ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް މައްޗަންގޮޅީ އަތަމާވިލާ ޢަބްދުލްޣަފޫރު މުޙަންމަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތު ކުރިއެރުވުމަށާއި، ރާއްޖެއަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވުމުގައި، ބައިނަލްއަޤްވާމީ ދުނިޔޭގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ޢަބްދުލްޣަފޫރު މުޙަންމަދުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޢަބްދުލްޣަފޫރު މުޙަންމަދު، އެކުވެރި ދައުލަތްތަކާއި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.