بســم اللّـه الرّحمـن الرّحيــم

اللّــه ســبحانه وتــعالى އަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މި ބައްދަލުވުމަކީ، މީގެ ކުރީ އަހަރުތަކުގައިވެސް ބޭއްވުނު ކަހަލަ ބައްދަލުކުރުމެއް. އެއީ ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާއި، ދައުލަތުގެ ޢިއްޒަތްތެރި މިނިސްޓަރުންނާ އަޅުގަނޑު ބައްދަލުކޮށްލަން ބޭނުންވާތީ ބޭއްވޭ ބައްދަލުކޮށްލުމެއް.

ޝައްކެއްނެތް. ޙައްޖަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ އަޅުކަމެއް. އަދި ޙައްޖުގައި، އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ އެހެނިހެން އަޅުކަންތަކުގައި ނުހިމެނޭ ކަންތައްތަކެއް، ވަރަށް ޚާއްޞަ ކަންތައްތަކެއް ހިމެނިފައިވުމާއި، ޙައްޖުގެ ފަރުޟު އަދާކުރުމަށްޓަކައި މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުކޮށް، މާތްވެގެންވާ އިސްލާމްދީން ފާޅުކުރެއްވި ބިމަށް، އާދެ، ޙިޖާޒުކަރަޔަށް ދިޔުން އެކުލެވިގެންވުމާއި، ކަޢުބާގެ އަރިހަށް ދިޔުމާއި އަދި ކީރިތި ރަސޫލާ އުޅުއްވި ތަންތަނަށް ޒިޔާރަތް ކުރުމާ، މިކަހަލަ ކަންތައްތައް، މި އަޅުކަމުގެ ތެރޭގައި ނުވަތަ މި އަޅުކަމުގެ ދަތުރުގައި ހިމެނިފައިވާތީ، ޙައްޖަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމުންގެވެސް އެންމެ ޢަޒީޒު، އެންމެ ލޮބުވެތި އުންމީދު. އެހެންކަމާއެކު، ރާއްޖެއިން ޙައްޖަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އެ މަތިވެރި ނިޢުމަތް ލިބިވަޑައިގަތް ކަމަށްޓަކައި اللّــه ســبحانه وتــعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އަދި އެ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަން.

އާދެ، ރާއްޖެއިންވެސް ޙައްޖަށްދާ މީހުންގެ ޢަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުން. މިއަހަރު 500 އަށްވުރެ ގިނަ މީހުން އެބަދޭ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ވަރަށްގިނަ ޢަދަދަކަށް މީހުން، ކޮންމެ އަހަރަކުވެސް ޙައްޖަށްދޭ. އެހެންވުމާއެކު، އަދި އަޅުގަނޑުމެންނަށް މިކަމުގައި މާބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ނުވިކަމުގައިވިޔަސް، ސުޢޫދީ ޢަރަބިޔާގެ ސަރުކާރަށް ހިސާބަކަށް މިކަމުގެ ބުރަ އުފުއްލަވަން މިހާރު އެބަ ޖެހިވަޑައިގަންނަވާ.

އާދެ، ދުނިޔޭގެ ކަންކޮޅުތަކުން އެތަކެއް ލައްކަ ނުވަތަ އެތަކެއް މިލިޔަން މީހުން އެއްފަހަރާ އެއްދުވަސްކޮޅެއްގައި ސަޢޫދީ ޢަރަބިޔާއަށް ގޮސް، އެތާނގައި ޙައްޖާއި ޢުމްރާގެ ކަންތައްތައް އަދާކުރުމުގައި އެންމެން އެއްފަހަރާ އުޅެންޖެހޭތީ، ޝައްކެއްނެތްގޮތުގައި، އެ ހުރިހާ ކަމެއް އިންތިޒާމު ކުރައްވައި، ހުރިހާ ކަމެއް ބަލަހައްޓަވާ ފަރާތަށް އެކަމުގެ ބުރަ ވަރަށް ބޮޑަށް އިޙްސާސް ކުރައްވަން ޖެހިވަޑައިގަންނަވާނެ. ތިޔަބޭފުޅުން ޚިޔާލުކޮށްލައްވާ! އެތައް މިލިޔަން ބަޔަކު އެއްތަނަކަށް އެއްވެ، އެއް ވަގުތެއްގައި ކަންތައްތައް ކުރަންޖެހުމުން ދިމާވާނެ ގޮތްތައް. މީހުންގެ ޢަދަދު ގިނަކަމާއި އަދި އެހެނިހެން ގޮތްގޮތުންވެސް އެކަމަށް ތައްޔާރުވުމުގެ ކަންތަކާ، ސަޢޫދީ ޢަރަބިޔާގެ ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ. އެ ހުރިހާ އެންމެންނަށް ފުދޭވަރަކަށް ކާބޯތަކެތި އަދި ފެން، ހުރިހާ ތަނެއްގައި ލިބެން ހުރުމާއި، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމާއި، ސަލާމަތީ ގޮތުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެއް ތަނަކުން އަނެއް ތަނަކަށް ދަތުރުކޮށްފައި ދިޔުމުގެ އިންތިޒާމުތައްވެސް ފަސޭހަގޮތެއްގައި ހަމަޖެހިފައި ހުރުމާއި، މި ހުރިހާ ކަންތައްތައް ކުރެއްވުމަކީ، އެ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި ވަނީ ހަމަޖެހިފައި.

އެހެންވީމާ، ސުޢޫދީ ޢަރަބިޔާގެ ސަރުކާރުން މިކަންކަން ޙައްޖުވެރިންނަށް ފަސޭހަކުރެއްވުމަށްޓަކައި ވަރަށްމަތީ ޢަދަދަކަށް ފައިސާ ޚަރަދު ކުރައްވައިގެން ވަރަށްގިނަ މަޝްރޫޢުތައް ރާއްވަވައި، އެ މަޝްރޫޢުތަކުގެ ސަބަބުން ޙައްޖުވެރިންގެ ކަންތައްތައް، އެއް އަހަރުން އަނެއް އަހަރަށް ފަސޭހަކޮށްދެއްވަމުން ގެންދަވާ. އެހެންނަމަވެސް، މިކަހަލަ ދަތުރެއްގައި މިހާ ގިނަ ޢަދަދެއްގެ މީހުން ދުނިޔޭގެ އެކިދިމަދިމާއިން އެތަނަށް އެއްވެ، އެއް ވަގުތެއްގައި ޙައްޖުގެ ކަންތައްތައް އަދި ޢުމްރާގެ ކަންތައްތައް ކުރަމުން ގެންދާއިރު، ކިތަންމެވަރަކަށް އެތާނގެ ކަމާބެހޭ ފަރާތްތަކުން އެކަމުގެ އިންތިޒާމުތައް ފުރިހަމަކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމުގައިވިޔަސް، ހިސާބަކަށް ދަތި ހުންނާނެކަން އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، އެބާވަތުގެ ދަތިތައް ތަޙައްމުލް ކުރެއްވުމުގައި، ކެތްތެރިކަންމަތީގައި ދެމިތިއްބެވުން. އާދެ، ހުރިހާ އެންމެން އެއްވަގުތަކު ފުރައިގެން އެއްތަނަކަށް ދާންޖެހުމުން، އަދި ޙައްޖުގެ ނުވަތަ ޢުމްރާގެ އެކިއެކި ކަންތައް ކުރުމުގައި، އެއް ވަގުތެއްގައި އެތައް ލައްކަ ބަޔަކު، އެތައް މިލިޔަން ބަޔަކު އެއްތަނަކަށް އެއްވެ، އެކަންތައްތައް އެއްފަހަރާ ކުރަމުން ގެންދިޔުމުގައި، ވަރަށްގިނަ އުނދަގޫތައް ދިމާވާނެ. އެކަންކަމަކީ އަޅުގަނޑުހިތުން ޙައްޖަށްދާ ހުރިހާ އެންމެން ހިތުންރުހުމުން ޤަބޫލުކުރަންޖެހޭނެ ދަތިތަކެއް. އެކަމާ ދޭތެރޭގައި އެއްވެސްކަހަލަ ނުރުހުންވުމެއް ނުވަތަ ޝަކުވާއެއް، އެއްވެސް މީހެއްގެ ހިތުގައި ނޯންނާނެކަން ކަށަވަރު.

އާދެ، ހަމައެއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިސްލާމީ އުޚުއްވަތްތެރިކަން ޤާއިމުކުރުމާއި، އެއް މުސްލިމަކު އެހެން މުސްލިމުންނާ ދޭތެރޭގައި އޭނާގެ ހިތުގައި އޮންނަންޖެހޭ ގާތްކަމާއި، އޯގާވެރިކަމާއި، ކަމޭހިތުމާ، މިކަންކަން ޙައްޖުގެ ދުވަސްވަރަށްވުރެ ވަކިން ބޮޑަށް ފާޅުކުރަންޖެހޭ ނުވަތަ އެ ޝުޢޫރުތައް އެމީހާގެ ހިތުގައި ވަރުގަދަކުރަންޖެހޭ އެހެން އެއްވެސް މުނާސަބަތެއް ނާންނާނެއޭ. އާދެ، އެހެން އަޅުގަނޑު ދަންނަވަންޖެހޭ ސަބަބަކީ، އެއް ޖަމާޢަތެއްގެ މެދުގައިވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ސަބަބުތަކަށްޓަކައި ހިސާބަކަށް ބައެއްކަހަލަ ކަންތައްތައް ހުރެދާނެ، އެކަންކަމުގެ ސަބަބުން ބައެއް މީހުންނަށް އުނދަގޫވާ، ތިމާގެ އަޚެއްގެ ފަރާތުން ތިމާއަށް ދަތިވާ ނުވަތަ އުނދަގޫވާ ކަމެއް ދިމާވެދާނެ. އެކަން އެހެން ދިމާވިކަމުގައިވިޔަސް، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން އަދި ތިމާގެ ހިތުގައި ތިމާގެ މުސްލިމް އެހެން އަޚުންނާއި އުޚުތުންނާ ދޭތެރޭގައި އޮންނަންޖެހޭ އޯގާވެރިކަމާއި ޢަފޫކުރުމުގެ ރޫޙު ނިޔާކުރާގޮތުގެ މަތިން އެކަންކަމަށްވެސް ކެތްކޮށް އަދި އެހެން މީހުންނަށް ޢަފޫކުރުމަކީ، މިބާވަތުގެ އަޅުކަމެއްގައި ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް.

އާދެ، ޙައްޖާއި ޢުމްރާގައި ހިމެނޭ މަތިވެރި ދީނީ ޝަޢާއިރުތަކުގެ އިތުރަށް އެ ދެ އަޅުކަމުގައި ނުވަތަ ޚާއްޞަކޮށް، ޙައްޖުގައި ވަރަށް މަތިވެރި އިޖުތިމާޢީ މަޤްޞަދުތަކެއް އެކުލެވިގެންވާ ކަމަށް ޢިލްމުވެރިން ވިދާޅުވޭ. ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޙައްޖަކީ ވަރަށްބޮޑު، ވަރަށް މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމެއް. ދުނިޔޭގެ ކަންކޮޅުތަކުގައިވާ ހުރިހާ އިސްލާމީ ޤައުމުތަކުން އެދުވަސްވަރު މީހުން ޙައްޖަށްދާނެ. އެހެންވީމާ، އެ ލިބޭ ފުރުޞަތަކީ ކޮންމެ ޤައުމެއްގެވެސް މީހުން، އެހެން ޤައުމުތަކުގެ މީހުންނާ ބައްދަލުކޮށް ތަޢާރުފްވެ، ހުރިހާ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް.

އާދެ، އެކިއެކި ޤައުމުތަކަށް އަޅުގަނޑުމެން ބެހިފައިވާ ސަބަބު އަދި އެކިއެކި ޖަމާޢަތްތަކަށް، އެކިއެކި ޤަބީލާތަކަށް ބެހެވިފައިވާ ސަބަބު، ކީރިތި ޤުރްއާނުގައި ﷲ ބަޔާންކޮށްދެއްވާފައިވޭ. يَأَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُواْ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ. އާދެ، "އޭ މީސްތަކުންނޭވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއް ފިރިހެނެއްގެ ކިބައިންނާއި، އެއް އަންހެނެއްގެ ކިބައިން އުފެއްދެވީމޭ. އަދި ތިޔަބައިމީހުންނަކީ އެކިއެކި ޖަމާޢަތް ޖަމާޢަތް ކަމުގައި، އެކިއެކި ޤައުމުތައް ކަމުގައި ނުވަތަ އެކިއެކި ޤަބީލާތައް ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމޭ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރުފްވެ، އެއްބަޔަކު އަނެއް ބައެއް ދެނެގަނެ، ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަން އުފެއްދުމަށްޓަކައޭ. ހަމަކަށަވަރުން ﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހުންނެވެ."

އެހެންވީމާ، އެކިއެކި ޤައުމުތަކުން މުސްލިމުން އެއްތަނަކަށް އެއްވާ ވަގުތަކީ، ޝައްކެއްނެތްގޮތުގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި، ގާތްކަމާއި، އެއްބަނޑުއެއްބަފާކަން ފެތުރުމަށް ލިބޭ ވަރަށް ތަނަވަސް، ވަރަށް މުހިންމު ފުރުޞަތެއް. އެހެންވުމާއެކު، އަޅުގަނޑު އެދެނީ ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން، އެބޭފުޅުން ޙައްޖުގެ ކަންތައްތައް އަދާކުރެއްވުމުގެ އިތުރަށް، މި ދެންނެވި މަތިވެރި އިޖުތިމާޢީ އަދި އެއްގޮތަކުން ބަލަންޏާ ސިޔާސީ، އެއީ މުސްލިމުންގެ އެއްބައިވަންތަކަން ވަރުގަދަކުރުން ހިމެނޭތީ، މި މަޤްޞަދުތައް ހާސިލު ކުރެއްވުމަށްވެސް ސަމާލުކަން ދެއްވުން.

އާދެ، މިރޭގެ މި ބައްދަލުވުމަކީ، ކުރިންވެސް ދެންނެވި ފަދައިން، މި އަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމަށްޓަކައި ބޭއްވޭ ބައްދަލުވުމެއް. އެހެންވީމާ، މި ފުރުޞަތުގައި މާގިނަ ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللّــه ســبحانه وتــعالى ތިޔަ ހުރިހާ ބޭފުޅުންނަށް ނިޔާމަ އަދި އުފާވެރި ދަތުރެއް މިންވަރު ކުރައްވައި، ދީނުގައި އެކަށައަޅުއްވާފައިވާ އެންމެ ހެޔޮގޮތުގައި ޙައްޖާއި ޢުމްރާގެ ހުރިހާ ކަމެއް އަދާކުރެއްވުމުގެ މަތިވެރި ތައުފީޤު، އެކަލާނގެ ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވައި އަދި ޙައްޖާއި ޢުމްރާގެ ހުރިހާ ކަމެއް އެންމެފުރިހަމަ ގޮތުގައި އަދާކުރެއްވުމަށްފަހު، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި، އަމާން އަދި ނިޔާމަ ދަތުރަކަށްފަހު އެނބުރި ތިޔަބޭފުޅުންގެ ވަޠަނަށް، އާދެ، ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތުން.

والسّــلام عليكم ورحمـة اللّـه وبركاته.