بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭ މި ޙަފްލާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި، ކްރިކެޓް ކޮންޓްރޯލް ބޯޑު އޮފް މޯލްޑިވްސްގެ ވެރިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިރޭ މި ޙަފްލާއަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.

އާދެ، ދެންމެ އަޅުގަނޑުމެންނަށް ފަރުޙަތު ޖަލީލުގެ ވާހަކަފުޅުން އެނގުނު ފަދައިން، ރާއްޖޭގެ އެގާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމް ވަނީ ދާދިފަހުން ޝްރީލަންކާއަށް ދަތުރެއްކޮށްފައި. އެ ދަތުރުގައި، 6 މެޗް ކުޅުނުކަމަށް އަޅުގަނޑަށް އެނގިފައިވޭ. އޭގެތެރެއިން 4 މެޗް، އެ ކުދިން ކާމިޔާބުކުރި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މިއީ މި ކުދިން، މި ޓީމް، ފެށި ވަރަށް ރަނގަޅު ފެށުމެއް. އެކަމަށްޓަކައި، ޓީމުގެ ހުރިހާ ބޭފުޅުންނަށް، އާދެ، ޓީމު ތައްޔާރު ކުރެއްވުމުގައި މަސައްކަތް ކޮށްދެއްވި ކޯޗުންނާއި، އަދި ހިންގުންތެރިންނާއި، ކްރިކެޓް ކޮންޓްރޯލް ބޯޑު އޮފް މޯލްޑިވްސްގެ ވެރިންނާއި، އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ވެރިންނާ، މި ހުރިހާ ބޭފުޅުންނަށް އަދި ޚާއްޞަކޮށް، ބެލެނިވެރިން މިކަމުގައި ވެދެއްވާފައިވާ ދީލަތި އެހީތަކުގެ ވާހަކަ އަހާފައި، އެ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. ހަމައެއާއެކީގައި، މި ކާމިޔާބީ ހޯދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކީގައި، މަރުޙަބާއާއި ތަހުނިޔާ އަދާކުރަން.

އާދެ، ކްރިކެޓަކީ، ޝައްކެއްނެތް، ވަރަށް ރީތި ކުޅިވަރެއް. ދުނިޔޭގައި ވަރަށްގިނަ ޤައުމުތަކުން ކުޅޭ ކުޅިވަރެއް. އަޅުގަނޑުމެންގެ ރާއްޖޭގައި، ކްރިކެޓް ކުޅޭތާ 100 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އެހެންވީމާ، ރާއްޖެއަށް ކްރިކެޓަކީ އާ ކުޅިވަރެއް ނޫން. ރާއްޖޭގައި، ވަރަށް ކުރިއްސުރެ ކްރިކެޓް ކުޅުއްވި ވަރަށް ޢިއްޒަތްތެރި ބޭފުޅުން އެބަތިއްބެވި. މިހާރުވެސް ކްރިކެޓް ކުޅުއްވާ ބޭފުޅުން ތިއްބަވާ.

އަޅުގަނޑުމެންވެސް ބޭނުންވަނީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ކްރިކެޓްގެ މައިދާނުގައިވެސް ކުރިއަށްދެވޭތޯ މަސައްކަތްކުރުން. އެކަމަށް އެޅެންއޮތް އެންމެ މުހިންމު ފިޔަވަޅަކީ، މިހާރު ކްރިކެޓް ކޮންޓްރޯލް ބޯޑު އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެން، އެ ކުރައްވާ މަސައްކަތް ކަމުގައި އަޅުގަނޑު ދެކެން. އާދެ، އެއީ ވީހާ ޅައުމުރެއްގެ ކުދިންނަށް ކްރިކެޓް ދަސްކޮށްދިނުން. 9 އަހަރުން ދަށުގެ ޓީމަކާއި، 11 އަހަރުން ދަށުގެ ޓީމަކާ މިހާރު އޮވޭ. އަދި 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 16 އަހަރުން މައްޗާ، މި ޓީމުތަކަށް އެކަށީގެންވާގޮތެއްގައި ޕްރެކްޓިސް ދެވިއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުދިންނަކީ ވަރަށް އަވަހަށް މި މައިދާނުގައި ކުރިއަށް ހިނގައިދާނެ ކުދިންކޮޅޭކޭ. އެހެންވީމާ، އެފަރާތްތަކުން އެ ކުރައްވާ މަސައްކަތްވެސް، އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.

ދެން ކުދިންނާ މުޚާތަބުކޮށް، އެއްޗެއް ބުނަން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑު ބުނަންއޮތްހާވެސް ވާހަކައަކީ، އެ ކޯޗުން އެދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން، ރަނގަޅަށް ޕްރެކްޓިސް ކުރާށޭ. ގިނަވަގުތު ފޫހިވުމެއްނެތި ޕްރެކްޓިސް ކުރާށޭ. އޭރުންނޭ ކުރިއަށްދާނީ. ކޮންމެ ކަމެއްގައިވެސް ކުރިއަށްދާނީ، ގަދައަޅައި މަސައްކަތްކޮށްގެން. ހަމައެކަނި ކުރިއަށްދާން އުންމީދުކޮށްގެނެއް ކުރިއަކަށް ނުދެވޭނެ. ޖެހޭނެ މަސައްކަތްކުރަން. އެހެންވީމާ، ތިޔަކުދިންވެސް މަސައްކަތް ކުރާށޭ، ބުނަންއޮތްހާވެސް ވާހަކައަކީ.

އާދެ، އަޅުގަނޑުހިތަށް ކުއްލިއަކަށް އައި ހަނދާނެއް ދަންނަވާލާނަން. ތިޔަކުދިންވެސް އަހާފައިކަންނޭނގެ އޮންނާނީ، އަދި ޚާއްޞަކޮށް، މިތާތިއްބެވި ބޭފުޅުން ދެނެވަޑައިގަންނަވާނެ، އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް. ޖެފްރީ ބޮއިކޮޓް. އޭނާއަކީ މިހާރު ދެން ރިޓަޔަރކޮށްފައި، މިހާރު ދެން އޭނާ ކޮމެންޓްރީ ދީ ހަދާ މީހެއް، ވަރަށް ގިނައިން. ބައެއް ކްރިކެޓް ޓެސްޓް މެޗުތަކުގަޔާއި އަދި އެއްދުވަހުގެ މެޗުތަކުގައި އޭނާގެ ކޮމެންޓްރީ ފެންނާނެ. ވަރަށް މޮޅު މީހެއް އޭނާ އެއީ. އޭނާ ކުޅުނު ދުވަސްވަރު، އިނގިރޭސިވިލާތަށް އޭނާ އޯޕަނިންގ ބެޓްސްމަނަކަށް ކުޅުނީ. ވަރަށްގިނަ މެޗުތަކުގައި ކުޅެ، ވަރަށްގިނަ ލަނޑު އޭނާ ދީފައިވޭ. ވަރަށްގިނަ ސެންޗަރީވެސް (100 ލަނޑުވެސް) އެތައްފަހަރަކު ހަދާފައިވޭ. ދެން އޭނާ ކުޅުމުގެ ތެރޭގައި އެއްދުވަސްވަރެއްގައި ތަންކޮޅެއް ދަށް ސްކޯތަކަކަށް އައުޓްވާންފެށީމާ، އޭނާ ބުނެފައި އޮންނަނީ، އޭނާ ހެދިގޮތަކީ، އޭނާގެ ކުޅުން ވީޑިއޯ ކޮށްފައި ބެލީ. އެ ވީޑިއޯތައް ބަލައިގެން، އޭނާއަށް އެ ހެދޭ ކުށް. މި ދެންނެވީ ޓެކްނީކެއްގެ ގޮތުން އޭނާއަށް ކުރެވޭ ކުށް ނުވަތަ ހެދޭގޮތް ރަނގަޅަށް އޭނާ އަމިއްލައަށް ދިރާސާކޮށްފައި، ދެން އަލުން އަނެއްކާ ޕްރެކްޓިސް ކުރަން ފެށީ. އެހެންވީމާ، މިއީ މިކަން އޮތްގޮތަކީ. އަދި އޭނާ ބުނޭ، ކޮންމެ ދުވަހަކު އަދި މެޗެއް އޮތަސް ނެތަސް، އޭނާ ދެގަޑިއެއްހާއިރު ޕްރެކްޓިސް ކުރޭ، ޕްރެކްޓިސް ކުރަން އޮންނަ ތަނުގައި، ނެޓްސްގައި.

ދެން، އަދި އެނގިވަޑައިގަންނަވާނެ ފަދައިން، އިނގިރޭސިވިލާތުގައި ކްރިކެޓް ކުޅެނީ އަދި ކޮންމެ ޤައުމެއްގައިވެސް ކްރިކެޓް ކުޅެނީ ހޫނު މޫސުމުގައި. ފިނި މޫސުމުގައި ކްރިކެޓް އެއީ ކުޅޭ އެއްޗެއްނޫން. ނުވެސް ކުޅެވޭނެ. ފިނި މޫސުމުގައިވެސް އޭނާ ޕްރެކްޓިކްސް ކުރާކަމަށް. ކޮންމެ ދުވަހަކު ބެޓް ހިފައިގެން ނުކުމެ، ކޮންމެވެސްވަރަކަށް އޭނާ އަމިއްލައަށް ޕްރެކްޓިކްސް ކުރާކަމަށް. މިގޮތަށް ގިނަދުވަހު ޕްރެކްޓިސް ކޮށްގެން އޭނާ ކުރިއަށް ގޮސްފައި އެވަނީ. އެހެންވީމާ، މިއީ މަސައްކަތުން ވާނެކަމެއް.

ކުއްޖެއްގައި ޤުދުރަތީގޮތުން ހުރެދާނެ ޓެލެންޓެއް، ހުނަރުވެރިކަމެއް. އެހެންނަމަވެސް، އެކަން ތަރައްޤީކޮށް ކުރިއަށް ގެންދެވޭނީ، ހަމަ މަސައްކަތްކޮށްގެން. އެހެންވީމާ، އަޅުގަނޑު ބުނަންއޮތްހާވެސް ވާހަކައަކީ، ތިޔަކުދިންނަށް މިހާރު ތިޔަލިބިފައި ތިޔައޮތް ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށޭ. ވަރަށް ރަނގަޅު ކޯޗުން އެބަތިއްބެވި. ވަރަށް ރަނގަޅު ހިންގުންތެރިން އެބަތިއްބެވި. އެބޭފުޅުންގެ ނަސޭހަތްޕުޅު އަހައިގެން، އެބޭފުޅުން ވިދާޅުވާގޮތަކަށް، ރަނގަޅަށް، ގަވާއިދުން ޕްރެކްޓިސް ކުރަމުން ގެންދާށޭ. އޭރުން ތިޔަކުދިން ބޭނުންވާގޮތަށް ކްރިކެޓުގައި ކުރިއަށްދެވޭނެޔޭ. އަދި ތިޔަކުދިންގެ ފަރާތުން ޤައުމަށް ރީތިނަމެއްވެސް ލިބޭނެޔޭ.

އާދެ، ކޮންމެއަކަސް މި ޙަފްލާގައި ދެން މާގިނަ ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ގަސްތެއްނުކުރަން. އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ 11 އަހަރުން ދަށުގެ ކްރިކެޓް ޓީމް، މި ހޯދި ކާމިޔާބީއަށްޓަކައި، އެ ޓީމުގެ ކުޅުންތެރިންނަށާއި ހިންގުންތެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ 11 އަހަރުން ދަށުގެ ޓީމަށް މިހާރު އެ ހޯދިވަރަށްވުރެވެސް ފުރިހަމަ ކާމިޔާބީތަކެއް މުސްތަޤްބަލުގައި ހޯދޭނެ މަގު ތަނަވަސްވެގެންދިއުން. އެ ކުދިންނަށް އެކަންޏެއްނޫން، ރާއްޖޭގައި ކްރިކެޓް ކުޅޭ ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. އަދި އެކަމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މި ކުދިންގެ ބެލެނިވެރިން، އެބޭފުޅުން އެ ވެވަޑައިގެންދެއްވި ދީލަތި އެހީފުޅުތަކަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް ޚާއްޞަގޮތެއްގައި، އަޅުގަނޑު ޝުކުރު ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.