ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލާމެދު މެންބަރުން ފުންކޮށް ވިސްނާވަޑައިގެން، ޕާޓީގެ ފިކުރަށްވުރެ އަމިއްލަފުޅު ފިކުރެއް ގެންގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު ދެއްވާ ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮވިންސް އުފެއްދުން ރަނގަޅު ނޫން ކަމަށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ކަމަށާއި، އެހެން ނަމަވެސް، އަތޮޅަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި ލާމަރްކަޒީ ކޮށްގެން ހިންގުމަށް މާކުޑަ ސަރަޙައްދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއްއަތޮޅު އެއީ އިދާރީ ދާއިރާއެއްގެ ގޮތުގައި ނުވަތަ ލާމަރްކަޒީ ޔުނިޓެއްގެ ގޮތުގައި ބަލައިގެން، މިކަން ކޮށްފިނަމަ، ރާއްޖޭގެ ބަޖެޓަށާއި ހިންގުމަށާއި، އަދި ނެރެން މިއުޅޭ ނަތީޖާއަށް ނުހަނު ހީނަރުކަމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިބިލާމެދު ފުންކޮށް ވިސްނާވަޑައިގަތުމަށް ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަޙްމަދު ތަސްމީން ޢަލީއާއި، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާ ދެބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޖިލީހުގައި ބައެއްފަހަރަށް ހޫނުގަދަވެ، ޖޯޝް ގަދަވެގެންދިޔަ ކަމުގައިވިޔަސް، މަޖިލީހަށް ހިތްހަމަޖެހުމާއި ހިތްހެޔޮކަމާއި ހަމަޖެހުން އެބަ އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި މި ހަމަޖެހުން ލިބުމުގައި، މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުންގެ ދައުރު ވަރަށްފުޅާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށާއި، ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ކުރައްވައިގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމެވި ނިންމެވުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ސަރުކާރުން މުސާރަތަކަށް ހިނގާ ޚަރަދު ކުޑަކުރެއްވުން ވަރަށް މުހިންމު ކަމަށާއި، ބޭރުގެ އެހީދޭ ފަރާތްތަކުން ޚާއްޞަކޮށް، އައި.އެމް.އެފް.އިން މިކަމަށް ބާރުއަޅުއްވައި، ސަރުކާރަށްވަނީ ވަރަށް ބޮޑަށް ލަފާދެއްވާފައި ކަމުގައި ވިދާޅުވިއެވެ. ”މިބަދަލުތައް އަޅުގަނޑުމެން މިހާރު ނުގެނެސްފިނަމަ، އެހީދޭ ޖަމާޢަތްތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުންވެސް، ދިވެހިރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުންވެސް ދެކޭނީ ވަރަށްވެސް ނިކަމެތި ގޮތެއްގައި. އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި ނުވަތަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލިބިދާނެ ލޯން ނުވަތަ އެހެންވެސް ބާވަތް ބާވަތުގެ ފެސިލިޓީޒްތައް ލިބުމަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވެގެންދާނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި، އަދި ޢާންމުކޮށް ދިވެހި ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޤައުމުގެ ހެވާއި ލާބައަށްޓަކައި މިކަމުގައި އެއްބާރުލެއްވުން ދެއްވައިގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުންވެސް އަދި އެހެންވެސް މުއައްސަސާތަކުން އެމުއައްސަސާތަކުގައި މަސައްކަތް ކުރައްވާ އަދި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ މުސާރަތައް، ސިޔާސީ މުވައްޒަފުންގެ މުސާރަތަކުން އެކުޑަކުރެއްވި ނިސްބަތުގެ ޢަދަދަކުން ކުޑަކުރެއްވުމަކީ، މިވަގުތު ކޮންމެހެންވެސް ކުރަންވެއްޖެ ކަމެއް ކަމުގައި ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެއްސެއްގެ ގައިން މިދިޔަ ހަފްތާގައި އެޗް.ވަން.އެން.ވަން ފެނިފައިވުމާއެކު، މިދަނޑިވަޅުގައި ހެލްތް މިނިސްޓްރީގެ ލަފާގެ މަތިން ކަންތައްތައް ކުރެއްވުމަށް ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކަމާބެހޭ ހުރިހާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢު އެކުލަވާލެއްވުމަށް މާދަމާ އާރަށުގައި ފަށްޓަވާ ކޮންފަރެންސްގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، އިތުރު ޓެކްސީ ސެންޓަރުތައް ހުޅުވުމަށް ހުއްދަ ދެއްވަން ސަރުކާރުން ނިންމެވިކަންވެސް އިޢްލާނު ކުރެއްވިއެވެ. މިކަން އިޢްލާނު ކުރައްވަމުން، ޓެކްސީ ސެންޓަރުތައް ވަކިވަރެއްގައި ހިފަހައްޓާކަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ލާޒިމު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1 ސެޕްޓެމްބަރުން ފެށިގެން ސަރުކާރުގެ އިޢްލާނުތަކާއި، ދެންނެވުންތަކާއި، އެންގެވުންތައް ހަމައެކަނި ޝާއިޢު ކުރެވޭނީ ގެޒެޓްގައި ކަމަށް ވިދާޅުވެ، ސަރުކާރުގެ އޮފީސްތަކަށް ކަމާބެހޭ މަޢްލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ދެއްވަމުން ގެންދަވާކަންވެސް ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ އަމިއްލަ ރޭޑިއޯ ޗެނަލެއް ކަމަށްވާ ރޭޑިއޯ އެޓޮލް 96 FM އިން 1 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ދުވާލަކު 1 ގަޑިއިރު، ސަރުކާރުގެ އިޢްލާނުތަކާއި، ނޫސްބަޔާންތަކާއި، ދެންނެވުންތައް ހިލޭ ބްރޯޑްކާސްޓް ކޮށްދެއްވުމަށް އެސްޓޭޝަނުން ނިންމަވާފައިވުމާއެކު، އެކަން ފާހަގަކުރައްވައި، އެކަމަށް އިސްނެންގެވި ކަމަށްޓަކައި އެސްޓޭޝަނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.