ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތްތަކަކީ، މިހާރު ދެވެހިންނަށް ލިބިފައިވާ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތްތައްހާ މުހިންމު މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ރަޙްމަތްތެރިކަން ބަދަހިކުރުމުގެ ގޮތުން "އޖްތިމާޢީ ސިޔާސީ ބަދަލުތައް – ބަދަލުވަމުން އަންނަ މުޖްތަމަޢުގައި ސަގާފަތުގެ މުހިންމުކަން" މިނަމުގައި ބާއްވަވާ ސެމިނާރެއް ހުޅުއްވައިދެއްވަމުން މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ މަޝްހޫރު ތަޤްރީރު "ޓްރިސްޓް ވިތް ޑެސްޓިނީ" އަށް ބައްލަވާލައްވަމުން، ދިވެހިރާއްޖެވެސް މިވަނީ މިހާރު، ނެހުރޫ އޭރު ވިދާޅުވިފަދަ ޙާލަތެއްގައި ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަންފަދަ މިނިވަންކަން ރައްޔިތުންނަށް ހޯއްދަވައއިދެއްވުމަށް ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ކަމަށާއި، މިވަޢުދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމަހުގެ 15ވަނަ ދުވަހަކީ އިންޑިޔާގެ މިނިވަންދުވަސްކަން ފާހަގަކުރައްވަމުން 2004 އޯގަސްޓް 12ވަނަ ދުވަހު ރާއްޖޭގެ ރައްޔިތުންވެސް މިނިވަންކަމަށްޓަކައި ވަރަށް ތާރީޚީ އެއްވުމެއް ބޭއްވިކަމަށާއި، މިއެއްވުން ވެގެންދިޔައީ ދިވެހިން ބަދަލަކަށް ބޭނުންވާކަން ޔަޤީންކޮށްދިން ކަމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހާރު ރާއްޖެއަށްވަނީ ވަރަށް ބޮޑެތި އަދި މުހިންމު އިޞްލާޙްތަކެއް ގެނެވިފައިކަމަށާއި، އެގޮތުން އަސާސީ ޙައްޤުތައް ބަޔާންކޮށްފައިވާ، ތިންބާރު ވަކިކޮށް، މިނިވަން މުއައްސަސާތަކަކަށް މަގުފަހިކޮށްދިން ޤާއިމުކުރެވިފައިވާ ޤާނޫނުއަސާސީއަކަށް މިހާރު ޢަމަލު ކުރަން ފެށިފައިވާކަމީ، ގެނެވިފައިވާ ވަރަށް މުހިންމު ބަދަލެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މި ސެމިނާރަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި އިންޑިޔަން ހައިކޮމިޝަނާ ގުޅިގެން ބާއްވަވާ ސެމިނާރެކެވެ.