ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ. އެ މަނިކުފާނު މިއަދު ހަވީރު ވަނީ ވަރޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާ، ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް 10,000 ހައުސިންގ ޔުނިޓު ބޭނުންވާނެ ކަމަށް ކުރިން އަންދާޒާ ކުރެވިފައިވީ ނަމަވެސް، މި އަދަދަށް ފްލެޓް އަޅައިގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ނުދެވޭނެކަން ސަރުކާރުން ފަހުން ކޮށްފައިވާ ދިރާސާތަކުން އެނގިގެން ގޮސްފައިވާ ކަމުގައެވެ. އަދި، ގެދޮރުގެ ދަތިކަން ހައްލު ވާނީ 17,000 ހައުސިންގ ޔުނިޓު ބިނާކޮށްގެން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، 5,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމެވެ. މި ގޮތުން، މިހާރުވެސް 1,000 ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، އިތުރު 4,000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި މައުޟޫޢިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޖުމުލަ 15,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތަކާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅިފަޅުން 1,200 ގޯތި ދޫކުރުމުގެ އިތުރުން، ބިން ހިއްކައިގެން އިތުރު ގޯތި ދޫކުރުމުގެ އައު މަޝްރޫޢެއް ފެށުމަށް ސަރުކާރުން ރާވަމުންދާ ކަމުގައެވެ. އަދި، އެ މަޝްރޫޢުގެ އިތުރު ތަފުސީލުތައް، ކަންކަން ކުރިއަށްދާ މިންވަރަކުން ނޫސްވެރިންނާ ޙިއްޞާ ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ނޫސްވެރިން ދެންނެވި ގިނަ ސުވާލުތަކަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. މި ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، އެ މިނިސްޓްރީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

އަދި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން އެކަށައަޅާފައިވާ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ، މި ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ. ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ 2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަންސް އިންޑެކްސްގައި ރާއްޖެއަށް ވަނީ، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، 55 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ.