އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށްވާތީ، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް އިންޑިއާގެ ޑިމޮކްރަސީން ރާއްޖެއަށް ލިބިދޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ވީކް"، "އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ރަޙްމަތްތެރިކަން ބަދަހިކުރުމުގެ ހަފްތާ"، ރަސްމީ ގޮތުން އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، މިއަދު ހަވީރު އިސްކަންދަރު ސްކޫލްގައި އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ރަޙްމަތްތެރިކަން ބަދަހިކުރުމުގެ ހަފްތާއަކީ، ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާއި، ރާއްޖޭގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުން އުފައްދާފައިވާ ކްލަބާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ގުޅިވަޑައިގެން އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންތިޒާމް ކުރައްވާ ހަރަކާތެކެވެ. އިންޑިއާގެ މިނިވަން ދުވަހަކީ މާދަމާއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަން ހިންގުމުގެ ފައިދާތަކާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި، ސިޔާސީ ހަރަކާތުގައި ގިނަ ފަރާތްތައް ބައިވެރިކޮށްގެން ވެރިކަން ހިންގުމުގެ ނަމޫނާ އިންޑިއާ ދައްކައިދީފައިވާކަމަށް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ އެންމެ ބޮޑު ފައިދާއަކީ، ޑިމޮކްރަސީގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތުން ލިބޭ ފައިދާ ކަމަށް ވިދާޅުވެ، އިންޑިއާއަށް މިނިވަންކަން ލިބުނުފަހުން މިވީ އަހަރުތަކުގެ ތެރޭގައި، އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީގެ މޭވާ ލިއްބައިދެމުން އައިސްފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅުދައްކަވަމުން، ސިޔާސީ ގޮތުން ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފާއިތުވީ ދުވަސްތަކުގައި އިޤްތިޞާދީގޮތުން ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، އަދި ދެ ޤައުމަކީ ޘަޤާފީ ގޮތުންވެސްގުޅި ލާމެހިފައިވާ ދެޤައުމު ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އިންޑިއާއަކީ އިޤްތިޞާދީ ގޮތުން މިއަދު ދުނިޔޭގެ އެންމެ ބޮޑު އެއްބާރުކަން ބަޔާންކުރައްވަމުން، ތަރައްޤީގެ ހުރިހާ ދާއިރާއަކުން އިންޑިއާ އަންނަނީ ކުރިއެރުމާއި، އާ ހޯދުންތައް ހޯދަމުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އިންޑިއާއިން ލިބެން ހުރި ފުރުޞަތުތައް، ތަރައްޤީވެފައިވާ އެހެން ޤައުމުތަކުން ލިބެންހުރި ފުރުޞަތުތަކަށްވުރެ ގިނަކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އިންޑިއާއަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުވައިދެވޭނެ އެހެން ޤައުމެއްނެތްކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންޑިއާއާއެކު އެއްބާރުލުން އިތުރުކުރުމަށް މިއަދު ވަރަށް ތަފާތު ފުރުޞަތުތަކެއް ރާއްޖެއަށް ހުޅުވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޙަފްލާއަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ރަޙްމަތްތެރިކަން ބަދަހިކުރުމުގެ ހަފްތާއާ ގުޅުވައިގެން، އިންތިޒާމްކޮށްފައިވާ ދެޤައުމުގެ ޘަޤާފީ ކުޅިވަރުގެ ހަރަކާތްތަކެއް ނައިބު ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.