(ޚަބަރު އިޞްލާޙު ކޮށްފައި)

ސަރުކާރުގެ ބަޖެޓް ޚަރަދުތައް ކުޑަކުރެއްވުމަށްޓަކައި 1 ސެޕްޓެމްބަރ 2009 ން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ދައުލަތުގެ ބަޖެޓް ޚަރަދުތައް ވަރަށްބޮޑުވެފައިވުމާއެކު، އެ ޚަރަދުތައް ދެކޮޅު ޖެއްސެވުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ހުށަހެޅުއްވި ހުށަހެޅުއްވުންތަކެއްގެ މައްޗަށާއި، ވަޒީރުންގެ މަޖިލީހުގައި މީގެކުރިން ކުރެއްވި މަޝްވަރާތަކާއި، އަދި ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވަންވީ ފިޔަވަޅުތައް ކަނޑައެޅުއްވުމަށް ހޮއްވެވި ވަޒީރުންގެ ދެކޮމިޓީއަކުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުން ކަމުގައިވާ މިނިސްޓަރުންގެ ނައިބުން ފެށިގެން މަތީގެ މަގާމުތަކުގެ މުސާރައާއި އެލަވަންސުން 20 އިންސައްތަ ކުޑަކުރެއްވުމަށާއި، އެއަށްވުރެ ދަށުގެ ސިޔާސީ މަގާމުތަކުގެ މުސާރައާއި އެލަވަންސުން 10 އިންސައްތަ އުނިކުރެއްވުމަށެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ކުރައްވައިގެން، އެ މުވައްޒަފުންގެ މުސާރަތައްވެސް 5 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ އަދަދަކުން ކުޑަކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށްވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ބަޖެޓް ޚަރަދުތައް ކުޑަކުރެއްވުމަށް އެޅުއްވުމަށް ހަމަޖެއްސެވި އަނެއް ފިޔަވަޅަކީ، އިތުރުގަޑީގައި މުވައްޒަފުން އެއްގޮތަކަށްވެސް މަސައްކަތަށް ނުނެރުއްވާ ގޮތަށް ހަމަޖެއްސެވުމެވެ. އަދި ހަފްތާ ބަންދުގައި އެކިއެކި ކަންތައްތައް ނުބޭއްވެވުމަށްވެސް ނިންމެވިއެވެ.

މީގެއިތުރުން، ސަރުކާރު މުވައްޒަފުން މަދުކުރެވެން ހުރި ދިމަދިމާ ފާހަގަކުރައްވައި، އެތަންތަނުން މުވައްޒަފުންގެ ޢަދަދު މަދުކުރައްވަމުން ގެންދެވުމަށްވެސް ނިންމެވިއެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ކުއްޔަށް ހިފާފައި ހުރި ތަންތަނުގެ ތެރެއިން ކޮންމެހެން ބަހައްޓަންޖެހޭ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނެއް ދޫކޮށްލެއްވުމަށްވެސް ނިންމެވިއެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި، ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތައް ވީހާވެސް ބޮޑަށް މަދުކުރެއްވުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، ޖަލްސާތަކާއި އެކިއެކި ރަސްމިއްޔާތުތައް ބޭއްވުމަށްޓަކައި ތަންތަން ކުއްޔަށް ހިފުމުގެ ބަދަލުގައި، ސަރުކާރުގެ ޢިމާރާތްތައް ބޭނުންކުރެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް ނިޒާމަށް ގެންނަވާ ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ބިލްތައް ހުށަހެޅުއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ޓެކްސްގެ ނިޒާމް އިޞްލާޙު ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ބަދަލުގެންނަންޖެހޭކަމުން، އެބަދަލަށް ބޭނުންވާ ބިލްތައް އެކުލަވާލެއްވުމަށްޓަކައި، ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. މި ކޮމިޓީގައި ސިޔާސީ ހުރިހާ ޕާޓީއެއްގެ މަޖިލީހުގެ މެންބަރުންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އެޓަރނީޖެނެރަލްގެ އޮފީހާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ލޯ ސޮސައިޓީގެ ބޭފުޅުން ހިމެނުއްވުން ރަނގަޅުވާނެކަމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. މި ނިންމެވުމާ ގުޅިގެން، ޑީ.އާރު.ޕީ.ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށާއި، އެމް.ޑީ.ޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއެރުއްވިއެވެ.