بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وصحبـه أجمعـين.

މިއަދަކީ ރާއްޖޭގެ ތަރައްޤީގައި އިތުރު ފިޔަވަޅެއް އެޅުނު ދުވަހެއް. އާދެ، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތާ ގުޅޭބައި އެއީ ވަރަށް މުހިންމު ބައެއް. މިއަދު މި ބިންގާއެޅުނު ޢިމާރާތަކީ ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަފަދައިން، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތް މިހާރަށްވުރެ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭނެ ޢިމާރާތެއް. އެހެންކަމާއެކު، އެ ޢިމާރާތުގެ ބިންގާ އަޅައިދިނުމަށް މި ލިބުނު ފުރުޞަތަށްޓަކައި ކީރިތިވަންތަ اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި މުނާސަބަތަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބިދިން މުނާސަބަތެއް ކަމުގައި ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް.

އާދެ، މުވާޞަލާތުގެ ޚިދުމަތުގެ ބޭނުންތެރިކަމާއި، އެކަމުން ތަނުގެ ކުރިއެރުމަށް އަންނަ ބަދަލުތައް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް އެނގޭނެ، އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނީ މުވާޞަލާތު ކުރިއަށް ގެންދިޔުމަށްޓަކައި އެންމެ ފުރަތަމަ އެޅުނު ފިޔަވަޅުން ފެށިގެން. އާދެ، 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައި މާލޭގައި އާރތް ސެޓެލައިޓް ސްޓޭޝަނެއް ބެހެއްޓުނީ. އޭގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ އެހެން ތަންތަނާ ދޭތެރޭގައި އޮތް މުވާޞަލާތުގެ ގުޅުން އެތައް ތަނެއް ބަދަހިވެގެން ހިނގައްޖެ. އަދި އެ ގުޅުންތައް އެގޮތަށް ބަދަހިވުމުގެ ސަބަބުން ރާއްޖޭގެ ޙާލަތަށް، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ އަދި ވިޔަފާރީގެ ތަރައްޤީއަށް މިހާރު އައިސްފައިވާ ބަދަލުތައް، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ.

އެހެންނަމަވެސް، އެހިސާބުން އަޅުގަނޑުމެންގެ މުވާޞަލާތުގެ ޚިދުމަތް ފުރިހަމަކުރެވުނީ ކަމަށް ބަލައިގެންވާކަށްނެތް. ރާއްޖެ ތަރައްޤީވަމުންދަނީ ވަރަށް ހަލުވިކަމާއެކު. ރާއްޖެއަކީ ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް އަދި ރާއްޖޭގެ އިޤްތިޞާދީ ތަނަވަސްކަން ބިނާވެފައިވަނީ ކިތަންމެ ހަނި ދާއިރާއެއްގެ މައްޗަށް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ފަޚްރުވެރިވެވިދާނެފަދަ ދަރަޖައަކަށް ރާއްޖޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަށް. ރާއްޖޭގެ ހުރިހާ ކަމެއްވެސް ތަރައްޤީވަމުންދާ ދިޔުމުގައި، ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ރާއްޖޭގެ މުހިންމު ހުރިހާ ދާއިރާތަކަކަށް ލިބޭނޭގޮތްވުމަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ކަމެއް.

އެހެންކަމާއެކު، ޓެލެކޮމިއުނިކޭޝަންސްގެ މާސްޓަރ ޕްލޭން ނުވަތަ ޤައުމަށް ތައްޔާރު ކުރެވިފައިވާ އާންމު މަޝްރޫޢު، މީގެ ފަސް އަހަރު ކުރިން ތައްޔާރުކުރެވި، މީގެ ހަތަރު އަހަރު ކުރިން ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކުރެވިފައިވަނީ.

އާދެ، މި ދެންނެވި މަޝްރޫޢުގެ އެންމެ މުހިންމު އެއްބަޔަކީ، މާލޭގެ ޓެލެފޯނު ސިސްޓަމް ތަރައްޤީ ކުރުން. މިހާރު މާލެއަކީ، މީގެ ދިހަ އަހަރު ކުރީގެ މާލެއެކޭ ދެންނެވޭކަށް ނެތް. ރައްޔިތުންގެ ޢަދަދު ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. މާލޭގެ އެކިއެކި މުހިންމު މަޝްރޫޢުތައް ދަނީ ކުރިއަށް. ސަރުކާރުގެ މަޝްރޫޢުތަކާއި، އަމިއްލަ ފަރާތްތަކުން ދިރިއުޅުން ތަނަވަސްކުރުމަށާއި، ރާއްޖެއަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. މި ހުރިހާ ކަމަކަށް ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތަކީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، މިހާރު މާލެއޮތް ފެންވަރުން މިހާރު އަޅުގަނޑުމެންގެ އަތުގައި މިހިރަ ޓެލެފޯނު އެކްސްޗޭންޖުން އަޅުގަނޑުމެންނަށް ފުއްދައިލެވޭކަށް ނެތް. ކުރިއަށް އޮތްތާނގައި އެއަށްވުރެ ފުރިހަމަ، އެއަށްވުރެ އެކަށީގެންވާ ޚިދުމަތް ލިބިދެވޭނެ ސެންޓަރެއް ނުވަތަ މަރުކަޒެއް ހުރުމަކީ، މިހާރު ކޮންމެހެން ބޭނުންވެފައިވާ ކަމެއް.

އާދެ، މިއަދު މި ބިންގާއެޅުނު ޢިމާރާތުގައި އެކުލެވޭ އެންމެ މުހިންމު އެއްބަޔަކީ، މާލޭގެ އާ ޓެލެފޯނު ސިސްޓަމް. އޭގައި، ދެންމެ ޑިރެކްޓަރ އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް އެ ވިދާޅުވި ފަދައިން، މިހާރު މާލެއަށް ލިބިދެވިފައިވާ ޓެލެފޯނުތަކުގެ ތިންގުނައާ ހަމައަށް ލިބިދެވެން ހުންނާނެ. ގާތްގަނޑަކަށް ހަތްހާސް ޓެލެފޯނު އެންމެ ފުރަތަމަ. އޭގެފަހުން، ރާއްޖެތެރޭގެ މުވާޞަލާތުގެ ކަންތައްތައް ތަރައްޤީވަމުންދިޔަ މިންވަރަށް ބަލާފައި، ގާތްގަނޑަކަށް ދިހަވަރަކަށް ހާސް ޓެލެފޯނު ގުޅޭގޮތަށް ހަމަޖެހޭނެކަމަށް އަޅުގަނޑަށް އެނގިފައިވޭ.

އާދެ، ޝައްކެއްނެތްގޮތުގައި، ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތަކީ ނުހަނު ބޭނުންވެފައިވާ ކަމެއްކަން އެއީ އަޅުގަނޑުހިތުން ހަމަ ކޮންމެ މީހަކަށްވެސް ރަނގަޅަށް އިޙްސާސް ކުރެވޭނެ ކަމެއް. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް މި ބިންގާއެޅުނު ޢިމާރާތުން ލިބޭ ޚިދުމަތްތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އަދި އާންމު ދިރިއުޅުމުގެ ފެންވަރަށް ވަރަށް އެކަށީގެންވާ މުހިންމު ބޭނުންތެރި ބަދަލުތަކެއް އަންނާނެކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑު ކުރިން ދެންނެވި، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސްގެ މާސްޓަރ ޕްލޭންގައި ހިމެނޭ އެއްކަމަކީ، މާލޭގެ ޓެލެފޯނު ސިސްޓަމް ރަނގަޅު ކުރުން. އޭގެތެރޭގައި ހިމެނޭ ވަރަށް މުހިންމު އަނެއްކަމަކީ، ރާއްޖެތެރޭގެ މުވާޞަލާތު ތަރައްޤީކުރުން. އެކަމަށްވެސް އަޅުގަނޑުމެން މިއަދުވަނީ ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައި. އެއީ، ރާއްޖެތެރޭގެ މުވާޞަލާތު އެކަށީގެންވާ ގޮތެއްގައި ތަރައްޤީ ވެގެންނޫނީ، މުޅިޤައުމަށް ތަރައްޤީ ނުވެވޭނެކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވިޔަސް އަދި މާލޭގައި ދިވެހިރައްޔިތުންގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅެމުން ދިޔަކަމުގައިވިޔަސް، ރާއްޖެއަކީ ވަރަށް ގިނަ މީހުން އުޅޭ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް. އެހެންކަމާއެކު، ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށްވެސް މުވާޞަލާތުގެ ޚިދުމަތްތައް ލިބިދިނުމަކީ ޝައްކެއްނެތްގޮތުގައި ދައުލަތުން ކުރަންޖެހޭނެ ކަމެއް. އަދި އެއީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް. އެހެންވުމާއެކު، މީގެފަހުގެ މަރުޙަލާއެއްގައި ނުވަތަ މިއާއެކުއެކުގައިހެން ސަރުކާރުން އުއްމީދު ކުރަނީ ރާއްޖެތެރޭގެ މުވާޞަލާތު ތަރައްޤީ ކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދެވޭނެ ކަމަށް.

އާދެ، އެކަމާ ބެހޭގޮތުން ސަރުކާރުން މިހާރުދަނީ ވިސްނަމުން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން. އައި.ޓީ.ޔޫ. ނުވަތަ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ އެހީގައި އެމީހުންގެ މާހިރަކު މިދޭތެރެއިން މާލެއައިސް، ރާއްޖެތެރޭގެ މުވާޞަލާތު ތަރައްޤީ ކުރުމާ ބެހޭގޮތުން ސަރުކާރާ މަޝްވަރާކޮށް ހެދި. އެ މަޝްވަރާތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާ ކަމަށްވަންޏާ، އަދި ކާމިޔާބުވެއްޖެ ކަމުގައިވަންޏާ، އަޅުގަނޑުހިތުން މާލަސްތަކެއްނުވެ ރާއްޖެތެރެއަށްވެސް ޓެލެފޯނުގެ ޚިދުމަތާއި އަދި ޓެލެވިޜަންގެ ޚިދުމަތްވެސް އަޅުގަނޑުމެންނަށް ލިބިދެވޭނެ. އާދެ، އެ ދުވަހަކީ ޝައްކެއްނެތްގޮތުގައި، ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުން ވަރަށް ވަރުގަދަ އުންމީދަކާއެކު، ވަރަށް އުފާވެރި އުންމީދަކާއެކު އިންތިޒާރު ކުރައްވަމުން ގެންދަވާނެ ދުވަހެއް. އެދުވަސް އައުމަކީ ސަރުކާރަށްވެސް ވަރަށް ބޮޑު އުފާވެރި ކަމެއް ޙާޞިލު ކުރެވޭނެ ދުވަހެއް.

އާދެ ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގެންފައިވާނެ ފަދައިން، އަޅުގަނޑުމެންގެ މި ޓެލެކޮމިއުނިކޭޝަން ސެންޓަރުގެ މަރުކަޒުގެ ޢިމާރާތް، މި ޢިމާރާތް މި ހެދެނީ އަދި އޭގައި ހިމެނޭ އެކިއެކި ފަސޭހަތައް އަޅުގަނޑުމެންނަށް މި ލިބެނީ އަޅުގަނޑުމެންނާ ވަރަށް އެކުވެރި ރަޙްމަތްތެރި ޤައުމެއްގެ އެހީގައި. އެ ޤައުމަކީ ޖަޕާން. ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގުޅުން ރަނގަޅު ޤައުމެއް. އަދި ފަހަކަށްއައިސް އިޤްތިޞާދީ ގޮތުން ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތަކެއް ވެދީފައިވާ ޤައުމެއް. މަސްވެރިކަމުގެ ރޮނގުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވަނީ ގިނަގުނަ އެހީތަކެއްވެދީފައި. އަދި ތަޢުލީމުގެ ރޮނގުގައިވެސް ދާދިފަހުން ވަރަށް ބޮޑެތި އެހީތަކެއްވެދީފި. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ރާއްޖެތެރޭގެ އަތޮޅުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި އެޅިފައިވާ މަދަރުސާތައް. އެ މަދަރުސާތަކަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކުރާނެ ތަންތަން.

އޭގެފަހުން މިހާރު އަޅުގަނޑުމެންނަށް ޖަޕާނު ސަރުކާރުގެ އެހީގައި މި ކުރިއަށް ގެންދެވެނީ، މާލޭގައި މި ޢިމާރާތް ކުރެވޭ ޓެލެކޮމިއުނިކޭޝަންސްގެ ނުވަތަ މުވާޞަލާތީ މަރުކަޒުގެ ޢިމާރާތް. އެހެންވީމާ، ޖަޕާން ސަރުކާރަށް އަދި ޚާއްޞަކޮށް، ޕްރައިމްމިނިސްޓަރ ނަކަސޯނީއަށް ދިވެހިސަރުކާރުގެ ނަމުގައި އަދި ދިވެހިރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ހަމައެފަދައިން، މި މަޝްރޫޢުގައި ތަފާތު އެހީތައް ވެދެއްވި ގިނަގުނަ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި ޖަޕާނުގެ އެމްބެސެޑަރ އަދި އެމްބަސީގެ އެހެނިހެން މުވައްޒަފުން އެކިފަހަރު މަތިން މާލެ ވަޑައިގެން، މިކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވައި، ސަރުކާރަށް މި އެހީ ލިބިދިނުމުގައި ވަރަށް ބޮޑު ބައެއް އަދާކުރެއްވި. އެ ހުރިހާ ފަރާތްތަކަށްވެސް ހިފެހެއްޓުމެއްނެތް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން.

އާދެ، މި އެހީއަކީ ޖަޕާނު ސަރުކާރުން ދިވެހިސަރުކާރަށް ނުވަތަ ދިވެހި ޤައުމަށް ހަމަ ހިލޭ ދެއްވާ އެހީއެއް. އެއީ މި ދެންނެވި ބަހުގެ މާނައަކީ، މިއީ އަޅުގަނޑުމެން ޖަޕާނު ސަރުކާރުން ނަގާ ލޯނެއް ނޫނޭ، އަނބުރާ ދައްކަން ނަގާ ފައިސާއެއް ނޫނޭ. މިއީ ޖަޕާނުގެ އެކުވެރި ރައްޔިތުން ދިވެހިރައްޔިތުންނަށް ކުރާ ހަދިޔާއެކޭ. އެހެންވީމާ، އަޅުގަނޑުހިތުން އެކަން އެއީވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭނެ ކަމެއް. އެ އެހީގެ އަދަދު މިހާތަނަށް ހަމަޖެހިފައިވާ ގޮތުން، ހަސަތޭކަ ތިރީސް ނުވަ މިލިއަން ޖަޕާން ޔެން. އާދެ، ގާތްގަނޑަކަށް 3.7 މިލިއަން އެމެރިކާ ޑޮލަރ. އެއީ އެއްވެސް ޙާލެއްގައި ކުޑަ އެއްޗެއް ނޫން. މީގެކުރިން، އަޅުގަނޑުމެންނަށް ޖަޕާނު ސަރުކާރުން ލިބިފައިވާ އެހެނިހެން އެހީތައްވެސް، ޚާއްޞަކޮށް ރާއްޖެތެރޭގައި މި އެޅުނު މަދަރުސާތައްވެސް އެޅިފައިވަނީ ޖަޕާނު ސަރުކާރުގެ ހަދިޔާއެއްގެ ގޮތުގައި. އެހެންވީމާ، އެކަން އެއީ މިއަދު ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް.

އާދެ، ހަމައެއާއެކުގައި އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް މި މަސައްކަތުގައި ވަރަށް ބޭނުންތެރި މުހިންމު ވާޖިބުތަކެއް އަދާކުރެއްވި ފަރާތްތަކެއް އެބަތިއްބެވި. އާދެ، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަދި އެ ޑިޕާޓްމަންޓުގެ އިސްވެރިން، އެ ޑިޕާޓްމަންޓުގެ އިންޖިނޭރުންނާއި، ޓެކްނީޝަނުންނާއި، އެހެނިހެން މުވައްޒަފުން. އަދި، އަޅުގަނޑުމެން މުވާޞަލާތުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މީސްތަކުން. މި ހުރިހާ ފަރާތްތަކަށް މިއަދު އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އަޅުގަނޑުގެ އުންމީދަކީ އަދި ދުޢާއަކީ ރާއްޖޭގެ ތަރައްޤީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުން. ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ސަބަބުން ދިވެހިރައްޔިތުންނަށް ލިބޭ ފަސޭހަތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންދިޔުން. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން ރާއްޖެއަށް މިއަދަށްވުރެ ފަހި އަދި ފާގަތި މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.