بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، ރާއްޖޭގެ ތާރީޚުގައި، ވަރަށް ޚާއްޞަ ރުކުނެއް ނުވަތަ ކަނެއް ދެވިފައިވާ ޢިލްމީ މުއައްސަސާއެއް ކަމުގައިވާ، މަޢުހަދު އައްދިރާސާތު އަލްއިސްލާމިއްޔާއިން ހިންގެވި، ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ ދެވަނަބުރުން އެއްވަނަ ހޯދި މ.ހަވީރީފިނި އާމިނަތު މިޒްނާއަށާއި، ދެވަނަ ހޯދި ހދ. ވައިކަރަދޫ ގްރީންވިލާ އަޙްމަދު ނިޔާޒަށާއި، ތިންވަނަ ހޯދި މއ. ބިންމާވިލާ އިސްމާޢީލް ވަޙީދަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

މިފަހަރުގެ މިކޯހުގައި ކިޔެވި ހުރިހާ ބައިވެރިންވެސްވަނީ، ކޯހުން ފާސްވެފައި. އަދި ފާސްވިކަމުގެ ފަތް، މިރޭ ވަނީ ޙާޞިލުކޮށްފައި. މިއީ ޝައްކެއްނެތް، ތިޔަބޭފުޅުންވެސް ވަރަށް ބޮޑަށް އުފާފުޅު ކުރައްވާނެ ކަމެއް. އަޅުގަނޑުވެސް ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެހެންކަމުން، މިކޯހުގެ ބައިވެރިންނަށް، އާދެ ޝަރީޢަތާއި ޑިޕްލޮމާ ކޯހުގެ ދެވަނަބުރުގައި ކިޔެވި ހުރިހާ ދަރިވަރުންނަށް، މިރޭގެ މުނާސަބަތުގައި އަދި އެކުދިން އެ ހޯދި ކާމިޔާބީއަށްޓަކައި، މަރްޙަބާކިޔައި، ވަރަށް އިޚްލާޞްތެރި މުބާރަކްބާދީއެއް އަދާކުރަން.

އަދި މިރޭގެ މި އުފާވެރި ޖަލްސާގައި، މަޢުޙަދުއްދިރާސާތިލް އިސްލާމިއްޔާގެ ފަރާތުންނާއި، މި ކޯހުގައި ކިޔަވައިދެއްވި މުދައްރިސުންގެ ފަރާތްޕުޅުންނާއި، އަދި މިކޯހުގެ ބައިވެރިންގެ ފަރާތުން، އަޅުގަނޑަށް ތިޔަހަދިޔާކުރެއްވި ހަނދާނީ ފިލަޔަށްޓަކައި، ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަދެއްވި ހަދިޔާއަކީ، އަޅުގަނޑުގެ ގާތުގައި ވަރަށް މަޤްބޫލު އަދި އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވޭނެ، އަދި ދެވިފައިވާ ހަދިޔާއެއް. އެއިން އަޅުގަނޑަށް ދޭހަވަނީ، ކިތަންމެ ފަނޑުގޮތެއްގައި ނަމަވެސް، މިކޯހުގައި ކޮންމެވެސް ސިފައެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމަށްޓަކައި، އަދި އެ ފުރުޞަތުގެ ބޭނުން، އަޅުގަނޑު ކުރިގޮތާ ދޭތެރޭގައި، މަޢުހަދު ހިންގަވާ ފަރާތާއި، ކޯހުގެ މުދައްރިސުންނާއި ބައިވެރިން ކޮންމެވެސްވަރަކަށް ހިތްޕުޅުހަމަޖެހޭކަން. އެހެންކަމުން، އެކަމަށްޓަކައިވެސް، ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިކޯސް މަޢުހަދުން ހިންގަވަން ފެށްޓެވި ތާރީޚުން ފެށިގެން، މިއަދާ ޖެހެންދެންވެސް، އިރާދަކުރެއްވީތީ، އަޅުގަނޑު މިގެންދަނީ، މިކޯހުގައި އެއް މާއްދާއެއް ކިޔަވައިދެވޭތޯ ބަލަމުން. ކިޔަވައިދެވޭތޯ ބަލަމުންނޭ މި ދެންނެވީ، އަޅުގަނޑު ހިތްހަމަޖެހޭވަރަށް ކިޔަވައިނުދެވޭތީ. މާއްދާއަކީ، ޝަރްޢީގޮތުން ބަލާއިރު، އަދި އިސްލާމީ ޢިލްމުގެގޮތުން ބަލާއިރު، ވަރަށް މުހިންމު، ވަރަށް މުއްސަނދި މާއްދާއެއް. އެ މާއްދާއަށް ޙަޤީޤަތުގައި އިންޞާފުކުރެވޭނީ، އަޅުގަނޑަށްވުރެ މާ ފުންކޮށް ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް. މި މާއްދާއާބެހޭ މަޢުލޫމާތު، މާ މުއްސަނދިކޮށް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް. އެހެންނަމަވެސް، މި މާއްދާއަކީ އަޅުގަނޑުގެވެސް ޖާމިޢީ ޙަޔާތުގައި، އާދެ، އަޒުހަރުގައި އަޅުގަނޑު ކިޔެވިދުވަސްވަރު، ކިޔެވި މާއްދާއަކަށްވެފައި، އެ މާއްދާއާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައި އޮތް މާއްދާއަކަށްވާތީ، މިކަން އަޅުގަނޑަށް ހުށަހެޅުނުހިނދު، އަޅުގަނޑު އުފަލާއެކު އެކަން ޤަބޫލުކުރީ، ފަހަރެއްގައިވެސް އެމާއްދާ ކިޔަވައިދިނުމުގެ ޤާބިލިއްޔަތު އަޅުގަނޑުގައި ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީކީނޫން.

އާދެ، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުންވެސް، ތެދުތެދަށް ދަންނަވަންޏާ، ހުރިހާ ގަޑިއަކަށް ނުދެވޭ. ކޯހުގެ ކުދިން އެކަމަށް ހެކިވާނެ. އެހެންނަމަވެސް އަޅުގަނޑަށް ވީވަރަކުން ކޯހުގެ ގަޑިތައް ނަގައިދެވޭތޯ ބަލަން. އަދި އަޅުގަނޑަށް އެނގިހުރި މިންވަރަކުން، މަޢުލޫމާތުކޮޅެއް ދެވޭތޯވެސް މަސައްކަތްކުރިން. އަދި ހަމައެޔާއެކީގައި، މި މަސައްކަތުގެ ނަތީޖާއެއްގެގޮތުން، ދިވެހިބަހުން އަޅުގަނޑަށް ހީވަނީ، ފުރަތަމަފަހަރަށްހެން، އުޞޫލުލް ފިޤްހާ ބެހޭގޮތުން ފޮތެއް ލިޔެވެމުން އެބަދޭ. އަޅުގަނޑު ހިތުން އެއީ ކުރިއަށްއޮތްތާނގައި، މި މާއްދާ ކިޔަވައިދެއްވާ ބޭފުޅުންނަށް ކޮންމެވެސްވަރެއްގެ އެހީއަކަށްވެސް ވެދާނެކަމެއް. އަދި ކުރިއަށްއޮތްތާނގައި، ރާއްޖޭގައި މި މާއްދާ މިހާރަށްވުރެ ފުރިހަމަކޮށް ކިޔަވައިދިނުމުގައި ކޮންމެވެސްވަރެއްގެ ބިންގަލަކަށްވެސް ވެދާނެ މަސައްކަތަކަށް ވެދާނެކަމަށް އަޅުގަނޑަށް ހީވޭ.

އާދެ، މިކޯހަކީ 1996 ވަނަ އަހަރު، މަޢުޙަދުން ފެށްޓެވި ކޯހެއް. މިކޯހުގެ ފުރަތަމަ ބުރުގަޔާއި، ދެވަނަބުރުގައި، ކިޔަވައިދިނުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. އަދި ތިންވަނަ ބުރުގައިވެސް، އަޅުގަނޑު މިދެންނެވި މާއްދާ މިހާރު ކިޔަވައިދެމުން ގެންދެވޭތޯ އަޅުގަނޑު އެބަ ބަލަން. އެހެންވީމާ، މި އުފަލަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ ގޮތެއްގައި އިޙްސާސްކުރެވޭ އުފަލެއްކަމުގައި، އަޅުގަނޑު ދަންނަވާލާހިތްވޭ.

ނިމިގެންދިޔަ ކޯހުގެ ބައިވެރިންގެ ހިތުގައި، ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި ކުރިއަށް ދިޔުމަށް އުފެދިފައިވާ ޝައުޤުވެރިކަން، އެ ކުދިންނަށް އަޅުގަނޑު ކިޔަވައިދެމުންދިޔައިރުވެސް، އަޅުގަނޑަށް އިޙްސާސްވި. އަޅުގަނޑަށް ފެނުނު. އަދި މިރޭ އެކުދިން އެ ޙާޞިލުކުރި ނަތީޖާއިން، އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގެންފައިވާނެ.

މި ކޯހުގައި ކިޔަވައިދެއްވީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުންވެސް އިޝާރާތް ކުރެއްވި ފަދައިން، ކަމަށް ވަރަށް ޤާބިލް، ޢިލްމާއި، މަޢުލޫމާތާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން. އޭގެތެރޭގައި، އަޅުގަނޑުމެންގެ އުއްތަމަފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް، ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ހިމެނިވަޑައިގަންނަވާ. ހަމައެފަދައިން، މިކޯހުގެ ކުރީ ބުރުތަކުގައި އަޅުގަނޑުމެންގެ ޢިއްޒަތްތެރި އެޓަރނީ ޖެނެރަލް ޑޮކްޓަރ މުޙައްމަދު މުނައްވަރުވެސް ކިޔަވައިދެއްވި. އަދި މީގެއިތުރުން، ރާއްޖޭގައި ތިއްބެވި، ކަމަށް ޤާބިލް ވަރަށްގިނަ ބޭފުޅުން މި ކޯހުގައި އޭރުވެސް ކިޔަވައިދެއްވި. އަދި މިހާރުވެސް ކިޔަވައިދެއްވަމުން ގެންދަވާ. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާވާހަކަ، މި ޖަލްސާގައި ދަންނަވާލާހިތްވޭ.

ހަމައެޔާއެކީގައި، ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހަކީ ވަރަށް ކާމިޔާބު ކޯހެއް ކަމުގައި ހެއްދެވުމަށްޓަކައި، މަޢުހަދުގެ މުދީރުޢާންމު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވި މަސައްކަތްޕުޅު، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑަށް ފެނިފައިވޭ. ވަރަށް ގާތުން އެމަސައްކަތް ދުށްމީހެއް އަޅުގަނޑަކީ. އަދި މިހާރުވެސް ދެކެމުންދާ މީހެއް. އެހެންވީމާ، މިކޯސް ކާމިޔާބު ކޯހަކަށް ހެއްދެވުމަށްޓަކައި އޭނާ އެކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށްޓަކައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

ހަމައެފަދައިން، މަޢުހަދު އައްދިރާސާތިލް އިސްލާމިއްޔާ ހިނގަމުން މިދަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބެއްލެވުމުގެ ދަށުން. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙައްމަދު ލަޠީފް، އެ މަޢުހަދުގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދެވުމަށާއި، އަދި މަޢުހަދުގެ ދަރިވަރުންގެ ހާލުއަހުވާލު ބައްލަވައި، އެކުދިންނަށް ލުއިފަސޭހަގޮތްތައް ހޯއްދަވައިދެއްވައި، އެކުދިންގެ ތަޢުލީމީ އަދި ޢިލްމީ ޙަޔާތުގައި ކުރިއަށްދެވޭނެ މަގުތައް ކޮށްޓަވައިދެއްވައި، ހަމައެހެންމެ، ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޯމާ ކޯހުގެ ކުރިއެރުމަށް ދެއްވާފައިވާ އަހަންމިއްޔަތަށްޓަކައި، އެމަނިކުފާނަށްވެސް މިރޭ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، ޑޮކްޓަރ މުޙައްމަދު ލަޠީފާއި، އަދި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، އެ ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް، އަޅުގަނޑާ ބެހޭގޮތުން ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް ވިދާޅުވި. ވަރަށް ހިތްޕުޅުހެޔޮ ޝުޢޫރުތަކެއް ފާޅުކުރެއްވި. އެހެންކަމުން، އެ ދެބޭފުޅުންނަށް އެކަމަށްޓަކައިވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، ތާރީފު ރައްދުކުރަން.

ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަށް، އާދެ، ރާއްޖޭގެ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއަށް މިއަދު މިވަނީ، ކަމަށް އެކަށީގެންވާ މީހުން ބޭނުންވެފައި. ޝައްކެއްނެތް، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާއަކީ، ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު ދާއިރާއެއް. ތަނުގެ ހަމަޖެހުމާއި މަޞްލަޙަތު ދެމެހެއްޓުމުގައި، އެ ދާއިރާއަކީ ފުރިހަމަޔަށް ހިނގަމުންދާ، ކާމިޔާބު ދާއިރާއަކަށް ވާންޖެހޭ. އެކަން އެގޮތުގައި އެއްވެސް ޤައުމެއްގައި ގެންދެވޭނީ، އެ ދާއިރާގައި އެކަށީގެންވާ ޤާބިލުމީހުން ޚިދުމަތްކުރަމުން ގެންގޮސްގެން. އެހެންވީމާ، ރާއްޖޭގެ ޢަދުލުއިންޞާފުގެ ދާއިރާއަށްވެސް މިވަގުތުވަނީ ވަރަށްގިނަ ޤާބިލް މީހުން ބޭނުންވެފައި.

އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ދާއިރާއެއްވެސް އިތުރަށް ހަރުދަނާވެ ކުރިއަށްދަމުންދާފަދައިން، ޝަރީޢަތް ހިންގުމުގެ ދާއިރާއާއި، ޤާނޫނީ ދާއިރާވެސް މިދަނީ ތަރައްޤީވަމުން ކުރިއަށް. އެ ދާއިރާ ތަރައްޤީވަމުން ކުރިއަށް މިދަނީ، އެ ދާއިރާ ހިންގަވަން ތިއްބެވި ބޭފުޅުންގެ ފުރިހަމަ އިޚްލާޞްތެރި ޚިދްމަތާއި، އަދި އެކަމަށް އެބޭފުޅުން ކަނޑައަޅުއްވާ ސިޔާސަތާއި، ގެންގުޅުއްވާ އުޞޫލުތަކުގެ ފުރިހަމަކަމުންނޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އެހެންވީމާ، ރާއްޖޭގެ ޝަރްޢީ އަދި ޤާނޫނީ އޮނިގަނޑު، މިހާރު ހިނގަމުންދާ ގޮތުގައި ކުރިއަށް ދިޔުމުގަޔާއި، އަދި މިހާރަށްވުރެވެސް ފުރިހަމަގޮތެއްގައި މުސްތަޤްބަލްގައި ހިނގަމުން ދިޔުމަށްޓަކައި، މިހާރުވެސް އެދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

އާދެ، މަޢުހަދުން މި ހިންގެވި ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޯމާ ކޯހުގައި ބައިވެރިވި އަންހެންކުދިން މިފަހަރު ވަރަށް ގިނަ. ކޯހުގެ 21 ބައިވެރިންގެތެރެއިން 10 ބައިވެރިންނަކީ އަންހެންކުދިން. އަދި މިކޯހުގެ ދެވަނަބުރުން އެއްވަނައަށް މިއައީވެސް އަންހެންކުއްޖެއް. އާދެ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވަމުންދާ އަންހެނުންގެ ޢަދަދު އިތުރުވަމުން ދިޔުމަކީ، މި ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން.

ޝައްކެއްނެތް، މިއަދު ރާއްޖެ ބޭނުންވެފައިވަނީ އެންމެންގެ ޚިދުމަތަށް. ހުރިހާ ދިވެހި މުވާޠިނުންގެ އިޚްލާޞްތެރި ވަފާތެރި ޚިދުމަތަށް. ހުރިހާ ދިވެހި ރައްޔިތުންގެ ބިނާކުރަނިވި އުފެންދުންތެރި ޚިދުމަތަށް. އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްވެސް އެ ޚިދުމަތަށް މިހާރުވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. އެހެންވީމާ، މި ދާއިރާގައި ދެ ޖިންސުގެ މީހުން މަސައްކަތްކުރުމަކީ، ދާއިރާ ތަރައްޤީކޮށް ކުރިއަށްގެންދިއުމުގައި، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ދީމުޤްރާޠީ ޤައުމެއް. ދީމިޤްރާތީ ނިޒާމަކީ، ޤާނޫނުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް. އެހެންކަމުން، ޤައުމުގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރަމުން ގެންދިޔުމަކީ، ތަނުގެ ދީމުޤްރާތީ ނިޒާމް ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް. ތަނުގެ ޤާނޫނީ ނިޒާމް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑު ފުރިހަމަކުރަންޖެހޭ. ބޭނުންވެފައިވާ އިތުރު ޤާނޫނުތައް ހަދަންޖެހޭ. އަދި ހެދިފައިވާ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނަމުން ގެންދަންޖެހޭ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާތަނަށް ޤާނޫނީ ހޭލުންތެރިކަން، އަޅުގަނޑުމެން އެދޭ އެންމެމަތީ ފެންވަރަށް އަދި އުފެދިފައި ނެތީމާކަންނޭނގެ، ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ޤާނޫނަކީ މީހުން ކުށްވެރިކުރުމަށް ހެދޭ އެއްޗެކޭ. ޤާނޫނަކީ މީހުން ބަނދެލުމަށް ހެދޭ އެއްޗެކޭ. އެއީ، އަޅުގަނޑު ހިތުން ވަރަށްބޮޑު އޮޅުމެއް. ޙަޤީޤަތެއް ނޫން. ޤާނޫނަކީ، ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤުތައް ބުނެދޭ، އެބައިމީހުންގެ ވާޖިބުތައް އަންގައިދޭ އެއްޗެއް. ރައްޔިތުންނަށް ކުރިއަށްދިޔުމުގެ މަގު ފަހިކޮށްދޭ އެއްޗެއް. އެހެންވީމާ، ޤާނޫނު ދެނެގަތުމަކީ ހަމައެކަނި ވަކިބައެއްގެ ވާޖިބެއްނޫން. އެއީ، ހަމައެކަނި ޤާނޫނީ ވަކީލުން ކުރައްވަންޖެހޭ ކަމެއްނޫން. ޤާނޫނު ދެނެގަތުމަކީ ހަމަ ކޮންމެ ރައްޔިތެއްގެވެސް ވާޖިބެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އެއީ ކުރިން މިދެންނެވި ފަދައިން، ޤާނޫނުތައް މި ހެދެނީ ރައްޔިތުންނަށް މަގުދެއްކުމަށްޓަކައި ކަމަށްވާތީ. ރައްޔިތުންގެ ޙައްޤުތަކަކީ ކޮބައިކަން އަންގައިދިނުމަށްޓަކައި ކަމަށްވާތީ. ރައްޔިތުންގެ ވާޖިބުތަކަކީ ކޮބައިކަން އޮޅުންފިލުވައިދިނުމަށް ކަމަށްވާތީ. އަދި ރައްޔިތުންނަށް ކުރިއަށްދެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ކަމަށްވާތީ. އާދެ، މިގޮތުން ރާއްޖޭގެ ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި، ވަރަށް ގިނަ ޤާނޫނުތަކެއް މިހާރުވެސް ވަނީ ހެދިފައި. އަދި އިތުރަށް ހެދެމުންވެސް އެބަދޭ. އަދި ހެދިފައިހުރި ޤާނޫނުތަކުގައި ހުރި އެކިއެކި އުނިކަންތައްތައް އިޞްލާޙުކުރުމަށްޓަކައި އެ ޤާނޫނުތައް އިޞްލާޙު ކުރެވެމުންވެސް އެބަދޭ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި، ފަހަކަށްއައިސް ފާސްވި މުހިންމު ޤާނޫނުތަކުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނާއި، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކުންފުންނާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި، ރަހުނާ ބެހޭ ޤާނޫނާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާ، މިބާވަތުގެ ވަރަށް ގިނަ ޤާނޫނުތައް ހިމެނޭ. މިއިން ކޮންމެ ޤާނޫނެއްގައިވެސް ބުނާ އެއްޗެއް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ. އަޅުގަނޑުމެންގެ ޙަޔާތުގައި ޤާނޫނުގެ މުހިއްމުކަން ވަރަށްބޮޑު.

އާއިލާއާބެހޭ ޤާނޫނު އެނގިގެންނޫނީ، ޢާއިލާއާބެހޭ ކަންތައްތައް ކުރަމުން ގެންދަންވީ ހަރުދަނާ ރަނގަޅުގޮތް އަޅުގަނޑުމެންނަކަށް ނޭނގޭނެ. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް ނޭނގޭނެ. ހަމައެފަދައިން، ކޮންޓްރެކްޓާބެހޭ ޤާނޫނެއްކަހަލަ ޤާނޫނެއްގައި ބުނާއެއްޗެއް އެނގިގެންނޫނީ، އެކިއެކި އެއްބަސްވުންތައް އަޅުގަނޑުމެން ހަދާއިރު، އޭގައި ހުންނަންވާ ކަންތައްތަކާއި، އެއިން އަޅުގަނޑުމެންނަށް ލިބިދޭ ޙައްޤުތަކާއި، އެއްފަރާތަކުން ކޮންޓްރެކްޓާ ޚިލާފުވެއްޖިއްޔާ، ދެން އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެކަމަކާ، މިހުރިހާ ކަމެއް މިއެނގެނީ، އެ ޤާނޫނުގައި ބުނާއެއްޗެއް އެނގިގެން.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކީވެސް މިކަހަލަ ކަންކަމަށް ބޭނުންވެފައިވާ މީހެއް. އެންމެކުޑަމިނުގައި، ގޭގެ ތަންކޮޅެއް ކުއްޔަށްދޭން ބޭނުންވެދާނެ ނުވަތަ ވިޔަފާރީގެ ކުޑަކުޑަ މުޢާމަލާތެއް ކޮށްލަން ބޭނުންވެދާނެ. އެކަން އެހެންކުރާއިރު، ޤާނޫނުގައި އެކަން ބުނެފައި އޮންނަނީ ކިހިނެއްތޯ އެނގެން އެބަޖެހޭ. ނޭނގޭކަމަށްވަންޏާ، ވަރަށް ފަސޭހައިން އެކިއެކި ބަދުނަސީބު ގޮތްތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެއީ އެއްވެސް ޤައުމެއްގައި އެންމެންނަކީ ޤާނޫނާއި ޤަވާޢިދަށް ހުރްމަތްތެރިކޮށްހިތާ ބައެއްނޫން. ކޮންމެ ޤައުމެއްގައިވެސް، އާދެ، ހިތާމަޔާއެކީ ދަންނަވަންޖެހެނީ، ދިވެހިރާއްޖޭގައިވެސް، ޤާނޫނާއި ޤަވާޢިދަށް ޙުރްމަތްތެރިކޮށްނުހިތާ މަދުބަޔަކުނަމަވެސް އެބަތިބި. ޤާނޫނުގައި ބުނާއެއްޗެއް އަޅުގަނޑުމެންނަށް ރަނގަޅަށް ނޭނގޭކަމަށްވަންޏާ، ފަހަރެއްގައި އެފަދަ ބަޔެއްގެ މަކަރު، އަޅުގަނޑުމެންގެ މައްޗަށް ހިނގާފާނެ. އެބައެއްގެ އޮޅުވާލުމުގައި އަޅުގަނޑުމެން ދަށުވެގެން ހިނގައިދާނެ. އަޅުގަނޑުމެންގެ ޙައްޤުތައް ގެއްލިގެން ހިނގައިދާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޤާނޫނުގައި ބުނާ އެއްޗެއް އެނގުމަކީ ހަމަ ކޮންމެ ރައްޔިތެއްގެވެސް ވާޖިބެކޭ. އެއީކީ ހަމައެކަނި ޤާނޫނީ ވަކީލުންގެ ވާޖިބެއްނޫނޭ. ޤާނޫނުގައި ބުނާއެއްޗެއް އެނގުމަކީ ހަމައެކަނި ޤާޟީން ކުރައްވަންޖެހޭނެ ކަމެއްނުނޭ. ފަނޑިޔާރުންގެ މަސްއޫލިއްޔަތެއް ނޫނޭ. ކޮންމެ ދިވެހި ރައްޔިތަކުވެސް، ދިވެހިރާއްޖޭގެ ޤާނޫނުތައް ހަމަ ދަންނަންޖެހޭނެ. އެއާ ބެހޭގޮތުން، އޭގައި ބުނާއެއްޗެއް އެނގި، ކަމެއްކުރަން ބޭނުންވެއްޖެނަމަ ކުރިއަށްދާންވީ މަގު، އެ ޤާނޫނުން އެމީހަކު ހޯދަންޖެހޭނެ. އެހެންނޫނީވިއްޔާ، ކުރިން ދެންނެވިގޮތުގެމަތިން ބައެއްކަހަލަ ބަދުނަސީބު ކަންތައްތަކާ ދިމާވުމަކީ ހަމަ ދުރުގައި އޮންނާނެ ކަމެއްނޫން.

އާދެ، އެކަން އެހެންއޮތްއިރު، ޤާނޫނު ޙިމާޔަތްކުރަން ބަޔަކު ތިބެންއެބަޖެހޭ. ޤާނޫނު ޙިމާޔާތްކުރާ ފަރާތަކީ ސަރުކާރު. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް. އޭގެތެރޭގައި، ގާޟީންނާއި، ޤާނޫނީ ވަކީލުންވެސް ހިމެނޭ.

އާދެ، މިރޭގެ މިއުފާވެރި ޖަލްސާގައި، މަޢުހަދުން އެ ހިންގެވި ކޯހުން ފާސްވެގެން، އެކަމުގެ ފަތް އެ ހޯދި ކުދިންނަކީ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި، މަސައްކަތް ކުރާނެ ނުވަތަ ޚިދުމަތްކުރާނެ ކުދިން. އެހެންވީމާ، އެކުދިން އެ މަސައްކަތް ކުރާއިރު، ވިސްނުން ބަހައްޓަންޖެހޭނެ، ވަރަށް މުހިންމު ކަންތައްތަކެއް ހުންނާނެކަން ކަށަވަރު. އާދެ، އޭގެތެރޭގައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ވާހަކަފުޅުގައިވެސް ބައެއް ކަންތައްތަކަށް އިޝާރާތްކުރެއްވި. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ، އަޚްލާޤީގޮތުން ވަރަށް މާތް، ވަރަށް ހަރުދަނާ ބަޔަކަށް ވާންޖެހޭނޭ. އެމީހުންނަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އެބައެއްގެ ކޮނޑުގައި އެޅިފައިވާ މީހުންނޭ. މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން ތިބި މީހުންނޭ. އެހެންވީމާ، އެމީހުން އެ އަދާކުރަނީ ވަރަށް މުހިންމު ޤައުމީ ވާޖިބެއް.

ޤާނޫނަކީ ކޮންމެތަނެއްގެވެސް، އެ ޤައުމެއްގެ އެންމެމަތީ މަޞްލަޙަތު ރައްކާތެރިކޮށްދީ، އެ ޤައުމެއްގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ޤައުމެއްގެ ރައްޔިތުން ކުރިއަށްދާންވީގޮތް ބުނެދޭ އެއްޗެއް. އެހެންކަމުން، ޤާނޫނީ ދާއިރާގައި، ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި، ޚިދުމަތްކުރައްވާ ބޭފުޅުން ވާންޖެހޭނީ، ވަރަށް މަތިވެރި ސިފަތަކެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމުގައި. އަޚްލާޤީގޮތުން ވަރަށް ހަރުދަނާ، މީހުން އިތުބާރުކުރާ ބޭފުޅުންކަމުގައި. ފަހަރެއްގައިވެސް އެދާއިރާގައި މަސައްކަތްކުރުން އެއީ، ވިޔަފާރިއަކަށް ވެގެންނެއްނުވާނެ.

އާދެ، އަޅުގަނޑަށްވެސް އެނގޭ، ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމަކީ އާމްދަނީ ލިބޭކަމެއް. އެހެންނަމަވެސް، އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެންމެ މުހިންމު އަމާޒަކަށް ވާންޖެހޭނީ، ގިނަ އާމްދަނީތަކެއް ހޯއްދެވުމެއްނޫން. އެބޭފުޅުންގެ އަމާޒަކަށް ވާންޖެހޭނީ، މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުން. ޤާނޫނާއި ޤަވާޢިދު ޙިމާޔަތްކުރެއްވުން. އެބޭފުޅުންގެ އަޚްލާޤު ހުންނަންޖެހޭނީ، މިދެންނެވިފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރާބައެއްގައި ހުންނަންޖެހޭފަދަ މަތީފެންވަރަކަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަތައް މިހެން ދަންނަވާލުމަކީ، ބޭނުންވެދާނެކަމެކޭ. ޚާއްޞަކޮށް، މިރޭގެ މި ޖަލްސާގައި އިނާމު ޙާޞިލުކުރި ކުދިންނާއި، އަދި މިކޯހުން ފާސްވިކުދިން، އެ ކުރިމަތިލަނީ އެކުދިންގެ ޢަމަލީ ޙަޔާތަށް. އެކުދިންގެ ޢަމަލީ ޙަޔާތަށް ކުރިމަތިލާއިރު އެކުދިންނަކީ، އެހެންމީހުންގެ ކުރިމަތީގައި މަޤްބޫލު، އަދި އެންމެން އިޙްތިރާމުކުރާ، އަދި މަތިވެރި އަޚްލާޤެއް ލިބިގެންވާ މާތް ކުދިންތަކެއް ކަމުގައި ވާންޖެހޭނެކަން، އަޅުގަނޑެކޭ އެއްފަދައިން، އަޅުގަނޑުގެ ހިތުން އެކުދިންވެސް ގަބޫލުކުރާނެ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ރާއްޖޭގައި ޝަރްއީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުން، އެ ކުރައްވާ ޚިދުމަތުގެ އަގުވަޒަންކުރަމުން، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. އަދި އެބޭފުޅުން އެ ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، އެބޭފުޅުން އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް އިތުރުކުރިއެރުމާއި ތަރައްޤީ ލިބި، ރާއްޖޭގެ ދީނާއި، ޤައުމިއްޔަތު ޙިމާޔަތްކުރެވި، އަދި އަޅުގަނޑުމެން ބޭނުންވާ މިޞްރާބަށް ދިޔުމުގެ ކަންތައްތައް ފަހިވެގެން ހިނގައްޖެނަމަ ޝައްކެއްނެތް، އަޅުގަނޑުމެން އެދޭ އަމާޒުތަކަށް ވާސިލުވުމަކީ ދަތިކަމަކަށްނުވާނެ.

މާތްﷲ އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އަދި އަޅުގަނޑުމެން އެންމެންނަކީ، ޝަރީޢަތާއި ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ، ޝަރީޢަތާއި ޤާނޫނަށް ލޯބިކުރާ، ޝަރީޢަތާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންތައް ކުރަމުން ގެންދާބަޔަކު ކަމުގައި ލައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.