ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެ ޤައުމަކަށް ވަޑައިގަތުމަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި، ޤަޠަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކާވަފައިވަނީ މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ދެއްކެވުމުގެ ރަސްމިއްޔާތުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިރާއްޖެއިން ޤަޠަރަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލުކުރައްވަންޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ދިވެހިރާއްޖެއަށް ލިބޭނެފަދަގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 އެ ޤައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރު ވާހަކަފުޅު ކުރިއަށްގެންދަވަމުން ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދޭދޭގުޅުން ބަދަހިކުރެއްވުމަށް، ދިވެހިރާއްޖެއިން ޤަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ޤަޠަރާއި އެކު މަސައްކަތްޕުޅުކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޤަޠަރަށް ޒިޔާރަތްކުރެއްވި ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.

އެއަށްފަހު ޤަޠަރުގެ އަމީރީ ދީވާންއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއެވެ. އަދި ޤަޠަރު ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.