بســم اللّـه الرّحمـن الرّحيــم

އިންސާނުންނަށްޓަކައި އުޑުތަކާއި ބިން އުފައްދަވައި އެތަންތާނގައި ގިނަގުނަ ނިޢުމަތްތަކެއް ލެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ އެއްގަމުގަޔާއި ކަނޑުތަކުގައި ލައްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް އިރުޝާދު ދެއްވި މުޙައްމަދު صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

މިއަދަކީ ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔަ ފަދައިން، ދުނިޔޭގެ ތިމާވެށި ދުވަސް. މިއަދުގެ މުނާސަބަތުގައި ދުނިޔޭގެ އެތަންމިތާނގައި ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުންދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިއަދު ގަސްތުކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މަސައްކަތްތަކެއް ފަށަން.

ޝައްކެއްނެތް، އިންސާނުން ދިރިއުޅޭ ތިމާވެށްޓަކީ ނުވަތަ މާޙައުލަކީ އެއާނުލައި އިންސާނުންނަށް ދިރިނުތިބެވޭނެ އެއްޗެއް. އިންސާނީ ނައުޢު ދެމިއޮތުމަށްޓަކައި ކޮންމެހެން ބޭނުން އެއްޗެއް. އިންސާނުން ނޭވާލާން ސާފުވައި ބޭނުންވޭ. އެމީހުން ބޯން ސާފު ފެން ބޭނުންވޭ. އެމީހުން ކާނާ ހޯދުމަށާއި، ހިޔާވަހިކަން ހޯދުމަށް ގަސްގަހާގެހި ބޭނުންވޭ. އަދި އެނޫންވެސް މިދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީ އެތަކެތި ނެތިއްޖެނަމަ އިންސާނީ ނައުޢަށް ނިކަމެތިކަން ލިބޭނެ ތަކެތި. އެއީ ﷲ އިރާދަކުރައްވާފައިވާ ގޮތުގެމަތިން އިންސާނުންނަށް މިދުނިޔޭގައި ތަރައްޤީވެވޭނެ މަގުތަކަށް ހުރަސްއަޅާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެންނަށް ލިބިފައިމިވާ ތިމާވެށި ރައްކާތެރިކުރުމަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ކޮންމެހެން ބޭނުންވެފައިވާ ކަމެއް. އަޅުގަނޑުމެންނަކީ އިންސާނުންގެ ޞިއްޙަތާ ނުލާހިކު ގުޅޭ، ނުހަނު ގުޅޭ މާޙައުލެއް ލިބުމުގެ މަތިވެރި ނަޞީބު ލިބިފައިވާ ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ފިނިހޫނުމިނަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ފިނިހޫނުމިނެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ބިމަކީ ގަސްހެދޭ ބިމެއް. އަޅުގަނޑުމެންގެ ރަށްތައް ހުރަސްކޮށް ދަތުރުކުރާ ވައިރޯޅިތަކަކީ، މާކަނޑުގެ ޤުދްރަތީ ފުރޭމުން ފުރޭނިގެން އަޅުގަނޑުމެންނަށް ލިބޭ ތާޒާ ސާފު ވައެއް. އަޅުގަނޑުމެންގެ ބިން ދިރުވައި، އަޅުގަނޑުމެން ކަރުހިއްކުން ފިލުވަނީ އަޅުގަނޑުމެންގެ ރާއްޖެއަށް ވެހޭ ސާފު ތާޒާ ވާރޭފެނުން.

އާދެ، އެހެންވުމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަކީ މާޙައުލުގެ ގޮތުން ބަލާއިރު، ދުނިޔޭގެ ގިނަ ތަންތަނަށްވުރެ މާ ނަޞީބުވެރި ތަނެއް ކަމުގައި ދަންނަވަންޖެހޭ. އާދެ، މިޒަމާނުގައި ދުނިޔޭގެ އެހެން ތަންތާނގެ ތިމާވެށިވަނީ ވަރަށް ބޮޑަށް ނުސާފުވެ ހަޑިވެފައި. ކާރުޚާނާތަކުގެ ދުމުން އެތަންތާނގެ ވައި ވަނީ ނުސާފުވެފައި. ކާރުޚާނާތަކުން ނުކުންނަ އެކިއެކި ކެމިކަލްސްގެ ސަބަބުން ކޯރުތަކުގެ ފެންތައް ވަނީ ހަޑިވެފައި. ކޯރުތަކުގައި ދިރިއުޅޭ މަސްތައް ވަނީ މަރުވުމާ ގާތަށް ގޮސްފައި ނުވަތަ ވަރަށް ނިކަމެތިގޮތަކަށް އެތަކެތީގެ ޞިއްޙަތު އަނަރޫފަވެފައި. އިންސާނުން ކައިއުޅެން އެކަށީގެންނުވާ ދަރަޖައަށް އެކަންތައްވަނީ ގޮސްފައި. ދުނިޔޭގެ ކަނޑުތައްވެސް ވަނީ މިދެންނެވި ގޮތުގެ މަތިން ވަރަށްބޮޑަށް ހަޑިވެފައި. ކަނޑުތަކުގައި ދުއްވާ ބޯޓުފަހަރުގެ ތެލާއި، ދުމާއި އަދި އެނޫންވެސް ތަކެތިން އިންސާނުންގެ ދިރިއުޅުމަށް ނުރައްކާވާ ހިސާބަށް ކަނޑުތައް ވަނީ ހަޑިވެފައި. އެއާޚިލާފަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ރާއްޖޭގެ ވަޔާއި، ރާއްޖެއިން ލިބޭ ފެނާއި، ރާއްޖޭގެ ކަނޑުތައް އަދި އޮތީ ވަރަށް އެކަށީގެންވާ ގޮތަކަށް. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އިޙްސާސްކުރެވޭނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށިވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ނުސާފުވަމުން. ހަޑިވަމުން. އަޅުގަނޑުމެންގެ ރާއްޖެވެސް ތަރައްޤީގެ މަގުގައި އެކިއެކި ފިޔަވަޅު އަޅަމުންދާއިރު، އޭގެ ސަބަބުން ނިކުންނަ ނަތީޖާތަކެއްހުރޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުތަކުގައި މިހާރު ދުއްވާ، ވަރަށް ގިނަ އަދަދެއްގެ އިންޖީނުލީ ތަކެތި އެބަހުރި. އެތަކެތީގެ ސަބަބުން ކަނޑުތަކަށް ތެލާއި އަދި އެނޫންވެސް އެއްޗެތި ފޭބުމުގެ ސަބަބުން ކަނޑު ހަޑިވަމުންދޭ. އެކިއެކި ކުނިބުންޏާއި، ދަޅުތަކާއި، ޕްލާސްޓިކް ކޮތަޅާ، މިބާވަތުގެ ތަކެތި ކަނޑުތަކަށް އުކާލެވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުތައްވެސްދަނީ މިހާރު ހަޑިވަމުން. އެއްދުވަހުން އަނެއްދުވަހަށް އޭގެ ޙާލު ދަށަށް ދަނީ.

އެހެންވުމާއެކު، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށްވެސް މިހާރު ވަރަށްބޮޑަށް ވިސްނަންވެއްޖެ. އެކަށީގެންވާ ފިޔަވަޅުތަކެއް އެޅެންވެއްޖެ. އާދެ، ޝައްކެތްނެތްގޮތުގައި، އިންސާނުން ދިރިއުޅުމަށްޓަކައި ﷲ އަޅުގަނޑުމެންގެ ތިމާވެށީގައި ގިނަގުނަ ނިޢުމަތްތަކެއް ލައްވާފައިވޭ. އެ ނިޢުމަތްތައް ރައްކާތެރިކޮށްގެން ނޫނީ، އިންސާނުންގެ ޙަޔާތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ. ޞިއްޙީ ކުރިއެރުމާއި، އިޖުތިމާޢީ ކުރިއެރުން ބިނާވެފައިވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މައްޗަށް. ޙަޤީޤަތުގައި ތިމާވެށީގައި ﷲ ލައްވާފައިވާ ނިޢުމަތްތައް ބޭނުންނުކުރުމުގެ ސަބަބުން ނުވަތަ ބޭނުންކުރުމުގެ ހަމަޖެހޭ ރަނގަޅު އުސޫލެއް ނުގެންގުޅުމުގެ ސަބަބުން ދުނިޔެއަށް ދިމާވާ ނުރައްކާތަކާއި ދަތިތައް ވަރަށްބޮޑެތި. އިންސާނީ ތާރީޚަށް ވިސްނާއިރު، އެކިއެކި އަރައިރުންތަކާއި ހަނގުރާމަތައް، ތިމާވެށީގައި ލައްވާފައިވާ ނިޢުމަތުގެ ސަބަބުން އުފެދިފައިވޭ. ހަނގުރާމަތައް އުފެދޭ ވަރަށްބޮޑު ސަބަބެއް ކަމުގައި ބިން ވަރަށްގިނަފަހަރަށް ވަނީ ހިމެނިފައި. ބައެއްފަހަރަށް ބިމުގައިވާ މަޢުދަންތައް އެއީ ހަނގުރާމަ ނުވަތަ އަރައިރުން ފެށުމުގެ ސަބަބެއް ކަމުގައިވޭ. އަނެއްބައިފަހަރަށް ކޯރުތައް ނުވަތަ ބިމުގައިވާ ފެން. ދަނޑުތަކަށް ދޭން ބޭނުންވާ ފެން. އިންސާނުން ބޯން ބޭނުންވާ ފެން. މިތަކެތިވެސް ތާރީޚަށް ބަލާއިރު، އިންސާނުންގެ މެދުގައި ހަމަޖެހުމާއި އަރައިރުން އުފެދުމުގު ސަބަބަކަށްވެފައި އެބަހުރި. އެހެންވީމާ، މިއަދު މިދުނިޔޭގެ އެންމެހާ މީސްތަކުންނަށް މި ޙަޤީޤަތް އޮޅުންފިލައިފި. އެންމެން ދެކޭގޮތުގައި ތިމާވެށީގައިވާ ނިޢުމަތްތައް ހަލާކުނުކޮށް، އެތަކެތި ބޭކާރުގޮތުގައި ބޭނުންނުކޮށް، އެތަކެތި ދިރުވައި ރައްކާތެރި ކުރުމުންމެނުވީ އިންސާނުންނަށް ޞުލްޙަވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބޭކަށެއް ނޯންނާނެ.

އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވުމާއެކު، އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވާގޮތާ ދޭތެރޭގައި، ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެގޮތުން ބަލާއިރު، މާތްވެގެންވާ އިސްލާމްދީނުގައި ތިމާވެށީގެ ބޭނުންތެރިކަމާއި، ތިމާވެށީގައި ﷲ ލައްވާފައިވާ ނިޢުމަތްތައް ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް އޮޅުންފިލުއްވައިދެއްވާފައިވޭ. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ މާތް އާޔަތްތަކުގައިވެސް ތިމާވެށީގައި ﷲ ލައްވާފައިވާ ނިޢުމަތްތަކުގެ ވާހަކަ ކިތަންމެ ރަނގަޅަކަށްވެސް ބަޔާންވެގެންވޭ. އާދެ، ﷲ އަންގަވާގޮތުގައި އުޑުތަކާއި ބިން ލައްވާފައިވަނީ އިންސާނުންނަށްޓަކައި. އަދި ބިމުގައި ލައްވާފައިވާ ހުރިހާ ތަކެއްޗެއްވެސް ލައްވާފައިވަނީ އިންސާނުންނަށްޓަކައި. ބިމުގައިވާ ގަސްގަހާގެހި، ފަރުބަދަތައް، ކޯރުތައް، ކަނޑުތައް، އަދި ކޯރުތަކާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި، އަދި ބިމުގައިވާ މަޢުދަންތައް، މިހުރިހާ އެއްޗެއްވެސް ލައްވާފައިވަނީ އިންސާނުންނަށްޓަކައި. އިންސާނުންގެ ފައިދާއަށްޓަކައި.

އެހެންވީމާ، އެތަކެތި ރައްކާތެރިކޮށް، އެތަކެތި ދިރުވައި، އެތަކެތީގެ ބޭނުން އެދެވޭގޮތުގައި ކުރުމަކީ ޝައްކެއްނެތްގޮތުގައި މާތްވެގެންވާ އިސްލާމްދީން ބާރުއަޅާކަމެއް. ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީވެސް އެގޮތުގެ މަތިން. މުސްލިމުންގެ ލަޝްކަރުތައް މުޝްރިކުންނާ ހަނގުރާމަކުރަން ފޮނުއްވި ފޮނުއްވުމުގައިވެސް މުސްލިމުންގެ ލަޝްކަރަށް އަންގަވާފައިވަނީ، އެބައިމީހުންނާ ހަނގުރާމަ ނުކުރާ މީހަކު ނުމެރުމަށް. އަންހެނުންނާއި ކުޑަކުދިން ނުމެރުމަށް. ގަސްގަހާގެއްސާއި ރުއްތައް ނުކެނޑުމަށް. އެހެންވީމާ، އެއިންވެސް އެނގޭ، އިސްލާމްދީނުގައި ގަސްގަހާގެއްސަށާއި، ރުއްތަކަށް އަދި ތިމާވެށްޓާ ގުޅޭ ހުރިހާ ކަމަކަށް ދެއްވާފައިވާ މަތިވެރި އަހަންމިއްޔަތު.

އާދެ، މިއަދުގެ ޝިޢާރެއް ކަމުގައި ބައިނަލްއަޤްވާމީ ގޮތުން ހަމަޖެހިފައިވަނީ ޞުލްޙައަށްޓަކައި ގަހެއް އިންދަވާށޭ. ޝައްކެއްނެތް، ތިމާވެށްޓަކީ އިންސާނުންނަށް އެއާ ނުލައި ދިރިނޫޅެވޭނެ އެއްޗެއް ކަމަށްވާއިރު، ތިމާވެށި ރައްކާތެރިކުރުމުގައި ގަސް ވަރަށް މުހިންމު ބައެއް އަދާކުރޭ. ގަހަކީ އޭގެ ނިޢުމަތްތައް ގުނައި އަދަދު ނުކުރެވޭފަދަ އެއްޗެއް. އަޅުގަނޑުމެންނަށް ލިބޭ ކާނާގެ ވަރަށްބޮޑު ބައެއް ލިބެނީ ގަސްގަހާގެހިން. ގަސްގަހާގެހީގެ މޭވާއިން ނުވަތަ ގަސްގަހާގެހީގެ ފަތުން ނުވަތަ އެނޫންވެސް އޭގެ ބައިތަކުން. އޭގެ އިތުރުން، އަޅުގަނޑުމެންގެ ބޭސްފަރުވާއަށް ބޭނުންވާ، ވަރަށް ގިނަ ބާވަތްތައްވެސް ގަސްގަހާގެހީގެ ފަތުން، އެތަކެތީގެ މުލުން ނުވަތަ އެނޫންވެސް ބައިތަކުން ލިބޭ. ހަމައެއާއެކު، އަޅުގަނޑުމެންނަށް ހިޔާވަހިކަންދޭ އެންމެބޮޑު އެއްޗަކީވެސް ގަސްގަހާގެހި. އެކިއެކި ޠޫފާނުތަކުން އިންސާނުން ސަލާމަތްކޮށްދޭ އެއްޗަކީވެސް ގަސްގަހާގެހި. ބިމުގެ ފަސްގަނޑު ހިފަހައްޓާ އެއްޗަކީވެސް ގަސްގަހާގެހި. މިގޮތުން ބަލާއިރު، ގަސްގަހާގެހިން އިންސާނުންނަށް ލިބޭ ނިޢުމަތުގެ ވާހަކައަކީ، މާކުރުކޮށް ދެންނެވޭނެ ވާހަކަތަކެއް ނޫން.

އެހެންވުމާއެކު، ގަސްގަހާގެހި ރައްކާތެރިކުރުމާއި އަދި ގަސްގަހާގެހި އިންދައި، އެތަކެތި ދިރުވުން އެއީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މިހާރު ކޮންމެ ޤައުމަކުންވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭކަމެއް. މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މި ފަށަނީ މާތް ﷲގެ ވާގިފުޅާއެކު، ގަސްގަހާގެހި ދިރިވުމުގެ ޕްރޮގްރާމެއް. މިއަދު މި އިންދާ ގަހަކީ އަޅުގަނޑުމެން ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައަޅާ ޢަޒުމުގެ ރަމްޒެއް ކަމުގައި އަޅުގަނޑުމެން ހަދަމާ ހިންގަވާ. އަދި މީގެފަހުންވެސް ގަސްގަހާގެހި އިންދައި، އޭގެ ފައިދާތައް ލިބިގަތުމަށް އިތުރު ސަމާލުކަމެއް ދެމާ ހިންގަވާ. ފަހަކަށްއައިސް، ރާއްޖޭގައިވެސް ވަރަށް ވަރަށްގިނަ އަދަދަކަށް ގަސްގަހާގެހި ކެނޑިގެން ހިނގައްޖެ. އެކިއެކި ބޭނުންތަކަށް، ގެދޮރުއެޅުމުގެ ބޭނުމަށް ނުވަތަ އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ އެނޫންވެސް ބޭނުންތަކަށް. ވިޔަފާރީގެ ގޮތުން. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުކަންދޭންވާނެ ކަމެއް. ބޭނުންނެތްގޮތުގައި ގަސްގަހާގެހި ކެނޑުމަކީ ތިމާވެށްޓަށް ލިބޭ ގެއްލުމެއް. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތަށާއި، އަޅުގަނޑުމެންގެ ދިރިއުޅުމަށް ވަރަށްބޮޑު ނުބައިތަކެއް މެދުވެރިވާނެކަމެއް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ބޭނުމެއްނެތްގޮތުގައި އެއްވެސް ގަހެއް ނުކެނޑުން. ކޮންމެވެސް މުހިންމު ބޭނުމެއް ޖެހިގެން، ގަހެއް ކަނޑަން ޖެހިއްޖެ ނަމަވެސް، އެކަނޑާ ގަހުގެ ބަދަލުގައި ދެ ގަސް އިންދުން. އަޅުގަނޑު ދަންނަވާހިތްއޮތީ، އަޅުގަނޑުމެން ކަނޑާ ކޮންމެ ގަހެއްގެ ބަދަލުގައި ގަހެއް އިންދަންވާނެއެކޭ ނޫން. ކަނޑާ ކޮންމެ ގަހެއްގެ ބަދަލުގައި ދެގަސް އިންދަންވާނެއޭ. ސަބަބަކީ ވޭތުވެދިޔަ ތާނގައި، އެއްވެސް ބޭނުމެއްނެތްގޮތުގައި، މާބޮޑު ބަލައިލުމެއްނެތި ވަރަށްގިނަ އަދަދަކަށް މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް އަޅުގަނޑުމެން ރުއްގަސް ކަނޑަމުން ގެންގޮސްފައިވާކަން. އެކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދިޔައިރު، އަޅުގަނޑުމެންނަށް އެއިން ލިބޭނެ ގެއްލުން އަޅުގަނޑުމެންނަށް ވަޒަންކުރެވިފައެއް ނެތް. އެހެންނަމަވެސް، މިއަދު އެ ގެއްލުން ވަޒަންކުރެވޭތީ، މިއަދު އަޅުގަނޑުމެން ކަނޑާ ކޮންމެ ގަހަކަށް، ކަނޑާ ކޮންމެ ރުކަކަށް ދެ ގަސް ނުވަތަ ދެ ރުއް ނުއިންދައި ފަރުޖެއްސޭކަށް ނޯންނާނެ.

އާދެ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޢަމަލުކުރަމުންދަނީ، މިދެންނެވި އުސޫލުގެ މަތިން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތަކީ ވަރުގަދަ ޢަޒުމާއެކު އެންމެން އެއްބާރުލައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމުގައި ހެދުން. އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިއަދު އަޅުގަނޑުމެން މި އިންދާ ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެން މިއަދު މިކަނޑައަޅާ ޢަޒުމުގެ ރަމްޒެއް ކަމުގައި ހެދުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ލެއްވުން. އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުގެ ނަތީޖާ، ދިވެހި ޤައުމަށް މުސްތަޤްބަލުގައި ދެއްކެވުން. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ މިއަދަކު ނޫން، މާދަމާއަކު ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ދެކޭނެ. އެމީހުންނަށްޓަކައި މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތް އެއީ ކާމިޔާބު މަސައްކަތެއް ކަމުގައި ލެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.