މިހާރު ޢަމަލު ކުރަމުންމިދާ ޤާނޫނުއަސާސީއަކީ، މީގެކުރީގައި ރާއްޖޭގައި ދުވަހަކުވެސް އެކަށައެޅިފައި ނުވާފަދަ އަސާސެއް ކަމަށާއި، ދިވެހި ވެރިކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި ޤާނޫނުއަސާސީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި، މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއަދަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އެއްއަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި، މި ޤާނޫނުއަސާސީއާ އެއްގޮތަށް ދިވެހި ވެރިކަން ހިންގަމުން ގެންދިއުމަކީ، އުނދަގޫ ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ، މި ޤާނޫނުއަސާސީގެ މައިގަނޑު އެބަ ދެމެހެއްޓޭ ކަމަށް ވިދާޅުވެ، އަދި މި ޤާނޫނުއަސާސީ ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13ގެ ޙާދިޘާގެ ހަނދާންތައްވެސް އާކުރެއްވިއެވެ. އޯގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހަކީ، ރާއްޖޭގެ އިޞްލާޙީ ޙަޔާތުގައި ނުވަތަ މި ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލުމުގައި، ދިވެހިންގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ރޫޙުތަކަކާއި މިސާލުތަކެއް ފެނިގެންދިޔަ ދުވަހެއް ކަމުގައި ވިދާޅުވިއެވެ. އެދުވަހަކީ މި ރާއްޖޭގައި ދުވަހަކުވެސް މީގެކުރީގައި އެއްތަނަކަށް ރައްޔިތުން އެއްވެ، ޖަމާވެގެން އިޞްލާޙަށް އަޑު ނުއުފުލާ މިންވަރަކަށް އިޞްލާޙަށް އަޑު އުފުލި ދުވަހެއް ކަމަށާއި، އެދުވަހުގެ ހަނދާންތައް، އިރާދަކުރެއްވިއްޔާ އާކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ރިޒަރވެއް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ ބަޙުޘްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ދައުލަތުގެ ރިޒަރވެއް ޤާއިމު ކުރުމުގައި، ސަރުކާރުގެ ދައުރެއް އޮންނަންޖެހޭނެ ގޮތާއި، އެކަހަލަ ކަންތައްތައް ބެލެހެއްޓުމުގައި، މަޖިލީހުގެ ދައުރަކީ ކޮބައިކަން ސާފުވެފައި އޮންނަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ވަރަށްގިނަ މެންބަރުންނަކީ، ވާދަވެރި ޕާޓީތަކުގައި ތިއްބެވި މެންބަރުން ކަމުގައިވިޔަސްވެސް، އަދި ސަރުކާރާ އެއްކޮޅު ޕާޓީތަކުގައި ތިއްބެވި މެންބަރުން ކަމުގައިވިޔަސްވެސް، ގިނަ މެންބަރުންނަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ފުންކޮށް ވިސްނަވައި، އެކަންތައްތަކާ ގުޅޭގޮތުން އެބޭފުޅުންގެ ނަޒަރުގައި އިޞްލާޙު ކުރައްވަން ހުރި ކަންތައްތައް ފާހަގަކުރައްވައި، ބިނާކުރަނިވި ގޮތުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމުގައި ވިދާޅުވިއެވެ. އަދި މިބައްޓަމަށް މަޖިލިސް ބަދަލުވަމުން އަންނަތަން، ދުވަހުން ދުވަހަށް އަޅުގަނޑުމެންނަށް ފެންނަމުން އެބަދާ ކަމަށާއި، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި، އެ ރޫޙު އަދި މިހާރަށްވުރެވެސް ބޮޑަށް އާލާވެ، އެކަމުގެ ބޭނުންތެރިކަމާއި، އެކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެންހުރި ފައިދާއާއި މަންފާ، ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.