بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ނޫސްވެރިންނަށް މަރުޙަބާ.

އާދެ، މީގެ ދެ ދުވަސް ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށާއި، ރަށު ކައުންސިލްތަކުގެ ރައީސުންނަށާއި، ހުރިހާ ކައުންސިލަރުންނަށާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި މަރުޙަބާ ދަންނަވަން.

އާދެ، އެބޭފުޅުން އެ ހަވާލުވެވަޑައިގަންނަވަނީ ވަރަށްބޮޑު ބަދަލުތަކަކާ އެކީގައި ވަރަށްބޮޑު މަސްއޫލިއްޔަތުތަކަކާ. ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާ އެކުގައި، ވަރަށްބޮޑު މަސްއޫލިއްޔަތުތަކަކާއި ބާރުތަކެއް މިވަނީ ކައުންސިލްތަކަށް ދޫކޮށްލެވިފައި. އަޅުގަނޑު އުއްމީދު ކުރަނީ، މި ބަދަލުތަކާ އެކުގައި، މި ހޮވުނު ކައުންސިލްތަކުން އަޅުގަނޑުމެންގެ އުއްމީދުތައް ހާސިލުކުރުމުގައި އެއްބާރުލުންދީ، އެކީގައި އެ މަސައްކަތް ކުރާނެ ކަމުގައި.

ނިމިދިޔަ އިންތިޚާބުގައި އެންމެބޮޑަށް ފާހަގަކުރެވުނު އެއް ނަތީޖާއަކީ، މާލޭސިޓީގެ ނަތީޖާ. މާލޭސިޓީގެ އެ ކައުންސިލަށް މިއައި ބަދަލާ ދޭތެރޭގައި އެބަޖެހޭ ވިސްނަން. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މާލޭސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަން. އިޙްސާސްތަކެއް އެބޭފުޅުން ފާހަގަކުރައްވައިފި. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިއަދުވެސް ޔަޤީންކޮށް މި އަރުވަނީ، މާލޭސިޓީއާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ، ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތައް ދެނެގަނެ، އެ ކަންތައްތައް ހާސިލުކޮށްދިނުމުގައި، މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ވާހަކަ.

ހަމައެއާއެކުގައި، އަޅުގަނޑު ފާހަގަކޮށްލަން، މި އިންތިޚާބުގައި ލިބުނު ވަރަށްބޮޑު ކާމިޔާބެއް އެބައޮތް. އެންމެބޮޑު ކާމިޔާބީއަކީ އިންތިޚާބުވި ކައުންސިލަރުންގެ ތެރޭގައި، އަންހެނުން 35 ޕަސެންޓަށްވުރެ ބޮޑު ޢަދަދެއް ކާމިޔާބު ކުރައްވައިފި. މިއީ ސަރުކާރާއި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު. ކަންތައްތައް ނިންމުމުގައި މަސައްކަތް ކުރުމުގައި ވީހާވެސް ބޮޑަކަށް
ދެ ޖިންސުގެ ހަމަހަމަކަން ގެންގުޅުމަށް އަޅުގަނޑުމެން އެކުލަވައިލި ސިޔާސަތު. މި ސިޔާސަތު ތަންފީޒުވެގެންދާތަން ފެނުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިހާތަނަށް އައިއިރުގައި، ގުނިފައިވާ ނަތީޖާތަކަށް ބަލާއިރުގައި، އެމް.ޑީ.ޕީ. އަށް މިވަނީ 43 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިފައި ކައުންސިލްތަކުން. އެއާއެކީގައި، 92 ޕަސެންޓް ވޯޓު ގުނިއިރުގައި، ވޯޓުގެ 49 ޕަސެންޓް ވޯޓު މިވަނީ އެމް.ޑީ.ޕީ. އަށް ކާމިޔާބު ކުރެވިފައި. އަޅުގަނޑު ހިތުން މިޑްޓަރމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލުކުރެވިފައެއް ނެތް. އެހެންވީމާ، މިޑްޓަރމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަކުރުމާ އެކުގައި، އަޅުގަނޑު މި ދެންނެވި ކަންބޮޑުވުންތަކާ އެކީގައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނެ ވާހަކަ، މި ފުރުޞަތުގައި ދަންނަވަން.

އަދި ތިޔަބޭފުޅުންނަށް ފުރުޞަތު އެރުވުމުގެ ކުރިން، އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނަރުންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ މި ޕެންޑަމިކް ތެރޭގައި ވަރަށް އުނދަގޫ ދަތި ކަންތައްތަކެއް އަޅުގަނޑުމެން އެންމެންނަށް ކުރިމަތިވެގެން ހިނގައްޖެ. އެ ދަތި އުނދަގުލާ އެކީގައި އިލެކްޝަންސް ކޮމިޝަނުން މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި އިންތިޒާމުތައް ރޭއްވެވުމުގައި، އެ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، ސަރުކާރުންނާއި އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. މިއަށްފަހުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރުޞަތު އަރުވާނަން.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ!

އިންޑިއާ ކަނޑުގެ ސިފައިންގެ މެރިޓައިމް ސްޓްރެޓެޖީގައިވާގޮތުން އިންޑިއާ ކަނޑުގެ ޤައުމުތަކުގައި އިންޑިއާ ސިފައިންގެ ނުފޫޒު ފުޅާކުރުމަށް އިންޑިއާ ކަނޑުގެ ޤައުމުތަކުގައި އެ ޤައުމުގެ ޢަސްކަރިއްޔާ ބަލަހައްޓަން އިންޑިއާ ކަނޑުގެ ސިފައިންގެ މި ސްޓްރެޓެޖީގައި އެބައޮވޭ. އެގޮތުން، އޭގެއިތުރަށް އިންޑިއާ ކަނޑުގެ ޤައުމުތަކުގައި ޢަސްކަރީ މަރުކަޒުތަކެއް ޤާއިމުކުރުމާއި، ހައިޑްރޯގްރެފިކް ސަރވޭތައް ހެދުމާއި، ރާޑަރ ސްޓޭޝަންތައް ހެދުންފަދަ ގިނަ ކަންތައްތައް ކުރުމަށް އެ ޤައުމުގެ ޢަސްކަރިއްޔާއިން ލަފާދީފައި އެބައޮވޭ.

ދެން މިގޮތުން، މި ސްޓްރެޓެޖީގެ ދަށުން އިންޑިއާ ކަނޑުގެ ބައެއް ޤައުމުތައް، މޮރިޝަސް، ސީޝެލްސްފަދަ ޤައުމުތަކުގައި މި ކަންތައްތައް އިންޑިއާ ސިފައިން ކޮށްފައިވޭ. ދެން އެ ދެ ޤައުމުތަކުގައި އިންޑިއާ ކަނޑުގެ ސިފައިންގެ މަރުކަޒުތަކެއް ޤާއިމުކުރަން އިންޑިއާ ސިފައިން މަސައްކަތް ކުރުމުން، އެ ޤައުމުތަކުގެ ރައްޔިތުން އެކަމާ ދެކޮޅުހެދުމުން، އެ ކަންތައްތައް ކާމިޔާބުނުވީ. ދެން ދާދިފަހުން އަޅުގަނޑުމެންނަށް މި ފެނުނީ، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނާއެކު ބަނދަރަކާއި މަގަތު ފާލަމެއް ތަރައްޤީ ކުރަން ހެދި އެއްބަސްވުމެއްގެ ޑްރާފްޓެއް ލީކްވިތަން. ދެން ސަރުކާރުން ބުނެފައި އެބަވޭ، އެއީ އަޞްލެއް ނޫންކަމަށް.

ދެން އަޅުގަނޑުގެ ސުވާލަކީ، މޭޖަރ ޖެނެރަލް ޝަމާލްވެސް ވިދާޅުވިފަދަ މަގަތު ފާލަމަކާއި ބަނދަރެއް ހަދަން އެކުލަވައިލި އެއްބަސްވުމެއް ސިއްރުކުރަން ސަރުކާރުން އެހާބޮޑަށް މަސައްކަތް ކުރަނީ ކީއްވެތޯ؟ ރައީސަކީ ރިޔާސީ އިންތިޚާބުގައި ވަރަށް ބޮޑަށް ހާމަކަންބޮޑުގޮތެއްގައި ޓްރާންސްޕޭރަންސީ އެޑްވޮކޭޓް ކުރަމުން، ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާއިރު، މިފަދަ އެއްބަސްވުމެއް ރައްޔިތުންނަށް ފެނިވަޑައިގަންނަވަންޖެހޭކަމަށް ރައީސް ގަބޫލުނުކުރައްވަނީތޯ؟ ރައްޔިތުންނަށް ދެއްކެން ނެތްނަމަ، ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބެވި ރައްޔިތުންގެ މަންދޫބުންނަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެންނަންޖެހޭކަމަށް ރައީސް ގަބޫލުނުކުރައްވަނީތޯ؟

ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އަޒާން.

އަޅުގަނޑުމެންގެ މިއަދުގެ އަމާޒަކީ، މިއަދުގެ ޕްރެސްގެ އެންމެ މުހިއްމު މަސައްކަތަކަށް މިއޮތީ އިންތިޚާބާ ބެހޭގޮތުން ތިޔަބޭފުޅުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުން. އެހެންނަމަވެސް، އުތުރު ތިލަފަޅާ ބެހޭގޮތުން ތިޔަ ކުރެއްވި ސުވާލުގައި، ދެތިން ކަމެއް އަޅުގަނޑު ދަންނަވާލާނަން.

އަޅުގަނޑު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ތިޔަބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ، ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް އެއްވެސްކަހަލަ އެއްބަސްވުމެއްގައި މި ސަރުކާރުން ސޮއިކޮށްފައި ނޯންނާނެ ކަމާއި، ސޮއިނުކުރާނެކަން. މިހާތަނަށް ތިޔަ ވިދާޅުވި ހައިޑްރޮގްރަފީއާއި، އުތުރު ތިލަފަޅުގައި މި ތަރައްޤީކުރާ ކަންތައްތަކަކީ، މީގެކުރިން އެކި ސަރުކާރުތަކުން ވަމުން އައިސްފައި ހުރި އެއްބަސްވުންތަކާ އެއްގޮތަށް ކުރަމުން އައިސްފައިހުރި ކަންތައްތައް. އޭގެތެރޭގައި، ކުރިންވެސް މި ދެންނެވިހެން، ސޮވެރެންޓީއަށް އަސަރުކުރާކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްފައެއް ނޯންނާނެ.

ދެން މިގޮތަށް ކުރެވޭ އެއްބަސްވުންތައް، ސީދާ އެއްބަސްވުންތައް ހުރިގޮތަށް މިހާތަނަކަށް ނެތް އެއްވެސް ސަރުކާރަކުން ހާމަކޮށްފައެއް. އެހެންނަމަވެސް، އޭގައި ހާމަކުރަންޖެހޭ ކަންތައްތައް ހަމަ އަޅުގަނޑުމެން މިގެންދަނީ ހާމަކުރަމުން. އަދި ރައްޔިތުންގެ މަޖިލީހަށްވެސް، ރައްޔިތުންގެ މަޖިލީހުގެ ޓޫ ފޯރ ވަން ކޮމިޓީއަށް ކަމަށްވިޔަސް، ދޭންވާ ހުރިހާ މަޢުލޫމާތުތަކެއް އަޅުގަނޑުމެން މިދަނީ ޙިއްޞާ ކުރަމުން. ކުރިންވެސް މި ދެންނެވި ފަދައިން، އިސްތިޤްލާލާއި މިނިވަންކަމަށް ގެއްލުންވާފަދަ، ބުރޫއަރާފަދަ އެއްވެސް ކަމެއް، އެއްވެސް ޤައުމަކާއެކީ ނުކުރާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުން ބޭއްވެވުން އެދެން.

ޢަބްދުﷲ މުޢާޒް: ޕީ.އެސް.އެމް:

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ރައީސްގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ، އެމް.ޑީ.ޕީ. އަށް ކާމިޔާބު ލިބުނު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް. އެހެންނަމަވެސް، މާލޭސިޓީފަދަ ބައެއް މުހިއްމު ދާއިރާތަކުން މިވަނީ އެމް.ޑީ.ޕީ. އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި.

އެހެންވީމާ، ސުވާލަކީ ރައީސް ވިދާޅުވެއްޖެ، ބައެއް ކަންބޮޑުވުންތައް ރައްޔިތުންގެ ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް. ކޮބައިތޯ މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަންތައްތަކަކީ؟ ކޮންކަހަލަ ކަންތައްތަކެއް ހުރެގެންތޯ ނާކާމިޔާބީއާ، އެފަދަ ދާއިރާތަކުން ކުރިމަތިލައްވަން ޖެހިވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މާލޭސިޓީއަށް ބަލާއިރުގައި، މާލޭސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މީގެ ތަފްޞީލު އަޅުގަނޑުމެންނަށް އެނގޭނީ، މީގެ ދިރާސާތަކެއް ހެދުމަށްފަހުގައި. އެހެންނަމަވެސް، ފާހަގަވާ ކަންތައްތަކުގެ ތެރޭގައި، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އެބަ ފާހަގަކުރެވޭ. އެއީ ޙައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި އެބަ ފާހަގަކޮށްލަން.

ހަމައެއާއެކީގައި، ކޯވިޑާ ގުޅިގެން އަޅުގަނޑުމެން މި އެޅި، ރެސްޓްރިކްޝަންތައް، ގެނައި ރެސްޓްރިކްޝަންތަކުގެ ތެރޭގައި، ވަރަށް ބޮޑަށް މާލޭގެ ރައްޔިތުންނަށް އޭގެ އަސަރުކުރިކަން އަޅުގަނޑުމެންނަށް އެނގޭ. ޚާއްޞަކޮށް، ރެސްޓޯރެންޓް، ކެފޭތައް، ޓެކްސީތައް، މިހެންގޮސް އެކިއެކި މަސައްކަތްކުރާ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް އޭގެ ބޮޑެތި އަސަރުތަކެއް ކޮށްފައި އެބަހުރި. މާލޭގެ ރައްޔިތުންނަށް ބޮޑަށް މީގެ އަސަރުކުރީ. އެހެންނަމަވެސް، އަޅުގަނޑުމެން އޭރު އެކަންތައްތައް ކުރަމުން ގެންދިޔައީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މުޅި ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކިގެން. އެހެންނަމަވެސް، އޭގެ އިކޮނޮމިކް އިމްޕެކްޓް ރައްޔިތުންނަށް ކުރިވަރު، އަޅުގަނޑު ހިތުން މި ވޯޓުގައި ފެނިގެން އެބަދޭ.

އޭގެއިތުރުން، ކޮރަޕްޝަނާއި، ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ތަޙުޤީޤު ކުރުމަށް ނަގާ ވަގުތު ހޭދަވަމުންދާ ދިޔުން އަދި މަރާލެވިފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްވަމުންދާދިޔުން، އަޅުގަނޑު ހިތުން މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ.

އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ.ގެ ވޯޓާ ބޭސްއާއި، ދެން މިއޮތް ވޯޓާ ބޭސްގައި އެބައުޅޭ ތަފާތުތަކެއް ވޯޓުލުމުގައި. އެމް.ޑީ.ޕީ.ގެ މެންބަރުން ބޮޑަށް މި ގަބޫލުކުރަނީ، އިޝޫތަކެއްގެ މައްޗަށް. ކަންތައްތަކެއް ބަދަލުކުރަން ބޭނުންވޭ. ވައްކަމާ އިދިކޮޅު. ކޮރަޕްޝަނާ އިދިކޮޅު. ޚިޔާލުފާޅުކުރުމާއި މިނިވަންކަމާ އެއްކޮޅު. މިހެންގޮސް ހުރި ވެލިއުތަކެއް އެބަހުރި، އެމް.ޑީ.ޕީ. އިން ގަބޫލުކުރާ. މިކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރަން ދިން މެސެޖެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މި ދެންނެވިހެން މި ފާހަގަކުރެވުނު ކަންތައްތަކާ އެކީގައި ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނަން.

އެނގިވަޑައިގަންނަވާނެ، ތިޔަވިދާޅުވިހެން އިސްކޮށް އޮވެ، އެމް.ޑީ.ޕީ. އަށް ސަރުކާރު މިވަނީ ލިބިފައި. އަދި ރައްޔިތުންގެ މަޖިލީހުގެ 75 ޕަސެންޓް ގޮނޑިވެސް ރައްޔިތުން މިވަނީ ދީފައި. އެހެންވީމާ، މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެންމެންނަށް މި ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެބަޖެހޭ ބަލައިލަން، ކޮބައިތޯ ހުރި މައްސަލަތަކަކީ. ސަރުކާރުތެރޭގައި ހުރީ ކޮން މައްސަލައެއްތޯވެސް. ކޮންކޮން ކަންތައްތަކެއްތޯ ބަދަލުކުރަންޖެހެނީ. މަޖިލިސްތެރޭގައި މައްސަލަތަކެއް ހުރިތޯ. ހުރީވިއްޔާ އެއަށް އަޅުގަނޑުމެން އެޑްރެސް ކުރާނީ މަޖިލިސް ތެރެއިން.

އެހެންވީމާ، މަޖިލީހުގެ މި ބޮޑު މެޖޯރިޓީއާއި ސަރުކާރާ އެކީގައި އޮވެ، މިކަހަލަ ބަދަލެއް، މާލޭގެ އިންތިޚާބަށް މިއައި ސަބަބު އަޅުގަނޑުމެން ދެނެގަނެ، އެ ކަންތައްތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިޞްލާޙު ކުރާނަން.

މާހަތު ޙުސައިން ރަޝީދު- ސަންގު ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، އެމް.ޑީ.ޕީ. އަށް ދެން މައިގަނޑު ގޮތެއްގައި، ބޮޑެތި ގޮނޑިތަކެއް އެބަހުރި ގެއްލިފައި. އޭގެތެރޭގައި، މާލޭސިޓީ އަޅުގަނޑުމެން މި ފާހަގަކުރަނީ. ދެން މިކަމާ ގުޅޭގޮތުން އެމް.ޑީ.ޕީ.ގެ ބައެއް މެންބަރުންވެސް ފާހަގަކޮށްފައި އެބަހުރި، ގޮނޑިތައް ގެއްލެން ދިމާވި މައިގަނޑު އެއް ސަބަބަކީ، އެ ޕާޓީގެ ތެރޭގައި އޮތް ދެބައިވުންތަކުގެ ސަބަބުން ކަމަށް. އެގޮތުން އިއްޔެގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ނަޝީދުވެސް ފާހަގަކުރައްވާފައި އެބަހުރި، ކޮރަޕްޝަންގެ މައްސަލަތަކެއް ކަމަށް އެއީ. އަޅުގަނޑުގެ ސުވާލަކީ،  ކޮރަޕްޝަންގެ މިފަދަ މައްސަލަތަކެއް ހުރިކަމުގައިވާނަމަ، ޕާޓީގެ ތެރެއިން މިފަދަ ކަންކަމަށް ވަގުތުން އެޓެންޑް ނުކުރެވެނީ ކީއްވެގެންތޯ؟ އަޅުގަނޑު ސީދާ ވެންޓިލޭޓަރުގެ ވާހަކައެއް ނޫން. އެހެންނަމަވެސް، އެހެން މައްސަލަތަކެއް ހުރިކަމުގައިވާނަމަ، އެ މައްސަލަތަކަށް ވަގުތުން އެޓެންޑް ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ؟ އެފަދަ މައްސަލަތަކާހެދި ބޮޑު އިންތިޚާބެއްގެ ގޮނޑިތަކެއް ގެއްލިގެން މިދިޔައީ. އެހެންކަމުން ކީއްވެގެންތޯ އެ އެޓެންޑް ނުކުރެވެނީ؟ އެއީ އަޅުގަނޑުގެ ސުވާލަކީ.

ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް، ކޮރަޕްޝަނަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޖާގައެއް ނުދޭނަން. އެއީ، އަޅުގަނޑު ކުޑަހިނދުކޮޅަކުވެސް އެއާ ދިމާއަށް ނުބަލައި ނުހުންނާނެ ކަމެއް. އެހެންވީމާ، ކޮރަޕްޝަނާ ބެހޭގޮތުން އުފެދޭ ކޮންމެ ސުވާލަކަށް އަޅުގަނޑު އެއަށް ޖަވާބު ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން. ކޮރަޕްޝަނަކީ ރާއްޖޭގައި ޒަމާންވީ ކަމެއް. އެހެންވީމާ، އޭގެ އަސަރު މިހާހިސާބަށް އައިއިރުވެސް އޮވެދާނެ، އޮންނާނެ. އެއީ ގަބޫލުކުރަންޖެހޭ ކަމެއް. އެހެންވީމާ، އެކަން ފިލުވައިލުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި.

އަޅުގަނޑު މި ދެންނެވި ކޮރަޕްޝަނަކީ ރާއްޖޭގައި ވަރަށް ދުވަސްވީ ކަމެއް. އެހެންވީމާ، އެ ފޭދިގެން އައިސް މިހިސާބުގައި، ހުރިހާ ހިސާބެއްގައިވެސް އަދިވެސް ހުންނާނެ ކޮންމެވެސްވަރަކަށް. އެއީ، ޖުޑީޝަރީ ކަމަށްވިޔަސް އަދި ސަރުކާރު ތެރޭގައި ކަމަށްވިޔަސް، އަދި މިނިވަން މުއައްސަސާތަކުގައި ކަމުގައިވިޔަސް، އަދި އެނޫން ތަންތަނުގައި ކަމަށްވިޔަސް، އެހެން ބާރުތަކުގެ ތެރެއިން ކަމަށްވިޔަސް. ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އެ ކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން މިދަނީ ކުރަމުން.

އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރާއި މި އަހަރާ ބަލާއިރު، ކޮރަޕްޝަން، ޕަރސެކްޝަން އިންޑެކްސްގައި ރާއްޖެ ކުރިއަރާފައި އޮތްވަރު. ކަންތައްތަކެއް ކުރެވިފައި ހުރިކަން އެއިން އެ ދޭހަވަނީ. 40 ޕޮއިންޓުގެ ކުރިއެރުމެއް ރާއްޖެއަށް ލިބިފައި މިއޮތީ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ހިންގުމުގެ ތެރޭގައި ގެނެވިފައި ހުރި ބަދަލުތަކުން އައިސްފައި ހުރި ނަތީޖާ ކަމަށް އަޅުގަނޑު ދެކެނީ.

ދެން ވެންޓިލޭޓަރުގެ މައްސަލަ ކަމަށްވިޔަސް އިނގޭތޯ. ވެންޓިލޭޓަރުގެ މައްސަލައިގައި އެ ނުކުތް އޯޑިޓް ރިޕޯޓާ އެކީގައި، އަޅުގަނޑުމެން އެ މައްސަލަ ބަލަން އޭ.ސީ.ސީ. އަށް ފޮނުވީ. އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން މިތިބީ، މިނިވަންކަމާ އެކީގައި އެފަދަ މުއައްސަސާތައް ހިންގުމަށްޓަކައި އަޅުގަނޑުމެން ޖާގަދޭންވާނެ ކަމަށް. ސަރުކާރުން މިއަދުވެސް މިއޮތީ އެކަމާ ބެހޭގޮތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް. ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރުމަށް. އެހެންނަމަވެސް، އެ ހިންގުމުގެ ތެރެއަކަށެއް ސަރުކާރެއް ނުވަންނާނެ. އެހެންނަމަވެސް، އެކަން ހިނގަމުންދަނީ ރަނގަޅަށްތޯ، ނޫންތޯ ބެލުމުގެ ބާރު އަޅުގަނޑަށް އެބައޮތް.

އެހެންވީމާ، އެގޮތުން މިހާރުވެސް އަޅުގަނޑު މިގެންދަނީ ބަންޑާރަ ނައިބު މެދުވެރިކޮށް، އެ މައްސަލައިގައި، ޚާއްޞަކޮށް، ތިޔަ ވިދާޅުވި މައްސަލައިގައި، ވެންޓިލޭޓަރުގެ މައްސަލައިގައި، ދެން ކުރެވެން އޮތީ ކޮން ކަންތައްތަކެއްތޯ ބަލަމުން. ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރި ކަމަށްވަންޏާ، އެ ކަންތައްތައް ފިލުވައިލުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އަޅުގަނޑު ޔަޤީންކަމާއެކީ މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ނައްތައިލުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑު ނުދަންނަވާނަން، މި ސަރުކާރު ތެރޭގައި، ތިޔަ ވިދާޅުވާވަރަކަށް، ތިޔަ ވިދާޅުވާގޮތަކަށް ކޮރަޕްޝަން ފެތުރިފައި އޮތް ކަމަކަށެއް.

އަޙްމަދު ޙަމްދޫން - މިހާރު:

އަޅުގަނޑުގެ ސުވާލަކީ، މާލޭސިޓީ ކައުންސިލުން ވަރަށްބޮޑު އެއްޗެއް އިދިކޮޅަށް މިއޮތީ ނަގާފައި. މެޖޯރިޓީ ނަގާފައި އޮތްއިރުގައި، ދެންމެ ރައީސް ފާހަގަކުރައްވައިފި، މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް. ރައީސް، ސަރުކާރުން އަދި އެމް.ޑީ.ޕީ. އިން ކެމްޕެއިނަށް ނުކުތްއިރުގައި، އެ ކަންބޮޑުވުންތައް ހުރިތޯ ބެލުމަށް އެއްވެސްވަރަކަށް މަސައްކަތް ނުކުރައްވަނީތޯއޭ. މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އަދި ތިޔަ ވިދާޅުވާ އެންމެ ބޮޑުވެފައި މިއޮތީ ހިޔާ ފްލެޓުގެ ކަންތައްކަންނޭނގެ. އެއީވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ ކަމެއް. އެހެންވީމާ، ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތް، ކެމްޕެއިން ތެރޭގައި އެއްވެސްވަރަކަށް ސަރުކާރަށާއި، އެމް.ޑީ.ޕީ.އަށް ބެލިފައި ނެތީތޯއޭ ކުރިން. މިހާރު މި މިޑްޓަރމް އިލެކްޝަންގެ ތެރެއިން މި ކަންތައް މިފާހަގަމިވީ. ރައްޔިތުންނާ ވަރަށްގާތުން އެމް.ޑީ.ޕީ، މި ސަރުކާރުން މަސައްކަތް ކުރަމުން އައިކަމަށް މި ބުނަނީ. އެކަމަކު އެހާގާތުން މާލޭގެ ރައްޔިތުންގެ ކަންތައްތައް ބެލިފައި ނެތީތޯއޭ؟

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަޣްލަބިއްޔަތު މިއޮތީ އިދިކޮޅަށް ވަރަށް ބޮޑަށް އައިސްފައި އޮތްއިރުގައި، ސަރުކާރުން ކިހާވަރަކަށް އިދިކޮޅާ ގުޅިގެން މަސައްކަތް ކުރާނެތޯ؟ މި ދެންނެވީ ކޮންމެވެސްވަރެއްގެ، މާޒީއަށް ބަލާއިރުގައި، ރައީސް ޔާމީނުގެ ސަރުކާރުގައި، އިދިކޮޅު ސަރުކާރު އޮތްއިރުގައި، އިދިކޮޅުގައި އެމް.ޑީ.ޕީ. ކައުންސިލް އޮތްއިރުގައި ވަރަށްބޮޑަށްދިޔަ ދެބައި ކޯޅުމުގެ ތެރެއަށް. އެހެންވީމާ، އެ ކަންތައް ޙައްލުކުރަން ސަރުކާރުން އިސްވެ ކިހާވަރަކަށް މަސައްކަތް ކުރައްވާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މާލޭސިޓީގައި ހުރި ކަންތައްތައް އަޅުގަނޑުމެންނަށް އެބަ އެނގޭ. އޭގެ ފުންމިނަށް އަޅުގަނޑުމެން ދާންވީ. އެއީ މާލޭސިޓީގައި އޮތް، އަޅުގަނޑު މި ދެންނެވި އެންމެ މުހިންމު، އެންމެބޮޑު ކަމަކަށް މިއޮތީ ބޯހިޔާވަހިކަމުގެ މައްސަލަ. އެކަމަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑުމެންގެ ސިޔާސަތުތައް ވާނީ ހާމަކޮށްފައި. އެގޮތުން، މާލޭ ސަރަޙައްދުގައި ފަސްހާސް ހައުސިންގ ޔުނިޓް މި އަހަރު އަޅަން ފަށާނެކަމާއި، އަދި އޭގެއިތުރަށް، އަޅުގަނޑުމެންގެ އަމާޒެއް އެބައޮތްކަން، ތޭރަހާސް ހައުސިންގ ފްލެޓާ ހިސާބަށް ގެންދިޔުމަށް. އެގޮތުން، ގުޅީފަޅުން ބާރަސަތޭކަ ގޯތި ދޫކުރުން އެބައޮތް. އަދި އޭގެއިތުރުން، ހުޅުމާލޭގައި އިތުރު ފްލެޓުތަކެއް އެޅުމަށް މިހާރުވެސް މިގެންދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންހުރީ އަޅުގަނޑުމެން މި ވިސްނިވަރަށްވުރެ މާބޮޑުކޮށްކަން، މި އިންތިޚާބުން އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ.

ދެން ހިޔާ ފްލެޓުތަކުގެ ވާހަކަ ދެކެވުނުއިރުގައިވެސް، ހިޔާ ފްލެޓުތައް އެޅިގެންދިޔަގޮތާއި، އެ ކުރިން ބެހިފައި އޮތްގޮތުގެ ވާހަކަތަކެއް، އެވަރަކަށް ނެތް ދެއްކިފައެއް. އޭގެ ބަދަލުގައި ދެކެވެމުން އައިސްފައި އޮތީ މިހާރު އެއާ ބެހޭގޮތުން ކަން ކުރެވެމުންދިޔަގޮތުގެ ވާހަކަ. ޙަޤީޤަތުގައި އެންމެ ރަނގަޅަކަށް ނޫން، އޭރުވެސް ހިޔާ ފްލެޓުތައް ބެހިފައި އޮތީކީ. އެހެންނަމަވެސް، އިތުރަށް ބަލައި ނިންމާފައި، އެ ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

ދެން ލާމަރުކަޒީ ނިޒާމަކީ އެމް.ޑީ.ޕީ.ގެ ތަޞައްވުރެއް. އޭގެ ދަށުން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުމާއި، ބާރުވެރިކަން މި ސަރުކާރުން ދޭނެ. އެއީ އަދި ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ކައުންސިލްގައި ތިއްބެވި ކަމުގައިވިޔަސް. އަދި ކޮންމެ ޕާޓީއަކަށް އަޣްލަބިއްޔަތު އޮތް ނަމަވެސް، އެއަށް އަޅުގަނޑުމެން ނުބަލާނަން. އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އެކަން ކުރެވެން އޮތްގޮތެއް. އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ، އެ ޕީ.އެސް.އައި.ޕީ.ގެ ޕްރޮޖެކްޓްތައް ހިންގަމުންދިޔައިރުގައިވެސް އަޅުގަނޑުމެން ނޯންނާނެ އެގޮތަކަށް ބަލާފައެއް. ކުޑަ ރަށެއް، ބޮޑު ރަށެއް، މި ރަށަކީ އެމް.ޑީ.ޕީ. އަށް ތާއީދުކުރާ ރަށެއްތޯ، މި ރަށަކީ ޕީ.ޕީ.އެމް. އަށް ތާއީދުކުރާ ރަށެއްތޯ، ނޫނީވިއްޔާ ދެން އެހެން ޕާޓީއަކަށް ތާއީދުކުރާ ރަށެއްތޯއެއް ނުބަލަން. ކޮންމެ ރަށެއްގައިވެސް ހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތަކަށް ޙައްލު ހޯދުމަށްޓަކައި މަސައްކަތް ކުރަމުން މި އަންނަނީ. ހަމަ އެގޮތުން، މާލޭސިޓީގެވެސް މެޖޯރިޓީ އެމް.ޑީ.ޕީ.ގައި ނެތް ނަމަވެސް، އަދި ސަރުކާރުގައި ނެތް ނަމަވެސް، އެއަކަށް އަޅުގަނޑުމެން ނުބަލާނަން. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، ޤާނޫނުގައި ކަނޑައަޅާފައި އެހުރި ކަންތައްތައް ކުރުމުގައި ސަރުކާރުން ވެދޭންޖެހޭ އެހީތެރިކަމެއް، އެއްބާރުލުމެއް ސަރުކާރުން ދޭނެ.

މަރްޔަމް އިފާއު - އަވަސް:

އަޅުގަނޑުގެ ސުވާލަކީ، މާލޭސިޓީ މޭޔަރުކަމަށް މި އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ މުޢިއްޒު ތަކުރާރުކޮށް އެބަ ވިދާޅުވޭ، ގުޅީފަޅަކީ ބޯހިޔާވަހިކަމަށް ޚާއްޞަކުރާނެ ތަނެކޭ. އެ މައްސަލަ ދުލެއްނުކޮށްލާނަމޭ. ދެން ސަރުކާރުގެ އެންމެބޮޑު ޕްރޮޖެކްޓް މިއޮތީ އެތަނުގައި ޕޯޓެއް އެޅުމަށް. ދެން އަޅުގަނޑުގެ ސުވާލަކީ، މި އަލަށް މި އިންތިޚާބުވި މި ކައުންސިލުން އެކަން އެގޮތަށް ކުރަން ބޭނުންވާނަމަ، ސަރުކާރުން އެ ނިންމުން އަލުން މުރާޖަޢާ ކުރާނަންތޯއޭ. މުރާޖަޢާ ކުރެވޭނެތޯއޭ. ކުރެވެންޏާމު ކުރާނަންތޯއޭ. ދެން ޚިޔާލުތަފާތުވުންތައް ހުންނާނެ، އެހެން ނޫންތޯ. ދެން
އެ ޚިޔާލުތަފާތުވުންތަކަށް ސަރުކާރުން ހޯދާނެ ޙައްލަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދެންމެ ދަންނަވައިފިން، ގުޅީފަޅުން ކޮންމެވެސްވަރަކަށް ބޯހިޔާވަހިކަމަށް، ގޯތި ދޫކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އޮތް ވާހަކަ. އެއާ ޚިލާފަށް، ޑޮކްޓަރ މުޢިއްޒުމެން ސަރުކާރުގައި ތިއްބެވިއިރުގައި، އޭގެކުރިން ގުޅީފަޅުގައި ދީފައި ހުރި ފްލެޓުތަކާއި ގޯތިތަކުން މީހުން ނެރުނީ. ރައީސް ޔާމީނުގެ ވެރިކަމުގައި. ގަދަކަމުން ބޭލީ، އެތަނަށް ފުލުހުން ފޮނުވައިގެން. ނުފައިބާން ތިއްބާ. ބާލާފައި، އެތަނުން ބަދަލުދިނީ ހުޅުމާލެއިންނާއި ތަންތަނުން. އަދިވެސް އެބަތިބި، އޭގައި ބަދަލުނުދެވޭ ފަރާތްތަކެއް. އެހެންވީމާ، މުޢިއްޒު އެ ދެއްކެވި ވާހަކަ ޖެހޭނީ އަލުން ދެނެގަންނަން. އެއީ އަޞްލު އެ ވިދާޅުވަނީ ކޯއްޗެއްތޯ. ހަމަގައިމުވެސް އެއިރަކު މުޢިއްޒުމެންގެ ވިސްނުމަކު ނެތް، އެ ސަރުކާރުގެ ވިސްނުމަކު ނެތް، ގުޅީފަޅުގައި މީހުން ދިރިއުޅެން އެތަން ތައްޔާރުކުރާކަށެއް. އެއާ ޚިލާފަށް، އަޅުގަނޑުމެން މިގެންދަނީ ބޮޑު ޞިނާޢީ މަސައްކަތަކާ އެކީގައި އަދި އިތުރަށް މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް.

ސިމާހު ނަސީމް - ރާއްޖެ ޓީ.ވީ:

އެންމެފަހުން މި ބޭއްވިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި އެބަވޭ، ދެބޭފުޅުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހުނު ވާހަކަ. އަދި މައްސަލަތައް ޖެހިފައި މިވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި ކަމަށްވެސް ވިދާޅުވި. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވެންޓިލޭޓަރަކަށް ނުވަދެވޭނެ، އަޅުގަނޑުމެން ދެމީހުންގެ ދޭތެރެއަކަށް އިނގޭތޯ. އަނެއްކާ އަޅުގަނޑުމެންގެ ދެމެދުގައި ޚިޔާލުތަފާތުވާ ބައެއް ކަންތައް ހުއްޓަސް، އޭގެ ސަބަބުން ޕާޓީއަކަށް، މި ޤައުމަށް ދެރަވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އެހެންނަމަވެސް، ބައެއް އިޝޫތަކުގައި އަބަދުވެސް ހުންނާނެ. ޖުމްލަކޮށް އެމް.ޑީ.ޕީ.އަކީ ތަފާތު ޚިޔާލަށް، ތަފާތު ވިސްނުމަށް ޖާގަ އޮތް ޕާޓީއެއް. އެހެންވީމާ، އެމް.ޑީ.ޕީ. ކުރިއަށްދާނީ، އެ ވިސްނުމާއި އެ ފިކުރުގައި، އެ ޖާގަދީގެން. އެހެންނަމަވެސް، ޕާޓީއަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން އެއްވެސް މީހަކު ނުކުރާނެ. އަދި މި ޤައުމަށް ދެރަވާނެ އެއްވެސް ކަމެއްވެސް ނުކުރާނެ.

އިބްރާހީމް ޒަކީ – ވަން އޮންލައިން:

މަނިކުފާނު ފާހަގަކުރައްވައިފި، ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ކާމިޔާބުތަކެއް ލިބިފައިވާ ވާހަކަ. ނަމަވެސް، އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ، މާލޭސިޓީއަށް ބަލައިލާއިރުގައި، ބޮޑު ނާކާމިޔާބީއެއް މިއޮތީ. ދެން ރައީސް ނަޝީދު އިއްޔެ ވިދާޅުވި، އެކަމުގެ ޒިންމާ މަނިކުފާނު ނުވަތަ ރައީސް ނަޝީދު، ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް. ދެން ރައީސް ނަޝީދުގެ ވާހަކަފުޅަށް ބަލައިލާއިރު، ބޮޑަށް އަޅުގަނޑުމެންނަށް ބެލެވެނީ، މަނިކުފާނު އެކަމުގެ ޒިންމާ ނަންގަވަންޖެހޭނެކަހަލަ ގޮތަކަށް. ކީކޭތޯ ވިދާޅުވަނީ އެކަމާ ބެހޭގޮތުން. އެކަމުގެ ޒިންމާ މަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާނެތޯ، ނުވަތަ އެކަމާ ބެހޭގޮތުން ދެން ކޮން ގޮތެއްތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވެރިކަމުގައި ބަޔަކު ތިބެ، އިންތިޚާބަށްދާއިރުގައި، އެ ސަރުކާރަކަށް ނިސްބަތްވާ ޕާޓީއަކަށް ލިބޭ ނަތީޖާގެ ޒިންމާ، އެ ސަރުކާރަކުން އުފުލަންވާނެ. އެއީ ކާމިޔާބުވިޔަސް، ނާކާމިޔާބުވިޔަސް. އޭގައި ދައުރެއް އޮންނާނެ އެ ސަރުކާރެއްގެ. އެހެންވީމާ، މިފަހަރު މާލޭސިޓީގެ ކައުންސިލުންނާއި، އަދި އެހެން ދިމަދިމާއިންވެސް، ބައެއް ދިމަދިމާއިން އެ ލިބުނު ނަތީޖާގައި ސަރުކާރުގެ ދައުރެއް އޮންނާނެ. އެހެންވީމާ، އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ، އެކަން ޙައްލުކުރާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، އެ ބަދަލުގެންނަންޖެހޭ ކަންތައްތަކަށް ސަރުކާރުން ބަދަލުގެންނާނެ.

މިސާލަކަށް، އަޅުގަނޑު ދަންނަވަފާނަން. ބައެއް މަސްވެރި ދާއިރާތައް އެބަހުރި، އެމް.ޑީ.ޕީ. އަށް ގެއްލިފައި. ވަރަށް ބޮޑަށް ކުރީގައި ތާއީދު އޮތް، ގއ، ގދ، ދެން އެހެންގޮސް އިހަވަންދޫ ކަހަލަ ތަންތަނުން އެބަހުރި. ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތަށް އަޅުގަނޑުމެން ގެނައިން ބަދަލުތަކެއް މީގެކުރިން. އެއީ އަގަށް ގެނައި ބަދަލުތަކެއް. އެއީ އޭރު ގަންނަ އަގަށްވުރެ ކުޑަ އަގެއްގައި ސަރުކާރުން ގަންނަން ފެށީ. އެއީ ދެކޮޅުނުޖެހި މިފްކޯއަށް ގެއްލުންވަމުންދާތީ. އިންޓަރނޭޝަނަލް މާކެޓަށް ރިޢާޔަތްކޮށްފައި، ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެނައީ. އަޅުގަނޑަށް ގަބޫލުކުރެވެނީ މަސްވެރިން އެކަމެއް ބަލައެއްނުގަތޭ. މަސްވެރިންނަށް އެ ވީ ގެއްލުމެއް ކަމުގައި މަސްވެރިން ދެކެވަޑައިގަތީ. އެހެންވީމާ، އޭގެ އެ ކަންބޮޑުވުންތަކެއް މި އިންތިޚާބުގެ ތެރޭގައި އެއޮތީ ފާޅުކޮށްފައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތަށް މި ގެންނަ ބަދަލާއި، މި ގެންނަ ތަރައްޤީއާއި، އެ އިންޑަސްޓްރީ ފުޅާކުރުމަށް މިކުރާ މަސައްކަތްތައް ނިމިގެންދާއިރުގައި، އެ ކަންބޮޑުވުންތައް ފިލައިގެންދާނެ. އެއާއެކީގައި، މަސްވެރިކަމަށް ބޮޑު ބަދަލުތަކެއް އަންނާނެ. އެނގިވަޑައިގަންނަވާނެ، މި އިންތިޚާބުގެ ތެރޭގައި، އޭގެ ކިތަންމެ މަޢުލޫމާތުތަކެއް އަޅުގަނޑުވާނީ ތިޔަ ހުރިހާ ބޭފުޅުންނާ ޙިއްޞާކޮށްފައި. ހަމަ ވަގުތުކޮޅެއް މި ނަގަނީ. އެ ވަގުތުކޮޅުގެ ތެރޭގައި، މިކަން ބަދަލުވެ ނިމޭއިރުގައި، މަސްވެރިންގެވެސް އެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެންނަށް ޖަވާބު ހޯދޭނެ.

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

ދެން މިތާ ހަމަ ގިނަ ނޫސްވެރިން ފާހަގަކުރިހެން، އެންމެންނަށް ޙައިރާންކަމެއް ލިބިގެން މިދިޔައީ، އެމް.ޑީ.ޕީ. ވުޖޫދުވީއްސުރެ، މާލޭސިޓީގެ މެޖޯރިޓީ އެމް.ޑީ.ޕީ. އަތުން ގެއްލިފައެއްނުވޭ. އެހެންނަމަވެސް، މި އިންތިޚާބުގައި މި މެޖޯރިޓީ ގެއްލިފައިވާއިރުގައި، އިދިކޮޅު ޕީ.ޕީ.އެމް. އިން މިވަނީ ކާމިޔާބު ކުރައްވާފައި. އެއާއެކު، ޕީ.ޕީ.އެމް.ގެ ފަރާތުން، އިދިކޮޅުން ޕްރެސް ކޮންފަރެންސެއް ބާއްވާފައި، އެބޭފުޅުން މި ވިދާޅުވަނީ، އިންތިޚާބުގެ ނަތީޖާއިން ބުނެދީފައި މިވަނީ، އެބޭފުޅުންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަންކޮށްދިނުން ކަމަށް. ތިޔަބޭފުޅާގެ އެއްވެސްވަރެއްގެ ވިސްނުންފުޅެއް އެބަހުރިތޯ، ކުރިއަށް އޮތް ރަމަޟާން މަހަށް، ކުރީގެ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުމުގެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔައީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިއަދުގެ މި ޕްރެސްއާ ގުޅޭ ކަމެއްނޫން. އަޅުގަނޑަށް އެބައޮތް، މެޑަމް ފާތުންގެ ސިޓީއެއްވެސް ލިބިފައި. އަދި ޕީ.ޕީ.އެމް، ޕީ.އެން.ސީ.ގެ ލީޑަރޝިޕާވެސް އަޅުގަނޑު މީގެ ތިން ހަތަރު ދުވަސް ކުރިން ބައްދަލުކުރިން. އެބޭފުޅުންގެވެސް އެންމެބޮޑު އެދިވަޑައިގަތުމަކީ، ރައީސް ޔާމީނަށް ލުޔެއް ހޯދައިދިނުން. ގެޔަށް ބަދަލުކުރުން، ނޫނީވިއްޔާ އަދި އެހެން ކޮންމެވެސް ގޮތަކުން ނަމަވެސް. ޞިއްޙީ ބައެއް ކަންތައްތަކުގެ ވާހަކަވެސް ވިދާޅުވި. އެ ސިޓީގައި އެބައޮތް. އަޅުގަނޑު މިދަނީ އެކަމާ ދޭތެރޭގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، ދެރަގޮތެއް ރައީސް ޔާމީނަކަށްވެސް ނުވާނެ.

ނިމާ ޙަސަން – ދަ ޕްރެސް:

އާދެ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭސިޓީގެ މެޖޯރިޓީ ލިބިފައި މިވަނީ ޕީ.ޕީ.އެމް. އަށް. ދެން އެމް.ޑީ.ޕީ. އަށް މި ލިބުނު ނާކާމިޔާބީ، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ސަރުކާރަށް ލިބުނު ނާކާމިޔާބީއެއްތޯ، ނުވަތަ އެމް.ޑީ.ޕީ. އަށް ލިބުނު ނާކާމިޔާބީއެއްތޯ. އަދި މަނިކުފާނު ފާހަގަކުރައްވައިފި، މާލޭސިޓީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެނގިވަޑައިގަންނަވާ ކަމަށް. ދެން މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ ޕޮލިސީއަށް ގެންނެވުމަށް ހަމަޖެހިފައިވަނީ ކޮން ބަދަލުތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މާލޭސިޓީގެ އިންތިޚާބުގައި މި ލިބުނު ނާކާމިޔާބީގައި، އަޅުގަނޑު ކުރިންވެސް ދަންނަވައިފިން، ސަރުކާރެއްގައި ބަޔަކު ތިބެ، އެ ސަރުކާރަށް ނިސްބަތްވާ ޕާޓީއެއް، އިންތިޚާބަކަށް ގޮސް، ނުކުންނަ ނަތީޖާޔާ ގުޅުމެއް އޮންނާނެ، އެ ސަރުކާރަކާ، ކުރަމުންގެންދާ ކަންތައްތަކާ. އެހެންވީމާ، މިގޮތުން މިފަހަރު މާލޭސިޓީއިން މި ލިބުނު ނާކާމިޔާބުގައި އޮންނާނެ، ސަރުކާރުން ބަދަލުކުރަންޖެހޭ ކަންތައްތަކެއް. އެހެންވީމާ، މާލޭސިޓީގެ ރައްޔިތުން ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ނުކުރެވި ހުރި ހުރުން ކަމަށް ވެދާނެ. ނޫނީވިއްޔާ ބޭނުން ނޫންގޮތަކަށް ބައެއް ކަންތައްތައް ކުރެވިފައި ހުރީ ކަމަށްވެސް ވެދާނެ. އެހެންވީމާ، އެކަން ދެނެގަނެ، އަޅުގަނޑު މި ދެންނެވިހެން އެ ކަންތައްތައް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރުން މިހާރަށް ފަށައިގެން މިގެންދަނީ. އޭގެތެރޭގައި، ބޯހިޔާވަހިކަން އެއީ އެއް ކަންތައް. އަނެއް ކަމަކީ، އެއީ ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވަމުންދިޔުން. އަދި އެއީ ވެންޓިލޭޓަރުގެ މައްސަލަ ކަމަށްވިޔަސް، އޭގައި އަޅުގަނޑުމެން އޭ.ސީ.ސީ. އަށް ފޮނުވައި، އެ މައްސަލައިގެ ތެރޭގައި މިހާރު ގާތްގަނޑަކަށް ދިހަވަރަކަށް މަސް މިވަނީ. އެހެންވީމާ، އެއަށް ވަގުތު ނަގައިފި. މީގައި ކޮންމެވެސް އެއްގޮތަކަށް އެކަން އެ މުއައްސަސާތަކުން އެބަ ނިންމަންޖެހޭ. އޭގައި ދަޢުވާކުރަންޏާ، ދަޢުވާކުރަން ފޮނުވުން. ނޫނީވިއްޔާ މައްސަލައެއް ނެތް ކަމަށްވަންޏާ، މައްސަލައެއް ނެތްކަމަށް ނިންމުން. އެކަމަކު ވަގުތު ނަގައިފި. އެހެންވީމާ، މުއައްސަސާތަކުންވެސް މަސައްކަތް ކުރައްވަންވީ، ރައްޔިތުންގެ އެހެންހުރި އިޙްސާސްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް އެކަންތައްތަކަށް އެޓެންޑްވެ، އެއަށް ޙައްލު ހޯދައިދިނުމަށް. މިއީ ޖުމްލަގޮތެއްގައި، ދެން އިތުރަށް އަޅުގަނޑުމެން ބެލުމަށްފަހުގައި، ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ޝަފްރާޒް އަޙްމަދު – ދަ ވޮއިސް:

ޝުކުރިއްޔާ ރައީސް.

އެންމެ ފުރަތަމަވެސް، މި އެންމެފަހުން ބޭއްވި ޕްރެސްގެ ފޮލޯއަޕް ސުވާލެއް މިއީ. ޝިއުނާވެސް ކުރިފަދައިން، ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ބެހޭގޮތުން. މިހާރު މެޑަމް ފާތުން މެސެޖް ކުރުމުގެ ކުރިންވެސް، މީގެ ކުރިންވެސް ލޯޔަރުންގެ ޓީމު ވިދާޅުވެފައިވޭ، އެތައް ހެލްތު ކޮންސަރންތަކެއް ޙިއްސާކުރެވިފައިވާ ވާހަކައާއި، އެއަށް އެޓެންޑް ނުކޮށްވާ ވާހަކަ. އެހެންވީމާ، ކުރިއަށް، މާދަމާއަކީ ރޯދަމަސް. އެހެންވީމާ، ކިހާ ދުވަހެއްގެތެރޭގައި ވިސްނާފައި ގޮތެއް ނިންމާނަންތޯ؟

ދެން، މިއަދުގެ ސުވާލަށް ޖެހިލާއިރު، އިލެކްޝަނަށް އަސަރުކޮށްފައި މިވަނީ މަނިކުފާނު ވިދާޅުވާހެން، އެމް.ޑީ.ޕީ. މެންބަރުން ޤަބޫލުކުރައްވާ ކަންކަން ފެއިލްވުން ނުވަތަ އެކަންކަން އެގޮތަށް ނުދާތީކަމަށްވަނީ. އޭގެ އިތުރުންވެސް، އެންމެބޮޑަށް އިފެކްޓްކުރި ދެ ކަންތައް ކަމަށް ވަނީ ބޯހިޔާވަހިކަމާއި، ވަޒީފާގެ މައްސަލަ. ވަޒީފާގެ މައްސަލައަށް ބަލާއިރު، މި ފެންނަނީ މަނިކުފާނު، ބޯޑުތަކަށާއި ކޮމިޝަންތަކަށް ނަން ހުށަހަޅައި ތަރުތީބު ކުރާއިރުވެސް، ތަޢުލީމީ ބޭފުޅުންނަށްވުރެ ބޮޑަށް، ތަންކޮޅެއް ބޮޑަށް ޕާޓީގެ އެކްޓިވިސްޓް ލެވެލްއިން، ނޫނީ، ތަޢުލީމީ ފެންވަރު ދަށް ބޭފުޅުން ޢައްޔަނުކުރާތަން. ދެން މި ފެންނަނީ ޢާއިލީ ގޮތުން ތަންކޮޅެއް ގާތް ބޭފުޅުން ޢައްޔަނުކުރާތަން. ކޮބައިތޯ، ރައްޔިތުންގެ މި ވޯޓާ އެއްކޮށް މިކަންކަމަށް ބަދަލެއް އަންނާނެތޯ؟ ކިޔަވައިގެން ތިބި ޤާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބޭނެތޯ ކުރިއަށް އޮތްތާނގައި.

ދެން ބޯހިޔާވަހިކަމަށް ބަލާއިރު، ހިޔާ ފްލެޓުގެ ކުލި އިތުރަށް ކުޑަކުރަން ވިސްނަވަންތޯ؟ މިއީ އެންމެ އެކަށީގެންވާ އަގުކަމަށް ޤަބޫލުކުރައްވަންތޯ، މިއީ ސޯޝަލް ހައުސިންގއެއްވީމާ، ބޮޑު ޑައުންޕޭމަންޓެއް ކޮންމެހެން ދައްކަންޖެހޭ ކަހަލަ ގޮތަކަށް އޮންނަންޖެހޭ ކަމަކަށް ޤަބޫލެއް ނުކުރެވޭ. އެއީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންތައް ކުރާގޮތްވީމަ. އެހެންވީމާ، ސޯޝަލް ހައުސިންގއަކަށް އެކަށީގެންވާ އަގެއް ކަނޑައަޅަން ވިސްނަވަންތޯ؟

ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރައީސް ޔާމީންގެ މައްސަލައިގައި އަޅުގަނޑު ދެންމެ އެއަށް ޖަވާބެއް އަރުވައިފިން ތިޔަބޭފުޅުންނަށް. ލަސްތަކެއްނުވެ އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެއަށް ގޮތްތަކެއް ހޯދުމުގެ މަސައްކަތް މި ކުރިއަށް ގެންދަނީ. ޞިއްޙީ މައްސަލައިގައި ރައީސް ޔާމީން ވިދާޅުވަނީ ތިމަންނާގެ ނެތޭ އެއްވެސް މައްސަލައެއް. އަދި މިހާތަނަށް އަޅުގަނޑުމެން ބެލިބެލުމުގައިވެސް އަދި ޑޮކްޓަރަށް ދެއްކުމުގައިވެސް. އެހެންނަމަވެސް، މެޑަމް އެބައޮތް އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައި އެކަން ފާހަގަކޮށްފައި.

ވަރަށް ރަނގަޅު މާޙައުލެއްގައި މިހާރު ހުންނަވާނީ. ޑޮކްޓަރު ރިކޮމެންޑް ކުރެއްވީ ބޭރަށް ޓެސްޓުތަކެއް ހަދަންދާން. ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގެންނެވި. ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހަދަން ދިޔުމަށް. ބޭނުންފުޅުވެވަޑައެއް ނުގެންނެވި ބޭރަށް ވަޑައިގަންނަވާކަށް. އެއީ ވަރަށް ކުރިން ޑޮކްޓަރުން ދެއްވާފައި އޮތް ރިކޮމެންޑޭޝަނެއް.

ދެން ތިޔަ ވިދާޅުވީ އެމް.ޑީ.ޕީ ތެރޭގައި ވަޒީފާގެ ކަންބޮޑުވުންތައް އެބައޮތް ތިޔަ ވިދާޅުވިހެން. އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރޭ. އެހެންނަމަވެސް، ސަރުކާރުގެ ތެރޭގައި ޖާގަ އޮތްވަރު ބަލައި، އަޅުގަނޑު ހިތުން ހަމަ ރަނގަޅު އަދަދެއް އެމް.ޑީ.ޕީ.ގެ މެންބަރުންނަށްވެސް، އެމް.ޑީ.ޕީ.އަށް ނިސްބަތްވާ ފަރާތްތަކަށް ހުންނާނީ ވަޒީފާ ދެވިފައި. ދެން އަދިވެސް އަޅުގަނޑުމެން ބަލާނީ އެކަމުގައި.

ވަރަށްގިނަ މަގާމުތަކުގައި ތިބޭނެ. ޚާއްޞަކޮށް، ބޯޑުތަކުގައި ވަރަށް ގިނައިން ތިބޭނެ، ކޮލިފައިޑް ބޭފުޅުން އަޅުގަނޑުމެން ޢައްޔަނުކޮށްފައި. އެހެންވީމާ، ކުރިއަށް އޮތްތަނުގައިވެސް އެއަށް ބަލާފައި އަދި އަޅުގަނޑު ނަން ފޮނުވިޔަސް، އަދި ބަލަންވާ ބޮޑު މުއައްސަސާއެއް އެބައޮތް. އެ ބަލާފައި އެޕްރޫވްކޮށްގެން އެކަން ވާނީ.

ހިޔާ ފްލެޓުގެ ކުލި މިހާރު އެއޮތީ ހަތްހާސް ފައްސަތޭކަ ރުފިޔާއަށް. އެއީ ޑައުން ޕޭމަންޓަކާ ނުލައި، ކޮންމެ މަހަކު ހަތްހާސް ފައްސަތޭކަ ރުފިޔާ ދައްކާ ކަމަށްވަންޏާ އޮތް އަގު. ދެން، ޑައުންޕޭމަންޓް ދައްކާ ނިސްބަތަކުން، އޭގެ މަހުކުއްޔަށް ބަދަލުތަކެއް އަންނާނެ. މިހާރު އެއޮތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާކޮށްފައި، އެތަން ހަދަންދިޔަ ޚަރަދާ ބަލާފައި، އެއްވެސް ކަހަލަ ފައިދާއެއް ނުލައި ހަމައެކަނި ލޯނުދައްކަން. އަދި އޭގެތެރޭގައި ބިމުކުލިވެސް ކަނޑާލާފައި. ބިމުގެ އަގުވެސް ނުހިމަނާ. އެޗް.ޑީ.ސީ.އިން އެހެން ކޮންމެ ތަނަކަށް ދީފައި މި އޮންނަނީ ބިމުގެ އަގުވެސްލާފައި، ތަންތަނުގެ ކުލި ކަނޑައަޅާފައި އޮންނާނީ. ސަރުކާރުން އެ ބެއަރކޮށްފައި، ސަރުކާރުން އެ ދައްކާގޮތަށް ނިންމާފައި އެއޮތީ މިހާރު ކުލި ކަނޑައަޅާފައި. އެތަން ހަދާފައި ހުރީ އަޅުގަނޑު ހަނދާންވާ ގޮތުން، ބާރަސަތޭކަ ރުފިޔާއަށް ކަންނޭނގެ އަކަފޫޓެއް ޖެހެނީ. އެއަށްވުރެވެސް ބޮޑަށް. މާލޭގައި އެބަހެދޭ އެއަށްވުރެ ގިނައިން. ނުވަސަތޭކަ އަކަފޫޓަށް އަޅުގަނޑު ހިތުން ޢިމާރާތްކުރުމުގައި އެ އަގަށް އެބަހެދޭ. އެހެންވީމާ، އެކަށީގެންވާ ވަރަށްވުރެ، ބޮޑު އަގެއްގައި އެތަން ހަދާފައި ހުރީމަ، އޭގެ އަގު ތިރިނުކުރެވިގެން މިއުޅެނީ. އެހެންނަމަވެސް، މިހާރުވެސް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެން މިދިޔައީ ކުރަމުން.

އަޙްމަދު ޖައިޝަން – ދި ޑެއިލީ:

ނިމިގެންދިޔަ ކައުންސިލް އިންތިޚާބުން ފެނިގެން ގޮސްފި، ފުލުހުން ބަލަމުންގެންދާ މައްސަލައެއްގައި، ޖަލުގައި ހުރި މީހަކު ރައީސްކަމަށް އިންތިޚާބުވި މައްސަލައެއް. ދެން، އެ މީހަކީ ޖިންސީ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންގެންދާ މީހެއް. ކުރިންވެސް އެލިގޭޝަނެއް ހުރި މީހެއްކަމަށް މަޢުލޫމާތު ލިބެނީ. ދެން، ޤަބޫލުފުޅު ކުރައްވަންތޯ ރައީސް، މި ޤާނޫނުގައި މައްސަލަ އޮވެގެންތޯ އޭނާ ރައީސްކަމަށް އިންތިޚާބު އެވީ. ދެން، ޤާނޫނުގައި މައްސަލަ އުޅޭކަމަށްވަންޏާ، އެ މައްސަލަ އިތުރަށް ރަނގަޅު ކުރުމަށް ކޮންކަހަލަ މަސައްކަތްތަކެއްތޯ ކުރާނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާ ކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. އެއީ، އެކަހަލަ ތުހުމަތެއްގައި ބަންދުވެފައި ހުރި ފަރާތެއް، ރަށު ކައުންސިލެއްގެ ރައީސްކަމަށް ރައްޔިތުން އިންތިޚާބުކޮށްފައި މިއޮތީ. އަޅުގަނޑު ހިތުން ޤާނޫނުގައި ހުރި ކަންތައްތަކެއްގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ޖާގަ، އެ ފުރުޞަތު ލިބިގެންދިޔައީ. އެހެންވީމާ، އޭގައި ކުރެވެން އޮތް ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަދަ ފަރާތްތަކަށް ކުރިމަތިނުލެވޭނެ ގޮތެއް ހެދުން އޭގައި އެންމެ ބުއްދިވެރީ. އެހެންވީމާ، އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން ކުރާނަން.
 

ހިދާޔަތުﷲ - ހަފްތާ:

އަޅުގަނޑު ސުވާލެއް ނުކުރަން ނިންމައިގެން ހުރީ. އެހެންނަމަވެސް، ދެން ހިތަށްއެރީ މިއަދު ސުވާލެއް ކޮށްލާނަމޭ. ފުރަތަމަ ކަމަކީ، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި އެއްކަމެއްގެ ގޮތުގައި، ހުރިހާ ސިޔާސީ ބޭފުޅުންވެސް މި ވިދާޅުވަނީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންނަމަވެސް، އެހެން މައްސަލަތައް ނެތީކީ ނޫން. މަނިކުފާނުގެ ވިސްނުމުގައި، ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކުރިމަގު އޮތީ ކިހިނެއްތޯ؟ މިހާރު އެތަންތަން އެހުރީ ވަރަށް ބޮޑަށް ވީރާނާވެ، ބޮލަށް ފައިބާ ހިސާބުގައި. އެ ތަންތަނުގައި ގާތްގަނޑަށް ފައްސަތޭކައެއްހާ ޢާއިލާ ދިރިއުޅެމުން އެބަގެންދޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ސިނަމާލެ ފްލެޓުތަކުގެ މައްސަލަވެސް އަޅުގަނޑުމެން ބަލައިފިން. ޕްލޭނެއް ތައްޔާރުކުރަމުން އެ ގެންދަނީ. ހައުސިންގ މިނިސްޓްރީން އެތަން އަލުން ޢިމާރާތްކުރެވޭނީ ކިހިނެއްތޯ ބަލަން. ހަމަ އެގޮތަށް، ކުރީގެ އެމް.އެން.އެސް.އެލް.ގެ ފްލެޓުތަކެއްވެސް އެބަހުރި މީހުން ދިރިއުޅޭ. އެއީވެސް ހަމަ މީހުން ދިރިނޫޅެވޭވަރަށް ހަލާކުވެފައި ހުރި ތަންތަން. އެތަންތަން ތަޅާލާފައި، އަލުން އެތަނުގައި ރަނގަޅު ފްލެޓުތަކެއް އެޅުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބައޮތް. އަދި އޭގެ އިތުރުން، މާލޭގައި އެބަހުރި، ބައެއް ލޭބަރ ކުއަރޓަރސް. އެސް.ޓީ.އޯ.ގެ ލޭބަރ ކުއަރޓަރސް ފެނިވަޑައިގަންނަވާނެ. މާލޭގެ ސްޓޭޑިއަމާ ޖެހިގެން އެއޮތް ބޮޑުތަނާއި އަދި އެހެން ހުރި ބައެއް ކޮށިތަކެއް އެބަހުރި، ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ. އޭގެ ޕްލޭނެއް ހަދާ، އެ ތަންތަނުގައި އަވަހަށް އެ ފްލެޓުތައް އެޅޭނެގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަގެންދޭ. ތިޔަ ވިދާޅުވިހެން، މީހުން އުޅެން އެކަށީގެންވާ ތަނެއްގެ ގޮތުގައެއް ނޫން އެތަން އެހުރީ. އިރާދަކުރެއްވިއްޔާ އެއަށް ޙައްލެއް ހޯދާނަން އަޅުގަނޑުމެން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ނަމާދުވަގުތު ޖެހެނީ. އެހެންވީމާ، މިހިސާބުން އަޅުގަނޑު މިއަދު ނިންމާލާނަން. ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ރޯދަމަހުގެ ހެޔޮއެދުންތައް ފޮނުވަން.
ޖަމީލް އާދެ، ވިދާޅުވޭ. އަޅުގަނޑު އެންމެފަހު ފުރުޞަތު އަރުވާނަން. އެއް މިނެޓު އޮތީ އިނގޭތޯ؟

ޢަބްދުﷲ ޖަމީލް - ހުރިހާ ނިއުސް:

އާދެ، އެމް.ޑީ.ޕީ. އިން މިފަހަރުގެ މި އިންތިޚާބާ ކުރިމަތިލި ކެންޑިޑޭޓުންގެ ކެމްޕެއިން ތެރޭގައި ވަރަށް ވަރުގަދަ ބަސްތަކެއް މިދިޔައީ އިދިކޮޅަށް ޙަމަލާތަކެއް ދެމުން. އޭގެތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ، އެމް.ޑީ.ޕީ.އިން ހަދާފައި ހުރި ހާލިތަކަކަށް ބިހެއް ނޭޅޭނެއޭ. މި ޒާތުގެ ބަސްތަކަކުން މުޚާޠަބުކުރަމުން ގެންދިޔަތަން. ދެން އަދި އެމް.ޑީ.ޕީ.އިން އެއްހާސް ގޮނޑި ނަގާފައި، ހަތަރު ސިޓީގެ ހުރިހާ ގޮނޑިތަކެއްވެސް ނަގާނެއޭ. ބާކީ އެއްވެސް ގޮނޑިއެއް، އިދިކޮޅު އެއްވެސް ބަޔަކަށް ނުލިބޭނެއޭ. މި މޭރުމަކުން ވާހަކަދައްކަމުން ގެންދިޔައީ އިނގޭތޯ. ދެން، އަޅުގަނޑުމެންނަށް މި ފެނުނީ ސާޅިސްފަސް ގޮނޑިވަރު، އެ ދާއިރާތައް އިދިކޮޅުން ކާމިޔާބުކުރިތަން އަދި ކައުންސިލްތަކާއެކީ. މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ، ތިޔަބޭފުޅުންގެ ފެއިލިއަރއެއް ކަމަށް މިހާ ބޮޑު ނަތީޖާއެއް އިދިކޮޅުން ހޯދުމަކީ. މުޅި އިދިކޮޅު އެންމެން ރަށުބަންދުގައި ބައިތިއްބާފައި، ތިޔަބޭފުޅުން އެންމެން ސަފާރީތަކުގައި ނަށްޓަވަމުން، ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވީމާ، މިއީ ތިޔަބޭފުޅުން ޤަބޫލުފުޅުކުރައްވާ ގޮތުގައި ކާމިޔާބެއްތޯ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދެންނެވިން މިއީ، މިޑްޓަރމް އިލެކްޝަނެކޭ. ސަރުކާރެއްގައި ތިބޭއިރުގައި މިޑްޓަރމް އިލެކްޝަނަކަށް އަންނައިރުގައި، ރައްޔިތުން ސަރުކާރަކާ ދޭތެރޭ ދެކޭގޮތަށް އިއްވާއަޑެއް މިއީ. ދުނިޔޭގެ އެހެން ޤައުމުތަކުގެ ޓްރެންޑަށްވެސް އަދި ރާއްޖޭގެ ޓްރެންޑަށް ބެލިކަމުގައިވިޔަސް، މިހާތަނަށް މިޑްޓަރމް އިލެކްޝަނެއްގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި މިއޮތީ މި ސަރުކާރުން. ރައްޔިތުންގެ ސާޅީސް ނުވަ ޕަސެންޓުގެ ވޯޓު އެއޮތީ ނަގާފައި. އެހެންނަމަވެސް، ތިޔަ ވިދާޅުވާހެން، އެމް.ޑީ.ޕީ.ގެ މެޖޯރިޓީ ވަރަށް ބޮޑު ބައެއް ތަންތަން ގެއްލިގެން ގޮސްފައި އެބަހުރި. މިސާލަކަށް، އިހަވަންދޫ، ދެން ހުޅުދުއްފާރު. އަދިވެސް ދެން މާލެ. މާލެއަކީ ފެށުނީއްސުރެ އެމް.ޑީ.ޕީ.ގެ ހަމަ ޖަގަހައެއްގެ ގޮތަށް، ހާއްޔެއްގެ ގޮތުގައި އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ސިފަކުރާ ތަނެއް. އެހެންއޮއްވައި، ގެއްލިގެން މިދިޔައީ. މި ދެންނެވީ މީގައި މައްސަލަތައް އެބަހުއްޓޭ.

އެހެންވީމާ، އެކަންތައް ޙައްލުކުރެވޭނެ. އަޅުގަނޑަކަށް ނުފެނޭ އެނބުރި ނާދެވޭ ތަނެއް. އަނެއްކާ އަޅުގަނޑުމެން ނެތިން މިކަމުގައި ފަހަތަށްޖެހޭކަށްވެސް. އަޅުގަނޑުމެންގެ ސިޔާސަތުތައް ވަރުގަދަކޮށް، ޕާޓީގެ ވިސްނުން، އެމް.ޑީ.ޕީ.ގެ ވިސްނުން. އެއީ، ތަފާތު ފިކުރެއް، ޤަބޫލުކުރާ ކަންތައްތަކެއް އެބަހުރި. އެ ވެލިޔުތައް އަޅުގަނޑުމެން އިސްކޮށް، އެއައިގެން ކުރިއަށް ދިޔައިމާ، އެމް.ޑީ.ޕީ.އަށް އޮންނާނީ ކުރިއެރުން. އަޅުގަނޑުމެން ކެމްޕެއިންގައި އެހެން މީހުން ބަންދުކޮށްފައި، އެކަން ކޮށްފައެއް ނޯންނާނެ. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ، ޖަމީލް ތިޔަ ވިދާޅުވީ، މުޅިން ރަނގަޅު ވާހަކައެއް ކަމަކަށް. އެހެނެއްނޫން. ވަކިވަރެއްގެ ގޮނޑި ނަގާނަމޭ، ކެމްޕެއިންގައި ދައްކާނެ އެވާހަކަ. އަޅުގަނޑުވެސް ދެންނެވިން. އެއީ އަޅުގަނޑުމެންނަށް އޭރު، ފެނިފައި ހުރި އަންދާޒާތަކަށް ބަލާއިރުގައި، މިތައް ގޮނޑި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެއޭ. އެއީ އޭރުގައި އަޅުގަނޑުމެންނަށް ފެންނަން އޮތް އަންދާޒާ ދިރާސާ. އެހެންނަމަވެސް، ނަތީޖާ ނުކުމެގެން އައިއިރުގައި، އެއަށް އެބަހުރި ބަދަލުތަކެއް އައިސްފައި. އެހެންވީމާ، އެއާއެކީގައި ކެމްޕެއިން ސްޓްރެޓެޖީއާއި، ކުރަންހުރި ކަންތައްތަކާ ބަދަލުކޮށްގެން އަޅުގަނޑުމެން ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާނގައި ހަމަ ބޮޑު ކާމިޔާބީއެއް، ދެން ކުރިއަށް އޮތް އިލެކްޝަންތަކުގައި އެމް.ޑީ.ޕީ.އަށާއި ސަރުކާރަށް ލިބިގެންދާނެ.

އަދިވެސް އެއްފަހަރު، ރޯދަމަހުގެ ހެޔޮއެދުންތައް، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ފޮނުވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!