بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އެއަށްފަހުގައި، އަތޮޅުވެރިންގެ 6 ވަނަ އިޞްލާޙީ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ހުރިހާ އަތޮޅުތަކުގެ އަތޮޅުވެރިންނަށް، އަޅުގަނޑު މަރުޙަބާ ދަންނަވައި އަދި ތިޔަބޭފުޅުންނާ މިއަދު އަޅުގަނޑު މި ބައްދަލުކޮށްލާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ބައްދަލުކޮށްލުމެއް ކަމުގައި ދަންނަވާލަން.

ދެންމެ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މި ބައްދަލުވުންތަކަކީ، ވަރަށް މުހިންމު މަޤްޞަދުތަކެއްގައި ބޭއްވޭ ބައްދަލުވުންތަކެއް. އޭގެތެރޭގައި، އެ ވިދާޅުވިފަދައިން، އަތޮޅުތައް ހިންގުމުގައި ދަތިވާ ކަންތައްތައް، ކަމާބެހޭ މިނިސްޓްރީތަކާއި އަދި އެ މިނިސްޓްރީތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިގެން، އެކަމުގައި ލުއިގޮތްތައް ފެނޭތޯ ބެއްލެވުން އެއީ، އެންމެ މުހިންމު އެއް މަޤްޞަދު.

އަނެއްކަމެއް ކަމަށް އަޅުގަނޑަށް ވިސްނެނީ، އަތޮޅުއޮފީސްތަކުންނާއި، ރަށުއޮފީސްތަކުން، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި، ހަލުއިކޮށް ރައްޔިތުންނަށް ލިބިދެވޭނެ ގޮތްތަކެއް ރާއްވަވައި ހިންގެވުން. ހަމައެފަދައިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، ހުރިހާ ކަމެއްގައިވެސް، އެއް އުސޫލަކުން ކަންތައްތައް ކުރުމަށް ބާރުއަޅައި، އެކަން ގެންދެވޭނެ ގޮތްތަކެއް ރޭވުން.

އެހެންވީމާ، އަޅުގަނޑު އެދެނީ، މި ބައްދަލުވުންތަކަކީ، އޭގެ މަޤްޞަދުތައް ހާސިލުވާ، ވަރަށް ކާމިޔާބު ބައްދަލުވުންތަކަކަށް ވެގެންދިޔުން. ކާމިޔާބު ބައްދަލުވުމަކަށްވާނީ، އޭގެ ނަތީޖާ އެދެވޭގޮތެއްގައި ފެންނަ ކަމަށްވަންޏާ. މި ބައްދަލުވުންތައް ބާއްވަވާކަން، އަތޮޅުގެ ރައްޔިތުންނަށް އެނގޭނެ. ޚަބަރުތަކުން، އެމީހުންނަށް މި ހުރިހާ ކަމެއް ފިލަމުންދާނެ. އެހެންވީމާ، މިބައްދަލުވުންތަކުގެ ނަތީޖާ، ރައްޔިތުންނާ ހަމައަށް ވާސިލުވުމަކީ، އަޅުގަނޑު ދެކޭގޮތުގައި، މިކަން ކާމިޔާބުވުމުގެ ހެކި ނުވަތަ ދަލީލު. އެއީ، މިހާރު އަތޮޅުތަކުން، އަތޮޅުއޮފީސްތަކުންނާއި، ރަށްރަށުގެ އޮފީސްތަކުން، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް، މިހާރަށްވުރެ ހަލުއިކޮށް، އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތެއްގެމަތިން އެމީހުންނާ ހަމައަށް ވާސިލުވާ ކަމަށްވަންޏާ، އެމީހުންވެސް ދެކޭނެ، މި ބައްދަލުވުންތަކަކީ، އޭގެ ނަތީޖާ ހާސިލުކުރެވޭ، ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ކަމުގައި. އެހެންވީމާ، އަޅުގަނޑުގެ އެންމެ ފުރަތަމަ ނުކުތާއަކީ އެއީ. މި ކޮންމެ ބައްދަލުވުމަކުންވެސް، އޭގެ ނަތީޖާ ފެންނަންވާނޭ. ފެންނަންވާނީ ރައްޔިތުންނަށޭ.

ދެން، އަނެއް ވާހަކައަކަށް އަޅުގަނޑު ދަންނަވާލަން ޚިޔާލުކޮށްފައި އޮތީ، މި ބާއްވަވާ އިޞްލާޙީ މަޝްވަރާ ބައްދަލުވުންތަކުގައިވެސް، އެކަން އެ ރޭވިފައި އެ އޮންނަނީ، އަތޮޅުތަކުގެ އަތޮޅުވެރިންނާއި، އެ އަތޮޅުތަކުގެ ކަންތައްތައް ހިންގަވާ މިނިސްޓްރީތަކުގެ މިނިސްޓަރުންނާ، ސީދާ ބައްދަލުކުރައްވައި، މައްސަލަތައް ވިދާޅުވެދެއްވައި، ޚިޔާލު ބަދަލުކުރައްވައި، އެމިނިސްޓްރީތަކުގެވެސް ލަފާ ހޯއްދަވައި، މިގޮތުގެމަތިން ކަންތައް ކުރައްވާގޮތަށޭ. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށް މުހިންމު ކަމެއް. ސީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުން.

މިހާރު އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީވެފައިވާ ގޮތުން، އަތޮޅުތަކުގައި ތިއްބަވައިގެންވެސް ހަމަ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުގެ ވެރިންނާއި، އަދި މިނިސްޓަރުންނާ ވާހަކަފުޅު ދެއްކޭނެގޮތް މިއޮތީ ހަމަޖެހިފައި. ޓެލެފޯނުގެ ޒަރީޢާއިން ވާހަކަފުޅު ދެއްކެވޭނެ. އަދި ވަރަށް އަވަހަށް މިހާރު ފެކްސް މެޝިންވެސް ހުންނާތީ، ކަންތައްތައް ވަރަށް އަވަހަށް ވަގުތުން ވަގުތަށް ފެކްހުންވެސް، މިނިސްޓްރީތަކަށްވެސް ފޮނުއްވޭނެ.

ދެން އަޅުގަނޑު އަބަދުވެސް ބާރުއަޅާކަމެއް، ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓަން ޖެހުނުކަމުގައިވިޔަސް، އެހެން މި ދެންނެވީ ރެކޯޑަށްޓަކައި، ލިޔެކިޔުންތައް ހުންނަންޖެހޭނެ. އެއީ ހަމަ ވަރަށް މުހިންމު ކަމެއް. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ލިބިފައިމިވާ ފަސޭހަތަކުގެ ބޭނުންކޮށްގެން، މިނިސްޓަރުންނާ ސީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން. އޭރުން ވަރަށްގިނަ މައްސަލަތައް، ވަރަށް އަވަހަށް ޙައްލުވެގެންދާނެ.

ބައެއްފަހަރަށް އަޅުގަނޑުމެންނަށް ވާގޮތަކީ، ކުރިންވެސް ކަންތައް ކުރަމުން އައި އުސޫލުން، ބައެއް މައްސަލަތަކާބެހޭ ސިޓީ، ކަމާބެހޭ މިނިސްޓްރީއަކަށް ފޮނުވާލާފައި ދެން ތިބެވެނީ، ޖަވާބެއް އަންނަންދެން. ބައެއްފަހަރަށް އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ހުންނަގޮތުން ނުވަތަ ދިމާވާ އެހެން ސަބަބަކަށްޓަކައި ނަމަވެސް، ޖަވާބު ލަސްވެސްވެދާނެ. އެހެންވެފައި ހުރޭ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެ ހުރަސް އަޅުގަނޑުމެންނަށް ނައްތާލެވޭނެހެން ސީދާ ޓެލެފޯނުގެ ބޭނުންކޮށްގެން. މިނިސްޓަރުންނާ ގުޅުއްވާލައިގެން ނުވަތަ އޮފީސްއޮފީހުގެ އެހެން ވެރިންނާ ގުޅުއްވާލައިގެން، އެކަމެއްގެ ކަންތައް އަވަސްކުރެވޭތޯ ބެއްލެވޭނީ. އަދި ޙަޤީޤަތުގައި، ސިޓީއިން ވިދާޅުނުވެވޭހައި ތަފްޞީލުކޮށް، ފޯނުން ވިދާޅުވެވޭނެ. އަދި ބައެއްކަހަލަ ކަންތައްތަކަކީ، ހިސާބަކަށް ޙައްސާސް ކަންތައްތައް ކަމަށްވެދާނެތީ، ލިޔުމުން ފަހަރެއްގައި ފޮނުވަން ބޭނުންފުޅުވެސް ނުވެދާނެ. އެކަން އެހެންވިޔަސް، ފޯނުން ވާހަކަދައްކަވާއިރު ރަނގަޅަށް ވިދާޅުވެވޭނެ. މިއޮތްގޮތުން އެ ވަސީލަތުގެ ބޭނުންކުރެއްވުމަކީ، އަޅުގަނޑުހިތުން މިހާރު ހަމަ ކޮންމެހެން ކުރައްވަންޖެހޭނެ ކަމެއް.

ދެން ކުރިންވެސް ދެންނެވިހެން އެކަމަކު ކަމާބެހޭ ރެކޯޑަށްޓަކައި، ލިޔެކިޔުންވެސް ހުންނަންޖެހޭނެ. ސިޓީވެސް ފޮނުއްވަންޖެހޭނެ. އެހެންނަމަވެސް، މި ކަންތައް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް.

ދެން، އަތޮޅުވެރިން އެކި ކަންކަމާ، މާލެ ވަޑައިގަންނަވާ ފަހަރުފަހަރު، އަޅުގަނޑަށް އެނގޭ، މިނިސްޓަރާ ބައްދަލުކުރައްވައި، އަތޮޅުގެ ކަންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، މިނިސްޓަރުގެ ލަފާފުޅު ހޯއްދަވާކަން. އަޅުގަނޑު އެދެނީ އޭގެއިތުރުން، ސަރުކާރުގެ އެހެން މިނިސްޓަރުންނާވެސް ބައްދަލުކުރެއްވުން. އެބޭފުޅުންވެސް ހަމަ ވަރަށް މަރުޙަބާ ވިދާޅުވާނެ، އަތޮޅުވެރިންނާ ބައްދަލުކުރެއްވުމަށް.

އެއީ، މިހާރު ޙަޤީޤަތުގައި، އަތޮޅުތަކުގައި މި ހިނގަނީ ހަމައެކަނި، އެންމެ މިނިސްޓްރީއަކުން ހިންގަވާ ކަންތައްތަކެއް ނޫން. ސަރުކާރުގެ ހަމަ ހުރިހާ މިނިސްޓްރީއަކުންވެސް ބައެއްކަހަލަ މަޝްރޫޢުތަކާއި، ބޮޑެތި މަސައްކަތްތައް އަތޮޅުތަކުގައި ހިންގަވާ. އަދި އެ މިނިސްޓްރީތަކާ ގުޅޭ ތަފާތު އިދާރީ ކަންތައްތައްވެސް އަދި އެނޫން ކަންތައްތައްވެސް، ޚިދުމަތްތައްވެސް އެބަ ހިނގަމުންދޭ. އެހެންވީމާ، އެކަހަލަ ކަންތައްތަކުގައި، އަތޮޅުވެރިން މާލެ ވަޑައިގަންނަވާ ފަހަރު، ސީދާ ހަމަ މިނިސްޓަރުންނާ ބައްދަލުކުރައްވައި، އެވާހަކަފުޅުތައް ދައްކާލެއްވުމުން އަޅުގަނޑަށް ހީވަނީ، އެ ބޭފުޅުންނަށްވެސް ކަންތައްތައް ވިސްނިވަޑައިގަތުމުގައި މާ ފަސޭހަފުޅުވެފައި، އަނެއްކާ ފަސޭހައިން މަޝްވަރާއެއްވެސް ދެއްވޭނެހެން. އެހެންވީމާ، އެކަމުގެ ބޭނުންކުރެއްވުންވެސް އަޅުގަނޑު އެދެން.

ދެން ކަންތައް އަވަސްކުރުމަށް އަޅުގަނޑު އަބަދުވެސް ބާރުއަޅަން. އަޅުގަނޑަށް އެނގޭ، ހުރިހާ އަތޮޅުވެރިންވެސް މަސައްކަތް ކުރައްވާކަން. އެހެންނަމަވެސް، ހަމަ ކަންތައްތައް ގިނަކަމާއެކީގައި، އަދި ބައެއްފަހަރަށް މުވައްޒަފުންވެސް ބައެއް އަތޮޅުތަކުގައި، އަތޮޅުއޮފީސްތަކުގައި ނުވަތަ ރަށްރަށު އޮފީސްތަކުގައި ބޭނުންވާވަރަށް ނުތިބެ ހިނގައިދާނެ. އެހެންވުމުގެ ސަބަބުންވެސް، ބައެއް ކަންތައްތައް ލަސްވެގެން އެބަދޭ. އެހެންނަމަވެސް، އަތޮޅުވެރިން ސީދާ އެކަންކަން ބައްލަވައި، ރަށުއޮފީސްތަކަށްވެސް އިރުޝާދު ދެއްވައިގެން، އޮފީސްތަކުގެ މަސައްކަތްވެސް ހިނގަމުންދާގޮތްވެސް ބައްލަވައި، އަވަސްކުރެއްވޭތޯ މަސައްކަތެއް ކުރެއްވިއްޔާ، އަޅުގަނޑަށް ހީވަނީ މިހާރަށްވުރެ ހަލުއިކޮށް އަދި ފުރިހަމަކޮށް މިކަން ވަމުންދާނެހެން. ދެން އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ.

ދެން، މި ބައްދަލުކޮށްލުމަކީ، ހަމަ ތިޔަބޭފުޅުންނަށްވެސް އެބައޮތް، އެ ވާހަކައެއް ވިދާޅުވީމާ، ދެން އަޅުގަނޑަށް ދެންނެވެން އޮތް އެއްޗެއް ދަންނަވާނަން. ތަރުތީބަކުން ވަކިގޮތަކަށް ނޫން، ހަމަ ވަރަށް ނުރަސްމީ ސިފައެއްގައި ހަމަ ވާހަކަފުޅު ދެއްކެވޭނެ.