بســم اللّـه الرّحمـن الرّحيــم

އާދެ، 83 މެޗުގެ ދިގު ރާސްތާއަކަށްފަހު، ދިވެހިރާއްޖޭގެ 35 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ނިމިގެން އެދިޔައީ، ކުޅުންތެރިންނާއި އަދި ކުޅިބަލާ މީހުންގެ ހިތްތަކަށް ތަފާތު އަސަރުތަކެއް ކުރުވާފައި. މިއަދު ބައެއް މީހުންގެ ހިތްތަކަށް ލިބިފައިވަނީ އުފާވެރިކަމާއި އުންމީދުގެ ޝުޢޫރުތައް. އަނެއްބައި މީހުންގެ ހިތްތަކަށް ލިބިފައިވަނީ ހިތްދަތިކަމާއި ނާއުންމީދުގެ ޝުޢޫރުތައް.

އާދެ، މިއީ ފުޓްބޯޅައިގެ ޤާނޫނު. އަދި ކުޅިވަރުގެ ޤާނޫނު. ހަމައެއާއެކު، ދަންނަވަންޖެހެނީ މިއީ ޤުދްރަތުގެވެސް ޤާނޫނޭ. ކޮންމެ އިންސާނަކަށްވެސް، ކޮންމެ ޖަމާޢަތަކަށްވެސް ދުނިޔޭގައި ކާމިޔާބާއި ނާކާމިޔާބާ ދިމާވާނެ. ހިނިތުންވުމާއި ހިތްދަތިވުން ކުރިމަތިވާނެ. އިންސާނުންނަކީ މި ހުރިހާ ކަމަކުން ހިތްވަރު ލިބިގަނެ، މުސްތަޤްބަލުގައި އިތުރު ކާމިޔާބީތައް ކުރުމަށް ޢަޒުމް ކަނޑައަޅަންވީ ބައެއް.

އާދެ، އެހެންކަމާއެކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާ ވާދައިގެ ތަށި، ތިން އަހަރު ދުވަހު ވިދިވިދިގެން ވަރަށް ފަޚްރުވެރިގޮތެއްގައި މިއަދު ހޯދިކަމަށްޓަކައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އަޅުގަނޑުގެހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، މިއަދު އަދި މި މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް، އެ ސާބިތުކޮށްދިނީ ވިކްޓްރީއަކީ ހަމަ ވިކްޓްރީކަން. ޚާއްޞަކޮށް، ފުޓްބޯޅައިގެ މައިދާނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަކީ، މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް މަތިވެރި ކާމިޔާބީތަކެއް ހޯދާފައިވާ ފަޚްރުވެރި ކްލަބެއް. އާދެ، 10 އަހަރު ފައިނަލް މެޗުގައި ކުޅެފައި، 8 އަހަރު ތަށި ހޯދިކަން އެއީ ޝައްކެއްނެތްގޮތުގައި، އެ ކްލަބަށް ލިބުނު ވަރަށްވެސް މަތިވެރި ކާމިޔާބީއެއް.

އާދެ، ހަމައެއާއެކު، އަޅުގަނޑު މިއަދު ތަހުނިޔާ އަދާކުރަނީ، މިއަދާއި އިއްޔެގެ ދެ މެޗުގައި ވަރަށް ރީތި ކުޅުމެއް ކުޅުނު އަދި ވަރަށް ވަރުގަދަ ހިތްވަރެއް ސާބިތުކުރި ފުރަތަމަ ޑިވިޜަންގެ ދެވަނަ ކްލަބަކަށް މިފަހަރު އައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ، މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ވަރަށް ކުލަގަދަގޮތެއްގައި ވިދަމުން އައިސްފައިވާ ކްލަބެއް. ޝައްކެއްނެތްގޮތުގައި، މިއަދު އެ ކްލަބުގެ މަސްއޫލުވެރިންނާއި އަދި ކުޅުންތެރިންނަށް ހިތްދަތިކަމެއް އިޙްސާސް ކުރަން ޖެހިފައިވިޔަސް، އޭގެ ސަބަބުން އެމީހުންގެ ޢަޒުމް މިހާރަށްވުރެ އާވެގެންދާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. ކުޅިވަރުގެ މައިދާނުގައި އެއްފަހަރަކު ނާކާމިޔާބުވިޔަސް، ހިތްވަރުކޮށްގެން މުސްތަޤްބަލުގައި ކާމިޔާބު ކުރެވުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. ހަމައެފަދައިން، މިފަހަރުގެ ފުޓްބޯޅަ މުބާރާތުގައި ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ އެކުވެރި ޒުވާނުންގެ ޖަމުޢިއްޔާއަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. ހިތުގެ އެންމެ އަޑިން މަރުޙަބާ ކިޔަން. ޚާއްޞަ ގޮތެއްގައި، ރާއްޖެތެރޭގެ ކްލަބެއް މިފަދަ ފަޚްރުވެރި މަޤާމެއް ހޯދިކަން އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް އުފާކުރަންޖެހޭނެ ކަމެއް. ހަމައެފަދައިން، ތިންވަނަ ޑިވިޜަންގެ ޗެމްޕިއަން ކްލަބަކަށް އައި ކްލަބް ލޭޒަރަށްވެސް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން. އެ ކްލަބަކީ ވަރަށް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ކްލަބެއް. މުސްތަޤްބަލުގައި އަދި އެއަށްވުރެވެސް ފުރިހަމަ ކާމިޔާބީތަކެއް ކުރުމުގެ އުންމީދު، އޭދަފުށީ ޒުވާނުންގެ ޖަމުޢިއްޔާއާއި، ކްލަބް ލޭޒަރގެ ފަރާތުން ކުރާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، މިއަދު އަޅުގަނޑަށް ވާހަކަ ދައްކާލަން ލިބިފައި އޮތް ވަގުތުކޮޅުގެ ކުޑަކަމާއެކު، އަދި އެކައްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ ރާއްޖޭގެ ފުޓްބޯޅަ މިހާރަށްވުރެ ތަރައްޤީ ކުރުމުގެ ބޭނުމުގައި، ފުޓްބޯޅަ ކުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި، މި އަންނަ އަހަރު އާ މުބާރާތެއް ކުޅެން ހަމަޖެހިފައިވާ ވާހަކަ. އާދެ، އެ މުބާރާތަކީ "ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތް". މި އަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް މި މުބާރާތުގެ ބުރެއް ހިނގާނެ. އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅެވޭ ބުރެއް. އޭގެ ފަހުގައި މުޅި ރާއްޖެ، ފަސް ސަރަޙައްދަކަށް ބައިކޮށްލައިގެން، އެއިން ކޮންމެ ސަރަޙައްދެއްގައި ހިމެނޭ އަތޮޅުތަކުގެ އެއްވަނައަށް އަންނަ ޓީމާއި، ދެވަނައަށް އަންނަ ޓީމު ކުޅޭ ބުރެއް އޮންނާނެ. މި ބުރުތަކުން އެއްވަނައަށާއި ދެވަނައަށް އަންނަ ޓީމުތައް މާލެއަށް އައިސް، މާލޭގައި އެމީހުންގެ ބުރެއް ކުޅޭނެ. އޭގެފަހުގައި އޭގެތެރެއިން ކާމިޔާބުކުރާ ޓީމުތައް، ދެވަނަ ޑިވިޜަންގައި ވާދަކުރުމުގެ ޙައްޤު އެމީހުންނަށް ލިބޭނެ.

އާދެ، ކޮންމެއަކަސް މި އާ ފުޓްބޯޅަ މުބާރާތުގެ ގަވާއިދު، ސަރުކާރުގެ ކަމާބެހޭ ފަރާތުން ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ. އަޅުގަނޑު ޔަޤީންކުރަނީ މި އަންނަ އަހަރު ފެށޭ، ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުގެ ސަބަބުން ދިވެހިރާއްޖޭގައިވެސް ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލެވެން އަންނަނީ އަދިވެސް އެކައްޗެއް ދަންނަވާލާފައި. އެއީ ފުޓްބޯޅައަކީ އަދި އެހެން ކުޅިވަރުތަކަކީވެސް އަދި ދުނިޔޭގެ ކޮންމެ ކަމަކީވެސް ކާމިޔާބު ކުރުމަށް ވަރަށް ޚާއްޞަ މަސައްކަތެއް ބޭނުންވާ ކަމެކޭ ދަންނަވާލުން. ޝައްކެއްނެތްގޮތުގައި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ބުރަ މަސައްކަތް ކޮށްގެން. ފުޓްބޯޅަ ކާމިޔާބު ކުރެވޭނީވެސް ބުރަ މަސައްކަތްކޮށްގެން. އޭގެ ހެތްކެއް، އަޅުގަނޑުމެންނަށް މިއަދު މި ފެނުނީ. ދިހަ އަހަރު ވަންދެން ވަރަށް ވަރުގަދަ ޢަޒުމަކާއި ހިތްވަރަކާއެކު ބުރަ މަސައްކަތް ކުރި ކްލަބަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ތަށި އެ މިލްކުވީ. އެއިން އަޅުގަނޑުމެންނަށް ފެންނަ އެއްޗަކީ ބުރަ މަސައްކަތާއި، އިޚްލާޞްތެރި މަސައްކަތުންކަން ފުޓްބޯޅައިގެ މައިދާނުގައިވެސް ކާމިޔާބު ކުރެވޭނީ.

އެހެންވީމާ، އަޅުގަނޑުމެން އެންމެން އެ ޙަޤީޤަތް ގަބޫލުކޮށްގެން، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ފުޓްބޯޅަ ކުރިއަށް ގެންދަން ބޭނުންވަންޏާ އޮތީ ހުރިހާ އެންމެންވެސް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން.

އާދެ، މިއަދުގެ ވާހަކަކޮޅު އަޅުގަނޑަށް ނިންމައިލެވެން އަންނަނީ މި މުބާރާތް އިންތިޒާމު ކުރެއްވި ފަރާތަށް އާދެ، އެންމެ ފުރަތަމަ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އަލްފާޟިލް ޢުމަރު ޒާހިރަށް، ހަމައެއާއެކު، ސްޕޯޓްސް ޑިވިޜަން ހިންގަވަން ތިބި ވެރިންނަށް އަދި ދިވެހިރާއްޖޭގެ ފުޓްބޯޅަ ޖަމުޢިއްޔާގެ ވެރިންނަށް އަދި ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސަށާއި ހިންގުންތެރިންނަށް. ހަމައެފަދައިން، މި މުބާރާތުގައި ބައިވެރިވި ހުރިހާ ކްލަބްތަކެއްގެ މަސްއޫލުވެރިންނަށާއި، ހިންގުންތެރިންނަށާއި ކުޅުންތެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އޭގެއިތުރުން، ފުޓްބޯޅައިގެ ލޭނާރު ކަމުގައިވާ އަޅުގަނޑުމެން އާދެ، ފުޓްބޯޅައަށް ލޯބިކުރާ ކުޅިބަލާ މީހުން. އެ ހުރިހާ ފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ޝައްކެއްނެތްގޮތުގައި، ފުޓްބޯޅައަކީ ކުޅިބަލާ މީހުންގެ ހިތްވަރާއި، އެމީހުންގެ ފޯރި ދިނުމާއެކުގައި ނޫނީ ކުރިއަށްނުދާނެ ކުޅިވަރެއް. އާދެ، އަދިވެސް އެއްފަހަރު މިއަދު ތަށިތައް ހޯދި ކްލަބްތަކަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމުން، އަދި ދެން މިއަދު މާ ކާމިޔާބު ނުކުރެވުނު ނަމަވެސް، މުސްތަޤްބަލުގައި ކާމިޔާބު ކުރަން އެދޭ ހުރިހާ ކްލަބްތަކަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފާޅުކުރަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލަނީ.

والسّــلام عليكم ورحمـة اللّـه وبركاته.