނޑު މިދެންނެވި މަޤްޞަދު، އެއީ ހަމަޖެހޭ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ހޯދުން. އެއަށް ބޭނުންވާ ކަމަކީ ކޮބައިތޯ ވިސްނާލަން އެބަޖެހޭ. ފުރަތަމަ މި ތައްޔާރުވީ. ތަޢުލީމު ޙާޞިލުކުރީ. މީހުންގެތެރޭގައި އުޅޭނެގޮތްތައް ދަސްކުރީ. އަދި ތިމާ ކުރާނެ މަސައްކަތެއްގެ ހުނަރުވެރިކަން ހޯދީ. ވާހަކައަކީ ތިމާގެ ވިސްނުމުގެ ބާރާއި، ތިމާގެ ޖިސްމާނީ ބާރުތަކުގެ ބޭނުންތައް ތަރައްޤީކުރީ. އެއަށްފަހުގައި ދެން ކުރަންވީ ކީއްތޯ؟ އާދެ، ބައެއް މީހުން ހިތަށްއަރާނެ އުފާވެރި، ބާއްޖަވެރި ޙަޔާތެއް ހޯދުމަށްޓަކައި ކުރަންވީ ކަމަކީ އާމްދަނީ ހޯދޭތޯ މަސައްކަތްކުރަންވީއޭ. އަޅުގަނޑުވެސް އެއްބަސް، އާމްދަނީ ހޯދުމަކީ ބޭނުންކަމެއް. ކޮންމެ މީހަކުވެސް ތިމާގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދެވޭތޯ ބަލާނެ، އަދި ބަލަންވެސްވާނެ. އެއީ ހަމަ ރަނގަޅު ކަމެއް. އެހެންނަމަވެސް، ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް އެބައޮތް. ޚާއްޞަކޮށް ޒުވާނުން. އެއީ، ތިމާގެ ހަމައެކަނި ހަމައެކަނި މަޤްޞަދަކީ، ގިނަ ފައިސާތަކެއް ހޯދުންކަމުގައި ހަދައިފިނަމަ، އެކަންވާނީ ތިމާއަށް ކުރިމަތިވާ ވަރަށް ބޮޑު ބަދުނަޞީބެއް ކަމުގައިކަން. ފުރަތަމަކޮޅުގައި ރަނގަޅުކަމެކޭ ހީވެދާނެ. އެހެންނަމަވެސް، ފަހުން ތިމާގެ މޮޔަކަން ތިމާއަށް އިޙްސާސްނުވެއެއް ނުދާނެ. ބޭނުމަކީ ހަމައެކަނި މުއްސަނދިވުމެއްނޫން. ފައިސާތަކެއް ހޯދުމެއްނޫން. އެއީ، ޙަޤީޤަތުގައި ބޭނުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމަކީ އޮށްޓަރުހުރި، ބޭނުންތެރި އުޅުމެއްކަމަށް ހެދުން.

އެހެންވީމާ، އެކަމަށް ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫން. ނުވަތަ މުދާތަކެއްނޫން. އެކަމަށް ބޭނުން، ވަރަށް ގިނަ އެހެން ކަންތައްތައް. އެކަމަށް ބޭނުންވޭ، ތިމާގެ ޞިއްޙަތު ރަނގަޅަށް ހުރުންވެސް. އެއީ ކިތަންމެ ފައިސާވެރިޔަކަށްވެސް އެމީހާ ބަލިވެއްޖިއްޔާ، ފަސޭހަވާނެ ގޮތެއް ނެތިއްޖިއްޔާ އުޅެންޖެހޭނީ ހިތާމައިގައި. އަދި ފައިސާވެރި، ޞިއްޙަތު ރަނގަޅު މީހަކަށްވެސް، އޭނާގެ ޢާއިލީ ދިރިއުޅުން ބިނާވެފައިވަނީ، ހަމަނުޖެހޭ ކަންތައްތަކެއްގެ މައްޗަށްކަމަށްވަންޏާ، އަބަދުވެސް ދިރިއުޅެންޖެހޭނީ ހިތްދަތިކަމާއެކުގައި. މިކަހަލަ ކިތަންމެ މިސާލެއް ދެއްކިދާނެ. އެހެންވީމާ، އެތަންކޮޅަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. ބޭނުމަކީ ހަމައެކަނި ފައިސާ އެއްކުރުމެއް ނޫންކަން. ބޭނުމަކީ ތިމާއަކީ ފައިދާހުރި، ބޭނުންތެރި، އެހެން މީހުންނަށްވެސް ތިމާގެ ފައިދާކުރާނެ، ތިމާގެ ބޭނުންހިފޭނެ ރަނގަޅު މުވާޠިނަކަށް، ރައްޔިތަކަށްވުންކަން.

އާދެ، މި ވާހަކަ މިހެން ދަންނަވާލަންޖެހޭ ސަބަބަކީ، ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ކުރިމައްޗަށް އަތުވެދާނެ މި މައްސަލަ. ދިރިއުޅުމުގެ ވަކި ހިސާބަކަށް ދިޔައީމާ، މަދަރުސާއިން ކެނޑޭ ދުވަސްވަރު އައިމާ، އެންމެ ފުރަތަމަވެސް ހިތަށް ވަންނާނީ ރިޒޯޓަކަށްދާން. އެއީ ކީއްވެ، އެތަނުން ވަރަށް ރަނގަޅު މުސާރަ ލިބޭނެތީ. އަޅުގަނޑު ނުބުނަން، ރިޒޯޓަކަށް ދިޔުމަކީ ގޯސްކަމެކޭ. އާމްދަނީ ހޯދުމުގެގޮތުން، ތިމާގެ ދިރިއުޅުމެއް ހޯދުމުގެ ގޮތުން ރަނގަޅުކަމެއް. އެހެންނަމަވެސް، ހަމައެކަނި ބޭނުމަކީ އެއީ، ކަމަށް ވެގެންނުވާނެއޭ އަޅުގަނޑު މި ބުނަނީ. އޭގެ އިތުރުން، އެބަހުއްޓޭ ވަރަށްގިނަ އިޖުތިމާޢީ އަދި އެނޫންވެސް ކަންތައްތައް، ތިމާ އެކަންކަމަށް ސަމާލުކަން ދޭންޖެހޭނެ. އެކަންކަމުގެ ސަބަބުން ތިމާގެ ދިރިއުޅުން މުއްސަނދިވެ، ދިރިއުޅުމުގެ އޮށްޓަރު ހެޔޮވާނެ ކިތަންމެ ކަމެއް އެބަހުރި. ހަމައެކަނި ފައިސާއަކުން ނުވާނެ. އެހެންވީމާ، އެ ނުކުތާ ވަރަށްބޮޑަށް ޒުވާނުން ހިތަށް ގެންނަންޖެހޭނެ.

ދެން އަޅުގަނޑު މިއަދުގެ ވާހަކަކޮޅުގައި ފާހަގަކޮށްލަން ބޭނުންވި އަނެއް ނުކުތާއަކީ، މިއަހަރު މިއީ ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރު ކަމަށްވާތީ، ޒުވާނުންގެ އަހަރުގެ މޮޓޯގެ ތެރޭގައި އެބައޮވޭ، ވަރަށް މުހިންމު ލަފްޒެއް، ބަހެއް. އެއީ "ބައިވެރިވުން". އެ ބުނާ ބައިވެރިވުމަކީ ކޮބައިތޯ؟ ޝައްކެއްނެތް، އެ ބުނާ ބައިވެރިވުމަކީ، ތިމާ ޖަމާޢަތުގެ ކަންތައްތަކުގައި ބައިވެރިވުން. ޤައުމުގެ ކަންތައްތަކުގައި ބައިވެރިވުން. މިއީ، އަޅުގަނޑު ކުރިން މި ދެއްކި ވާހަކައަށް ވަރަށްބޮޑު ތާއީދެއް ލިބިދޭކަމެއް. އެހެންވީމާ، އެއްވެސް އިންސާނަކު ދުނިޔޭގައި ދިރިއުޅެނީ، އެމީހާ އަމިއްލައަށް ކަންތައްތައް ކޮށްގެން، އެމީހާގެ އުފާތަކެއް ޙާޞިލުކޮށްގެން މަރުވެދާކަށެއް ނޫން. އެމީހާ ދުނިޔޭގައި އެ އުޅެނީ، ތިމާގެ އަމިއްލަ ދިރިއުޅުން ތަރައްޤީކުރުމާއެކު، ތިމާގެ ސަބަބުން އެހެން މީހުންނަށްވެސް ފައިދާތަކެއް، ތިމާގެ މުޖުތަމަޢަށްވެސް ފައިދާތަކެއް، ތިމާގެ ޤައުމަށްވެސް ފައިދާތަކެއް ހޯދައިދިނުމަށްޓަކައި.

އެހެންވީމާ، ޤައުމީ ކަންތައްތަކުގައި ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ގޮތުންވެސް މިފަހަރުގެ މޮޓޯގައި ހަމަޖެހިފައިވާ ކަމެއް. އަދި އެއީ ކޮންމެހެން ބޭނުންކަމެއް. އެއްވެސް ޤައުމެއްގައި، އެ ޖަމާޢަތުގެ އެންމެން ޤައުމުގެ ކަންތައްތަކުގައި ބައިވެރިވެގެންނޫނީ ކުރިއަކަށްނުދެވޭނެ. އާދެ، ޒުވާނުންގެ ކުރިމަތީގައި ވަރަށްކައިރި މިސާލެއްވެސް އަޅުގަނޑަށް ދަންނަވާލެވިދާނެ. އެއީ، މިހާރު މި އަހަރުގެ ފުޓްބޯޅަ މުބާރާތް ނިމިގެން އަޅުގަނޑުމެން މިހާރު މި ކުރިމަތިލަނީ، ޤައުމީ ބައެއް މުބާރާތްތައް ކުޅެން. މެޗުތަކެއް ކުޅެން. ބޭރުގެ ބައެއް ޓީމުތައް އެބައާދޭ، ރާއްޖެއާ އެކީގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ކުޅެން. އެހެންވީމާ، އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހަނދާންނައްތާލައިގެންވާނެ ކަމެއްނޫން.

ޒުވާނުން، އެކުދިން އެ ކްލަބުތަކެއްގައި ހިމެނޭ ކްލަބުތަކަށް ކުޅެދިންކަމުގައިވިޔަސް، ޤައުމާބެހޭ ކަމެއް އައިމާ، އެކަމަށްވާނެ ވަރަށްބޮޑު އިސްކަމެއްދޭން. އެކަމަށް ފަސްޖެހުމަކީ އެއީ، ވަރަށް ނޭދެވޭކަމެއް. ދުނިޔޭގެ އެހެން ތަންތާނގައި، ޤައުމީ ޓީމަށް އެއްވެސް ކުޅިވަރެއްގައި ތިމާ ނެގޭގޮތްވުމަކީ، ތިމާއަށް ލިބޭ ވަރަށްބޮޑު ޝަރަފެއްކަމުގައި އެމީހުން ދެކެނީ. އުފަލުން ގޮތެއްވެސް ނުހުންނާނެ. އެއްވެސް ޒުވާނަކު، އެއްވެސް ކުޅިވަރެއްގައި ޤައުމީ ޓީމަށް ހޮވިއްޖިއްޔާ، އޭގެ މާނައަކީ، އެއީ އެމީހާގެ މޭމަތީގައި ޖެހުނު ނިޝާނެކޭ. އެމީހާގެ ނިތްކުރީގައި، އެ ކުއްޖާގެ ނިތްކުރީގައި ޖެހުނު ޤައުމީ ނިޝާނެކޭ. އެހެންވީމާ، އެ ނިޝާން ހޯދައިގަތުމަށްޓަކައި، އެ ތަށި ލިބިގަތުމަށްޓަކައި، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޒުވާނުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ، އެ ފަޚުރު ހޯދުމަށްޓަކައި. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަން އޮންނަންޖެހޭނީ އެހެން. އަޅުގަނޑުމެން އެކަން ދެކެންޖެހޭނީ ފަޚްރަކަށް. ތިމާގެ ޤައުމު ތަމްސީލުކުރުމުގެ ފުރުޞަތު ތިމާއަށް ލިބުން. އެހެންވީމާ، އަދި ފުޓްބޯޅަ މުބާރާތުގައި ތިމާގެ ކްލަބަށް ކިތަންމެ ވަފާތެރިކަމާއި ތެދުވެރިކަމާއެކު ކުޅެ ޚިދުމަތްކޮށްދިން ކަމުގައިވިޔަސް، ތިމާގެ ޤައުމީ މަސްއޫލިއްޔަތު އެ ހިސާބުން އެ ނިމުނީކީނޫން. ޤައުމީ ޓީމަށް ނެގިއްޖައީވިއްޔާ، އެޓީމަށް ކުޅެންވެސް ތިމާ ބަހައްޓަންޖެހޭނީ، ކުރިން ކްލަބަށް ބެހެއްޓި އަހަންމިއްޔަތަށްވުރެވެސް މާބޮޑު އަހަންމިއްޔަތެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ގަސްތެއްނުކުރަން. އަދިވެސް އެއްފަހަރު، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް، މި އަހަރުގެ މުނާސަބަތުގައި އުފާފާގަތިކަމަށް އެދެން. ހެޔޮދުޢާ ކުރަން. الله سبحانه وتعالى އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންނަށް ތެދުމަގު ދައްކަވާށި! އެކުދިންގެ ޤައުމަށް ފައިދާހުރި މަގުގައި ހިނގުމުގެ ހެޔޮތައުފީޤު އެކުދިންނަށް ދެއްވާށި! އަދި ޒުވާނުންނަކީ ޤައުމަށް އެއްދުވަހުން އަނެއް ދުވަހަށް މަތިވެރި ފައިދާތަކެއް ކުރާނެ ބައެއްކަމުގައި ލައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.