މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމާއި، އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ދެ މަޝްރޫޢަކީ ޖަޕާން ސަރުކާރުގެ ލޯން އެހީގެ ދަށުން ހިންގަވާ ދެމަޝްރޫޢެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން، މިއަދު ހެނދުނު ފުނަދޫގައި އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މިހާރަށްވުރެ ބޮޑަށް ތަރައްޤީވެފައިވާ، މުޅި ރާއްޖެއިންވެސް ހޮވާލެވޭ، ރާއްޖޭގެ ގިނަބަޔަކު އުޅޭހިތްވާ ރަށަކަށް މުސްތަޤުބަލުގައި ފުނަދޫ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މިފެށޭ ދެމަޝްރޫޢަކީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށާއި، މިކަންކަން ރަނގަޅަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން އަބަދުވެސް ލިބެމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި، ރަށެއް ތަރައްޤީވާނީ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ކުރިއަށް ގެންގޮސްގެން ކަމަށާއި، ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ރަނގަޅުކޮށް، ރަށުގެ ޢުމްރާނީ ކަންތައްތައް ހަމަޖެހިގެން ކަމުގައި ވިދާޅުވިއެވެ. މިއަދު މިފެށުނު ދެ މަޝްރޫޢުގެ ސަބަބުން، ފުނަދޫގެ ޢުމްރާނީ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ތަރައްޤީ ބިނާވެފައި އޮންނަނީ ހަމައެކަނި ޢުމްރާނީ ކަންތައްތަކުގެ މައްޗަށް ނޫން ކަމަށާއި، ތަރައްޤީ ޙާޞިލު ކުރުމަށްޓަކައި ސިއްޙަތާއި ތަޢުލީމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބިބަޔަކުކަން ދަނެ، އަޅުގަނޑުމެންގެ ދީނާއި ދިވެހިވަންތަކަން ދިރުވަންޖެހޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ، އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޖަޕާނު ސަރުކާރަށާއި، ޖަޕާނު ރައްޔިތުންނަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.