بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، އެ ކުދިބަޔަކަށްޓަކައި، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން މި ތައްޔާރުކުރި ސްކޫލް ހަދިޔާކުރެވޭ ކުދިންނަށް، މި މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާއާއި ތަހުނިޔާ އަދާކުރުން.

އާދެ، ޖަޕާނު ސަރުކާރުން އެ ކުރެއްވި ބޮޑު ޚަރަދާއި، ދިވެހި ސަރުކާރުން އެކުރި ބޮޑު މަސައްކަތް، މި ހުރިހާ ކަމެއް ކުރެވިފައި އެވަނީ މިއަދު އަޅުގަނޑުމެންގެ މި އުފާވެރި ޖަލްސާ ފަޅުފިލުވައިލާ އެންމެ މުހިންމު ޖަމާޢަތް ކަމުގައިވާ މި މަދަރުސާގައި ކިޔަވަމުންގެންދާނޭ ތުއްތުކުދިން. އެކުދިން މި ޖަލްސާގައި ތިބިކަމީ ޝައްކެއްނެތްގޮތުގައި، މި ޖަލްސާއަށް ލިބުނު ވަރަށްވެސް ބޮޑު ފުރިހަމަކަމެއް. އަޅުގަނޑުމެންގެ ހުރިހާވެސް އުންމީދަކީ މިއަދު މި ހުޅުވޭ މަދަރުސާގެ ސަބަބުން މިތާނގައި މިއަދު އެތިބި އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ލިބުން. ހަމައެއާއެކު، މިއަދު މިތާނގައި ނެތް ނަމަވެސް، މި މަދަރުސާއިން ތަޢުލީމު ޙާޞިލުކުރާނޭ ތުއްތުކުދިންނަށް މި މަދަރުސާގެ ފަރާތުން އެކަށީގެންވާ ފައިދާތަކެއް ކުރުން.

ޝައްކެއްނެތް، ތުއްތުކުދިންނަކީ މުސްތަޤްބަލުގެ ޒުވާނުން. ޤައުމުގެ ތަރައްޤީ އޮންނާނީ އެ ޒުވާނުންގެ އަތްމަތީގައި. އެހެންކަމާއެކު، އެކަށީގެންވާ ތަޢުލީމެއް ލިބިދެވިފައިވާ އަދި އެކުދިންގެ ހިތްތަކުގައި ޤައުމުދެކެވާ ވަރުގަދަ ލޯތްބެއް އުފެދިފައިވާ ކުދިބަޔަކަށް ދިވެހި ތުއްތުކުދިން ހެދުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ނޫނީ ނުވާނެ.

އާދެ، އަޅުގަނޑުމެން މިއަދު މި ފަށަނީ އަޅުގަނޑުމެންގެ މިނިވަންކަމަށް 24 އަހަރު ފުރުމުގެ މުނާސަބަތާބެހޭ އިޙްތިފާލުތައް. އެ އިޙްތިފާލުތަކުގެ އެންމެ ފުރަތަމަކަމަކީ މި ސްކޫލް ހުޅުވައިދިނުންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. ސްކޫލެއް ހުޅުވައިދިނުން އެއީ މިނިވަންކަމާބެހޭ އިޙްތިފާލުތަކުގެ ކަމަކަށްވީކަން އެއީ އަޅުގަނޑުހިތުން ވަރަށް މާނަހުރި ކަމެއް. ހުރިހާވެސް ތަރައްޤީއެއްގެ ފެށުމަކީ ތަޢުލީމު. ހުރިހާ ކުރިއެރުމެއްގެ އެންމެ ފުރަތަމަ ހަރުފަތަކީ ތަޢުލީމު. ދީނުގެ އެންމެ ފުރަތަމަ ނިދާއަކީވެސް ތަޢުލީމަށް ދެއްވާފައިވާ ނިދާ. ތިޔަބޭފުޅުން މިއަދުގެ މި އިޙްތިފާލުގެ ފެށުމުގައި އެއްސެވި އާޔަތްތަކުގައި، اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވޭ. "اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ.     خَلَقَ الْإِنسَانَ مِنْ عَلَقٍ. اقْرَأْ وَرَبُّكَ الْأَكْرَمُ. الَّذِي عَلَّمَ بِالْقَلَمِ. عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ."

ހުރިހާ ބޭފުޅުންނަށްވެސް މި އާޔަތްތަކުގެ މާނަ އެނގިވަޑައިގަންނަވާނެކަމާމެދަކު ޝައްކެއްނުކުރަން. އާދެ، ﷲ އެކަލާނގެ ނަބިއްޔާއާ މުޚާޠަބު ކުރައްވައި އެ އަންގަވަނީ، "ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށޭ. އެކަލާނގެއީ އިންސާނާ ގަނޑުލޭކޮޅަކުން އުފެއްދެވި ރަސްކަލާނގެއޭ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށޭ. ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއޭ. އެ ރަސްކަލާނގެއީ ޤަލަމުގެ ވާސިޠާއިން އުނގަންނައިދެއްވި ރަސްކަލާނގެއޭ. އިންސާނުންނަށް އެބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ އުނގަންނަވައިދެއްވިއޭ."

އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައިވެސް ވަރަށް ތަފްޞީލުކޮށް މި ވާހަކަ ވިދާޅުވި. އިސްލާމްދީނުގެ އެންމެ ފުރަތަމަ އަމުރަކީ ކިޔެވުމަށާއި ކިޔަވައިދިނުމަށް ކުރައްވާފައިވާ އަމުރުކަން އެމަނިކުފާނު ބަޔާންކުރެއްވި. އެހެންވީމާ، އެކަމާ ދޭތެރޭގައި މާދިގު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ދީނުގެ ފެށުމަކީވެސް އުނގެނުމާއި އުނގަންނައިދިނުމޭ. އެހެންކަމުން، އިންސާނީ ތަރައްޤީގެ ކޮންމެ ކަމެއްގެ ފެށުންވެސް ވާންޖެހޭނީ އުނގެނުމާއި އުނގަންނައިދިނުން ކަމުގައޭ.

އާދެ، މިނިވަންކަމަށް 24 އަހަރު ފުރިގެން އެކަމުގެ އުފާ އަޅުގަނޑުމެން ފާޅުކުރަން ފަށާއިރު، ކުރާ އެންމެ ފުރަތަމަ ކަމަކީ، މަދަރުސާއެއް ހުޅުވުނުކަން އެއީ އަޅުގަނޑުހިތުން ވަރަށް އުފާވެރި ފާލެއް. މިނިވަންކަމުގެވެސް އަޞްލަކީ އުނގެނުން. ތިމާގެ ޙައްޤުތައް ދެނެގަތުން. ތިމާގެ ޙައްޤުތައް ނުދަންނަ މީހަކު މިނިވަންވާކަށް މަސައްކަތެއް ނުކުރާނެ. ހަމައެފަދައިން، ޤައުމުގެ ޙައްޤުތަކަކީ ކޮބައިކަން ނުދަންނަ ބަޔަކުވެސް، އެ ޤައުމެއްގެ މިނިވަންކަމަށް ޝައުޤުވެރިކަމެއް ނުބަހައްޓާނެ. އެ މިނިވަންކަން ހޯދާކަށް ނުވަތަ މިނިވަންކަން ލިބިއްޖެނަމަ، އެ މިނިވަންކަން ދަމަހައްޓާކަށްވެސް މަސައްކަތެއް ނުކުރާނެ. އާދެ، އެހެންކަމާއެކު، މިއަދުގެ މި އިޙްތިފާލު، މަދަރުސާއެއް ހުޅުވުމުގެ އިޙްތިފާލުން ފެށުނުކަން އެއީ އަޅުގަނޑުގެ ހިތަށް ވަރަށްވެސް ބޮޑު އުފަލެއް ޙާޞިލުކޮށްދޭ ކަމެއް.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސްކޫލަކީ އާދެ، ކަލާފާނު ސްކޫލަކީ ޖަޕާނު ސަރުކާރުގެ ވަރަށް ދީލަތި އެހީއެއް ލިބިގެން، ދިވެހި ސަރުކާރުން ބިނާކޮށް ތައްޔާރުކުރި ސްކޫލެއް. ފައިސާގެ ގޮތުން ދަންނަވަންޏާ، ޖަޕާން ސަރުކާރުން މި ސްކޫލަށް 672 މިލިއަން ޔެން ޚަރަދު ކުރައްވާފައިވޭ. އާދެ، ދިވެހި ރުފިޔާއަށް ބަދަލުކޮށްލީމާ، އެއީ ގާތްގަނޑަކަށް 42 މިލިއަން ރުފިޔާ. އެމެރިކާ ފައިސާއިން ދަންނަވަންޏާ، ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު. މިހާބޮޑު ޚަރަދެއް ޖަޕާނު ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި، ދިވެހި ކިޔަވާކުދިންނަށްޓަކައި، ދިވެހި ތަޢުލީމަށްޓަކައި ކުރައްވާފައިވާކަމީ ޝައްކެއްނެތްގޮތުގައި، އެކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު އެ ސަރުކާރަށް ޝުކުރު އަދާކުރަންޖެހޭނެ ކަމެއް. މިއަދު އެ ސްކޫލެއް ހުޅުވުމުގެ އިޙްތިފާލުގައި އަޅުގަނޑުމެން ބައިވެރިމިވާ ކަލާފާނު ސްކޫލްގެ އިތުރަށް، ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި 15 ސްކޫލެއް މިހާރުވަނީ ބިނާވެ ނިމިފައި. އެ ސްކޫލްތަކުގެ ތަޢުލީމު ކިޔަވައިދިނުން ދަނީ ކުރިއަށް.

އާދެ، އެ 15 މަދަރުސާ ބިނާކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 1305 މިލިއަން ޖަޕާނު ޔެން ޚަރަދު ކުރައްވާފައިވޭ. ގާތްގަނޑަކަށް 82 މިލިއަން ދިވެހި ރުފިޔާ. މި މަދަރުސާތަކުގެ އިތުރަށް، ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ލިބޭ ހިލޭ އެހީ ވަރަށްވެސް ގިނަ. ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ޖަޕާނުގެ އެހީގައި އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަމު. ބައެއް ކަންތައްތައް މިހާރުވަނީ ނިމިފައި. އަނެއްބައި ކަންތައްތައް ކުރިއަށްދަނީ. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ ބޮޑު ޕްރޮޖެކްޓް، އޭގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިމިފައި. އެއީވެސް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެއް. އަދި އަޅުގަނޑުމެންނަށް މިތާ ތިބޭއިރު ފެންނަން މިއޮތް މާލޭގެ ދެކުނު ފަރާތުގެ ކަނޑުތޮށިލުމުގެ މަޝްރޫޢު އެއީވެސް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެއް. އަދި ކާބޯތަކެތީގެ އެހީއާއި، ޘަޤާފީ އެއްބާރުލުމުގެ އެހީއާ، މިހެންގޮސް ވަރަށްގިނަ ވައްތަރުތަކުގެ އެހީ، ޖަޕާނު ސަރުކާރުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހި ސަރުކާރަށް ވަނީ ލިބިފައި. އަދި ދަނީވެސް ލިބެމުން. އެހެންވީމާ، ޖަޕާނަކީ ދިވެހިންނަށް އެންމެ ހެޔޮއެދޭ، ދިވެހިންގެ ކުރިއެރުމަށް އެންމެ ޝައުޤުވެރިކަން ބަހައްޓާ ޤައުމުކަމާމެދަކު ޝައްކެއްނެތް.

މި މަސައްކަތް މިހާ ފުރިހަމައަށް ހިންގެވި ފަރާތްތަކަށް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވަނީ އިޝާރާތް ކުރައްވާފައި. އަދި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި. އެހެންކަމުގައިވިޔަސް، އެފަރާތްތަކަށް ޝުކުރު އަދާކުރުމަކީ، އަޅުގަނޑަށްވެސް ދޫކޮށްނުލެވޭވަރުގެ ބޮޑު އުފަލެއް. އާދެ، އެންމެ ފުރަތަމަ ޖަޕާނު ސަރުކާރު. ޖަޕާނު ސަރުކާރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، މި މަސައްކަތް ހިންގެވި ފަރާތް ކަމުގައިވާ މިޓްސުވީ ކޯޕަރޭޝަނަށްވެސް އަޅުގަނޑުމެން އެންމެންގެ ޝުކުރު ޙައްޤުވެގެންވޭ. އަދި މަސައްކަތް ހިނގާ ނުހިނގާގޮތް ބެއްލެވި ފަރާތް ކަމުގައިވާ މޯރީ އާކިޓެކްޓް އެންޑް އެސޯސިއޭޓްސް، އެ ފަރާތަށްވެސް އަޅުގަނޑުމެންގެ ޝުކުރު ހިފެހެއްޓުމެއްނެތި ރައްދުކުރަންޖެހޭ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މި މަދަރުސާއަކީ ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި މަޝްރޫޢެއްގެ ނަތީޖާ. އެހެންކަމާއެކު، ދިވެހި ސަރުކާރުގެ ފަރާތުންވެސް މިކަމުގައި ވަރަށްގިނަ ފަރާތްތަކެއް ހިމެނިފައިވޭ. އެންމެ ފުރަތަމަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އާދެ، އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އެމަނިކުފާނާއި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި ކަންތައްތައް ހިންގަވަން ތިއްބެވި ބޭފުޅުންނާއި އަދި ސަރުކާރުގެ ކަމާބެހޭ އެހެން ހުރިހާ ފަރާތްތަކާ، މި ހުރިހާ ފަރާތްތަކަކުން މި މަޝްރޫޢު އެކަށީގެންވާ ގޮތެއްގައި އެކަށީގެންވާ ހަލުވިކަމަކާއެކު މިހާ ފުރިހަމަކޮށް ނިންމެވީ ވަރަށްބޮޑެތި މިންނަތް މަސައްކަތްތަކެއް ކުރައްވައިގެން. އެހެންވީމާ، އެ ހުރިހާ މަސައްކަތްތަކެއް އިޚްލާޞްތެރިކަމާއެކު ސަރުކާރުގެ ފަރާތުން ޤަބޫލުކޮށް، އެ ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި މަދަރުސާގެ ނަން ނިސްބަތްވެގެން މިވަނީ އަޅުގަނޑުމެންގެ ތާރީޚުގެ ވަރަށް އަގުހުރި ބަޠަލަކަށް. އާދެ، އެއީ ކަލާފާނު. އައްސުލްޠާން އިބްރާހީމް (ތިންވަނަ). އައްސުލްޠާން އިބްރާހީމް (ތިންވަނަ) އަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ދަރިކަލެއް. ބޮޑުތަކުރުފާނުގެ ފަހުން ދިވެހި ރަސްކަމަށް އިސްވެވަޑައިގަތީ ކަލާފާނު. އޭނާއަކީ ގާތްގަނޑަކަށް 24 އަހަރު ދުވަސް ވަންދެން ރާއްޖޭގެ ތަޚުތުގައި އިންނެވި، ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެއް. އޭނާއަކީ ޢިލްމުވެރިކަމަށް ޝައުޤުވެރިކަން ބެހެއްޓެވި، ޢިލްމުވެރިންދެކެ ލޯބިފުޅުވާ އަދި ޢިލްމު ފެތުރުއްވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ރަސްކަލެއް. ޢިލްމު އުނގެނޭ މީހުންނަށް އުޖޫރައެއް ދެއްވުމަށްވެސް ކަނޑައެޅުއްވި. އަދި ޢިލްމުވެރިންގެ ޤަދަރު އުފުއްލަވައި، އެމީހުންނަށް ކަމޭހިތްތަވައި ހެއްދެވި ބޭފުޅެއް. ބުއްދީގެ ޙިކުމަތާއެކު ސީދާ ސިޔާސަތެއް ގެންގުޅުއްވި ޢަދުލުވެރި ރަސްކަލެއް. ރައްޔިތުންގެ ޙާލު އަޙުވާލު ބައްލަވައި، އެބައިމީހުންގެ ކަންތައްތައް އިޞްލާޙު ކުރެއްވި ރަސްކަލެއް. ނިކަމެތިންނަށް ވަރަށް ޚާއްޞަ ގޮތެއް ބަހައްޓަވައި، ބަލިމީހުންނަށް ގަނޑުވަރުން ޚަރަދު ކުރައްވައިގެން ބޭސްފަރުވާކޮށްދެއްވި ރަސްކަލެއް. އަދި ނިކަމެތިންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ، އެމީހަކު ވަޅުލުމުގެ ހުރިހާ ކަމެއްވެސް ގަނޑުވަރުގެ ފަރާތުން ކޮށްދެއްވި ރަސްކަލެއް. މިނޫނަސް ނިކަމެތިންނަށާއި ފަޤީރުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރެއްވި އަދި ޢިލްމަށް ލޯބި ކުރައްވާ، ޢިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި މަޝްހޫރު ރަސްކަލެއް ކަލާފާނަކީ. އައްސުލްޠާން އިބްރާހީމް (ތިންވަނަ) މި ރަސްގެފާނަކީ. އެހެންކަމާއެކު، އެ ރަސްގެފާނަށް މި މަދަރުސާ ނިސްބަތްވިކަން އެއީވެސް އަޅުގަނޑުހިތުން ވަރަށް ޚާއްޞަ އުފަލަކާއެކު އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ތާރީޚުގައި ހިނގާފައިވާ ބޮޑެތި ކަންތައްތައް އަޅުގަނޑުމެން ދެނެގަނެ، އަދި އަޅުގަނޑުމެންގެ ތާރީޚަށް، ރާއްޖޭގެ ކުރިއެރުމަށް، ރާއްޖޭގެ މިނިވަންކަމަށް ޚިދުމަތް ކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތައް ދިރުވައި، އެ ނަންފުޅުތައް އާލާކޮށް ހެދުމަކީ ޝައްކެއްނެތްގޮތުގައި، މުސްތަޤްބަލުގައި ރާއްޖެ ކުރިއަށް ދިޔުމަށް ވަރަށްބޮޑު ބާރަކަށްވާނެ ކަމެއް. އެހެންކަމާއެކު، މި މަދަރުސާއަށް "ކަލާފާނު ސްކޫލް" ކިޔުނުކަމީ އަޅުގަނޑުހިތުން އަޅުގަނޑު މި ދެންނެވި މަޤްޞަދު، އޭގެ ސަބަބުން ޙާޞިލުވާނެ ކަމެއް.

އާދެ، ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް އަޅުގަނޑު ދައްކާކަށެއް ނުޖެހޭ. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި، އެކަންތައްތައް ބަޔާންކޮށްދެއްވައިފި. ސަރުކާރުގެ ސްކޫލްތަކުގެ ޢަދަދަށް މިހާރު ބަލާއިރު، މި ސްކޫލް ހުޅުވުމުން، މުޅި ރާއްޖޭގައި ސަރުކާރުގެ 50 ސްކޫލް ހަމަވީ. އޭގެއިތުރުން، ސަރުކާރުގެ އެހީ ލިބޭ 189 އަމިއްލަ މަދަރުސާ ރާއްޖޭގައި މިހާރު އެބަހުރި. ކިޔަވާކުދިންގެ ޢަދަދަށް ބަލާއިރުވެސް، އަޅުގަނޑުމެންގެ މުޅި ދިވެހި ރައްޔިތުންގެ ޢަދަދުގެ ސަތޭކައަކުން ހަތާވީސް ހިމެނެނީ، އެކިއެކި މަދަރުސާތަކަށް ގޮސްގެން ތަޢުލީމު ޙާޞިލުކުރާ ކުދިން ކަމުގައިވީކަން ނުވަތަ ވާކަން އެއީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށްލަންޖެހޭނެ ކަމެއް.

އާދެ، މިހާރު ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވާކުދިންގެ ޢަދަދު ފަންސާސް ހަތަރުހާހަށްވުރެ މައްޗަށް ހިނގައްޖެ. މީގެއިތުރުން، މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އަދި އެކިއެކި ޚާއްޞަ ރޮނގުރޮނގުން އިތުރު ތަމްރީނު ހޯދުމަށްޓަކައި ސަރުކާރުން ވަރަށްގިނަ ކުދިން ނުވަތަ މީހުން ސްކޮލަރޝިޕްތަކުގައި މީހުން ބޭރަށް ފޮނުވާ. ހަމައެއާއެކުގައި، ރާއްޖޭގައި މި ހުޅުވޭ މަދަރުސާތަކުގައި ކިޔަވައިދޭނޭ މުދައްރިސުން ތައްޔާރުކުރުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސްތަކެއްވެސް ސަރުކާރުން އެބަ ހިންގާ. ދެންމެ މިނިސްޓަރ ވިދާޅުވިފަދައިން، މިހާރު ފަށާ ތަޢުލީމުގެ މަދަރުސާތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ސަތޭކައަކުން ނުވަދިހަ އެއީ ދިވެހި މުދައްރިސުން ކަމުގައިވީކަން އެއީ މި ދެންނެވި ބަހުގެ ހެތްކެއް.

މުދައްރިސުން ތަމްރީނު ކުރުމާއި، ކިޔަވައިދޭ މުޤައްރަރުތައް އިޞްލާޙު ކުރުމާއި، ފޮތް ޗާޕްކުރުމާއި އަދި މުދައްރިސުންގެ ކަންތައްތައް ރަނގަޅުކޮށްދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި، ގިނަ މަދަރުސާތައް، މާލެއާއި ރާއްޖެތެރޭގައި ހުޅުވެމުން ގެންދިޔުމާ، އެހެރީ ހައްތަހާވެސް ރައްޔިތުންނަށް މިއަދު އިޙްސާސް ކުރެއްވޭނެ ކަންތައްތައް. އާދެ، ތަޢުލީމުގެ ކަންތައްތަކަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ރާއްޖޭގެ ތަރައްޤީގައި އެންމެ މުހިންމު، އެންމެ އިސްކަންދޭންޖެހޭ ކަންތައް. ޚިދުމަތް. އެހެންކަމާއެކު، ތަޢުލީމާބެހޭ ޤައުމީ މަޖިލީހެއް ދާދިފަހުން ސަރުކާރުން ވަނީ އުފައްދާފައި. އެ މަޖިލީހުގެ މުހިންމުކަމާއެކު، ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި އޮތީ، އެ މަޖިލީހުގެ ރިޔާސަތު ސީދާ ރައީސުލްޖުމްހޫރިއްޔާ ބަލަހައްޓާގޮތަށް އޮތުމަށް. އެހެންކަމާއެކު، އަޅުގަނޑު އެކަން ކުރަމުން މިގެންދަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި. އަދި ވަޒީރުންގެ މަޖިލީހުން އެ ނިންމެވި ނިންމެވުމަށް ޙުރްމަތްތެރިކޮށްހިތުމުގެ ގޮތުން.

އާދެ، ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ޖަލްސާތައް ވަރަށް ގިނަގިނައިން ބޭއްވެމުން އެބަ ގެންދެވޭ. މި ޖަލްސާތަކުން ވަރަށް މުހިންމު ކަންތައްތަކާ ދޭތެރޭގައި ބަޙުޘްކޮށް، މަޝްވަރާކޮށް މުހިންމު ޤަރާރުތަކެއް ކަނޑައެޅެމުންވެސް އެބަދޭ. ރާއްޖޭގެ ތަޢުލީމަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ މައްސަލަތައް ޙައްލުކޮށް، އަދި ފައިދާހުރިގޮތެއްގައި ރާއްޖޭގެ ތަޢުލީމު، ރާއްޖޭގެ ދަރިވަރުންނަށް ލިބިދެވޭނެ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތައް ކުރުމަށް ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ފަރާތުން މިހާރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުން.

އާދެ، ތަޢުލީމުގެ މުހިންމުކަމާ ދޭތެރޭގައިވެސް އަޅުގަނޑު ވާހަކަދައްކާކަށެއް ނުޖެހޭ. އެއީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް އޭގެ އަގު ފިސާރި ރަނގަޅަށް ވަޒަންކުރެއްވޭތީ. ކުޑަކުޑަ މިސާލެއް އަޅުގަނޑު ދަންނަވާލާހިތްވޭ. 1979 ވަނަ އަހަރު އަޅުގަނޑު ރާއްޖެތެރެއަށް ކުރި އެންމެ ފުރަތަމަ ދަތުރު. އާދެ، ރައީސްކަމާ ޙަވާލުވިފަހުން އަޅުގަނޑު ރާއްޖެތެރެއަށް އެންމެ ފުރަތަމަ ދަތުރެއްކުރީ 1979 ވަނަ އަހަރުގެ ކުރީކޮޅުގައި. އެންމެ ފުރަތަމަ ދިޔައީ ތިލަދުންމައްޗަށް. އެހިސާބުގަނޑަށް ގޮސް، އެތަންތާނގެ އެކިއެކި ރަށްރަށަށް ޒިޔާރަތްކޮށް، އެތަންތާނގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުމުގެ ގޮތުން ތަޢުލީމާ ބެހޭގޮތުންވެސް އަޅުގަނޑު ސުވާލުކޮށްހެދިން. ހަމައެކަނި މި ދެންނެވި އަތޮޅުގައެއް ނޫން. އެހެން އަތޮޅުތަކުގައިވެސް ތަޢުލީމާބެހޭ ކަންތައްތައް ހިނގަމުންދަނީ ކިހިނެއްތޯ ބަލައިލި ބަލައިލުމުގައި އެނގުނީ، ބައެއް ތަންތާނގައި އަމިއްލަ މަދަރުސާތައް ނުވަތަ ރަށުގެ ރައްޔިތުން ހިންގާ މަދަރުސާތައް ހުރިކަމަށް. އެހެންނަމަވެސް، އެ މަދަރުސާތަކަށް ދާނެ ކުދިންނެއްނުވޭ. ކުދިންނުވާ ސަބަބަކީ މަދަރުސާއަށް ދައްކަންޖެހޭ ފީ، ބެލެނިވެރިންނަށް ނުދެއްކޭތީ. އާދެ، ފީގެ ޢަދަދަކީ ކޮބައިތޯ؟ -/1 (އެއް ރުފިޔާ). އެއް ރުފިޔާގެ ފީއެއް ދައްކައިގެން މަދަރުސާއަށް ކުދިން ފޮނުވުމަކީ އޭރުގެ ކަންތައްތައް އޮތްގޮތުން ނުވަތަ އޭރުގެ އެމީހުންގެ ވިސްނުން ހުރިގޮތުން އެމީހުން ކޮންމެހެން ކުރަން ބޭނުންވާ ކަމެއްނޫން. އެކަމަކު މިހާރު ކޮބައިތޯ؟ މިހާރު ކިތައް ރުފިޔާތޯ ކޮންމެ ބެލެނިވެރިޔަކު، ކޮންމެ ބައްޕަޔަކު، ކޮންމެ މަންމަޔަކު، އެމީހުންގެ ދަރިންނަށް، އޭނާގެ ދަރިންނަށް ކިޔަވައިދިނުމަށް ޚަރަދުކުރަނީ. ކިތައް އެއް ރުފިޔާތޯ؟ އެއީ ހަމައެކަނި އަޅުގަނޑުމެންގެ ތަނަވަސްކަން، ކުރިއަށްވުރެ ބޮޑުވެގެންވީ ކަމެކޭ އަޅުގަނޑު ދަންނަވާކަށްނެތިން. އެއީވެސް ސަބަބެއް. ކުރިއަށްވުރެ ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ ތަނަވަސްކަން މިއަދު ބޮޑު. އެހެންނަމަވެސް، ތަނަވަސްކަން އިތުރުވުމުގެ އިތުރަށް، އަޅުގަނޑުހިތުން އެއީ މީހުންގެ ވިސްނުމަށްވެސް އައި ވަރަށްބޮޑު ބަދަލެއް. އެންމެންވެސް މިހާރު ބޭނުންވަނީ އެމީހުންގެ ކުދިންނަށް ކިޔަވައިދޭން. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންނަމަވެސް ކިޔަވައިދޭން. އެއީ ކިޔަވައިދިނުމުގެ މުހިންމުކަން، މީހުންނަށް މިހާރު ރަނގަޅަށް އިޙްސާސް ކުރެވިފައިވާތީ.

އެހެންވީމާ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، އަދި ޚާއްޞަކޮށް، މިހިސާބުގަނޑުގެ ޤައުމުތަކަށް ބަލާއިރު، ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، އެތަނެއްގެ ރައްޔިތުން އެންމެބޮޑަށް ޙިއްޞާކުރާ ތަނަކީ ނުވަތަ ޤައުމަކީ ދިވެހިރާއްޖެ ކަމުގައި މިއަދު ފާހަގަކުރެވޭ.

އާދެ، އިންސާނަކަށް އެނގޭ ކޮންމެ އެއްޗަކީ، އޭނާއަށް އާ ދޮރެއް ހުޅުވައިދޭ އެއްޗެއް. ތަރައްޤީގެ ދޮރެއް. ކުރިއެރުމުގެ ދޮރެއް. ތަނަވަސްކަމުގެ ދޮރެއް. އެއްޗެއް އެނގިގެން ގޯހެއްނުވާނެ. ގިނައިން އެނގުނުވަރަކަށް ވާނީ ރަނގަޅު. ބައެއް މީހުން ބުނޭ، ތަޢުލީމު ޙާޞިލުކުރުމުން ބައެއްފަހަރަށް އެކަށީގެންނުވާ ނަތީޖާތައްވެސް ފެންނަމުންދެއޭ. މިސާލަކަށް، މީހުންގެ މެދުގައި ފިތުނަ އުފެދުން. ޙަސަދަވެރިކަން އުފެދުން. އެއީ ތަޢުލީމު ލިބުނުވަރަކަށް މީހުންގެ ތެރޭގައި ފެތުރިގެންދާ ކަމެކޭ. ސިޔާސީގޮތުން، އިޖުތިމާޢީ ގޮތުންވެސް ތަންދޮރު އޮޅުންފިލީމާ، ތިމާގެ ޙައްޤުތައް ބޮޑަށް އެނގޭތީ، އެ ޙައްޤުތައް ހޯދަން މަސައްކަތްކުރާގޮތް ދިމާވަނީ. އެހެންވީމާ، ހަމަނުޖެހުންތައް އުފެދޭގޮތް ދިމާވަނީ. ބައެއް މީހުން އެހެން ބުނޭ. އެހެންނަމަވެސް، އޭގެ ޖަވާބަކީ އެހެން އެ ދިމާވަނީ ފުދޭވަރަށް ތަޢުލީމު ނުލިބޭތީއޭ. އެހެން ދިމާވާ ކޮންމެ ހިނދެއްގައިވެސް، އޭގެ ފަރުވާއަކީ އިތުރު ތަޢުލީމު. ތަޢުލީމަކީ އެއިން ނުކުންނަ ނުބައި ނަތީޖާއެއް އޮވެއްޖެނަމަ، އެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އިތުރު ތަޢުލީމަށް ބޭނުންވާ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން ފަހަރެއްގައިވެސް ބިރުގަންނާކަށެއް ނުޖެހޭ. ރާއްޖޭގެ ތަންކޮޅެއް ކުރިން ބައެއް ޒަމާންތަކުގައި، އަޅުގަނޑުހިތުން ސަރުކާރުން ޖެހިލުންވަމުންދިޔަ ކަމެއް، މީހުންނަށް ތަޢުލީމު ދިނުން އެއީ. އެހެންނަމަވެސް، އެއީ އެއްގޮތަކަށްވެސް އެކަން އޮންނަންވީ ގޮތެއް ނޫން. ތަޢުލީމު ބޮޑަށް ލިބުނުވަރަކަށް ތަން ކުރިއަށްދާނީ. މީހުންނަށް ތަންދޮރުއޮޅުންފިލާނީ. އަދި މީހުންނަށް ތަންދޮރުއޮޅުންފިލި މިންވަރަކުން އެމީހުންގެ އެހެން ކަންތައްތައްވެސް ކުރިއަށްދާނީ. އެއްގޮތަކަށްވެސް އެއީ އަޅުގަނޑުމެން ޖެހިލުންވާންވީ ކަމެއް ނޫން. ބިރުގަންނަންވީ ކަމެއްނޫން. ކުރިންވެސް ދެންނެވި ފަދައިން، ތަޢުލީމު ޙާޞިލު ކުރުމުން، ފަހަރެއްގައި ބައެއްކަހަލަ ހަމަނުޖެހުންތައް އުފެދޭކަމަށްވަންޏާ، އިތުރު ތަޢުލީމު ދިނުމުން، ފުދޭވަރަށް ތަޢުލީމު ދިނުމުން، އެކަންތައްތައްވެސް ދާނީ ހަމަޖެހެމުން.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށްނެތިން. މި މަދަރުސާ ހުޅުވުން މިއީ އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް އަމަންއަމާންކަން މިންވަރު ކުރެއްވުން. ރާއްޖޭގެ ރައްޔިތުން ޞުލްޙަމަސަލަސްކަމާއި ބާއްޖަވެރިކަމާއެކު ދިރިއުޅެމުން ގެންދިޔުމުގެ ތައުފީޤު އެކަލާނގެ ދެއްވުން. ރާއްޖޭގެ ކަންތައްތައް ތަރައްޤީ ކުރުމަށް ސަރުކާރުންނާއި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ވާގި އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންގެ ކުރިއެރުން ބިނާވެފައިވަނީ ތަޢުލީމުގެ މައްޗަށް ކަމަށްވާތީ، ރާއްޖޭގެ އެންމެންނަށް، ހަމައެކަނި ރާއްޖޭގެ ތުއްތުކުދިންނަކަށް ނޫން. ރާއްޖޭގެ ތުއްތުކުދިންނަށާއި، އެއަށްވުރެ ބޮޑެތި ކުދިންނަށާއި، ޒުވާނުންނަށާއި، ބޮޑެތި މީހުންނަށާއި، މުސްކުޅިންނަށްވެސް އެކި ރޮނގުރޮނގުން ތަޢުލީމު ޙާޞިލުކޮށްދިނުމުގެ މަގުތައް ﷲ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.