ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ބ. ތުޅާދޫ، ހޭޒުލީން، އަލްފާޟިލް މުޙައްމަދު ފަޒީން މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ފަޒީން މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.