بسـم اللّه الرّحـمٰـن الرّحـيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء وسيدالمرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭގެ މިއުފާވެރި ދަސްވެނިވުމުގެ ޖަލްސާއަށް އައުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ޔާމީނަށާއި، ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދަށާއި، އަދި ކޮލެޖުގެ އެހެން ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މި އުފާވެރި ދަސްވެނިވުމުގެ ޖަލްސާއަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އާދެ! އަޅުގަނޑު ހަނދާން އެބަހުރި. މީގެ ދެ އަހަރެއްގެ ކުރިން މިފަދަ އުފާވެރި ދަސްވެނިވުމުގެ ޖަލްސާއަކަށް އަޅުގަނޑު އައިން. އަދި އެރޭގެ ޖަލްސާގައިވެސް ބައެއް ދަސްވެނިންނަށް ދަރަޖަ ދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ޙާޞިލުވެފައި.

އެޔާއެކީގައި އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ތަންކޮޅެއް ކުރީގެ ކަމެއް. އާދެ! މީގެ 41 އަހަރު ކުރި. އެއީ 1964 ވަނަ އަހަރުގެ ހަމަ މިފަދަ ރެޔެއް. އާދެ! އެ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ. އެރޭ އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މިސުރުގައި އޭރު ތަޢުލީމު ޙާޞިލުކުރި ޒުވާނަކު ދަސްވެނިވުމުގެ ދަރަޖަ، މިސުރުގެ ރައީސްގެ އަތްޕުޅުން ޙާޞިލުކުރި ހަނދާން.

އާދެ! އޭރު އެއީ ޒުވާނަކަށްވިޔަސް، މިއަދު މިހިރީ އަޅުގަނޑު ހުރިގޮތް. ކޮންމެއަކަސް ވަރަށް އުފާވެރި އިއްތިފާޤަކުން މިދިމާވީ 1964 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ އަޅުގަނޑަށް އެލިބުނު ފަޚުރާއި ޝަރަފާއި އުފާ، މިއަދު ދިވެހި ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ލިބިގެންދިޔަކަން.

އެހެންކަމުން، މިއުފާވެރި މުނާސަބަތުގައި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ބެޗްލަރ އޮފް ލޯސް ކޯހުން ދަސްވެނިވި ދަރިވަރުންނަށާއި، އަދި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ބެޗްލަރ އޮފް ޓީޗިންގ ކޯހުންނާއި، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ބެޗްލަރ އޮފް ނާރސިންގ ކޯހުންނާއި، އެކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއާއި، އެކޮލެޖުގެ ފެކަލްޓީތަކުން މިއަހަރު ދަސްވެނިވި ހުރިހާ ދަރިވަރުންނަށާއި، އަދި އެކި ކޯސްތަކުން ވަނަތައް ހޯދި ހުރިހާ ދަސްވެނިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް މުބާރަކްބާދީ ކިޔަން.

އާދެ! މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފެދުނުފަހުން މިހިނގައިދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި، ކޮލެޖް ހޯދާފައިވާ މަތިވެރި ކާމިޔާބީތަކަށްޓަކައި، ކޮލެޖުގެ ވެރިންނަށާއި، ފެކަލްޓީތަކުގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. މި މުނާސަބަތުގައި ވަކިން ޚާއްޞަކޮށް، ކޮލެޖުގެ ޕްރެޒިޑެންޓް ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ކޮލެޖް ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އަލްފާޟިލް ޢަބްދުﷲ ޔާމީނާއި، ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދުގެ ނަންފުޅު، ވަރަށް ޚާއްޞަ ގޮތެއްގައި ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރޭ މި ބާއްވާ ދަސްވެނިވުމުގައި، 70 ދަރިވަރަކު ފުރަތަމަ ދަރަޖަ ޙާޞިލުކޮށްފައިވޭ. މިއީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ކުދިން އެއްފަހަރާ ދަރަޖަ ޙާޞިލުކުރި ފުރަތަމަފަހަރު. އެހެންވީމާ، މިކަމުންވެސް ދޭހަވަނީ ރާއްޖޭގައި ޢިލްމާއި ހުނަރުވެރިކަމަށް ދެވޭ އަހަންމިއްޔަތު ބޮޑުވަމުންދާކަން. ރާއްޖޭގެ ޒުވާން އަންހެނުންނާއި ފިރިހެނުން ތަޢުލީމު ޙާޞިލު ކުރުމަށް ބަހައްޓާ ޝައުޤުވެރިކަމާއި، އެމީހުންގެ ހިތުގައި މިކަމަށް އޮންނަ ލޯބި އިތުރުވަމުންދާ މިންވަރު. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މުސްތަޤްބަލަށް ލިބިގެންދާނެ ފަހިކަމާއި ފާގަތިކަން. މިކަމަށްޓަކައި މިރޭ އަޅުގަނޑު ވަރަށް އުފާކުރަން. އެއްރެޔަކު މިހާގިނަ ދަސްވެނިންނަށް ދަރަޖަ ލިބޭކަން އެއީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑެކޭ އެއްފަދައިން ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް އުފާކުރައްވާނެ ކަމެއް.

ހަމައެހެންމެ، މިރޭ މި ފެނުނު މަންޒަރުތަކުން އަޅުގަނޑުމެންނަށް ހާމަވެގެން މިދަނީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މިއަދު އައިސްފައިވާ ތަރައްޤީއާއި ކުރިއެރުން. ކޮލެޖުގެ ހުރިހާ ކޯސްތަކުން ދަސްވެނިވި މި ހުރިހާ ދަރިވަރުންގެ ފަރާތުން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެދެނީ ވަފާތެރި އަދި އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވުން. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، މިރޭ މިދަސްވެނިވި ހުރިހާ ދަރިވަރުންގެ ފަރާތުންނާއި، އަދި ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރާ ހުރިހާ ދަރިވަރުންގެ ފަރާތުން ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހި މުޖުތަމަޢަށް ފައިދާކުރަނިވި އުފެއްދުންތެރި އިޚްލާޞްތެރި ޚިދްމަތްތަކެއް ލިބިގެންދާނެ ކަމަށް.

އާދެ! މިވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، ވަރަށް ހަލުވި ދުވެއްޔެއްގައި ވަނީ ތަޢުލީމީ އާ ފިޔަވަހިތަކެއް ކަޑައްތުކޮށްފައި. މިއާ ގުޅިގެން މިރޭ ވަރަށް އުފާވެރި ޚަބަރެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. ޙަޤީޤަތުގައި މިރޭ މިޖަލްސާއަށް އަޅުގަނޑު މިއައީވެސް، އެއުފާ ޙާޞިލު ކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބިފައިވާތީ. އާދެ! އެއީ، މިހާރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ތަރައްޤީވެ، ކުރިއަރާފައިވާ މިންވަރުން، މިކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ވަގުތު މިހާރު އަތުވެއްޖެ ކަމަށް ފެންނާތީ، އިރާދަކުރެއްވިއްޔާ، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިކޮލެޖް، ޔުނިވަރސިޓީއަކަށް ބަދަލުކުރަން ސަރުކާރުން ޤަޞްދުކުރާ ވާހަކަ، ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން.

އާދެ! ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިޔަށްދާ ދިޔުމުގައި، ރާއްޖޭގައި ފުރިހަމަ ޔުނިވަރސިޓީއެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. ޝައްކެއްނެތްގޮތުގައި މުސްތަޤްބަލް އޮތީ، ޢިލްމީގޮތުން ކުރިއަށްދާ ބަޔެއްގެ އަތްމަތީގައި. ޢިލްމާއި ހުނަރު ޙާޞިލު ކުރުމަކީ، ކޮންމެ މުޖުތަމަޢެއްގެވެސް އެންމެ މުހިންމު ވަސީލަތް. ކުރިޔަށްދިޔުމުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތް. މިކަމުގެ ހެކިތައް ދުނިޔޭގެ ހުރިހާ ފަރާތަކުންވެސް އަޅުގަނޑުމެންނަށް ފެންނަމުންދޭ. މިހާރު އެކަންޏެއް ނޫން. މާޒީގެތެރެއަށް އަޅުގަނޑުމެން ނަޒަރު ހިންގާލިޔަސް އަބަދުވެސް ފެންނަމުންދާނީ، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޖަމާޢަތްތަކާއި ޤައުމުތައް، ތަރައްޤީގެ މަގުގައި ކުރިޔަށްދާތަން.

އާދެ! އަޅުގަނޑުމެންގެ އިސްލާމީ އުންމަތަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، ކުރީ ޒަމާންތަކުގައި މުޅި ދުނިޔޭގައި ވަރަށް މަތިވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ އުންމަތެއް. އެޒަމާނުގައި އިސްލާމީ އުންމަތް، އެމަތިވެރި ކާމިޔާބީތައް ޙާޞިލުކުރީ ހަމަ ޢިލްމުގެ ވާޞިޠާއިން. އެޒަމާނުގައި ދުނިޔޭގެ އެކި ފަންނުތަކުގައި، ހުރިހާ ވައްތަރެއްގެ ފަންނުތަކުގައި، އެއީ ހަމައެކަނި ދީނީ ޢިލްމެއް ނޫން. ދީނީ ޢިލްމުތަކާއި އަދަބުތަކާއި، އޭގެއިތުރަށް ބޭސްވެރިކަމާއި، އަންދަސާ ނުވަތަ ޖިއޮމެޓްރީއާއި، ހިސާބުގެ ތަފާތު ފަންނުތަކާއި ޢިލްމުތަކާއި، ފަލަކު ޢިލްމާ، މިހެންގޮސް މިޔުޒިކަށް ދަންދެން. ދުނިޔޭގައި އޭރު އެންމެމަތީ ތަޢްލީމު ޙާޞިލުކޮށްފައި ތިބީ މުސްލިމުން. އޭގެ ނަތީޖާއެއްގެ ގޮތުން، އިސްލާމީ އުންމަތް އެޒަމާނުގައި ވަނީ ދުނިޔޭގައިވާ އެންމެމޮޅު، އެންމެ ތަރައްޤީވެފައިވާ އެންމެންގެ މަޤްބޫލުކަން ލިބިފައިވާ އުންމަތަށް.

އެހެންވީމާ، މި ފަޚުރުވެރި ތާރީޚު، އަޅުގަނޑުމެންގެ އަތްމަތީގައި އޮތީމާ، އަޅުގަނޑުމެން އެއިން ޢިބްރަތް ޙާޞިލުކޮށްގެން، މިޒަމާނުގެ މުސްލިމުންނަކީވެސް އަދި ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމަކީ، ޢިލްމާއި ހުނަރުވެރިކަމުގެ ދާއިރާއިން ވަރަށް މަތިވެރި ކާމިޔާބީތަކެއް ޙާޞިލުކުރަން ވެއްޖެ ޤައުމެއް ކަމުގައި އަޅުގަނޑުމެން ދެކެންޖެހޭނެ. އަދި އެމަތިވެރި އުންމީދާއި، އެމަތިވެރި ލަނޑުދަނޑި ޙާޞިލުކުރުމަށް އަޅުގަނޑުމެން މާތްﷲގެ ވާގިފުޅާއެކު މަސައްކަތް ކުރަމުން ގެންދަންޖެހޭނެ.

އާދެ! ކޮލެޖް، ޔުނިވަރސިޓީއަކަށް ބަދަލުވުމުގައި، ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، އެހެން ޤައުމުތަކުގައިވެސް އޮންނަ ގޮތަށް ޔުނިވަރސިޓީއަކީ ރައްޔިތުންނަށް ޒިންމާވާންޖެހޭ މުސްތަޤިއްލު ގިޔުގަނޑެއްގެ ތެރެއިން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުން. މިކަމަކީ ވަރަށް މުހިންމު ކަމެއް. ޔުނިވަރސިޓީއަކީ ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ހިނގާ ތަނެއް ނޫން. އެއީ ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް އެހެން ގޮތަކަށް ހިނގަމުންދާ ތަންތަން. ބައެއް ޤައުމުތަކުގައި ނުވަތަ ގިނަ ޤައުމުތަކުގައި، އެއް ޔުނިވަރސިޓީއަށްވުރެ ގިނަ ޔުނިވަރސިޓީ ހުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އެފެންވަރު ނެތަކަސް، އަދި ފުރަތަމަ 2007 ވަނަ އަހަރު އަޅުގަނޑުމެންގެ ފުރަތަމަ ޔުނިވަރސިޓީ އުފެދުނު ކަމުގައިވިޔަސް، އެވެސް އުފެދެންވާނީ، ރަނގަޅު ބިންގަލެއްގެ މަތީގައި. ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަން ކުރަމުންދާގޮތް ބަލައިގެން، އެތަންތަނުން ކަންތައްތައް ދަސްކޮށްގެން، އެންމެ ކާމިޔާބު ޙާޞިލު ކުރެވޭނެ ގޮތެއް ބަލައިގެން އެގޮތުގެ މަތިން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު މި ދެންނެވި މަސައްކަތް ކުރެވެމުންދާނެ.

އާދެ! މި ކޮލެޖުގެ ތަރައްޤީއަކީ، އަދި މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ޔުނިވަރސިޓީގެ ތަރައްޤީއަކީ، ރާއްޖޭގެ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އެއީ، މިހާރުވެސް ފަންނީ މީހުން އެންމެ ގިނަ އަދަދަކަށް ތަރައްޤީކޮށް، ޚިދްމަތަށް ނެރުމުގެ އެންމެ ބުރަ މަސައްކަތް ކުރަމުން ގެންދަނީ ކޮލެޖުން ކަމަށްވާތީ. ޢިލްމީ، ފަންނީ މީހުންނަކީ އަދި އެކިއެކި ހުނަރުތަކާއި ޤާބިލިއްޔަތުތައް ހޯދާފައިވާ މީހުންނަކީ، އަދި މުޙްތަރިފުންނަކީ ޤައުމުގެ އަމަންއަމާންކަމާއި، ބާއްޖަވެރިކަމާއި، ޞުލްޙަމަސަލަސްކަމާއި ތަރައްޤީއަށް ވާސިލުވުމުގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ ބަޔެއް. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، ރާއްޖޭގައިވެސް އެކަން އޮންނާނީ ހަމަ އެގޮތަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ޢިލްމީ މީހުންނާއި، ފަންނީ މީހުންނާއި، އެކި ހުނަރުތަކުގެ އަހުލުވެރިންނާއި މުޙްތަރިފުން ގިނަވުމަކީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ޤައުމަށް މުސްތަޤްބަލުގައި ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް. އޭގެސަބަބުން، އަޅުގަނޑުމެންގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް އަންނާނެ. އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ހިފެހެއްޓުމާއި، އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި ދީނުގެ އުޞޫލުތަކުގައި ފައިތިލަ ސާބިތުކުރުމާއި، އަޅުގަނޑުމެންގެ ޤައުމުގެ ރީތި އާދަކާދަތައް ހިފެހެއްޓުމުގައި، މި ދެންނެވި ފަރާތްތަކުން އާދެ! އެކި ޢިލްމުތަކާއި ހުނަރުތައް ޙާޞިލުކޮށްފައިވާ މީހުންނާއި، ފަންނީ މީހުންނާއި މުޙްތަރިފުންގެ ދައުރު ވަރަށްބޮޑު.

އެހެންވީމާ، އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް ޢިލްމީ ދާއިރާ ފުޅާވެގެންދިޔުން. ތަޢުލީމު ޙާޞިލުކުރާ މީހުން ގިނަވެގެން ދިޔުން. އަދި އެމީހުންގެ ފަރާތުން ޤައުމަށް ލިބޭނެ ޚިދްމަތްތަކާއި ކާމިޔާބީތައް މާތްﷲގެ ވާގިފުޅާއެކު އިތުރުވަމުންދިޔުން.

އާދެ! ރާއްޖޭގެ މުސްތަޤްބަލަށް ވިސްނާއިރު، ކޮލެޖުން ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށް އަޅުގަނޑު ދެކެން. އެގޮތުން، މަސައްކަތްތެރިކަމުގެ ތަމްރީނު މިހާރަށްވުރެ ފުޅާކުރުމާއި، އިތުރު ދާއިރާތަކުން ކޯސްތައް ހިންގުމަކީ، މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެއީ، ކުރިންވެސް ދެންނެވި ފަދައިން، ތަރައްޤީ ބިނާވެފައި މި އޮންނަނީ، ކޮންމެ ރޮނގަކުންވެސް ތަޢުލީމާއި ހުނަރު ޙާޞިލު ކުރުމުގެ މައްޗަށް ކަމަށްވާތީ. އަޅުގަނޑުމެންގެ ރާއްޖެ ކުރިޔަށްދާ ދިޔުމުގައި ތަފާތު ރޮނގު ރޮނގުން އަޅުގަނޑުމެން ތަޢުލީމު ޙާޞިލު ކުރަންޖެހޭ. ތަފާތު ރޮނގުރޮނގުން ފަންނީ ކުރިއެރުންތައް ޙާޞިލު ކުރަންޖެހޭ. ހުނަރުވެރިކަން ޙާޞިލު ކުރަންޖެހޭ.

އެހެންވީމާ، މި ދެންނެވި މަޤްޞަދު، ކޮލެޖުން މުސްތަޤްބަލްގައި ޙާޞިލު ކުރަމުން ގެންދިޔުމަކީ، މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. ހަމައެހެންމެ، ޒަމާނީ ކުރިއެރުމަށްޓަކައި ސައެންސާއި އާޓްސް ކިޔަވައިދޭ ފެކަލްޓީތައް، ކޮލެޖަށް އިތުރުކުރުމަކީވެސް، ޤައުމީ ނަޒަރަކުން ބަލާއިރު ވަރަށް ބޭނުންބޮޑު ކަމެއް.

އާދެ! ޔުނިވަރސިޓީތަކުގައި ކިޔަވައިދެނީ ވަރަށް ތަފާތު ދާއިރާތަކުގެ ޢިލްމުތައް. އޭގެތެރޭގައި، މިދެންނެވި ސައެންސާއި އަދި އާޓްސްގެ ތަފާތު ފެކަލްޓީތައް، ގޮފިތައް ޤާއިމުވެފައި ހުރޭ. އެގޮތަށް އަޅުގަނޑުމެންގެ ވިސްނުންވެސް ބައްޓަންކޮށްގެން މުސްތަޤްބަލުގައި އަޅުގަނޑުމެންގެ މިކޮލެޖުގައި ނުވަތަ ޔުނިވަރސިޓީގައި ސައެންސާއި އާޓްސް ކިޔަވައިދޭ ގިނަ ފެކަލްޓީތަކެއް ހުރުމަކީ، އަޅުގަނޑުމެންގެ ތަރައްޤީއަށް ވަރަށް ބޭނުންވާނެ ކަމެއް. އެހެންވީމާ، އެ ރޮނގުންވެސް އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް، ބޭރުގެ ތަޖުރިބާއާއި އަދި ބޭރުގައި މިކަންތައްތައް ކުރާގޮތް ދެނެގަނެގެން، އަޅުގަނޑުމެންގެ ރާއްޖޭގައި މިކަންކަން ކާމިޔާބު ގޮތެއްގައި ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޤައުމީ ވާޖިބެއް.

އާދެ! މިރޭ އަޅުގަނޑުގެ ވާހަކަ، ދެން މާދިގުކުރާކަށްނެތިން. އަދިވެސް އެއްފަހަރު، މިރޭ މިދަސްވެނިވި ދަރިވަރުންނަށާއި، އަދި އެކިއެކި ކޯސްތަކުން އެކި ވަނަވަނަ ހޯދައިގެން ސަނަދުތައް ޙާޞިލުކުރި ހުރިހާ ކުދިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދު އަދާކުރަން. އެކުދިންގެ ފަރާތުން ޤައުމަށް، ފައިދާހުރި ޚިދްމަތްތަކެއް މުސްތަޤްބަލުގައި ލިބިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތް ވާހަކަ ދަންނަވާލަމުން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނަށާއި، އަދި މުސްތަޤްބަލުގައި، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއެއް، މާތްﷲ މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.