بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، މިރޭގެ މި އުފާވެރި ޙަފްލާގައި އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، ރާއްޖޭގެ އަންހެނުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އަދި މިނިސްޓަރ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީ އަލްފާޟިލާ ރާޝިދާ ޔޫސުފަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. ހަމައެފަދައިން، ރާއްޖޭގެ އަންހެނުންގެ ކަންތައްތައް ތަރައްޤީކުރައްވައި، ކުރިއަށް ގެންދެވުމަށް، މިނިސްޓަރ އަލްފާޟިލާ ރާޝިދާ ޔޫސުފާއި، އެ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓައި އެ ހުރިހާ ބޭފުޅުންނަށް، މި މުނާސަބަތުގައި އިޚްލާޞްތެރި ޝުކުރު ދެންނެވުން.

އާދެ، ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ވަރަށް ހަރަކާތްތެރިގޮތެއްގައި އެ މަސައްކަތް ކުރިއަށް އެބަގެންދޭ. އެހެންކަމުން، އެ ކޮމިޓީތަކުން އެކުރައްވާ މަސައްކަތްތަކަށްޓަކައި، އެ ކޮމިޓީތަކަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިރޭގެ މި އުފާވެރި ޙަފްލާގައި، 2001 ވަނަ އަހަރު، އަންހެނުންގެ ތަރައްޤީގެ ރޮނގުން އެންމެ ހަރަކާތްތެރިވި އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 1 ވަނަ ހޯދައިގެން އިނާމު ހާސިލުކުރި ކޮޅުމަޑުލު ވޭމަންޑޫ އަންހެނުންގެ ކޮމިޓީއަށާއި، 2 ވަނަ ހޯދި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ އަންހެނުންގެ ކޮމިޓީއަށާއި، 3 ވަނަ ހޯދި ކޮޅުމަޑުލު ހިރިލަންދޫ އަންހެނުންގެ ކޮމިޓީއަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. މީގެއިތުރުން، 2001 ވަނަ އަހަރު، އަންހެނުންގެ ތަރައްޤީގެ ރޮނގުން ކުރި މަސައްކަތްތަކަށްޓަކައި ހިތްވަރުދިނުމުގެ އިނާމު ހާސިލުކުރި 5 ކޮމިޓީއަށްވެސް، މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރި ތަހުނިޔާއަކާއި މުބާރަކްބާދީއެއް އަދާކުރަން.

އާދެ، ޝައްކެއްނެތް، އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ބަޔަކީ، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ކޮމިޓީތައް. ރަށްރަށުގެ ވެރިން ވިދާޅުވާގޮތުގައި، އެ ކޮމިޓީތަކުގެ މަސައްކަތްތަކާނުލައި މުޅި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެއީ، މާ ކާމިޔާބު މަސައްކަތްތަކަކަށްނުވާނެ. އެހެންވީމާ، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުން، ހަމައެކަނި އަންހެނުންގެ ތަރައްޤީއަކަށްނޫން މަސައްކަތް ކުރައްވަނީކީ. އެ ކޮމިޓީތަކުން އެ މަސައްކަތް ކުރައްވަނީ މުޅި ރަށުގެ ތަރައްޤީއަށް. މުޅި ރަށުގެ ތަރައްޤީގެ ތެރޭގައި އަންހެނުންގެ ތަރައްޤީވެސް ހިމެނިގެންދޭ. އެހެންކަމުން، އެ ކޮމިޓީތަކުން އެކުރައްވާ މަސައްކަތްތަކަކީ، ސަރުކާރުން ވަރަށް ޚާއްޞަ ގޮތެއްގައި ގަބޫލުކުރާ އަދި އެކަމަށްޓަކައި ޝުކުރުވެރިވާ މަސައްކަތްތަކެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، މިއަދުގެ މުނާސަބަތުގައި އާދެ، މިއަދޭ މިދެންނެވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް. އެ ދުވަހަކީ ޙަޤީޤަތުގައި މާރިޗުމަހުގެ 8 ވަނަ ދުވަސް. ކަންދިމާވިގޮތުން މި ޖަލްސާ ދެތިންދުވަސް ލަސްވިކަމުގައިވިޔަސް، އެދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީން ނެރުއްވި ޚާއްޞަ ސަޕްލިމެންޓަށް އަޅުގަނޑު ފޮނުވި ޚިޠާބުގައި، ސަރުކާރުން އަންހެނުންނާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު، އާދެ، އަންހެނުންގެ ތަރައްޤީއާއި، އަންހެނުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމާއި، ދެ ޖިންސުގެ ހަމަހަމަކަމުގެ އުޞޫލު ޤާއިމުކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުވަނީ ކޮންމެވެސްވަރަކަށް ބަޔާންކޮށްފައި. އެހެންވީމާ، އެ ވާހަކަތައް މި ޖަލްސާގައި އަޅުގަނޑު ކޮންމެހެން ތަކުރާރުކުރާކަށް ނެތިން. އެހެންކަމުން، މިރޭގެ ޖަލްސާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ އެންމެ ނުކުތާއެއް.

އާދެ، އެއީ ޖިންސުގެ ހަމަހަމަކަމޭ ބުނުމުން އެ މާނަކުރެވެނީ ކޮންކަމެއްތޯ؟ މި ނުކުތާއާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ. އާދެ، އަޅުގަނޑު ދެކޭގޮތުގައި، ދެ ޖިންސުގެ ހަމަހަމަކަމޭ ބުނުމުން، އޭގެ މާނައަކީ، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ބައިވެރިންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ހަރަކާތްތެރިވަމުން ދިޔުން. އެއީ، ވަކިބަޔަކަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެން މަސައްކަތްކުރާގޮތަށް އެކަން އޮތުމެއްނޫން. އަންހެނުންނާއި ފިރިހެންނުންނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިން، ހަމަހަމަ ބައިވެރިން. އެހެންވީމާ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އާދެ، އެއީ ގޭތެރޭގެ ކަންތައްތަކުގައިވެސް އަދި އިޖުތިމާޢީ އެހެން ކަންތައްތަކުގައިވެސް، ސިޔާސީ ކަންތައްތަކުގައިވެސް، އިޤްތިޞާދީ ކަންތައްތަކުގައިވެސް، ޤައުމުގެ ތަރައްޤީގައި ކުރެވޭ މަސައްކަތްތަކުގެ ދާއިރާގައިވެސް، ހުރިހާ ކަމެއްގައިވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔުން އެއީ، ޖިންސުގެ ހަމަހަމަކަމޭ ބުނުމުން މާނަކުރެވޭ އެއްޗެއް ކަމުގައި އަޅުގަނޑު ދެކޭ ކަމަކީ.

އާދެ، އެއްބައި ކަންކަމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ކަންތައްތައް ކަމުގައި ބަލައި، އަނެއްބައި ކަންތައްތަކަކީ، ހަމައެކަނި އަންހެނުންނަށް ޚާއްޞަ ކަންތައްތަކެއް ކަމުގައި ބަލައި، އެގޮތަށް ކަންތައްތައް ކުރަމުން ގެންދިޔުމެއްނޫން. އެއްވެސް ރޮނގަކުން އަންހެނުން އެކަހެރިނުކުރުން. ހުރިހާ މައިދާނެއްގައިވެސް ފިރިހެނުންނެކޭ އެއްފަދައިން، އެއް ހަމައެއްގައި ކުރިއަށް ދިއުމުގެ ފުރުޞަތު އަންހެނުންނަށްވެސް ހޯދައިދިނުން. ތަޢުލީމުގެ ދާއިރާގައިވެސް، ވަޒީފާ އަދާކުރުމުގެ ދާއިރާގައިވެސް، ޤައުމަށް ޚިދުމަތްކުރުމުގެ ދާއިރާގައިވެސް. އެހެނެއްނޫން، އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ކަންތައްތައްވަމުން އައިސްފައިވާގޮތުން ހީވެފައި އޮންނަނީ، އަންހެނުންނާއި ފިރިހެނުންނާ، އެ ދެބައިމީހުންނަކީ ތަފާތު ރޯލުތަކެއް، މުޖުތަމަޢުގައި ނުވަތަ ދިރިއުޅުމުގައި އަދާކުރަންޖެހޭ ބައެކޭ. ފިރިހެނުން ކުރާނީ ވަކިކަހަލަ ކަންތައްތަކެކޭ، އަންހެނުން ކުރާނީ ވަކިކަހަލަ ކަންތައްތަކެކޭ، އެހެން އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ. ނުވަތަ އެއީ، އަޅުގަނޑުމެންގެ ޒަމާނުއްސުރެ، އަޅުގަނޑުމެންނޭ މިދެންނެވީ ހަމައެކަނި ރާއްޖެއެއްނޫން. އިންސާނީ ޙަޟާރަތުގެ ވަރަށްގިނަ ޒަމާންތަކުގައި، ވަރަށްގިނަ ޤައުމުތަކުގައި، ވަރަށްގިނަ މުޖުތަމަޢުތަކުގައި އެކަން އެގޮތަށް ވަމުންއައިސްފައިވަނީ. އެހެންނަމަވެސް، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގައި މިހާރު މުޅި ދުނިޔެ ގަބޫލުކުރާ އުޞޫލަކީ، ދެ ޖިންސުގެ ހަމަހަމަކަމުގެ އުޞޫލު.

އާދެ، މިކަން އަޅުގަނޑުމެން، އަޅުގަނޑުމެންގެ އެންމެ ތުއްތުކުދިންނަށްވެސް ދަސްކޮށްދޭން އެބަޖެހޭ. އެންމެ ތުއްތުއިރުއްސުރެ، އެކުދިންގެ ހިތްތަކަށް ވައްދައިދޭން އެބަޖެހޭ، އަންހެނުންނާއި ފިރިހެނުންނާ މިއީ މުޖުތަމަޢުގައި ހަމަހަމަވެގެންވާ ބައެއްކަން. ޤާބިލިއްޔަތާއި، ވިސްނުމާއި، ކުރިއަށްދިޔުމުގެ ފުރުޞަތުތަކުގައި، އަންހެނުންނާއި ފިރިހެނުންނަށް އެއްހަމަ އުޞޫލެއް ގެންގުޅެންޖެހޭނެކަން. ވަކިކަހަލަ ކަންތައްތަކަކީ ހަމައެކަނި ފިރިހެނުންނަށް، ވަކިކަހަލަ ކަންތައްތަކަކީ ހަމައެކަނި އަންހެނުންނަށް އޮންނަންޖެހޭނެ ކަންތައްތަކެއް ނޫންކަން.

އާދެ، ދެ ޖިންސުގެ ދެމެދުގައިވާ ޠަބީޢީ ތަފާތުތަކަކީ، އަދި އެއާ ގުޅިފައިވާ ކަންތައްތަކަކީ އެގޮތުގެމަތިން ކުރިއަށްދާނެ ކަންތައްތައް. އެކަމާ އަޅުގަނޑުމެން ބެހޭކަށެއްނުޖެހޭ. އެހެންނަމަވެސް އެހެނޭކިޔާފައި، އެހެން ހުރިހާ ކަމެއްގައިވެސް އަންހެނުންނާއި ފިރިހެނުންނާ ތަފާތުކުރުމަކީ، އަޅުގަނޑު މިދެންނެވި އުޞޫލާ ޚިލާފުވާކަމެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މި ޚިޔާލު ނުވަތަ މި އުޞޫލު، ތުއްތުކުދިންގެ ހިތްތަކަށް ވައްދައިދޭންޖެހޭ، އެންމެ ޅައިރުއްސުރެ. އެކަމަކު، ވަނީ އެހެނެއްނޫންކަންނޭނގެ. މިހާތަނަށް ވަމުންއައިސްފައިވާގޮތަކީ އެހެނެއްނޫން. އެންމެ ކުޑައިރު، ގޭތެރޭގައިވެސް ކަންތައް ކުރެވެނީ އަންހެންކުދިންނާއި ފިރިހެންކުދިންނާ ތަފާތުކޮށް. އެންމެ އާދައިގެ މިސާލެއް ދަންނަވަންޏާ، ކުޅޭއެއްޗެތި ދިނުމުގެ ނުވަތަ އެކި ކުޑަކުދިން ކުޅޭ ކުޅިވަރުތައް ކުޅުމުގައި ހުންނަނީ މުޅިން ތަފާތުކޮށްފައި. ފިރިހެންކުދިންނަށް ވަކިކަހަލަ އެއްޗެތިތަކެއް. އަންހެންކުދިންނަށް ވަކިކަހަލަ އެއްޗެތިތަކެއް. އެހިސާބުން ފެށިގެން އަންހެންކުއްޖާގެ ހިތަށްވެސް، ފިރިހެންކުއްޖާގެ ހިތަށްވެސް މިވަންނަނީ، މިއީ މުޅިން ތަފާތު ދެބައެކޭ.

ދެން މަދަރުސާއަށް ދިޔައިމާ، މަދަރުސާގައި އެންމެފުރަތަމަ ޕްރީސްކޫލް ހިސާބުތަކުގައި ބޮޑަށް މިއޮންނަނީ ކުދިންނަށް ކުޅިވަރު ކުޅެދިނުމާއި، ލަވަކިޔައިދިނުމާ، މިކަހަލަ ކަންތައްތަކެއް. ތަޢުލީމުގެ ވަރަށް މުހިންމު ބައެއް އަދާކުރާކަމެއް އެއީ. އެ ކަންތައްތަކުގައިވެސް ވިސްނާނުލައިފިއްޔާ، މިކަހަލަގޮތަކަށްދަނީ.

އާދެ، އަޅުގަނޑުމެންގެ މަދަރުސާތަކުގައިވެސް ހަމަ އެހެން އެކަންއޮތީ. ދެން ދަންނަވާލަންޖެހޭ ނުކުތާއަކީ، ގިނަ މަދަރުސާތަކުގައި އެފެންވަރުގައި ކިޔަވައިދެއްވަން ތިއްބަވަނީވެސް އަންހެންބޭފުޅުން. ހިންގަވަން ތިއްބަވަނީވެސް ގިނަ ތަންތާނގައި އަންހެންބޭފުޅުން. އެކަން އެހެން އޮތްނަމަވެސް، މިދެންނެވިގޮތަށް ހުންނަ ލަވަތަކާ އެއްޗެތި އެބަ ކުޑަކުދިންނަށް ދަސްކޮށްދެވޭ. ބައްޕަގޮތަށް ދުއްވަމާ، މަންމަގޮތަށް ކައްކަމާ، މިކަހަލައެއްޗެތި މި އަޅުގަނޑުމެންނަށް މި ކިޔައިދެވެނީ. އެއީ އެތަންކޮޅަށް އަޅުގަނޑުމެންނަށް ވިސްނާނުލެވޭތީކަންނޭނގެ. އެހެންވީމާ، މިހިސާބުން ފެށިގެން އަޅުގަނޑުމެން އެބަ ސަމާލުކަން ދޭންޖެހޭ. އެއީ އެގޮތަކަށްނޫންކަން އެކަން އޮންނަންވީ. ކުޑަކުދިންގެ ވިސްނުން ބައްޓަންކުރެވޭނީ، އެންމެ ތުއްތުއިރުއްސުރެ އެކުދިންގެ ހިތްތަކަށް ވަކިކަހަލަ އުޞޫލުތަކެއް، ވަކިކަހަލަ ގޮތްތަކެއް ވައްދައިދީގެން.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ މިރޭ އެއީ. ދެ ޖިންސުގެ ހަމަހަމަކަމޭ ބުނުމުން، ކުރެވޭ މާނަ. ސަރުކާރުގެ މިހާރުގެ ސިޔާސަތު ބިނާވެފައި އޮންނަނީ އޭގެމައްޗަށް. އެހެންވީމާ، އަޅުގަނޑު އެދެނީ، ވަރަށް ކާމިޔާބު ސިޔާސަތެއްގެ ގޮތުގައި އެ ސިޔާސަތަށް ޢަމަލުކުރެވެމުން ދިޔުން. މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް، ސަރުކާރުގެ ހުރިހާ ދާއިރާއެއްގައިވެސް އަދި އަމިއްލަ ފަރާތްތަކުން ކުރައްވާ ކަންތައްތަކުގައިވެސް. އެކަން އެގޮތަށް ގެންގޮސްފިނަމަ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ޤައުމަށް އިތުރު އުފާވެރިކަމާއި، ބާއްޖަވެރިކަމާއި ކުރިއެރުން ހާސިލުވެގެންދާނެ.

އަޅުގަނޑުމެންގެ ވިހިވިހީގެ ތަޞައްވުރުގައިވެސް އަންހެނުންނަށް ދީފައިވާ މަގާމަކީ، ފިރިހެނުންނެކޭ ހަމަ އެއްފަދަ މަގާމެއް. އެއްވެސް ތަފާތުކުރުމެއްނެތް. އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑުމެން ކަންތައްތައް މިހާރުއްސުރެ ރާވައިގެން ހިންގަމުން ގެންދާކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި ދިވެހިރާއްޖެ، އަޅުގަނޑުމެން އެދޭ ތަރައްޤީޤެ އުސްމިންތަކާ ހަމައަށް ވާސިލުވުމަކީ މާތްﷲގެ ވާގިފުޅާއެކު އެއްވެސް ޙާލެއްގައި ދަތިކަމަކަށްނުވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދިވެސް އެއްފަހަރު، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ތިޔަބޭފުޅުންނަށާއި އަދި ޚާއްޞަކޮށް، ރާއްޖޭގެ އަންހެނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.