بســم اللّـه الرّحمـن الرّحيــم

އާދެ، އަޅުގަނޑު މިރޭ މިތަނަށް މިއައީ ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. އެއީ، ދެވަނަ އިންޑިއަން އޯޝަން ގޭމްސް އަށް ދިވެހިރާއްޖެއިންދާ ކުޅުންތެރިންނާއި އަދި އެ ކުޅުންތެރިންގެ ކަންތައްތައް ބެލެހެއްޓެވުމަށް ވަޑައިގަންނަވާ އޮފިޝަލުންނާ ބައްދަލުކޮށްލުމުގެ އުފާ ޙާޞިލުކުރަން.

ތިޔަ ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިންވެސް ރާއްޖެއިން ބޭރަށްދާ ދިވެހި ޓީމުތަކާ އަޅުގަނޑު ބައްދަލުކުރަމުން ގެންގޮސްފައިވާނެ. އަދި އެ ބައްދަލުކުރުމުގައި އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހިސާބަކަށް ވާހަކަވެސް ދައްކާފައިވާނެ. އެހެންކަމާއެކު، މިފަހަރުގެ މި ދަތުރަކީ ވަރަށް މުހިންމު ދަތުރަކަށްވާތީ، މި ދަތުރުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނާއި އަދި އެ ކުޅުންތެރިންނާއެކު ވަޑައިގަންނަވާ އޮފިޝަލުންނާ، މި ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލައި، ކޮންމެވެސް އެއްޗެއް ދަންނަވައިލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކޭތީ، މިރޭ އަޅުގަނޑު މިތަނަށް މިއައީ.

އާދެ، ދަތުރަށް ތައްޔާރުވުމުގެ ގޮތުން، އެކިއެކި ޓީމުތަކުގެ ކޯޗުންނާއި އަދި ކުޅުންތެރިން މަސައްކަތް ކުރަމުންދިޔަގޮތް، ދެންމެ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު ކިޔައިދެއްވައިފި. ޝައްކެއްނެތްގޮތުގައި، ކޯޗުންނާއި އަދި ކުޅުންތެރިން މި މުބާރާތަށް ފަރިތަކުރަމުން ގެންގޮސްފައިވަނީ އެންމެ އެދެވޭ ގޮތުގައި.

އާދެ، މި ދަތުރަކީ މުހިންމު ދަތުރެއް ކަމުގައިވިޔަސް، އަޅުގަނޑު ދަންނަވަން އޮތް އެއްޗަކީ، މި ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެޔޭ. މިހާރު އަޅުގަނޑުމެންގެ ތެރެއިން ބޭރު ޤައުމުތަކަށް ގޮސް، އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ވަރަށް ރަނގަޅަށް އެނގޭނެ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ކުޅިވަރުގެ ފެންވަރާއި، ބޭރު ދުނިޔޭގެ ކުޅިވަރުގެ ފެންވަރާ ހުރި ތަފާތު. އެހެންވީމާ، އަޅުގަނޑުމެން މިދާ ދަތުރަކީވެސް މާފަސޭހައިން ކާމިޔާބުތަކެއް ޙާޞިލުކުރެވޭނެ ދަތުރެއް ކަމުގައި އަޅުގަނޑު ހިތުން ދަތުރުގައި ބައިވެރިވާ އެއްވެސް ކުޅުންތެރިޔަކު އަދި އެއްވެސް އޮފިޝަލަކުވެސް ދެކެވަޑައެއްނުގަންނަވާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ނާއުންމީދުވާންވީ ކަމެއްނޫން. ހިތްވަރު ދެރަވާންވީ ކަމެއްނޫން. އަޅުގަނޑުމެން އަދި މިތިބީ ކުޅިވަރުގެ މައިދާނުގައި، އޭގެ އެންމެ ފުރަތަމަ ފިޔަވަޅު އެޅުމުގެ މަގުމަތީގައި. އަދި ކިރިޔާ އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކަންކަމަށް މި ނުކުންނަނީ ކުޅިވަރުގެ މައިދާނުގައި.

އެހެންވީމާ، ތަޖުރިބާގެ ގޮތުންނާއި، އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެންނަށް އަދި މާބޮޑުކަމެއް ކުރެވިފައެއް ނުހުންނާނެ. އެހެންވުމާއެކު، އެކިއެކި މެޗުތަކުގައި އަޅުގަނޑުމެން އެދޭގޮތަށް ކާމިޔާބީ ނުހޯދުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެހެންނަމަވެސް، އެކަމުން އަޅުގަނޑުމެން ފިލާވަޅެއް ލިބިގަނެގެން، މުސްތަޤްބަލުގައި އަޅުގަނޑުމެން އެ ކުޅިވަރެއް ކުޅޭގޮތަށް ތަރައްޤީތަކެއް ލިބެމުން ހިނގައްޖެ ކަމަށްވަންޏާ، މިފަދަ ދަތުރުތަކުގެ ބޭނުން އޮންނާނީ ޙާޞިލުވެފައި.

އާދެ، މީގެކުރިންވެސް މިކަހަލަ ބައެއް މުނާސަބަތުތަކުގައި އަޅުގަނޑު ބުނެފައިވާ ފަދައިން، ކުޅިވަރަކީ މިހާރު ކުޅިވަރުކަމެއްނޫން. ކުޅިވަރަކީ ކުޅޭކުޅޭ ކަމެއްނޫން. ކުޅިވަރަކީ ވަރަށް މުހިންމު ކަމަކަށް މިއަދުގެ ދުނިޔޭގައި ވެއްޖެ. ބައިނަލްއަޤްވާމީ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި، އެކިއެކި މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ލިބެމުންދަނީ ބައިނަލްއަޤްވާމީ ގޮތުން ވަރަށްމަތީ ތާރީފަކާއި މުބާރަކުބާދީއެއް. އަދި ކުޅިވަރުގެ މައިދާނަކީ ތިމާގެ ޤައުމުގެ ހުރި ކުޅަދާނަކަމަކާއި، ޤައުމުގައި ހުރި ޤައުމީ ރޫޙުގެ ބޮޑުކަމަކާއި އަދި ކުރިއެރުމަށް ޤައުމުގެ މީހުން ލޯބިކުރާ މިންވަރާ، މި ހުރިހާ ކަމެއް ދައްކައިދޭ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާންނައްތާލައިގެން ނުވާނެ، އަޅުގަނޑުމެން މިދަނީ ކުޅިވަރު މުބާރާތެއްގައި ބައިވެރިވާން ކަމުގައިވިޔަސް، މިއީ ކުޅިވަރު ކަމެކޭ، އެހެން ހިތަށްއަރައިގެންނުވާނެ. އަޅުގަނޑުމެން މިދަނީ ވަރަށް މުހިންމު ޤައުމީ ބޭނުމެއް ފުއްދާށޭ، އަޅުގަނޑުމެންގެ ކޮންމެ ކުއްޖެއްގެ ހިތުގައި އޮންނަންވާނީ. އަދި ވަޑައިގަންނަވާ އޮފިޝަލުންވެސް ދެކެވަޑައިގަންނަވަންވާނީ، މި ދަތުރަކީ ޤައުމީ ބޭނުންތެރި މުހިންމު ދަތުރެއް ކަމުގައި.

އާދެ، ދެންމެ ޒާހިރު ނަޞީރުގެ ވާހަކަފުޅުގައި، އެ ވިދާޅުވިފަދައިން، މީގެކުރިންވެސް އަޅުގަނޑުމެން މި އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ކުޅިވަރު މުބާރާތުގައި ވަނީ ބައިވެރިވެފައި. އޭގެ ފުރަތަމަ މުބާރާތުގައި ބައިވެރިވިން. ދިވެހިރާއްޖޭގެ ފަރާތުން ޓީމެއް ބައިވެރިވިކަމަށް އަޅުގަނޑަށް އެނގިފައިވަނީ. މިފަހަރު މިއީ އޭގެ ދެވަނަ މުބާރާތް މި ބޭއްވެނީ. މި މުބާރާތުގައި އަޅުގަނޑުމެން އެ 5 ކުޅިވަރުގައި ބައިވެރިއެއްނުވަމު. އެއީ އަޅުގަނޑުމެންނަށް އެ ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމަކީ، އަދި މިވަގުތަށް ކުރެވޭވަރު ކަމަކަށްނުވާތީ. މިފަހަރު އަޅުގަނޑުމެން މި ބައިވެރިވަނީ، ދެންމެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އެ އިޝާރާތް ކުރެއްވި ފަދައިން، ފުޓްބޯޅައިގަޔާއި ޓޭބަލްޓެނިސް، އަދި ބެޑްމިންގޓަންގައި. މިއިން ކޮންމެ ކުޅިވަރަކީވެސް ރާއްޖޭގައި ވަރަށް މަޤްބޫލު ކުޅިވަރެއް.

ޝައްކެއްނެތް. ފުޓްބޯޅައަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް މަޤްބޫލު، ހުރިހާ އެންމެންވެސް އެންމެ ލޯބިކުރާ ކުޅިވަރު. އެހެންނަމަވެސް، ފުޓްބޯޅައިގެ އިތުރަށް، ދެން އަޅުގަނޑުމެން މިފަހަރު ޓީމުތައް މި ފޮނުވާ ކުޅިވަރުތަކަކީ، އާދެ، ބެޑްމިންގޓަނާއި ޓޭބަލްޓެނިހަކީވެސް ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި ކުޅޭ އަދި ފުޓްބޯޅައާ އެއްވަރު ދަރަޖަޔަކަށް އޭގެ މަޤްބޫލިއްޔަތު ނުދިޔަ ކަމުގައިވިޔަސް، މީހުން ގާތުގައި ހަމަ ވަރަށް މަޤްބޫލު ކުޅިވަރެއް. ރާއްޖޭގައިވެސް އަދި އަޅުގަނޑަށް ހީވާގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށްދެވޭގޮތްވެސް ފުޓްބޯޅައަށްވުރެ މާފަސޭހައިން އެކަހަލަ ކުޅިވަރުތަކުގައި އޮންނާނީ ޙާޞިލުކުރެވެން. އެއީ ފުޓްބޯޅައަކީ މާމަތީ ތައްޔާރުތަކެއް ބޭނުންވާ ކުޅިވަރެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ނެތްކަހަލަ ފަސޭހަތައް، ފުޓްބޯޅައިގައި ކުރިއަށް ދިޔުމަށް ބޭނުންވޭ. ބައިވަރު ދަނޑުތައް ބޭނުންވޭ. އެކަށީގެންވާ ކޯޗުން ތިބެން ބޭނުންވޭ. އެކަމަށް ހުސްވެގެން ތިބޭ ކުޅުންތެރިންތަކެއް ބޭނުންވޭ. ވަރަށްމަތީ ޢަދަދަކަށް ފައިސާ ޚަރަދުކުރަންޖެހޭ. މިހެންގޮސް އަޅުގަނޑުމެންނަށް އަދި ވާން ނެތް ކިތަންމެ ކަމެއް ފުޓްބޯޅައިގެ ދާއިރާގައި ކޮށްގެން ނޫނީ، އޭގައި އެއްގޮތަކަށްވެސް ކުރިއަށްދެވޭކަށް ނޯވޭ. އެއާ ޚިލާފަށް، އެހެން ބައެއް ކުޅިވަރުތަކަކީ، ތަންކޮޅެއް ތަފާތުކޮށް ހުރި ކުޅިވަރުތަކެއް. އެހެންވީމާ، އެ ކުޅިވަރުތަކުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭގޮތްވުމަކީ، ފުޓްބޯޅަޔަށްވުރެ ތަންކޮޅެއް ކައިރީގައި އޮންނާނެ ކަމެއް ކަމަށް އަޅުގަނޑުގެ ހިތަށް ފެނޭ.

އާދެ، ކޮންމެއަކަސް ބޭނުމަކީ އަޅުގަނޑުމެންގެ ރާއްޖެ ރަނގަޅު ގޮތެއްގައި ތަމްސީލު ކުރެވޭތޯ ބެލުން. ކުޅޭ ކޮންމެ މެޗެއްގައި މޮޅެއްނުވާނެ. އެހެންނަމަވެސް، ކޮންމެ މެޗަކަށް ތައްޔާރުވެގެން ނުކުންނައިރު ނުކުންނަންވާނީ، ހަމަ މޮޅުވާނެކަމުގެ އުންމީދުގައި. އެއްވެސް މުބާރާތަކަށް، އެއްވެސް މެޗަކަށް ނުކުންނައިރު، ދެރަވެދާނެ ކަމުގެ ޝުޢޫރެއް، ތިމާގެ ހިތުގައި އޮވެއްޖެނަމަ، ޔަޤީން ދެރަވާނެކަން. އެހެނެއްނޫން، މޮޅުވާނެކަމުގެ އުންމީދު އޮވެގެން ނުކުމެއްޖައީވިއްޔާ، ފަހަރެއްގައި މޮޅުވުމަކީ ހަމަ ވަރަށް ކައިރީގައި އޮވެދާނެ ކަމެއް.

އެހެންވީމާ، ކޮންމެ ޓީމެއްގެ ކުޅުންތެރިންވެސް، ކޮންމެ މެޗަކަށް ނުކުންނައިރުވެސް، އަޅުގަނޑު ދަންނަވާނީ، މޮޅުވާނެ ކަމުގެ އުންމީދު، ކުޅުންތެރިންގެ ހިތްތަކުގައި އޮންނަންވާނެއޭ. މަސައްކަތް ކުރަންވާނީ މޮޅުވާނެ ކަމަށް ބަލައިގެން. އެއީ އެއްގޮތަކަށްވެސް މުސްތަޙީލު ކަމެއް ނޫންކަމުގައި ދެކެގެން. މަސައްކަތް ކޮށްގެން މޮޅުނުވެއްޖިއްޔާ، ދެން ކުރާނެ ކަމެއްނެތް. އަޅުގަނޑުމެން ކާމިޔާބީއާއި އަދި ނާކާމިޔާބީއާވެސް ކުރިމަތިލާންވާނީ ހިނިތުންވުމާ އެކުގައި، އެގޮތް ޤަބޫލުކޮށްގެން. ދެރަވީމަކާ އެއީ ހިތްވަރު އެލެންވީ ކަމެއްނޫން. އަދި އެއް މެޗުން ދެރަވިޔަސް، ދެން އަންނަ މެޗަށް ތައްޔާރުވާއިރުވެސް ހަމަ ތައްޔާރުވާންޖެހޭނީ މޮޅުވާނެކަމުގެ އުންމީދުގައި. އެއީ ކުޅިވަރު ކުޅުމުގެ ހުރިހާވެސް ބޭނުމަކީ. ހުރިހާވެސް މަޤްޞަދަކީ ތިމާގެ ހިތުގައި ވަރުގަދަ ޢަޒުމެއް އޮތުން. ކޮންމެ ކަމަކަށް ކުރިމަތިލާއިރުވެސް، އެކަމެއް ކާމިޔާބު ކުރެވިދާނެ ކަމުގެ ޢަޒުމާއި ޔަޤީންކަން ހިތުގައި އޮތުން އެއީ ކުޅިވަރުގެ ބޭނުމަކީ. އެއިން ހޯދަންވީ ޢިބްރަތަކީ. އެހެންވީމާ، އަދި ނަތީޖާ ކޮންމެ ގޮތެއްގައި ދެއްކި ކަމުގައިވިޔަސް، ކުޅިވަރު ދަނޑަށް ފައިބަންވާނީ، މި ދެންނެވި މަތިވެރި އުންމީދާއި، ވަރުގަދަ ޢަޒުމް، ކޮންމެ ކުޅުންތެރިޔެއްގެވެސް ހިތުގައި އޮވެގެން.

އާދެ، ކޮންމެއަކަސް މެޗަކުން ކާމިޔާބު ވެއްޖިއްޔާ، ޝައްކެއްނެތްގޮތުގައި، އެއީ ތިޔަކުދިންނަށްވެސް އަދި ތިޔަކުދިން ތިޔަ ތަމްސީލުކުރާ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެއަށްވެސް ލިބޭ ވަރަށްބޮޑު ފަޚްރެއް ކަމުގައިވާނެ. އެހެންވީމާ، ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަންވާނެ، ދަނޑުގައި ނުވަތަ އެ ކުޅިވަރު ކުޅޭ ކޯޓުގައި އެކަށީގެންވާ ގޮތެއްގައި ހިތްވަރު ކުރެވޭތޯ. މޮޅުވުމާއި ދެރަވުމަކީ، އެ މެޗެއް ކުޅެވެމުންދާ ގޮތުގެ މައްޗަށް ބިނާވެފައިވާ ކަމެއް. އެއީ، އެ ކުޅޭ މީހުންގެ އަތުގައި އޮތް ކަމެއް ނޫން. އެކަމަށް މަސައްކަތް ކުރުން އެއީ، ކުޅުންތެރިންގެ އަތުގައި އޮތް ކަމަކީ. އެހެންވީމާ، ހުރިހާ ކުދިންވެސް، ހުރިހާ ކުޅިވަރެއްގައިވެސް ބައިވެރިވާންވާނީ، މޮޅުވެދާނެ ކަމުގެ އުންމީދުގައި.

އާދެ، ދެން ކުޅިވަރާ ބެހޭގޮތުންވެސް އަދި އެހެން އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ ކޮންމެ ކަމެއްގައިވެސް ކުރިއެރުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް ހުރޭ. ތަޢުލީމުގެ މައިދާނުގައި އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ނަމަވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އެހެންވީމާ، ހަމަ އެގޮތުގެ މަތިން، ކުޅިވަރުގެ ރޮނގުގައި ކުރިއަށްދާން ބޭނުންވާ ނަމަވެސް ކުރަންޖެހޭނެ ކަންތައްތަކެއް ހުންނާނެ. އޭގެތެރެއިން ކުޅިވަރުގެ ރޮނގުގައި އެންމެ މުހިންމު ކަމެއް ކަމަށް އެންމެންވެސް ފާހަގަކުރާ ކަމަކީ، ތިމާގެ ހަށިގަނޑު ރަނގަޅަށް ހުރުން. ކުޅިވަރު ކުޅޭ މީހާގެ ހަށިގަނޑު އެކަށީގެންވާ ގޮތަކަށް ތަރުބިއްޔަތުވެފައި ހުރުން. އެއީ ގެއެއް ނުވަތަ ޢިމާރާތެއް ރާނާއިރު ބޭނުންވާ އެއްޗަކީ، ގަލާއި ވެއްޔާ ކަމަށްވަންޏާ، ކުޅިވަރުގެ ރޮނގުގައި ކުރިއަށް ދިޔުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ސަލާމަތުން ހުރި ޞިއްޙަތު ރަނގަޅު ހަށިގަނޑެއް. އެއީ އެންމެ ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ. ކުޅިވަރު ކުޅޭ ކޮންމެ ކުއްޖަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކުއްޖާގެ ހަށިގަނޑަށް. ރަނގަޅު ގޮތުގައި އެ ހަށިގަނޑުގެ ބާރުތައް ވަރުގަދަކޮށް، ހަށިގަނޑުގެ ގުނަވަންތައްވެސް ވަރުގަދަކޮށް، އެ ހަށިގަނޑުން އަދާކުރަންޖެހޭ ބައި، ކުޅިވަރުގެ ދަނޑުގައި އަދާކުރެވޭގޮތަށް، ތިމާގެ ހަށިގަނޑު ތަރައްޤީ ކުރެވޭތޯ. އެހެންވާނީ އެންމެ ފުރަތަމަ ރަނގަޅު ކާނާ، ހަށިގަނޑަށް ފައިދާހުރި ކާއެއްޗެތި ކައިގެން. މާމޮޅު އެއްޗެތި ކަމުގައިނުވިޔަސް، މާގިނައިން ނޫންނަމަވެސް، ހުރިހާ ކުދިންނަށްވެސް އެނގޭނެ، ކޮންކަހަލަ އެއްޗެއްސެއްކަން ހަށިގަނޑަށް ފައިދާހުރީ.

އެހެންވީމާ، އެކަހަލަ އެއްޗެތި ކެއުން އެއީ ބޭނުންކަމެއް. ހަމަ އެއާއެކުގައި އެކަށީގެންވާ ތަމްރީނު ހޯދުން. އެކްސަރސައިޒް ކުރުން. ކޮންމެ ކުޅިވަރެއްވެސް ކުޅެވޭނީ، އެކަމަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނުކޮށްގެން. ހަށިގަނޑު ފުރިހަމަކޮށްގެން. ބާރުތައް ތަރައްޤީކޮށްގެން. އެހެންވީމާ، ހަށިގަނޑަށް ބޭނުންވާ ކަސްރަތު އަދި ތަމްރީނު، ޤަވާޢިދުން ކުރަންޖެހޭނެ. އޭގެއިތުރަށް، ފުދޭވަރަށް އަރާމުވެސް ހޯދަންޖެހޭނެ. ހަށިގަނޑަކީ އަރާމު ލިބިގެން ނޫނީ ތަރައްޤީނުވާނެ އެއްޗެއް. އެހެންވީމާ، އެކަށީގެންވާ ގޮތަކަށް ނިދީގެ ކަންތައް ހަމަޖައްސަންޖެހޭނެ. ރޭގަނޑު އަވަހަށް ނިދާ، ފަތިހު އަވަހަށް ހޭލާ، އެކަހަލަ އާދަ، ރަނގަޅު އާދަ ހިފައިގެން ނޫނީ ހަށިގަނޑު ސަލާމަތަކުން ނުބެލެހެއްޓޭނެ. ހަށިގަނޑުގެ ބާރުތައްވެސް އެކަށީގެންވާ ގޮތުގައި ދެމެހެއްޓޭގޮތެއް ނުވާނެ.

ހަމައެއާއެކު، ޞިއްޙަތަށް ގެއްލުންދޭކަހަލަ އާދަތަކުން އެއްކިބާވެވޭތޯވެސް ބަލަންވާނެ. ދުންފަތުގެ އިސްތިޢުމާލު ކުރުމާ، އެކަހަލަ ކަންތައްތަކަކީ ވަރަށް އަވަހަށް ހަށިގަނޑު ދެރަކޮށްލާ ކަންތައްތައް. ކުޅިވަރުގެ މައިދާނުގައި ޙަޤީޤަތުގައިވެސް ކުރިއަށްދާންވާ ކުއްޖަކުވިއްޔާ، ދުންފަތުގެ އިސްތިޢުމާލުކޮށްގެން، އަޅުގަނޑު ދަންނަވާނީ ކުރިއަކަށް ނުދެވޭނެއޭ. އެކަންތައްތަކަކީ މި ހުންނަނީ ހިސާބު ނަންބަރެއްހެން ހުންނަ ކަންތައްތައް. އެކަކާ އެކަކާ އެއްކޮށްލީމާ ދޭއް ނުކުންނަހެން، އަޅުގަނޑު މި ދެންނެވި ކަންތައްތައް އެއްކޮށްލީމާ، ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިޔުން، އޭގެ ނަތީޖާއެއްގެ ގޮތުގައި ދައްކާނެ. އެއްވެސް ޝައްކެއް ހުރިކަމެއް ނޫން އެއީކީ.

އެހެންވީމާ، ޙަޤީޤަތުގައިވެސް ކުޅިވަރުގެ ދަނޑުގައި ކުރިއަށްދާން ބޭނުންކަމަށްވަންޏާ، ތިމާގެ ހަށިގަނޑު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެން އެކިއެކި މެޗުތަކުގައި ކުޅެން މިދާއިރުވެސް، އެ ބައިވެރިވާ ކުދިންނަށް މި ޙަޤީޤަތް އޮންނާނީ ވަރަށް ރަނގަޅަށް އެނގިފައި މިހާރު. އަޅުގަނޑުމެންގެ ހަށިތަކާއި، ބޭރު ޤައުމުތަކުގެ ޓީމުތަކުގެ ހަށިތަކާ އަޅައިބަލާއިރު، ވަރަށް ތަފާތު. އާދެ، އޭގައި ޤުދްރަތީ ގޮތުން ދިމާވާ ކަންތައްތައްވެސް އެބަހުރި. މިސާލަކަށް، މީހާގެ އިސްކޮޅު. އެއީ ދެން މީހަކު އެއާ ދޭތެރޭގައި ކުރާނެ ކަމެއް ނޯންނާނެ. އެހެންނަމަވެސް، އެ ތަފާތު ހުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުޅިވަރުގެ މައިދާނުގައި ކުރިއަށް ނުދެވޭގޮތްވޭ. ޚާއްޞަކޮށް، ޓީމުތަކުގެ ކުޅިވަރު ކަހަލަ، ފުޓްބޯޅަ ކަހަލަ ކުޅިވަރުތަކުގައި ހަމަ އިސްކޮޅުން ދިގު ބޮޑެތި ވަރުގަދަ މީހުން ޓީމުގައި ތިބީމާ، އެންމެފަހުން ކުރިއަށްދަނީ. ކިތަންމެ ފަންނާނީ ޙަރަކާތްތަކެއް ލިބިފައިވާ މީހަކުވެސް، އެމީހަކީ ބަލިކަށި މީހެއް ކަމުގައިވަންޏާ، މި ޒަމާނުގެ ފުޓްބޯޅަ ދަނޑެއްގައި ކެތެއްނުކުރެވޭނެ. އެއްވެސް ކުރިއެއް ނުހޯދޭނެ. އެހެންވީމާ، ހަށިގަނޑު ސަލާމަތުން ހުރުން އަދި ހަށިގަނޑު ވަރުގަދަކުރުން އެއީ، ކޮންމެހެން ބޭނުންކަމެއް.

ދެން އޮތް ކަމަކީ އެކަމަކަށް އެކަށީގެންވާވަރަކަށް ތަމްރީނު ކުރުން. އެ ތަމްރީނު ކުރުމުގައިވެސް، އެ ރަނގަޅުގޮތާއި ނުބައިގޮތް އޮވޭ. އެހެންވީމާ، އަޅުގަނޑުމެން ކޯޗުން ހޯދަންޖެހެނީ. އެކުއްޖަކު ހިތަށްއަރާގޮތަކަށް، އެ ކުޅިވަރަކަށް ތަމްރީނުކޮށްގެން، ފަރިތަކޮށްގެން ކުރިއަކަށް ނުދެވޭނެ. ކޮންމެ ކުޅިވަރެއްވެސް، ހަމަ އޭގެ އަލިފުބާއިން ފަށަންޖެހޭނީ. އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީވެސް ރަނގަޅަށް. ނުބައިކޮށް ފުރަތަމަ ފިޔަވަޅު އެޅުނަސް، ދެން ފަހުން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ފިޔަވަޅު އޮންނާނީ ރަނގަޅު ނުކުރެވިފައި.

އެހެންވީމާ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުޅިވަރު، އެންމެ ފުރަތަމަ މަދަރުސާއިން ފަށަނީ. ޢުމުރުން ހައެއްކަ އަހަރުގެ ކުދިން، އެންމެ ފުރަތަމަ މި ނަގަނީ އެކި ކުޅިވަރުތައް ކުޅެން. ދެން އެ ކުދިންނަށް އެންމެ ފުރަތަމަވެސް ރަނގަޅުގޮތް ދަސްކޮށްދީގެން ގެންދިޔައިމާ، އެ ކުދިން ބޮޑެތިވާއިރު، ރަނގަޅަށް ކުޅެން ދަސްވެފައި ހުންނަނީ. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އެގޮތަކަށް މުޅިން އެކަމެއް ހަމައެއްނުޖެހޭ. އެއީ، އަޅުގަނޑުމެން ހުރިހާ ކަމަކަށްވެސް މި ހޭލައިގަތީ ވަރަށްފަހުން. އެހެންވީމާ، ކުޅިވަރުގެ ދަނޑަށްވެސް އަޅުގަނޑުމެންނަށް ހޭލައިގަނެވުނުއިރު، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ އެކިގޮތްގޮތަށް ކުޅިވަރު ކުޅެ، އެކި ގޮތްގޮތަށް ފަރިތަވެފައި ތިބި މީހުން. އެމީހުންގެ އެ އާދަވެފައި ހުރި ގޮތްތައް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫން. މުސްތަޤްބަލަށް ވިސްނަންޏާ، އަޅުގަނޑުމެން ހަމަ ކުޑަކުދިން ނަގައިގެން، ކުޑަކުދިންނަށް ދަސްކޮށްދޭންވީ. މިހާރު މަދަރުސާތަކުގައި އެކަން ފެށިގެން އެބަ ހިނގާ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މަދަރުސާތަކުގައި، ކުޅިވަރުގެ ކަންތައް ކުރިއަށް އެބަ ގެންދަވާ. އެއީ، މުސްތަޤްބަލުގައި ރާއްޖެ ކުޅިވަރުގެ ރޮނގުގައި ތަރައްޤީވާނެ ގޮތަކީ.

ހަމައެފަދައިން، ކުޅިވަރުގެ ދަނޑުގައި ޙަރަކާތްތެރިވާ ކުދިން ޤަވާޢިދުތަކަށް ބޯލަނބަންޖެހޭނެ. އެއީ ކުޅިވަރަކީ ވަކި ޤަވާޢިދުތަކެއްގެ މަތިން ކުޅޭ އެއްޗެއް. އެހެންވީމާ، އެ ކުޅިވަރެއްގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުއްޖަކު ކުޅެންވާނީ. އެއީވެސް ކުޅިވަރުން ލިބޭ ވަރަށްބޮޑު ފިލާވަޅެއް. "ޑިސިޕްލިން". އަޅުގަނޑުމެން އަޅުގަނޑުމެންނަށް އަމުރުކުރަން ތިބި ބަޔަކަށް ކިޔަމަންތެރިވުމާއި، އަޅުގަނޑުމެން ބޯލަނބަންޖެހޭ ޤަވާޢިދުތަކަށް ބޯލެނބުމާ، މިއީ ކުޅިވަރުން އަޅުގަނޑުމެންނަށް ދަސްވާ އަދި ދަސްވާންޖެހޭނެ ވަރަށް މުހިންމު ފިލާވަޅެއް.

އެހެންވީމާ، މިކަންކަން ރަނގަޅުކޮށްގެން މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ކުޅިވަރުގެ މައިދާނުގައި ކުރިއަށްދެވޭނީ. ވަރަށް އިޚްލާޞްތެރިކަމާއެކު، ހުރިހާ ކުޅުންތެރިން މަސައްކަތް ކުރިކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖެ އަދި ކުޅިވަރުގެ މައިދާނުގައި އެހާ ތަރައްޤީވެފައި ނުވާތީ، މާ މަތިވެރި ކާމިޔާބީތަކެއް ޙާޞިލުވާނެ ކަމުގެ އުންމީދެއް، މާ ކައިރި މުސްތަޤްބަލެއްގައި ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ އެ ދުވަސް ގެނެވޭތޯ.

އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ފަހަށް ޖެހިއްޖިއްޔާ ބުނަމުން ގެންދަނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެކޭ. އެހެންވީމާ، އެކަމުން އަޅުގަނޑުމެން ޢުޛްރު މި ދައްކަނީ. އެހެންނަމަވެސް، މިހާރު އެ ޢުޛްރު ދެއްކޭކަށްވެސް ނެތް. މިސާލެއް ދަންނަވާ ކަމަށްވަންޏާ، މިހާރު ބައިވެރިވެވަޑައިގަންނަވަން ތިޔަ ވަޑައިގަންނަވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް، އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ މީހުންގެ ގޮތުން ޢަދަދު މަދު، ބައެއް ރާއްޖެތައް އެބަ ބައިވެރިވޭ. މިސާލަކަށް، ސީޝެލްސް. އެތަނަކީ އަޅުގަނޑުމެންނަށްވުރެ މީސްމަދު ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ އެންމެ ކުޑަ ޤައުމަށްވީތީ ދެރަވިއްޔޭ ދެން ބުނާނެ ތަނެއްނެތް. އިޤްތިޞާދީ ކުރިއެރުން ބަލާ މިންގަނޑެއް ކަމުގައިވަނީ ތަނުގެ އުފެއްދުންތެރިކަން. ތަނުގައި ދިރިއުޅޭ މީހުންގެ މައްޗަށް ބަހާލީމާ ބޮލަކަށްޖެހޭ ޢަދަދު. އެގޮތަށް ބަލާއިރުވެސް އަޅުގަނޑުމެންގެ ބޮލަކަށްޖެހޭ ޢަދަދު މިހާރު 400 ޑޮލަރަށްވުރެ މަތީގައި އުޅެނީ. 200 ހަމަނުވާ ތަންތަންވެސް އެބަހުރި އޭޝިޔާގައި.

އެހެންވީމާ، އެއިންވެސް ދައްކާ އެއްޗަކީ، އިޤްތިޞާދީ ކުރިއެރުން އެއީ މިންގަނޑަކަށް ބަލާނަމަވެސް، އަޅުގަނޑުމެންނަށްވުރެ އިޤްތިޞާދީ ގޮތުން މިހާރު ދަށް ފެންވަރެއްގައި ހުރި ބައެއް ޤައުމު ދުނިޔޭގައި އެބަވެއޭ. އެ ޤައުމުތަކާ އަޅުގަނޑުމެންނާ ކުޅިވަރު މުބާރާތުގައި އެކިއެކި މެޗުތަކުގައި ބައިވެރިވާގޮތްވެސް އެބަ ދިމާވޭ. އެހެންނަމަވެސް، އެމީހުން މޮޅުވަނީ. އެހެންވީމާ، މިއީކީ އަޅުގަނޑުމެންނަށް މިހާރު ދެއްކެން އޮތް ޢުޛުރެއް ނޫން. މުސްތަޤްބަލުގައި އެކަމަށް އަޅުގަނޑުމެން ވިސްނައިގެން މަސައްކަތް ކުރަންޖެހޭނެ. އަދި މީގެފަހުން މިއަށްވުރެ ބޮޑެތި މުބާރާތްތަކުގައިވެސް އަޅުގަނޑުމެން އޮތީ ބައިވެރިވާގޮތަށް ހަމަޖެހިފައި. ދެން އޮންނަ އޮލިމްޕިކް ގޭމްސްގައިވެސް ބައިވެރިވާގޮތަށް ސަރުކާރުން ނިންމާފައި، އެ މަސައްކަތްވެސް އެބަ ހިނގާ. އެހެންވީމާ، މި ހުރިހާ ކަންކަމަކަށް އަޅުގަނޑުމެން މިހާރުއްސުރެ މަސައްކަތް ކުރަންވާނެ. މަސައްކަތް ނުކޮށް އެއްވެސް ކަމެއްގައި ކާމިޔާބީއެއް ޙާޞިލެއް ނުކުރެވޭނެ.

އާދެ، ދެން ކުޅިވަރަކީ، ދެންމެ އަޅުގަނޑުގެ ވާހަކައިގައި މިބުނީ، މިހާރަކަށް އައިސް ވަރަށް މުހިންމު އެއްޗެކޭ. ޙަޤީޤަތަށް ވިސްނަންޏާ، ކުޅިވަރަކީ ހަމައެކަނި މިހާރު އޭގެ މުހިންމުކަން ވަޒަންކުރަން، މީހުން ފެށި އެއްޗެއް ނޫން. އޭގެ މާކުރިންވެސް ތާރީޚަށް ބެލިނަމަވެސް، ކޮންމެ ޤައުމެއްގެ ތާރީޚުގައިވެސް، އެ ޤައުމެއްގެ މީހުން ކުޅޭ ކުޅިވަރުތަކެއް ފާހަގަކުރެވޭ. އެއީ، އެމީހުންގެ މަދަނިއްޔަތާއި، އެމީހުންގެ ތާރީޚާއި، އެމީހުންގެ އާދަކާދައާ ގުޅިފައި އޮންނަ ކަމަކަށްވޭ. ކުޅިވަރުގެ ރޮނގުގައި ކުރިއަށް ދިޔުމަކީ، އަބަދުވެސް ކޮންމެ ބަޔަކުވެސް ދެކެނީ އެއީ ވަރަށް ރީތި ނަމެއް ލިބޭ ކަމެއް ކަމުގައި.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށް ބެލިޔަސް، ދީނުގައިވެސް ކުޅިވަރަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވާފައިވާކަން އަޅުގަނޑުމެންނަށް އެނގޭނެ. ކީރިތި ރަސޫލާވެސް އިސްލާމީ ޒުވާނުންނަށް އެކި ބާވަތުގެ ކުޅިވަރު ކުޅުމަށް، އަދި ކުޅިވަރުގައި ކުރިއަށް ދިޔުމަށާއި، އަދި އެކުދިންގެ މައިންބަފައިންނަށް، މިވެނި ކަހަލަ ކުޅިވަރުތަކެއް ކުދިންނަށް ދަސްކޮށްދޭށޭ، މިހެން އަންގަވާފައި އެބައޮތް. ރަސޫލާ ޙަދީޘް ކުރައްވަނީ، "علّموا أولادكم السّباحة والرّمايه وركوب الخيل." އެ ވިދާޅުވަނީ، "ތިޔަބައިމީހުންގެ ޅަދަރިންނަށް ދަސްކޮށްދޭށޭ ފަތަން. ފަތަން ދަސްކޮށްދޭށޭ. އަދި އަމާޒުކޮށް އެއްޗެތި އުކަން ދަސްކޮށްދޭށޭ. އެއީ މިސާލަކަށް، ދުނި އުކުން ނުވަތަ ލޮންސި އުކުން، ނޫނީވިއްޔާ ބަޑިޖެހުން ކަހަލަ ކަންތައް. އަދި އެ ކުދިންނަށް އަސްމައްޗަށް ސަވާރުވެގެން، އަސް ދުއްވަން ދަސްކޮށްދޭށޭ." މިކަންކަން ފާހަގަކުރައްވާފައިވާ ގޮތަކީ، އެ ޒަމާނުގެ އެންމެ މުހިންމުކަން ދެވޭ ކަންތައްތަކަކީ އެއީ ކަމަށްވާތީ. އެ ޒަމާނުގައި ފުޓްބޯޅައެއް ނެތް. ޓޭބަލްޓެނިހެއް ނެތް. ކްރިކެޓެއް ނެތް.

މި ދެންނެވި ކަންތައްތައް އެއީ ޤައުމުގެ ދިފާޢުގައިވެސް ބޭނުންވާ ކަންތައްތައް. ތިމާގެ ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށާއި، ހަށިގަނޑު ވަރުގަދަ ކުރުމަށާއި، ޖެހިއްޖެ ކޮންމެ ކަމެއްގައި ކުރިމަތިލުމުގެ ކުޅަދާނަކަން ތިމާއަށް ލިބިގަތުމަށްޓަކައި، މި ދެންނެވި ކަހަލަ ކުޅިވަރުތައް ކުޅެ، ކަސްރަތުތައް ކުރުމަކީ އޭރު އޮތީ ކޮންމެހެން ބޭނުންކަމަކަށް ވެފައި. ފަތަން ދަންނަންޖެހޭނެ. ހަމައެފަދައިން އަމާޒުކޮށް ލޮންސި އުކަން ނުވަތަ ދުނި އުކަންޖެހޭނެ، ނުވަތަ އަމާޒުކޮށް ބަޑިޖަހަން އެނގެންވާނެ. ހަމައެފަދައިން، އެ ޒަމާނުގައި ހަނގުރާމަކޮށް އުޅުނީ އަސްމަތީގައި ނުވަތަ ޖަމަލުމަތީގައި ކަމަށްވާތީ، އެ އެއްޗިއްސަށް ސަވާރުވެގެން، އެ އެއްޗެތި ހަލުވިކަމާއެކުގައި، ކުޅަދާނަކަމާ އެކުގައި ދުއްވަން އެނގެންޖެހޭނެ. މިކަންތައްތައް ދަސްކޮށްދިނުމަށް ރަސޫލާ އެޒަމާނުގެ މީހުންނަށް އޮތީ އަންގަވާފައި.

އެހެންވީމާ، އެއިން އެބަ އެނގޭ، އަޅުގަނޑުމެންގެ ދީނުގައި ކުޅިވަރަށް ވަރަށްމަތީ އަހަންމިއްޔަތެއް ދެއްވާފައިވާކަން. އަދި ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށާއި، ހަށިގަނޑު ތަރުބިއްޔަތު ކުރުމަށާއި، ހަށިގަނޑުގެ ބާރުތައް ވަރުގަދަކުރުމަށްވެސް ދީނުގައި ވަރަށް ބޮޑަށް އަހަންމިއްޔަތު ދެއްވާކަން. އެގޮތްގޮތުން ބަލާއިރު، ކުޅިވަރަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އިހުމާލުކޮށްލަންވީ އެއްޗެއް ނޫން. އޭގައި އަޅުގަނޑުމެން ވާނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކުރިއަށް ދެވޭތޯ ބަލަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި ދަތުރަށް ތައްޔާރުވުމުގައި ވަރަށްގިނަ ފަރާތްތަކުން އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާފައިވާތީ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ނަމުގަޔާއި، ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަށް މި ފުރްޞަތުގެ ބޭނުންކުރަން. މިނިސްޓްރީ އޮފް ހޯމްއެފެއާޒުންވެސް މިކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި. އެ މިނިސްޓްރީގެ ސްޕޯޓްސް ޑިވިޜަނުންނާއި އަދި ޚާއްޞަކޮށް، އޮލިމްޕިކް ކޮމިޓީން ވަރަށްގިނަ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވޭ. ހަމައެއާއެކު، އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން. ޚާއްޞަކޮށް، ފުޓްބޯޅަ އެސޯސިއޭޝަނާއި، ބެޑްމިންގޓަން އެސޯސިއޭޝަނާއި، ޓޭބަލްޓެނިސް އެސޯސިއޭޝަން.

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް، އެ ހިންގަވާ ފަރާތްތަކަށް، މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި އަޅުގަނޑުމެންގެ ކުޅުންތެރިން ފަރިތަކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި އެކިއެކި ކޯޗުންނަށް، އާދެ، އޭގެތެރެއިން ދިވެހި ބޭފުޅަކުވާކަން އަލްފާޟިލް ޒާހިރު ނަޞީރު ފާހަގަކޮށްލެއްވި. އަޅުގަނޑުވެސް އެކަމަށްޓަކައި ވަރަށް އުފާކުރަން. އަޅުގަނޑުމެންގެ ތެރެއިން ދިވެހި ކޯޗުން އުފެދެންވާނެ. މިހާރު މި އުފެދެނީ. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ކުޅިވަރު ޓީމުތައް ކުރިއަށް ގެންދަން ތިބޭ ބައެއް ކަމުގައި ވާންޖެހޭނީ ހަމަ އަޅުގަނޑުމެން ދިވެހިން. އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ ކޯޗަށާއި އަދި ބޭރުން އަޅުގަނޑުމެންގެ ޓީމުތަކަށް ފަރިތަކޮށްދެއްވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ކޯޗުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

Before I conclude my remarks, I would like to express my sincere thanks to you all, to all the coaches who have being with us, to train our players for the forthcoming games.

I would like to thank Mr. N. Raju, Assistant General Secretary of the AFC, and Mr. Puri, our badminton coach and Mr. Susumu Wakai our table tennis coach.

I must tell you that I myself personally, and the Government really appreciate, what you have done within a very brief period of time to train our players in the different games, that they are going to participate in the Indian Ocean Island games.

Thank you very much.