بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين. والصّـلاة والسّـلام على أشرف المرسلين. سيّدنا محـمّد، وَعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދު އަޅުގަނޑު އޭދަފުށްޓަށް އައުމުން، އޭދަފުށީގެ ވެރިންނާއި، ރައްޔިތުންނާއި އަދި އަތޮޅު ހިންގަވަން ތިއްބެވި ވެރިންނާއި، އަދި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މެޖިސްޓްރޭޓުންނާއި، އަދި އެހެން ރަށްރަށުގެ ސްކޫލްތަކުގެ ހިންގުންތެރިންނާއި، މިރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުގެ މެންބަރުންނާއި، މި ރަށުގެ ލޮބުވެތި ކިޔަވާކުދިންނާއި އަދި އޭދަފުށީގެ ޢާއްމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި ވަރަށް އިޚްލާޞްތެރި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު އޭދަފުށްޓަށް މިއަދު މިއައީ، ވަރަށް ޚާއްޞަ ބޭނުމަކު. އެއީ އޭދަފުށީގައި ހިނގަމުންމިދާ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރިގެން އެކަމުގެ އުފަލުގައި ބައިވެރިވުމަށްޓަކައި. އާދެ، އޭދަފުށްޓަކީ، ރާއްޖޭގެ ރަށްތަކުގެތެރެއިން ގުނައިލެވޭ ވަރަށް ޚާއްޞަ ރަށެއް. ބައެއްފަހަރު މާލޭގައި ތިބޭ މީހުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކުރޭ. އެއްވެސްމީހަކު އޭދަފުށްޓަށް އަތުވެއްޖެނަމަ، އެމީހަކު އެނބުރި މާލެ ދިޔުމުން، ކޮންތަނަކަށްހޭ ދިޔައީ އަހާލީމާ، ތިމަންނާ ޗުއްޓީ ހޭދަކޮށްލަންދިޔައީ އޭދަފުށްޓަށޭ ބުނީމާ ބުނާނެ، ތިޔަދެވުނީ ހަމަ މާލެއަށް ނޫންހޭ. މާނައަކީ އޭދަފުށްޓަކީ ތަރައްޤީގެގޮތުން ވަރަށް ކުރިއަރާފައިވާ ރަށެކޭ. އާދެ، ކޮންމެ ޤައުމެއްގެވެސް ވެރިކަންކުރާ ރަށަކީ، އެ ޤައުމެއްގައި އޮންނާނެ އެންމެ ކުރިއަރާފައިވާ ރަށްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، މާލޭ ފެންވަރަށް އޭދަފުށި ދިޔުމަކީ ޝައްކެއްނެތް، އޭދަފުށީ ރައްޔިތުން ހޯއްދަވާފައިވާ ވަރަށްބޮޑު ކާމިޔާބީއެއް.

އާދެ، އޭދަފުށްޓާ، އޯގަސްޓްމަހާ، އަޅުގަނޑާ އޮންނަ ގުޅުމަކީ ކޮބައިކަން އަޅުގަނޑަކަށް ނޭނގެ. އެހެންނަމަވެސް، އެންމެފަހުން އަޅުގަނޑު މިރަށަށް އައި ތާރީޚު ދަންނަވާލީމާ، އެ ގުޅުން ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް ވަޒަންކުރެއްވޭނެކަންނޭނގެ. އެންމެފަހުން އަޅުގަނޑު އޭދަފުށްޓަށް އައުމުގެ އުފާ ޙާޞިލުކުރީ، މީގެ ފަސްއަހަރު ކުރިން. އާދެ، ފަސްއަހަރާއި އެއްދުވަސް ކުރިން، 1998 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު. އެހެންވީމާ، މިފަހަރުވެސް އާދެވިފައި މިއޮތީ، އޯގަސްޓް މަހެއްގެ ތެރޭގައި. ކޮންމެއަކަސް، ކޮންމެ މަހެއްގައި އަޅުގަނޑަށް މިރަށަށް އާދެވުނަސް، އަޅުގަނޑަށް އޭދަފުށްޓަށް ޒިޔާރަތްކުރުމަކީ އަބަދުވެސް އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު އުފަލެއް އިޙްސާސްކުރެވޭ ކަމަކަށް އޮންނަނީވެފައި. އެހެންވީމާ، މިއަދުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ މި އުފާވެރި ޙަފްލާގައި، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން އަޅުގަނޑަށް ތިޔަ ހަދިޔާކުރެއްވި ހަނދާނީ ފިލައަށްޓަކައިވެސް ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި އަދި މަރުކަޒުގެ ވެރިންނަށް ޝުކުރު ދަންނަވަން. ހަމަ މި ނޭވާގައި، މިއަދު ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ލިބިވަޑައިގަންނަވާ، ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން މިއަދު އައިސް މިތިބީ ވަރަށްވެސް އުފާވެރި މުނާސަބަތެއް ފާހަގަކުރުމަށްޓަކައި. އެއީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަތޮޅު ތަޢުލީމީ މަރުކަޒު، އާދެ، އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރުމުގެ އުފާވެރި އަދި ތާރީޚީ މުނާސަބަތު. އާދެ، އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވަނީނަމަ، މި މަރުކަޒު އުފެދުނީ، 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު. އެހެންވީމާ، މިހާރު މި މަރުކަޒަށް 25 އަހަރަށްވުރެ ދިގުމުއްދަތެއްވެއްޖެ.

އާދެ، މި މަރުކަޒު އިފްތިތާޙުކޮށްދެއްވީ، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ތަހުނިޔާ އަދާކުރަން. އާދެ، މި މަރުކަޒު ބިންގާއަޅުއްވައިދެއްވީ، އޭރު އަތޮޅުވެރިކަމުގައި ހުންނެވި، އަދި ރާއްޖޭގެ ތަޢުލީމީ ދުވެލީގައި އަދި ޚާއްޞަކޮށް، މަދަރުސާތައް ޢިމާރާތް ކުރެއްވުމުގެގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ. އެހެންކަމުން، އޭނާ އެ ކޮށްދެއްވި ޚިދުމަތުގެ މަތިން ހަނދާންކޮށް، އޭނާގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން.

އާދެ، ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 25 އަހަރު ފުރޭ، މި މަރުކަޒުގެ ރިހިޔޫބީލްގެ މުނާސަބަތުގައި، މި މަރުކަޒުގެ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް، މުބާރަކްބާދީ ރައްދުކުރަން. ހަމައެހެންމެ، އަތޮޅު ތަޢުލީމީ މަރުކަޒު މިހާރު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މަރުކަޒުގެ އިސްވެރިޔާ އަލްފާޟިލް އިބްރާހީމް ވަޙީދަށާއި، މަރުކަޒުގެ އެހެން ވެރިންނަށާއި، މުދައްރިސުންނަށާއި، މުވައްޒަފުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން. ހަމައެފަދައިން، މި މަރުކަޒުގެ ދަރިވަރުންގެ ބެލެނިވެރިންނަށާއި، މަރުކަޒުން ތަޢުލީމު ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ރައްދުކުރަން. އަދި ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް އިސްމާޢީލް ޝަފީޢަށް މި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުވައި، އެމަނިކުފާނު ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި އެ ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު ދަންނަވަން. ހަމައެހެންމެ، އެކި ރޮނގުރޮނގުން ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ އަޅުގަނޑު ދަންނަވަން. ޢާއްމުކޮށް، ބ. އަތޮޅުގެ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް، އޭދަފުށީ ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އިޝާރާތްކުރެއްވި ފަދައިން، ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދުވެލި އަޅުގަނޑުމެންނަށް މި ދައްކައިދެނީ، ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ކުރިއެރުމާއި ތަރައްޤީ. އާދެ، މި ކުރިއެރުމާއި ތަރައްޤީ އައިސްފައި މިވަނީ ބަޔަކު މަސައްކަތްތަކެއް ނުކޮށެއްނޫން. ހިންމަތާއި މިންނަތާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި ވަރަށްގިނަ ބަޔަކު މި ކުރިއެރުމާއި މި ތަރައްޤީ ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއްކޮށްގެން. އެހެންވީމާ، އެފަރާތްތަކުގެމަތިން، މިކަހަލަ އުފާވެރި މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކުރުމަކީ ވަރަށް މުހިންމުކަމެއް. އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭނެ.

އާދެ، ބ. އަތޮޅު ތަޢުލީމީ މަރުކަޒު އުފެދުނީ، އަޅުގަނޑު މި ހުރި މަޤާމާ ޙަވާލުވުމުގެކުރިން. 1978 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި. އެހެންވީމާ، އޭރު ސަރުކާރު ހިންގަވަން ތިއްބެވި ވެރިން ތަޢުލީމަށް ދެއްވި އަހަންމިއްޔަތު މިއަދު އަޅުގަނޑުމެން ހަނދާންކޮށް، އެބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަންޖެހޭ. އާދެ، ކުރިންވެސް ދެންނެވިފަދައިން، މި މަރުކަޒު އިފްތިތާޙުކޮށްދެއްވީ، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ. އަދި އޭގެފަހުން ރާއްޖޭގެ ތަޢުލީމީ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ހުރިހާ ވަޒީރުންވެސް ރާއްޖޭގެ ތަޢުލީމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި. އަދި ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރިއެރުމަށްވެސް އެބޭފުޅުންވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އާދެ، އެބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަދި މިހާރު ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ މުޙައްމަދު ލަޠީފް. އެހެންކަމުން، އެއިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި، ރާއްޖޭގެ ތަޢުލީމަށް އެކޮށްދެއްވި ޚިދުމަތާއި، އަދި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރިއެރުމަށް އެބޭފުޅުން އެ ޙިއްޞާކުރެއްވި މިންވަރާއި، މިކަންކަން ހަނދާންކޮށް، އެކަންކަމުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިފަދަ އުފާވެރި މުނާސަބަތެއް ފާހަގަކުރަމުންދާއިރު، އޭދަފުށި އުފެއްދި ވަރަށް އަގުހުރި ދަރިއެއްގެ މަތިން ހަނދާންކޮށްލުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުން އެއީ ހަމަ ވަރަށް މުހިންމު ކަމެއް. އާދެ، އަޅުގަނޑު މި އިޝާރަތްކުރަނީ އަލްމަރްޙޫމް އޭދަފުށީ ޔޫސުފް ކަލޭފާނަށް. ޔޫސުފް ކަލޭފާނަކީ، މިއަތޮޅަށް އަދި ޚާއްޞަކޮށް، އޭދަފުށްޓަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. މިއަތޮޅުގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެއް. އަދި އޭދަފުށީ ތަޢުލީމީ ޙަޔާތުގައި އޭނާ އަދާކުރައްވާފައިވަނީވެސް ވަރަށް މުހިންމު ދައުރެއް. އަތޮޅުމަދަރުސާ، މަދްރަސަތުއްސަޢާދާ ހިންގެވުމާއި އަދި އޭގެފަހުން ބަހިއްޔާ ސްކޫލްގެ ތަރައްޤީއަށާއި ކުރިއެރުމަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީވެސް، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާނަށް ގެނައުން ޙައްޤު ޚިދުމަތްތަކެއް. އާދެ، އެހެންވީމާ އަލްމަރްޙޫމް ޔޫސުފް ކަލޭފާނު އެކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރަމުން، އެމާތް މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، ބ. އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރުމުގައި، އ.ދ.ގެ ކުޑަކުދިންނާބެހޭ ޖަމުޢިއްޔާގެ ވަރަށްބޮޑު އެހީއެއް ވަނީ ލިބިފައި. އާދެ، އެހެންވީމާ ޔުނިސެފާއި، އަދި އޭގެ އިތުރުން، ރާއްޖޭގެ ތަޢުލީމަށް އެކިގޮތްގޮތުން އެހީވެދެމުންގެންދާ، އ.ދ.ގެ ތަފާތު ޖަމާޢަތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. އޭގެތެރޭގައި ޔުނިސެފާއި، ޔޫ.އެން.އެފް.ޕީ.އޭ.އާއި، ޑަބްލިޔޫ.އެޗް.އޯ.އާއި، ޔޫ.އެން.ޑީޕީ ހިމެނޭ. އާދެ، މީގެއިތުރުންވެސް ރާއްޖޭގެ ތަޢުލީމީ ދުވެލި ކުރިއަށް ގެންދިޔުމުގައި، ބޭރުގެ ވަރަށްގިނަ ފަރާތްތަކެއްގެ އެހީ، ދިވެހި ރައްޔިތުންނަށް މިދަނީ ލިބެމުން. އާދެ، އޭގެތެރޭގައި އަތޮޅުގެ ރަށްރަށުގެ ސްކޫލްއެޅުމާއި، ސްކޫލްގެ ފެންވަރު މަތިކުރުމަށް ވާރލްޑް ބޭންކުން ދީފައިވާ އެހީއަށްޓަކައި ވާރލްޑް ބޭންކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭރުގެ އެކި ޤައުމުތަކުން ދެމުންގެންދާ ސްކޮލަރޝިޕްތަކަށާއި އެހީތަކަށްޓަކައި، އެ ޤައުމުތަކަށްވެސް އަޅުގަނޑު މި މުނާސަބަތުގައި ޝުކުރު އަދާކުރަން. ހަމައެހެންމެ، ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރި ވެރިން، އެބޭފުޅުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް އިތުރު ކުރިއެރުމެއް ގެނެސްދެއްވުމަށްޓަކައި ރާއްޖޭގައި ބިނާކުރައްވާފައިވާ ޢިމާރާތްތަކެއް، މަދްރަސީ ބިނާތަކެއް، މިހާރު އެބަހުރި. އެހެންކަމުން އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު، މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވިފަދައިން، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި މި މަރުކަޒު އާދެ، ބ.އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ ތަޢުލީމީ މައިދާނުގައި ގުނާލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައި. ވޭތުވެދިޔަ ބައެއް އަހަރުތަކުގައި، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުގައި މުޅި ރާއްޖެއިން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި، މި މަރުކަޒުގެ ދަރިވަރުން ވަނީ ހިމެނިފައި. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުގައި، 2000 ވަނަ އަހަރު މުޅި ރާއްޖެއިން އެންމެ މަތީ ވަނަ ހޯދި ސްކޫލެއްގެ ގޮތުގައި ހޮވިފައިވަނީވެސް މި މަރުކަޒު. އެހެންކަމުން މިއީ މިކަހަލަ މުނާސަބަތެއްގައި އަޅުގަނޑުމެން އެކަން ހަނދާންކޮށް، މި ކާމިޔާބީތައް ޙާޞިލުކުރުމުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރަން ޖެހޭނެކަމެއް. އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި އަދި މަރުކަޒުގެ ހިންގުންތެރިންނާއި، މުދައްރިސުންނާއި އަދި ބެލެނިވެރިންވެސް އެކަމުގައި ވަރަށްބޮޑު ބައެއް އަދާކުރައްވާފައިވާ ކަމަށް އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންގެ ދަރިން ކިޔަވަން ފޮނުވައިގެން، އެކުދިންނަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދީ ހަދަމުން ގެންދަނީ އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން. އެހެންވީމާ، އެހުރިހާ ފަރާތްތައް ގުޅިގެން އެ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި މަރުކަޒު ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި، ދެ ޖިންސަށް ހަމަހަމަގޮތެއްގައި ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަކީ ކަނޑައެޅިފައިވާ ވަރަށް މުހިންމު އުޞޫލެއް. އާދެ، ދެޖިންސުގެ ހަމަހަމަކަމަކީ، ދިވެހިސަރުކާރުގެ ސިޔާސަތު، އޭގެ މައްޗަށް ބިނާވެފައިވާ އުޞޫލެއް. ހަމައެހެންމެ އެއީ މުޅި ދުނިޔެ ގަބޫލުކުރާ އުޞޫލެއް. އޭގެ އެންމެ މުހިންމު އެއްކަމަކީ އެންމެ ކުޑައިރުއްސުރެ އަންހެންކުދިންނާއި ފިރިހެންކުދިން ހަމަހަމަކުރުން. އެކުދިންނަށް ލިބޭ ޢިނާޔަތާއި، ލޯތްބާއި، އެހީތެރިކަމާއި، އަޅާލުމާއި، އަދި ތަޢުލީމުގެ ފުރުޞަތުތަކުގައިވެސް ދެޖިންސް ހަމަހަމަކުރުން. އެގޮތުން މީގެ 25 އަހަރު ކުރިން، ބ. އަތޮޅު ތަޢުލީމީ މަރުކަޒު އިފްތިތާޙު ކުރެވުނުއިރު، މަރުކަޒުގައި ތިބި ކުދިންގެ ޢަދަދަކީ ކޮބައިކަން އެނގިވަޑައިގަންނަވާތޯ. އޭރު ތިބީ 58 ކުދިން. 29 ފިރިހެންކުދިންނާއި 29 އަންހެންކުދިން. އޭރު އެއޮތީ ދެ ޖިންސުގެ ހަމަހަމަކަން ވަރަށްބޮޑަށް ޤާއިމުކުރެވިފައި. އެހެންނަމަވެސް، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެތެރޭގައި ކުދިން ގިނަވަމުން ދިޔުމުގެ ސަބަބުން، އާދެ، މި މަރުކަޒުގައި ކިޔަވާކުދިންގެ ޢަދަދު މިހާރު އެއްހާހަށްވުރެ މައްޗަށް ހިނގައްޖެ. ގިނަވުމުގެ ސަބަބުންނާއި އަދި މި މަރުކަޒުގައި ކިޔަވާކުދިންގެ ތެރޭގައި އޭދަފުށި ނޫން އެހެން ރަށްރަށުން އައިސް، އޭދަފުށީގައި ތިބެގެން ކިޔަވާކުދިން އިތުރުވުމާ، މިކަހަލަ އެތައް ސަބަބުތަކަށްޓަކައި، މިހާރު އެ ނިސްބަތްވަނީ ކުޑަކޮށް އެހެންގޮތަކަށް ބަދަލުވެލާފައި.

އާދެ، މިއަދު އަޅުގަނޑު ހޯދި މަޢުލޫމާތު ކުށްކަމުގައިނުވަނީނަމަ، މިހާރު ސްކޫލްގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ތެރެއިން ސަތޭކައަކުން 56 އެއީ ފިރިހެން ކުދިން. އަންހެން ކުދިންގެ ނިސްބަތަކީ ސަތޭކައަކުން 44. އެއީކީ ޙަޤީޤަތުގައި ގަސްތުގައި ބަޔަކު ކުރިކަމެއްނޫން. މިދެންނެވި ސަބަބުތައް މިހެން މެދުވެރިވުމާ ގުޅިގެން އެކަންވެގެންދިޔަގޮތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ސަރުކާރުން ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމުގައި ދެޖިންސަށް ހަމަހަމަގޮތެއްގައި ކަންތައްކުރުމަކީ، ސަރުކާރުން ގެންގުޅޭ ވަރަށް ވަރުގަދަ ހަރުދަނާ އުޞޫލެކޭ. އެގޮތުގެމަތިން ކަންތައްތައް ކުރިޔަށް ގެންދިޔުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. އަދި ރާއްޖޭގެ މުސްތަޤްބަލަށްވެސް އޭގެ ރަނގަޅު އަސަރު ކުރަމުންދާނެ ކަމެއް.

އާދެ 2002 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ރާއްޖޭގައި ތިބި ގާތްގަނޑަކަށް، ކިޔަވާކުދިންގެ ޖުމްލަ އަދަދަކީ އެއްލައްކަ ހަހާސް. އެ އެއްލައްކަ ހަހާސް ކުދިންގެ ތެރެއިން، 50.8 އިންސައްތައަކީ ފިރިހެންކުދިން. 49.2 އިންސައްތައަކީ އަންހެންކުދިން. އެހެންވީމާ، ގާތްގަނޑަކަށް ވަރަށް ހަމަހަމަކޮށް މުޅި ރާއްޖޭގެ ނިސްބަތުގައި ތަޢުލީމީ ފުރުޞަތު ލިބުމުގައި، ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުވެފައި މިވަނީ. މިކަމަކީ އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. ހަމައެހެންމެ، ރާއްޖޭގެ ތަރައްޤީއަށް ބަލަމުންގެންދާ ބޭރުގެ ފަރާތްތަކުންވެސް މިއީ، އެކަމަށްޓަކައި ރާއްޖެއަށް ތާރީފުކުރާކަމެއް.

އާދެ، ރާއްޖޭގެ މިހާރުގެ ތަޢުލީމީ ޙާލަތަށް ބަލާއިރު، ފަށާ ތަޢުލީމު މިހާރު މިވަނީ މުޅި ރާއްޖެއަށް ޢާއްމުކުރެވިފައި. މުޅި ރާއްޖެއަށް ފެތުރިފައި. އަދި ހުރިހާ އަތޮޅެއްގައިވެސް ޘާނަވީ ތަޢުލީމު ދޭންވަނީ ފަށާފައި. އަދި މަތީ ޘާނަވީ ތަޢުލީމު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ތިން ސަރަޙައްދަކަށްވަނީ ތަޢާރުފު ކުރެވިފައި. އޭގެތެރޭގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނޭ. އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، ރާއްޖޭގައި ހުރި، ގްރޭޑް 1 ން 12 އަށް ކިޔަވައިދޭ ހަމައެކަނި މަރުކަޒަކީ މިއީ. އެހެންވީމާ، މިއީވެސް މި މަރުކަޒަށް ލިބޭ ވަރަށްބޮޑު ފަޚުރެއް ކަމުގައި އަޅުގަނޑު ދެކެން.

މިހާރު އަޅުގަނޑުމެންނަށް ކުރަންޖެހިފައިވާ އެންމެބޮޑު އެއްކަމަކީ، ފަށާ ތަޢުލީމުގެ ފެންވަރު މަތިކުރުން. ފަށާ ތަޢުލީމު މިވަނީ މުޅިރާއްޖެއަށް ޢާއްމުވެފައި. އެހެންނަމަވެސް، ތަޢުލީމަކީ އަބަދުވެސް ތަރައްޤީކުރަންޖެހޭ އެއްޗެއް. ފެންވަރު މަތިކުރަމުން ގެންދަންޖެހޭ އެއްޗެއް. ދުނިޔޭގެ އެއްވެސް ޤައުމެއްގައި، އެ ތަޢުލީމު އޮތްގޮތަކަށް އަބަދަކު ނޯންނާނެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، ކޮންމެ 5 އަހަރަކުން، 10 އަހަރަކުން ނުވަތަ އެނޫން މުއްދަތަކުންވިޔަސް ދަނީ އެމީހުންގެ މުޅި ތަޢުލީމީ ނިޒާމަށް ބަދަލުތަކެއް ގެންނަމުން، ފެންވަރު މަތިކުރަމުން. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މި މަސައްކަތަކީ ހުއްޓުމެއްނެތި ކުރަން ޖެހިފައިވާ އަދި ކުރަމުންގެންދާ ކަމެއް.

އާދެ، މިގޮތުން ފަށާތަޢުލީމުގެ ފެންވަރު މަތިކުރުމާއި އަދި ޘާނަވީ ތަޢުލީމުގެ ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް، އޭގެ ފެންވަރު ރަނގަޅުކުރުމަކީ، މިހާރު އަޅުގަނޑުމެން ކުރަންޖެހިފައިވާ ވަރަށްބޮޑު މަސައްކަތެއް. އާދެ، މިދެންނެވި މަޤްޞަދު ޙާޞިލުކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ، ޘާނަވީ މުދައްރިސްކަމަށް ދިވެހިން ތަމްރީނުކުރުން. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ފަށާތަޢުލީމުގެ މަރްޙަލާގައި ކިޔަވައިދޭ ދިވެހިން ވަރަށްގިނަ. އެހެންނަމަވެސް، ޘާނަވީ މަރްޙަލާގައި އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިދޭ ދިވެހިންގެ ޢަދަދު އެހާގިނައެއްނޫން. ވަރަށް ގިނަ ޢަދަދަކަށް ބޭރުގެ ޓީޗަރުން އަޅުގަނޑުމެންޖެހެނީ އެ މަރްޙަލާގައި ބޭނުންކުރަން.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ، ރާއްޖޭގެ ޘާނަވީ ތަޢުލީމުދޭ ދިވެހި މުދައްރިސުން އިތުރުކުރުމަށް. ޘާނަވީ މުދައްރިސްކަމަކީ، ރާއްޖޭގެ ތަރައްޤީއަށް ޚިދުމަތްކޮށްދެވޭނެ އެންމެ މުހިންމު އެއްރޮނގު ކަމަށްވާތީ، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން، މުދައްރިސްކަމަށް ކުރިމަތިލުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް. އާދެ، އަޅުގަނޑުމެންގެ ދަރިވަރުންގެ ތެރެއިން، ކަމަށް އެކަށީގެންވާ ކުދިން ޘާނަވީ ތަޢުލީމުގެ މުދައްރިސްކަމަށް ކުރިމަތިލައިގެން، އެކަމުގެ ކޯސްތައް ހަދައި، ހުނަރުތައް ޙާޞިލުކޮށްގެން، އަޅުގަނޑުމެންގެ ރާއްޖޭގައި ޘާނަވީ މުދައްރިސުންގެ ޢަދަދު ގިނަކުރެއްވެވުމޭ. އެހެންވީމާ، މިކަމަކީ އަޅުގަނޑު، އަޅުގަނޑުމެންގެ ދަރިވަރުންގެ ސަމާލުކަމަށް، އަދި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަންބޭނުންވާ ކަމެއް.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ޘާނަވީ ތަޢުލީމު ޙާޞިލުކުރަމުންގެންދާ ގިނަ ދަރިވަރުންނަކީ، އެ ދަރިވަރުންގެ އަމިއްލަ ރަށާއި، އާއިލާއާ ދުރުގައި ޘާނަވީ ތަޢުލީމު ލިބެންހުރި އެހެން ރަށެއްގައި ކިޔަވަމުންގެންދާ ކުދިން. ކުރިންވެސް ދެންނެވިފަދައިން، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް، މި ރަށްނޫން އެހެން ރަށްރަށުގެ ކުދިން ކިޔަވަމުން އެބަގެންދޭ. މިގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ލިބެންހުންނަ ޘާނަވީ ތަޢުލީމު ހޯދުމަށްޓަކައި، އެނޫން އެހެން ރަށްރަށުން އައިސްތިބޭ ކުދިންނަށް، އެ ރަށްރަށުގެ ރައްޔިތުން އެ ވަމުންގެންދާ އެހީތަކާއި އަޅާލާ އަޅާލުމާއި، ބަހައްޓާ އޯގާތެރިކަމަކީ، އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމަށްޓަކައި ޝުކުރުވެރިވާންޖެހޭނެ ކަމެއް. އަދި އެކަމަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މުހިންމު ޙިއްސާއެއް އަދާކުރާކަމެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އެހެންވީމާ، އެގޮތަށް ރާއްޖޭގެ އެކިރަށްރަށަށް، އެހެން ރަށްރަށުން އައިސްތިބޭ ކުދިންނާމެދު، އޯގާތެރިކަމާއި ޢިނާޔަތްތެރިކަމާއެކީގައި ކަންތައްތައް ކޮށްދެއްވާ އެ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އޭދަފުށްޓަކީ އެފަދަ ރަށެއް ކަމަށްވާތީ، އޭދަފުށްޓަށް އައިސްތިބޭ އެހެން ރަށްރަށުގެ ކުދިންނާ މިރަށުގެ ރައްޔިތުން ވަރަށްބޮޑަށް އަޅާލައި އެހީތެރިކަން ބަހައްޓާ ކަންތައްތައް ކޮށްދެމުންގެންދާތީ، އޭދަފުށީ ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ކިޔަވާކުދިން. އެހެންވެފައި، މިހާރު ތަޢުލީމުގެ ފުރުޞަތުތައް ފުޅާވެގެންދިޔުމާއެކު، ވަރަށްގިނަ ޢަދަދެއްގެ ދަރިވަރުން، ޘާނަވީ ތަޢުލީމު މިހާރު ނިންމަމުން އެބަގެންދޭ. އޭގެތެރެއިން ބައެއް ކުދިންނަކީ، މަސައްކަތުގެ މައިދާނަށް ނުކުންނަ ކުދިން. އަނެއްބައި ކުދިންނަކީ މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ، އެކަމުގެ ފުރުޞަތުތައް ހޯދަން ބޭނުންވާކުދިން. އެ ޢަދަދުތައް އަޅުގަނޑުމެންގެ ރާއްޖޭގައި ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އެހެންވީމާ، ސަރުކާރުންވެސް މަސައްކަތް މި ކުރަނީ ރާއްޖޭގައި ތަޢުލީމު، އެކަމަށް އެދޭ ކުދިންނަށް ޙާޞިލުކޮށްދެވޭތޯ.

އާދެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފެދިފައިވަނީ އެ މަޤްޞަދަށްޓަކައި. އެ ކޮލެޖުން މަސައްކަތް ކުރައްވާ، ޘާނަވީ ތަޢުލީމު ޙާޞިލުކުރާ ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް، އެ ކޮލެޖުގައި ހޯއްދަވައި ދެއްވުމަށް. އަދި އަމިއްލަ ފަރާތްތަކުންވެސް އެކިއެކި ތަމްރީނާއި މަސައްކަތްތެރިކަން ދަސްކޮށްދޭ ކޯސްތައް މިހާރު ހިންގަމުން އެބަގެންދޭ. އެފަދަ ފުރުޞަތުތައް ހޯދައިދޭން ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރޭ. އެހެންވީމާ، އަމިއްލަ ފަރާތްތަކުން އެކޮށްދެއްވަނީވެސް ޤައުމަށްޓަކައި ކޮށްދެއްވާ ވަރަށްބޮޑު ޚިދުމަތެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އަޅުގަނޑު އެދެނީ، މަސައްކަތުގައި، ނުވަތަ ވަޒީފާގައި ތިބެގެން، އިތުރަށް ތަޢުލީމު ހޯދޭނޭ ގޮތްތައް އަމިއްލަ ފަރާތްތަކުންވެސް މެދުވެރިކޮށްދެއްވުން.

މިހާރުވެސް ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ޚަރަދުގައި، މަތީ ތަޢުލީމު ހޯދުމަށްޓަކައި ދިވެހިން ރާއްޖެއިން ބޭރަށް ފޮނުވަމުން އެބަގެންދަވާ. ޝައްކެއްނެތް، އެއީ ޤައުމަށް އެބޭފުޅުން ކޮށްދެއްވާ ވަރަށްބޮޑު ޚިދުމަތެއް. އެއާ އެކީގައި އަޅުގަނޑު އެދެނީ، ސަރުކާރުގައި ރަޖިސްޓަރީ ކުރައްވައިގެން، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭގޮތަށް އެކިއެކި ކޯސްތައް ފަރުމާކުރައްވައިގެން، އަމިއްލަ ފަރާތްތަކުންވެސް ތަޢުލީމުގެ ފުރުޞަތުތައް ކުދިންނަށް ހޯއްދަވައި ދެއްވަމުން ގެންދެވުން. އެކަމަކީ ސަރުކާރުން ވަރަށްބޮޑަށް ހިތްވަރުދޭކަމެއް. ހަމައެހެންމެ، ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވާ، އަދި ކުރިންވެސް ދެންނެވިފަދައިން، ވަޒީފާގައި ތިބެގެން އިތުރު ތަޢުލީމު އެކުދިންނަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ، އަޅުގަނޑު ހިތުން މިހާރު ރާއްޖޭގެ ތަރައްޤީ ވަރަށްބޮޑަށް އެދިއެދި އޮތް ކަމެއް.

އާދެ، ރާއްޖޭގެ ތަޢުލީމާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ، މާކުޑައިރުކޮޅެއްގެ ތެރޭގައި ކޮށްނިންމާލެވޭވަރުގެ ކަމެއްނޫން. އެހެންނަމަވެސް، މިއަދުގެ ވަގުތު މިހާރުވެސް އަޅުގަނޑުމެން ކުރިން ހީކުރިވަރަށްވުރެ ވަރަށްބޮޑުތަން ލަސްވެފައިވާތީއާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ގަސްތުކުރަން. ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިއަދު ޖަލްސާ ފެށުން ލަސްވީތިއްޔާ އަދި އަޅުގަނޑަށްވެސް މިރަށަށް އާދެވުން ލަސްވީތީ، އަދި އެކަމުގެ ސަބަބުން މިރަށުގެ ވެރިންނަށާއި އަދި ރައްޔިތުންނަށް ލިބިވަޑައިގެންނެވި ބުރަޔާއި ތަކުލީފަށްޓަކައި، ހުރިހާ ބޭފުޅުންގެ އަރިހުން މާފަށްއެދެން.

އާދެ، އަޅުގަނޑުމެން ދަތުރު ރާވައިގެން މިގެނައީ ވަރަށް ބަރާބަރަށް ކަމަށް ހީކޮށްގެން. އެހެންނަމަވެސް އިންސާނުން ކުރާ ކަންތައްތަކުގައި، އިތުރު ވަރަށްގިނަ އުނި ކަންތައްތައް ފެނޭ. އެގޮތުން، އަޅުގަނޑަށް މިރަށަށް އާދެވުންވެސް ތަންކޮޅެއް ލަސްވީ. ޖަލްސާ ފެށުންވެސް ލަސްވީ. އަދި އޭގެ ސަބަބުން އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވި ވަރަށްގިނަ ޢިއްޒަތްތެރި ބޭފުޅުންނާއި، އަދި އަތޮޅުގެ ވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ދަރިވަރުންނާއި، އަދި ޢާއްމު ރައްޔިތުންވެސް ވަރަށްގިނައިރު ހޫނުގައި އަވީގައި ތިއްބަވަން ޖެހިވަޑައިގަތް. އެއީ، އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ދަތިކަމެއް ގެނެސްދިން ކަމެކޭ ދަންނަވާލަން. އެހެންނަމަވެސް، އެކަންވީގޮތަކީ އެއީ. އެކަން ތަޙައްމަލް ކުރެއްވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމުން، އަދި ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއަކަށް އެދެމުން. އަދި މާތްﷲ، ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދިޔުމުގެ އިތުރު ގޮތްތައް ފަހިކޮށްދެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.