بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين. والصّـلاة والسّـلام على أشرف المرسلين. سيّدنا محـمّد، وَعلـى آلـه وأصـحابه أجمـعـين.

އާދެ، ހިތަދޫގެ ރައްޔިތުންގެ ތެރެއިން، ދީނީކަންތައްތަކަށް ލޯބިކުރައްވާ ޢިއްޒަތްތެރި ބޭފުޅުންކޮޅެއް، އެބޭފުޅުންގެ އަމިއްލަ މަސައްކަތުންނާއި އަދި މިކަހަލަ ކަންކަމަށް ލޯބިކުރައްވާ އެހެން ބޭފުޅުންގެ އެހީއާއެކު، ޢިމާރާތް ކުރައްވާފައިވާ މި ރީތި މިސްކިތް، މިއަދުގެ ބަރަކާތްތެރި މެންދުރު ނަމާދުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މި މިސްކިތަކީ، ދެންމެ މި ދެންނެވިފަދައިން، އިސްކޮށްއުޅުއްވާ ހިތަދޫގެ ބޭފުޅުންކޮޅެއް، އަދި އެބޭފުޅުންގެ އަމިއްލަ މަސައްކަތާއި އަދި ދީނީކަންތައްތަކަށް ލޯބިކުރައްވާ އެހެން ބޭފުޅުންގެ އެހީއާއެކީގައި، ވަރަށް ފުރިހަމަގޮތެއްގައި ޢިމާރާތް ކުރައްވާފައިވާ މިސްކިތެއް. އެހެންކަމުން، މި ފުރިހަމަ ރީތި މިސްކިތް އާދެ، މަސްޖިދުއްޒިކްރާ، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން މިއަދު ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. މި އުފާވެރި އަދި ބަރަކާތްތެރި މުނާސަބަތުގައި، މި މިސްކިތް ޢިމާރާތްކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށާއި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށާއި، އެކިއެކި އެހީތައް ވެދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިފަދަ ރީތި ފުރިހަމަ މިސްކިތެއް ޢިމާރާތް ކުރެވުނު ކަމަށްޓަކައި ހިތަދޫގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ، މިސްކިތަކީ ވަރަށް މުހިންމު ދީނީ ރަމްޒެއް. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާތަކާއި އުޞޫލުތަކަށް ރަމްޒުކޮށްދޭ، ވަރަށް މަތިވެރި މަޤާމެއް ލިބިގެންވާ ތަނެއް. މިސްކިތަކީ އިސްލާމީ ހިދާޔަތުގެ ދަންމަރު، މުޖުތަމަޢުގައި ފަތުރައިދޭ ތަނެއް. އާދެ، މިސްކިތަކީ ފަރުޟު ފަސްނަމާދު ޤާއިމުކުރުމަށާއި، އެހެނިހެން ނަމާދުތައް ޤާއިމުކުރުމަށާއި، މާތް ﷲގެ އިސްމުފުޅު ޒިކުރުކުރުމަށާއި، އެކަލާނގެއަށް ތަޞްބީޙަ ކިޔުމަށާއި، ކީރިތި ޤުރްއާން ކިޔެވުމަށާއި، ޢިލްމު އުނގެނުމަށާއި އަދި މިނޫނަސް އިސްލާމީ މުޖުތަމަޢަކަށް ބޭނުންވާ، ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަކުރެވޭ ތަނެއް.

މިސްކިތަށް އަޅުގަނޑުމެން މުސްލިމުން ދޭންޖެހޭ ޤަދަރު ވަރަށްބޮޑު. މިސްކިތަށް ބަހައްޓަންޖެހޭ ޙުރްމަތްތެރިކަންވެސް އެހާބޮޑު. އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އާޔަތެއްގައި، މާތް ﷲ ވަޙީކުރައްވާފައިވޭ، "يَا بَنِى ءَادَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ" (الأعراف: 31) "އޭ، އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ސަޖިދަކުރާ ކޮންމެ ހިނދެއްގައި، އެބަހީ ނަމާދުކުރާ ކޮންމެ ހިނދެއްގައި ތިޔަބައިމީހުންގެ ޒީނަތްތެރިކަން ހިފާށެވެ! އެބަހީ، ތިޔަބައިމީހުން ޒީނަތްތެރިވާށެވެ!" އެހެންވީމާ، އެބައެނގޭ އަޅުގަނޑުމެން ނަމާދުކުރާއިރު ތިބެންވާގޮތް. ނަމާދުކުރާއިރު ތިބެންމިވަނީ ޒީނަތްތެރިކޮށް، ސާފުތާހިރުކޮށް، ރީތިހެދުމެއްގައި. އާދެ، އޭގެ މާނައަކީ ކޮންމެހެން އާ ހެދުމެއް ލާންޖެހޭ ވާހަކައެއްނޫން. އެހެންނަމަވެސް، މިސްކިތަށް އަޅުގަނޑުމެން އަދާކުރަންޖެހޭ ޙުރްމަތްތެރިކަމުގެ ބޮޑުކަމުން، މިސްކިތަށް އަންނައިރު ނުވަތަ ނަމާދުކުރާއިރު، އަޅުގަނޑުމެން ތިބެންމިޖެހެނީ ޠާހިރުކޮށް. އަޅުގަނޑުމެންގެ ހަށިގަނޑާއި ފޭރާން ޠާހިރުކޮށް ހުންނަންޖެހެނީ. ހަމައެހެންމެ، އަޅުގަނޑުމެން މި ތިބެންޖެހެނީ، ޒީނަތްތެރިކޮށް. އެމީހަކަށް ވެވުނު މިންވަރަކުން ޒީނަތްތެރިވެގެން. އެއީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތް.

އެހެންވީމާ، އަޅުގަނޑުމެން މިކަމަށް ސަމާލުކަންދޭން އެބަޖެހޭ. ދިވެހިންނަކީ ޒަމާނުއްސުރެ މިސްކިތަށް އަރާއިރު ވަރަށް ރީތިކޮށް، ސާފުކޮށް ތިބޭ ބައެއް. އެ ރީތި އާދަ އަޅުގަނޑުމެން ދަމަހައްޓަންޖެހޭނެ. ޙަޤީޤަތުގައި އެއީ އިސްލާމީ އާދައެއް. އިސްލާމްދީން ނިޔާކުރާކަމެއް. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް މިސްކިތަށް އަރާއިރު، އެމީހަކަށް ވެވުނުވަރަކަށް ރީތިކޮށް، ސާފުކޮށް، ޠާހިރުކޮށް އަދި ޒީނަތްތެރިކަންމަތީ ހުރުމަކީ، ދީނީގޮތުން އެމީހަކު ކުރަންޖެހޭނެ ކަމެއް.

އާދެ، މިސްކިތުގައި ނަމާދު ޤާއިމުކުރުމުގެ މަތިވެރިކަމާއި މުހިންމުކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެކަމާ ބެހޭގޮތުން މާދިގު ވާހަކައެއް ދައްކާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އަޅުގަނޑު މި ފުރުޞަތުގެ ބޭނުންކުރާނީ، މި މިސްކިތް ޢިމާރާތް ކުރެއްވި ފަރާތްތަކަށާއި، އެކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ޝުކުރު ދެންނެވުމަށް. ހަމައެއާއެކީގައި، އެބޭފުޅުންނަށާއި އަދި ހިތަދޫގެ ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަށް.

މާތް ﷲ އަޅުގަނޑުމެން އެންމެންނަކީ، އެކަލާނގެ ދެއްކެވި ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލައްވާށި! އަޅުގަނޑުމެންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރައްވާށި! އަޅުގަނޑުމެންގެ ހިތްތަކުގައި މިސްކިތްތަކަށް ދެމުން މިގެންދާ ޤަދަރު މަތިވެރިކުރައްވާށި! އަދި އަޅުގަނޑުމެންގެ ފާފަފުއްސަވައި، އަޅުގަނޑުމެންނަށް ރަޙްމަތްލައްވައި، އަޅުގަނޑުމެން ކުރާ ހެޔޮ ކަންތައްތައް އެކަލާނގެ ގަބޫލުކުރައްވާށި! އަޅުގަނޑުމެންނަށް މާތް ﷲ އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރައްވައި، މުސްލިމުންނަށް ނަޞްރާއި ނަޞީބު ދެއްވާށި!

والسّلام عليكم ورحمـة اللّـه وبركاته.