بســم اللّـه الرّحمـن الرّحيــم

السّلام عليكم ورحمـة اللّـه وبركاته.

ތިޔަބޭފުޅުން މިހާރު ތިޔައައްސަވަނީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ފަރާތުން ތައްޔާރުކުރައްވާ ބަހާއި އަދަބުގެ އަޑުގެ 100ވަނަ ޕްރޮގްރާމް. އާދެ، މި ޕްރޮގްރާމްގައި އަޅުގަނޑަށް އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން.

މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ބަހާއި އަދަބުގެ އަޑުގެ މި 100 ވަނަ ޕްރޮގްރާމް ފޮނުވުމުގެ މުނާސަބަތުގައި، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހަށް ހިތުގެއަޑިން ތަހުނިޔާ ދެންނެވުން. އާދެ، އެމަޖިލީހުގެ ރައީސަށް، އެމަޖިލީހުގެ މެންބަރުންނަށް، އަދި ޚާއްޞަކޮށް، މިޕްރޮގްރާމް ތައްޔާރުކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް އުފަލާއެކު މަރްޙަބާ ދެންނެވުން.

ޝައްކެއްނެތް. މިބާވަތުގެ ސިލްސިލާއެއް މެދުކެނޑުމެއްނެތި މިހާދުވަހު ދެމިއޮތްކަން އަދި ވަރަށް ކާމިޔާބު ގޮތެއްގައި 100 ޕްރޮގްރާމް ހަމަވެގެންދިޔަކަމުން ދޭހަވާކަމަކީ، ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުން މި ޕްރޮގްރާމަށް ދެއްވަމުން ގެންދަވާ މަތިވެރި އަހަންމިއްޔަތު. އަދި މި ޕްރޮގްރާމް ތައްޔާރުކުރައްވައި، ތިޔަބޭފުޅުންނާ ހަމަޔަށް ގެނެސްދެއްވާ ބޭފުޅުން އެކުރައްވަމުން ގެންދަވާ ޚިދުމަތުގެ އިޚްލާޞްތެރިކަން.

އާދެ، ދިވެހިބަހާއި ދިވެހިއަދަބު ކުރިޔަށް ގެންދިޔުމުގެ ރޮނގުގައި އަދި ދިވެހިތާރިޚާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ މައިދާނުގައި، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުންނާއި އަދި ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ ފަރާތުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަޅުގަނޑުމެން އާދެ، ދިވެހިބަހާއި ދިވެހިއަދަބަށް އަދި ދިވެހިތާރީޚާއި ދިވެހި ޘަޤާފަތަށް ލޯބިކުރާ ދިވެހިރައްޔިތުން އުފަލާއެކު ފާހަގަކުރާ މަތިވެރި މަސައްކަތްތަކެއް.

މިކަހަލަ މުނާސަބަތެއްގައި ވާހަކަ ދައްކާއިރު މި ދެ މަޖިލީހަކީ، ވަކިކޮށްލެވޭނެ ދެ މަޖިލީހެއް ނޫން. ސަބަބަކީ ބަހާއި، އަދަބާއި، ތާރީޚާއި، ޘަޤާފަތާ މިއީ ވަރަށް ބޮޑަށް އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ބައިތަކަކަށްވާކަން. އެއިން ކޮންމެ ބަޔަކީވެސް އަޅުގަނޑުމެންގެ ދިވެހިޤައުމިއްޔަތުގެ ދިވެހިވަންތަކަމުގެ ވަރަށް ބޮޑު ބައެއް. ދިވެހިބަސް ނުވަތަ އަޅުގަނޑުމެންގެ މަންމަބަސް މިއީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން. އަދަބަކީ ބަހާ ގުޅިފައިވާ ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން، ބަހުގެ ފޮނިކަމާއި ފުރިހަމަކަން ދައްކައިދޭ އެއްޗެއް. އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތަކީ އަޅުގަނޑުމެންގެ ބަހުގެ މޫތައް އަދި ދިވެހިވަންތަކަމުގެ މޫތައް އޭގެތެރެއަށް ފެތުރިފައިވާ ފަސްގަނޑު. އެއްވެސް ބަހަކަށް، އެބަހުގެ ތާރީޚާއި ޘަޤާފަތާ ވަކިވެގަނެގެން ކުރިޔަށް ދެވިފައެއް ނޯންނާނެ. ވީމާ، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހާއި، އަދި ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހާ، މި ދެމަޖިލީހުގެ މަސައްކަތަކީ، އެއް މަޤްޞަދެއްގައި އެއްލަނޑުދަނޑިއަކާ ހަމައަށް ވާޞިލުވުމަށްޓަކައި ކުރައްވާ މަސައްކަތްތަކެކޭ ދެންނެވިދާނެ.

ދިވެހިބަހާއި އަދަބުގެ ނަސީބު ރަނގަޅުކަމުން އަދި ދިވެހިތާރީޚާއި ޘަޤާފަތުގެ ނަސީބު ރަނގަޅުކަމުން، އެ ދެ މަޖިލީހުގެ ކަންތައްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވީ، ކަމަށް އެންމެ އެކަށީގެންވާ އެންމެ ޤާބިލު ދެ ބޭފުޅުންކަމާމެދަކު ޝައްކެއްނެތް. އާދެ، އޮނަރަބްލް އައްޝައިޚް މުޙައްމަދު ޖަމީލްދީދީއާއި، އޮނަރަބްލް އަލްއުސްތާޛް އިބްރާހީމް ޝިހާބަކީ، ދިވެހިބަހާއި އަދަބުގެ މައިދާނުގައި އަދި އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތާ ގުޅޭ ކަންތައްތަކުގައި އިތުރު ތަޢާރުފަކަށް ބޭނުން ދެ ބޭފުޅުންނެއް ނޫން. މި ލާމަޘީލު ދެ އުސްތާޛުންނަށް އެހީތެރިވެވަޑައިގެންދެއްވައި އަދި އެ ދެބޭފުޅުންގެ އިރުޝާދުގެ ދަށުން މަސައްކަތްޕުޅު ކުރައްވަން ތިއްބެވި އެ ދެމަޖިލީހުގެ މެންބަރުންނަކީވެސް އަޅުގަނޑުހިތުން މިވަގުތު ރާއްޖޭގައި ތިއްބެވި ބޭފުޅުންގެތެރެއިން މި ދެ ރޮނގުގައި އެންމެ ކުޅަދާނަ އެންމެ ޚިދުމަތްތެރި ބޭފުޅުން.

ކޮންމެއަކަސް މިއަދު ތިޔަބޭފުޅުން ތިޔައައްސަވާ ބަހާއި އަދަބުގެ އަޑުގެ 100ވަނަ ޕްރޮގްރާމަކީ، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ކާމިޔާބު މަސައްކަތްތަކަށް އަޅުގަނޑުމެންގެ ނަޒަރު ހުއްޓުވާލާ ޕްރޮގްރާމެއް. އާދެ، މި މަޖިލީހަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ސަރުކާރުން އުފައްދަވާފައިވާ މަޖިލީހެއް. އެއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމީބަސް ކަމުގައިވާ ދިވެހިބަސް ދިރުވައި ކުރިއެރުވުން. ދިވެހިބަސް މުއްސަނދިކޮށް ތަރައްޤީކުރުން. އަޅުގަނޑުމެންގެ ފަސްގަނޑަށް ބީރަށްޓެހި އެހެނިހެން ބައެއް ބަސްބަހުގެ ވިހަތީރުތަކުން ދިވެހިބަސް ޒަޚަމްވަމުން ދަނިކޮށް، އެ ބަސް ސަލާމަތްކޮށް ރައްކާތެރިކުރުން. އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމިއްޔަތަށް ފުރަގަސްދިނުމުގެ ރޫޙެއް އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގަނެގެންދިޔަ ފެތުރިގަތުމެއްގެ ސަބަބުން ދިވެހިބަހަށް ލިބެމުންދިޔަ ނިކަމެތިކަން ހުއްޓުވާލައި، ދިވެހިބަހަށް އިތުރު ތާޒާކަމަކާއި، އިތުރު ޒުވާންކަމެއް ގެނެސްދިނުން.

ހަމައެފަދައިން، ދިވެހި އަދަބިއްޔާތު ދިރުވައި، އޭގެ ފޭރާން ރަނގަޅު ކުރެވޭތޯ ބެލުން. ދިވެހި އަދަބުގައިވެސް ބޭރުބަސްބަހުގެ އަދަބުގައި ހުންނަކަހަލަ މޮޅު، ފެންވަރު ރަނގަޅު އަދަބީ އުފެއްދުންތައް ގިނަކުރެވޭތޯ ބެލުން. އާދެ، އަޅުގަނޑު މި ދަންނަވަނީ އެފަދަ އުފެއްދުންތައް މިހާރު ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ނެތް ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ދިވެހި ޤައުމުގެ އެހެނިހެން ކަންތައްތައް ތަރައްޤީވަމުން ކުރިއަރަމުންދާފަދައިން، ދިވެހިއަދަބުގެ ފެންވަރުވެސް ކުރިއަރުވައި ތަރައްޤީކުރެވޭތޯ ބެލުމަކީ، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހެއްގެ މަޤްޞަދަކަށްވާނެކަމަށް.

އާދެ، ބަހާއި އަދަބުގެ އަޑުގެ މި 100 ވަނަ ޕްރޮގްރާމް ފޮނުއްވާ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސްގެ އަރިހަށާއި، އެ މަޖިލީހުގެ ހުރިހާ މެންބަރުންގެ އަރިހަށް ފޮނުވަމުން، އަދި މި ސިލްސިލާގެ 200 ވަނަ ޕްރޮގްރާމްގައިވެސް އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު ލިބޭނެކަމަށް އުންމީދު ކުރަމުން އަޅުގަނޑު ވަކިވެލަން.

والسّلام عليكم ورحمـة اللّـه وبركاته.