بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މަޖީދިއްޔާ ސްކޫލްގެ މި އުފާވެރި، ތާރީޚީ، އަދި ފަޚުރުވެރި އަލިމަސްޔޫބީލުގެ މުނާސަބަތުގައި، މަޖީދިއްޔާ ސްކޫލްގެ މިހާރުގެ ލޮބުވެތި ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، އުސްތާޛުންނަށާއި، މަޖީދިއްޔާގެ ހިންގުންތެރިންނަށާއި، މަޖީދިއްޔާގެ ކުރީގެ ދަރިވަރުންނަށާއި، ކުރީގެ މުދައްރިސުންނަށާއި، އުސްތާޛުންގެ ތެރެއިން، ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަށާއި، މަޖީދިއްޔާއަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މަޖީދިއްޔާގެ މި ފަޚުރުވެރި އަލިމަސްޔޫބީލުގެ މުނާސަބަތުގައި، މަޖީދިއްޔާގެ ނަން އެ ބޭފުޅަކަށް ނިސްބަތްވެގެންވާ، ސުމުއްވުލްއަމީރު ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލޭގެފާނާއި، މަޖީދިއްޔާ އުފެދުމުގައި ޙިއްޞާކުރެއްވި ތަޢުލީމަށް ލޯބިކުރެއްވި ހުރިހާ ބޭފުޅުންނާއި، އަދި އެ ބޭފުޅެއްގެ ޤިޔާދަތުގެ ދަށުގައި މަޖީދިއްޔާއަށް އެތައްގިނަ ކުރިއެރުންތަކެއް ޙާޞިލުކޮށްދެއްވި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނާއި، މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ ނާޒިރު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ފުރަތަމަ އުސްތާޛު ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީގެ ޒިކްރާ އާކުރަމުން، އެ ބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އަދި މި ވޭތުވެދިޔަ 75 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވަޒީރުލްމަޢާރިފްކަމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަން ކުރައްވާފައިވާ ބޭފުޅުން، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި، މަޖީދިއްޔާގެ ކުރިއެރުމާއި، ތަރައްޤީއަށް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި، އަޅުގަނޑު އެ ބޭފުޅުންނަށްވެސް މިރޭ ޝުކުރު ދަންނަވަން.

ހަމައެހެންމެ، މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މަޖީދިއްޔާގެ ނާޒިރުކަމާއި، ޕްރިންސިޕަލްކަމުގެ ބުރަ މަސްއޫލިއްޔަތު އުފުލެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިރޭ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، މަޖީދިއްޔާ ސްކޫލަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ފުރާނަފުޅަށްވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ނުވަތަ ގެންދަމުން، ދެން އަޅުގަނޑު ދަންނަވާލާހިތްވަނީ، ދެންމެ މިތާނގައި އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް، އަދި ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވާ ވާހަކަ.

އާދެ، އަލްފާޟިލް ޢުމަރު ޒާހިރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، މަޖީދިއްޔާ ސްކޫލަކީ، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ އެންމެ އަލިގަދަ ދަންމަރު. ޙަޤީޤަތުގައި، ރާއްޖޭގެ ތަޢުލީމުގެ މުންނާރު. އެހެންކަމުން، މަޖީދިއްޔާއަށް 75 އަހަރު ފުރުން އެއީ، ރާއްޖޭގެ ތަޢުލީމީ ތާރީޚުގައި، ވަރަށް ކުލަގަދަގޮތެއްގައި ފާހަގަވެގެންދާނެ ކަމެއްކަން ކަށަވަރު.

އާދެ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ގިނަ އިސްމަގާމުތައް ފުރުއްވާފައިވަނީ، އަދި ޤައުމީ ޚިދުމަތުގެ އެކި ދާއިރާތަކުގައި އިސްކޮށް މިހާރު ތިއްބެވީވެސް، މަޖީދިއްޔާ ސްކޫލްގެ ކުރީގެ ދަރިވަރުން. އެހެންކަމުން، ދިވެހި ޤައުމު ބިނާކުރުމުގަޔާއި، އަދި މިއަދު ރާއްޖެ ދެކެމުންމިދާ ތަރައްޤީގައި މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކޮށްފައިވާ ދަރިވަރުން އަދާކޮށްފައިވާ އަދި އަދާކުރަމުންގެންދާ ދައުރަކީ، ވަރަށް މުހިންމު ދައުރެއްކަން ކަށަވަރު.

އަޅުގަނޑަކީވެސް، މަޖީދިއްޔާ ސްކޫލްގައި އުޅުމުގެ އުފަލާއި ފަޚުރު ލިބިފައިވާ މީހެއް. އާދެ، ފުރަތަމަ އަޅުގަނޑު އުޅުނީ، ދެންމެ ޢުމަރު ޒާހިރުގެ ވާހަކަފުޅުގައި ވިދާޅުވިހެން، މަދަރުސަތުއްސަނިއްޔާގެ ނަމުން، މަޖީދިއްޔާ ހިނގަމުން ދިޔައިރު. އާދެ، މުޅިން އެހެން އިމާރާތެއްގައި. މާލޭގެ އެހެން ދިމާއެއްގައި. އެހެންނަމަވެސް، އަޅުގަނޑު މާލޭގައި ހުއްޓާ ސަނިއްޔާގެ ނަން، މަޖީދިއްޔާ ސްކޫލަށް ބަދަލުވެ، ހަމަ މަޖީދިއްޔާ ސްކޫލް ނުވަތަ މަދަރުސަތުލް މަޖީދިއްޔާގެ ނަމުން އޭރު ނަންދެވިފައިވާ މަދަރުސާގައި ދުވަސްކޮޅަކު އުޅުމުގެ އުފާ އަޅުގަނޑަށް ވަނީ، އަޅުގަނޑު ރާއްޖެއިން ފުރުމުގެ ކުރިން ލިބިފައި. އެހެންވީމާ، މި އިޙްތިފާލުގައި އެ ޙައިޘިއްޔަތުންވެސް ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.

އާދެ، މަޖީދިއްޔާ ސްކޫލްގެ އަލިމަސްޔޫބީލުގެ ހަރަކާތްތައް ހިނގަމުން މިދަނީ، އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ކޮމިޓީއެއްގެ ބެއްލެވުމުގެ ދަށުން. އެ ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ، މަޖީދިއްޔާ ސްކޫލަށް ވަރަށްގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލްފާޟިލް ޢުމަރު ޒާހިރު. އެހެންވީމާ، އަލްފާޟިލް ޢުމަރު ޒާހިރަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، އެ ކޮމިޓީގެ ބޭފުޅުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރަމުން، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މަޖީދިއްޔާގެ ފަޚުރުވެރި އަލިމަސްޔޫބީލުގެ ހަރާކަތްތަކުގައި އުޅުއްވަމުންގެންދަވާ ހުރިހާ ބޭފުޅުންވެސް، އެކަމުގައި އެ ބޭފުޅުން އެ މަސައްކަތްޕުޅު ކުރައްވަނީ، އެ ޚިދުމަތް ކުރައްވަނީ، އެ ބޭފުޅުންގެ ހިތްޕުޅުތަކުގައި މި މަތިވެރި ތަޢުލީމީ މަރުކަޒާ ދޭތެރޭގައި އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުން. އެހެންވީމާ، އެފަދަ އިޚްލާޞްތެރި ލޯތްބެއް އެބޭފުޅުންގެ ހިތްޕުޅުގައި އޮވެގެން، މިހާ އިޚްލާޞްތެރި ބުރަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާތީ، އެބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރަކީ، ވަރަށްވެސް ފުން ޝުކުރެއް ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ، މިރޭ މަޖީދިއްޔާ ސްކޫލްގެ މިހާރުގެ ދަރިވަރުންނާއި، މަދަރުސާއަށް ނިސްބަތްވާ ކުރީގެ ދަރިވަރުން، ސޮއިކުރުމަށް ހަމަޖެހިފައިވާ އިޤްރާރަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު އިޤްރާރެއް. މި އިޤްރާރުގައިވާ ކަންތައްތަކަކީ، މަޖީދިއްޔާއަށް ނިސްބަތްވާ ކުދިންނާއި މީހުންގެ އިތުރުން، ރާއްޖޭގެ ހުރިހާ ކިޔަވާކުދިންގެވެސް ޢަޒުމެއް ކަމުގައި ހެދުމަށް، ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް މިރޭ އަޅުގަނޑު ގޮވާލަން.

އާދެ، މަޖީދިއްޔާ ސްކޫލަކީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މަދަރުސާ ކަމަށްވާއިރު، މަޖީދިއްޔާ ނޫނަސް، ރާއްޖޭގައި ވަރަށްގިނަ މުހިންމު ސްކޫލްތަކާއި، މަދަރުސާތައް ހިނގަމުން އެބަދޭ. އޭގެތެރެއިން އެންމެ އިސްކޮށް ހިނގަމުންދާ، އަދި އެންމެ ގިނަދުވަސްވީ މަދަރުސާއަކީ، އަމީނިއްޔާ ސްކޫލް. އަމީނިއްޔާ ސްކޫލަކީ، ރާއްޖޭގައި ހުރި އަންހެންކުދިންގެ އެންމެ ގިނަދުވަސްވީ މަދަރުސާ. އަދި އެ ސްކޫލްވެސް ވަނީ މީގެ އަށެއްކަ އަހަރު ކުރިން، އެ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކޮށްފައި.

މި ދެ ސްކޫލް ނޫނަސް، މާލެއާއި އަތޮޅުތަކުގައި ވަރަށްގިނަ ސްކޫލް މަދަރުސާތައް ހިނގަމުން އެބަދޭ. އަދި އެތަންތާނގެ ޚިދުމަތް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބެމުން މިދަނީ، ވަރަށްވެސް އުފާކުރުން ޙައްޤުގޮތެއްގައި. އޭގެތެރޭގައި، ވަރަށް ގިނަދުވަސްވީ މަދަރުސާތަކާއި، ސްކޫލުތައްވެސް އެބަހުރި. އަދި ސަރުކާރުން ހިންގާ މަދަރުސާތަކާއި، ސްކޫލްތަކުގެ އިތުރުން، ރައްޔިތުން ހިންގާ މަދަރުސާތަކާއި ސްކޫލްތަކާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކާއި، މަދަރުސާތައް މާލޭގައިވެސް، އަތޮޅުތަކުގައިވެސް ހިނގަމުން އެބަދޭ. އެހެންވީމާ، އެ ހުރިހާ މަދަރުސާތަކަކުންނާއި، ސްކޫލްތަކަކުން، ރާއްޖޭގެ ތަޢުލީމަށާއި، ޙަޤީޤަތުގައި ރާއްޖޭގެ ތަރައްޤީއަށް އެކުރާ މަސައްކަތްތަކުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. އެހެންވީމާ، މަޖީދިއްޔާ ސްކޫލްގެ އިތުރުން، ރާއްޖޭގައި ހިނގަމުންއެދާ އެހެން ހުރިހާ މަދަރުސާތަކާއި، ސްކޫލްތަކުގެ ދަރިވަރުންނަށާއި، ހިންގުންތެރިންނަށާއި، އަދި ކުރީގެ ދަރިވަރުންނަށާއި، ހަމަ އެ މަދަރުސާތަކުގެ އުސްތާޛުންނަށާއި، މުދައްރިސުންނަށްވެސް، މި މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވައި، އެބޭފުޅުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ނަސީބު މާތްﷲގެ ރަޙްމަތްފުޅުން ރަނގަޅު ކަމުގައި ދަންނަވަންޖެހޭ. އެއީ މަޖީދިއްޔާގައި، ތަޢުލީމު ޙާޞިލުކުރުމަށް ދުވަސްކޮޅަކު އުޅުމަށްފަހުގައި އަޅުގަނޑު ދިޔައީ، ދިވެހި ސަރުކާރުން ހޯއްދަވައިދެއްވި ސްކޮލަރޝިޕެއްގައި މިޞްރުގެ އަޒްހަރަށް. އަޒްހަރަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ ދުނިޔޭގައި ހުރި އެންމެ ގިނަދުވަސްވީ ޔުނިވަރސިޓީ. އާދެ، 1983 ވަނަ އަހަރު އަލްއަޒްހަރު ޔުނިވަރސިޓީއަށް 1000 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރި މުހިންމު ޙަފްލާއަށް މިޞްރު ސަރުކާރުން ދަޢުވަތު ދެއްވައިގެން، އެތަނަށް ދިޔުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. އަދި ހަމަ މީގެ ދެތިން ހަތަރު ދުވަސްކުރިން، އަލްއަޒްހަރު ޔުނިވަރސިޓީއިން ބޭއްވި ވަރަށް މުހިންމު ޖަލްސާއެއްގައި ބައިވެރިވުމަށްޓަކައި ޝައިޚުލްއަޒްހަރު ދެއްވި ދަޢުވަތަކަށް އަޅުގަނޑު މިއައީ މިޞްރަށް ދަތުރެއްކޮށްފައި. އަދި އެ ޖަލްސާގައި ބައިވެރިވެފައި.

ޝައްކެއްވެސްނެތް، އެ ޖަލްސާއަކީ، ވަރަށް މުހިންމު ޖަލްސާއެއް. މިއަދުގެ ދުނިޔޭގައި އިސްލާމްދީނާ ބެހޭގޮތުން އަދި މުސްލިމުންނާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ދޮގު ވާހަކަތަކާއި، ފަތުރަމުންގެންދާ ޙަޤީޤަތެއް ނެތް ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ބޭއްވި ޖަލްސާއެއް އެއީ. އެ ޖަލްސާގެ ސުރުޚީއަކީ، "އިސްލާމްދީނަކީ މިއީއޭ" (هذا هوالإسلام). އެ ޖަލްސާއަށް ވަޑައިގެންނެވި ވަރަށްގިނަ ޤައުމުތަކުގެ ޢިއްޒަތްތެރި ޢިލްމުވެރިން، އިސްލާމްދީނަކީ ކޮބައިކަން، އިސްލާމްދީނުގެ މާތްކަމާއި، އިސްލާމްދީނުގެ ޢަޤީދާގެ މާތްކަމާއި، އިސްލާމްދީނުގައިވާ ޙުކުމްތަކުގެ ފުރިހަމަކަމުގެ ވާހަކަ، ވަރަށް ތަފްޞީލުކޮށް ދެއްކެވި. އަދި އެބޭފުޅުންގެ ވާހަކަފުޅުތައް، އެކި ބަސްބަހަށް ތަރުޖަމާކުރެވިގެން، މުޅި ދުނިޔެއަށް ފެތުރިގެންދިޔަ.

އާދެ، އެފަދަ މުހިންމު ޖަލްސާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމީ، އަޅުގަނޑު ހިތުން ދިވެހިރާއްޖެއަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. ވަރަށްބޮޑު ފަޚްރެއް. އެހެންވީމާ، އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުގައި މި ދެންނެވީ، އެ ޖަލްސާގައިވެސް ބައިވެރިވުމަށްފަހުގައި، މާލެއައިސް އަޅުގަނޑު ކުރާ އެންމެ ފުރަތަމަ ރަސްމީކަމަކީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މަދަރުސާ، އާދެ، މަޖީދިއްޔާ ސްކޫލްގެ އަލިމަސްޔޫބީލުގެ މި ޚާއްޞަ އެސެމްބްލީގައި ބައިވެރިވުން ކަމަށްވާތީ.

އާދެ، މި ސްކޫލަށް 75 އަހަރު ފުރުނު ދުވަހަކީ، މި މަހުގެ 19 ވަނަ ދުވަސް. އެދުވަހު ރާއްޖޭގައި އަޅުގަނޑަށް ނުހުރެވުނީތީ، އެކަމަށްޓަކައި ވަރަށްބޮޑަށް ދެރަވެ ހިތާމަކުރަން. އެހެންނަމަވެސް، އަޅުގަނޑަށް ނުހުރެވުނީ، ކުރިން ދެންނެވި ސަބަބަށްޓަކައި، އެޖަލްސާގައި ބައިވެރިވާން މިޞްރަށް ދާންޖެހިފައި އޮތުމުގެ ސަބަބުން. އެހެންނަމަވެސް، މިފަދަ ތަޢުލީމީ ކަންތައްތަކެއްގައި މިހާ ކައިރިކައިރީގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ޝަރަފެއް ކަމުގައި ދަންނަވަން.

އާދެ، އަޅުގަނޑު އެދެނީ، މަޖީދިއްޔާއަށާއި، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކަށް އިތުރު ކުރިއެރުމާއި ތަރައްޤީ. އަދި މަޖީދިއްޔާއާއި، ރާއްޖޭގެ ހުރިހާ މަދަރުސާތަކަކީ، ކުރިމަގުގައިވެސް ރާއްޖޭގެ ތަޢުލީމަށް ވަރަށްބޮޑެތި ޚިދުމަތްތަކެއް ކުރާނެ، ތަޢުލީމީ މަރުކަޒުތަކެއް ކަމުގައި ދެމިހުރުން. ހަމައެހެންމެ، މުޅި ރާއްޖެއަށް ތަފާތު ރޮނގުރޮނގުން ޚިދުމަތްކުރާނެ ޤައުމީ މުއައްސަސާތަކެއް ކަމުގައި ވެގެންދިޔުން.

އާދެ، މަޖީދިއްޔާއަކީ، އެތަނަކަށް ނިސްބަތްވުމުގެ ފަޚުރާއި ޝަރަފް އަޅުގަނޑަށްވެސް ލިބިގެންވާ ތަނެއް ކަމަށްވާތީ، އެ ޙައިޘިއްޔަތުން މަޖީދިއްޔާގެ ކުދިންނަށް އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ، ތިޔަކުދިންނަށް މިހާރު ލިބިފައިމިވާ އަގުހުރި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށޭ. ތިޔަކުދިންނަށް ލިބިފައި މިވާ ތަޢުލީމުގެ ފުރުޞަތުގެ ބޭނުން ހިފައިގެން، ޤައުމަށް ފައިދާހުރި ބަޔަކުކަމުގައި ތިޔަކުދިންވާށޭ. އަދި ތިޔަކުދިންނަކީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރީތި ނަމޫނާއަކަށްވާށޭ. ޝައްކެއްނެތް، މަޖީދިއްޔާގެ ދައުރަކީ އެއީ. ރާއްޖޭގެ ހުރިހާ ކުދިންނަށް، ހުރިހާ ދަރިވަރުންނަށް ރީތި ނަމޫނާއަކަށްވުން. ތަޢުލީމީގޮތުންނާއި، އަޚްލާޤީގޮތުންނާއި، ޤައުމީގޮތުން ތިޔަކުދިންނަކީ، ތިޔަކުދިންގެ ސްކޫލް، ތިޔަކުދިންނަށްޓަކައި ފަޚުރުވެރިވާފަދަ ބަޔަކަށްވުން. އަދި ތިޔަކުދިންގެ ފަރާތުން ޤައުމަށް ފައިދާތަކެއް ޙާޞިލުވަމުންދިޔުން.

އެހެންވީމާ، މިރޭގެ ވާހަކަ ނިންމާލަމުން، އަޅުގަނޑު މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް މި އިލްތިމާސް ކުރަނީ، ތިޔަކުދިންނަކީ، ޤައުމަށް ފައިދާހުރި، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޤައުމަށް ވަފާތެރި، އަދި ރާއްޖޭގެ އެހެން ހުރިހާ ކިޔަވާކުދިންނަށް ރީތި ނަމޫނާއަކަށްވުމަށް.

ޝުކުރިއްޔާ!

والسّلام عليكم ورحمـة اللّـه وبركاته.