ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް. ވަފުދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ދެއްވިއެވެ. އަދި، ސަރުކާރުގެ އަބަދުގެވެސް ސިޔާސަތަކީ ޚަރަދުކުޑަ ސަރުކާރެއް ހިންގެވުންކަމުގައި ވިދާޅުވިއެވެ. ދުނިޔޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ކަމަށާއި، މިކަމާ ގުޅިގެން، ސަރުކާރުންވެސް ވިސްނަވައި އަޅުއްވަންޖެހޭ ޚާއްޞަ ފިޔަވަޅުތައް މިގެންދަވަނީ އަޅުއްވަމުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އައި.އެމް.އެފް.އިން ވެދެއްވާ މުހިންމު ޙިއްޞާއަށްޓަކައި، އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.
މިވަފްދުގެ އިސްވެރިއަކަށް ހުންނެވި މިސްޓަރ ޖެރެމީ ކާރޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށް އިތުރަށް ކުރެއްވިދާން ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.