بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلٰـى آلـه وأصـحابه أجمعـين.

އެނެއްކެލެއިއެސް އައްޑުއަތޮޅަ އާސް ތިވެރިންނާއި ބައްދަލަކެޑުމުގެ ފުރުސަތު ލިބެނެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮނޑަށް އުފާކެރަން. އަދި ތެވެރިން ތެ ވިދާޅުވި ހޫނު މަރްޙަބާއަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމުގެގޮތުން އެއްޗެއް ދަންނަވާލެވޭތޯ މިބެލީ، ތިޔަބޭފުޅުންގެ ލޮބުވެތި އަދި ރީތި ބަހުރުވައިން. ދެން އަޅުގަނޑުގެ ވާހަކައިގައި ދެންއޮތްބައި ދަންނަވާލެވޭތޯ ބަލާނީ، އަޅުގަނޑު އެންމެ ފަރިތަ ބަހުރުވައިން.

އާދެ، ޝައްކެއްނެތް، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި އަތޮޅަށް އާދެ، އައްޑުއަތޮޅަށް އައުމާއެކީގައި، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނާއި ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށް އުފާވެރި މަންޒަރުތަކެއް. އަޅުގަނޑަށް ލިބުނީ ވަރަށްވެސް ހޫނު މަރްޙަބާއެއް. ވަރަށްވެސް ހޫނު ތަރުޙީބެއް. އެހެންކަމުން، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށްގާތް، ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އާދެ، އައްޑުއަތޮޅުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޙާމިދު ޔޫސުފާއި، އަތޮޅުގެ ރަށްރަށުގެ ވެރިންނާއި، ކޮމިޓީތަކާއި ޖަމުޢިއްޔާތަކުގެ މެންބަރުންނާއި، ސަރުކާރުގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވާ ވެރިންނާއި، މުވައްޒަފުންނާއި، އަތޮޅުގެ ޢާއްމު ރައްޔިތުންނާއި އަދި ލޮބުވެތި ކިޔަވާކުދިން ހިމަނަން.

އައްޑުއަތޮޅަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، ހަނދުމަފުޅު ހުންނާނޭ ފަދައިން، އަޅުގަނޑު މީގެ ހަތަރު އަހަރު ކުރިން މިއަތޮޅަށް ޒިޔާރަތްކުރިން. ކަންދިމާވިގޮތުން، ހަމަ މާރިޗު މަހެއްގެ ތެރޭގައި. 1998 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި. މިފަހަރު އަޅުގަނޑު މިއައީ، 2002 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި. މިއީ އަޅުގަނޑު މިއަތޮޅަށް މި މަގާމުގައި ހުރެގެން ކުރާ ދިހަވަނަ ދަތުރު.

މިއަދު އަޅުގަނޑު މިއަތޮޅަށް މި ކުރަން ފެށި ދަތުރުގައި، ހިތަދުއަކީ އަޅުގަނޑު ޒިޔާރަތްކުރާ މިއަތޮޅުގެ ހަތަރުވަނަ ރަށް. އެންމެފުރަތަމަ އަޅުގަނޑު ދިޔައީ ފޭދުއަށް. ފޭދޫން އަޅުގަނޑު ދިޔައީ، މަރަދޫފޭދުއަށް. ދެން މަރަދުއަށް. ހިތަދުއަށް އަޅުގަނޑު މިއައީ، މަރަދުއަށް ޒިޔާރަތްކޮށް ނިންމާފައި. އިރާދަކުރެއްވިއްޔާ މާދަމާ، މިއަތޮޅުގެ ހުޅުދުއަށާއި މީދުއަށް ދާގޮތަށްވެސް ވަނީ ހަމަޖެހިފައި.

އާދެ، މިއަދު އަޅުގަނޑު ހިތަދުއަށް އައިސް، އަޅުގަނޑަށް ލިބުނު އެންމެ ފުރަތަމަ އުފަލަކީ، ހިތަދޫގައި ސަރުކާރުން އިމާރާތްކުރާ ހިތަދޫ ކޯޓުގެ ބިންގާއަޅައިދިނުން. ޝައްކެއްނެތް، އެއީ ވަރަށް މުހިންމުކަމެއް. އެތާނގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޙުސައިން ޔޫސުފް ވިދާޅުވިގޮތުގައި، މި ކޯޓަކީ ރާއްޖޭގައި ފުރަތަމަފަހަރަށް އިމާރާތްކުރެވޭ އެންމެ ތަނަވަސް އަދި އެންމެ ރަނގަޅަށް ފަރުމާކުރެވިފައިވާ ކޯޓު. އާދެ، ކޯޓުގައި އެއްފަހަރާ ފަސް ފަނޑިޔާރުންނަށް ޝަރީޢަތް ކުރެވޭގޮތަށް ތައްޔާރުކުރެވިފައި ހުންނާނެ ތަނެއް އެއީ އިރާދަކުރެއްވިއްޔާ. ވަރަށް ތަނަވަސް ތަނެއް. އޭނާ ހަވީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، މާލެ ފިޔަވައި އެންމެގިނަ މައްސަލަ ހުށަހެޅޭ ރަށަކީ ހިތަދުއޭ. އެހެންވީމާ، މިވައްތަރުގެ، މި ފަރުމާގެ އެންމެފުރަތަމަ ކޯޓު އެޅޭ ރަށަކީ ހިތަދޫކަމުގައިވުމަކީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

އާދެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގައި ހަމައެކަނި ކޯޓުތައް ރަނގަޅު ފެންވަރަކަށް އިމާރާތްކުރުމަކުން ނުފުދޭނެ. ޢަދުލުއިންޞާފު ޤާއިމުކުރުމަކީ އެއަށްވުރެ މާ މުހިންމު، މާބޮޑު މަސައްކަތެއް. ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، ކޮންމެ ޤައުމެއްގައިވެސް އެތަނެއްގެ ޞުލްޙަމަޞްލަޙަތު ހަމަޖެހުމަށްޓަކައި، ވަރަށް ބޭނުންތެރިކަމެއް. ޝައްކެއްނެތް، ރާއްޖޭގެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާ މިދަނީ ތަރައްޤީވަމުން. ތަފާތު ބޭފުޅުންގެ މަތިވެރި ޚިދުމަތްތަކުން އެ ދާއިރާ މިދަނީ ފުޅާވެ ތަރައްޤީވަމުން.

އާދެ، މިހާރު އަޅުގަނޑުމެންގެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާއަށް ބަލައިލާއިރު، ވަރަށް އުފާވެރި އިއްތިފާޤަކުންކަންނޭނގެ، އެ ދާއިރާގައި އެންމެ އިސްކޮށް ޚިދުމަތްކުރައްވަން ތިއްބެވީ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ބޭފުޅުން. އާދެ، އަޅުގަނޑުމެންގެ އުއްތަމަފަނޑިޔާރަކީ، ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމަކީ ފޯއްމުލަކުގެ ބޭފުޅެއް. އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޖަސްޓިސްއަކީ ގދ. އަތޮޅުގެ ބޭފުޅެއް. ހުވަދުއަތޮޅު ދެކުނުބުރީގެ ބޭފުޅެއް. އަޅުގަނޑުމެންގެ އެޓަރނީ ޖެނެރަލް، ޑޮކްޓަރ މުޙައްމަދު މުނައްވަރަކީ މިއަތޮޅުގެ ޢިއްޒަތްތެރި ބޭފުޅެއް. އެހެންވީމާ، ދެކުނުގެ އަތޮޅުތަކުގެ ބޭފުޅުން މިއަދު ތިއްބަވަންޖެހިވަޑައިގެންފައި މިއޮތީ، ރާއްޖޭގެ ވަރަށް މުހިންމު ދާއިރާއެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި. އެހެންކަމުން، އަޅުގަނޑު ދެންމެ މި ދަންނަވާލި ތިން ބޭފުޅުން އާދެ، ފަޟީލަތުއްޝައިޚް އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމާއި، އޮނަރަބްލް އަޙްމަދު ޒާހިރާއި، އޮނަރަބްލް ޑޮކްޓަރ މުޙައްމަދު މުނައްވަރާ، މިބޭބޭފުޅުން އެކުރައްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން އެ ދާއިރާގެ ކަންތައްތައް ކުރައްވަމުން ގެންދަވާ އެހެނިހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިހާރު އައްޑުއަތޮޅަށް މިކުރާ ދަތުރުގެ ބޭނުމަކީ ކޮބައިތޯ ބޭފުޅަކު އައްސަވައިލައްވައިފިނަމަ، އަޅުގަނޑު ދަންނަވާނީ، މިފަހަރު މިއައީކީ ވަކި މުނާސަބަތެއް ފާހަގަކުރާކަށެއްނޫނޭ. މިއަދު ހަވީރު، ހިތަދޫ ކޯޓުގެ ބިންގާ އަޅައިދެވުނުކަމުގައިވިޔަސް، މިއައީކީ އެކަމަށް ޚާއްޞަކޮށް ކުރާ ދަތުރެއްގެ ގޮތުގައެއްނޫން. އަޅުގަނޑު މިއަތޮޅަށް އައުމަށް ހަމަޖެހިފައިވާތީ، މިނިސްޓަރ އޮފް ޖަސްޓިސް އަޅުގަނޑުގެ ކިބައިން އެދިވަޑައިގަތީ، އެކަން ކޮށްދޭން. އެހެންވީމާ އެކަން ކުރީ.

އެހެންވީމާ، މި ދަންނަވާ ވާހަކައަކީ، އަޅުގަނޑު މިފަހަރު މިއައީކީ ވަކި ޚާއްޞަ ކަމަކުނޫނޭ. ވަކި މުނާސަބަތެއް، ވަކި ދުވަހެއް ފާހަގަކުރާކަށްނޫނޭ. ވަކިކަމެއް ފަށްޓައިދޭކަށްނޫނޭ. އެއަށްވުރެ މާބޮޑު ބޭނުމަކު އަޅުގަނޑު މިއައީ. އާދެ، އެއީ އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުން. ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވާތީ، އަޅުގަނޑު މިއައީ ހަމައެކަނި އެ އުފާ ޙާޞިލުކޮށްލަން. މިހެން އަންނަ އައުމުގައި، އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައި، އަދި ތަރައްޤީއަށްޓަކައި އަތޮޅުގައި ކުރެވޭ މަސައްކަތްތައް ކުރެވޭގޮތް ބަލައިލައި، އެކަންކަމަށް އެއްވެސްކަހަލަ ދަތިކަމެއް ކުރިމަތިވެފައިވާނަމަ، އެއީ ކޮންކަހަލަ ދަތިތަކެއްތޯވެސް ބަލައިލައި، އެކަމަށް ޙައްލެއްގެނެވޭތޯ ބެލުމަކީ ޝައްކެއްނެތް، އަޅުގަނޑު މިހާރު މިހުރި މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އެގޮތުން އަޅުގަނޑު މިއަދު އައްޑުއަތޮޅަށް އައިސް، މިއަތޮޅުގެ ރަށްރަށަށް ކުރި ޒިޔާރަތުގައި، އެތަންތާނގެ ރައްޔިތުންގެ ހާލުއަހުވާލު ބަލައިލުމުގެގޮތުން ސުވާލުކޮށް، މަޢުލޫމާތު އޮޅުންފިލުވައިހެދިން. ހަމައެހެންމެ، މިއަތޮޅުގައި ކުރެވެމުންދާ ތަރައްޤީގެ މަސައްކަތްތައްވެސް ވެވުނުވަރަކުން ބަލައިލައި ހެދިން.

އާދެ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން، ހުރިހާ ބޭފުޅުންނެކޭ ދަންނަވާކަށްނެތިން. އެއީ މި ދަންނަވަން އުޅެނީ ވަރަށް ކުރީގެ ވާހަކައެއް. މީގެ ގާތްގަނޑަކަށް 23 އަހަރު ދުވަހުގެ ކުރީގެ ވާހަކައެއް. އަޅުގަނޑު އެންމެފުރަތަމަ މި މަގާމާ ހަވާލުވެގެން އައްޑުއަތޮޅަށް ޒިޔާރަތްކުރީ، 1979 ވަނަ އަހަރު. މީގެ 23 އަހަރު ކުރިން. އެ އަހަރު އަޅުގަނޑު އައިސް، މިއަތޮޅުގެ ކަންތައްތައް ދުށްގޮތާއި، އޭގެ 23 އަހަރު ފަހުން މިއަދު އައިސް އަޅުގަނޑަށް މި ފެނުނުގޮތާ ވަރަށްބޮޑު ތަފާތު. ޝައްކެއްނެތް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އައްޑުއަތޮޅަށް މިވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ލިބިފައި. އައްޑުއަތޮޅުގެ ރައްޔިތުން މިވަނީ ވަރަށްބޮޑެތި ތަރައްޤީތަކެއް ޙާޞިލުކުރައްވާފައި.

އަޅުގަނޑު ދެކޭގޮތުގައި، މި ކުރިއެރުންތައް މި ޙާޞިލުކުރެވުނީ އަދި މި ތަރައްޤީތަކާ ހަމައަށް މި ވާސިލުވެވުނީ، އަތޮޅުގެ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން. އާދެ، ސަރުކާރުން މި ކުރެވޭތޯ ބަލާކަމަކީ، ތަރައްޤީއަށް މަގު ފަހިކޮށްދިނުން. ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގެ ޤާބިލިއްޔަތު ހޯދައިދެވޭތޯ ބެލުން. އެކަމަކީ އިދާރީގޮތުން ކުރަންއޮތް ކަމެއްކަމުގައިވިޔަސް ނުވަތަ މާލީގޮތުން އާދެ، ބަޖެޓުގެގޮތުން، ފައިސާގެގޮތުން ކުރެވެންއޮތް ކަމެއްކަމުގައިވިޔަސް ނުވަތަ ބޭރުގެ އެހީ ހޯދައިގެން، ބޭރުގެ ތަޖުރިބާކާރުންގެ މަޢުލޫމާތާއި، އެމީހުންގެ އެހީތެރިކަމުގެ އަލީގައި ކުރާ ކަމެއްކަމުގައިވިޔަސް، ސަރުކާރުން މިކުރާ ކަމަކީ، އެ ކަންތައްތައް ފަހިކޮށްދިނުން.

އާދެ، މިހާރުވެސް އައްޑުއަތޮޅުގައި، މިދެންނެވި އުޞޫލުން ހަމަޖެހިގެންއައިސް، ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ހިނގަމުން އެބަދޭ. އޭގެތެރޭގައި، އައްޑުއަތޮޅުގެ ތަރައްޤީއަށް ކުރެވެމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، މި އަތޮޅުގެ ގަމުގެ ވައިގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް. އާދެ، މި ވައިގެ ބަނދަރަކީ، ވަރަށް ކުރިއްސުރެ ހެދިފައި އޮތް ތަނެއް. ސަރުކާރުން މިވައިގެ ބަނދަރާ ހަވާލުވިފަހުންވެސް ތަފާތު މަސައްކަތްތައްކޮށް، މަރާމާތުކޮށް، ބަލަހައްޓަމުން ގެންގޮސްފައިވޭ. އެހެންނަމަވެސް، މި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، މިއަތޮޅުގެ ވައިގެ ބަނދަރަކީ އެ ބޭނުމުގައި، އެބޭނުމަށް ފުދޭ ފެންވަރުގެ ރަނގަޅު ވައިގެ ބަނދަރަކަށް ހަދަން އެބަޖެހޭ.

އެހެންވީމާ، މިހާރު ސަރުކާރުން، މާތްﷲގެ ވާގިފުޅާއެކީ އެމަސައްކަތް އެކުރަނީ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރައްވާނެ ފަރާތެއް ހޯއްދެވުމަށްޓަކައި މިހާރުވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބީލަން އިޢުލާނުކުރައްވާފައި. ބީލަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، މިއަހަރުގެ މެއި މަހުގެ ދުވަހެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ބީލަން ހަމަޖެހޭ ފަރާތަކުން އެމަސައްކަތް ކުރަން ފަށާނެ. އެހެންވީމާ، މާ ލަހެއްނުވެ މިއަތޮޅުގެ ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަގު އޮންނާނީ ފަހިވެފައި. އެކަމުގެ ޢަމަލީ މަސައްކަތްތައް އޮންނާނީ އިރާދަކުރެއްވިއްޔާ ފެށިފައި.

އާދެ، ދެންމެ މި ދެންނެވި ފަދައިން، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަން ގަސްތުކޮށްފައިވާ އަނެއްކަމަކީ، ފަތުރުވެރިކަމުގެ މަސައްކަތް. އާދެ، ޓޫރިސްޓް ރިޒޯޓެއް މިއަތޮޅުގައި ޤާއިމުކުރުން. އެ މަޝްރޫޢަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އާދެ، އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުން މިކަމަށް އިންތިޒާރު ކުރައްވާތާ ވަރަށްގިނަ އަހަރުތަކެއްވެއްޖެ. ސަރުކާރުން މިކަމަށް މަސައްކަތްކުރާތާވެސް ހަމަ އެހާގިނަ އަހަރުތަކެއްވެއްޖެ. އެހެންނަމަވެސް، ކަންތައްތައް ކުރެވޭނީ އަޅުގަނޑުމެންގެ ވަސީލަތްތައް ތަންދިން މިންވަރަކުން. މާތްﷲގެ ވާގިފުޅާއެކީގައި، އެންމެފަހުން އެހިސާބަށް މިހާރު އަޅުގަނޑުމެންނަށް މިތިބީ ދެވިފައި. ވިލިނގިލި ތަރައްޤީކުރުމަށްޓަކައި، ސަރުކާރާއި އަމިއްލަ ދެ ކުންފުންޏަކާ ބައިވެރިވެގެން މިހާރުވަނީ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދާފައި. އަދި އަޅުގަނޑަށް އެ ކުންފުނިން މަޢުލޫމާތުދޭގޮތުގައި، ވިލިނގިލި ތަރައްޤީކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަންނަމަހު ފެށޭނެ. އާދެ، އޭޕްރީލްމަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނިން އަޅުގަނޑަށް މަޢުލޫމާތު ދެއްވާފައިވަނީ. އަދި އެ ކުންފުނިން އިންތިޒާރު ކުރައްވާގޮތުގައި ނުވަތަ އުއްމީދު ކުރައްވާގޮތުގައި، 2003ވަނަ އަހަރު އެތަން ނިމި، އެތަން ހުޅުވޭވަރުވާނެ. އެހެންވީމާ، އެއީވެސް އަޅުގަނޑުހިތުން މިއަތޮޅުގެ ތަރައްޤީއަށް ކުރެވޭ ވަރަށްބޮޑު މަސައްކަތަކަށް ވެގެންދާނެ.

ހަމައެހެންމެ، ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުވެސް މި އަތޮޅުގައި ހިނގަމުން އެބަދޭ. އާދެ، މި މަޝްރޫޢު އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ހަތް އަތޮޅަކަށް. އުތުރުން ހއ، ހދ، ށ، މި ތިން އަތޮޅު. ދެކުނުން ގއ، ގދ، ޏ، ސ، މި ހަތަރު އަތޮޅު. އޭގެ މަސައްކަތްތައް މިހާރު މިދަނީ ހިނގަމުން. ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. އޭގެތެރެއިން ވަރަށްބޮޑު މަސައްކަތެއް، ހިތަދުއާއި ގަމާ ގުޅުވައިދޭ މަގެއް ހެދުން. އެ މަސައްކަތް ވަރަށް ހަލުވިކޮށް ހިނގަމުން އެބަދޭ. އެ މަސައްކަތް ހިނގަމުންދާގޮތް ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް މިއަދު ހަވީރު ވަނީ ލިބިފައި. އެމަސައްކަތް ކުރާ ފަރާތުން ލަފާކުރާގޮތުގައި، އިރާދަކުރެއްވިއްޔާ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ. އެ މަގު ހެދުމަކީ، އަތޮޅުގެ ތަރައްޤީއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެކަން ކަށަވަރު. އޭރުން މިއަތޮޅުގެ މިބިތުގައި އޮންނަ ހުރިހާ ރަށްތަކެއް ގުޅިގެންދިޔައީ ފަސޭހަކަމާއެކީގައި.

ޝައްކެއްނެތް، މުވާޞަލާތަކީ ކުރިޔަށްދިއުމުގެ ވަރަށް މުހިންމު ޚިދުމަތެއް. އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ މުވާޞަލާތެއްނެތި، ކަންތައްތައް ކުރިޔަށް ނުގެންދެވޭނެ. މިދަންނަވާ ހިތަދުއާއި ގަން ގުޅުވާލާ މަގު އާދެ، ހުރިހާ ރަށެއް ގުޅިގެންދާގޮތަށް މި ހެދޭ މަގު ހެދުމުން، އަޅުގަނޑު ހިތުން އަތޮޅުގެ ތަރައްޤީއަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ.

ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުގެ ބޭނުމަކީ، އަޅުގަނޑު މި ދެންނެވި އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، އިޤްތިޞާދީ ކުރިއެރުން ފުޅާކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން. އެއީ ބޭރުގެ އެހީއާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއް. އާދެ، އަޅުގަނޑުގެ ހަނދާން މާބަލިކަމަށްނުވަންޏާ، 15 މިލިޔަން ޑޮލަރު ޚަރަދުކުރެވޭ މަޝްރޫޢެއް މި ދެންނެވި، ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢަކީ. އޭގެތެރެއިން 12 މިލިޔަން ޑޮލަރަކީ، ބޭރުގެ ފަރާތްތަކުން، ބޭރުގެ ދެފަރާތަކުން، އޭ.ޑީ.ބީ.އާއި އައި.ޑީ.ބީ. އިން ސަރުކާރަށް ލިބިފައިވާ ލޯނެއް. އަނެއް ތިން މިލިޔަން ޑޮލަރަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ ފައިސާ. ކޮންމެއަކަސް، މި މަޝްރޫޢު ނިމުމުން، އަޅުގަނޑު ހިތުން މި ދެންނެވި އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ، ތަރައްޤީއަކީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން ހޯދޭނެ އެއްޗެއްކަން. އެއީ އަޅުގަނޑުމެން ގަބޫލުކުރަންވީ ޙަޤީޤަތަކީ. ތަރައްޤީއަކީ ހަމައެކަނި ވަކިފަރާތަކުން މަސައްކަތްކޮށްގެން ޙާޞިލުކުރެވޭނެ އެއްޗެއްނޫން. އެއީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން، ކޮންމެ މީހަކުވެސް އެމީހެއްގެ ޙިއްޞާ އަދާކޮށްގެން، އެމީހެއްގެ ވާޖިބު އަދާކޮށްގެން ޙާޞިލުކުރެވޭނެ އެއްޗެއް. މުޅި ޤައުމުގެ ތަރައްޤީއަކީ، ޤައުމުގެ އެންމެން މަސައްކަތްކޮށްގެން ޙާޞިލުކުރެވޭނެ އެއްޗެއް.

އެހެންވީމާ، އަޅުގަނޑު އެދެނީ، ސަރުކާރުން ރާވައިގެން މި ހިންގާ ތަރައްޤީގެ މި ދެންނެވިފަދަ ބޮޑެތި މަސައްކަތްތަކުގައި އަދި އެނޫން މަސައްކަތްތަކުގައިވެސް ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބެމުންދިޔުން. މިހާރުވެސް ސަރުކާރުން ރާވައި ހިންގާ ކޮންމެ މަޝްރޫޢަކަށް ރައްޔިތުންގެ ވަރަށް އިޚްލާޞްތެރި، ވަރަށް ބޮޑު އެއްބާރުލެއްވުމެއް މިދަނީ ލިބެމުން. އެހެންކަމުން، އެ މަޝްރޫޢުތައް މިވަނީ ކާމިޔާބުވެފައި.

ދިވެހިރާއްޖެއަށް އެހީދޭ ބޭރުގެ ފަރާތްތަކުން ބުނާގޮތުގައި، ބޭރުގެ ފަރާތްތަކުން އެހީދޭ ޤައުމުތަކުގެ ތެރެއިން، ރާއްޖެއަކީ ނަމޫނާ ޤައުމެއް. އެއީ ރާއްޖެއަށް ލިބޭ އެހީ، އޭގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރާ ޤައުމެއް. އެހެންވީމާ، އެކަން އެހެން އެވަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ހޭލުންތެރިކަން ބޮޑުކަމާއި، ރައްޔިތުންގެ ހިތްތަކުގައި ތަރައްޤީއަށް އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމާއި އަދި ރައްޔިތުން ސަރުކާރާ ލައްވާ އެއްބާރުލެއްވުމުގެވެސް ބޮޑުކަމުންނޭ އަޅުގަނޑަށް ދަންނަވަން ކެރޭ. މި އެއްބާރުލެއްވުން މިގޮތުގައި އޮންނަކަމަށްވަންޏާ، ޝައްކެއްނެތް މާތްﷲގެ ވާގިފުޅާއެކީގައި، އަޅުގަނޑުމެންނަށް ތަރައްޤީގެ ވަރަށްގިނަ އުސްމިންތަކަކަށް ވާސިލުވެވިދާނެ.

އާދެ، ތަރައްޤީއަށް މަސައްކަތްކުރާއިރު އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާއި، ޞުލްޙަމަޞްލަޙަތާއި، އަމަންއަމާންކަމާއި، އެއްބަނޑުއެއްބަފާކަން އޮންނަންވެސް ޖެހޭނެކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ. އާދެ، މިއީ އިތުރަށް މާދިގުކޮށް ދައްކަންޖެހޭނެ ވާހަކައެއްނޫން. އަޅުގަނޑުމެންނަށް ދުނިޔޭގެ އެތަންމިތަނުން، އެތަންތާނގައި އަމަންއަމާންކަމާއި ހަމަޖެހުންނެތީމާ ކަންތައްތައް ވަމުންދާގޮތް އެހެރަދަނީ ފެންނަމުން. ޓެލެވިޜަންގެ ޒަރީޢާއިން ކޮންމެރެޔަކު އަޅުގަނޑުމެންނަށް އެބަފެނޭ. ނޫސްތަކުންވެސް، ދިވެހިރާއްޖޭގެ އަޑުން ކިޔާ ޚަބަރުންވެސް އަޅުގަނޑުމެންނަށް އެބައެނގޭ، އަމަންއަމާންކަން ނެތްތަންތާނގައި، ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިނެތް ތަންތާނގައި ކަންތައްތައް ވަމުންދާގޮތް. އެތަންތާނގައި ހިނގަމުންއެދާ ހަމަނުޖެހުންތަކާއި، އެތަންތާނގައި އުފެދިގެންއެދާ ފިތުނަތަކާއި، އޮހޮރެމުންދާ ލޭތަކާއި، ވަމުންދާ ގެއްލުންތައް މިއީ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ކެނޑިނޭޅި ފެންނަމުންދާ އެއްޗެއް. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ، ކުރިޔަށްދާން ބޭނުންނަމަ، އެބަޔަކު އެބައެއްގެ މެދުގައި އެއްބާރުލުން، އެކުވެރިކަން ބަދަހިކުރަންޖެހޭނެކަން. އާދެ، އަޅުގަނޑުމެންނަށް އެއީކީ މާއުނދަގޫކަމެއްނޫން. އުނދަގޫކަމަކަށް ނުވެސްވާނެ. އެއީ އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ.

މުސްލިމުންނަކީ މާތްﷲ އެއްބަނޑުއެއްބަފާ ބައެއްގެގޮތުގައި ލައްވާފައިވާ ބައެއް. ''إِنَّمَا الْمُؤْمِنُونَ إِخْوَةٌ '' (الحجرات: 10) މާތް ﷲ وحي ކުރައްވަނީ "ހަމަކަށަވަރުން އެންމެހައި މުއުމިނުންނަކީ އަޚުންތަކެކޭ." އެއީ އަޅުގަނޑުމެން އަމިއްލައަށް ބުނާ އެއްޗެއްނޫން. އެއީ އަޅުގަނޑުމެން ހެއްދެވި ފަރާތުން އާދެ، اللّـه سبحـانـه وتعـالى ކަނޑައަޅުއްވައި އަންގަވާފައިވާ ކަމެއް. އެކަލާނގެ އަޅުގަނޑުމެންނަށް އިއްވަވާފައިވާ ވަޙީގެ ޙައްޤު ބަސްފުޅެއް. އެހެންވީމާ، އެބަސްފުޅާ ޚިލާފަށް އެއްޗެއް ބުނެވޭނެ މީހަކު މިދުނިޔެމައްޗަކު ނުހުންނާނެ. އެންމެހައި މުއުމިނުންނަކީ އަޚުންތަކެކޭ ﷲ އެ އަންގަވަނީ. އެހެންވީމާ، އަޅުގަނޑުމެންނަކީ މުއުމިނުންކަމުގައިވަނީނަމަ، އަޅުގަނޑުމެން ވާންޖެހޭނީ އަޚުންތަކެއްކަމުގައި. އަޅުގަނޑުމެން އަޚުންތަކެއްކަމުގައިނުވަންޏާ، އޭގެ މާނައަކީ، އަޅުގަނޑުމެންނަކީ ފުރިހަމަ މުއުމިނުންނެއްނޫނޭ. މިއީކީ ބަޙުޘެއް އޮތް މައްސަލައެއްނޫން. އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވުމުގެ މަތިވެރި ނަޞީބާއި ނިޢުމަތް ލިބިފައިވާ ބަޔަކަށްވީތީ، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަން ޤާއިމުކޮށް ބަދަހިކުރުމަކީ، އެއްގޮތަކަށްވެސް ދަތިކަމަކަށްނުވާނެ. ޝައްކެއްނެތް، އެކަންވާނީ ވަރަށް ފަސޭހަކަމަކަށް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، އަބަދުވެސް އަޅުގަނޑު ދަންނަވާ ފަދައިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި، އެއްބަނޑުއެއްބަފާކަން ދަމަހައްޓަވާށޭ ދަންނަވާލަމުން. އެކަން ރާއްޖޭގެ ރައްޔިތުން ދަމަހައްޓަވައިފިނަމަ، ޝައްކެއްނެތް، މާތްﷲގެ ހެޔޮރަޙްމަތާއި ވާގިފުޅުން، އަޅުގަނޑުމެން ބޭނުންވާ ކާމިޔާބީތައް ޙާޞިލުކުރުމަކީ ދަތިކަމަކަށްނުވާނެ. އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ތަރައްޤީގެ އުސްމިންތަކަކަށް ވާސިލުވުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ނުވެވޭވަރުގެ ކަމަކަށްނުވާނެ.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އެކަލާނގެ ހިދާޔަތުގައި އާދެ، އެކަލާނގެ އަޅުގަނޑުމެންގެ އެންމެންގެ ހެވާއި ލާބައަށްޓަކައި ފޮނުއްވާފައިވާ މަތިވެރި ދީނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤު ދެއްވުން. އަޅުގަނޑުމެންނަކީ ޙަޤީޤީ މުއުމިނުންކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންނަކީ اللّـه سبحـانـه وتعـالى އަންގަވާ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާ އަދި އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކަންތައްތައް ކުރާ ބަޔަކުކަމުގައި ލެއްވުން.

އާދެ، އަޅުގަނޑު އެދެނީ، އައްޑުއަތޮޅަށް މިއަދަށްވުރެ ތަނަވަސް، ބާއްޖަވެރި، ހުރިހާ ގޮތަކުންވެސް ތަރައްޤީވެފައިވާ މާދަމައެއް. ދިވެހިރާއްޖެއަށްވެސް، މާތްﷲގެ ވާގިފުޅާއި ރަޙްމަތްފުޅާއެކީގައި، ދިވެހިރާއްޖޭގެ ރައްޔިތުން އެދިވަޑައިގަންނަވާ ކުރިއެރުންތަކާއި ތަރައްޤީތައް ޙާޞިލުވަމުންދިޔުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.