بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އެއަށްފަހުގައި، 2000 ވަނަ އަހަރުގެ އޮލިމްޕިކް ދޮރޯށި ރަމްޒުކޮށްދޭ ތަށި، އަޅުގަނޑަށް ހަދިޔާ ކުރެއްވިކަމަށްޓަކައި، އޭރު ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ހުންނެވި މިސްޓަރ ހުވާން އެންޓޯނިޔޯ ސަމަރާންޗަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ހުރިހާ މެންބަރުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެ ތަށި، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަޅުގަނޑާ މިއަދު ހަވާލުކުރެއްވި، ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

2000 ވަނަ އަހަރުގެ އޮލިމްޕިކް ދޮރޯށި ރަމްޒުކޮށްދޭ ތަށްޓާ، އަޅުގަނޑު މިއަދު މި ހަވާލުވީ ވަރަށް ބޮޑު އުފަލަކާ އެކީގައި. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ގަބޫލުކުރަމުން.

އާދެ، މީގެކުރިންވެސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަޅުގަނޑަށް ވަނީ ދެ އިނާމެއް ދެއްވާފައި. އެއީ، 1994 ވަނަ އަހަރު، އޭރު ހަދިޔާ ކުރެއްވީ، "ސެންޓެނިއަލް ޓްރޮފީ"، އޮލިމްޕިކް މޫވްމަންޓުގެ، އޮލިމްޕިކް ހަރަކާތުގެ "ސެންޓެނިއަލް ޓްރޮފީ". އަދި އެއާއެކުގައި، ކުޅިވަރާއި ތިމާވެށްޓާބެހޭ ތަށި. މި ދެ ތަށި ވަނީ އަޅުގަނޑަށް ހަދިޔާކުރައްވާފައި. އެހެންވީމާ، މިކަމުން ދޭހަވަނީ، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން، ރާއްޖެއާ ދޭތެރޭގައި ބަހައްޓަވާ ޚާއްޞަގޮތް.

އޭރު، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ޕްރެޒިޑެންޓަކަށް ހުންނެވި މިސްޓަރ ހުވާން އެންޓޯނިޔޯ ސަމަރާންޗަކީ، ރާއްޖެއަށް ވަރަށް ގާތްގޮތެއް ބެހެއްޓެވި ބޭފުޅެއް. އޭނާ ރާއްޖެއަށް ޒިޔާރަތްވެސް ކުރެއްވި. އާދެ، 1985 ވަނަ އަހަރު މާލެވަޑައިގެން، އަޅުގަނޑާ ބައްދަލުކުރެއްވި. އަދި ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށް، އޭނާ ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވި. ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން، ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންގޮސް ތަރައްޤީ ކުރުމަށް ވަރަށް ގިނަ އެހީތަކެއްވެސް ވަނީ، އޭނާ ވެދެއްވާފައި. އެހެންވީމާ، މިހުރިހާ ކަމަކަށްޓަކައި، އޭނާއަށް ޝުކުރު ދަންނަވައި، އަދި އޭނާއަށް ބާއްޖަވެރި ޙަޔާތަކަށް އެދުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

2001 ވަނަ އަހަރު، އޭނާ ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައި. އާދެ، 20 އަހަރު ދުވަސް ވަންދެން އެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު، ސަމަރާންޗް މިއަދު ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައި. މިހާރު ހުންނެވީ އެހެން ރައީސެއް.

އާދެ، މިއަދު، އަޅުގަނޑަށް މި ލިބުނު އޮލިމްޕިކް ދޮރޯށްޓަކީ، އަދި އޭގެކުރިން، އަޅުގަނޑަށް ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެ ހަދިޔާކުރެއްވި ދެ ތަށްޓަކީވެސް، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ދެއްވި އިނާމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި، އެ އިނާމުގެ ޙައްޤުވެރި ފަރާތަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއި އަދި ރާއްޖޭގައި ކުޅިވަރު ކުޅޭ އެންމެން.

އެހެންވީމާ، މި ފުރުޞަތުގައި، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ތަރައްޤީ ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ފަރާތަކީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމަށްވާތީ، އެ މިނިސްޓްރީގެ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި އެ ޝުކުރުގައި، އެމަނިކުފާނުގެ މިނިސްޓްރީގެ އެހެން ވެރިންނާއި މުވައްޒަފުންވެސް އަޅުގަނޑު ޝާމިލުކުރަން. ހަމައެޔާއެކީގައި، ވަރަށް ހީވާގިކަމާއި މުރާލިކަމާއެކީގައި، ރާއްޖޭގައި އޮލިމްޕިކް ހަރަކާތް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާ، އަދި ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޒާހިރު ނަޞީރަށްވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ރާއްޖޭގައި ކުޅިވަރުގެ ކަންތައްތައް ކުރިއަށް ގެންދަވައި، ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާ، މިތާ ވަޑައިގެން ތިޔަ ތިއްބެވި، ރާއްޖޭގެ އެކިއެކި އެސޯސިއޭޝަންތަކުގެ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނަށާއި އަދި ކަންދިމާވިގޮތުން މިއަދު، މިތަނަށް ވަޑައިނުގެންނެވުނު، އެކިއެކި އެސޯސިއޭޝަންތަކުގެ ވެރިންނަށާއި، އެ އެސޯސިއޭޝަންތަކުގެ މެންބަރުންނަށާއި އަދި ރާއްޖޭގެ ކްލަބް ޖަމުޢިއްޔާތަކަށާއި އަދި އެ ކްލަބް ޖަމުޢިއްޔާތަކުގެ ބެލުމުގެ ދަށުން، ރާއްޖޭގައި ކުޅިވަރު ކުޅޭ އެންމެންނަށްވެސް، އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން.

ޝައްކެއްނެތް، ބައިނަލްއަޤްވާމީ އޮލިމްޕިކް ހަރަކާތަކީ، ވަރަށް މާތް މަޤްޞަދެއްގައި ފެށިގެން ހިނގަމުންދާ ހަރަކާތެއް. އެ ހަރަކާތް މިޒަމާނުގައި، އާދެ، މިޒަމާނުގައޭ އަޅުގަނޑު މިދެންނެވީ، އޮލިމްޕިކް ހަރަކާތަކީ، ވަރަށް ކުރިން، ޤަދީމީ ޔޫނާނުގައި ފެށިގެން އައި ހަރަކާތަކަށްވާތީ. މިޒަމާނުގައި މި ހަރަކާތް ފެށުނީ، 1894 ވަނަ އަހަރު. އާދެ، މީގެ 108 އަހަރު ކުރިން. އެ ހަރަކާތް މިޒަމާނުގައި ފެށުނުއިރު، އެކަން ފެށި މީހުން، އެކަން ފެށީ، އިންސާނުންގެ މެދުގައި އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި. މިދެންނެވީ، އިންސާނުންގެ ކުލަޔަށް ނުވަތަ ނަސްލަށް ނުވަތަ ޢަޤީދާޔަށް ނުވަތަ އެނޫންވެސް އެހެންކަމަކަށް ބަލާފައި، އިންސާނުންގެ މެދުގައި އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި، ކުޅެވޭ ކުޅިވަރުތަކެއްގެ ޒަރީޢާއިން، ތަރުބިއްޔަތު ލިބިގެން، އުފާވެރި، އަމަންއަމާންކަން ލިބިގެންވާ، ސަލާމަތް ދުނިޔެއެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ހަރަކާތް ފެށިގެންއައީ.

ޝައްކެއްނެތް، އެއީ ވަރަށް މާތް މަޤްޞަދެއް. އިންސާނުންގެ މެދުގައި އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި ކުޅިވަރު ކުޅެގެން، އިންސާނުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދައި، އަޅުގަނޑުމެން ދިރިއުޅޭ ބައިނަލްއަޤްވާމީ އަދި ކޮންމެ ޤައުމެއްގެވެސް، އެ ޤައުމެއްގެ އަމިއްލަ މުޖުތަމަޢަކީ، ބާއްޖަވެރި، އުފާވެރި، އަމަންއަމާންކަން ލިބިގެންވާ މުޖުތަމަޢަކަށް ހެދުން. މި ކުޅިވަރުތައް ކުޅެވޭއިރު، ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން، މާތް އަޚްލާޤަކާ އެއްގޮތްވާ ގޮތުގެމަތިން، ކުޅުމަށް ސަމާލުކަންދީގެން، ކުޅިވަރުގެ ޒަރީޢާއިން މީހުން ތަރުބިއްޔަތުކޮށް ބިނާކުރުން އެއީ، އޮލިމްޕިކް ހަރަކާތުގެ މަޤްޞަދު. އެހެންވީމާ، އެފަދަ މާތް މަޤްޞަދެއް ލިބިގެންވާ ހަރަކާތެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެއް.

ރާއްޖޭގައި، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ މީހުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި، ރާއްޖޭގެ އެންމެންނަކީ، ހަމަހަމަ ބަޔެއްގެގޮތުގައި ތިބެގެން، ކުޅިވަރު ކުޅެގެން، ކުޅިވަރުގެ ޒަރީޢާއިންވެސް، އަޅުގަނޑުމެންނަށް ލިބެންވާ ފުރިހަމަ ތަރުބިއްޔަތު ލިބިގެން، ރާއްޖޭގައި އަމާން، ބާއްޖަވެރި، ޞުލްޙަމަސްލަޙަތު ޤާއިމުވެފައިވާ މުޖުތަމަޢެއް ޤާއިމުކުރުމަށް. އެ މަޤްޞަދުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީން، ރާއްޖެއަށް ވެދެއްވާ އެހީތަކަކީވެސް އެ މަޤްޞަދުގައި ވެދެއްވާ އެހީތަކެއް.

ދެންމެ އަޅުގަނޑުމެންގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު އެ ވިދާޅުވި ފަދައިން، މިއަދުގެ ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަކީ، އެކަންކަމާ ދޭތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެއިންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ، އަދި އެކަންކަމާ ގުޅޭގޮތުން ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް މަޞްލަޙަތުހުރި، ފައިދާކުރާނެ ގޮތެއްގެމަތިން އަޅުގަނޑުމެން ޢަމަލުކުރަން ޖެހިފައިވާ ކަންތައްތަކެއް.

އޭނާ އެ އިޝާރާތް ކުރެއްވި ހާދިސާއަކީ، މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެއް. މުޅި ދުނިޔެ ކަންބޮޑުކޮށްލި ހާދިސާއެއް. އަދި އޭގެއިތުރުން، ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއްވެސް، މިހާރު އަންނަމުންދާ ހާދިސާއެއް. އަޅުގަނޑުމެންގެ ރާއްޖެއަށްވެސް، އެކަމުގެ އަސަރުތައް ވަނީ ކޮށްފައި. ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އެކަމުން އަސަރުކޮށްފައި. ރާއްޖޭގެ ވިޔަފާރިއަށް ވަނީ އަސަރުކޮށްފައި. ރާއްޖޭގެ އިޤްތިޞާދަށް ވަނީ އަސަރުކޮށްފައި.

މިކަންކަން ކުޑަކުރުވައި، އަޅުގަނޑުމެންނަށް މިދިމާވި ކަންތައްތަކުން ސަލާމަތްވުމަށް، އަޅުގަނޑުމެންނަށް މިވަނީ މަސައްކަތްތަކެއް ކުރަންޖެހިފައި. ހަމައެހެންމެ، ރާއްޖެ ގަބޫލުކުރާ ހަމަޔަކީ، އަމަންއަމާންކަމުގެ ހަމަ. ޞުލްޙަމަސްލަޙަތުގެ ހަމަ. އެބަޔަކު ބޭނުންވާ މަޤްޞަދަކަށް ވާސިލުކުރުމަށްޓަކައި، ޞުލްޙަވެރިކަމާއެކީގައި މަސައްކަތް ކުރަމުން ގެންދިޔުން. އެއީ އެއްވެސް ޙާލެއްގައި ބިރުދައްކައި، މީހުންގެ ފުރާނަޔަށް ނުރައްކާވާކަހަލަ ޢަމަލުތައް ކުރުމުގެ ހަމައެއްނޫން. ކޮންމެ މަޤްޞަދެއްގައިވެސް، އެތައް ބައެއްގެ ފުރާނަޔަށް ގެއްލުންވާގޮތަށް ޢަމަލުތައް ކުރުމަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއް ނޫން. އަދި އެއީ، އަޅުގަނޑުމެން އެންމެން އެދީނަކަށް ތަބާވެގެން މިތިބަ މާތްވެގެންވާ އިސްލާމްދީންވެސް ގަބޫލުކުރާ އުޞޫލެއް ނޫން.

މިވާހަކަ މިހެން ދަންނަވާއިރު، އިއްޔެވެސް މިކަހަލަ ވަރަށް ހިތާމަވެރި ހާދިސާއެއް، އިސްލާމީ ޤައުމެއްގައި ހިންގައިފި ވާހަކަ ތިޔަބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައި. އާދެ، ޕާކިސްތާނުގައި ހުރި ކްރިސްޓިއަން ދީނުގެ ފައްޅިޔަކަށް ބަޔަކުމީހުން ޙަމަލާދީގެން، އެތާނގައި އަޅުކަންކުރަން ތިބި އެއްބައިމީހުން މަރުވެ، ވަރަށްގިނަ ބަޔަކަށް ވަނީ އަނިޔާ ލިބިފައި. ހާނިއްކަވެފައި. މިކަމަކީ، ކުރިން ދެންނެވި ހާދިސާއެކޭ އެއްގޮތަށް، ދިވެހި ސަރުކާރުން ކުށްވެރިކުރާ ހާދިސާއެއް.

އަޅުގަނޑުމެންނަކީ އެއްވެސް ބަޔަކާ ދެކޮޅުވެރިކަމެއް ގެންގުޅޭ ބައެއްނޫން. މާތްވެގެންވާ އިސްލާމްދީނުގައިވެސް އޮންނަނީ، އެހެން އެއްވެސް ދީނެއްގެ އަހުލުވެރިންނަށްވެސް އުނދަގޫނުކުރުން. ގެއްލުންނުކުރުން. އެމީހުންނަށްވެސް ކަމޭހިތައިގެން، އެމީހުންނަށްވެސް ޙުރްމަތްތެރިކޮށް ހިތައިގެން، އެމީހުންގެވެސް ޙައްޤުތައް ރައްކާތެރިކޮށްގެން ކުރިއަށްދިޔުން. މި އުޞޫލާ ޚިލާފަށް، އެ ޢަމަލު ހިންގިބަޔަކު އެ ހިންގީ. އެހެންވީމާ، އެކަމަކީ، ދިވެހި ސަރުކާރުން، އަދި ދިވެހި ރައްޔިތުންވެސް، ހަމަ އަޅުގަނޑު ޔަޤީންކުރާގޮތުގައި ކުށްވެރިކުރާނެ ކަމެއް. އެހެންވީމާ، އެކަހަލަ ކަންތައްތަކުން ދުރުހެލިވެ ތިބުން އެއީ، އަޅުގަނޑުމެން ބައިނަލްއަޤްވާމީ އޮލިމްޕިކް ހަރަކާތުގެ މަޤްޞަދުންވެސް ލިބިގަންނަންވީ ފިލާވަޅެއް.

މި ފިލާވަޅަކީ އޭގެމާކުރިން، މާތްވެގެންވާ އިސްލާމްދީނުގައި، އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ފިލާވަޅެއް. ޞުލްޙަވެރިކަމާއި، އަމަންއަމާންކަމާ އެކީގައި، ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަމުން ގެންދިޔުން. މީހުންގެ މެދުގައި އެކުވެރިކަމާއި، ރަޙްމަތްތެރިކަން ބަދަހިކުރުން. އެއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދީނުންވެސް ދަސްކުރާ ފިލާވަޅަކީ، އަދި ލިބެންވީ ޢިބްރަތަކީ. ހަމަ އެއީ، އޮލިމްޕިކް ހަރަކާތުންވެސް، އަޅުގަނޑުމެން ދަސްކުރަންވީ، އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ.

އެހެންވީމާ، މި މުނާސަބަތުގައި އަދިވެސް އެއްފަހަރު ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއަށް ޝުކުރު ދަންނަވަމުން، އަދި އެ ކޮމިޓީގެ އޭރުގެ ޗެއަރމަން މިސްޓަރ ހުވާން އެންޓޯނިޔޯ ސަމަރާންޗަށް ޝުކުރު ދަންނަވަމުން، އަދި އޭނާގެ ފަރާތުން އެ ފޮނުއްވި އިނާމު އަޅުގަނޑާ ހަވާލުކުރެއްވި، ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރަށްވެސް ޝުކުރު ދަންނަވަމުން، ހަމައެޔާއެކީގައި، ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާ ސަރުކާރުގެ ފަރާތްތަކާއި، އަދި އެސޯސިއޭޝަންތަކާއި، އަމިއްލަ ކްލަބް ޖަމުޢިއްޔާތަކާ، އެހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަމުން، އަޅުގަނޑުމެން އޮލިމްޕިކް ހަރަކާތުގެ މާތް މަޤްޞަދާ އެއްގޮތަށް މަސައްކަތް ކުރުމުގެ ޢަޒުމް، އަޅުގަނޑުމެންގެ ހިތްތަކުގައި އާކުރަންޖެހޭނެ ވާހަކަ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އާދެ، އަޅުގަނޑު އެދެނީ، ބައިނަލްއަޤްވާމީ އޮލިމްޕިކް ހަރަކާތަށް އިތުރު ކާމިޔާބީއާއި ކުރިއެރުން. އަދި ރާއްޖޭގެ ކުޅިވަރަށްވެސް އިތުރު ތަރައްޤީއާއި، އަދި މިހާރަށްވުރެ ފުރިހަމަ ކާމިޔާބީތަކެއް ކުޅިވަރުގެ ޒަރީޢާއިން، ރާއްޖޭގެ ކުޅިވަރު ކުޅޭ މީހުންނަށާއި، ދިވެހިރާއްޖެއަށް ލިބެމުންދިޔުން.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންވީމާ، މި މުނާސަބަތު މިގޮތަށް ފާހަގަކުރަން މި ދިމާވި ދުވަސް ތަންކޮޅެއް ލަސްވިކަމަށްޓަކައި، އަޅުގަނޑުވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ ދެން ހަމަ ކަންތައްތައް ދިޔަގޮތުން، ތަންކޮޅެއް ލަސްވެގެން މިދިޔައީ. އެއީ ވަކިކަހަލަ ބޭނުމެއްގައި ލަސްކުރީކީނޫން. އެހެންނަމަވެސް، ދެން ކޮންމެ ކަމެއްވެސް، އެކަމެއްގެ ވަގުތު އައިސްޖެހުމުން އެކަމެއްވާނެ. އެހެންވީމާ، މިއަދު މި ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނުކަމަށްޓަކައި އުފާކުރަމުން، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.