بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިރޭ އަޅުގަނޑު މިތަނަށް މިއައީ ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމަށްޓަކައި. އަޅުގަނޑު މިތަނަށް އައުމުގެ ބޭނުމަކީ މާގިނަ ވާހަކަތަކެއް ދެއްކުމެއްނޫން. އެހެންވީމާ، މިއީ ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވިފަދައިން، އަޅުގަނޑުގެ ވާހަކަދެއްކުން ކަމުގައި ނުހިއްތެވުން އެދެން.

ޝައްކެއްނެތް، ތިޔަބޭފުޅުން ތިޔަފުރާވަޑައިގަންނަވަނީ ވަރަށްމާތް ދަތުރުފުޅެއްގައި. ވަރަށް މަތިވެރި އަޅުކަމެއް އަދާކުރެއްވުމުގެ މަޤްޞަދުގައި. އެހެންނަމަވެސް، ޙައްޖާދޭތެރޭގައި އަޅުގަނޑު މިރޭ މާގިނަވާހަކަތަކެއް ދައްކާކަށް ޤަޞްދެއްނުކުރަން. އެއީ ޙައްޖަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ އަޅުކަމަކަށްވާތީ. އަދި ޙައްޖުގެ މަތިވެރިކަމާއި ޙައްޖު އަދާކުރާ މީހުންނަށް ﷲ މިންވަރު ކުރައްވާ ރަޙްމަތާއި ނިޢުމަތް، މިއީ އަޅުގަނޑުހިތުން ކޮންމެ މުސްލިމަކަށްވެސް އެނގޭނޭ އެއްޗެއް. އާދެ، އެކަންއޮތީ އެހެންކަމަށްވުމާއެކު، އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާލާހިތްއޮތީ ދެކަމަކާ ދޭތެރޭގައި.

އޭގެތެރެއިން އެއްކަމަކީ، މިހާރަކަށްއައިސް އިސްލާމީ ޤައުމުތަކުގެ މެދުގައި އުފެދިގެން އުޅޭ ހަމަނުޖެހުމުގެ އަސަރުތައް، މިފަދަ މާތް އަޅުކަން އަދާކުރާ ތަންތަނަށްވެސް ފޯރާކަން. އާދެ، އެއީ ޝައްކެއްނެތްގޮތުގައި ވަރަށްދެރަ ކަމެއް. ވަރަށް ބޮޑަށް ހުރިހާ މުސްލިމުންވެސް ހިތާމަކުރަންޖެހޭފަދަ ކަމެއް. އެހެންނަމަވެސް މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެތެރޭގައިވެސް، މިދެންނެވި ބާވަތުގެ ކަންތައްތައް ވަނީ މިދުވަސްވަރު. އާދެ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ އަދަދެއްގެ މުސްލިމުން މައްކާގެ މުޤައްދަސް ބިމަށް އަދި މައްކާގެ ވަށައިގެންވާ ޙައްޖުގެ އެކިއެކި ޝަޢީރާތައް އަދާކުރުމަށް ދީނުގައި ކަނޑައެޅިފައިވާ ތަންތާނގައި، އެމީހުން ޙައްޖުގެ މަނާސިކު އަދާކުރަމުން ދަނިކޮށް، މިދެންނެވި ބާވަތުގެ ބައެއް ހަމަނުޖެހުންތައްވަނީ އެތަންތަނަށްވެސް ފެތުރިފައި. ނުވަތަ އެތަންތާނގައި ފެށިފައި.

އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށްދާ މީހުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ނުކުތާއެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، އަޅުގަނޑަށް ޔަޤީންކުރެވޭ، ދިވެހިރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެތެރެއިން އެއްވެސް ބޭފުޅަކު، އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް. އެހެންނަމަވެސް، މިރޭ އަޅުގަނޑު މިވާހަކަ ދަންނަވާލަންމިޖެހެނީ އެއީ ސަޢޫދީ ޢަރަބިޔާގެ ކަމާބެހޭ ފަރާތްތަކުންވެސް ހުރިހާ އިސްލާމީ ޤައުމުތަކަށް އިލްތިމާސް ކުރައްވާފައިވާތީ، އެޤައުމުތަކުން ޙައްޖަށްދާ މީހުންނަށް މިކަން އޮޅުންފިލުވައިދީ، އެމީހުންގެ ޢަމަލުތައް ވީހާވެސް އޮމާން އަދި އަމާން، ހަމައެއާއެކު ދީނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބެހެއްޓުމަށް ނަޞޭހަތްތެރިވުމަށް.

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ދަށުން ހިނގަމުންދާ ދުނިޔޭގެ މިސްކިތްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ފަރާތުން ދިވެހިސަރުކާރަށް މިކަމާބެހޭ ސިޓީއެއްވަނީ ދާދިފަހުން ލިބިފައި. އެސިޓީގައި އެފަރާތުން ވިދާޅުވެފައިވަނީ، މިބާވަތުގެ ބައެއް ސިޔާސީ ކަންތައްތައް، ޙައްޖުގެތެރޭގައި ހިސާބަކަށް ހިނގައޭ. ފަހަކަށްއައިސް ހިނގަމުންދެއޭ. އެހެންނަމަވެސް، އެކަންކަމަކީ މި މަތިވެރި އަޅުކަމުގެ ޤުދުސިއްޔަތާ އެއްގޮތަކަށްވެސް ނުގުޅޭ އަދި އެންމެހާ މުސްލިމްތަކުން އެންމެ ބޮޑަށް ޙުރްމަތްތެރިކޮށްހިތަންޖެހޭ ބައިތު ﷲ الْحَرَام އަދި الْمَسْجِدِ الْحَرَام، الْمَسْجِدِ الْنَّبَوى މިފަދަ މާތް ތަންތަނުގެ ޙުރްމަތްތެރިކަމަށްވެސް އަރައިގަނެވޭ އަރައިގަތުމެކޭ. އެހެންވީމާ، އިސްލާމީ ޤައުމުތަކުން ހައްޖަށްދާ މީހުންނަށް، މިކަން އެތަންތާނގެ ސަރުކާރުން ސާފުކޮށް އޮޅުންފިލުވައިދިނުން އެދެމޭ. އެއީ ސަޢޫދީ ޢަރަބިޔާގެ މިދަންނަވާ ފަރާތުން ސަރުކާރަށް ލިބިފައިވާ ސިޓީއަކީ.

އެހެންވީމާ، އެނުކުތާ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ވަރަށް ބޮޑަށް. އަޅުގަނޑުމެން އެކަހަލަ ކަންތަކުގައި ބައިވެރިނުވެ، އެއްވެސްބަޔަކު އެކަހަލަކަމެއް ކުރަން އުޅޭކަން އެނގިއްޖެއްޔާ އެތަނަކުން ދުރަށްގޮސް، އެއްވެސް ހާލެއްގައި ސަޢޫދީ ޢަރަބިޔާގެ ސަރުކާރުގެ ފަރާތްތަކަށް ނުކިޔަމަންތެރިކަން ދައްކައި ނުވަތަ އެފަރާތްތަކުން އަންގަވާ އެންގެވުންތަކާ ޚިލާފުވާކަހަލަގޮތަކަށް އަޅުގަނޑުމެންގެ އެއްވެސްކަހަލަ ޢަމަލެއް ހުރެގެނެއް ނުވާނެ. އަޅުގަނޑު ޔަޤީންކުރާގޮތުގައި ދިވެހިންނަކީ އަބަދުވެސް ކިޔަމަންތެރި އަދި ޙުރްމަތްތެރިކޮށްހިތަންޖެހޭ ތަންތަނަށާއި، މީސްމީހުންނަށާއި ކަންކަމަށް، ޙުރްމަތްތެރިކޮށްހިތާ ބައެއް.

އެހެންވީމާ، އަޅުގަނޑު އިތުރަށް ނުދެންނެވިޔަސް، އަޅުގަނޑަށް ޔަޤީންކުރެވޭ، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން، މިދެންނެވި ބާވަތުގެ ކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާވަޑައިގެން، ދީނުގެ މަތިވެރި އުސޫލުތައް ނިޔާކުރާގޮތުގެމަތިން ޙައްޖުގެ އަޅުކަން އަދާކުރައްވަމުން ގެންދަވާނެކަމަށް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަޔަކީ، މިވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ސަރުކާރުން ހަމަޖައްސާ މަތިންދާބޯޓުގައި ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ވާހަކަ. އާދެ، ކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް އިރާދަކުރެއްވިއްޔާ ހަމަޖެހޭ. މިދިޔަ އަހަރަށްވުރެ ކުޑަކުޑަ ތަންކޮޅެއްލަހުން މިއަހަރު ތިޔަބޭފުޅުންނަށް ފުރާވަޑައިގެންނެވޭގޮތްމިވީ. ބައެއް ބޭފުޅުން ހީފުޅުކުރެއްވުން އެކަށީގެންވޭ އެއީ އެކަމަށް ސަރުކާރުން ދޭންވާ އަހަންމިއްޔަތު ނުދެވުނިއްޔޭ. އެހެންނަމަވެސް އެހެނެއްނޫން އެކަންވެފައިއޮތީކީއެއް. ވަރަށް ކުރިއްސުރެ، އާދެ، ތެދުތެދަށް ދަންނަވަންޏާ، މީގެ ފަސްމަސްދުވަސް ކުރިން ސަރުކާރުން މި މަސައްކަތްވަނީ ފަށާފައި. މަތިންދާބޯޓު ދުއްވާ ކުންފުނިތަކާ ގުޅިގެން، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން ސީދާ މާލެއިން ޖިއްދާއަށް ވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސެވޭތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ ފަސްމަސްދުވަހުގެ ތެރޭގައިވަނީ މަސައްކަތް ކުރައްވަމުން ގެންދަވާފައި. އެހެންނަމަވެސް، ބައެއް ދަތިތައް ދިމާވި. އެންމެ ބޮޑު އެއްކަމަކީ، ދަތުރުފަތުރު ކުރުމަށް ދިމާވެގެންއުޅޭ ދަތިތައް މުޅި ދުނިޔޭގައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ރޭޑިޔޯ ޚަބަރުތަކުންނާއި ނޫސްތަކުން އައްސަވާނެ، ދިމާވާ ބައެއް ނުރައްކާތަކުގެ ވާހަކަ. އެކަންތައްތައް އެހެން ހުރުމާއި އަދި އެއްދުވަހުން އަނެއްދުވަހަށް ހުރިހާ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުވަމުންދިއުމާ، މިކަހަލަ ކަންތައް މިހެން ހުރީމާ، އަޅުގަނޑުމެން ބޭނުންވާވަރަށް، އަޅުގަނޑުމެން ބޭނުންވާ އަގުހެޔޮކޮށް، މިކަންވެވޭނެގޮތް މިފަހަރު ދަތިވެފައި އޮތުން އެއީ އެންމެ ބޮޑު ސަބަބަކީ. އެހެންވާންޖެހޭ ސަބަބަކީވެސް މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ އަދަދު، އެހެން އަހަރު އަހަރަށްވުރެ ގިނަކަން.

އާދެ، މިދިޔައަހަރު އެއްބޯޓު ޗާޓަރުކޮށްގެން ފުދުނު. އެއް މަތިންދާބޯޓުން ހުރިހާ ބޭފުޅުން ވަޑައިގަތީ. ގާތްގަނޑަކަށް، ތިންސަތޭކަ ސާޅީހަކަށް ބޭފުޅުންނަށް އެއްބޯޓުން ވަޑައިގެންނެވުނު. އެކަމަކު މިއަހަރު މިދުވަސްވަރު ރާއްޖެއިންފުރާ މަތިންދާބޯޓުން ނުވަތަ ބޯޓުތަކުން ޙައްޖަށް ވަޑައިގަންނަވަން ހަތަރުސަތޭކަ ހަތްދިހަ އެއް ބޭފުޅުން އެބަތިއްބެވި. އެ އަދަދަކީ އެއްބޯޓަކަށް އަރާވަރަށްވުރެ ގިނަ އަދަދެއް. އެހެންވީމާ، ވާގޮތަކީ އެއްބޯޓަކުން އެދަތުރު ހަމަޖެއްސޭކަށްނެތް. ދެބޯޓު ކުއްޔަށް ހިފަންޖެހެނީ. ކުއްޔަށް ދޫކުރާ ފަރާތްތަކުން ބޯޓުދޫކުރަނީ، މުޅި ބޯޓަށް، މުޅި ދަތުރަށް އަގުކިޔާފައި. ވަކި ފަސިންޖަރަކަށް އަގުކިޔާގޮތަކަށް ނޫން. އެހެންވީމާ، ވާގޮތަކީ މިދެންނެވި އަދަދު، ހަތަރުސަތޭކަ ހަތްދިހަ އެއް ބޭފުޅުން ތިއްބެވީމާ، އެއަދަދުން ދެބޯޓު ފުރޭވަރެއްނުވޭ. އެއީ ކޮންމެ ބޯޓެއްގައިވެސް ތިންސަތޭކަ ތިރީސް ނުވަތަ ތިންސަތޭކަ ސާޅީސް މީހުން ގެންދެވޭވަރަށް ޖާގައޮވޭ.

އެހެންވީމާ، ހަސަތޭކަ ފަސްދޮޅަސް، ނޫނީ ހަސަތޭކަ އަށްޑިހަ މީހުން ތިބެގެންނޫނީ، ދެބޯޓު ފުރޭވަރަކަށް މީހުންނެއް ނެތް. އެކަމަކު ބޯޓަށް އަގުކިޔަނީ، މުޅި ބޯޓަށް އެއްއަގު ކަމަށްވާތީ، މި ވަޑައިގަންނަވާން ތިއްބެވި ބޭފުޅުންގެ އަދަދަށް ބަހައިލީމާ، ކޮންމެ ބޭފުޅަކަށްޖެހޭ އަދަދު، ފައިސާގެގޮތުން ބޮޑުވަނީ. އެހެންވީމާ، އެއީވެސް މާފަސޭހަ ކަމަކަށްނުވާނެ އަޅުގަނޑުމެންނަކަށް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތަނަވަސް ބައެއްނޫން. އެހެންވުމާއެކު، އެކަންތައްވެސް ކުޑަކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރި. އޭގެތެރެއިން އެއްކަމަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައިވާނޭފަދައިން، ސަރުކާރު ބައިވެރިވާ ކުންފުންޏެއްގެ މަތިންދާބޯޓެއް ހަމަޖެއްސޭތޯ އެންމެފުރަތަމަ ބެލީ. އޭރުންވެސް ލައްކަތަން އަގުހެޔޮވާނެކަމަށް ފެންނާތީ. އެމަސައްކަތް ވަރަށް އެކަށީގެންވާގޮތަކަށް ކުރިޔަށްގޮސްފައިވަނީ. އެހެންނަމަވެސް، އެންމެފަހުން އަޅުގަނޑުމެން ބޭނުންވާ ދުވަހަށް އެބޯޓަށް ރާއްޖެ އާދެވޭގޮތެއްނުވި. އެއީ އެބޯޓަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ރާވަންޖެހޭ އިންތިޒާމުތައް ރޭވުމުގައި އެރި ބައެއް ދަތިތަކުގެ ސަބަބުން މިމަހުގެ ކުރީކޮޅު މާލެ އަންނަންއޮތް ބޯޓެއް އަދިވެސް ނާދޭ.

އެހެންވީމާ، ޙައްޖު ދުވަސް ކައިރިވެފައިވުމާއެކު އަނެއްކާވެސް ސަރުކާރަށްޖެހުނީ، އެހެން ކުންފުންޏަކުން ބޯޓުތަކެއް ޗާޓަރކޮށްގެން ދަތުރު ހަމަޖައްސަން. އެހެންވީމާ، އެއީ މިފަހަރު ކުޑަތަންކޮޅެއްވެސް ލަސްވިކަމަކީ. އެހެންނަމަވެސް މާބޮޑަކަށް ލަހެއްނުވޭ. އަޅުގަނޑަށް ހަނދާންކުރެވޭގޮތުގައިވިއްޔާ، މިދިޔަ އަހަރު ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން ފުރައިވަޑައިގަތީ، ޛުލްޤައިދާމަހުގެ 17ވަނަ ދުވަހު. މިފަހަރު މިދިމާވަނީ 24 ވަނަ ދުވަހާ. އެންމެ ހަފްތާއެއް ލަސްވީ. ނަމަވެސް، ޙައްޖުގެ ކަންތައްތައް އަދާކުރެއްވުމަކަށް އެއްވެސްކަހަލަ ދައްޗެއްނާރާނެ. އެއީ މީގެކުރިން ރާއްޖެއިން ޙައްޖަށްދާ މީހުން ގިނައިން ގޮސްފައި ހުންނަނީ، ޛުލްޤަޢިދާ މަހުގެ ވަރަށްފަހުކޮޅު. އެހެންވީމާ، މިފަހަރު ކުޑަތަންކޮޅެއް ލަސްވިޔަސް، ޙައްޖުގެ އެއްވެސްކަމަކަށް ދަތިނާރައި ފުރިހަމަކޮށް ހުރިހާ ކަމެއްވެސް އަދާކުރެއްވޭނެ ކަމުގެ ޔަޤީންކަށް އެބައޮތް.

އާދެ، މިއީ އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވި ވާހަކަތަކަކީ. އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި އަދި އަމާން ދަތުރުފުޅެއް. މައްކާއަށް ވަޑައިގެން، ޙައްޖުގެ އަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ ހެޔޮތައުފީޤު، ތިޔަ ހުރިހާ ބޭފުޅުންނަށް ﷲ ދެއްވުން. ހަމައެއާއެކުގައި ޙައްޖުގެ ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރައްވައި ނިންމުމަށްފަހު ތިޔަބޭފުޅުންގެ ޢާއިލާތަކަށް، ތިޔަބޭފުޅުންގެ އެކުވެރިންގެގާތަށް، ދިވެހިރާއްޖެއަށް، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި އެނބުރިވަޑައިގަތުން.

والسّلام عليكم ورحمـة اللّـه وبركاته.