ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް، ކޮވިޑް-19ގެ ވެކްސިން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާ، ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ. މިއަދު ހަވީރު ނޫސްވެރިންނާ ވަރޗުއަލްކޮށް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

"މިހާހިސާބަށް އާދެވުނުއިރުގައި މިވަނީ މިއަށް ވެކްސިނެއްވެސް ހޯދިފައި. އެހެންނަމަވެސް، ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރުވެސް، ރާއްޖޭގައި ކޯވިޑުގެ ޙާލަތު އަދި މުޅިން ހިތްހަމަޖެހޭވަރަކަށް ކޮންޓްރޯލް ކުރެވިފައެއް ނެތް،" މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް، އަދި މި ކަމުން ލުޔެއް ހޯދުމަށް އޮތް މަގަކީ ވީހާވެސް ގިނަ ބޭފުޅުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުން ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުން ވަރުބަލިކަމެއް ނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. މިހާތަނަށް އައިއިރު ރާއްޖޭގައި ޖުމުލަ 559,000 ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވެއެވެ. އަދި، ބަލި ޖެހުނު މީހުންގެ އަދަދު 21,000 އަށް އަރައެވެ. ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބަލައިލާއިރު، 165,000 އަށްވުރެ ގިނަ މީހަކަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

"އޭގެތެރޭގައި، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި އުޅޭ އަންޑޮކިއުމެންޓެޑް ބޭރު މީހުންވެސް މީގެތެރޭގައި ހިމެނިގެންދާނެ،" ވެކްސިން ދިނުމުގައި އެއްވެސް ޤައުމެއްގެ މީހަކާމެދު، ނުވަތަ ޤަވާޢިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި މީހުންނާއި އެފަދަ ލިޔެލިޔުންތައް ނެތް މީހުންނާމެދު، އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އާބާދީގެ ތެރެއިން 22,500 މީހަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. މީގެ ތެރެއިން 373 މީހުންނަކީ ޞައްޙަ ލިޔެކިޔުންތައް ނެތް މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އަޅާފައިވާ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ވަނީ ތާރީފު ލިބިފައެވެ. މި ގޮތުން، އޮސްޓްރޭލިއާގެ މިނިވަން ތިންކް ޓޭންކްއެއް ކަމުގައިވާ ލޯވީއިން މިކަމާ ގުޅޭގޮތުން ދުނިޔޭގެ 98 ޤައުމަކުން ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް ޝާއިޢުކުރި ޕަރފޯމެންސް އިންޑެކްސްގައި ރާއްޖެއަށް ވަނީ 25 ވަނަ ދަރަޖަ ލިބިފައެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ބައެއް މަޝްރޫޢުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރރޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، އޭގެ ތެރެއިން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ދޭ ޚިދުމަތްތައް އިތުރުކުރެވި އެމް.އާރު.އައި.ގެ ޚިދުމަތް ވެސް އެ ދެ ހޮސްޕިޓަލުގައި މިހާރު ޤާއިމުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.