بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން، އެސް.އީ.ސީ.ގެ ޕްރިންސިޕަލް މިސްޓަރ އޭ.އެސް ގުނަސިންހަ، ޕްރިންސިޕަލްގެ އެހީތެރިޔާ އަލްފާޟިލާ ސަޢީދާ މޫސާ، އެސް.އީ.ސީ.ގެ މުދައްރިސުންނާއި މުދައްރިސާއިން، މިތަނަށް ވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެހެނިހެން ޢިއްޒަތްތެރިން، އެސް.އީ.ސީ.ގެ ޠާލިބުންނާއި ޠާލިބާއިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިރޭގެ މި އުފާވެރި ޖަލްސާއަށް އާދެ، އެސް.އީ.ސީ.ގައި ފުރަތަމަ ބާއްވާ އިނާމުދިނުމުގެ ޖަލްސާއަށް ހާޒިރުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނަށާއި، އެސް.އީ.ސީ.ގެ ޕްރިންސިޕަލް މިސްޓަރ އޭ.އެސް ގުނަސިންހައަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި އުފާވެރި މުނާސަބަތުގައި، އާދެ، އެސް.އީ.ސީ.ގެ ފުރަތަމަ އިނާމުދިނުމުގެ ޖަލްސާ ބޭއްވުމުގެ މުނާސަބަތުގައި އެސް.އީ.ސީ.ގެ ހުރިހާ ދަރިވަރުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ރައްދުކުރަން. ހަމައެފަދައިން އަޅުގަނޑުމެން މިހާރު މިވޭތުކުރަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ކަމަށްވާތީ، މި މާތް މުނާސަބުގެ ހެޔޮއެދުންތަކާއި، މުބާރަކްބާދީވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރަން.

އާދެ، މިރެއަކީ ވަރަށް މުހިންމު ޖަލްސާއެއް ބޭއްވޭ ރެއެއް. މީގެކުރިން ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި މިފަދަ ޖަލްސާއެއް ބޭއްވިފައެއް ނެތް. އެގޮތުންވެސް މިރެއަކީ އަޅުގަނޑުހިތުން މި ސެންޓަރުގެ ނާޡިރު އަދި ހިންގުންތެރިން، ހަމައެފަދައިން މި ސެންޓަރުން ތަޢުލީމު ހާސިލުކުރާ ޠާލިބުންނާއި ޠާލިބާއިން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލާނެ މުނާސަބަތެއް. ދެންމެ ޕްރިންސިޕަލްގެ ރިޕޯޓުގައި އެ ވިދާޅުވިފަދައިން، މި ސެންޓަރ، ސައިންސް އެޑިޔުކޭޝަން ސެންޓަރ ސަރުކާރުން ހުޅުވީ ވަރަށްބޮޑު މަޤްޞަދެއްގައި. މީގެ 7 އަހަރު ކުރިން 1979ވަނަ އަހަރުގެ ޖުލައިމަހުގެ ތިންވަނަ ދުވަހު. އެ މުހިންމު ބޭނުމަކީ ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދިޔުމުގައި އެހީވެދިނުން. އަދި ޔުނިވަރސިޓީގެ ފެންވަރަށް ރާއްޖޭގެ ދަރިވަރުން ތައްޔާރުކުރުން. އެ މުހިންމު މަޤްޞަދުގައި ސަރުކާރުން މި މަދަރުސާ ޤާއިމުކުރީ. ކޮންމެ ކަމެއްގެވެސް ކުރީކޮޅުގައި ވަރަށް ގިނަ ދަތިތައް ދިމާވާނެ. އެއީ ޠަބީޢީކަމެއް. އެގޮތުން، ސައިންސް އެޑިއުކޭޝަން ސެންޓަރާވެސް ވަރަށްދަތި މައްސަލަތައް ކުރިމަތިވި. މި މަދަރުސާގެ ކިޔެވުމާއި، މަދަރުސާގެ އެހެނިހެން ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ތަފާތު ހުރަސްތަކެއް އެޅެމުންދިޔަ. މި މަދަރުސާ ޤާއިމުކުރިތާ ކުރީ އަހަރުތަކުގެ ތެރޭގައި، އެ ހުރަސްތަކުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ފެންނަމުންނެއްނުދިޔަ. އެހެންވީމާ، އެކަމާ ދޭތެރޭގައި އާދެ، އެސް.އީ.ސީގެ މުސްތަޤްބަލާ ދޭތެރޭގައި އެދުވަސްވަރު އޮތީ ސަރުކާރުން ވަރަށްބޮޑަށް ވިސްނަންޖެހިފައި. މި މަދަރުސާ ހުޅުވައިދިނުމަށް އަޅުގަނޑު އައިކަމުގައިވިޔަސް، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން މިތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައެއްނުވޭ. އެކަން އޮތީ އެހެންކަމުގައިވިޔަސް، މިތާނގެ ކަންތައްތައް ހުރިނެތްގޮތް އަބަދުވެސް އަޅުގަނޑު ގެންދިޔައީ ބަލަމުން. އެހެންވީމާ، އެސް.އީ.ސީ.ގެ މުސްތަޤްބަލާ ދޭތެރޭ ތަފާތު ޚިޔާލުތަކެއް އެފެދެމުންދާތީ، އެކަމާ ބެހޭގޮތުން އަޅުގަނޑު ސީދާ މިނިސްޓަރ އޮފް އެޑިޔުކޭޝަނާވެސް ވަރަށްގިނަފަހަރު ވާހަކަދައްކައި މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްހެދިން.

ކޮންމެއަކަސް އެސް.އީ.ސީ.ގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅު ކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަރަށް ޚާއްޞަ މަސައްކަތްފުޅުތަކެއް ކުރެއްވި. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އަޅުގަނޑުހިތުން އެސް.އީ.ސީ.ގެ ކަންތައްތައް ކުރިއަށްވުރެ ވަރަށްބޮޑުތަން މިއޮތީ ތަރައްޤީވެފައި. ރަނގަޅުވެފައި. އޭގެ އެންމެ ބޮޑު ހެތްކަކީ މިއަހަރުގެ ނަތީޖާގެ ރަނގަޅުކަން. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އެސް.އީ.ސީ.ގެ ކުދިން ޖީ.ސީ.އީ އެޑްވާންސްޑް ލެވެލް އިމްތިޙާނުގައި އެންމެ ފުރަތަމަ ބައިވެރިވީ 1981ވަނަ އަހަރު. އެ އަހަރު 27 ކުދިން ބައިވެރިވި. ބައިވެރިވިތަނުން ފާސްވީ ހަމައެކަނި ހަތަރު ކުދިން. ދެން އައި އަހަރުތަކުގެ ތެރޭގައިވެސް އެކަހަލަގޮތަކަށް ކަންތައްދިޔައީ. އެއް އަހަރު 9 ކުދިން. ދެން އައި އަހަރު 11 ކުދިން. ދެން އައި އަހަރު 11 ކުދިން ފާސްވެފައި، ދެންމެ ޕްރިންސިޕަލްގެ ރިޕޯޓުގައި ވިދާޅުވިފަދައިން، މިއަހަރު ފާސްނުވީ ހަމައެކަނި 6 ކުދިން. 40 ކުދިން މިއަހަރުގެ އިމްތިޙާނުގައި ބައިވެރިވި. އަދި މިއަހަރު އެކިއެކި މާއްދާތަކުން އިމްތިޔާޒު ހޯދި ނިސްބަތަށް ވިސްނާއިރު، އެސް.އީ.ސީ.އަށް 10 އިމްތިޔާޒު ލިބިފައިވޭ. އެއީވެސް ޕްރިންސިޕަލް ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުވެސް ފާހަގަކުރާ ކަމެއް. އެއީ ޝައްކެތްނެތްގޮތުގައި، އެސް.އީ.ސީ.ގެ ކުދިންނަށް ވަރަށް އިޚްލާޞްތެރި ސާބަހެއް ރައްދުކުރަންޖެހޭ ކަމެއް.

އާދެ، އެސް.އީ.ސީ.ގެ ކަންތައް ތަރައްޤީވަމުން ދިޔުމަކީ ޝައްކެތްނެތްގޮތުގައި ރާއްޖޭގެ ތަޢުލީމަށް ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ ތަޢުލީމު މިހާތަނާޖެހެންދެން މިއޮތީ އިބްތިދާއީ ފެންވަރުގައާއި، ޘާނަވީ ފެންވަރުގައި. ޘާނަވީ ފެންވަރުގެ މައްޗަށް އަދި އިތުރު ފިޔަވަޅެއް ރާއްޖޭގައި އެޅިފައެއްނުވޭ. އަޅުގަނޑުހިތުން އެސް.އީ.ސީ އުފެދުން ހިމެނޭނީ ޘާނަވީ ފެންވަރަށްވުރެ މައްޗަށް ރާއްޖޭގެ ތަޢުލީމު ގެންދިޔުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައި. އެހެންވީމާ، މި މަދަރުސާގައި ލިބެންހުރި ފަސޭހަތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބިގަނެގެން އެސް.އީ.ސީ.ގެ ކުދިން ހިތްވަރުކޮށްގެން ކުރިއެރުން ހޯދުމަކީ ކޮންމެހެން ބޭނުންކަމެއް. ހަމައެއާއެކުގައި މި މުހިންމު މަދަރުސާގައި ކުރެވޭ ތަޢުލީމީ މަސައްކަތާއި، ތަޢުލީމާ ގުޅިފައިވާ އެހެނިހެން މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމަށް މުސްތަޤްބަލުގައި އިތުރު ކުރިއެރުން ލިބޭގޮތްވުމަކީވެސް ހަމަ ކޮންމެހެން ބޭނުންކަމެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ޔުނިވަރސިޓީއެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން އުންމީދު ކުރަންޖެހޭނީ އަދި މަސައްކަތް ކުރަންޖެހޭނީ ވަރަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގައިވެސް ޔުނިވަރސިޓީއެއް އުފެދޭތޯ. އެގޮތުން ބަލާއިރުވެސް، އެސް.އީ.ސީ ކުޅެންޖެހިފައިވާ ބަޔަކީ އަޅުގަނޑުހިތުން ތިޔައިގެ އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ބައެއްނޫން. އާދެ، މިއަހަރު އެސް.އީ.ސީ.ގެ ކުދިން އެ ހޯދި ކާމިޔާބީއަކީ، ކުރިއަށް އޮތްތާނގައި މި މަދަރުސާއަށް ވަންނާނެ ކުދިންނަށް ވަރަށް ވަރުގަދަ ހިތްވަރެއް ލިބިދޭނެ ކާމިޔާބީއެއް ކަމުގައި ވާންޖެހޭނެ. އާދެ، މި އަހަރު ކާމިޔާބު ހޯދި ކުދިންގެ ތެރޭގައި، ވަރަށް ގިނަ މާއްދާތަކުން އިމްތިޔާޒު ހޯދި ކުދިންވެސް އެބަތިބި. ދެންމެ ޕްރިންސިޕަލްގެ ރިޕޯޓުގައި އެ ފާހަގަކުރެއްވި ފަދައިން، ޙަސަން ޝަފީޢު، ހަތަރު މާއްދާއިން އިމްތިޔާޒު ހޯދާފައިވޭ. އަދި އިތުރު ދެ ކުއްޖަކު، މުޙައްމަދު ނާޞިޙް، އިސާންތާލޮކްގެ، ދެ މާއްދާއަކުން އިމްތިޔާޒު ހޯދާފައިވޭ. އޭގެ އިތުރަށް، މުއްރަތު ސަޢީދާއި، ޢަބްދުލްބާރީ ޔޫސުފް، އެއް މާއްދާއިން އިމްތިޔާޒު ހޯދައިފައިވޭ. އެހެންވީމާ، އެ ހުރިހާ ކުދިންނަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ އަދާކުރުމަކީ މިރޭ އަޅުގަނޑަށް ލިބޭ އުފަލެއް.

މިރޭގެ ވާހަކައިގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެ ނުކުތާއެއް އެބައޮތް. އޭގެތެރެއިން އެއްނުކުތާއަކީ، އެސް.އީ.ސީގެ ދަރިވަރުން އެކަމާ ދޭތެރޭގައި ވަރަށްބޮޑަށް ޚިޔާލުކުރަން އަޅުގަނޑު އެދޭ ނުކުތާއެއް. އެއީ ތަޢުލީމު ޙާޞިލުކުރުމުގައި އެކަށީގެންވާ ކާމިޔާބީއެއް ހޯދުމަކީ ތަފާތު ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި، މަސައްކަތް އެކަމުގައި ބޭނުންކަމެއް ކަމުގައިވިޔަސް، އެންމެފަހު ތަޙްލީލުގައި ކުއްޖާގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރަކީ، ހަމަ އެ ކުއްޖާ ކުރާ އިޚްލާޞްތެރި އަދި ބުރަ މަސައްކަތެއްކަން.

ޝައްކެތްނެތް، މަދަރުސާގެ ތަޢުލީމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ އަދި ޠާލިބުންނަށާއި ޠާލިބާއިންނަށް އެކުދިން އެ ކިޔަވާ މާއްދާތަކުގައި ކުރިއަށް ދެވޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތާއި އެއްބާރުލުން ލިބިގެން. އެންމެ ފުރަތަމަ މަދަރުސާ، މަދަރުސާގެ އެހީ ލިބެންޖެހޭ. އެކަށީގެންވާ މުދައްރިސުން ތިބެންޖެހޭ. ހަމައެފަދައިން، އެކުދިން އެ ކިޔަވާ މާއްދާތައް ކިޔަވަން ބޭނުންވާ އެކިއެކި ފަސޭހަތައް މަދަރުސާގައި ހަމަޖެހިފައި ހުންނަންޖެހޭ. މަދަރުސާގެ ޤަވާޢިދާއި، މަދަރުސާގެ އިންތިޒާމުތައް، ތަޢުލީމު ކުރިއަށް ގެންދެވޭފަދަ ގޮތަކަށް، ތަޢުލީމު ކުރިއަށް ދިޔުމަށް މަގުފަހިކޮށްދޭފަދަ ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭ. އެއާއެކުގައި ބެލެނިވެރިންގެ އެހީތެރިކަމާއި، އެއްބާރުލުންވެސް ބޭނުންވޭ. މި ހުރިހާ ކަމަކީ ކިޔަވާ ކުދިންގެ ތަޢުލީމު، އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދިޔުމުގައި، އެ ކުދިން އެކިޔަވާ މާއްދާތަކުގައި ފާސްވެ ކުރިއަށް ދިޔުމުގައި ކޮންމެހެން ބޭނުން ކަންތައްތަކެއް. އެހެންނަމަވެސް، މި ހުރިހާ ކަމަކަށްވުރެވެސް މުހިންމުކަމަކީ އަޅުގަނޑު ދެކޭގޮތުގައި އަދި ތަޖުރިބާއިން ސާބިތުވެފައިވާ ގޮތުގައި ކުއްޖާކުރާ މަސައްކަތް. ކުއްޖާގެ ހިތުގައި ތަޢުލީމު ޙާޞިލުކުރުމަށް އޮންނަ ޝައުޤުވެރިކަމާއި، އެކަމަށްޓަކައި އޭނާ ކުރާ ބުރަ މަސައްކަތް. އާދެ، މީގެ ހެތްކެއްކަމުގައި ފުދޭނެ، މިއަހަރު އެސް.އީ.ސީ.ގެ އިމްތިޙާނުގައި އިމްތިޔާޒު އެ ހޯދި ކުދިން. އާދެ، ފާސްވިކުދިންނާއި، ފާސްނުވާކުދިން. އިމްތިޔާޒު ހޯދި ކުދިންނާއި، އިމްތިޔާޒު ނުލިބޭ ކުދިން. މިހުރިހާ ކުދިންވެސް މިއުޅެނީ އެއް މާޙައުލެއްގައި. އެހުރިހާ ކުދިން އެ ދަނީ އެއް މަދަރުސާއަކަށް. އެހުރިހާ ކުދިން އެ ކިޔަވަނީ އެއް މުދައްރިސުންތަކެއްގެ އަރިހުން. އެހުރިހާ ކުދިން ބޭނުންކުރަނީ، އެއް ފެންވަރެއްގެ ފަސޭހަތަކެއް. އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން، އެކުދިންގެ މެދުގައި މާބޮޑު އިޖުތިމާޢީ ތަފާތުތަކެއްވެސް ނެތް. އެހުރިހާ ކަމެއް އެހެން އޮއްވައި، އެއްބައިކުދިންނަށް އިމްތިޔާޒުތަކެއް ލިބި، އަނެއްބައި ކުދިންނަށް އިމްތިޔާޒު ނުލިބި ނުވަތަ އެއްބައިކުދިން ފާސްވެ، އަނެއްބައި ކުދިން ފާސްނުވާން ދިމާވާ ކޮންމެވެސް ސަބަބެއް އޮންނާނެ. އެ ސަބަބަކީ އަޅުގަނޑު މިދަންނަވަނީ، ކުދިން އަމިއްލައަށް ކުރާ ހިތްވަރޭ. ކުއްޖާގެ މިޒާޖުގައި، ތަޢުލީމުގެ ރޮނގުގައި ކުރިއަށްދާން އޮންނަ ޝައުޤުވެރިކަމެއް. އެ ޝައުޤުވެރިކަން ނެތިއްޖެއްޔާ، ކިތަންމެ މަތީ ފެންވަރެއްގެ މަދަރުސާތަކެއް ހުރިކަމުގައިވިޔަސް، ކިތަންމެ މޮޅު އުސްތާޒުންތަކެއް އެކުދިންނަށް ކިޔަވައިދޭން ތިބި ކަމުގައިވިޔަސް، އަދި އެތާނގައި ހަމަޖެހިފައިވާ ފަސޭހަތަކަކީ ކިތަންމެމަތީ ފެންވަރެއްގެ ފަސޭހަތަކެއް ކަމުގައިވިޔަސް، އެކުއްޖަކަށް ތަޢުލީމުގެ ރޮނގުގައި ކުރިއަކަށް ނުދެވޭނެ. އެއީ ހަމައެކަނި ތަޢުލީމުގެ ރޮނގުގައި ކަންތައް ދިމާވާ ގޮތެއްނޫން. ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް އެކަންއޮތީ އެހެން.

ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ކުރިއަށްދާން ބޭނުން މީހަކުނަމަ، އެމީހަކު އަމިއްލައަށް ކުރިއަށްދިޔުމަށްޓަކައި، އެމީހަކު ކުރި ހިތްވަރެއްގެ ނަތީޖާ އެމީހަކަށް ފެންނާނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިން ފާސްނުވީމާ ނުވަތަ އެކުދިންގެ މައިންބަފައިން އިންތިޒާރުކުރާ ކަހަލަ ނަތީޖާއެއް ނުލިބުނީމާ ވަރަށް ފަސޭހައިން މަދަރުސާ ގޯސްކުރާތަން އާދޭ. މުދައްރިސުން ގޯސްކުރާތަން އާދޭ. ކިޔެވުމަށް ހަމަޖެހިފައިވާ އިންތިޒާމުތައް ގޯސްކުރާތަން އާދޭ. އާދެ، އަޅުގަނޑަށް ދަންނަވަން ޖެހެނީ އެއީ އަޅުގަނޑަށް މާ ގަބޫލުކުރެވޭ ވާހަކައެއްނޫނޭ. ކުރިންވެސް ދެންނެވި ފަދައިން، އެ ހުރިހާ ކަމެއްގެ ޙިއްޞާއެއް ކުއްޖާގެ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާ އަދާކުރަނީ ހަމަ އެކުއްޖާއޭ. އެކުއްޖާގެ މަސައްކަތާއި، އެކުއްޖާގެ ހިތުގައި ތަޢުލީމަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަމޭ. އާދެ، އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއް ނުކުތާއަކީ.

މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، މިތަނުން މި ތައްޔާރުކުރެވޭ ކުދިން އެ ތައްޔާރުކުރެވެނީ، ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި، ރާއްޖެއިން ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލުކުރުމަށް. މިހާތަނަށް އެސް.އީ.ސީ.ގައި ބައިވެރިވެފައި ތިބި ކުދިންގެ ތެރެއިން ފަންސާސް ދެ ކުއްޖަކު ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ގޮސްފައިވޭ. އެއީ ރާއްޖޭގެ ނިސްބަތުގައި މަދު އަދަދެއް ނޫން. ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން އެސް.އީ.ސީ އިން ފާސްވާ ކުދިންނަށް ސްކޮލަރޝިޕްތައް ހޯދައިދޭނެ. އެކަށީގެންވާ ތަޢުލީމެއް އެކުދިން ޙާޞިލުކުރުމަށްޓަކައި އެކުދިން ބޭނުންވާ ދިމަދިމާއަށް ދިޔުމުގެ އިންތިޒާމް، ވެވުނުވަރަކުން ސަރުކާރުން ހަމަޖައްސައިދެމުން ގެންދާނެ.

އެކުދިންނަށް އަޅުގަނޑު ބުނަން ބޭނުންވާ އެއްޗަކީ، ތިޔަކުދިން ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އާދެ، މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ތިޔަ ދަނީ ކޮންމެ ޤައުމަކަށްވިޔަސް، ތިޔަކުދިން ހަނދާންކުރަންވާނެއޭ، ތިޔަކުދިންނަކީ ދިވެހިކުދިންކަން. މުސްލިމް ކުދިބައެއްކަން. އެހެން ހަނދާންކުރަންޖެހޭ ސަބަބަކީ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސް، ރާއްޖެއާ ތަފާތު މާޙައުލެއްގައި އުޅެން ދިމާވުމުން އަޅުގަނޑުމެންގެ ވިސްނުމަށާއި، އެކި ކަންކަމަށް ބަލާބެލުމަށް ވަރަށްބޮޑެތި ތަފާތު އަންނަގޮތް ދިމާވޭ. ޚާއްޞަކޮށް، ޅަކުދިންކޮޅެއް ރާއްޖެއިން ބޭރަށް ގޮސް، މުޅިން އެހެންކަހަލަ މާޙައުލެއްގައި ދިރިއުޅެން ދިމާވީމާ، ރާއްޖޭގެ ކަންތައްތައް، ރާއްޖޭގެ އުޞޫލުތައް، ދިވެހިވަންތަކަމުގެ ގޮތްތައް ހަނދާންނެތުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެގޮތަށް ދިމާވެއްޖެއްޔާ، އެކުދިން އެނބުރި ރާއްޖެ އައުމުން ރާއްޖެއަށް ކުރާނެ ފައިދާއަށްވުރެ، ރާއްޖެއަށް އެކުދިންގެ ފަރާތުން ކުރާނެ ގެއްލުންވެސް ވަކި ކުޑައެއްނުވާނެކަންނޭނގެ.

އާދެ، ކޮންމެއަކަސް ރާއްޖެއަކީ ފަޤީރު ޤައުމަކަށްވީތީ އެކަމާ ދިވެހިން އަދި ދިވެހިކުދިން، ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަންދާ ކުދިން ލަދުގަންނަންވީ އެއްވެސް ސަބަބެއްނެތް. ރާއްޖޭގެ ދިރިއުޅުމުގެ ކަންތައްތައް، ބޭރު ދުނިޔޭގެ ކަންތައްތަކަށްވުރެ އެހެން ފެންވަރެއްގައި ހަމަޖެހިފައި އޮތުމަކީވެސް، ފަހަރެއްގައިވެސް އެކުދިން ލަދުގަންނަންވީކަމެއް ނޫން. އެއީ އެންމެފަހު ތަޙްލީލުގައި ކޮންމެ މީހަކަށްވެސް އެނގޭނެ، ދުނިޔޭގައި ބޭނުންކަމަކީ ކޮންމެ އިންސާނަކުވެސް އަދި ކޮންމެ ޖަމާޢަތެއްގެ ބަޔަކުވެސް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުންކަން. ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުކުރުމަކީ ފަހަރެއްގައިވެސް މުއްސަނދިކަމުން ނުވަތަ ހަމައެކަނި މުއްސަނދިކަމުގެ ވާސިޠާއިން ވާނެކަމެއްނޫން. ކިތަންމެ ފައިސާ ހުރި މީހަކުވެސް އަބާއްޖަވެރި ޙަޔާތެއް އާދެ، ހިތްދަތި ޙަޔާތެއް ވޭތުކުރަން ޖެހިދާނެ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ ތަންކޮޅަކީ، ފަޤީރުކަމަކީ ލަދުގަންނަންވީ ކަމެއް ނޫނޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ކަންތައްތައް ހުރިގޮތް އެއީ އަޅުގަނޑުމެން ލަދުގަންނަންވީ ކަމެއް ނޫނޭ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެންގެ ރާއްޖެއަކީ ފަޤީރުތަނަކަށްވާ ކަމުގައިވަނީނަމަ މުއްސަނދިކުރަން. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރަން. ރާއްޖެ މުއްސަނދިކުރަން ތިބީވެސް އަދި ރާއްޖެ ތަރައްޤީކުރަން ތިބީވެސް މިއަދުގެ ޒުވާނުން. މިއަދު ތަޢުލީމު ޙާޞިލުކުރާ ކުދިން.

އެހެންވީމާ، އެކުދިން އެދާ ތަންތާނގެ މާޙައުލާ ދޭތެރޭގައި ވިސްނާއިރު، ރާއްޖެއާއި ދޭތެރޭގައި މިކަހަލަ ކުލުނުވެރިކަމުގެ ޝުޢޫރަކުން ވިސްނައި، އެކުދިން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެއް. އެކުދިން އެނބުރި ރުޖޫޢަވާންޖެހެނީ ރާއްޖެއަށް. ރާއްޖެއަކީ ކިތަންމެ ކުޑަތަނެއް ކަމުގައިވިޔަސް އަދި މާއްދީގޮތުން މާމުއްސަނދި ތަނެއް ކަމުގައިނުވިޔަސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. މީގެ އެތައް ސަތޭކަ އަހަރަކުއްސުރެ ކުރިން ރާއްޖެއަކީ މިނިވަން ތަނެއް. ރާއްޖޭގައި ދިރިއުޅެމުން އައިސްފައިވަނީ ފަޚުރުވެރި ބައެއް. އެހެންވީމާ، އެ ފަޚުރުވެރިކަން އަޅުގަނޑުމެން ދުވަހަކުވެސް ހަނދާންނައްތާލައިގެން ނުވާނެ. އަދި އަޅުގަނޑުމެން ތަޢުލީމު ޙާޞިލުކުރުމަށްފަހުގައި އެނބުރި އައިސް ދިރިއުޅެން އޮތީ މި ރާއްޖޭގައި ކަމަށްވާތީ، ރާއްޖޭގެ މާޙައުލާ ބީރައްޓެހިވާގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ އެއްވެސް ކަމެއް ބަހައްޓައިގެން ނުވާނެ.

އާދެ، މިނުކުތާއާ ދޭތެރޭގައި އެސް.އީ.ސީ.ގެ ކުދިން ޚާއްޞަކޮށް، ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަންދާ ކުދިން ސަމާލުކަންދިނުމަކީ، ކޮންމެހެން ބޭނުންކަމެއް. އެއީ ރާއްޖެ ބޭނުންވެފައިވަނީ، އެކުދިން އެނބުރި އައިސް، އެކުދިން ރާއްޖެއަށް ކުރާނެ ޚިދުމަތަކަށް. އެކުދިން އެ ތައްޔާރުވަނީ އެނބުރި ރާއްޖެއަށް އައިސް، ރާއްޖެއަށް ޚިދުމަތްކުރަން. ރާއްޖޭގެ ފެންވަރު މަތިކުރަން. އެއްގޮތަކަށްވެސް އެކުދިން ރާއްޖެއިން ބޭރަށް ތަޢުލީމު ހާސިލުކުރަން އެ ދަނީ، ތަޢުލީމު ޙާޞިލުކޮށް ނިންމުމަށްފަހު، އެކުއްޖަކު އެދިޔަ ތަނެއްގައި ނުވަތަ އެފަދަ އެހެން ތަނެއްގައި ޚިދުމަތް ކުރަން ހުންނާކަށެއް ނޫން. އެހެންވީމާ، މި ނުކުތާއާ ދޭތެރޭގައި ހުރިހާ ކުދިން ވިސްނުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އެއީ އަޅުގަނޑު މިރޭ ދަންނަވާލަން ގަސްދުކުރި ވާހަކައަކީ. އެވާހަކަ ދަންނަވާލުމާއެކު، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން ގަސްދުކުރަނީ. އަދިވެސް އެއްފަހަރު މި އަހަރުގެ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގައި އިމްތިޔާޒު ހޯދި ކުދިންނަށް އަޅުގަނޑު ތަހުނިޔާ އަދާކުރަން. އަދި އޭގެ ތެރެއިން އެއް ކުއްޖަކީ، ރައީސުލްޖުމްހޫރިއްޔާގެ އިނާމު ހާސިލުކުރާ ކުއްޖަކަށްވީތީ، އޭނާއަށް ޚާއްޞަ ތަހުނިޔާއެއް ރައްދުކުރަން. އާދެ، އޭނާއަކީ ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ ފަދައިން، ޙަސަން ޝަފީއު. މިހާރު ހަމަޖެހިފައިވާ ގޮތުން، ކޮންމެ އަހަރަކުވެސް ޖީ.ސީ.އީ އޭ ލެވެލް ތިން މާއްދާއިން ފާސްވުމާއެކުގައި، އެންމެ މަތީވަނައެއް ހޯދާފައިވާ ކުއްޖަކަށް އަދި އަޚްލާޤުގެ ގޮތުން ބަލާއިރު، އެންމެ ރަނގަޅު ކުއްޖަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ އިނާމެއްގެ ގޮތުން، ސަރުކާރުގެ ޚަރަދުގައި ބޭރުގެ ޔުނިވަރސިޓީއެއްގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އެކުއްޖަކަށް ދޭގޮތަށްވަނީ ހަމަޖެހިފައި. އެގޮތުން އެންމެ ފުރަތަމަ ހޮވުނު ކުއްޖަކީ، މިއަހަރު ޖީ.ސީ.އީ އެޑްވާންސްޑް ލެވެލްގައި ހަތަރު މާއްދާއިން އިމްތިޔާޒު ހޯދި ޙަސަން ޝަފީއު. އާދެ، އެހެންވީމާ، އޭނާއަށް، އޭނާ އެކުރި މަސައްކަތަށް، އެކުރި ހިންމަތަށް ވަރަށް އުފަލާއެކު އައްސަރިބަހާއި ސާބަސް އަޅުގަނޑު ކިޔަން. ހަމައެއާއެކުގައި އޭނާއާ އެއްފެންވަރަށް ކާމިޔާބު ނުކުރެވުނު ކަމުގައިވިޔަސް، އިމްތިޔާޒު ހޯދި އެހެން ކުދިން އާދެ، މުޙައްމަދު ނާޞިޙް، އިސާންތާލޮކްގެ، މުއްރަތު ސަޢީދު، ޢަބުދުލްބާރީ ޔޫސުފް، މިހުރިހާ ކުދިންނަށްވެސް އަޅުގަނޑުގެހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ރައްދުކުރަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުން މިންވަރުކުރެއްވުން. ރާއްޖޭގެ ކިޔަވާކުދިންނަށް އެއްދުވަހުން އަނެއްދުވަހަށް އެކުދިން އެކުރާ މުހިންމު މަސައްކަތުގައި ކުރިއަށް ދިޔުމުގެ ތައުފީޤު ދެއްވުން. ދިވެހި ސަރުކާރަށް، ތަޢުލީމު ތަރައްޤީ ކުރުމުގައި އެކުރާ މަސައްކަތުގައި މަގުފަހިކޮށްދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.