اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިރޭގެ މި ތައުބީނުގެ ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، އެބޭފުޅަކު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުން، އެކަމުގެ ހިތާމަ މުޅި ދިވެހި ޤައުމު އިޙްސާސް ކުރަމުންމިދާ فضيلة الأستاذ الشّيخ المرحوم محمّد جميلގެ ޢާއިލާގެ ބޭފުޅުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި ދިވެހި ސަރުކާރުގެ ނަމުގަޔާއި އަދި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި މުވާސާތުގެ ޝުޢޫރުތައް ރައްދުކުރުން.

އާދެ، ޢާއިލާގެ ބޭފުޅުންގެ ތެރެއިން އަޅުގަނޑު ތަޢުޒިޔާ ދަންނަވާ އެންމެ އިސް ފަރާތަކީ، އެމަނިކުފާނުގެ ހުވަފަތް އަނބިކަނބަލުން. ދެން އެ މަނިކުފާނުގެ ބޭބޭފުޅުން. ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން. އޭގެތެރޭގައި، އަޅުގަނޑުގެ ވަރަށް ގާތް އަދި އަޅުގަނޑުގެ ސަރުކާރުގައި ވަރަށްމަތީ މަޤާމުތަކެއް ފުރުއްވާ ދެބޭފުޅަކު ހިމެނޭ. އާދެ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޢަބްދުﷲ ޖަމީލް. މި ދެބޭފުޅުންނަކީ ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑުގެ ވަރަށް ގާތް ދެ އަޚުން. އެހެންވީމާ، ވަރަށް ޚާއްޞަކޮށް، އެ ދެބޭފުޅުންނަށާއި އަދި ޢާއިލާގެ ދެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ތަޢުޒިޔާ ދަންނަވަނީ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު.

އާދެ، فضيلة الشّيخ المرحوم محمّد جميل އަވަހާރަވުމުން ތަޢުޒިޔާ ދަންނަވަންޖެހެނީ، ހަމައެކަނި އެ މަނިކުފާނުގެ މަޞޫން އަނބިކަނބަލުންނަކަށް ނޫން. އަދި އެމަނިކުފާނުގެ ޢިއްޒަތްތެރި ބޭފުޅުންނަކަށްވެސް ނޫން. އޭގެއިތުރުން، އެ ތަޢުޒިޔާ ދަންނަވަން ނުޖެހޭ، ރާއްޖޭގެ އެއްވެސް ފަރާތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ، އެމަނިކުފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން، އެ ގެއްލުން އެ ލިބުނީ ހަމައެކަނި ވަކި ޢާއިލާއަކަށް ނޫން. އެ ގެއްލުން އެ ލިބުނީ މުޅި ދިވެހި ޤައުމަށް، ދިވެހި ޢިލްމުވެރިކަމަށް، ދިވެހި އަދަބިއްޔާތަށް، ދިވެހި ޝާޢިރިއްޔަތަށް، ދިވެހި ލިޔުންތެރިކަމަށް، މުޅި ދިވެހި ޤައުމަށް. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށްވެސް މި ތައުބީނުގެ ހިތާމަވެރި ޖަލްސާގައި، މުވާސާތުގެ ޝުޢޫރުތައް ރައްދުކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ތިން ޢިއްޒަތްތެރިން އެ ވިދާޅުވިފަދައިން، فضيلة الشّيخ الأستاذ المرحوم محمّد جميل ޤައުމަށް ކުރައްވާފައިވަނީ ވަރަށްވެސް މަތިވެރި ދެމިހުންނަނިވި ޚިދުމަތްތަކެއް. އެ ބޭފުޅުންގެ ވާހަކަފުޅު ވަރަށްވެސް ޞަރީޙަ. އަޅުގަނޑުމެންނަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ދެއްވައިފި. އެހެންވީމާ، އެ ރޮނގުން މާގިނަ ވާހަކަތަކެއް ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށް ނުދެކެން. އަޅުގަނޑު ދަންނަވާލާހިތްއޮތީ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ފެނިފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ.

އާދެ، އެންމެ ފުރަތަމަ فضيلة الشّيخ الأستاذ محمّد جميل އަޅުގަނޑަށް ފެނުނީ، އަޅުގަނޑުމެންގެ މުދައްރިސެއްގެ ގޮތުން. އަޅުގަނޑު ކުޑައިރު އޭރުގެ މަދްރަސަތުއް ސަނިއްޔާގައި އުޅުނުއިރު، އަޅުގަނޑުމެންނަށް ކިޔަވާދެއްވާ މުދައްރިސުންގެ ތެރޭގައި ހިމެނުނު އެއް ބޭފުޅެއް،الفاضل محمّد جميل އެއީ. އާދެ، އޭނާ ހިމެނުނީ އަޅުގަނޑުމެން އޭރު ކިޔަވަންއުޅުނު ހުރިހާ ކުދިންވެސް ވަރަށް ލޯބިވާ، ވަރަށް ޤަދަރުކުރާ މުދައްރިސެއް ކަމުގައި. އޭގެފަހުން، ދެންމެ މިތާނގައި އުއްތަމަ ފަނޑިޔާރު އެ ވިދާޅުވިފަދައިން، ދެން އެމަނިކުފާނު އަޅުގަނޑަށްވެސް ފެނުނީ، އަޅުގަނޑުމެންނާ އެކުގައި މިޞްރަށް ވަޑައިގެންނެވި ވެރިޔާގެ ގޮތުގައި. އާދެ، އޭރު ދިވެހި ދައުލަތުގެ ފަރާތުން ފަސް މީހަކު ނުވަތަ ފަސް ކުއްޖަކު މިޞްރަށް ފޮނުއްވި. މިޞްރުގެ އަލް ޖާމިޢުލް އަޒްހަރުން ތައުލީމު ޙާޞިލުކުރަން. އެ ފަސް ކުދިންގެ ތެރޭގައި ނުވަތަ ފަސް މީހުންގެ ތެރޭގައި ހިމެނުމުގެ ނަޞީބު އަޅުގަނޑަށް އޮތީ ލިބިފައި. އަޅުގަނޑުމެންގެ ވެރިޔަކަށް ވަޑައިގަތީ، އޭރުގެ އަލްފާޟިލް މުޙައްމަދު ޖަމީލް. އާދެ، އަޅުގަނޑުމެންގެ فضيلة الشّيخ الأستاذ المرحوم محمّد جميل.

މިޞްރުގައި އަޅުގަނޑުމެންނާއެކު އޭނާ ހޭދަކުރެއްވި ދުވަސްކޮޅުގެ ތެރޭގައިވެސް އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ، މުޙައްމަދު ޖަމީލަކީ އަޅުގަނޑުމެންގެ މުރުޝިދެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމުގައި. އަޅުގަނޑުމެންގެ ބަފައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ނަޞޭޙަތް ދެއްވައި، އަޅުގަނޑުމެންގެ އުޅުން އިޞްލާޙު ކުރައްވައި، އަޅުގަނޑުމެންނަށް ކަންތައްތައް އޮޅުންފިލުއްވައިދެއްވާ ބޭފުޅެއްގެ ގޮތުގައި އޭނާ ހުންނެވީ. އޭނާގެ ނަޞޭޙަތްޕުޅުތަކާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައި އޮތީ ހަމައެކަނި ވަކި ރޮނގަކުންނޭ ދެންނެވޭކަށް ނެތް. އާދެ، ޢިލްމީ ރޮނގުން، އަޚްލާޤީ ރޮނގުން އަދި އޭގެއިތުރުން، މުނިފޫހިފިލުވައިދިނުމުގެ ރޮނގުންވެސް އޭނާ އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ނުވަތަ އެހީތަކެއް ވެދެއްވި.

އާދެ، އޭރު އަޅުގަނޑުމެންނަކީ ކުޑަކުދިން. ހަމަގައިމުވެސް އަޅުގަނޑު ހުރީ އޭރު ކުޑަކުއްޖެއްގެ ގޮތުގައި. އަޅުގަނޑާ އެކީގައި އަޅުގަނޑަށްވުރެ ތަންކޮޅެއް ޢުމުރުން ދޮށީ ބޭފުޅުންވެސް ވަޑައިގެންނެވި. އޭގެތެރެއިން އެއް ބޭފުޅަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު فضيلة الشّيخ الأستاذ موسٰى فتحى. އަޅުގަނޑުމެންނަށް އޭރު ބޭރު ބަހެއް ނޭނގޭ. އެހެންވީމާ، އަޅުގަނޑުމެން ކިޔެވުމުގެ ވަގުތުތައް ނިމުމުން، ދެން އޮންނަ ހުސްވަގުތު ހޭދަކުރާނެ ގޮތެއް ނެތިފައި ތިބި ދުވަސްވަރު، الشّيخ محمّد جميل އަޅުގަނޑުމެންނަށް ޢަރަބިބަހުން ލިޔެފައި ހުންނަ ވާހަކަތައް ކިޔަވައިދެއްވަމުން ގެންދެވި. އާދެ، ޢަރަބިބަހުން ލިޔެފައި ހުއްޓޭ ދެންނެވިޔަސް އެއީ، ހަމައެކަނި ޢަރަބިބަހުގެ ވާހަކަތަކެއް ނޫން. ދުނިޔޭގެ މަޝްހޫރު އެކިއެކި ބަސްބަހުގެ ވާހަކަ. އިނގިރޭސިބަހުގެވެސް މޮޅު މީހުން ލިޔެފައި ހުންނަ ވާހަކަ. ފަރަންސޭސިބަހުގެ މޮޅު މީހުން ލިޔެފައި ހުންނަ ވާހަކަ. މި ވާހަކަތައް ހުންނަނީ ޢަރަބި ބަހަށް ތަރުޖަމާ ކުރެވިފައި. އެ މަނިކުފާނު އަޅުގަނޑުމެންނަށް އެ ވާހަކަތައް ކިޔައިދެއްވާ. އެއިންވެސް އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ފިލާވަޅުތަކެއް ލިބެމުންދިޔަ.

އާދެ، އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ގޮތުގައި، ކޮންމެ ޙާލެއްގައިވެސް، محمّد جميل ހިމެނިވަޑައިގަތީ ވަރަށް އޯގާވެރި، ކޯފާމަޑު، ހިތްޕުޅުހެޔޮ ބޭފުޅެއްގެ ގޮތުގައި. މަދްރަސަތުއް ސަނިއްޔާގެ އަދި އޭގެފަހުން މަދްރަސަތުލް މަޖީދިއްޔާގެ މުދައްރިސެއްގެ ގޮތުގައި އަޅުގަނޑުމެން އެމަނިކުފާނު ދުށްއިރުވެސް، އަދި އޭގެފަހުން އަޅުގަނޑުމެންނާ އެކުގައި މިޞްރަށް ވަޑައިގެންނެވި އިސްވެރިޔާގެ ގޮތުގައި ހުންނެވިއިރުވެސް އަދި އޭގެފަހުންވެސް އަބަދުވެސް އަޅުގަނޑަށް ފެނިފައި އޮތީ، އެމަނިކުފާނަކީ ވަރަށް ހިތްޕުޅުހެޔޮ، ވަރަށްމާތް އަޚްލާޤެއްގެވެރި ބޭފުޅެއްގެ ގޮތުގައި. ދުރުވިސްނޭ، ޙިކްމަތްތެރި މުރައްބީއެއްގެ ގޮތުގައި.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އޭގެ ތަންކޮޅެއް ފަސް. އަޅުގަނޑު މާލެ އައިސް، ސަރުކާރުގެ އެކިއެކި ވަޒީފާތަކުގައި އުޅުނު ދުވަސްވަރުވެސް، އަޅުގަނޑު އެންމެ ގިނައިން ބައްދަލުކޮށް، އެންމެ ގިނައިން އިރުޝާދު ހޯދާ ފަރާތެއް ކަމުގައި ހިމެނިފައިވީ المرحوم محمّد جميل. އެ މަނިކުފާނުގެ ގެޔަށް އަޅުގަނޑަށް ވެވުނުވަރަކުން ޒިޔާރަތްކޮށް ހަދަން. އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާއި ނަޞޭޙަތް އަބަދުވެސް ލިބިގަންނަމުން ގެންދިޔައިން. އަދި އޭގެފަހުން، ތަޤްދީރު ދިމާކުރި ގޮތުން، އަޅުގަނޑު މި މަޤާމަށް އައުމަށްފަހުގައިވެސް، އަޅުގަނޑު އަބަދުވެސް ބަލަމުން ގެންދިޔައީ، فضيلة الأستاذ الشّيخ محمّد جميل އަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އުސްތާޛެއް ކަމުގައި.

އާދެ، ޝައްކެއްނެތް، އެންމެ ކުޑައިރުއްސުރެ އަޅުގަނޑުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންނަވާ، އަޅުގަނޑު ބަލަހައްޓަވާ، އަޅުގަނޑަށް ނަޞޭޙަތްތެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ހުންނެވީ އޭނާ. އެހެންވީމާ، އަޅުގަނޑު މަޤާމު ބަދަލުވިޔަސް، އެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ. ނުވެސް އަންނާނެ. އެހެންވީމާ، އަޅުގަނޑު ރައީސްކަމުގައި ހުންނައިރުވެސް އަދި އޭރު ހުރިއިރުވެސް އަބަދުވެސް الشّيخ الأستاذ محمّد جميل އަށް ވަރަށްބޮޑު މިންވަރަކަށް ޤަދަރުކުރަން، އިޙްތިރާމް ކުރަން، އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދު ހޯދަން. އަދި ވަރަށް ޚާއްޞަ ގޮތެއްގައި، އެ މަނިކުފާނު އަޅުގަނޑަށް ނަޞޭޙަތް ދެއްވައި، އިރުޝާދު ދެއްވައި ހައްދަވަމުން ގެންދަވާ. އެންމެފަހާ ޖެހެންދެންވެސް. އާދެ، ކުރިއާ ކުޑަކޮށް ތަފާތުވާނެ. އެހެންނަމަވެސް، ފަހުންވެސް އެމަނިކުފާނުގެ ޚިޔާލުފުޅު އަޅުގަނޑަށް ވަރަށް ޞަރީޙަކޮށްދެއްވަމުން ގެންދެވި. އެކި ކަންތައްތަކުގައި ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ގެންދެވި.

އޭގެތެރެއިން އެއްކަމެއް، އަޅުގަނޑު ހިތުން ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ދެނެވަޑައިނުގަންނަވާނެ ކަމެއް. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެމުން މިގެންދާ ހަފްތާ ނޫސް "ދީނުގެ މަގު"، ވަރަށް ކުޑަކުޑަ ނޫހެއް އެއީ. އެހެންނަމަވެސް، މެދުނުކެނޑި ގާތްގަނޑަކަށް ތިންއަހަރެއްހާ ދުވަހު މިހާރު އެ ނޫސް ނެރެވިއްޖެ. އެ ނޫސް ނެރުމުގެ ޚިޔާލު އަޅުގަނޑަށް ދެއްވީވެސް فضيلة الأستاذ الشّيخ محمّد جميل. ލިޔުންތެރިކަމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މީސްތަކުންނަށް ދީނުގެ ޙުކުމްތައް އަންގައިދިނުމާ، މި ހުރިހާ ކަމަކީ އެ މަނިކުފާނުގެ ލޭފޮދުގައި ހިނގަމުން ގޮސްފައިވާ ކަމެއް. އެ މަނިކުފާނުގެ ވިންދާ ގުޅިފައިވާ ކަމެއް. މި ހުރިހާ ކަމެއް ކުރަމުން ގެންދެވި، އެންމެފަހު ނޭވާއާ ޖެހެންދެން. އޭގެ ހެތްކަކީ މިދޭތެރެއިން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ވޭތުވެދިޔަ މަހު އާދެ، އަޅުގަނޑު ހިތުން ފެބްރުއަރީ މަހުގެ ތެރޭގައި، އެ މަނިކުފާނު ދެކުނު އިންޑިޔާއަށް ވަޑައިގެންނެވީ ދުވަސްކޮޅަކަށް. އެ ބޭސްކޮޅު ކުރައްވައިގެން ވަޑައިގެންނެވިއިރު، ވަޑައިގެންއިރަށްވުރެ ލައްކަބޮޑުތަން ޞިއްޙަތު ހުރީ ރަނގަޅުކޮށް. އެހެންވީމާ، ހަމަ މާލެ ވަޑައިގަތުމާ އެކުގައި އަޅުގަނޑަށް އެންގެވި، މިހާރު އަޅުގަނޑަށް ލިޔުއްވިދާނެއޭ. އެހެންވީމާ، ޚުޠުބާ ލިޔުއްވުމާއި، ދީނުގެ މަގަށް މަޒުމޫނު ލިޔުއްވުމާއި، އަދި ސަރުކާރުގެ ފަރާތުން ދަންނަވާ އެނޫންވެސް ކޮންމެ ކަމެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އަޅުގަނޑަށް އަންގަވައިލެއްވި.

އާދެ، "ދީނުގެ މަގު" އެ ނޫސް ނެރުމުގެ ޚިޔާލު އޭނާ ދެއްވުމުގެ ބޭނުންފުޅަކީ، އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ފަރާތުން ކިތަންމެކުޑަނަމަވެސް، އެކަހަލަ މަޖައްލާއެއް ނެރުމުގެ ބޭނުންތެރިކަން ބޮޑުކަން. ތަންކޮޅެއް ކުރިން އެ މަނިކުފާނު އަމިއްލަފުޅަށް "شعلة" ނެރުއްވި. އަދި އެހެން ދީނީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި. ޚުޠުބާ ހެއްދެވި. ދީނީ މަޒުމޫނުތައް ލިޔުއްވައި ހެއްދެވި. އެހެންނަމަވެސް، އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އެއީ، ސަރުކާރުންވެސް ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ދެންނެވީ، އަޅުގަނޑުވެސް ވަރަށް ތަރުޙީބުދޭ ޚިޔާލެކޭ. އެފަދަ ނޫހެއް ނެރޭނިއްޔޭ. އެހެންނަމަވެސް، އޭގެ މުޙައްރިރު ކަމުގައި ހުންނަވަންވާނީ މަނިކުފާނޭ. އެކަމަށް އޭނާ ޢުޒުރުވެރިވެވަޑައިގެންނެވި. ވިދާޅުވި، ޢުމުރުފުޅުގެ ގޮތުންނާއި، ޞިއްޙަތު ހުރިގޮތުން އެކަމަށް ޢުޒުރުވެރިވެވަޑައިގަންނަވަމޭ. އެހެންވީމާ، އަޅުގަނޑަށް މަޖުބޫރުވީ އަޅުގަނޑުގެ ނާޤާބިލު ޙާލަތުގައިވެސް، އެ ނޫހުގެ މުޙައްރިރު ކަމުގައި އަޅުގަނޑު ހުރެފައި، ނާއިބު މުޙައްރިރު ކަމުގައި الشّيخ الأستاذ محمّد جميل ހުންނަވާގޮތަށް ހަމަޖެއްސުން.

ކޮންމެއަކަސް، އެ ނޫސް ފެށިގެން މިހާތަނާ ޖެހެންދެން ދިޔައިރު، ހަމަ ކޮންމެ ހަފްތާއަކު އޭނާ އަޅުގަނޑުމެންނަށް "އެންމެ ސީދާ ތެދުމަގު" ދައްކުވައިދެއްވަމުން ގެންދެވި. އެއްވެސް ފޫހިފުޅުވުމެއްނެތި، ވަރުބަލިފުޅުވުމެއްނެތި އެ މަސައްކަތް ކުރިއަށް ގެންދެވި. އާދެ، المرحوم محمّد جميلގެ އެންމެ ޚާއްޞަ ސިފަފުޅަކީ، އަޅުގަނޑު ދަންނަވާނީ މުރާލިފުޅުކަމޭ. އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅުއްވާނީ. އެއްގޮތަކަށްވެސް ވަގުތު ބޭކާރުގޮތުގައެއް ހޭދައެއްނުކުރައްވާނެ. އޭނާގެ އަމިއްލަފުޅު ކަންތައްތައްވެސް ހުންނާނީ ވަރަށް ބޮޑަށް ޤަވާޢިދަކުން ހަމަޖައްސަވާފައި. ހުރިހާ ކަމެއް އަމިއްލަފުޅަށް ކުރައްވަނީ. އެންމެކުޑަމިނުން އެ ލިޔުއްވާ ހުރިހާ ލިޔުމެއް ލިޔުއްވަނީ އަމިއްލަ އަތްޕުޅުން. ކާތިބަކު ދުވަހަކުވެސް ނުގެންގުޅުއްވާ. އަޅުގަނޑުމެންގެ ތެރެއިން މިހާރު އެހެން ލިޔާ މީހުން ވަރަށްވެސް މަދު. ކޮންމެ މީހަކުވެސް މަޒުމޫނެއް ލިޔަން ބޭނުންވެއްޖެއްޔާ، ކޮންމެވެސް ކާތިބަކު ބޭނުންކުރަނީ. އެހެންނަމަވެސް، އެންމެފަހާ ޖެހެންދެންވެސް އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، الشّيخ محمّد جميل ހުރިހާ އެއްޗެއްވެސް ލިޔުއްވަމުން ގެންދެވީ އޭނާގެ އަމިއްލަ އަތްޕުޅުން. ދެން ހުރިހާ ޚުޠުބާތައްވެސް ހަމަ އަތްޕުޅުން ލިޔުއްވާފައި، ރައީސް އޮފީހަށް ފޮނުއްވަނީ.

ޚުޠުބާ ލިޔުމުގެ ވާހަކަ ދަންނަވާއިރުވެސް، އެކަން ފެށިގެން އައިގޮތް ކުޑަކޮށް ދަންނަވާލާހިތްވޭ. މިހާރު އޮންނަ އުޞޫލަށް، އެއީ 1972 ވަނަ އަހަރު، ކޮންމެ ހުކުރު ދުވަހެއްގައި، އާ ޚުޠުބާއެއް ކިޔާގޮތަށް ސަރުކާރުން ހަމަޖެއްސެވި. އޭރު ޚުޠުބާ ލިޔަން ޙަވާލުކުރެއްވީ ބޭފުޅުންކޮޅަކާ. އޭގެތެރެއިން އެކަކު ކަމުގައި އަޅުގަނޑުވެސް ހިމެނުނު. އަޅުގަނޑުވެސް ކޮންމެވެސްވަރަކަށް ޚުޠުބާ ލިޔަމުން ގެންދިޔައިން. އަޅުގަނޑުގެ އިތުރަށް، އެހެން ބޭފުޅުންވެސް ލިޔުއްވަމުން ގެންދެވި. އެހެންނަމަވެސް، ފަހުންއައިސް، އާދެ، އަޅުގަނޑު އެއްވެސް ޙާލެއްގައި، އެހެން ބޭފުޅަކަށް ކުޑައިމިސްބަހެއް ދަންނަވާކަށްނެތިން. އެހެންނަމަވެސް، އެހެން ބޭބޭފުޅުންގެ މަސައްކަތްޕުޅުތައް ހުރިގޮތުންނާ އެކުގައި، އެބޭފުޅުންނަށް އެއީ ކުރެއްވޭވަރުގެ ކަމަކަށްނުވި. ފަހަކަށްއައިސް މިވޭތުވެދިޔަ ހައެއްކަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި محمّد جميل، ކޮންމެ ހުކުރު ދުވަހެއްގެ ޚުޠުބާ ލިޔުއްވި.

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން އަޅުގަނޑަށް ފެނިފައިވާ ގޮތުގައި، މުޙައްމަދު ޖަމީލަކީ، ވަރަށް އޯގާވެރި، މާތް ޚުލްޤުފުޅު ހެޔޮ ބޭފުޅެއް. އެއީ، އެއްވެސް ގޮތަކުން އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއްނޫން. އެމަނިކުފާނަކީ ދީނީ ޢިލްމުވެރިއެއް. ރާއްޖޭގައި އުފެދުނު އެންމެ މަތިވެރި ދީނީ ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅަކު ކަމުގައި އެ މަނިކުފާނު ހިމެނިވަޑައިގެންނެވި. އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ، މި އުއްމަތުގެ ނަބިއްޔާގެ އަޚްލާޤު. އެކަލޭގެފާނު އުޅުއްވިގޮތްކޮޅު. އެކަލޭގެފާނުގެ ސީރަތު. އެކަލޭގެފާނުގެ ސިފަފުޅުތައް. ﷲ ވަޙީކުރައްވަނީ، "فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّواْ مِنْ حَوْلِكَ." ﷲ އެކަލާނގެ ނަބިއްޔާއާ މުޚާޠަބު ކުރައްވައި އަންގަވަނީ، "އެބައިމީހުންނަށް، އެއީ މުސްލިމުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގެންނެވީ، ﷲގެ ޙަޟްރަތުން އައި ރަޙްމަތެއްގެ ގޮތުގައޭ. ﷲގެ ރަޙްމަތެއްގެ ގޮތުންނޭ، ﷲގެ ރަޙްމަތުގެ ސަބަބުންނޭ، ކަލޭގެފާނު އެބައިމީހުންނަށް އޯގާތެރި ބޭފުޅަކު ކަމުގައި ހިމެނިވަޑައިގަތީ. ކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި ޚުލްޤު ނުބައި ބޭކަލަކު ކަމުގައިވިނަމަ، އެބައިމީހުން ކަލޭގެފާނު ދޫކޮށްލާފައި ހިނގައްޖައީހޭ." އެހެންވީމާ، މި މަތިވެރި ނަމޫނާ، ހުރިހާ ޢިލްމުވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި އޭގެތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި، الأستاذ الشّيخ محمّد جميل އަށް އެނގިވަޑައިގެންފައި އޮތީ، މީހުންގެ މެދުގައި މަޤްބޫލު މީހަކަށްވެވޭނީ، އެމީހަކު ބުނާބަސް މީހުން އަހާނީ އޯގާތެރިޔަކަށް ވެގެންކަން. އޯގާތެރި، މަޑުމައިތިރި، ހިތްހެޔޮ މީހަކަށް ވެގެންނޫނީ، އެމީހަކު ދައްކާ ވާހަކައެއް، އެހެން މީހުންނެއް ނާހާނެ. އެމީހަކު ބުނާގޮތަކަށް، އެހެން މީހުން ކަމެއް ނުކުރާނެ. މިއީ އަޅުގަނޑުމެން الشّيخ الأستاذ محمّد جميلގެ ޙަޔާތްޕުޅުންވެސް ލިބިގަންނަންވީ ޢިބްރަތްތެރި ފިލާވަޅެއް.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކީ އާދައިގެ މީހަކު ކަމުގައިވިޔަސް، ބައްޕަޔަކު ކަމުގައިވިޔަސް، މަންމަޔަކު ކަމުގައިވިޔަސް، ބޭބެޔަކު ކަމުގައިވިޔަސް ނުވަތަ އެހެން މަސައްކަތެއް ކޮށްގެން އުޅޭ މީހަކު ކަމުގައިވިޔަސް، ވިޔަފާރިވެރިޔަކަށް ވިޔަސް، ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އަދި ސަރުކާރުގެ މަތީ މަޤާމެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެއްވެސް ޙާލެއްގައި އެއީ ރުޅިގަދަ، ޚުލްޤު ނުބައި މީހަކު ކަމުގައި ވެގެނެއް ނުވާނެ. އެހެން ވެއްޖެއްޔާ ވަރަށްދެރަ. އޭނާ އެ ކުރާ ޚިދުމަތުގެ އެއްވެސް އަގެއް ނުވަތަ ފައިދާއެއް ނުފެންނާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވާންޖެހޭނީ، މަޑުމައިތިރި، ކެތްތެރި މީހަކަށް. ރުޅިއަންނަ ކަންތައްތައް ދިމާވާނެ. އެހެންނަމަވެސް، އެމީހަކު ދަންނަންޖެހޭނެ، އެމީހާގެ ރުޅިމަތަކުރާނެގޮތް. އެހެން މީހުންނަށް އިހާނާތްތެރި ބަސް ނުބުނެ، މަޑުމައިތިރިކަމާއެކު ނަޞޭޙަތްދީ، ކަންތައް އިޞްލާޙު ކުރެވޭތޯ ބަލާނީ.

އާދެ، ނުރުހުންވާންޖެހޭ ކަންތައްތައް ދިމާވާނެ، ކޮންމެ މީހަކަށްވެސް އަމިއްލަ ދިރިއުޅުމުގައިވެސް ނުވަތަ ޢާންމު ވަޒީފާއެއްގައި އުޅޭއިރުވެސް. އެކަހަލަ ކަންތައް ދިމާވީމާވެސް، ޙިކްމަތްތެރިކަމާއި، ކެތްތެރިކަމާ އެކުގައި ޢަމަލުކުރާ މީހުންވާނީ، ކާމިޔާބުވާ މީހުން ކަމުގައި. އެއާ ޚިލާފަށް، ކިތަންމެ މޮޅު މީހަކު ނަމަވެސް، މި ދެންނެވި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ކަމުގައިވަންޏާ، އެމީހާ އެއީ، މީހުންގެ ކުރިމަތީގައި މަޤްބޫލު މީހަކަށްނުވާނެ. އެ ނަމޫނާ އެންމެމޮޅު ގޮތުގައި އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ ސީރަތުން. އެ ސީރަތުގެ ފިލާވަޅެއް މި ދެންނެވީ. އެ ފިލާވަޅު الشّيخ الأستاذ محمّد جميلދީދީ ކިތަންމެ ރަނގަޅަކަށްވެސް ދެނެވަޑައިގަންނަވާ. އެހެންވީމައޭ އަޅުގަނޑު ދަންނަވާނީ، އެ މަނިކުފާނަކީ އެހާ ޚުލްޤުހެޔޮ، ހިތްޕުޅުތިރި، މަޑުމައިތިރި، އޯގާވެރި، އެންމެންނަށްވެސް ރައްޓެހިކަމާއި ރަޙްމަތްތެރިކަމާ އެކުގައި ޢަމަލުކުރައްވާ ބޭފުޅެއް ކަމުގައި ހިމެނިވަޑައިގަތީ.

އާދެ، ކޮންމެއަކަސް މިއަދު އެ މަނިކުފާނު މިވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައި. އެމަނިކުފާނުގެ ހަށިކޮޅު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވި ކަމުގައިވިޔަސް، އެ މަނިކުފާނުގެ ޒިކްރާ، އެ މަނިކުފާނު އަޅުގަނޑުމެންނަށް ހަދިޔާކުރެއްވި ބޮޑު ތަރިކަ އެއޮތީ އަޅުގަނޑުމެންނާ އެކުގައި. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވިދާޅުވެފައިވޭ، "އާދަމުގެ ދަރިޔާ މަރުވެއްޖެނަމަ، ތިންކަމެއް ފިޔަވައި، އެހެން ހުރިހާ ކަމަކުން ތިމާގެ ޢަމަލު ކެނޑިހިނގައިދެއޭ." އެމީހާގެ ޢަމަލު ދެމިހުންނަނިވި ތިން ކަންތައް ބަޔާންކޮށްދެއްވަމުން، ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ، "އެއީ ދެމިހުންނަނިވި ޞަދަޤާތެކޭ ނުވަތަ މަންފާކުރަނިވި ޢިލްމެކޭ ނުވަތަ އެމީހާއަށް ހެޔޮދުޢާކޮށްދޭނޭ ދަރިއެކޭ." ޝައްކެއްނެތް، الأستاذ المرحوم محمّد جميل އަށް މި ތިން ކަންތަކުގެ ހެޔޮ ނަޞީބު އޮތީ ލިބިވަޑައިގެންފައި. ދިވެހި ޤައުމަށް އިސްލާމްދީނުގެ ޙުކުމްތައް އަންގަވައިދެއްވައި، ދިވެހި ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ އަދި އެ ދޫކުރައްވާފައި ވަޑައިގެންނެވި ގިނަގުނަ ލިޔުންތަކާއި ފޮތްތަކަކީ، ދެމިއޮންނަނިވި ޞަދަޤާތެއް. އޭގެ ފައިދާ އަޅުގަނޑުމެންނަށް ލިބެމުންދާނެ ކަމެއް. ހަމައެއާއެކުގައި އެއީ މަންފާކުރަނިވި ޢިލްމެއް. އަޅުގަނޑުމެންގެ މި ޖީލަށްވެސް، އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ފައިދާ ޝައްކެއްނެތްގޮތުގައި ކުރާނެ ތަރިކައެއް. އަދި އެ މަނިކުފާނު ދޫކުރައްވާފައި އެ ވަޑައިގެންނެވި ބޭފުޅުންނަކީ، އެ މަނިކުފާނަށް ހެޔޮދުޢާ ކުރައްވާނޭ ބޭފުޅުންކަން ކަށަވަރު.

އާދެ، އަޅުގަނޑުމެންގެ ވާޖިބެއް، فضيلة الأستاذ الشّيخ محمّد جميل އެ ދޫކުރެއްވި މުއްސަނދި ތަރިކަ ރައްކާތެރިކުރުން. އެންމެ ފުރަތަމަ އެ މަނިކުފާނުގެ ދީނީ ތަރިކަ. އަޅުގަނޑު ދެކޭގޮތުގައި، محمّد جميل އަޅުގަނޑުމެންގެ ޤައުމަށް ކުރެއްވި އެންމެ ބޮޑު ޚިދުމަތަކީ ދީނީ ޚިދުމަތް. އަޅުގަނޑުމެންގެ ކުދިންނަށް، ކުދިން އެކަންޏެއް ނޫން، އަޅުގަނޑުމެން އެންމެންނަށް، ޒުވާނުންނަށް، ބޮޑެތި މީހުންނަށް، އިސްލާމްދީނުގެ ޙުކުމްތައް އަންގަވައިދެއްވުމަށްޓަކައި އެ މަނިކުފާނު ލިޔުއްވި ފޮތްތައް، تعليم الدّيانة ގެ ފޮތްތައް، دينيّـات ގެ ފޮތްތައް، الإسلامގެ ފޮތްތައް. އަދި އެނޫންވެސް ދީނީ މައުޟޫޢުތަކުގެ މައްޗަށް އެ މަނިކުފާނު ލިޔުއްވާފައިވާ ފޮތްތައް. އާދެ، ކުރީ ޒަމާނުގައި، ތަންކޮޅެއް ކުރިން، ދިވެހިން ދީނީ ޢިލްމު އުނގެނެމުން އައީ ބޮޑު ތަރުތީބުން ނުވަތަ އެހެންވެސް އެފަދަ ތަރުތީބަކުން. މިހާރު އެފަދަ ފޮތްކިޔާ އެއްވެސް މީހަކު ހުންނާނެއެކޭ އަޅުގަނޑު ހިތަކަށްނާރާ. މިހާރުގެ ޒުވާނުންނާއި އަދި މިހާރުގެ ހަރުމީހުން އަދި މިހާރުގެ މުސްކުޅިންވެސް އެމީހުންނަށް އިސްލާމްދީނާ ބެހޭގޮތުން އެނގިފައިވާ އެއްޗެއްނަމަ، އެނގިފައި އޮންނާނީ تعليم الدّيانة އިން ނުވަތަ الشّيخ الأستاذ محمّد جميل ލިޔުއްވި އެހެން ފޮތަކުން ނުވަތަ މަޒުމޫނަކުން.

އެހެންވީމާ، މުޅި ޤައުމަށް ދީނުގެ ޙުކުމްތައް އަންގަވައިދެއްވައި، ނަމާދުކުރާނެ ގޮތާއި ރޯދަހިފާނެ ގޮތާއި، ޒަކާތްދޭނެ ގޮތާއި، ޙައްޖުވާނެގޮތާ، އަދި އެނޫންވެސް އެކަމާބެހޭ ޙުކުމްތައް އަޅުގަނޑުމެންނަށް އެންމެ ސާފުކޮށް ޞަރީޙަކޮށް ތިލަ ޢިބާރާތަކުން ފިލުއްވައިދެއްވި ބޭފުޅަކީ، الشّيخ الأستاذ المرحوم محمّد جميل. އެހެންވީމާ، އެ ތަރިކަ ނުވަތަ އެ ޚިދުމަތް އެއީ އެ މަނިކުފާނު ދިވެހި ޤައުމަށް ކުރެއްވި އެންމެބޮޑު ޚިދުމަތަކީ. އަޅުގަނޑުމެންނަށް ޖެހޭނެ، އެ ޚިދުމަތް ރައްކާތެރިކުރަން. އެ ތަރިކަ ގެއްލިގެންދިޔަނުދޭން. އެއަށް އެކަށީގެންވާ އަހަންމިއްޔަތުދީގެން، އެ ރައްކާތެރިކޮށްގެން، އަޅުގަނޑުމެންނަށް އެ ތަރިކައިގެ ފައިދާތައް ލިބުނު ފަދައިން، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް، އޭގެ ފައިދާ ލިބޭނެ ގޮތެއްގެ މަތިން ޢަމަލުކުރުން.

އާދެ، ބައެއް ތަންތާނގައި އެފަދަ މުހިންމު ދީނީ އަދި ޢިލްމީ އަދި ފިކުރީ ޚިދުމަތްތައް ކުރައްވާ ބޭފުޅުންނަށް އެކިއެކި ލަޤަބް އަރުވާފައި ހުރޭ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މިޞްރުގެ އެކަހަލަ ބޭކަލެއް. ވިހިވަނަ ޤަރުނުގައި މިޞްރުގައި އުފެދުނު މުފައްކިރުންނާއި، ލިޔުންތެރިންގެ ތެރެއިން އެންމެ ދެމިހުންނަނިވި އަސަރެއް މިޞްރު މީހުންނަށް ކުރެއްވި ބޭފުޅަކީ، لطفى السّيّد ނަމަކަށް ކިޔުނު ބޭފުޅެއް. ވަރަށްގިނަ ފޮތްތައް ލިޔުއްވި. ވަރަށްގިނަ ކަންތައްތައް މީހުންނަށް އޮޅުންފިލުއްވައިދެއްވި. އެހެންވީމާ، އޭނާއަށް މިޞްރު މީހުން ނަން ދީފައިވަނީ، أستاذ الجيلގެ ނަމުން. އާދެ، ޖީލުގެ އުސްތާޛް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެ ބޭފުޅެއް އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުގެ ހިތާމަ މި ޖަލްސާގައި މި ފާޅުކުރާ فضيلة الأستاذ الشّيخ المرحوم محمّد جميل އަކީ "އަޅުގަނޑުމެންގެ ޖީލުގެ އުސްތާޛޭ." "ދިވެހިރާއްޖޭގެ أستاذ الجيل އޭ." ޝައްކެއްނެތް، އެ މަނިކުފާނުފަދަ ޢިލްމީ، ފިކުރީ، އަދަބީ ޚިދުމަތްތަކެއް ކުރި ދިވެހި އެކަކުވެސް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް.

އާދެ، ކިތަންމެ ފުރިހަމައަކަށްވެސް އެ މަނިކުފާނުގެ ވާޖިބު އަދާކުރެއްވުމަށްފަހު، އެމަނިކުފާނު އަޅުގަނޑުމެން ދޫކުރައްވައި ﷲގެ ރަޙްމަތަށް އެ ދަތުރުކުރެއްވީ. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު. އެ ވާޖިބަކީ ކުރިންވެސް ދެންނެވި ފަދައިން، އެ މަނިކުފާނު އެ ކުރެއްވި ހަދިޔާ އަޅުގަނޑުމެން ގަބޫލުކުރުން. އެ ހަދިޔާއަށް ރައްކާތެރިވުން. އެ ހަދިޔާ އަޅުގަނޑުމެންގެ ދަރިންނަށް ވާޞިލުކޮށްދިނުން. އަދި އެމަނިކުފާނު އެ ދެއްކެވި މަގުގައި އަޅުގަނޑުމެން ހިނގުން. އެ މަނިކުފާނު އެ ދެއްކެވި މަގަކީ، މުރާލިކަމުގެ މަގު، މަސައްކަތުގެ މަގު، މީހުންނަށް އެއްޗެތި އޮޅުންފިލުވައިދިނުމުގެ މަގު، ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގު. މި މަގު އެ މަނިކުފާނު އަޅުގަނޑުމެންނަށް އެވަނީ ކޮށްޓަވައިދެއްވާފައި. އެހެންވީމާ، އެ މަގުން ހިނގުން އެއީ، އަޅުގަނޑު ހިތުން މިއަދުގެ ޒުވާނުންގެ ވާޖިބަކަށްވާނެ.

އާދެ، އިލާހީ ޤާނޫނު ނިޔާކުރާގޮތުގެ މަތިން، الأستاذ الشّيخ محمّد جميل އަޅުގަނޑުމެންނާ ވަކިވެވަޑައިގަތީ. އެހެންނަމަވެސް، އެ މަނިކުފާނުގެ ޚިދުމަތްތަކަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނާ އެކުގައި ދެމިހުންނާނެ ޚިދުމަތްތަކެއް. އަޅުގަނޑުމެން އެ މަނިކުފާނު ނަމޫނާއަކަށް ދެކިގެން، އެފަދަ ދަރިން އުފެއްދުން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އޭނާ އެ ކޮށްޓަވައިދެއްވި މަގުގައި ހިނގާނެ މީހުން، އޭނާ އެ ޚިދުމަތް ކުރެއްވި ގޮތަށް. ލިޔުންތެރިކަމުގެ ރޮނގުގައި، ޝާޢިރިއްޔަތުގެ ރޮނގުގައި، އަދަބިއްޔާތުގެ ރޮނގުގައި، ދިވެހި ޤައުމަށް، ދިވެހި އަދަބަށް، ދިވެހި ޢިލްމުވެރިކަމަށް މަސައްކަތްކުރާނެ ޒުވާނުންތަކެއް އުފައްދަން އަޅުގަނޑުމެން ވެއްޖެ. ދިރިހުންނަ ޤައުމަކަށްނަމަ، އެފަދަ ޒުވާނުން ވަރަށް ބޭނުން. ޤައުމު ދިރިއޮންނަނީ، އެ ޤައުމުގައި އެފަދަ މީހުން އުފެދިގެންދިޔަ މިންވަރަކުން. އެބައެއްގެ ބަހާއި، އެ ބައެއްގެ ޘަޤާފަތާއި، އެ ބައެއްގެ ޢިލްމުވެރިކަން ދަމަހައްޓައި ދިރުވާނެ ބަޔަކު އުފެދެންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެފަދަ މުހިއްމު ޝަޚްޞިއްޔަތެއް ވަކިވެގެންދިޔަ ކަމުގައިވިޔަސް، އޭގެ މާނައަކީ، އެ ހިސާބުން އެކަންތައް ހުއްޓެންވީއަކީ ނޫނޭ.

އާދެ، އެއީ އަޅުގަނޑުމެން ކުރަން އޮތް ކަމަކީ. އެހެންވީމާ، އަޅުގަނޑު އެކަމަށް ބާރުއެޅުމުގެ ގޮތުން، ކުޑަކުޑަ ޚިޔާލެއް ދަންނަވާލާހިތްވޭ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން، އެފަރާތަށް ފެނިވަޑައިގަންނަވާ އުޞޫލެއްގެ މަތިން، ދީނީފޮތް ލިޔުމުގެ މުބާރާތެއް، އަހަރަކު އެއްފަހަރު ނަމަވެސް ހަމަޖެއްސެވުން. އެ މުބާރާތުގެ އިނާމަކީ، فضيلة الأستاذ الشّيخ المرحوم محمّد جميلގެ ނަންފުޅުގައި ދެއްވާ އިނާމަކަށްވުން. އާދެ، ދީނީގޮތުން ފޮތް ލިޔުމަކީ، ވަރަށް މުހިންމު ކަމެއް. އެހާ ބުރަ ކަމެއްވެސްމެ. އަޅުގަނޑުމެންގެ ތެރޭގައި، އެކަމަށް އެކަށީގެންވާ ބޭފުޅުން އެބަތިއްބެވި، ﷲގެ ހެޔޮ ރަޙްމަތްފުޅުން. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް އެ މަސައްކަތްތަކެއް ފުރިހަމަޔަކަށް ކުރެވެމުންނަކުންނުދޭ. ދައުލަތުގެ ފަރާތުން އެކަމަށް ބާރުއަޅަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެހެންވީމާ، މި ޚިޔާލު އެއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ބޭނުންތެރި ޚިޔާލެއް ކަމުގައި ފެނިވަޑައިގެންފިނަމަ، މި މަގުގައިވެސް ކޮންމެވެސްވަރަކަށް މަސައްކަތެއް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅުވެސް ނިންމާލާނީ، އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގެން އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އުސްތާޛު فضيلة الشّيخ المرحوم محمّد جميلގެ ފުރާނަފުޅަށް މާތްﷲ ރަޙްމަތް ލައްވައި، އެ މަނިކުފާނުގެ ފާފަ ފުއްސަވައި، އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، އެ މަނިކުފާނުގެ ހުވަފަތް އަނބިކަނބަލުންނަށާއި، ޢިއްޒަތްތެރި ބޭފުޅުންނަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި، ޘަވާބު އިތުރުކުރެއްވުމަށް ދުޢާކުރަމުން.

والسّلام عليكم ورحمـة اللّـه وبركاته.