މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރައްވައި، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް ބާއްވަވާ ކޮންފަރެންސެއް، އަންނަ ހޮނިހިރު ދުވަހު ފެށޭނެއެވެ. މިމަހުގެ 15 އިން 17 އަށް އާރަށުގައި ބާއްވަވާ މި ކޮންފަރެންސް ހުޅުއްވައިދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މި ކޮންފަރެންސް ހުޅުވުމުގެ ޖަލްސާގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު ވާހަކަފުޅު ދައްކަވާނެއެވެ.

މިކޮންފަރެންސްގައި ބައިވެރިވާނީ ޒުވާނުންނާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޖްތަމަޢުގައި މަސައްކަތްކުރާ ފަރުދުންނާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ޝަރުޢީ ދާއިރާގެ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމާއަތްތަކެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރެއްވުމަކީ މި ސަރުކާރުގެ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވަޢުދެކެވެ.