بســم اللّـه الرّحمـن الرّحيــم

الحمـدللّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު އަޅުގަނޑު ފޯއްމުލަކަށް މިއައީ، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރާ ޒިޔާރަތެއްގައި. މިހާރު އަޅުގަނޑު ފަށައިގެން މިއުޅޭ ޒިޔާރަތަކީ، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކާއި ޕްރޮޖެކްޓްތައް ބަލައިލުމަށް ކުރާ ޒިޔާރަތެއް.

އާދެ، މީގެކުރިންވެސް އަޅުގަނޑު ފޯއްމުލަކަށް ދެތިންފަހަރަކު މިހާރު އަތުވެއްޖައިން. އައިސް މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. މިއަދުވެސް މި ރަށަށް އާދެވުމާ ގުޅިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްނުލައި ފުރުމަކީ އަޅުގަނޑަށް މާފަސޭހަ ކަމަކަށްނުވި. އެހެންވީމާ، ވަރަށް ކުއްލިގޮތެއްގައި އަތޮޅުވެރިންނަށް ދަންނަވާލައިގެން، ރަށުގެ ރައްޔިތުންނަށް ދަންނަވައިލެވުނީ. ކުރިން އައި ފަހަރުފަހަރުހެން ރަސްމީގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް އިންތިޒާމެއް ހަމަނުޖެހި ކުއްލިއަކަށް މިކަން މިކުރެވުނީ. އެހެންނަމަވެސް، މިގޮތުންވެސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން ބޭނުންވީ، އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޝުކުރު ދެންނެވުމަށްޓަކައި.

އާދެ، މިއަދު އަޅުގަނޑު މި ރަށަށް އައި އައުން ފާހަގަކުރެއްވުމަށްޓަކައި މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެވަޑައިގެން ތިއްބެވިކަން އަޅުގަނޑަށް އެނގޭ. ހަމައެފަދައިން، އަޅުގަނޑަށް މި ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށްވެސް ހޫނު މަރްޙަބާއަކަށްވާތީ، އެކަމަށްވެސް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް އަޅުގަނޑު ދެކެން.

އާދެ، ފޯއްމުލަކަކީ ރާއްޖޭގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ރަށެއް. ނުވަތަ އަތޮޅެއް. އާދެ، އެއީ ރާއްޖޭގައި އޮތް އަތޮޅުތަކުގެ ތެރެއިން ހަމައެކަނި އެންމެ ރަށެއްގެ މައްޗަށް އެކުލެވިގެންވާ އަތޮޅު. ހަމައެފަދައިން، ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިރަށަކީ އަތޮޅެއް ކަމުގައި ހިމެނިފައިވާ ހަމައެކަނި ރަށް. އަދި ފަސްގަނޑުގެ ގޮތުން ބަލާއިރު، ރާއްޖޭގައި އޮތް އެންމެބޮޑު އެއް ރަށް. ނުވަތަ އެންމެބޮޑު ރަށް. މީހުންގެ އަދަދަށް ބަލާއިރުވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަށެއް. ޢުމްރާނީ ގޮތުންނާއި، ތިމާވެށީގެ ގޮތުން މި އަތޮޅަކީ ނުވަތަ މި ރަށަކީ ވަރަށް ޚާއްޞަ ރަށެއް ނުވަތަ އަތޮޅެއް. އެހެންވުމާއެކު، ސަރުކާރުގެ ފަރާތުން މި ރަށަށް އަދި މި އަތޮޅަށް ދޭ އަހަންމިއްޔަތު، ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. ސަރުކާރުން ވަރަށް ގިނަ ޢިނާޔަތްތައް މިހާރުވެސް މި ރަށަށް ނުވަތަ މި އަތޮޅަށް ވަނީ ދެވިފައި. އޭގެތެރޭގައި، އަތޮޅުގެ ޢިމާރާތް ކުރުން ހިމެނޭ. މި ރަށުގައި އަތޮޅު ތަޢުލީމީ މަރުކަޒެއް ޢިމާރާތް ކުރުން ހިމެނޭ.

ހަމައެފަދައިން، މި ރަށަށް ވަރަށް ދަތިވެފައި އޮންނަ ވަރަށްބޮޑު ދެކަމެއް މިހާރު ވަނީ އިރާދަކުރެއްވިއްޔާ ކޮށްދެވިފައި. އޭގެތެރެއިން އެއްކަމަކީ ނެރު ގޮއްވުން. މިރަށުގެ ނެރުތައް މިހާރުވަނީ ގޮއްވައި ނިމިފައި. ހަމައެފަދައިން، މި ރަށުގައި ކާނުވެސް މިހާރުވަނީ ހަދައިދެވިފައި. މީގެއިތުރަށްވެސް މި ރަށަށް ސަރުކާރުން ދޭ އަހަންމިއްޔަތާއި، ސަރުކާރުގެ ފަރާތުންދޭ ޢިނާޔަތްތައް، އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އާދެ، ބޭނުމަކީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ކުރެވެން އޮތް ކަންތައްތަކެއް ސަރުކާރުން ކޮށްދިނުން. މިއީ ހަމައެކަނި ފޯއްމުލަކަށް، ނޫނީ ފޯއްމުލަކުގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭ ކަންތައްތަކެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ދަނީ ސަރުކާރުން ކޮށްދެމުން.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ ރައްޔިތުން، އެމީހުންގެ ދިރިއުޅުން ތަރައްޤީ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް އަބަދުވެސް ވަރަށް ހިތްވަރާއެކު، ފޫހިކަމެއްނެތި ކުރަމުން ގެންދިޔުން. އެއީ ރައްޔިތުން އެދޭ ކަންތައްތައް، ސަރުކާރުން ކޮށްދިން ކަމުގައިވިޔަސް، ރައްޔިތުންގެ އަމިއްލަ މަޢީޝަތު ތަނަވަސްވާނީ، ރައްޔިތުންނަށް އާމްދަނީ އިތުރުކުރުމުގެ އިތުރު މަގުތައް ފެނިގެންދާނީ، އެމީހުން ކުރާ މަސައްކަތަކުން ކަމަށްވާތީ.

އާދެ، މިއީ އަޅުގަނޑުގެ ދަތުރުތަކުގައި، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރާ ނުކުތާއެއް. މީގެކުރިން މި ރަށަށް އައިސް ދެއްކި ވާހަކަތަކުގައިވެސް ރައްޔިތުން، އެމީހުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކޮށް، މަޢީޝަތު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިންމަތާއެކު ކުރަމުން ގެންދިޔުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. ހަމަ މިއަދުވެސް އަޅުގަނޑު ދަންނަވަން އޮތީ އެ ވާހަކަ. އެއީ ކޮންމެ މީހެއްގެވެސް ދިރިއުޅުން ތަނަވަސްވާނީ އެމީހަކު، އެމީހެއްގެ ދިރިއުޅުން ތަނަވަސް ކުރުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ކަމަށްވާތީ. އެހެންވީމާ، އެ ނުކުތާ އެއީ އަޅުގަނޑުހިތުން ރަށުގެ ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް އަބަދުވެސް ސަމާލުކަން ދެއްވަންޖެހޭ ނުކުތާއެއް.

ހަމަ އެއާއެކުގައި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ މައްޗަށްވެސް އަޅުގަނޑު މީގެކުރިންވެސް ވަރަށްގިނަފަހަރުމަތިން ނަޞޭޙަތްތެރިވަމުން ގެންދަން. އެއީ ހަމަ އެހާމެ މުހިންމު އަނެއް ކަންތައް. އަޅުގަނޑުމެންނަކީ އެއް މުޖުތަމަޢެއްގައި ދިރިއުޅޭ ބަޔަކަށްވާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އަބަދުވެސް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. އެހެންވީމާ، އެކަންތައްތައްވެސް ތިޔަބޭފުޅުން ވިސްނާވަޑައިގެން، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް، ދިރިއުޅުމުގެ ކަންތައްތަކާއި އަދި އެނޫންވެސް ހުރިހާ ކަމެއް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުޚުއްވަތްތެރި ކަމުގެ އުސޫލުން ގެންދެވޭތޯ ބެއްލެވުމަކީ، އަޅުގަނޑުހިތުން ހަމަ ކޮންމެހެން ބޭނުންތެރި ކަމެއް.

އާދެ، މިއަދުގެ މިވަގުތަކީ ތިޔަބޭފުޅުންނަށްވެސް މާފަސޭހަފުޅުން ވަގުތަކަށްނުވާނެ. މިތާނގައި ގިނައިރު ތިއްބެވުމަކީ، އެއީ އެއްވެސް ހާލެއްގައި މާފަސޭހަކަމަކަށް ނުވާނެ. ހަމައެފަދައިން، އަޅުގަނޑުގެ ދަތުރުވެސް ހަމަޖެހިފައިވާ ގޮތުން، މާލަހެއްނުވެ އަޅުގަނޑުމެން ފުރަންޖެހޭ.

އެހެންވީމާ، މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު މިރަށުގެ ވެރިންނާއި އަދި އަތޮޅުވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މިއަދު ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ރާއްޖެ ތަރައްޤީ ކުރުމުގެ މަގުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވާށި!

والسّــلام عليكم ورحمـة اللّـه وبركاته.