بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް ނުވަތަ އަތޮޅަށް، އާދެ، ފުވައްމުލަކަށް އަޅުގަނޑު އައުމާއެކުގައި، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މި ދަތުރަކީ، މާބޮޑު ރަސްމީ ކަންތައްތަކެއް އެކުލެވިގެންވާ ދަތުރަކަށްނުވިޔަސް، މި އަތޮޅު އަދި މި ރަށް، އަޅުގަނޑު މިއައި އައުމަށް ތައްޔާރުވެފައި މިވަނީ، ވަރަށް ފުރިހަމަކޮށޭ ދަންނަވާލަންޖެހޭ.

އާދެ، ރަށުގެ ވެރިންނާއި ރައްޔިތުން މިއަދަށްޓަކައި ވަރަށްބޮޑަށް އިންތިޒާރު ކުރައްވާކަން އަޅުގަނޑަށް މިއަދު މި ފެނުނު މަންޒަރުތަކުން، ވަރަށް ރަނގަޅަށް އެނގި ދޭހަވޭ. އާދެ، އެހެންކަމުން، އަޅުގަނޑު މި ރަށަށް އައުމުން، ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދަށާއި، ފުވައްމުލަކުގެ ވެރިންނަށާއި، އާންމު ރައްޔިތުންނަށާއި، ކޮމިޓީތަކާއި ޖަމުޢިއްޔާތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ އެކި ދާއިރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަދި މި ރަށުގެ ކިޔަވާކުދިންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކީގައި ޝުކުރު އަދާކުރަން.

އާދެ، ފުވައްމުލަކަށް އަޅުގަނޑު އެންމެފަހުން އައީ މީގެ ހަތަރު އަހަރު ކުރިން، 1998 ވަނަ އަހަރު. މިފަހަރު އަޅުގަނޑަށް މި ރަށަށް ޒިޔާރަތްކުރެވުމުން، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން މިއީ މި ރަށަށް ކުރާ އަށްވަނަ ދަތުރު. އަދި އޭގެ މާކުރިން، އަޅުގަނޑު މި ރަށަށް އެއްދަތުރު ކުރިކަން، ތަންކޮޅެއް އުމުރުން ދުވަސްވީ މި ރަށުގެ ބޭފުޅުން ހަނދުމަފުޅު ހުންނާނެހެން އަޅުގަނޑަށް ހީވަނީ.

އާދެ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުވައްމުލައް ވަނީ، ތަރައްޤީގެ މަގުން ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި. މި ތަރައްޤީ ހާސިލުކުރެވިފައި މިވަނީ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރި ބުރަ މަސައްކަތްތަކެއްގެ ސަބަބުން. ފުވައްމުލަކަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ، ރަނގަޅު ބަނދަރެއް ނެތުމުގެ ދަތިކަންކަން، ދެންމެ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އަދި އެއީ އަޅުގަނޑުހިތުން އަޅުގަނޑަށްވުރެ، އަދި މާބޮޑަށް ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށް، އިޙްސާސް ކުރައްވަން ޖެހިވަޑައިގެންފައިވާ ދަތިކަމެއް. ޒަމާނުއްސުރެ، މި ރަށަކީ ލަފާފުރުން ވަރަށްދަތި ރަށެއް. އެހެންވީމާ، އެކަށީގެންވާ ރަނގަޅު ފެންވަރަކަށް، ދަތުރުވެރިންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ލިބިދެވޭކަހަލަ ބަނދަރެއް މި ރަށުގައި ހެދުމަކީ، މި ރަށުގެ ރައްޔިތުން ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް، ވަރަށް ކުރިއްސުރެ.

މިކަން، އަޅުގަނޑު ރައީސްކަމާ ހަވާލުވެ، އެންމެ ފުރަތަމަ މި ރަށަށް ކުރި ދަތުރުންވެސް އަޅުގަނޑަށް އެނގުނު. އެހެންނަމަވެސް، އަޅުގަނޑުމެން ކަންތައްތައް ރޭވިޔަސް، ކަންތައްތައް ނިމިގެންދާނީ، ﷲ އިރާދަކުރައްވާ، މިންވަރުކުރައްވާ ގޮތެއްގެމަތިން. އެހެންވީމާ، އެފަދަ ބޮޑު މަސައްކަތެއް ކުރުމަށް އެޅިފައިވާ ހުރަސްތައް އަޅުގަނޑުމެންނަށް ﷲގެ ވާގިފުޅާއެކީގައި ނައްތާލެވުނީ ވަރަށްފަހުން.

ކޮންމެއަކަސް، އަޅުގަނޑުހިތުން މިހާރު މި ރަށުގައި ހެދެމުންދާ ބަނދަރަކީ، މި ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިދޭނެ ބަނދަރެއް. ރަށުގެ ރައްޔިތުންނަށް ސަލާމަތްކަމާއި، އަމަންއަމާންކަން ގެނެސްދޭނެ ބަނދަރެއް، އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަޙްމަތްފުޅުން. އަދި އެއީ، ރަށުގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ބާރަކަށްވެސްވާނެ.

މި މަޝްރޫޢުގައި ކުރަންޖެހޭ މަސައްކަތްތަކަކީ، އާދަޔާ ޚިލާފު ބުރަ މަސައްކަތްތަކަކަށްވެފައި، އެކަމުގެ ޚަރަދު ބޮޑުކަމަށްވިޔަސް، ސަރުކާރުން އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން، މަޝްރޫޢު ކުރިއަށް މިގެންދަނީ، މި ދެންނެވި ސަބަބަށްޓަކައި. އާދެ، 2000 ވަނަ އަހަރުގެ ތެރޭގައި ފެށުނު މި މަސައްކަތުގެ ވަރަށްބޮޑު ބައެއް މިހާރު މިވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މަސައްކަތް މުޅިން ނިންމޭނެ.

އަޅުގަނޑު މިއަދު، ފުވައްމުލަކަށް މިއައި އައުމުގައިވެސް މަތިންދާބޯޓުން ދަތުރުކުރިއިރު، އެ ސަރަޙައްދު ބަލައިލުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ވަރަށްބޮޑަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ތަން އަޅުގަނޑަށް ފެނުނު. އެކަމުން އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި، އުފަލެއް ލިބުނު. އާދެ، އެއަށްވުރެވެސް މާބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް، މި ރަށުގެ ރައްޔިތުން އިޙްސާސް ކުރައްވާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، ފުވައްމުލަކަކީ، ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަ ރަށެއް. އާދެ، މި ރަށުގެ ފަސްގަނޑު، މާތް ﷲގެ ރަޙްމަތްފުޅުން ބޮޑުކަމާއި އަދި ފަސްގަނޑުގެ މޮޅުކަމުން، މި ރަށުގައި ކުރެވެން ހުންނަ މަސައްކަތްތައް ވަރަށް ގިނަ. ޚާއްޞަކޮށް، ގަސް އިންދުމާއި، ދަނޑުވެރިކަމުގެ މަސައްކަތްތަކަކީ، މި ރަށަށް ކުރިއްސުރެ ފެށިގެން ވަރަށްބޮޑު އާމްދަނީއެއް ލިބެމުންދާ އަދި ރައްޔިތުންގެ ދިރިއުޅުމަށް ވަރަށްބޮޑު ފަސޭހަތަކެއް ގެނެސްދޭ ކަމެއް.

އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، ރަށުގެ މަސްވެރިކަންވެސް އިރާދަކުރެއްވީތީ މިހާރު ރަނގަޅު. މަސްވެރިކަމުގެ އިތުރަށް، މި ރަށަށް ދަނޑުވެރިކަމުގެ ގޮތުންނާއި، ގަސްއިންދުމުގެ ގޮތުން ވަރަށްބޮޑެތި ކުރިންއެރުންތަކެއް ހާސިލުކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެން.

މީގެކުރިން، އަޅުގަނޑު ފުވައްމުލަކަށް އައި ފަހަރެއްގައިވެސް، ދަންނަވާލި ހަނދާންވޭ، އަޅުގަނޑު އެދެމޭ، މި ރަށުގައި މިވާ ބޮޑެތި ބިންތައް އެކަށީގެންވާ ރަނގަޅު ގޮތެއްގައި، އާދެ، އޭގެ އިޤްތިޞާދީ ފައިދާ، ރަށުގެ ރައްޔިތުންނަށް ލިބޭގޮތަކަށް، އެ ބިންތަކުގެ ބޭނުންކުރެވެމުން ދިޔުން. އަޅުގަނޑުހިތުން މިއަދުވެސް އަދި އަޅުގަނޑު އެ ވާހަކަ ދަންނަވާލަން ބޭނުންވޭ. ރަށުގެ ރައްޔިތުންވެސް މިކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނެވުން އަޅުގަނޑު އެދެން. މާތް ﷲގެ ރަޙްމަތްފުޅުން މި ރަށުގެ ރައްޔިތުންނަށް ދެއްވާފައި މިވަނީ ވަރަށްބޮޑު ނަސީބެއް. ވަރަށްބޮޑު މުއްސަނދި ކަމެކޭ އަޅުގަނޑަށް ދަންނަވާލަންޖެހޭ. އެހެންވީމާ، ބިމުގެ މުއްސަނދިކަން ލިބިފައިވާ މިރަށުގެ އެ މުއްސަނދިކަން އިތުރުކުރެއްވޭތޯ ބެއްލެވުމަކީ މި ރަށުގެ ވެރިންނާއި، ރައްޔިތުން ވަރަށްބޮޑަށް އިސްކަންދެއްވަން ޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، މި ރަށުގެ ރައްޔިތުންނާ ގުޅިގެން ވަރަށްގިނަ ކަންތައްތައް ކުރަމުން އެބަގެންދޭ. އާދެ، މި ވާހަކަ މާދިގުކޮށް އަޅުގަނޑު ދައްކާކަށްނެތިން. އެއީ ތިޔަބޭފުޅުންނަށް މިކަން އެނގިވަޑައިގަންނަވާނެތީ. އަދި މިއަދުގެ މި ހޫނު ވަގުތު، ވަރަށް ގިނަ ބޭފުޅުން މިހާރު އަވީގައިވެސް އެބަތިއްބެވިކަންނޭނގެ. އެހެންވީމާ، އެބޭފުޅުން އެ އުފުއްލަވަންޖެހޭ ބުރަ އިތުރުކުރާކަށް އަޅުގަނޑު ބޭނުމެއްނޫން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލެއްވުން މީގެކުރިންވެސް ވަނީ، ސަރުކާރުން މި ކުރާ ހުރިހާ ކަމަކަށް ލިބިފައޭ. އެއީ ތަޢުލީމީ ޚިދުމަތް ކަމުގައިވިޔަސް، ނުވަތަ ކަރަންޓުގެ ޚިދުމަތް ކަމުގައިވިޔަސް، ނުވަތަ ޞިއްޙީ ޚިދުމަތް ކަމުގައިވިޔަސް، ނުވަތަ އެނޫން ގޮތަކުން ނަމަވެސް، ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައި ފުވައްމުލަކުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު މިއޮތީ ލިބިފައި. އެހެންވީމާ، އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ތާނގައިވެސް އެފަދަ ގޮތަކަށް ނުވަތަ އެއަށްވުރެވެސް ފުރިހަމަކޮށް، ރައްޔިތުންގެ އެއްބާރުލެއްވުމާއި ތާއީދު، ސަރުކާރުން މިކުރާ ހުރިހާ މަސައްކަތްތަކަށް ލިބިގެން ދިޔުން.

އާދެ، އަޅުގަނޑު ކުރިންވެސް ދަންނަވާލި ފަދައިން، މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުންނާއި ވެރިން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށް އެދެނީ، ހުރިހާވެސް ކާމިޔާބީއަކާއި ކުރިއެރުމެއް. މާތް ﷲ މި ރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރި، ބާއްޖަވެރި، މުސްތަޤްބަލެއް ދައްކަވާށި!

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ތިޔަބޭފުޅުންގެ ލޮބުވެތި އަދި ރީތި ބަހުރުވައިން އެއްޗެއް ދަންނަވާލެވޭތޯ ބަލާނަން. އަޅުގަނޑަށް މާ ރަނގަޅަށް އެއްޗެއް ނުދެންނެވުނަސް މާފު ކުރައްވާނެ ކަމަށް ހީކުރަން.

"ފުވައްމޮލޮކަހަ އަދޮ އާހޮ ރަށިގެ ރައްޔަތުންނާ ބައްދަލްކޯ، ރަށިގެ ތަރައްޤީއަށްޓަކައި ކެރަމުންއޭނ މަސައްކައްތެއް ފެނުމަކީ މަށަ ވަރަހަ ބޮނޑަހަ އުފާވެރިކަންމާ، ހިއުހަމަޖެހުން ލިބުންކަމެއް. ފުވައްމޮލޮކަހަ އިތިރި ކުރިއެރުންމާ ތަރައްޤީހާ އެދެން. ފުވައްމޮލޮކެ ރައްޔަތުން ކުރައްވަމުން ގެންދަވާނ މަސައްކައްތެކަހަ އިތިރި ކާމިޔާބީހާ އެދެން."

والسّلام عليكم ورحمـة اللّـه وبركاته.