ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައިސުލްޖުމްހުރިއްޔާ ވަނީ ޤަޠަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ދެ ޤައުމުގެ ދެމެދުގައިއޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމަށްވެސް ފައިދާވާ ކަންތައްތަކުގައި، ދެޤައުމަށްވެސް ފުރުޞަތުތައް ހޯދައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާކުރެއްވެވިއެވެ. ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ޤަޠަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ޙަމަދު ބިން ސުޙައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއަށްފަހު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އަރޓް އަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. މި ދާރުލް އާސާރަކީ މުސްލިމުންގެ ކުރެހުންތައް ދުނިޔޭގެ އެއްތަނަކުން އެންމެގިނައިން ފެންނަންހުންނަތަނެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ދެން ދަތުރުފުޅު ކުރައްވާނީ ބަނގްލަދޭޝްއަށެވެ. ރައީސުލްޖުމްހޫރިއްޔާ ބަނގްލަދޭޝްއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގައި "ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.